Saturday, July 11, 2026

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން (respiratory syncytial virus infection) އަކީ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް(respiratory syncytial virus/RSV)  ގެ ސަބަބުން ފުއްޕާމޭ އަދި ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަން އެކެވެ. މިއީ ކުޑަކުދިންނާޢި ބޮޑެތި މީހުންނަށް ޖެހޭ އިންފެކްޝަން އެކެވެ. މިވައިރަސް އާންމުކަމުން ބައެއް ކުދިންނަށް އުމުރުން 2 އަހަރު ނުވަނީސް ވެސް މިވައިރަސްގެ ސަބަބުން އިންފެކްޝަން ޖެހެއެވެ.

ބޮޑެތި މީހުންނާއި، ދުޅަހެޔޮކޮށް ތިބޭ ބޮޑެތި ކުދިންނަށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން  ކުރިމަތިވަނީ އާދައިގެ މިންވަރަކަށެވެ. އަދި ބަލީގެ އަލާމާތްތަކާއި، އާންމުކޮށް ޖެހޭ އަރިދަފުސް ރޯގާގެ އަލާމާތްތަކާ ދާދި އެއްގޮތެވެ.

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ގެ ސަބަބުން ބައެއް މީހުންނަށް ޚާއްޞަކޮށް އުމުރުން 12 މަހުން ދަށުގެ ތުއްތު ކުދިންނާއި، ދުވަސްނުފުރާ އުފަންވެފައިވާ ތުއްތު ކުދިން، އުމުރުން ދުވަސްވީ މީހުން، އަދި ހިތުގެ ބައްޔާއި، ފުއްޕާމޭގެ ބަލިތައް އަދި ދިފާޢީ ނިޒާމު ދަށްވެފައިވާ މީހުންނަށް ނުރައްކާތެރި މިންވަރަކަށް މިވައިރަސް ގެ ސަބަބުން އިންފެކްޝަން ކުރިމަތި ކުރުވައެވެ.


ސަބަބު

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ހަށިގަނޑަށް ވަންނަނީ ނޭފަތް، ލޯ، އަދި އަނގައިގެ ތެރެއިންނެވެ. މިވައިރަސް ފެތުރެނީ ކެއްސުމާއި ކިނބިހިއެޅުމުގެ ތެރޭގައި ބަލި ޖައްސާ މީހާގެ ނޭވާލާ ނިޒާމުން ބޭރުވާ އަރިދަފުސް، ރޯގާ، ކުޅު ފަދަ ތަކެތީގެ ސަބަބުންނެވެ. ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހިފައިވާ މީހަކު ގާތުގައި ހުރެ. ކެއްސާ، ކިނބިހިއަޅާ ހަދައިފިނަމަ، އެފަދަ މީހެއްގެ ގާތުގައި ނޫނީ ކައިރީގައި ހުންނަ މީހަކަށް ބަލިޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ވައިރަސް އާއި ތަޣައްޔަރުވެފައިވާ އަތުގެ ޒަރީޢާއިން ވެސް ސަލާމަތުން ތިބޭ މީހުންނަށް ބަލިޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ތަފާތު ސަތަހަ ތަކާއި (މޭޒު، ގޮޑި، ސޯފާ ފަދަ ތަކެތި)، އެނދުގެ ފަޑި، ތޭރިތައް، އަދި ކުޅޭ އެއްޗެހީގެ މަތީގައި ގަޑިއިރުތަކެއް ވަންދެން ދިރިހުރެއެވެ. ވައިރަސް އާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އެއަތްނުދޮވެ، އަނގަ، ނޭފަތް، އަދި ލޮލަށް އަތްލައިފިނަމަ ބަލިޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލިޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންނަށް އެންމެ ބޮޑަށް ބަލި ފަތުރަނީ ބަލިޖެހުމަށްފަހު އަންނަ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް ތުއްތު ކުދިންނާއި، ދިފާޢީ ބާރު ދަށްމީހުންގެ ފުށުން ބަލީގެ އަލާމާތްތައް ފިލައިދިއުމަށް ފަހު ވެސް 4 ހަފްތާގެ މުއްދަތަށް އެމީހުންގެ ފުށުން ސަލާމާތުން ތިބި މީހުންނަށް ބަލި ފަތުރަމުން ގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މަގުފަހިކުރާ ހިރާސްތައް

