ޑިމެންޝިއާ
ޑިމެންޝިއާ(dementia) އަކީ ހަދާނާ،
ވިސްނުމާ އަދި ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރާ ކަންތައްތައް ކުރުމުގެ
ގާބިލްކަމަށް ނޫނީ ގާބިލިއްޔަތަށް އަސަރުކުރުވާ ބަލިތަކަކަށް ކިޔާ ނަމެކެވެ. މިއީ
ދުވަސްވާ ވަރަކަށް ގޯސްވަމުން ހިނގައިދާނެ ހާލަތެކެވެ. އާންމު ގޮތެއްގައި މިކަން
ދިމާވަނީ އުމުރުން ދުވަސްވުމުން ކަމުގައި ވިޔަސް، އުމުރުން ދުވަސް ނުވަނީސް ވެސް
ޑިމެންޝިއާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ (ޑަބްލިޔޫއެޗްއޯ، 2023).
ޑިމެންޝިއާ އަކީ ހަދާންކުރުމަށާއި، ވިސްނުމަށާއި، އަދި އާންމު ދިރިއުޅުމުގައި ގޮތް
ނިންމުމަށް ދަތިވާ ދަތިވުން ތަކަށް އިޝާރާތްކޮށް ބޭނުންކުރާ އާންމު ލަފުޒެކެވެ
(އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
ދިރާސާތަކުން ދައްކާގޮތުގައި
ޑިމެންޝިއާގެ ސަބަބުން މަރުވާ މީހުންގެ ތެރެއިން %60 އަކީ އަންހެނުންނެވެ. އަދި
އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއަށް 1 އަކަށް ޑިމެންޝިއާގެ އަސަރު ކުރެއެވެ.
ޑިމެންޝިއާގެ އަލާމާތްތަކާއި އޭގެ އެކި މީހުން ތަޖުރިބާ ކުރަނީ އެކި ގޮތަށެވެ.
ޑިމެންޝިއާ އަށް ޝައްކުވާނަމަ ނާރުގެ ޑޮކްޓަރެއް ނޫނީ މުސްކުޅިންގެ ޚާއްޞަ
ޑޮކްޓަރަކަށް ނުވަތަ އުދަނގޫވާނަމަ އެތެރެ ހަށީގެ ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.
(އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
ޑިމެންޝިއާ އަކީ ހަދާންނުހުރުމާއި،
ބަސްމޮށުންތެރިކަމާ، ވިސްނުމާއި އަދި އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން
ކުރުމަށް ދަތިވާ ހާލަތެކެވެ. ޑިމެންޝިއާގެ އެންމެ އާންމު ސަބަބަކީ އަލްޒައިމާ
ބައްޔެވެ. ޑިމެންޝިއާ ވަކި ފަރުދީ ބައްޔެއް ނޫނެވެ. މިއީ ސިކުނޑިއަށް ޖެހޭ ތަފާތު
ބަލިތައް މިސާލަކަށް އަލްޒައިމާ ފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިވާ އުދަނގޫ
ތަކެކެވެ. ޑިމެންޝިއާގެ ކުޑައިގެ ދަށުން ގުނާލެވޭ ބަލިތައް ކުރިމަތިވަނީ
ސިކުނޑިއަށް ކުރިމަތިވާ ޣައިރު ތަބީޢީ ބަދަލުތަކެއްގެ ސަބަބުންނެވެ (އަލްޒް.އޯރގް،
2024).
ސަބަބު
ޑިމެންޝިއާ ކުރިމަތިވަނީ ސިކުނޑީގެ
ދިރުތަކަށް ގެއްލުންދޭ ތަފާތު ބަލިތަކުގެ ސަބަބުންނެވެ. ސިކުނޑިއަށް ލިބޭ
ގެއްލުމުގެ ސަބަބުން ސިކުނޑީގެ ދިރުތަކުގެ ދެމެދުގައި މުއާމަލާތް ކުރުމުގެ
ގާބިލްކަމަށް ހުރަސް އަޅައެވެ. ސިކުނޑީގެ ދިރުތަކުގެ ދެމެދުގައި ރަނގަޅަށް މުއާމަލާތް
ނުކުރެވުމުން ވިސްނުމާއި، އުޅުމާއި، ސުލޫކާއި، އިހުސާސްތަކަށް އަސަރު ކުރުވައެވެ.
ސިކުނޑީގައި ތަފާތު ހިސާބުތައް ހުރެއެވެ.
މިއިން ކޮންމެ ހިސާބަކީ ތަފާތު ކަމަކަށް ޒިންމާވާ ހިސާބެކެވެ. މިސާލަކަށް ހަދާން،
ގޮތްނިންމުން، އަދި ހަރަކާތަށް އަސަރު ކުރެއެވެ. ބަޔާންކުރެވުނު ގޮތަށް ސިކުނޑީގެ
ވަކި ހިސާބެއްގެ ދިރުތަކަށް އަސަރުކުރުމުން، އެހިސާބެއްގެ މަސައްކަތްތައް
ރަނގަޅަށް ފުރިހަމައެއް ނުކުރެވެއެވެ. އެކި ބާވަތުގެ ޑިމެންޝިއާ ކުރިމަތިވަނީ
ސިކުނޑީގެ އެކި ހިސާބުތަކުގެ އެކި ދިރުތަކަށް ނޫނީ ވަކި ހިސާބުތަކެއްގެ ދިރުތަކަށް
އަސަރުކުރުމުންނެވެ. މިސާލަކަށް އަލްޒައިމާ ބަލީގައި ސިކުނޑީގެ ސެލްތަކުގެ ބޭރު
އަދި އެތެރޭގައި މަތީ މިންވަރަކަށް ވަކި ކަހަލަ ޕްރޮޓީންތަކެއް ހުރުމުން،
ސެލްތަކަށް ދުޅަހެޔޮކަންމަތީ ދެމިހުރެ، ހެޔޮގޮތުގައި އެއް ދިރު އަނެއް ދިރާއި
މުއާމަލާތް ކުރުމަށް އުނދަގޫ ވެއެވެ. ސިކުނޑީގެ ބައިތަކުގެ ތެރެއިން ހަދާނާއި،
އުގެނި ދަސްކުރުމަށް ޚާއްޞަ ސަރަހައްދަށް ކިޔަނީ "ހިޕޯކަމްޕަސް"(hippocampus) އެވެ. އާންމު ގޮތެއްގައި މިފަދަ
ހާލަތްތަކުގައި ސިކުނޑިން އެންމެ ފުރަތަމަ ގެއްލުން ވަނީ މިސަރަހައްދުގައި ހިމެނޭ
ދިރު ނޫނީ ސެލްތަކަށެވެ. އަލްޒައިމާ ބަލީގައި އެންމެ ފުރަތަމަ ފެންނަ އަލާމާތަކަށް
ހަދާންނުވުން ވަނީ މިސަބަބާ ހުރެއެވެ (އަލްޒް.އޯރގް، 2024).
ޑިމެންޝިއާ ކުރިމަތިވުމަށްޓަކައި
ސިކުނޑިއަށް އަންނަ ގިނަ ބަދަލުތަކަކީ ދާއިމީ އަދި ދުވަސްވާވަރަކަށް ގޯސްވަމުންދާ
ކަންތައްތަކެކެވެ. އަންނަނިވި ހާލަތްތަކުގެ ސަބަބުން ވިސްނުމާއި ހަދާނަށް
ކުރިމަތިވާ މައްސަލަތައް މިހާލަތްތަކަށް ފަރުވާކުރުމުން ފަހަރުގައި ރަނގަޅުވެގެން
ހިނގައިދާނެއެވެ (އަލްޒް.އޯރގް، 2024).
·
މާޔޫސްވެ މޮޅިވެރިވެ ދެރަވުން (ޑިޕްރެޝަންގެ ސަބަބުން
ކުރިމަތިވާ ޑިމެންޝިއާ)
·
ބޭހުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް (ބޭހުގެ
ސަބަބުން ކުރިމަތިވާ ޑިމެންޝިއާ)
·
ބަނގުރާ ބޭނުންކުރުން (ބަނގުރަލުގެ ސަބަބުން ދިމާވެދާނެ
ޑިމެންޝިއާ)
·
ތައިރޮއިޑް މައްސަލަތައް (ތައިރޮއިޑް މައްސަލަތަކުގެ
ސަބަބުން ދިމާވާ ޑިމެންޝިއާ)
·
ވިޓަމިން މަދުވުން (ވިޓަމިން މަދުވުމުން ދިމާވާ ޑިމެންޝިއާ) (އަލްޒް.އޯރގް، 2024).
ޑިމެންޝިއާ ކުރިމަތިވަނީ ސިކުނޑީގެ
ދިރުތަކަށް ގެއްލުންވުން ނޫނީ ދިރުތައް ހަލާކުވެ ނެތިދިއުން އަދި ދިރުތަކުގައި
ދެމެދުގައި އޮންނަ ގުޅުން ކެނޑުމުންނެވެ. އެކި ވައްތަރުތަކަށް ޑިމެންޝިއާ
ބަހާލެވިފައިވާ ޑިމެންޝިއާ އާއި ގުޅިގެން ސިކުނޑީގައި ހަރުލާފައި ހުންނަ ޕްރޮޓީން
އަދި ސިކުނޑިން އަސަރުކޮށްފައިވާ ހިސާބަށް ރިޢާޔަތްކޮށްގެންނެވެ. ޑިމެންޝިއާ
ކުރިމަތިކުރުވާ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުގައި ބައެއް ކަހަލަ ވިޓަމިން އަދި
މަޢުދަންތައް މަދުވުން، އަދި ބޭނުންކުރާ ބޭހެއްގެ ނޭދެވޭ އަސަރެއްގެ ގޮތުން
ޑިމެންޝިއާގެ އުދަނގޫތައް ފެނުން ފަދަ ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް،
2024).
