Wednesday, November 23, 2011

ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް

ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް
ބައިލީއަރީ ނިޒާމް(Biliary system) ނުވަތަ ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް އަކީ އިންސާނާގެ ހަށިގަނޑުގައި މޭގަނޑުން ބައިލް އުފައްދައި، ފިތުގައި ރައްކާކޮށް، ހިމަގޮހޮރަށް ދޫކޮށް، އަދި މޭގަނޑާއި ހިމަ ގޮހޮރާއި ދެމެދު ބައިލް ދައުރުކުރުން ދަމަހައްޓައިދޭ ނިޒާމެވެ. މިނިޒާމް ބިނާވެގެންވަނީ ގުޅި ލާމެހިފައިވާ ތަފާތު އެތަކެއް ކުދި ހޮޅިތަކެއްގެ މައްޗަށެވެ. މިނިޒާމްގައި ޝާމިލްވާ މައިގަނޑު ގުނަވަންތަކަކީ، މޭގަނޑު، ފިތް، ހިމަ ގޮހޮރު އަދި ޗިސްމޭ އެވެ.

ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް ގައި ހިމެނޭ ބައިތައް
ހެޕަޓިކް ޑަކްޓްތައް (Hepatic duct): މޭގަނޑުގެ ކޮންމެ ލޯބަކުން ހެޕަޓިކް ޑަކްޓްއެއް ނިކުމެފައި އިނދެއެވެ. މިއީ މޭގަނޑުގައި އުފައްދާ ބައިލް ބޭރުކޮށް ހޮޅި ތަކެކެވެ. އެހެންކަމުން މޭގަނޑުގެ ކަނާތް ފަރާތް އަދި ވާތް ފަރާތުން އައިސްފައިވާ ދެ ހެޕަޓިކް ޑަކްޓް ގުޅިގެން ކޮމަން ހެޕަޓިކް ޑަކްޓް އުފެދެއެވެ.

ކޮމަން ހެޕަޓިކް ޑަކްޓް (Common hepatic duct): ކޮމަން ހެޕަޓިކް ޑަކްޓް އަކީ ގާތްގަނޑަކަށް 1 އިންޗީގެ ދިގުމިން ހުންނަ ކުރު ޑަކްޓެކެވެ. މިޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން މޭގަނޑަށް ލޭފޯރުކޮށްދޭ ލޭހޮޅީ ގެ ކަނާތް ފަރާތުންނެވެ. އަދި ފިތުން ނިކުމެފައިވާ ސިސްޓިކް ޑަކްޓް(Cystic duct) އާއި އެކުވެގެން، ކޮމަން ބައިލް ޑަކްޓް(Bile duct) އުފެދެއެވެ.

ފިތް (Gall bladder): ފިތަކީ އިންސާނާގެ މޭގަނޑުގެ ތެރެއަށް ނާސްޕާތީ އެއްގެ ބައްޓަމަށް ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެ. ފިތުގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 12-7 ސެންޓި މީޓަރެވެ. ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ މޭގަނޑު، އަދި އަދި ހިމަގޮހޮރު ގެ ފުރަތަމަ ބަޔާއި ގުޅިފައެވެ.

ފިތަކީ މޭގަނޑު ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ މޭގަނޑުގައި ޖެހިފައެވެ.

ފިތް އެކުލެވިގެންވަނީ ފަންޑަސް، ޖިސްމު، އަދި ކަރު ގެ މައްޗަށެވެ. ފަންޑަސް އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފިތުގެ ޖިސްމު އިންނަނީ ފަލަ ގޮހޮރުން ހުރަހަށްވާގޮތަށް އޮންނަ ބައި އަދި ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ޖެހިފައެވެ. ފިތުގެ ކަރަކީ އޭގެ އެންމެ މައްޗަށް އިންނަ ހިމަ ބައެވެ.