އުމުރުން 2 އަހަރުވާ އިރު ގިނަ ކުދިންނަށް ހުންނާނީ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހިފައެވެ. ނަމަވެސް 1 ފަހަރަށްވުރެ ގިނަ ފަހަރު ވެސް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ގެ ސަބަބުން އިންފެކްޝަން ޖެހިދާނެއެވެ. ސުކޫލް މަދަރުސާ ތަކާއި، ކުޑަކުދިން ބަލަހައްޓާ ޑޭކެއަރ ސެންޓަރު ފަދަ ތަންތަނުގައި ވަރަށް ފަސޭހަ ކަމާއެކު މިވައިރަސްގެ ސަބަބުން އިންފެކްޝަން ފެތުރޭކަން ފާހަގަކުރެވެއެވެ. އަހަރުގެ ވަކި ދުވަސްވަރެއްގައި އާންމުކޮށް މިއިންފެކްޝަން އިތުރުވާކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް ދެމޫސުން ބެދޭ ދުވަސްވަރު މި ރޯގާގެ އަސަރު ބޮޑަށް ފާހަގަ ކުރެވެއެވެ.

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ނުރައްކާތެރި ނޫނީ ފުރާނައަށް ނުރައްކާވާ މިންވަރަށް ކުރިމަތިވުމުގެ ހިރާސް އޮންނަ ފަރާތްތަކުގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.

·         ތުއްތު ކުދިން – ޚާއްޞަކޮށް ދުވަސްނުފުރާ އުފަންވެފައިވާ ކުދިންނާއި އުމުރުން 6 މަހުން ދަށުގެ ތުއްތު ކުދިން

·         އުފެދުމުގައި ހިތުގެ މައްސަލަތައް އަދި ފުއްޕާމޭގެ ދާއިމީ ބަލި ހުންނަ ކުޑަކުދިން

·         ކެންސަރު ޖެހިފައިވާ ނޫނީ ކެންސަރަށް ކީމޯތެރަޕީ ފަރުވާ ކުރުމުގެ ސަބަބުން ނޫނީ އެހެން ސަބަބަކާހުރެ ދިފާޢީ ބާރު ދަށްވެފައިވާ ބޮޑެތި މީހުންނާއި، ކުޑަކުދިން

·         މަސްކިޔުލަރ ޑިސްޓްރަޕީ ފަދަ ނިއުރޯމަސްކިޔުލަރ ޑިސްއޯޑަރ ހުންނަ ކުޑަކުދިން

·         ހިތުގެ ނޫނީ ފުއްޕާމޭގެ ބައްޔެއް ހުންނަ ބޮޑެތި މީހުން

·         އުމުރުން 65 އަހަރުން މަތީގެ ދުވަސްވީ މީހުން ނުވަތަ މުސްކުޅިން

އަލާމާތްތައް

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަންގެ އަލާމާތްތައް އާންމުކޮށް ފެންނަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ 6-4 ދުވަހާއި ދެމެދުގެ މުއްދަތަކަށް ފަހުގައެވެ. ބޮޑެތި މީހުންނާއި، ބޮޑެތި ކުދިންނަށް މި އިންފެކްޝަން ކުރިމަތިވަނީ އާދައިގެ މިންވަރަކަށެވެ. އަދި އާދައިގެ މިންވަރަކަށް ކުރިމަތިވާ މިފަދަ އިންފެކްޝަންގައި އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ނޭފަތުން ކެއްސުން

