Monday, May 27, 2013

ލޮލުރޯގާ


ލޮލުރޯގާ
ލޮލުރޯގާ(Conjunctivitis) އަކީ ލޮލަށް އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އެވެ. ލޮލުރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލިކޮންމެ އުމުރު ފުރައެއްގެ ކޮންމެ މީހަކަށްވެސް ޖެހިދާނެ އެވެ. ވަރަށް ތުއްތު ކުދިންނަށް ވެސް ލޮލުރޯގާ ޖެހޭ ފަހަރު އާދެއެވެ. ގިނަ ފަހަރު ގޭގެ ކޮންމެ ވެސް ބޮޑުމީހަކަށް ޖެހުމުން ނޫނީ ރޯގާޖެހިފައިވާ މީހުންނާއެކީގައި ވަގުތު ހޭދަކުރުމުން ވެސް ރޯގާ ޖެހޭގޮތް މެދުވެރިވެއެވެ.


ލޮލުރޯގާ ޖެހޭ ސަބަބު
ބައެއް ކަހަލަ ވައިރަސް އަދި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކުގެ ސަބަބުން ލޮލުރޯގާ ޖެހޭގޮތް ވެއެވެ. ލޮލަށް ވެއްޓޭ އެއްޗެއް ނުވަތަ އެޅޭ މާއްދާއެއްގެ ސަބަބުން ނުވަތަ އެލާރޖީއެއްގެ ސަބަބުން ވެސް ލޮލުރޯގާ ޖެހިދާނެކަން ހަދާންކުރަންޖެހެއެވެ. ތުއްތު ކުދިންނަށް ކަރުނަވަޅު ބެދުމުން ވެސް ލޮލުރޯގާ ޖެހިދާނެ އެވެ. ބައެއް ކަހަލަ ކެމިކަލް ލޮލަށް އެޅުން، ބައެއް ކަހަލަ ބަލިތަކުގެ ސަބަބުން ވެސް ލޮލުރޯގާ ޖެހިދާނެ އެވެ. ވައިރަސް އަދި ބެކްޓީރިޔާ އެކޭ އެއްފަދައިން މަދުން ނަމަވެސް ފަންގަސް ގެ ސަބަބުން ވެސް ލޮލުރޯގާ ޖެހިދާނެ އެވެ.

އެންމެ އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް، ބެކްޓީރިޔާ ސަބަބުންނާ، އަދި ލޮލަށް ވެއްޓޭ އެއްޗަކާ ނުގުޅުމުގެ ސަބަބުންނެވެ. ނުވަތަ އެލާރޖީގެ ސަބަބުންނެވެ. ލޮލުރޯގާ ޖެހެނީ (ފެތުރެނީ) ލޮލުރޯގާ ޖައްސާ ޖަރާސީމު (ވައިރަސް، ބެކްޓީރިޔާ) އާ ތަޣައްޔަރުވެފައިވާ އަތް ލޮލުގައި އުގުޅުމުންނެވެ. ނުވަތަ އެފަދަ ހާލަތުގައި އަތްނުދޮވެ، ލޮލުގައި އަތްލުމުންނެވެ. ލޮލުރޯގާ ޖައްސާ ޖަރާސީމާ އަތް ތަޣައްޔަރުވަނީ ލޮލުރޯގާ ޖެހިފައިވަނިކޮށް ލޮލުން ބޭރުވާ ދިޔަ، ފެން، މަޑު، ނުވަތަ ކެއްސާ ކިނބިހިއަޅާއިރު ބޭރުވި އެއްޗެތީގައި އަތްލުމުންނެވެ. މީގެ އިތުރުން ބައެއް ފަހަރު ބަލިމީހާ ބޭނުންކޮށްފައިވާ ޓިޝޫ، ރުމާ، ތުވާލި، ބެޑްޝީޓް ފަދަ ތަކެތީގައި ޖަރާސީމު ހުއްޓައި އަތްލައިފިނަމަ ވެސް ބަލި ޖައްސާ ޖަރާސީމާ އަތް ތަޣައްޔަރުވެދާނެ އެވެ. އަދި އެފަދަ ހާލަތުގައި އަތްނުދޮވެ، ލޮލުގައި އަތްލައި އުގުޅައި ހަދައިފިނަމަ ލޮލުރޯގާ ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.
ތިރީގައި މިވަނީ ލޮލުރޯގާ އެންމެ އާންމުކޮށްޖެހޭ ބައެއް ސަބަބުތަކަށް ކުރުކޮށް ބަލާލެވިފަ އެވެ.