މަގުފަހިކުރާ ކަންތައްތައް
ސިކުނޑިއަށް ޖެހޭ ބައެއް ބަލިތަކުގެ
ސަބަބުން ވެސް ޑިމެންޝިއާ އަށް މަގުފަހިވެއެވެ. މިބަލިތަކުގެ ސަބަބުން ދަސްކުރުމާ
ހަދާންކުރުން އަދި ބަސްމޮށުންތެރިކަމަށް އާންމު ގޮތެއްގައި ބޭނުންކުރާ ސިކުނޑީގެ
ބައިތަކަށް އަސަރު ކުރެއެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް
އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ
(ޑަބްލިޔޫއެޗްއޯ، 2023).
·
އުމުރުން ދުވަސްވުން
·
ހަކުރުބަލި ޖެހުން
·
ލޭމައްޗަށް ދިއުން
·
އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން
·
ދުންފަތުގެ އިސްތިއުމާލުކުރުން
·
މާގިނައިން ބަނގުރާ ބޭނުންކުރުން
·
ޖިސްމާނީ ހަރަކާތްތެރިކަން ދަށްވުމާއި، ހެލިފެލިވެއުޅުން
މަދުވުން
·
އިޖުތިމާޢީ ގޮތުން އެހެންމީހުންނާއި ވަކިން
އެކަހެރިވެއުޅުން
·
މޮޅިވެރިވެ، މާޔޫސްވެ ދެރަވުން ނޫނީ ހިތާމަކުރުމުގެ ބަލި
ކުރިމަތިވުން (ޑަބްލިޔޫއެޗްއޯ، 2023).
ޑިމެންޝިއާ އަކީ ތަފާތު ބަލިތަކުގެ
ސަބަބުން ކުރިމަތިވާ "ސިންޑްރޯމް" އެކެވެ. ދުވަސްވާ ވަރަކަށް
ސިކުނޑީގައިވާ ނާރު ސެލް ތައް ހަލާކުކޮށް، ސިކުނޑީއަށް ގެއްލުން ދެއެވެ. އޭގެ
ސަބަބުން ވިސްނުމަށް އަސަރުކުރުވައެވެ. ނޫނީ ވިސްނާގޮތަށް ބާރުފޯރުވައެވެ.
ހޭވެރިކަމަށް އަސަރު ނުކުރިޔަސް އާންމު ގޮތެއްގައި ޑިމެންޝިއާ ގައި ވިސްނުމަށް
އަސަރު ކުރުވައެވެ. ބައެއް ފަހަރު އޭގެ ކުރިން އުޅުމަށް ބަދަލުއައުން،
އިހުސާސްތައް ކޮންޓްރޯލްކުރުން، ސުލޫކު އަދި އެމީހެއްގެ ކިބައިގައި ވަކިކަމަށް
ހުންނަ ގަޔާވުން ނޫނީ ޝައުގުވެރިކަން އިތުރުކޮށް ހިތްވަރު ދިނުން (މޯޓިވޭޝަން)
ފަދަ ކަންކަމަށް އަސަރުކުރެއެވެ. ނޫނީ މިފަދަ ކަންކަމާ ގުޅޭ ބަދަލުތައް އެމީހެއްގެ
ފުށުން ފާހަގަވެގެން ދެއެވެ (ޑަބްލިޔޫއެޗްއޯ، 2023).
ޑިމެންޝިއާ އަކީ އެކަމުގެ ސަބަބުން
ޖިސްމާނީ، ނަފްސާނީ، އިޖުތިމާޢީ އަދި އިގުތިޞާދީ ގޮތުން އެމީހެއްގެ ދިރިއުޅުމަށް
ބާރުފޯރުވާ ނޫނީ އަސަރުކުރުވާނެ ކަމެކެވެ. މިކަމުގެ އަސަރު ކުރަނީ ހަމައެކަނި
ޑިމެންޝިއާ ތަހައްމަލުކުރާ މީހަކަށް ނޫނެވެ. އޭގެ ބަދަލުގައި އެމީހާ ބަލަހައްޓާ
މީހާއާއި، އާއިލާ އާއި، އަދި ޖުމުލަކޮށް އެމީހަކު ދިރިއުޅޭ މުޖުތަމައަށް ވެސް އޭގެ
އަސަރު ކުރެއެވެ (ޑަބްލިޔޫއެޗްއޯ، 2023).
ދިވެހިރާއްޖޭގެ އަލްޒައިމާ ސޮސައިޓީ އިން
2024 ވަނަ އަހަރު ނެރެފައިވާ ލީފްލެޓްގައި ބަޔާންކޮށްފައިވާ ގޮތުން ޑިމެންޝިއާ
އަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ
(އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
·
ލޭމައްޗަށްދިއުން
·
ހަކުރުބަލި
·
ބޮލަށް ގެއްލުން ލިބުން
·
ބަރުދަން އިތުރުވުން
·
ޑިޕްރެޝަން ކުރިމަތިވުން
·
އަޑުއިވުމުގެ މައްސަލަތައް
·
ވައިނުސާފުވުން
·
ޅައުމުރުގައި އެކަށީގެންވާ ތައުލީމު ނުލިބުން
·
ރަލުގެ ބާވަތްތައް ބޭނުންކުރުން
·
ދުންފަތުގެ އިސްތިއުމާލުކުރުން
·
ހެލިފެލިވެނޫޅުން
·
އިޖުތިމާޢީ ކަންކަމުގައި ބައިވެރިނުވުން (އަލްޒައިމާ
ސޮސައިޓީ، ދިވެހިރާއްޖެ، 2024).
ޑިމެންޝިއާ އަށް މަގުފަހިވާ
އަދި ކޮންޓްރޯލް ކުރެވިދާނެ ކަންތައްތައް
(ހ) ކެއުންބުއިން އަދި
ކަސްރަތުކުރުން : ދިރާސާތަކުން
ދައްކާގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅި ހެޔޮގޮތުގައި ބައްޓަން ކުރާ މީހުންގެ
ކަގްނިޓިވް ޑިކްލައިން(cognitive
decline)
ކުރިމަތިވުމުގެ ހިރާސް ކުޑައެވެ. މިފަދަ މީހުން ކެއުމުގައި ހިމަނާ ބާވަތްތަކުގެ
ތެރޭގައި މަސް، ތަރުކާރީ އާއި މޭވާ އަދި ފައިދާހުރި ތެޔޮ ނުވަތަ ސަރުބީ ގެ
ބާވަތްތައް ހިމެނެއެވެ. އަދި މިފަދަ މީހުން ކަސްރަތުކޮށް، ކަގްނިޓިވް ތަމްރީނުތައް
ހަދައި، އިޖުތިމާޢީ ކަންކަމުގައި ބައިވެރި އުޅެފައި ވެއެވެ. ދިރާސާތަކުން
ދައްކާގޮތުގައި މެޑިޓެރޭނިއަން ސްޓައިލްގެ ކެއުން ގެންގުޅޭ މީހުންގެ ކަގްނިޓިވް
ފަންކްޝަން ރަނގަޅުވެފައި ފުރިހަމައެވެ (މެޔޯކްލިނިކް، 2024).
(ށ) މާގިނައިން ބަނގުރާ
ބޭނުންކުރުން : މާގިނައިން ބަނގުރާ
ބޭނުންކުރުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބަދަލުގެނުވާނެ ކަމެކެވެ. ވަރަށް ގިނަ
ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ބަނގުރާ ބޭނުންކުރުމަކީ ހަނގުއުމުރުގައި
ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2024).
(ނ) ހިތާއި ލޭހޮޅިތަކުގެ
ބަލިތަކަށް މަގުފަހިކުރާ ކަންތައްތައް: މިފަދަ
ހިރާސް ތަކުގެ ތެރޭގައި މާބޮޑަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން،
ލޭމައްޗަށްދިއުން، ލޭގެ ހަކުރުމަތިވުން އަދި ލޭގެ ސަރުބީ މަތިވުން ފަދަ
ކަންތައްތައް ހިމެނެއެވެ. ނުރަނގަޅު ސަރުބީ މާ ގިނައިން ލޭގައި ހުރުމަކީ
ކަގްނިޓިވް ޑިކްލައިން ކުރިމަތިވެ، ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ
ކަމެއްކަމަށް ދިރާސާތަކުން ހޯދިފައި ވެއެވެ. ހަކުރުބަލި އަދި ދުންފަތުގެ
އިސްތިއުމާލުކުރުމަކީ ވެސް ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަންކަމެވެ. ހަކުރުބަލި
ހުރުމާއި، ހަކުރުބަލި ހުރެ ހަކުރު ކޮންޓްރޯލް ނުކުރެވުމަކީ ވެސް ޑިމެންޝިއާގެ
ހިރާސް އިތުރުކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް ޑިމެންޝިއާ
އަށް މަގުފަހިވާ ކަމެކެވެ (މެޔޯކްލިނިކް، 2024).