·         ހިކި ކެއްސުމެއް ހުރުން

·         މަޑު ހުމެއް އައުން

·         ކަރުގައި ރިހުން

·         ކިނބިހިއެޅުން

·         ބޮލުގައި ރިހުން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ނުރައްކާތެރި މިންވަރަކަށް ކުރިމަތިވުން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަންގެ އަސަރު ނޭވާލާ ނިޒާމުގެ ތިރީބަޔަށް ނޫނީ އެންމެ އެތެރެއަށް ފުއްޕާމޭ އާއި ހަމައަށް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ފުއްޕާމޭގައި ޖަރާސީމުއެޅުން އަދި ވައިނޮޅިން ކަފިވެގެން ފުއްޕާމޭގެ ތެރެއަށް ވަދެފައި ހުންނަ ވައިނޮޅީގެ އެންމެ ކުދިކަފިތައް ދުޅަވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި އަންނަނިވި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ހުންއައުން

·         ވަރަށް ބޮޑަށް ކެއްސުން

·         ނޭވާލާއިރު ތޫލިއަޑުހުރުން

·         އަވަސް އަވަހަށް ނޭވާލެވުން ނޫނީ ނޭވާލާއިރު އުދަނގޫވުން

·         ހަންގަނޑު ނޫފައިގަތުން ނޫނީ އޮކްސިޖަން ނުލިބުމުގެ ސަބަބުން ހަންގަނޑު ނޫވުން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަންގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަނީ ތުއްތު ކުދިންނަށެވެ. ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހުމުން ތުއްތު ކުދިންގެ ކިބައިން އަންނަނިވި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ކުރުކޮށް، އަވަސް އަވަހަށް ނޭވާލުން

·         ނޭވާލުމަށް ބާރުލާންޖެހުން

·         ކެއްސުން

·         އެއްވެސް އެއްޗެއް ކާންބޯން ނޫޅުން / ބަކުން ފަދަ ތަކެތި ނުދެވުން ނޫނީ ކާންދޭން އުދަނގޫވުން

·         ވަރަށް ބޮޑަށް ވަރުބަލިކަމާ. ލޮޑުކަމާ ވާޅުކަން ފާހަގަވުން

·         އުދަނގުލެއްވާތީ އުޅުން

މިއިންފެކްޝަންޖެހޭ ގިނަ މީހުންނާއި ކުދިން އާންމު ގޮތެއްގައި 2-1 ހަފްތާގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވެއެވެ. ނަމަވެސް ބައެއް މީހުންނާއި ކުދިންނަށް ތަކުރާރުކޮށް ނޭވާލާއިރު ތޫލިއަޑުހުރުން ކުރިމަތި ވެދާނެ އެވެ. ނޫނީ ފާހަގަވެދާނެ އެވެ. ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި ދުވަސްނުފުރާ އުފަންވެފައިވާ ކުދިންނަށް މިއިންފެކްޝަން ކުރިމަތިވުމުން ބައެއް ފަހަރު ހާލަތު ގޯސްވެ، ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ނުރައްކާތައް

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަންގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހުން : ނުރައްކާތެރި ދަރަޖައަކަށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ކުރިމަތިވެއްޖެނަމަ، ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ބޭނުމަކީ ބަލިމީހާ ފަސޭހައިން މޮނީޓަރ ކުރުމާއި، ފަރުވާގެ ގޮތުގައި އައިވީ ފުލުއިޑް ދޭންޖެހޭ ހާލަތްތަކުގައި އެކަން ކުރުމާއި، އަދި ކުރިމަތިވެފައިވާ ނޭވަޔަށް އުދަނގޫ ކުރުމުގެ ހާލަތަށް ފަރުވާކުރުމެވެ.