ވައިރަސްގެ ސަބަބުން ލޮލުރޯގާ ޖެހުން       (Viral conjunctivitis)
·         ވަރަށް ގިނަ ވައިރަސްތަކުގެ ސަބަބުން ލޮލުރޯގާ ޖެހޭގޮތް ވެއެވެ. އެގޮތުން ލޮލުރޯގާ ޖައްސާ ގިނަ ވައިރަސް ތަކަކީ އެވައިރަސް ތަކުގެ ސަބަބުން އަރިދަފުސް ރޯގާ ވެސް ޖައްސާ ވައިރަސް ތަކެކެވެ.
·         އާންމު ގޮތެއްގައި ފުރަތަމަ ޖެހެނީ އެންމެ ލޮލަކަށެވެ. އެއަށްފަހު ދެތިން ދުވަހުގެ ތެރޭގައި ދެވަނަ ލޮލަށް ރޯގާގެ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ.
·         ފަސޭހަ ކަމާއެކު ގައިންގަޔަށް އަރައެވެ.
·         ލޮލުރޯގާ ފެށިގެން އަންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނުވަތަ ލޮލުރޯގާ ގެ އުދަނގޫ ހުންނަނީ އާދައިގެ މިންވަރަކަށެވެ. އެންމެ ބޮޑަށް ގޯސްވެގެންދާނީ ބަލިޖެހޭތާ 5-3 ދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އާންމު ގޮތެއްގައި 2-1 ހަފްތާގެ ތެރޭގައި ފަރުވާ އެއް ނުކުރި ނަމަވެސް ރަގަޅުވެދާނެ އެވެ. އަދި ރަގަޅުވާއިރު މާބޮޑު މައްސަލަ ތަކެއް މެދުވެރިއެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު ރަގަޅުނުވެ 3-2 ހަފްތާއަށް ދިގުދެމި ދިއުމަކީ މަދުން ނަމަވެސް ވެދާނެ ގޮތެކެވެ.
·         މިވައްތަރުގެ ލޮލުރޯގާ ދެނެގަނެވެނީ ބަލިމީހާގެ ފުށުން ލިބޭ މައުލޫމާތުތަކާ، ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކަށް ބަލައިގެންނެވެ. މިސާލަކަށް އަރިދަފުސް ރޯގާގެ އުދަނގުލާއެކު، ލޮލުރޯގާޖެހި، ލޮލުން މަޑުގެ ބަދަލުގައި ފެން އަންނަނަމަ އެއީ ގިނަ ފަހަރު ވައިރަސްގެ ސަބަބުން ލޮލުރޯގާ ޖެހުން ކަމުގައި ބެލެވިދާނެ އެވެ. ލޮލުރޯގާ ޖެހިފައިވާ މީހަކާ އެކުގައި އުޅުމަށްފަހު ލޮލުރޯގާގެ އުދަނގޫތައް ފެށުމަކީ ވެސް އެއީ ލޮލުރޯގާ ކަން ކަނޑައެޅުމަށް ޑޮކްޓަރަށް އެހީތެރިވެދޭނެ ކަމެކެވެ. އާންމު ގޮތެއްގައި ލެބޯޓްރީ ޓެސްޓުތައް ހަދާކަން ނުޖެހޭނެ އެވެ. ނަމަވެސް ލޮލުރޯގާ މާބޮޑަށް ޖެހިފައިވާނަމަ، ލޮލުން އަންނަ ދިޔައިގެ (ފެނުގެ) އެތިކޮޅެއް ނަގައިގެން ޓެސްޓު ކުރެވިދާނެ އެވެ.
·         އާންމުކޮށް ލޮލުރޯގާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި، އެޑީނޯވައިރަސް، އެންޓީރޯވައިރަސް 70، ކަކްސަކީ ވައިރަސް އޭ24، މީސްލްސް ވައިރަސް، ހާރޕީޒް ސިމްޕްލެކްސް ވައިރަސް، ހާރޕީޒް ޒޯސްޓަރ ވައިރަސް، އެޕްސްޓެންބަރ ވައިރަސް ފަދަ ވައިރަސްތައް ހިމެނެއެވެ.