(ރ) ކަންފަތަށް އަޑުނުއިވުން
އަދި ލޮލަށް ނުފެނުން : ކަންފަތަށް
އަޑުނުއިވުން އަދި ލޮލަށް ނުފެނުން ޚާއްޞަކޮށް މިކަންކަން ހުރެ ފަރުވާ ނުކޮށް
ދޫކޮށްލުމަކީ ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އަޑުނުއިވުން
ގޯސްވާ ވަރަކަށް ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރެއެވެ. ދިރާސާތަކުން
ދައްކާގޮތުގައި ލޮލަށް ނުފެނުން ނޫނީ ލޮލުގެ ފެނުން ގެއްލުމަކީ ވެސް ޑިމެންޝިއާގެ
ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2024).
(ބ) ޑިޕްރެޝަން : މާޔޫސްވެ، މޮޅިވެރިވެ، ދެރަވުމަކީ ޚާއްޞަކޮށް އުމުރުގެ ފަހުކޮޅުގައި މިކަން
ކުރިމަތިވުމަކީ ފަހަރުގައި ޑިމެންޝިއާ ކުރިމަތިވެދާނެ ކަމެކެވެ (މެޔޯކްލިނިކް،
2024).
(ޅ) ވައިނުސާފުވުން : ދިރާސާތަކުން ދައްކާގޮތުގައި ލަކުނޑި އަދައިންގެ ނޫނީ
ލަކުނޑި އަންދައިގެން އަރާ ދުމާއި، މަގުމަތީގައި ދުއްވާ އެއްޗެހިން ބޭރުވާ ދުމާ،
އުފެދޭ ދަމިލަ އަށް ހުށަހެޅުމަކީ ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ
ކަމެކެވެ (މެޔޯކްލިނިކް، 2024).
(ކ) ބޮލަށް އަނިޔާވުން : އެއްވެސް ސިފައެއްގައި ބޮލަށް ބޮޑު އަނިޔާއެއް
ލިބިފައިވާނަމަ އަލްޒައިމާ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. ދިރާސާއަކުން
ދައްކާފައިވާ ގޮތުގައި އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮލަށް
އަނިޔާ ލިބިފައިވާ މީޙުންނަށް އަލްޒައިމާ ބަލި އަދި ޑިމެންޝިއާ ކުރިމަތިވުމުގެ
ހިރާސް އިތުރެވެ. އަދި ތަކުރާރުކޮށް މިފަދަ އަނިޔާ ބޮލަށް ލިބިފައިވާނަމަ
ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އެތައް ގުނައެއް އިތުރުވެގެން ދެއެވެ. ބައެއް
ދިރާސާތައް ދައްކާގޮތުގައި މި ހިރާސް އެންމެ ބޮޑަށް އިތުރުވަނީ ބޮލަށް އަނިޔާވާތާ
6މަހާއި 2 އަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. މާނައަކީ އެމުއްދަތުގެ
ތެރޭގައި ޑިމެންޝިއާ ނުވަތަ އަލްޒައިމާ ބަލީގެ އުދަނގޫތައް ފެންނަށް ފެށުމެވެ
(މެޔޯކްލިނިކް، 2024).
(އ) ނިދުމާއި ގުޅުންހުރި
މައްސަލަތައް : ނިދީގައި ނޭވާހުއްޓުން
އަދިވެސް ނިދުމާއި ގުޅުންހުރި މައްސަލަތައް ހުންނަ މީހުންނަށް ޑިމެންޝިއާގެ ހިރާސް
އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ (މެޔޯކްލިނިކް، 2024).
(ވ) ބައެއް ކަހަލަ ވިޓަމިން
އަދި މައުދަންތަކުގެ މިންވަރު މަދުވުން : މިސާލަކަށް
ވިޓަމިން ޑީ، ވިޓަމިން ބީ12، ވިޓަމިން ބީ 4 އަދި ފޯލިކް އެސިޑްގެ މިންވަރު
މަދުވުމަކީ ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް،
2024).
(މ) ހަދާނަށް އަސަރުކުރުވާ
ފަދަ ބޭސްތައް : ހަދާނަށް އަސަރުކުރުވާ ފަދަ
ބޭސްތައް މިސާލަކަށް ނިދުމަށް އެހީވެދޭ ޑައިފެންހައިޑްރަމައިން އެކުލެވޭ ބޭސްތައް،
އަދި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ދީއުޅޭ އޮކްސީބިޔުޓައިނިން ފަދަ
ބޭސްތަކުގެ ސަބަބުން ޑިމެންޝިއާގެ ހިރާސް އިތުރުކުރުވައެވެ (މެޔޯކްލިނިކް، 2024).
ޑިމެންޝިއާ އަށް މަގުފަހިވާ
އަދި އަމިއްލައަށް ކޮންޓްރޯލްނުކުރެވޭ ކަންތައްތައް
·
އުމުރު : އުމުރުން ދުވަސްވުން ޚާއްޞަކޮށް 65 އަހަރަށްވުރެ މަތިވުމަކީ
ޑިމެންޝިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ނަމަވެސް އެއަށްވުރެ ހަނގު
އުމުރުގައި ވެސް ޑިމެންޝިއާ ކުރިމަތިވެދާނެ އެވެ (މެޔޯކްލިނިކް، 2024).
·
އާއިލާގެ ތެރެއިން ވާރުތަވުން : އާއިލާގައި ޑިމެންޝިއާ ދައުރުވިޔަސް އާއިލާގެ ހުރިހާ
މެންބަރުންނަށް ޑިމެންޝިއާ ނުޖެހިދާނެ އެވެ. ހަމަ މިގޮތަށް އާއިލާގެ މެންބަރުންގެ
ތެރޭގައި ކުރިން ޑިމެންޝިއާ ނެތަސް، އެމީހަކަށް ޑިމެންޝިއާ ކުރިމަތިވެދާނެ އެވެ.
އެގޮތުން ޖެނެޓިކް ޓެސްޓަކުން ޑިމެންޝިއާ ވާރުތަކުރާ ޖީން ނޫނީ ވިރާސީ ބަހާ ހުރިތޯ
ދެނެގަނެވިދާނެ އެވެ (މެޔޯކްލިނިކް، 2024).
·
ޑައުންސިންޑްރޯން ހުރުން : ޑައުން ސިންޑްރޯމް ހުންނަ މީހުންގެ އުމުރު ދެބައިވާ
ހިސާބުގައި ޑިމެންޝިއާގެ އުދަނގޫތައް ފާހަގަވާ ކަމަށް ހޯދިފައި ވެއެވެ.
(އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024، މެޔޯކްލިނިކް، 2024).
އާންމު ވައްތަރުތައް
ޑިމެންޝިއާ އަކީ ސިކުނޑިއަށް ސީދާ
ގޮތުންނާއި، ނުސީދާ ގޮތުން އަސަރުކުރުވާ ތަފާތު ބަލިތަކާއި، ސިކުނޑިއަށް ލިބޭ
ތަފާތު އަނިޔާތަކުގެ ސަބަބުން ކުރިމަތިކުރުވައިފާނެ ހާލަތެކެވެ.
ޑިމެންޝިއާގެ އެހެން ވައްތަރުތަކުގެ
ތެރޭގައި އަންނަނިވި ވައްތަރުތައް ހިމެނެއެވެ.
(ހ) އަލްޒައިމާ ޑިޒީޒް (Alzeimer’s
disease): އެންމެ އާންމުކޮށް ހަދާންބަލިވާ ނޫނީ ޑިމެންޝިއާ ކުރިމަތި
ކުރުވާ އެންމެ އާންމު އެއް ބައްޔަކީ އަލްޒައިމާ ބައްޔެވެ. ޑިމެންޝިއާގެ %70-60
ކުރިމަތިވަނީ އަލްޒައިމާ ބަލީގެ ސަބަބުންނެވެ (ޑަބްލިޔޫއެޗްއޯ، 2023). އަލްޒައިމާ
ބަލި ޖެހޭ ސީދާ ސަބަބެއް ހޯދިފައި ނުވިޔަސް، އިލްމުވެރިން ގަބޫލުކުރާގޮތުގައި
އަލްޒައިމާ ބަލި ހުންނަ މީހުންގެ ކޮންމެވެސް މިންވަރަކަށް ނޫނީ މަދު މިންވަރެއްގެ
މީހުންނަށް މިބަލި ކުރިމަތިވުމުގައި ތަފާތު 3 ވިރާސީ ބަހާއަށް އަންނަ ބަދަލުތައް
ހިމެނެއެވެ. އާންމުކޮށް މިވިރާސީ ބަހާއަށް އަންނަ ބަދަލަކީ މައިންބަފައިންގެ
ފުށުން ދަރިންނަށް ވާރުތަވާނެ ކަމެކެވެ. އަލްޒައިމާ ބަލި ކުރިމަތިވުމުގައި ވަރަށް
ގިނަ ވިރާސީ ބަހާއަށް އަންނަ ބަދަލުތައް ހިމެނުނަސް، އެންމެ އާންމުކޮށް އަލްޒައިމާ
ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ވިރާސީ ބަހާ އަކީ
:"އެޕޯލައިޕޯޕްރޮޓީން އީ4"(APOE) އެވެ. އަލްޒައިމާ ބަލި ހުންނަ މީހުންގެ ސިކުނޑީގައި "ޕްލޭކް"(plaque) އަދި
"ޓޭންގްލް"(tangle) ތައް ކިޔާ ޣައިރު ތަބީޢީ ޕްރޮޓީން ތައް ހުރެއެވެ. ސިކުނޑީގައި
ހުންނަ ޕްލޭކް އަކީ ބީޓާ އަމައިލޮޑް ޕްރޮޓިން(beta amyloid protein) ބޮޑިވަރެކެވެ. ޓޭންގްލް އަކީ "ޓޯ
ޕްރޮޓީން"(tau
protein) އިން އުފެދިފައިވާ ފައިބަރީ
ބޮޑިވަރެކެވެ.
(ށ) ވެސްކިޔުލަރ ޑިމެންޝިއާ (vascular
dementia): ވެސްކިޔުލަރ ޑިމެންޝިއާ ކުރިމަތިވަނީ ސިކުނޑީގެ ލޭހޮޅިތައް
ބެދުން އަދި ސިކުނޑީގައި ލޭހޮޅިތަކަށް ލޮލަށް ނުފެންނަށް ވަރަށް ކުޑަކޮށް
ލޭފޭބުމުންނެވެ. ނޫނީ ލޭބޭރުވެ ލީކުވުމުންނެވެ. ޑިމެންޝިއާގެ ވައްތަރު ތަކުގެ
ތެރެއިން ދެވަނަ އަށް އެންމެ އާންމު ވައްތަރަކީ މިއީ އެވެ. (އަލްޒް.އޯރގް، 2024). އެހެންގޮތަކަށް
ބުނާނަމަ ވެސްކިޔުލަރ ޑިމެންޝިއާ ކުރިމަތިވަނީ ސިކުނޑިއަށް ލޭފޮނުވައިދޭ
ލޭހޮޅިތަކަށް ގެއްލުންވުމުންނެވެ. ލޭހޮޅިތަކަށް ދިމާވާ މައްސަލަތައް މިސާލަކަށް
ސްޓްރޯކްޖެހުން ފަދަ ކަންކަމުގެ ސަބަބުން ސިކުނޑީގައި ހުންނަ ވައިޓް މެޓަރ
ފައިބަރުތަކަށް ގެއްލުން ލިބެއެވެ (މެޔޯކްލިނިކް، 2024). ވެސްކިޔުލަރ ޑިމެންޝިއާ
ގެ އެންމެ އާންމު ތަކުގެ ތެރޭގައި ނަގައިގަތުމުގައި ލަސްކަމެއް ނޫނީ ވިސްނުމުގައި
ލަސްކަމެއްހުރުން، މައްސަލަ ހައްލުކުރަން އުދަނގޫވުން، އޯގަނައިޒްކުރުމާއި،
ކަންކަމަށް ފޯކަސް ނުކުރެވުން ފަދަ ކަންތައްތައް ހިމެނެއެވެ. ހަދާންނުހުރުމަށްވުރެ
މިކަންކަން ވެސްކިޔުލަރ ޑިމެންޝިއާގައި ފާހަގަވާނެ އެވެ (މެޔޯކްލިނިކް، 2024).
(ނ) ލެވީ ބޮޑީ ޑިމެންޝިއާ (Lewy body
dementia): ލެވީ ބޮޑީ އަކީ "ފުއްޕާހަމެއްގެ ސިފަޔަށް" އޮންނަ ޕްރޮޓީން
ބޮޑިވަރެކެވެ. ލެވީ ބޮޑީ ޑިމެންޝިއާ، އަލްޒައިމާ ޑިޒީޒް އަދި ތުރުތުރުއަޅާ ބަލި
ހުންނަ މީހުންގެ ސިކުނޑިން މިވައްތަރުގެ ޕްރޮޓީން ހޯދިފައި ވެއެވެ. ޑިމެންޝިއާގެ
އާންމު ވައްތަރުތަކުގެ ތެރޭގައި ލެވީ ބޮޑީ ޑިމެންޝިއާ ހިމެނެއެވެ. ލެވީ ބޮޑީ
ޑިމެންޝިއާގެ އަލާމާތްތަކުގެ ތެރޭގައި ކުރެވޭ ކަމެއް ނޭނގޭހެން ކަންކަން ކުރުން،
ނުފެންނަ އެއްޗެހި ނޫނީ އަސްލުގައި ނެތް އެއްޗެހި ހުންނަކަމަށް ވުން ނޫނީ ފެނުން
ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ކަންކަމަށް ފޯކަސް ނުކުރެވުން،
ސަމާލުކަން ދޭން ދަތިވުން، ހަރަކާތްތައް ލަސްވުން ނޫނީ ހަރަކާތްތަކުގައި
ވިލަރެސްކަމެއް ނުހުރުން، ތުރުތުރުއެޅުން އަދި މަސްތައް ހަރުއެރުން ފަދަ
ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް،
2024).
(ރ) ފްރަންޓޯޓެމްޕޯރަލް
ޑިމެންޝިއާ (frontotemporal
dementia): މިއީ ސިކުނޑީގެ އަރިމަތީބައި (ޓެމްޕޯރަލް ލޯބް) އަދި
ކުރިމަތީ ބައި (ފްރަންޓަލް ލޯބް) ގައި ހިމެނޭ ނާރު ދިރު ތަކާއި އެ ދިރުތަކުގެ
ދެމެދުގައިވާ ގުޅުން ކެނޑި ހަލާކުވުމުން ދިމާވާ ބަލިތަކެކެވެ. ނޫނީ ދިމާވާ
ބަލިތަކެއްގެ ސަބަބުން ކުރިމަތިވާ ޑިމެންޝިއާ އެވެ. ސިކުނޑީގެ ބަޔާންކުރެވުނު
ހިސާބުތަކަކީ މީހާގެ ޝަޚްޞިއްހަތު(personality)
އަދި އުޅުމާއި ސުލޫކު(behavior) އަދި
ބަސްމޮށުންތެރިކަން(language)
ފަދަ ކަންކަމަށް ޒިންމާވާ ހިސާބުތަކެވެ. އާންމު
އަލާމާތްތަކުގެ އަސަރު ފެންނަނީ މީހާގެ ޝަޚްޞިއްޔަތު ނޫނި މިޒާޖު، އުޅުމާއި
ސުލޫކު، ކަންކަމުގެ ގޮތް ނިންމުން، ވިސްނުން، ބަސްމޮށުންތެރިކަން އަދި
ހަރަކާތްތައް ފަދަ ކަންކަމުގެ ތެރެއިންނެވެ (މެޔޯކްލިނިކް، 2024).
(ބ)
މިކްސްޑް ޑިމެންޝިއާ (mixed
dementia): މިއީ ތަފާތު ވައްތަރުތައް އެއްވުމުން ތަހައްމަލުކުރަންޖެހޭ
ޑިމެންޝިއާ އެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024). ޑިމެންޝިއާ ހުރި
އުމުރުން 80 އަހަރުން މަތީގެ މަރުވެފައިވާ މީހުންގެ ސިކުނޑިން އުޓޯޕްސީ ހެދުމުން
ފާހަގަވި ގޮތުގައި ވަރަށް ގިނަ މީހުންގެ ސިކުނޑީގައި އެކި ވައްތަރުގެ
ޑިމެންޝިއާގައި ފެންނަ ކަންކަން ފާހަގަވާން ހުއްޓެވެ. އެހެންކަމުން މިކްސްޑް
ޑިމެންޝިއާ ހުންނަ މީހުންގެ ކިބައިގައި އަލްޒައިމާ ބަލި، ވެސްކިޔުލަރ ޑިމެންޝިއާ،
އަދި ލެވީ ބޮޑީ ޑީމެންޝިއާގައި ފާހަގަވާ ކަންކަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ
(މެޔޯކްލިނިކް، 2024).
ރަނގަޅުކުރެވޭ ޑިމެންޝިއާ ކުރިމަތިވާ
ބައެއް ސަބަބުތަކުގެ ތެރޭގައި ބޭނުންކުރާ ބޭޙަކުން ކުރިމަތިވާ ނޭދެވޭ އަސަރެއްގެ
ގޮތުން ޑިމެންޝިއާ ކުރިމަތިވުން، ސިކުނޑީގައި ފެންއުފެދުން، ވިޓަމިން ބީ މަދުވުން
ނޫނީ ދަށްވުން ، ތައިރޮއިޑް ހޯރމޯން ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ޑިމެންޝިއާ ޝައްކުކުރެވޭނަމަ މިކަންކަމަށް ޓެސްޓު ކުރުމަކީ މުހިއްމު ކަމެކެވެ
(އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
މީގެ އިތުރުން ޑިމެންޝިއާ ކުރިމަތިވެދާނެ
އެހެން ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ސްޓްރޯކްޖެހުން
·
އެއިޑްސް ފަދަ އިންފެކްޝަންތައް ޖެހުން
·
މާގިނައިން ބަނގުރާ ބޭނުންކުރުން
·
ތަކުރާރުކޮށް ސިކުނޑިއަށް ގެއްލުންވުން ނޫނީ އަނިޔާވުން
·
ނިއުޓްރިޝަނަލް ޑެފިސިއެންސީ ތައް (ޑަބްލިޔޫއެޗްއޯ، 2023).
އަލާމާތްތައް
އާންމު ގޮތެއްގައި ހަދާން ބަލިވާން
ފެށުމުގެ ކުރިން ވެސް އުޅުމާއި ސުލޫކަށް ބަދަލުތައް އަންނަށް ފަށައެވެ.
އަލާމާތްތައް ދުވަސްވަމުން ދާ ވަރަކަށް ގޯސްވަމުންދެއެވެ. ޑިމެންޝިއާ ހުންނަ ގިނަ
މީހުންނަށް ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް އެހެން މީހުންގެ އެހީތެރިކަން
ބޭނުންވެއެވެ (ޑަބްލިޔޫއެޗްއޯ، 2023).
ކުރީކޮޅު ފެނިދާނެ
އަލާމާތްތަކާއި ފާހަގަވެދާނެ ނިޝާންތައް ނޫނީ ކަންތައްތައް
·
އެއްޗެހި ހަދާން ނުހުރުން، މިފަހުން ވީ ކަންކަން ވެސް
ހަދާންނުހުރުން
·
އެއްޗެހި ބެހެއްޓުނު ތަނެއް ނޭނގުން ނޫނީ ހަދާން ނުހުރުން
·
ހިނގާލަން ނުކުމެ އުޅޭއިރު ނޫނީ ދުއްވާލަން ނިކުމެ
އުޅެނިކޮށް މަގުއޮޅި ގެއްލުން
·
އާންމުކޮށް ދެކެ ފަރިތަ ތަންތަން ވެސް ނޭނގި އޮޅުން
·
ވަގުތު ދެނެގަންނަށް ނޭނގުން
·
ދައްކާ ވާހަކަ ދޭހަނުވުން ،ނޫނީ ވަކި ބަހެއް ބުނަން
ނޭނގިގެން ނޫނީ ހަދާން ނުވެގެން އުޅުން
·
ކުރިން ފަރިތަކަމާއެކު ކުރަމުން އައި ކަންކަން ވެސް ކުރަން
ނޭނގުން
·
ހާމައަށް ފެންނަށް ހުންނަ ތަކެތި ހުރި ދުރުމިން ބުނެދޭން
ނޭނގުން (ޑަބްލިޔޫއެޗްއޯ، 2023).
އުޅުމާއި ސުލޫކަށް އާންމުކޮށް
އަންނަ ބަދަލުތައް
·
ހަދާން ބަލިވާތީ، އެކަމާ ކަންބޮޑުވެ، ނުތަނަވަސްވެ،
ދެރަވެ، ހިތްހަމަނުޖެހުން
·
މިޒާޖަށް ނޫނީ ޝަޚްޞިއްޔަތަށް ބަދަލުއައުން
·
އުޅުމަށް ބަދަލުއައުން މިސާލަކަށް ނޭންގާނީ ކަންކަން
ކުރުން
·
އިޖުތިމާޢީ ހަރަކާތްތަކުން ނޫނީ މަސައްކަތުން އެކަހެރިވުން
·
އެހެން މީހުންގެ އިހުސާސްތަކާ ޖަޒުބާތުތަކަށް ހުންނަ
ޝައުގުވެރިކަން ކުޑަވުން (ޑަބްލިޔޫއެޗްއޯ،
2023).
މާ އަވަހަށް ހަދާންބަލިވާން ފެށުމާއި،
ވިސްނުމުގެ އުނިކަން ނުވަތަ ވިސްނުމުގެ ކުޅަދާނަކަން ދަށްވުމަށް "މައިލްޑް
ކަގްނިޓިވް އިމްޕެއަރމެންޓް"(mild
cognitive impairment) އޭ ކިޔައެވެ. އާންމު ގޮތެއްގައި މައިލްޑް
ކަގްނިޓިވް އިމްޕެއަރމެންޓްގެ އަލާމާތްތައް ތަރައްގީވެ، ކުރިއަރައި ބަދަލުވަނީ
ޑިމެންޝިއާ އަށެވެ. އަދި މިހާލަތުގައި ފެންނަ އަލާމާތްތައް ތަފާތުވުމަކީ
އެކަށީގެންވާ ކަމެވެ. އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި:-
·
ވަރަށް ފަހު ހިނގި ކަންކަން ވެސް ހަދާން ނުހުރުން
·
ޕާރސް ނޫނީ ވޮލެޓް ބޭއްވުނު ތަން ނޭނގިގެން އުޅުން
·
ގޭގެ މަހު ބިލްތައް އަދާކުރުމަށް ދަތިވުން
·
ކެއިންބުއިމުގެ ކަންކަން ރާވައި، ތައްޔާރުކުރަން ނޭނގުން
·
އެޕޮއިންޓްމެންޓް ފަދަ ކަންތައްތައް ހަދާންނުހުރުން
·
އާންމުކޮށް ގޮސް އުޅޭ ހިސާބު ނޫން ހިސާބުތަކަށް ދެވި
ގެއްލިގެން އުޅުން (އަލްޒް.އޯރގް، 2024).
ޑިމެންޝިއާ އަކީ މަޑުމަޑުން އުފެދި
ތަރައްގީވަމުން އަންނަ ހާލަތެކެވެ. މާނައަކީ "ކަގްނިޓިވް
އިމްޕެއަމެންޓް" ގެ އަލާމާތްތައް މަޑުމަޑުން ފެންނަށް ފަށައި،
ދުވަސްވާވަރަކަށް ގޯސްވެގެން "ޑިމެންޝިއާ" އަށް ބަދަލުވެއެވެ
(އަލްޒް.އޯރގް، 2024).
ޑިމެންޝިއާ ކުރިމަތިވި ސަބަބަށް
ރިޢާޔަތްކޮށް ބަލީގެ އަލާމާތްތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމުކޮށް
ފެންނަ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ
(މެޔޯކްލިނިކް، 2024).
ވިސްނުމާއި ބުއްދިއަށް އަންނަ
ބަދަލުތައް
·
ހަދާންނުހުރުން: މިކަން އާންމުކޮށް ފާހަގަވާނީ އެހެން
މީހުންނަށެވެ.
·
މުއާމަލާތް ކުރުމުގައި އުދަނގޫވުން މިސާލަކަށް ވަކި ބަހެއް
ހަދާންނުހުރުން
·
ތަންތަނާއި ވަގުތު އޮޅުން އެރުން : ދުއްވަމުން ނޫނީ
ހިނގަމުން ގޮސް ދެވޭ ތަނެއް ނޭނގި ގެއްލުން
·
މައްސަލަތައް ހައްލުކުރަން އުދަނގޫވުން
·
އުދަނގޫ ކަންކަން ހައްލުކުރަން ނޭނގުން ނޫނީ އުދަނގޫވުން ނޫނީ
ދަތިވުން
·
ކަންކަން ރާވައި ހިންގަން ދަތިވުން
·
ހަރަކާތްކުރުމުގައި ވިލަރެސްކަމެއް ނުހުރުން
·
ވާނުވާ ނޭގުން އަދި ކަންކަމުގައި ރަނގަޅު ގޮތް ނިންމަން
ނޭނގިގެން އުޅުން (މެޔޯކްލިނިކް، 2024).
ސައިކޮލޮޖިކަލް ބަދަލުތައް
·
ޝަޚްޞިއްޔާ މިޒާޖަށް ބަދަލުއައުން
·
މާޔޫސްވެ މޮޅިވެރިވެ ދެރަވުން (ހިތާމަކުރުމުގެ ބަލި
ކުރިމަތިވުން)
·
ހާސްވެ ކަންބޮޑުވެ ނުތަނަވަސްވުން
·
ނުއެކަށޭނަ އުޅުމާއި ސުލޫކު ފާހަގަވުން
·
އަބަދު ޝައްކެއްގައި ހުރުން
·
ވުޖޫދުނުވާ އެއްޗެހި ފެނުން (މެޔޯކްލިނިކް، 2024).
ދިވެހިރާއްޖޭގެ އަލްޒައިމާ ސޮސައިޓީ އިން
2024 ވަނަ އަހަރު ނެރެފައިވާ ލީފްލެޓެއްގައި ބަޔާންކޮށްފައިވާ " ޑިމެންޝިއާ
އަށް ސަމާލުވާންޖެހޭ 10 އަލާމާތް" ތިރީގައި މިވަނީ އެވެ. (އަލްޒައިމާ
ސޮސައިޓީ، ދިވެހިރާއްޖެ، 2024).
(1) ހަދާން ނެތުމުގެ ސަބަބުން
އާދަވެ ކުރާ ކަންކަމަށް ނޭދެވޭ އަސަރުކުރުން : ޚާއްޞަކޮށް ކުރީކޮޅު އެންމެ އާންމުކޮށް ދިމާވާ ކަންކަމުގެ
ތެރޭގައި އަލަށް ދަސްވެފައި ހުންނަ ކަންކަމާއި މަޢުލޫމާތު ހަދާންނެތުން، މުހިއްމު
ތާރީޚްތަކާއި ހާދިސާތައް ހަދާން ނެތުން، އެއް ސުވާލެއް ތަކުރާރުކުރުން، ކަންކަން
ހަދާންކުރުމަށް އިތުރު ވަޞީލަތްތަކަށް (މިސާލަކަށް ކަރުދާސް އަދި ފޯނު ފަދަ
އިލެކްޓްރޯނިކް ވަޞީލަތްތައް) ބަރޯސާވުން،
ނުވަތަ އާންމުކޮށް އަމިއްލައަށް ކޮށްއުޅުނު ކަންކަން ކުރުމަށް އެހެން މީހުންނަށް
ބަރޯސާވާންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ (އަލްޒައިމާ ސޮސައިޓީ،
ދިވެހިރާއްޖެ، 2024).
(2) ކަންކަން ރޭވުމަށާއި،
ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ގޮންޖެހުން ކުރިމަތިވުން : ކަމެއް ރޭވުމާއި، އަދި އެ ރޭވިކަމެއް ތާވަލާއި އެއްގޮތަށް
ކުރުމާއި، ނުވަތަ ހިސާބު ނަންބަރުތައް ޝާމިލްވާ ކަންކަމުގައި ދަތިތަކާ
ކުރިމަތިލާން ޖެހުމަކީ ބައެއް މީހުން ތަޖުރިބާކޮށްފައިވާ ކަންކަމެވެ. އާންމުކޮށް
ތައްޔާރުކޮށް އުޅުނު ކެއްކުންތައް ކައްކާ އުޅުމަށް ދަތިވުމާއި، މަހުންމަހަށް
އަދާކުރަންޖެހޭ ބިލްތަކަށް ފަރުވާތެރިކަން ނުދެވުމަކީ ވެދާނެ ގޮތެކެވެ. ކަންކަމަށް
ސަމާލުކަން ދިނުމަށް ދަތިވުން، ކަންކަން ކުރުމަށް އާންމުކޮށް ހޭދަކުރި ވަގުތަށްވުރެ
ގިނައިރު ހޭދަކުރުމަކީ ވެދާނެ ގޮތެކެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ،
2024).
(3) ފަރިތަކަމާއެކު ކޮށްއުޅުނު
ކަންކަން ކުރުމަށް ދަތިވުން : އާންމުކޮށް
ކޮށްއުޅޭ ކަންކަން ފުރިހަމަކުރުމަށް ދަތިވުން، ފަރިތަކަމާއި ދަތުރުފަތުރު ކޮށް
އުޅުނު ތަންތަނަށް ގޮސްއުޅުމާއި، ގެޔަށް ގަނެ އުޅޭ ތަކެތީގެ ލިސްޓު ހެދުމާއި،
ގަޔާވާ ކުޅިވަރުތަކުގެ ގަވާޢިދު ހަދާން ބެހެއްޓުން ފަދަ ކަންކަމަކީ މިފަދަ
ފަރާތްތަކަށް ބައެއް ފަހަރު ދަތިވާ ކަންކަމެވެ(އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ،
2024).
(4)
ވަގުތު ތަކާއި ތަންތަން އޮޅުންއެރުން : ތާރީކްތަކާއި،
މޫސުން ތަކާއި، ހޭދަވާ ވަގުތުތައް އޮޅުންބޮޅުންވުން ، ވޭވޭހުންނަ ކަމެއް މެނުވީ
ދޭހަނުވުން، ހުރެވޭ ތަން ނޭނގުން، އަދި އެތަނަކަށް ދެވުނު ގޮތް ހަދާން ނެތުމަކީ
ބައެއް ފަހަރު ދިމާވާ ކަންކަމެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
(5) ފެންނަ މަންޒަރުތައް
ސިފަކުރުމަށާއި، ދުރުގާތްކަން ވަޒަންކުރަން ދަތިވުން : ފެނުމުގައި މައްސަލަތައް ހުރުމަކީ ބައެއް މީހުންގެ
ކިބައިގައި ހުރެދާނެ އަލާމާތެކެވެ. އެފަދަ މީހުންނަށް ދުރު ގާތްކަން
ވަޒަންކުރުމާއި، ކުލަތަކުގެ ފަރަގު ވަކިކުރަން ވެސް ދަތިވެއެވެ. އޭގެ ސަބަބުން
އުޅަނދު ފަހަރު ދުއްވާ އުޅެން ދަތިވެއެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ،
2024).
(6) މުއާމަލާތްކޮށް އުޅުމަށް
ދަތިވުން: ދެކެވޭ ވާހަކަޔަށް
ސަމާލުކަން ނުދެވުމާއި، ވާހަކައިގެ މެދުތެރެއިން ހުއްޓުން އެރުން އަދި
ވާހަކަޔައިގެން ކުރިޔަށް ދާން ނޭނގުން، ތަކުރާރުކޮށް އެއް ވާހަކަ އެއް ދެއްކުން
އަދި ފަރިތަ އެއްޗަކަށް ނޫނީ މީހަކަށް ތަފާތު ނަމަކުން މުޚާތަބުކުރުން ފަދަ
ކަންކަމަކީ ބައެއް ފަހަރު ދިމާވާ ދަތިތަކެކެވެ (އަލްޒައިމާ ސޮސައިޓީ،
ދިވެހިރާއްޖެ، 2024).
(7) ގެންގުޅޭ ތަކެތި
ބެހެއްޓުނު ތަން ހަދާންނެތުން : ގެންގުޅޭ
ތަކެތި އާދައިގެ މަތިން ބަހައްޓާ ތަންތަން ނޫން ތަންތަނުގައި ބެހެއްޓެއެވެ.
ގެންގުޅޭ ތަކެތި ގެއްލުން، އަދި އެތަކެތި ބެހެއްޓުނު ތަން ހޯދަން ނޭނގުމަކީ ވެދާނެ
ގޮތެކެވެ. އެތަކެތި ގެއްލުމުން އެހެން މީހުންގެ ބޮލުގައި އެތަކެތި ނެގި ކަމުގެ
އިލްޒާމު އެޅުވުން އަދި ޚާއްޞަކޮށް މިކަންކަން ބޮޑުވާވަރަކަށް މިފަދަ ކަންކަން
ހިނގުމަކީ ދިމާވެދާނެ ކަންކަމެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
(8) ރަނގަޅު ނޫން ނުވަތަ
ބަލިކަށި ނިންމުންތައް ނިންމުން : ކަންކަން
ދެނެގަތުމުގައި ނުވަތަ ނިންމުމެއް ނިންމަންޖެހޭ ހިނދު، ތަފާތު ތަޖުރިބާތަކެއް
ކުރެވެއެވެ. މިސާލަކަށް ފައިސާގެ މުއާމަލާތް ކުރުމުގައި އެންމެ ފައިދާހުރި
ގޮތްތައް އިޚްތިޔާރު ނުކުރެވޭގޮތް ވެއެވެ. އަމިއްލަ ނަފުސަށް އަޅާލުން ކުޑަވުން،
ނުވަތަ ސާފުތާހިރުކަމަށް އަހައްމިއްޔަތުކަން ނުދެވުން ފަދަ ކަންތައްތައް
ދިމާވެއެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
(9) ކުރާ މަސައްކަތާ ނުވަތަ
އިޖުތިމާޢީ ކަންކަމާ ދުރުހެލިވުން : ކުރެވޭ
މުއާމަލާތްތައް ކުރިޔަށް ނުގެންދެވުމާއި، ދެކެވޭ ވާހަކަތަކަށް ސަމާލުކަން
ނުދެވޭގޮތް ވެއެވެ. ނަތީޖާއަކަށް ވަނީ އެންމެ ކުރާ ހިތުން ކޮށްއުޅުނު ކަންކަމާ،
އިޖުތިމާއީ ހަރަކާތްތަކަށް ނުވަތަ އެހެނިހެން އެއްވުންތަކާ، ބައްދަލުވުންތަކާ ވެސް
ދުރުހެލިވެއެވެ. ތާއީދުކުރާ ޓީމާ ވާނުވާ ގޮތާއި، އެންމެ ގަޔާވާ ހަރަކާތްތައް
ދާނުދާ ގޮތް ބެލުމަށް ދަތިތައް ކުރިމަތިވުން ފަދަ ކަންކަމަކީ ބައެއް ފަހަރު ދިމާވާ
ކަންކަމެވެ (އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
(10) މިޒާޖު ތަފާތުވުން ނުވަތަ
މީހާގެ އުޅުމަށް ބަދަލުއައުން : ގޭގައި
އުޅޭއިރު މަސައްކަތުގެ މާހައުލުގައި ރަހުމަތްތެރިންނާއެކު އުޅޭއިރު ނުވަތަ
ހިތަށްފަހި އަމިއްލަ މާހައުލުން ބޭރުގައި އުޅޭއިރު މިޒާޖަށާއި، މީހާގެ އުޅުމަށް
ބަދަލުތަކެއް އައުމަކީ ތަޖުރިބާކޮށްދާނެ ކަންކަމެވެ (އަލްޒައިމާ ސޮސައިޓީ،
ދިވެހިރާއްޖެ، 2024).
ދިމާވެދާނެ ނުރައްކާތައް
ޑިމެންޝިއާގެ ސަބަބުން ހަށިގަނޑުގެ
ވަރަށް ގިނަ ބައިތަކަށް އަސަރުކުރެއެވެ. އަދި އެކަމުގެ ސަބަބުން ތަފާތު
ނުރައްކާތަކާ ދިމާވެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2024).
·
ރަނގަޅުކާނާ ނުލިބުން : ޑިމެންޝިއާ ހުންނަ ވަރަށް ގިނަ މީހުން ކެއުމާއި
ދުރުވެއެވެ. ނޫނީ ކެއުން މަދުކުރެއެވެ. އޭގެ ނަތީޖާއެއްގެ ކެއުމުގެ ތެރެއިން
ހަށިގަނޑަށް ބޭނުންވާ ކާނާގެ މުހިއްމު ބައިތައް ލިބުން މަދުވެއެވެ. އާޚިރު
ނަތީޖާއެއްގެ ގޮތުން ކާތަކެތި ހެފުމާއި، ކާތަކެތި ދިރުވަން އުދަނގޫވާގޮތް ވެއެވެ
(މެޔޯކްލިނިކް، 2024).
·
ނިއުމޯނިޔާ ކުރިމަތިވުން : ކާތަކެތި ދިރުވަން އުދަނގޫވުމަކީ ކޮށިއަރައި، ކާތަކެތި
އަރުތެރޭގައި އަޅައިގަނެ ތާށިވުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ. އަދި މިގޮތަށް
ކާތަކެތި ކާއިރު ކޮށިއަރައި ތާށިވުމަކީ ކާތަކެތި ފުއްޕާމެޔަށް ދިއުމުގެ ފުރުޞަތު އިތުރުވާނެ
ކަމެކެވެ. އެގޮތުން ކާތަކެތި ނޫނީ ދިޔާތަކެތި ކެއިންބުއިމުގެ ތެރެއިން
ފުއްޕާމެޔަށް ދިއުމަކީ ނިއުމޯނިޔާ ކުރިމަތިވެ، ނޭވާލާން ދަތިވާނެ ކަމެކެވެ
(މެޔޯކްލިނިކް، 2024).
·
އަމިއްލަ ނަފުސަށް އަޅާލުމަށް ކުރަންޖެހޭ
ކަންތައްތައް ނުކުރެވުން : ޑިމެންޝިއާގައި
ގިނަ ދުވަސްވުމުން ބައެއް މީހުންނަށް އަމިއްލަ ނަފުސަށް އަޅާލުމަށްޓަކައި
ކުރަންޖެހޭ ކަންތައްތައް (މިސާލަކަށް ފެންވެރުން، ދަތްއުގުޅުން، ފުނާއެޅުން،
ހެދުންއެޅުން ފަދަ ކަންތައްތައް ) ފުރިހަމަކުރަން ނޫނީ އަދާކުރަން އުދަނގޫވެއެވެ.
އަދި ފާޚާނާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ކަންކަން ފުރިހަމަކުރުމުގައި އެހެން
މީހުންގެ އެހީތެރިކަން ހޯދަންޖެހެއެވެ (މެޔޯކްލިނިކް، 2024).
·
އަމިއްލަ ސަލާމަތަށް ގޮށްޖެހުންތައް ހުރުން ނޫނީ
ކުރިމަތިވުން : ޑިމެންޝިއާ ހުންނަ މީޙުން
ދިރިއުޅުމުގައި ފުރިހަމަކުރަންޖެހޭ ބައެއް ކަންތައްތަކުގެ ތެރެއިން އަމިއްލަ
ނަފުސު ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. މިފަދަ ކަންތައްތަކުގެ
ތެރޭގައި އުޅަނދެއް ދުއްވުން، ހިނގުން، ކެއްކުން އަދި އެކަނި ދިރިއުޅުން ފަދަ
ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2024).
·
މަރުވުން : ހޭނެތި މަރުވުމަކީ ޑިމެންޝިއާގެ އެންމެ ފަހު މަރުހަލާގައި
މަދުން ނަމަވެސް ދިމާވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި މިހެން ދިމާވަނީ
ކުރިމަތިވާ އިންފެކްޝަންގެ ސަބަބުންނެވެ (މެޔޯކްލިނިކް، 2024).
ދެނެގަތުން
ޑިމެންޝިއާ ދެނެގަތުމަށްޓަކައި
ބަލިމީހާގެ ކިބައިން އެއްކުރެވޭ މައުލޫމާތުތަކާއި، ބަލިމީހާއަށް ކުރިމަތިވެފައިވާ
އުދަނގޫތައް އަދި ބަލިމީހާގެ ހަށިގަނޑު ބަލައި ހަދައިގެން ފާހަގަވާ ކަންތައްތަކަށް
ރިއާޔަތް ކުރެވެއެވެ. ބައެއް ފަހަރު ބަލިމީހާގެ ކިބައިގައި ހުންނަ އުދަނގޫތައް
ދެނެގަތުމަށް އެކުގައި އުޅޭ ގާތް މީހުންގެ ކިބައިން ވެސް މައުލޫމާތުތައް އަހައި
އޮޅުން ފިލުވަން ޖެހިދާނެ އެވެ. ވަކި އެންމެ ޓެސްޓެއް ހަދައިގެން ޑިމެންޝިއާ
ދެނެގަނެވޭނެ ގޮތެއް އަދި ނެތެވެ. ބަލި ދެނެގަތުމަށްޓަކައި ތަފާތު ޓެސްޓުތައް
ހަދަން ޖެހިދާނެ އެވެ (މެޔޯކްލިނިކް، 2024).
ކަގްނިޓިވް
ނިއުރޯސައިކޮލޮޖިކަލް ޓެސްޓުތައް
މިއީ ވިސްނުމުގެ ގާބިލްކަން ދެނެގަތުމަށް
ނޫނީ ބެލުމަށް ހެދޭ ޓެސްޓުތަކެކެވެ. ތަފާތު ޓެސްޓުތަކުން ވިސްނުމުގެ ހުނަރުތައް
ދެނެގަނެވިދާނެ އެވެ. އެގޮތުން ބަލިމީހާގެ ކިބައިގައި ހުރި މިންވަރު ބެލުމަށް
ދެނެގަނެވޭ ވިސްނުމުގެ ހުނަރުތަކުގެ ތެރޭގައި ހަދާން، ހޭވެރިކަން، ގޮތްނިންމުން،
ބަސްމޮށުންތެރިކަން، އަދި ސަމާލުކަން ދިނުން ފަދަ ހުނަރުތައް ހިމެނެއެވެ
(މެޔޯކްލިނިކް، 2024).
ނިއުރޮލޮޖިކަލް އިވެލުއޭޝަން
ނިއުރޮލޮޖިކަލް އިވެލުއޭޝަންގެ ތެރެއިން
ބަލިމީހާގެ ހަދާން، ބަސްމޮށުންތެރިކަން، ސަމާލުކަންދިނުން، ފެނުން، އަޑުއިވުން،
މައްސަލަ ހައްލުކުރުން، ހަރަކާތް، އިހުސާސް، ހަމަހިފެހެއްޓުން، އަދި ހަށިގަނޑުގެ
ރިފްލަކްސްތައް ބެލުން ފަދަ ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2024).
ސިކުނޑީގެ ސްކޭން ހެދުން
·
ސިކުނޑީގެ ސީޓީ ސްކޭން ނުވަތަ އެމްއާރުއައި
ހެދުން : މި ޓެސްޓުތަކުގެ އެހީގައި
ސިކުނޑީގައި ގަނޑުލޭކޮޅެއްހުރުން، ޓިއުމަރެއް ހުރުން، ފެންހެދިފައި ހުރުން ފަދަ
ކަންތައްތައް ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް، 2024).
·
ޕެޓް ސްކޭން ހެދުން : މިސްކޭންގެ އެހީގައި ސިކުނޑީގެ ތެރޭގައި ހިނގާ
ހަރަކާތްތަކުގެ ޕެޓާރން ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ސިކުނޑީގައި
އަމައިލޮއިޑް ޕްރޮޓީން ނޫނީ ޓައު ޕްރޮޓީން ހަރުލާފައި ހުރިތޯ ބެލޭނެ އެވެ. މިބުނި
ޕްރޮޓީން ތަކަކީ ޑިމެންޝިއާގެ ވައްތަރުތަކުގައި ސިކުނޑީގައި ހަރުލާކަމަށް
ހޯދިފައިވާ ޕްރޮޓީން ތަކެކެވެ (މެޔޯކްލިނިކް، 2024).
ލެބޯޓަރީ ޓެސްޓުތައް
ލެބޯޓަރީ ޓެސްޓުތަކުގެ ތެރެއިން ލޭގެ
ޓެސްޓުތައް ހަދައިގެން ހަށިގަނޑުގައި ތަފާތު ވިޓަމިން ތައް ހުންނަ މިންވަރު،
ތައިރޮއިޑް ހޯރމޯންގެ މިންވަރު އަދި މީގެ އިތުރުން ވެސް ހަށިގަނޑުގައި ހުންނަ
ތަފާތު މުހިއްމު މާކަރުތައް ހުރި މިންވަރު ދެނެގަނޭވެނެ އެވެ (މެޔޯކްލިނިކް،
2024).
ސައިކެޓްރިކް އިވެލުއޭޝަން
ސައިކެޓްރިކް އިވެލުއޭޝަންގެ ތެރެއިން
ޑިމެންޝިއާ އަށް މަގުފަހިކޮށްދާނެ ފަދަ ހާލަތެއް މިސާލަކަށް ޑިޕްރެޝަން ފަދަ
ކަމެއް ހުރިތޯ ނުވަތަ ނެތްތޯ ބަލައި ކަށަވަރު ކުރެވޭނެ އެވެ (މެޔޯކްލިނިކް،
2024).
ފަރުވާ
ޑިމެންޝިއާ އަށް ވަކި ޚާއްޞަ ފަރުވާއެއް
ނޯވެއެވެ. ނަމަވެސް ޑިމެންޝިއާ ހުންނަ މީހުންނާއި، އެމީހުން ބަލަހައްޓާ މީހުންނަށް
އެއްބާރުލުންދީ، ދިރިއުޅުން ފާގަތިކުރުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް
ހުރެއެވެ (ޑަބްލިޔޫއެޗްއޯ، 2023).
ޑިމެންޝިއާ ހުންނަ މީހުން އެމީހުންގެ
ދުޅަހެޔޮކަން އިތުރުކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ
(ޑަބްލިޔޫއެޗްއޯ، 2023).
·
ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ، ހެލިފެލިވެއުޅުން
އިތުރުކުރުން
·
ގަވާޢިދުން ކަސްރަތުކުރުން
·
އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުން
(ޑަބްލިޔޫއެޗްއޯ، 2023).
މީގެ އިތުރުން ޑިމެންޝިއާއި ގުޅިގެން
ކުރިމަތިވާ އުދަނގޫތަކަށް ލުއިކަން ހޯދުމަށް ބައެއް ވައްތަރުގެ ބޭސްތައް ބޭނުން
ކުރެވެއެވެ. އެގޮތުން ބޭނުންކުރެވޭ ބައެއް ބޭސްތައް ތިރީގައި މިވަނީ އެވެ (ޑަބްލިޔޫއެޗްއޯ،
2023).
·
ކޮލިނެސްޓިރޭޒް އިންހިބިޓަރސް (cholinesterase
inhibitors): މިސާލަކަށް ޑޮނެޕެޒިލް ފަދަ ބޭސްތައް އަލްޒައިމާ ބައްޔަށް
ފަރުވާކުރުމަށް ބޭނުންކުރެއެވެ.
·
އެން-މީތައިލް-ޑީ- އެސްޕަރޓޭޓް އެންޓަގޮނިސްޓް (N-methyl-D-aspartate
antagonist): މިސާލަކަށް މިމެންޓައިން ފަދަ ބޭސްތައް އަލްޒައިމާ ބަލި
އަދި ވެސްކިޔުލަރ ޑިމެންޝިއާ އަށް ފަރުވާކުރުމުގައި ބޭނުންކުރެވެއެވެ (ޑަބްލިޔޫއެޗްއޯ،
2023).
·
ލޭމައްޗަށްދިއުން އަދި ސަރުބީމަތިވުން
ކޮންޓްރޯލްކުރާ ބޭސްތައް: މިފަދަ
ބޭސްތަކަކީ ވެސްކިޔުލަރ ޑިމެންޝިއާގެ ސަބަބުން ސިކުނޑިއަށް އިތުރަށް ގެއްލުންވިޔަ
ނުދިމަށް ދީއުޅޭ ބޭސް ތަކެކެވެ (ޑަބްލިޔޫއެޗްއޯ، 2023).
·
ސިލެކްޓިވް ސިރޮޓަނިން ރިއަޕްޓޭކް އިންހިބިޓަރސް
(Selective
serotonin reuptake inhibitors): ޑިމެންޝިއާގެ ސަބަބުން ޑިޕްރެޝަން ކުރިމަތިވާ މީހުންނަށް
އިޖުތިމާޢީ އަދި އާންމު ދިރިއުޅުމަށް ބަދަލުތައް ގެނެސްގެން ކުރިއެރުން ނުލިބޭނަމަ
އެކަމަށް ފަރުވާކުރުމަށް މިގުރޫޕްގެ ބޭސްތައް ބޭނުން ކުރެވެއެވެ. އެކަމަކު މިއީ
ފަރުވާ ކުރުމުގެ ފުރަތަމަ ޚިޔާރު ކަމުގައި ވެގެން ނުވާނެއެވެ (ޑަބްލިޔޫއެޗްއޯ،
2023).
މީގެ އިތުރުން ވެސް ތަފާތު ބޭސްތައް
ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް ދީއުޅެއެވެ.
ރައްކާތެރިވުމާއި އަމިއްލަ
ނަފުސަށް އަޅާލުން
ޑިމެންޝިއާ ހުންނަ މީހުން ބަލީގެ
އުދަނގޫތަކަށް ކުޑަކޮށް ލުއިކުރުމަށްޓަކައި އަދި ބަލިން ދުރާލާ ރައްކާތެރިވެ
ހުރުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
·
ޖިސްމާނީ ގޮތުން ހަރަކާތްތެރިވުން
·
ގަވާޢިދުން ކަސްރަތުކުރުން
·
ހަށިގަނޑަށް ފައިދާހުރި މިންހެޔޮ ކާނާ ބޭނުންކުރުން
·
ދުންފަތުގެ އިސްތިއުމާލުނުކުރުން
·
ބަނގުރާ ނުބުއިން
·
ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ހަދާނުގައި
ބެހެއްޓުމަށް ކަންކަން ލިޔެ ނޯޓުކޮށްފައި ބެހެއްޓުން
·
އަމިއްލަ އަށް ކުރާހިތްވާ ގަޔާވާ ކަންތައްތައް މެދުނުކަނޑާ
ކުރިޔަށް ގެންދިއުން
·
ސިކުނޑި ތާޒާކުރުމަށްޓަކައި ކުރެވޭ ތަފާތު އާ ކަންތައްތައް
ދަސްކޮށް އެކަންކަން ކުރުން
·
އާއިލާ މެންބަރުންނާއި، ރަހުމަތްތެރިންނާއި އެކު ވަގުތު
ހޭދަކޮށް މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ އުޅުން
·
ކަންކަމުގައި ގޮތް ނިންމުމުގައި ތިބާއަށް އެހީތެރިވެދޭނެ
އިތުބާރުހުރި މީހަކު ހޯދާފައި ބެހެއްޓުން އަދި ތިބާގެ ފަރާތުން ވާހަކަ ދައްކާނެ
އިތުބާރު ހުރި މީހަކު މިސާލަކަށް އާއިލާގެ މެންބަރެއް ނޫނީ ރަހުމަތްތެރިއެއް
ހޯދާފައި ބެހެއްޓުން
·
ގެއިން ބޭރަށް ދާއިރު އައިޑީކާޑު، މިހާރު ދިރިއުޅޭ
އެޑްރެސް އެނގޭނެ ފަދަ ލިޔުން، އަދި އިމަޖެންސީގައި ގުޅާނެ ފަރާތެއްގެ ނަންބަރު
އެނގޭނެ ފަދަ ނޯޓެއް ފަދަ އެއްޗެއް ގެންދިއުން ނޫނީ އެކުގައި ގެންގުޅުން
·
އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންގެ އެހީތެރިކަމާ
އެއްބާރުލުން ކަންކަމުގައި ހޯދުން
·
އާއިލާ މެންބަރުންނާއި ރަހުމަތްތެރިންގެ ތެރެއިން
އިތުބާރުކުރެވޭ މީހުންނަށް ތިބާއަށް އެހީތެރިވެވިދާނެ ގޮތްތައް ބުނެދިނުން
·
މުޖުތަމައުގައި ހިންގާ އިޖުތިމާޢީ ހަރަކާތްތަކުގައި އަދި
ގުރޫޕްތަކުގައި ބައިވެރިވުން (ޑަބްލިޔޫއެޗްއޯ، 2023).
·
ވިޓަމިން ފަދަ ތަކެތި ނެގުން
·
ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް ފަރުވާކުރުން :
ލޭމައްޗަށްދިއުން، ހަކުރުބަލި، ސަރުބީ މަތިވުން ފަދަ ބަލިތަކަށް ފަރުވާކުރުން
·
ނިދި ފުރިހަމަކުރުން
·
އެއްވެސް ޞިއްޙީ މައްސަލައެއް ހުރިނަމަ ބޭސްފަރުވާކުރުން
·
އަޑުނުއިވުން ފަދަ ކަންކަމަށް ފަރުވާކުރުން
·
ގަވާއިދުން ލޯ ޗެކުކުރަމުން ގެންދިއުން
އުމުރުން ދުވަސްވާއިރު
ޑިމެންޝިއާގެ ނުރައްކާ ކުޑަކުރާނެ ގޮތްތައް
·
ދުޅަހެޔޮ ޞިއްޙަތަކަށް ދިރިއުޅުމުގެ ވައްޓަފާޅި
ބައްޓަންކުރުން
·
ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހަރަކާތްތެރިވެ
އުޅުން
·
ދުންފަތުގެ އިސްތިއުމާލުނުކުރުން
·
އިޖުތިމާޢީ އަދި އުފެއްދުންތެރި ކަންކަމުގައި ބައިވެރިވުން
(އަލްޒައިމާ ސޮސައިޓީ، ދިވެހިރާއްޖެ، 2024).
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.who.int/news-room/fact-sheets/detail/dementia
·
https://www.alz.org/alzheimers-dementia/what-is-dementia
·
https://www.mayoclinic.org/diseases-conditions/dementia/symptoms-causes/syc-20352013
·
ދިވެހިރާއްޖޭގެ އަލްޒައިމާ ސޮސައިޓީ، 2024 - ލީފްލެޓް

No comments:
Post a Comment