(ށ) ފުއްޕާމޭގައި ޖަރާސީމުއެޅުން : ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން އަކީ ފުއްޕާމޭ ދުޅަކޮށް، ފުއްޕާމޭގައި ޖަރާސީމު އެޅުމަށް މެދުވެރިވާ އެންމެ އާންމު އެއް ސަބަބެވެ. އަދި ވައިނޮޅިން ކަފިވެގެން ފުއްޕާމޭގެ ތެރެއަށް ވަދެފައި ހުންނަ، ވައިނޮޅީ ކުދިކަފިތައް ދުޅަވުން ކުރިމަތިކުރުވާ އެއް ސަބަބު ވެސް މެއެވެ. މި ނުރައްކާތައް އާންމުކޮށް ކުރިމަތިވަނީ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަންގެ އަސަރު ނޭވާލާ ނިޒާމުގެ ތިރީބަޔަށް ނޫނީ އެންމެ އަޑިޔަށް ނުވަތަ ފުއްޕާމެޔާއި ހަމައަށް ވާޞިލްވުމުންނެވެ. ފުއްޕާމޭ ދުޅަވެ. މިފަދަ ހާލަތްތައް ކުރިމަތިވުމަކީ ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހިތާއި، ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން އަދި ދިފާޢީ ބާރު ދަށް މީހުންނަށް ވަރަށް ނުރައްކާތެރި އަދި އެހާމެ ނާޒުކު ކަމެކެވެ.

(ނ) ކަންފަތުގެ މެދުބައިގައި ޖަރާސީމު އަޅައި އިންފެކްޝަން ހެދުން : ކަންފަތުގެ ތޫރިއަށް ވުރެ ފަހަތަށް ޖަރާސީމު ގެ އަސަރު ގޮސްފިނަމަ، އޭގެ މާނައަކީ ކަންފަތުގެ މެދުބައިގައި ޖަރާސީމު އަޅައި އިންފެކްޝަން ހެދުމެވެ. ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ގެ ސަބަބުން ޖެހޭ އިންފެކްޝަންގައި މިމައްސަލަ ބޮޑަށް ދިމާވަނީ ތުއްތު ކުދިންނާއި، ކުޑަކުދިންނަށެވެ.

(ރ) ނޭވާހިއްލުން : ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުޑައިރު ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހުމާއި، އުމުރުގެ ފަހުކޮޅުގައި ނޭވާހިއްލުން ކުރިމަތިވުމާއި ގުޅުމެއް އޮވެދާނެއެވެ.

(ބ) ތަކުރާރުކޮށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހުން : އެއް ފަހަރު ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހުމަށްފަހު، ދެވަނަ ފަހަރަށް މިއިންފެކްޝަން ޖެހުމަކީ ވެސް ގާތް ކަމެކެވެ. އަދި ހަމަ ރޯގާ ފެތުރޭ ދުވަސްވަރު، ދެވަނަ ފަހަރަށް އިންފެކްޝަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިގޮތަށް ދެވަނަ ފަހަރަށް ޖެހޭއިރު ފަހަރުގައި ފެންނަ އަލާމާތްތައް އެހާ ގޯސްނުވެދާނެއެވެ.

ދެނެގަތުން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހިފައިވާ ކަން ދެނެގަންނަނީ ބަލިޖެހިފައިވާ ކުދިންނާއި މީހުންނަށް ކުރިމަތިވެފައިވާ އަލާމާތްތަކާއި، ބަލި ފެތުރޭ ދުވަސްވަރު، އަދި ޖިސްމާނީ ގޮތުން ބަލާ ބެލުންތަކަށް ރިއާޔަތްކޮށްގެންނެވެ. އާންމު ގޮތެއްގައި ޑޮކްޓަރަށް ދައްކާއިރު، ފުއްޕާމޭގައި އިންފެކްޝަންގެ އަސަރު ހުރިތޯ ކަށިގަނޑު އަޅައިގެން ބަލާނެއެވެ. ނޭވާލާއިރު ހުންނަ ތޫލިއަޑު ކަށިގަނޑު އަޅައިގެން ބަލާއިރު ވެސް ފާހަގަކުރާނެ އެވެ.