ބެކްޓީރިޔާގެ ސަބަބުން ލޮލުރޯގާ ޖެހުން (Bacterial conjunctivitis)
·         އާންމު ގޮތެއްގައި ފުރަތަމަ ޖެހެނީ އެންމެ ލޮލަކަށެވެ. އެއަށްފަހު ދެވަނަ ލޮލަށް ރޯގާގެ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ.
·         އާންމު ގޮތެއްގައި ލޮލުރޯގާ ޖެހިފައި ހުންނަނީ އާދައިގެ މިންވަރަކަށެވެ.  މަދުވެގެން 3-2 ދުވަހަށް ލޮލުރޯގާ ގެ އަސަރު ހުންނައިރު، ގިނަވެގެން ގޮސް 3-2 ހަފްތާއަށް ލޮލުރޯގާ ގެ އަސަރު ދެމިހުރުމަކީ ވެދާނެ ގޮތެކެވެ. ވަރަށް ގިނަ ފަހަރު ފަރުވާއަކާ ނުލައި ވެސް 5-2 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަގަޅު ވެއެވެ.
·         އާންމު ގޮތެއްގައި އުގުޅަން ނުވަތަ ޖައްސަން ހުންނަ އެންޓިބަޔޮޓިކް ބައްޔަށް ފަރުވާ ކުރުމުގައި ބޭނުންކުރެވެއެވެ.
·         މިވައްތަރުގެ ލޮލުރޯގާ ވެސް ދެނެގަނެވެނީ ބަލިމީހާގެ ފުށުން ލިބޭ މައުލޫމާތުތަކާ، ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކަށް ބަލައިގެންނެވެ. މިސާލަކަށް ކަންފަތުގައި ޖަރާސީމު އެޅުމާއެކު، ލޮލުރޯގާ ޖެހި ލޮލުގައި މާގިނައިން މަޑުލާނަމަ އެއީ ބެކްޓީރިޔާގެ ސަބަބުން ލޮލުރޯގާ ޖެހިފައިވުން ކަމުގައި ބެލެވިދާނެ އެވެ. ލޮލުރޯގާ މާބޮޑަށް ޖެހިފައިވާނަމަ، ބައެއް ފަހަރު ލޮލުން އަންނަ ދިޔައިގެ (މަޑުގެ) އެތިކޮޅެއް ނަގައިގެން ޓެސްޓު ކުރެވިދާނެ އެވެ.
·         އާންމުކޮށް ލޮލުރޯގާ ޖައްސާ ބެކްޓީރިޔާ ތަކުގެ ތެރޭގައި، ސްޓެފައިލޯކޯކަސް ޔޫރިއަސް، ހީމޯފިލަސް، ސްޓްރެޕްޓޯކޯކަސް ނިއުމޯނިއޭ، ޝޫޑަމޯނަސް އަދި ކްލަމީޑިޔާ ޓްރެކޯމެޓިސް ފަދަ ޖަރާސީމުތައް ހިމެނެއެވެ.