ސިސްޓިކް ޑަކްޓް (Cystic duct) : ސިސްޓިކް ޑަކްޓް އަކީ ½ 1 އިންޗީގެ ދިގުމިން ހުންނަ ޑަކްޓެކެވެ. ސިސްޓިކް ޑަކްޓް ނިކުމެފައި އިންނަނީ ފިތުގެ ކަރު ނިމޭ ހިސާބުންނެވެ. ސިސްޓިކް ޑަކްޓް ކޮމަން ހެޕަޓިކް ޑަކްޓް އާއި ގުޅިގެން ކޮމަން ބައިލް ޑަކްޓް އުފެދިގެން ދެއެވެ.

ކޮމަން ބައިލް ޑަކްޓް (Common bile duct): ކޮމަން ބައިލް ޑަކްޓް އުފެދެނީ ސިސްޓިކް ޑަކްޓް އަދި ކޮމަން ހެޕަޓިކް ޑަކްޓް ގުޅިގެންނެވެ. މިޑަކްޓްގެ ދިގުމިނަކީ 3 އިންޗި އެވެ. ބައިލް ޑަކްޓް ތިރިއަށް ގޮސްފައި އިންނަނީ ޕޯޓަލް ވެއިން ކުރިމަތިން މޭގަނޑަށް ލޭފޯރުކޮށްދޭ ލޭހޮޅީ ގެ ކަނާތް ފަރާތުންނެވެ. އެއަށްފަހު ހިމަ ގޮހޮރުގެ ފުރަތަމަބައިގެ ފުރަގަހުން ގެސްޓްރޯޑުއަޑީނަލް އާޓަރީގެ ކަނާތް ފަރާތުން ތިރިއަށް ދެއެވެ. އެއަށްފަހު ޗިސްމޭގެ ބޮލުގެ ފުރަގަހުގައި އިންނަ ކުޑަ އަޑިކޮޅެއްގެ ތެރެއިން ގޮސް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ ތެރެއަށް ވަދެއެވެ. އަދި އެތަނުގައި ޕެންކްރީއެޓިކް ޑަކްޓް އާއި ގުޅި، ހެޕަޓޯ-ޕެންކްރީއެޓިކް އެމްޕިޔުލާ (Ampulla of vater) އުފެދެއެވެ.
ޕެންކްރިއެޓިކް ޑަކްޓް(Pancreatic duct)  : ޕެންކްރިއެޓިކް ޑަކްޓް އަކީ ޗިސްމޭގެ އެތެރެއިން ވާތުން ކަނާތަށް ވާގޮތަށް ހުރަސްކޮށް ލެވިފައިވާ ކުޑަ ހޮޅިއެކެވެ. މިހޮޅި ޗިސްމޭގެ ބޮލުގެ ތެރޭގައި ތިރިއަށް، ފަހަތަށް އަދި ކަނާތަށް ގޮސް ހިމަ ގޮހޮރުގެ ފުރަތަމަބައި ބެހިފައިވާ ބައިތަކުގެ ތެރެއިން، ދެވަނަ ބައިގެ ފާރުގެ ތެރޭގައި ކޮމަން ބައިލް ޑަކްޓް އާއި ގުޅެއެވެ. އަދި އެހިސާބުގައި މިހޮޅި ތަންކޮޅެއް ބޮޑަށް ފުޅާވެގެން ގޮސް ހެޕަޓޯ-ޕެންކްރީއެޓިކް އެމްޕިޔުލާ (Ampulla of vater) އުފެދެއެވެ.
ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމާއި ގުޅުންހުރި މާއްދާތައް
ބައިލް
ބައިލް(Bile) އަކީ މޭގައި ނުވަތަ މޭގަނޑުގައި ހުންނަ ހެޕަޓަސައިޓް ތަކުން އުފައްދައި ބޭރުކުރާ އަލްކަލައިން ތަބީޢަތް އެކުލެވޭ ފެހި ނުވަތަ ރީނދޫ ނުވަތަ ރަން ރީނދޫ ކުލައިގައި ހުންނަ ހިތި ދިޔައެކެވެ. އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި، ދޭތެރޭގައި ބައިލް ހުންނަނީ ފިތުގައި ރައްކާކޮށް ގުދަން ކުރެވިފައެވެ. ކާވަގުތުގައި ނުވަތަ ކެއުމުން ބައިލް ހިމަގޮހޮރުގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ބިލިއަރީ ނިޒާމްގެ ތެރެއިން ވާޞިލްވެއެވެ. އެއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަށްޓަކައެވެ.