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ދެނެގަތުމަށް އާންމު ގޮތެއްގައި ލެބޯޓަރީ ޓެސްޓުތަކާއި، އެކްސްރޭ ފަދަ ޓެސްޓު ތައް ހަދާކަން ނުޖެހޭނެ އެވެ. ނަމަވެސް މިފަދަ ޓެސްޓު ތައް ހެދުމުގެ ބޭނުމަކީ ބަލީގެ ނުރައްކާތައް ކުރިމަތިވެފައިވޭތޯ ކަށަވަރު ކުރުމާއި، ބައްޔާއި އެއްގޮތްކަން ހުންނަ އެހެން ބަލިތަކުގެ އަސަރު ހުރިތޯ ދެނެގަތުމެވެ. އެގޮތުން ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

·         ލޭގެ ޓެސްޓުތައް : އެގޮތުން ލޭގެ ހުދު ސެލްގެ މިންވަރު އަދި ލޭގައި ޖަރާސީމުގެ އަސަރު ހުރިތޯ ބަލާނެއެވެ.

·         މޭގެ އެކްސްރޭ ނެގުން : މީގެ ބޭނުމަކީ ފުއްޕާމޭގައި އިންފެކްޝަންގެ އަސަރު ހުރިތޯ ބެލުމެވެ.

·         އަނގަ، ނޫނީ ނޭފަތުން ސްވެބް އެއް ނެގުން : މިއީ ވައިރަސް ހުރިތޯ ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.

·         ޕަލްސްއޮކްސިމެޓްރީ : މިއީ ލޭގައި އޮކްސިޖަންގެ މިންވަރު ދެނެގަތުމެވެ.

ފަރުވާ

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަންގެ ފަރުވާ އަކީ މައިގަނޑު ގޮތެއްގައި ސަޕޯޓިވް ކެއަރ އެވެ. މާނައަކީ ބަލިޖެހިފައިވާ ކުދިންނާއި މީހުންނަށް ނޫނީ އެމީހުންގެ އަމިއްލަ ނަފުސަށް އަޅާލުމުގެ ގޮތުން ކުރެވޭ ކަންކަމެވެ.

ސަޕޯޓިވް ކެއަރ

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ޖެހިފައިވާ ފަރާތްތަކަށް ސަޕޯޓިވް ކެއަރގެ ގޮތުގައި ހުން ތިރިކުރުމަށް ޕެރަސިޓަމޯލް ފަދަ ބޭސްތައް ލިޔެދީފާނެއެވެ. ތުއްތު ކުދިންނާއި، ކުޑަކުދިންނަށް އެސްޕިރިން ފަދަ ބޭސްތައް ހުންތިރިކުރުމަށް ދިނުން އެދެވިގެން ނުވެއެވެ. ބެދިފައިވާ ނޭފަތް ހަމައަކަށް އެޅުވުމަށް ނޭފަތަށް ޖައްސާ ސަލައިން ޑްރޮޕް ނުވަތަ ތިކި އަދި އަރިދަފުސްތައް ޑްރޮޕަރ އެއް ފަދަ އެއްޗަކުން ދަމާލެވިދާނެއެވެ. ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަންގެ ސަބަބުން ބެކްޓީރިޔަލް ނިއުމޯނިޔާ ފަދަ މައްސަލަތައް ކުރިމަތިވެއްޖެ ނަމަ އެންޓިބަޔޮޓިކް ނަގަންޖެހޭނެ އެވެ.

ގިނައިން ދިޔާތަކެތި ދިނުމާއި، ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ. އަނގަޔާއި ދޫ ހިކުން، ލޯވަޅުވަނުން، ނިދިއައިސް ތާއްޔަށްޖެހުން އަދި ކުޑަކަމުނުދެވުން ފަދަ ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތެއް ފެނޭތޯ ބަލަމުން ގެންދަންވާނެއެވެ.

ހަސްފަތާލުގައި ދެވޭ ފަރުވާ

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަންގެ ނުރައްކާތެރި ހާލަތުގައި ހަސްފަތާލުގައި އެދުމަތިކޮށް ގެން ފަރުވާ ދޭންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ހަސްފަތާލުގައި އެދުމަތިކޮށްގެން ދީފާނެ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އިންޓްރަވީނަސް ފުލުއިޑް ދިނުން

·         ހިޔުމިޑިފައިޑް އޮކްސިޖަން ފޯރުކޮށްދިނުން

·         ވެންޓިލޭޓަރަށް ލުން

ނޭވަޔަށް އުދަނގޫކުރާތީ ބޭނުންކުރާ އިންހޭލަރ އަދި ސްޓީރޮއިޑް ފަދަ ބޭސްތަކުން ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން އަށް މާބޮޑު ފައިދާއެއް ކުރާކަމަށް އަދި ހޯދިފައެއް ނުވެއެވެ.

ރައްކާތެރިވުން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން އަކީ އާންމު ގޮތެއްގައި އާދައިގެ މިންވަރަކަށް ކުރިމަތިވާ އިންފެކްޝަން އަކަށް ވިޔަސް، ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ހިތާއި، ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން އަދި ދިފާޢީ ބާރު ދަށް މީހުންނަށް ނުރައްކާތެރި ދަރަޖައަކަށް ނޫނީ މިންވަރަކަށް މިއިންފެކްޝަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ތުއްތު ކުދިންނާއި، ބަލިޖެހުމުގެ ހިރާސް ބޮޑު ކުޑަކުދިން ބަލިން ރައްކާތެރިކުރުން

ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް މައިގަނޑު ދެ އުފެއްދުމެއް ވެއެވެ. އެއްގޮތަކީ ތުއްތު ކުދިންނަށް ދެވޭ އެންޓިބޮޑީ ޕްރޮޑަކްޓް(antibody product) އެވެ. އަނެއް އުފެއްދުމަކީ ބަނޑުގައިވާ ތުއްތު ދަރިފުޅަށް އުފަންވުމަށްފަހު ފުރަތަމަ 6 މަސް ދުވަހުގެ މުއްދަތަށް ބަލިން ރައްކާތެރިކުރުމުގެ ގޮތުން މާބަނޑު އަންހެނުންނަށް ދެވިދާނެ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ވެކްސިން(RSV vaccine) އެވެ. މިދެ އުފެއްދުމަކީ ވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ 2 އުފެއްދުމެވެ.

(ހ) ނިރްސެވިމެބް(nirsevimab) އޭ ކިޔާ އެންޓިބޮޑީ ޕްރޮޑަކްޓް(antibody product) : މިއީ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ފެތުރުމުގެ ކުރިން އަންނަ މަސްތަކާއި، ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ފެތުރޭ ދުވަސްވަރު އެންމެ ސިންގަލް ޑޯޒެއްގެ ގޮތުގައި ދެވޭ ޝޮޓެކެވެ. މިއީ އުފަންވުމަށްފަހު ފުރަތަމަ ފަހަރަށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ފެތުރޭ މޫސުން ދިމާވާ ނޫނީ ފެތުރޭ ދުވަސްވަރު އުފަންވާ، އަދި އުމުރުން 8 މަހުގެ ދަށުގެ ކުދިންނަށް ދީއުޅޭ އުފެއްދުމެވެ. ނޫނީ ދެވިދާނެ އުފެއްދުމެކެވެ. އެކުދިންގެ ހަޔާތުގައި ދެވަނަ ފަހަރަށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ފެތުރޭ ދުވަސްވަރާ ކުރިމަތިލާ، މިއިންފެކްޝަން ޖެހުމުގެ ހިރާސް ބޮޑު އުމުރުން 19-8 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް ވެސް ނިރްސެވިމެބް ދީއުޅެއެވެ. އެމެރިކާ ފަދަ ގައުމުގައި ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން ފެތުރޭ ދުވަސްވަރަކީ ނޮވެމްބަރު މަހުން ފެށިގެން މާރޗު މަހުގެ ނިޔަލަށެވެ.

ނިރްސެވިމެބް ނުހުންނަ ހާލަތުގައި މިފަދަ އެހެން އެންޓިބޮޑީ ޕްރޮޑަކްޓެއް ކަމުގައިވާ ޕެލިވިޒުމެބް(palivizumab) ފަހަރުގައި ދީފާނެއެވެ. ނޫނީ ދެވިދާނެއެވެ. ނަމަވެސް މިއީ ބަލި ފެތުރޭ ދުވަސްވަރު ކޮންމެ މަހަކު ދޭންޖެހިދާނެ ޝޮޓެކެވެ. ދުޅަހެޔޮކޮށް ތިބޭ ކުދިންނާއި، ބޮޑެތި މީހުންނަށް ޕެލިވިޒުމެބް ދިނުން އެދެވިގެން ނުވެއެވެ.

(ށ) މާބަނޑު މީހުންނަށް ދެވޭ ވެކްސިން : ބަނޑުގައިވާ ތުއްތު ދަރިފުޅަށް އުފަންވުމަށްފަހު ފުރަތަމަ 6 މަސް ދުވަހުގެ މުއްދަތަށް ބަލިން ރައްކާތެރިކުރުމުގެ ގޮތުން މާބަނޑު އަންހެނުންނަށް ދިނުމަށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ވެކްސިން(RSV vaccine) ތައްޔާރުކޮށް އެބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ދީފައެވެ. މިވެކްސިންދެނީ ބަނޑަށް 36-32 ހަފްތާއާއި ދެމެދުގައެވެ. އަދި އެމެރިކާގައި މިވެކްސިން ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ދެމެދުގެ ދުވަސްވަރުގައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް ދޭ ވެކްސިން

އުމުރުން ދުވަސްވީ މީހުންނަކީ އާންމު ގޮތެއްގައި އެމީހުންގެ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްމީހުންނެވެ. ޚާއްޞަކޮށް ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކަކީ ދިފާޢީ ބާރު ދަށް މީހުންނެވެ. އެހެންކަމުން ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ވެކްސިން އަށް ހުއްދަ ދީފައެވެ.

އެމެރިކާގެ ސީޑީސީ އިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށް ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް ވެކްސިން ދިނުމަށް ލަފާދެއެވެ. މިއުމުރުގެ މީހުންނަށް ދިނުމަށް ދެވެކްސިނެއް އުފައްދައި ހުއްދަ ދީފައި ވެއެވެ. ކޮންމެ ވެކްސިނެއް ދިން ކަމުގައިވިޔަސް ދެނީ ސިންގަލް ޑޯޒެކެވެ. ނޫނީ އެންމެ ޑޯޒެކެވެ.

ބަލިން ރައްކާތެރިވުން އަދި ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް

ބަލި ފެތުރޭ ދުވަސްވަރު ބަލި ފެތުރުން ހުއްޓުވައި ބަލިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         ގިނަގިނައިން އަތްދޮވުން

·         ކެއްސާ ކިނބިހިއަޅާ ހަދާއިރު އަނގަޔާ ނޭފަތް ނިވާކުރުން

·         މާސްކުއެޅުން

·         ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެ ނޫޅުން

·         ބަލިޖެހިފައިޥާ މީހުން، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން

·         ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން

·         ޖަރާސީމު ހަރުލާނެހެން ހީވާ ތަންތަން ރަނގަޅަށް ސާފުކޮށްފައި ބެހެއްޓުން ނޫނީ ގަވާއިދުން ސާފުކުރުން

·         ބަލިޖެހިފައިވާ މީހާ ބޭނުންކުރާ ފެންބޯތަށި ފަދަ ވަކިކުރުން – ނަމަވެސް އާންމުކޮށް އެކަކު ފެންބުއިމަށްފަހު އަނެކަކު ފެންބުއިމުގެ ކުރިން އެއް ތައްޓެއް ބޭނުންކުރާއިރު ނުދޮވެ ބޭނުންކުރުމަކީ ވަރަށް މަދުން ނޫނީ ކުރާ ކަމެއް ނޫނެވެ. މިހާލަތުގައި ރަނގަޅަށް ތަށި ދޮވެގެން އެހެން މީހަކަށް ބޭނުންކުރެވިދާނެއެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ދުންފަތުގެ ދުމުން ރައްކާތެރިވުން

·         ބަލިޖެހިފައިވާ ކުދިން ގެންގުޅޭ ކުޅޭ ތަކެތި ދޮވެ، ފޮހެ ސާފުކުރުން                         

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/respiratory-syncytial-virus/symptoms-causes/syc-20353098

 

 

  

No comments:

Post a Comment