އެލާރޖީގެ ސަބަބުން ލޮލުރޯގާ ޖެހުން (Allergic conjunctivitis)
އެލާރޖީގެ ސަބަބުން ލޮލުރޯގާ ޖެހެނީ ތަފާތު މާއްދާތަކާ ހަށިގަނޑު ނުގުޅުމުގެ ސަބަބުންނެވެ. މިސާލަކަށް މަލުކުނޑި، ވިނަ، ފެހި، ކެހެރި، ހިރަފުސް، އުވަ، ދުން، ވެލި، ރީތިވާ ސާމާނުގެ ވައްތަރުތައް، ލެންސް، ލެންސް ސާފުކުރާ ދިޔަ ފަދަ ތަކެއްޗާ ލޯ ނުގުޅުމަކީ ވެދާނެ ކަމެކެވެ.
·         ބޮޑަށް މިވައްތަރުގެ ލޮލުރޯގާ ޖެހެނީ އެހެން ކަހަލަ އެލާރޖީ ވެސް ހުންނަ މީހުންނަށެވެ.
·         އާންމު ގޮތެއްގައި ލޮލުރޯގާ ގެ އަސަރު ދެލޮލުން ވެސް ފެންނަން ހުންނާނެ އެވެ.
·         ވަކި ދުވަސްވަރެއްގައި މިވައްތަރުގެ ލޮލުރޯގާ އިތުރުވުމަކީ ވެދާނެ ގޮތެކެވެ.
·         ބައެއް ކަހަލަ ބޭހާ ރީތިވާ ސާމާނު ބޭނުންކުރުމުން ބައެއް މީހުންނަށް ލޮލުރޯގާ އަސަރު ފެނިދާނެ އެވެ.
·         ގިނަ ފަހަރު އެލާރޖީ ވާ އެއްޗެއް ބޭނުންކުރުން ހުއްޓާލުން، ނުވަތަ އެފަދަ އެއްޗަކަށް ހުށަހެޅުމުން ދުރުހެލިވުމުން ރަގަޅުވެދެއެވެ. ބައެއް ފަހަރު އެލާރޖީއަށް ޚާއްޞަ ބޭސް ބޭނުންކުރަން ޖެހެއެވެ.
·         މިވައްތަރުގެ ލޮލުރޯގާ ވެސް ދެނެގަނެވެނީ ބަލިމީހާގެ ފުށުން ލިބޭ މައުލޫމާތުތަކާ، ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކަށް ބަލައިގެންނެވެ. މިވައްތަރުގެ ލޮލުރޯގާ އިތުރުވަނީ ވަކި ދުވަސްވަރެއްގައެވެ. މިސާލަކަށް ހިރަފުސް ބޯ، ދުވަސްވަރުގައި މިވައްތަރުގެ ލޮލުރޯގާ ބައެއް މީހުންނަށް ޖެހުމަކީ ވެދާނެ ގޮތެކެވެ. އަދި ލޮލުރޯގާ ޖެހުމުން ވަރަށް ބޮޑަށް ލޯކަހައި ހިރުވާނެ އެވެ.

ލޮލުރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތައް
ލޮލުރޯގާ ޖެހޭ ކޮންމެ ފަހަރަކު ލޮލުރޯގާ ޖެހުނީ ކޮން ސަބަބަކާ ހުރެކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ލޮލުރޯގާ ޖެހެން މެދުވެރި ސަބަބަށް ރިއާޔަތްކޮށް ކުރިމަތިވާ އުދަނގޫތަކާ އަލާމާތްތައް ތަފާތު ވެދާނެތީ އެވެ. އަދި ލޮލުރޯގާ ޖެހުނީ ކޮންމެ ސަބަބަކާ ހުރެ ކަމަށްވިޔަސް ބައެއް އަލާމާތްތައް އެއްގޮތްކަމަށްވާތީ އެވެ.

ލޮލުރޯގާ ޖެހުމުން ލޯރަތްވެ، ލޮލުން ފެންއައިސް މަޑުލާގޮތްވެއެވެ. ލޮލުގެ މަތީ ބޮޑިޔާ ތިރީ ބޮޑި ދުޅަވާގޮތްވެއެވެ.  ބައެއް ފަހަރު ލޮލުގެ ފެނުން ނުސާފުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ލޮލުރޯގާ ޖެހުމުން ފުރަތަމަ ހައެއްކަ ދުވަހު ލޯރަތްވެ ގޯސްވަމުންދާހެން ހީވެދާނެ އެވެ. ނަމަވެސް އެންމެ ފަހުން މަޑުމަޑުން ގޮސް ރަގަޅުވެދާނެ އެވެ. ލޮލުރޯގާ ޖެހުމުން ބައެއް މީހުންނަށް ހުންވައްތަރުވެ، ކަރުގައި ނުވަތަ ކަންފަތް ކައިރީގައި ގޮށްލާގޮތް ވެއެވެ. ކަރުތެރެ ސަކަރާތްވުމާ، ހުދުކަޅި ބޭރަށް ނިކުމެ، ލޮލަށްލޭއެރުމަކީ ވެސް ވެދާނެ ކަމެކެވެ.

ލޮލުރޯގާ ޖެހުމުން ދިމާވާ އަނެއް ކަމަކީ ލޮލުގައި މަޑުލުމެވެ. ލޮލުރޯގާ ޖެހުނީ ވައިރަސް އެއްގެ ސަބަބުން ކަމުގައިވާ ނަމަ ލޮލުގައި މާގިނައިން މަޑުނުލައި ވެސް ހިނގައިދާނެ އެވެ. ނަމަވެސް ގިނަފަހަރު ކޮންމެވެސް ވަރަކަށް މަޑުލައި އެސްފިޔަތައް ތަތްވާގޮތް ވެއެވެ. ބައެއް ފަހަރު މަތީ ބޮނޑިޔާ ތިރި ބޮނޑީގެ ދަށުގައި ހުންނަ އޮމާންކަން ކެނޑި، ރާޅުވެ، އެކި ދިމަދިމާއިން އުފުލިފައި ހުންނަގޮތް މެދުވެރިވެދާނެ އެވެ. މިހުރިހާ ކަމެއް ރޯގާޖެހި ނިމުމުން ފިލައިދާނެ އެވެ.

ލޮލުރޯގާޖެހި ލޯރަތްވެފައި ހުންނައިރު މާބޮޑަށް ލޯ އުގުޅުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތަށް މާބޮޑަށް ލޯ އުގުޅުމުން ބައެއް ފަހަރު 
ލޮލުގެ ކަޅުކަޅީގެ އެންމެ މަތީގައި އިންނަ ފަށަލަ ނައްޓައިގެންދާގޮތް ވެއެވެ.  މިގޮތަށް ދިމާވެއްޖެނަމަ ނެއްޓުނު ތަނަށް ޖަރާސީމު ވަދެ ފާރުގަނޑަކަށް ބަދަލުވެ، ފެނުމަށް ދާއިމީ ބަދަލުތަކެއް އަތުވެ، ލޯއަނދިރިވާގޮތް ވެދާނެ އެވެ.

ލޮލުރޯގާ ޖެހި ލޯރަގަޅުވާއިރު ބައެއް ފަހަރު ލޯފުސްވާގޮތް ވެއެވެ. މިހެންދިމާވަނީ ރޯގާޖެހޭ ބައެއް މީހުންގެ ކަޅުކަޅިއަށް ފުސްތަންކޮޅު އަރާގޮތްވާތީ އެވެ. މިގޮތަށް ކަޅުކަޅިއަށް ފުސްތަންކޮޅު އެރުމަކީ ރަގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމެކެވެ. ލޮލުރޯގާ ޖެހުމުން ބައެއް މީހުންނަށް ލޮލުގެ މަތީ ބޮނޑިޔާ ތިރީ ބޮނޑީގެ ދަށަށް ދުލިފަށެއް އެރުން އެކަށީގެން ވެއެވެ.  މިހެންވެއްޖެނަމަ ދުލިފަށް ނައްޓައި، ލޮލަށް ބޭސް އަޅަންޖެހޭނެ އެވެ.  ސަބަބަކީ ދުލިފަށް ނުނައްޓައި ގިނަ ދުވަސްވެއްޖެނަމަ، ފަސޭހަވުން ލަސްވެ، އެންމެ ފަހުން ދުލިފަށް އިން ދިމާލުގައި ކުރަކިކޮށް އިންނަ ލަކުނެއް ލައިފާނެތީ އެވެ.

ލޮލުރޯގާ ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި:-
·         ލޯރަތްވުން
·         ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލިފަށަލަ ދުޅަވުން، ލޮލުގެ ބޮޑި ދުޅަވުން
·         ލޮލުން ފެންއައުން
·         ލޮލުގައި މަޑުލުން
·         ލޯކަހައި، ހިރުވައި، ދިލަނެގުން
·         ލޮލުގައި އެއްޗެއް ޖެހޭހެން ހީވުން، ލޯއުގުޅާން ބޭނުންވުން
·         އެސްފިޔަތައް ތަތްވުން
·         އަރިދަފުސް ރޯގާގެ އުދަނގޫތައް ކުރިމަތިވުން (ބައެއް ފަހަރު)
·         ގަދައައްޔަށް ހުށަހެޅުމުން ލޮލަށް އުދަނގޫވުން (ބައެއް ފަހަރު)
·         ކަންފަތް ދޮށުގައި ގޮށްލުން (ބައެއް ފަހަރު)
·         އެލާރޖީގެ އުދަނގޫތައް ކުރިމަތިވުން : ކިނބިހިއެޅުން، ނޭފަތް ހިރުވުން، ކަރުތެރެ ހިރުވުން

ލޮލުރޯގާ ގެ ފަރުވާ
ލޮލުރޯގާ ގެ ފަރުވާ ބަރޯސާވެފައި އޮންނަނީ ލޮލުރޯގާ ޖެހެން މެދުވެރިވި ސަބަބެއްގެ މައްޗަށެވެ.

ވައިރަސްގެ ސަބަބުން ލޮލުރޯގާ ޖެހުމުން ދެވޭ ފަރުވާ
ލޮލުރޯގާ ފެށިގެން އަންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނުވަތަ ލޮލުރޯގާ ގެ އުދަނގޫ ހުންނަނީ އާދައިގެ މިންވަރަކަށެވެ. އެންމެ ބޮޑަށް ގޯސްވެގެންދާނީ ބަލިޖެހޭތާ 5-3 ދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އާންމު ގޮތެއްގައި 2-1 ހަފްތާގެ ތެރޭގައި ފަރުވާ އެއް ނުކުރި ނަމަވެސް އިތުރު އުދަނގޫތަކެއް ކުރިމަތިނުވެ، ރަގަޅުވެދާނެ އެވެ. ނަމަވެސް ބައެއް ފަހަރު އިތުރު މައްސަލަތައް ދިމާވުމާއެކު، ރަގަޅުނުވެ 3-2 ހަފްތާއަށް ދިގުދެމި ދިއުމަކީ މަދުން ނަމަވެސް ވެދާނެ ގޮތެކެވެ.
ލޮލުރޯގާއާ ގުޅިގެން އުފެދޭ ދުޅަޔާ، ލޯ ހިކިފައި ހުންނަ ހުރުން ކެނޑުވުމަށް "އާޓިފިޝަލް ޓިއަރސް"(Artificial tears) އަދި "ކޯލްޑް ޕެކް"(Cold pack) ބޭނުން ކުރެވިދާނެ އެވެ. ބައެއް ފަހަރު ލޮލު ރޯގާ ޖެހުނު ވައިރަސްގެ ވައްތަރަކީ މާނުރައްކާތެރި ވައިރަހެއް ނަމަ ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރާ ބޭސް(Antiviral drugs) ބޭނުންކުރަން ޖެހިދާނެއެވެ. ލޮލުރޯގާ ޖެހުނީ ވައިރަސްގެ ސަބަބުންނަމަ ފަރުވާ ކުރުމުގައި އެންޓިބަޔޮޓިކް ބޭނުންކުރާކަން ނުޖެހޭނެ އެވެ.

ބެކްޓީރިޔާގެ ސަބަބުން ލޮލުރޯގާ ޖެހުމުން ދެވޭ ފަރުވާ
ބެކްޓީރިޔާގެ ސަބަބުން އާދައިގެ މިންވަރަކަށް ލޮލުރޯގާ ޖެހިއްޖެނަމަ، އެންޓިބަޔޮޓިކް ބޭނުން ނުކުރިޔަސް ރަގަޅުވެދާނެ އެވެ. ނަމަވެސް އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ބަލީގެ މުއްދަތު ކުރުކޮށް، އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކޮށްދޭނެ ކަމެކެވެ. އެގޮތުން އާންމުކޮށް ބޭނުންކުރެވެނީ ލޮލަށްއަޅާ ތިއްކާ، ލޮލުގައި އުގުޅާ ބޭހެވެ. ލޮލުރޯގާއާ ގުޅިގެން އުފެދޭ ދުޅަޔާ، ލޯ ހިކިފައި ހުންނަ ހުރުން ކެނޑުވުމަށް "އާޓިފިޝަލް ޓިއަރސް"(Artificial tears) އަދި "ކޯލްޑް ޕެކް"(Cold pack) ބައެއް ފަހަރު ބޭނުން ކުރެވިދާނެ އެވެ.

އެލާރޖީގެ ސަބަބުން ލޮލުރޯގާ ޖެހުމުން ދެވޭ ފަރުވާ
އެލާރޖީގެ ސަބަބުން ޖެހޭ ލޮލުރޯގާ އެލާރޖީވާން މެދުވެރިވި އެއްޗެއް ބޭނުންކުރުން ހުއްޓާލުން، ނުވަތަ އެއެއްޗަކާ ދުރުހެލިވުމުން އާންމުކޮށް ރަގަޅުވެދެއެވެ. އެލާރޖީއަށް ޚާއްޞަ ބޭހާ، ލޮލަށްއަޅާ ތިކި ބޭނުންކުރުމުން ބައްޔަށް ލުއިކަން ލިބެއެވެ.

ލޮލު ރޯގާއިން ރައްކާތެރިވުން
އެލާރޖީގެ ސަބަބުން ޖެހޭ ލޮލުރޯގާ އަކީ ގައިންގަޔަކަށް ނާރާނެ އެވެ. ނަމަވެސް ވައިރަސް އަދި ބެކްޓީރިޔާގެ ސަބަބުން ޖެހޭ ލޮލުރޯގާ ފަސޭހަ ކަމާއެކު ގައިންގަޔަށް އަރައެވެ. ބައެއް ކަހަލަ ޞިއްޙީ އާދަތައް ދެމެހެއްޓުމަކީ ލޮލުރޯގާ ޖެހުމުގެ އިތުރުން އެހެން މީހުންނަށް ބަލި ފެތުރުނު ނުދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ގައިންގަޔަށްއަރާ ލޮލުރޯގާ (ވައިރަސް ނުވަތަ ބެކްޓީރިޔާގެ ސަބަބުން ލޮލުރޯގާ ޖެހުން) ޖެހިފައިވާނަމަ، އެހެން މީހުންނަށް ތިބާގެ ފުށުން ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.
·         ސާބޯނި ލައިގެން ރަގަޅަށް އަތްދޮވުން
·         ލޮލުގައި އަތްނުލުމާ ލޯނުއުގުޅުން
·         ލޮލުގައި އުފެދޭ މަޑު ރަގަޅަށް ސާފުކުރުން
·         ލޮލަށް ބޭސް އެޅުމަށްފަހު އަތްދޮވުން
·         ބަލިމީހާ ބޭނުންކުރާ ރުމާ، ތުވާލި، ބެޑްޝީޓް، ރަޖާގަނޑު ފަދަ ތަކެތި ހޫނު ފެނުން ރަގަޅަށް ދޮވެ ސާފުކުރުން
·         ބަލިމީހާ ބޭނުންކުރާ ރުމާ،ތުވާލި، ބެޑްޝީޓް، ރަޖާގަނޑު ފަދަ ތަކެތި އެހެން މީހުން ބޭނުންނުކުރުން
·         ބަލިމީހާ ބޭނުންކުރާ އަވި އައިނު ރަގަޅަށް ސާފުކުރުން އަދި އެހެން މީހުން އެއައިނު ބޭނުންނުކުރުން
·         ލޮލުރޯގާ ޖެހިގެން އުޅޭ ދުވަސްވަރު ފަތާ ފެންގަނޑަށް އެރިނޫޅުން
ލޮލުރޯގާ ޖެހިފައިވާ މީހެއްގެ ކައިރީގައި ހޭދަކޮށް ހަދައިފިނަމަ، އެމީހަކަށް ބަލިޖެހުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.
·         ސާބޯނި ލައިގެން ރަގަޅަށް އަތްދޮވުން
·         ބަލިމީހާ އާ ގައިގޯޅިވެވިއްޖެނަމަ އަވަހަށް އަތްދޮވުން، ނުވަތަ ބަލިމީހާ ބޭނުންކުރާ އެއްޗެއްގައި އަތްލައި ހެދުމަށްފަހު އަތްދޮވުން
·         ލޮލުގައި އަތްނުލުމާ ލޯނުއުގުޅުން
·         ބަލިމީހާ ބޭނުންކޮށްފައިވާ ތުވާލި، ބެޑްޝީޓް، ރަޖާގަނޑު ފަދަ ތަކެތި ބޭނުންނުކުރުން
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :
CDC. (2010, 12 8). http://www.cdc.gov/conjunctivitis/index.html. Retrieved 5 27, 2013, from http://www.cdc.gov/: http://www.cdc.gov/conjunctivitis/index.html
ޖުނައިދު, ޑ. ޢ. (2012, 10 10). http://www.sun.mv/23028. Retrieved 4 16, 2013, from http://www.sun.mv/: http://www.sun.mv/23028

No comments:

Post a Comment