ބައިލް ސޯލްޓް
ބައިލް ސޯލްޓް(Bile salt) އަކީ ބައިލް އެސިޑް ތަކުގައި ހިމެނޭ ލޮނު ގެ ބައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޑިއަމް އަދި ޕޮޓޭސިއަމް އެވެ. ސޯޑިއަމް އަދި ޕޮޓޭސިއަމް، ގްލައިސީން(Glycine) އަދި ޓޯރީން(Taurine) އާއި އެއްވެއެވެ. އިންސާނާގެ ހަށިގަނޑުގައި ބައިލް އެސިޑް ގެ 4 ވައްތަރު ހުރެއެވެ. އޭގެ ތެރެއިން 2 ވައްތަރު އުފެދެނީ މޭގަނޑުގެ ތެރޭގައި ކޮލެސްޓިރޯލް އިންނެވެ. އެއީ ކޯލިކް އެސިޑް(Cholic acid)  އަދި ކީނަޑިއޮކްސީކޯލިކް އެސިޑް(Cheno dexoy cholic acid) އެވެ. މިއެސިޑްތައް މޭގަނޑުގެ ތެރޭގައި އުފެދޭތީ މިއެސިޑް ތަކަށް ޕްރައިމަރީ ބައިލް އެސިޑް(Primary bile acid) އޭ ކިޔައެވެ.

ބައިލް ޕިގްމެންޓް
ބައިލް ޕިގްމެންޓް(Bile pigment) ތަކަކީ ހިމަގްލޯބިން(Haemglobin) މެޓަބޮލިޒަމްގެ އެންމެ ފަހު މަރުޙަލާގައި އުފެދޭ އުފެދުންތަކެކެވެ. ލޭގެ ތެރޭގައި ގިނަދުވަސްވެފައިވާ ލޭގެ ރަތް ސެލްތައް ފަޅައިގެން ދިއުމުން އެއިން ބޭރުވާ ހިމަގްލޯބިން ރެޓިކިޔުލޯއިންޑޯތީލިއަލް ސެލް ތަކުން(މެކްރަފޭޖް) ދިރުވާލައެވެ. މެކްރަފޭޖްގެ ތެރޭގައި ހިމަގްލޯބިން ހީމް(Haem) އަދި ގްލޯބިން(Globin) އަށް ބައިވެގެން ދެއެވެ. އެއަށްފަހު ހީމް ގައި ހިމެނޭ ދަގަނޑުގެ ބައި ވަކިކޮށް މޭގަނޑު، އަދި ކަށީގެ މަދު ގެ ތެރޭގައި ރައްކާކުރެއެވެ. ދަގަނޑު ފިޔަވައި، ހީމް ގައި ދެންހިމެނޭ ބައި ބިލިވާޑިން(Biliverdin) ކިޔާ ފެހި ޕިގްމެންޓް އަކަށް ބަދަލުވެއެވެ.
ކޮލެސްޓްރޯލް
ކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި  އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ މާއްދާ އެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ.

އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ.  ކޮލެސްޓްރޯލް އުފައްދަނީ  މޭގަނޑު އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.

އިންސާނުންގެ ކެއުމުގައި ބޭނުންކުރެވޭ ބައެއް ކާތަކެތިން ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ލިއްބައިދެއެވެ. ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ '''ލިޕޯޕްރޮޓީން''(Lipoprotein) އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ.

ލޭގައި ކޮލެސްޓްރޯލް ގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ. މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން،ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.



1 comment: