Thursday, November 16, 2023

ތުރުތުރުއަޅާ ބަލި

ތުރުތުރުއަޅާ ބަލި

ތުރުތުރުއަޅާ ބަލި (Parkinson disease)އަކީ ނާރުތަކަށާއި، ހަށިގަނޑުގައި ނާރުތަކުން ކޮންޓްރޯލްކުރާ ބައިތަކަށް އަސަރުކުރުވާ ޕްރޮގްރެސިވް ޑިސްއޯޑަރ އެކެވެ. މިބަލީގެ އަލާމާތްތައް ފެންނަމުން އަންނަށް ފަށަނީ ވަރަށް ލަސްލަހުންނެވެ. ނޫނީ މަޑުމަޑުންނެވެ. އެގޮތުން އެންމެ ފުރަތަމަ ފާހަގަވާނެ އެއްކަމަކީ އެއްއަތުގުގައި ތުރުތުރުއެޅުމެއް ހުރުމެވެ. ތުރުތުރުއެޅުމުގެ އިތުރުން، ހަރުއެރުން އަދި ހަރަކާތްތައް ލަސްވުން ކުރިމަތި ކުރުވައެވެ.

ތުރުތުރުއަޅާ ބަލީގެ ކުރީކޮޅު މޫނުމަތިން މާބޮޑު ކަމެއް ނޫނީ ތަފާތެއް ފާހަގަ ނުކުރެވިދާނެ އެވެ. ހިނގާއިރު އަތް ނުހެލިދާނެ އެވެ. ނޫނީ އަތް ހަރަކާތް ނުކުރެވިދާނެ އެވެ. ވާހަކަ ދައްކާއިރު އަޑު މަޑުވެފައި، އާގެންފައި ހުރެދާނެ އެވެ. ނޫނީ ވާހަކަ ދައްކާއިރު އާގަތުން ހުރެދާނެ އެވެ. ނުވަތަ އާގަންނަގޮތް ހުރެދާނެ އެވެ. ގިނަ ދުވަސްވާވަރަކަށް ބަލީގެ އަލާމާތްތައް ގޯސްވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ތުރުތުރުއަޅާ ބައްޔަކީ އެއްކޮށް ރަނގަޅުކުރެވޭ ބައްޔަކަށް ނުވިޔަސް، ބޭސް ބޭނުންކޮށްގެން ބަލީގައި ކުރިމަތިވާ އުދަނގޫތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ހޯދިދާނެ އެވެ.


ސަބަބު

ތުރުތުރުއަޅާ ބަލީގައި ސިކުނޑީގައި ހުންނަ ޚާއްޞަ ނާރީ ސެލް(nerve cell)  ތައް މަޑުމަޑުން ހަލާކުވެދެއެވެ. ނޫނީ މަރުވެދެއެވެ. ތުރުތުރުއަޅާ ބަލީގެ ވަރަށް ގިނަ އަލާމާތްތައް ކުރިމަތިވަނީ ސިކުނޑީގައިވާ ކެމިކަލް މެސެންޖަރެއް ކަމުގައިވާ "ޑޮޕަމިން"(dopamine) އުފައްދައިދޭ ނާރީ ސެލްތައް ހަލާކުވެ ދިއުމުންނެވެ. ޑޮޕަމިންގެ މިންވަރު މަދުވުމުން ސިކުނޑީގެ ހަރަކާތްތަކުގެ އިންތިޒާމު ގެއްލެއެވެ. އަދި އޭގެ ސަބަބުން ތުރުތުރުއަޅާ ބަލީގެ އަލާމާތްތައް ފެންމަތި ކުރުވައެވެ.

ތުރުތުރުއަޅާ ބަލި ސީދާ ކުރިމަތިވާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ތުރުތުރުއަޅާ ބަލި ކުރިމަތިވުމުގައި ދައުރެއް އޮވެދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ވާރުތަވުން : ތުރުތުރުއަޅާ ބަލި ޖެހުމަށް މެދުވެރިވާ ބައެއް ވިރާސީ ބަދަލުތައް ދިރާސާތަކުން ހޯދިފައި ވެއެވެ. ޚާއްޞަ ގޮތެއްގައި އާއިލާގެ ގިނަ މެންބަރުންނަށް ތުރުތުރުއަޅާ ބަލި ކުރިމަތިވެފައިވާނަމަ ވާރުތީ ސިފައެއް ފަހަތުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ވިރާސީ ބަހާ ތަކުގެ ސަބަބުން ތުރުތުރުއަޅާ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރު ވެއެވެ. ނަމަވެސް މިފަދަ ވިރާސީ ބަހާ ތަކުގެ ސަބަބުން ސީދާ ތުރުތުރުއަޅާ ބަލި ކުރިމަތިވުމުގެ ހިރާސް ނިސްބަތުން ކުޑައެވެ.

(ށ) ދިރިއުޅޭ މާހައުލުން ފާހަގަވާ ކަންތައްތައް : ދިރިއުޅޭ މާހައުގައި ހުންނަ ބައެއް ކަންތައްތައް ނޫނީ ހުށަހެޅޭ ބައެއް ކަހަލަ ވިހަތަކުގެ ސަބަބުން އުމުރުގެ ފަހުކޮޅު ތުރުތުރުއަޅާ ބަލި ކުރިމަތިވުމުގެ ހިރާސް އޮވެއެވެ. ނަމަވެސް މިގޮތަށް ތުރުތުރުއަޅާ ބަލި ކުރިމަތިވުމުގެ ހިރާސް ނިސްބަތުން ވަރަށް ކުޑައެވެ.

ދިރާސާވެރިން ވަނީ ތުރުތުރުއަޅާ ބަލި ހުންނަ މީހުންގެ ސިކުނޑިއަށް އަންނަ ވަރަށް ގިނަ ބަދަލުތައް ހޯދައި ދެނެގަނެ ފައެވެ. ނަމަވެސް މިބަދަލުތައް ކުރިމަތިވަނީ ސީދާ ކީއްވެގެކަން ހޯދިފައެއް ނުވެއެވެ. އެގޮތުން ހޯދިފައިވާ ބައެއް ބަދަލުތައް ތިރީގައި މިވަނީ އެވެ.

(ހ) ސިކުނޑީގެ ނާރު ސެލްތަކުގައި "ލިވީ ބޮޑީޒް" ހުރުން (presence of lewy bodies): ސިކުނޑީގެ ނާރު ސެލްތަކުގައި ލިވީ ބޮޑީޒް ހުރުމަކީ ތުރުތުރުއަޅާ ބަލީގައި ބެލޭ "މައިކްރޯސްޕިކް މާރކަސް"(microscopic markers) އެވެ. އިލްމުވެރިން ގަބޫލުކުރާގޮތުގައި ސިކުނޑީގެ ނާރު ސެލްތަކުގައި މި ފަދަ "ލިވީ ބޮޑީޒް"(lewy bodies) ހުރުމަކީ ތުރުތުރުއަޅާ ބަލި ކުރިމަތިވުމަށް މެދުވެރިވާ މުހިއްމު ހެއްކެކެވެ.

(ށ) "ލިވީ ބޮޑީޒް" ގެ ތެރޭގައި "އަލްފާ ސައިނިއުކްލިން" ހުރުން : އަލްފާ ސައިނިއުކްލިން(alpha-synuclein) ޕްރޮޓީން އަކީ ތުރުތުރުއަޅާ ބަލީގެ މީހުންގެ ސިކުނޑީގެ ނާރީ ސެލްތަކުގައި ހުންނަ ލިވީ ބޮޑީޒްގައި ތެރޭގައި ހުންނަކަމަށް ހޯދިފައިވާ މާއްދާތަކުގެ ތެރެއިން ފާހަގަކުރެވޭ މާއްދާ އެކެވެ. މިޕްރޮޓީން އަށް "އޭ –ސައިނިއުކްލިން"(a-synuclein) ވެސް ކިޔައެވެ. ލިވީ ބޮޑީޒް ގެ ތެރޭގައި މި ޕްރޮޓީން ހުންނަނީ ބޮޑިވަރެއްހެން ނާރީ ސެލް އަށް ހަލާކުނުކުރެވޭނެ ހެންނެވެ. ތުރުތުރުއަޅާ ބަލި ޖެހިފައިވާ މީހުންގެ "ސްޕައިނަލް ފުލުއިޑް"(spinal fluid) ގެ ތެރެއިން ވެސް އިލްމުވެރިން މިޕްރޮޓީން ހުންނަކަން ހޯދާފައި ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

(ހ) އުމުރު : ޅަފުރާގެ ކުދިންނާއި، ކުޑަކުދިންނަށް ތުރުތުރުއަޅާ ބަލި ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ކުރިމަތިވާން ފަށަނީ މެދުއުމުރުގައެވެ. ނޫނީ އުމުރުގެ ފަހުކޮޅު ގައެވެ.  އުމުރުން ދުވަސްވާ ވަރަކަށް މިބަލި މެދުވެރިވުމުގެ ހިރާސް އިތުރުވެއެވެ. އާންމު ގޮތެއްގައި ބަލީގެ އުދަނގޫތައް ފާހަގަވަނީ އުމުރުން 60 އަހަރަށްވުރެ މަތިވުމަށްފަހު ގައެވެ. ކުޑަކުއްޖަކަށް ނުވަތަ ޅަފުރާގެ މީހަކަށް ތުރުތުރުއަޅާ ބަލި ދިމާވެއްޖެނަމަ، އާއިލާރޭވުމުގައި ގޮތެއް ނިންމުމުގެ ކުރިން ޖެނެޓިކް ކައުންސިލިންގ ހޯދުމަކީ ބޭނުންތެރި ކަމެކެވެ.

(ށ) ވާރުތަވުން : ގާތްތިމާގެ މީހުންގެ ތެރޭގައި، އާއިލާގެ މެންބަރުންގެ ތެރޭގައި ތުރުތުރުއަޅާ ބަލީގެ މީހަކު ހުރުމަކީ އެއާއިލާގެ އެހެން މެންބަރުންނަށް ތުރުތުރުއަޅާ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. ނަމަވެސް އާއިލާގެ ގިނަ މެންބަރުންގެ ކިބައިގައި ތުރުތުރުއަޅާ ބަލި ހުރެގެން މެނުވީ އެމީހަކަށް ތުރުތުރުއަޅާ ބަލިކުރިމަތިވުމުގެ ހިރާސް ވަރަށް ކުޑައެވެ.

(ނ) ޖިންސް : އަންހެނުންނަށްވުރެ ފިރިހެނުންނަށް ތުރުތުރުއަޅާ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރެވެ.

(ރ) ވިހަތަކަށް ހުށަހެޅުން : މެދު ނުކެނޑި ދިގުމުއްދަތަކަށް ފަނިފަކުސަމަރާ ވިހަ ކެމިކަލްތަކަށް ހުށަހެޅުމަކީ ކޮންމެވެސް މިންވަރަކަށް ތުރުތުރުއަޅާ ބަލީގެ ހިރާސް އިތުރުކުރާ ކަމެކެވެ.

އަލާމާތްތައް

ތުރުތުރުއަޅާ ބަލީގެ އަލާމާތްތައް އެކި މީހުންނަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތައް އާދައިގެ ވަރަކަށް ހުރެފައި، ކަމެއް ހުރިހެން ފާހަގަ ނުވެވެސް ހިނގައިދާނެ އެވެ. އާންމު ގޮތެއްގައި އަލާމާތްތައް ފާހަގަވާން ފަށަނީ ހަށިގަނޑުގެ ކޮންމެވެސް އެއް ފަޅި އަކުންނެވެ. ނޫނީ ފަރާތަކުންނެވެ. އަދި ހަށިގަނޑުގެ އަނެއް ފަޅިން ބަލީގެ އަލާމާތްތައް ފާހަގަވުމަށް ފަހު ވެސް ، ފުރަތަމަ ފެނުނު ފަޅީގައި އަލާމާތްތައް އިތުރަށް ގޯސްވެގެން ދިއުން ވެސް އެކަށީގެންވެއެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

(ހ) ތުރުތުރުއެޅުން : ތުރުތުރުއެޅުން ފެށިގެން އަންނަނީ  ކޮންމެވެސް އަތެއް ނޫނީ ފަޔެއްގައެވެ. އެގޮތުން ފުރަތަމަ ފާހަގަވަނީ ނުވަތަ ފެންނަނީ އަތުގައި ނޫނީ އަތުގެ އިގިލިތަކުންނެވެ.  އަތުގެ އިގިލިތައް ކުރިއާއި ފަހަތަށް ވާގޮތަށް ހަރަކާތް ކޮށްފާނެ އެވެ. ނުވަތަ އިގިލިތަކުގައި ތުރުތުރުއެޅުން ހުރެދާނެ އެވެ. އަތްތިލައިން އެއްވެސް ކަމެއް ނުކުރާއިރު ވެސް އޭގައި ޒާތުގައި ތުރުތުރުލުން ހުރެދާނެ އެވެ. ނަމަވެސް ކަމެއްކުރާއިރު މިތުރުތުރުލުން ކޮންމެވެސް ވަރަކަށް ކުޑަވެދާނެ އެވެ.

(ށ) ހަރަކާތްތައް ލަސްވުން : ދުވަސްވާވަރަކަށް ހަށިގަނޑުގެ ހަރަކާތްތައް ލަސްވުން އެކަށީގެންވެއެވެ. އެގޮތުން ވަރަށް އާދައިގެ ކުދިކުދި ކަންތައްތައް ކުރަން އުދަނގޫވެފައި، ގިނައިރު ނަގައިފާނެ އެވެ. ހިނގާއިރު ކައިރިކައިރިން  ނުވަތަ ގާތްގާތުގައި ފިޔަވަޅު ނަގައިފާނެ އެވެ. ނޫނީ ފިޔަވަޅު އަޅައިފާނެ އެވެ. ގޮނޑީގައި އިށީދެ އިނުމަށްފަހު ތެދުވަން އުދަނގޫވެދާނެ އެވެ. ހިނގާއިރު ފައި އޮޅިދާނެ އެވެ.

(ނ) މަސްތައް ހަރުއެރުން : ހަށިގަނޑުގެ ކޮންމެ ހިސާބެއްގެ މަސްތައް ވެސް ހަރުއަރައިފާނެއެވެ. ހަރުއަރައިފައި ހުންނަ މަސްތަކުގައި ރިހުން ހުރެދާނެއެވެ. އަދި މަސްތައް ހަރުއަރާފައިވާ ހިސާބުގެ ހަރަކާތްތައް ކުރަން އުދަނގޫވެދާނެ އެވެ.

(ރ) ހަށިގަނޑުގެ ހަމަނުހިފެހެއްޓުން : ހަށިގަނޑުގެ ހަމަނުހިފެހެއްޓިދާނެ އެވެ. ނޫނީ ހަމަހިފަހައްޓައިގެން ހުންނަށް އުދަނގޫވެދާނެ އެވެ. ފަހަރުގައި ވެއްޓިވެސް ދާނެއެވެ. ނޫނީ ވެއްޓެން އުޅޭހެން ހީވެދާނެ އެވެ.

(ބ) ބޭއިޚްތިޔާރުގައި ގެނެވޭ ނޫނީ ކުރެވޭ ހަރަކާތްތައް ނުކުރެވުން : ބޭއިޚްތިޔާރުގައި ކުރެވޭ ހަރަކާތްތައް މިސާލަކަށް އެސްފިޔަޖެހުން، ހުނުން، ހިނގާއިރު އަތް ހެލުވުން ނޫނީ ތެޅުވުން ނޫނީ ހަރަކާތް ކުރުން ފަދަ ކަންތައްތައް ނުކުރެވިދާނެއެވެ.

(ޅ) ވާހަކަ ދެއްކުމަށް ބަދަލުއައުން : ވަރަށް މަޑުމަޑުން ނޫނީ އަވަސް އަވަހަށް ވާހަކަ ދެއްކިދާނެއެވެ. ނޫނީ ވާހަކަ ދައްކާއިރު އާގަނެދާނެ އެވެ. ނޫނީ އާގަންނަގޮތެއް ހުރެދާނެ އެވެ. އާންމުކޮށް ވާހަކަ ދައްކައި އުޅޭގޮތަށް ވާހަކަ ދައްކަން އުދަނގޫވެދާނެ އެވެ. ނޫނީ އެގޮތަށް ވާހަކަ ނުދެއްކިދާނެ އެވެ.

(ކ) ލިޔުމަށް ބަދަލުއައުން : ބަލީގައި ގިނަ ދުވަސްވާވަރަކަށް ތުރުތުރުއަޅާ ބަލި ކުރިމަތިވެފައިވާ މީހަކަށް ލިޔަން އުދަނގޫވެދާނެ އެވެ. އަދި ލިޔެވުނަސް ، ލިޔެފައި ހުންނަ އަކުރުތައް ވަރަށް ކުދިކޮށް ހުރެދާނެ އެވެ.

ދިމާވެދާނެ ނުރައްކާތައް

ތުރުތުރުއަޅާ ބައްޔާއެކު ބައެއް ފަހަރު އަންނަނިވި ހާލަތްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ތުރުތުރުއަޅާ ބައްޔާއެކު އަންނަނިވި ހާލަތްތައް އެކުއެކީ ކަހަލަ ގޮތަކަށް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

(ހ) ވިސްނުމުގެ އުދަނގޫތައް : ވިސްނުމާއި ގުޅުން ހުރި މައްސަލަތައް ކަމުގައިވާ ހަދާންނެތުން، އަދި ވިސްނުމުގެ އުދަނގޫތައް ތުރުތުރުއަޅާ ބަލި ހުންނަ މީހުންނަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި މިފަދަ މައްސަލަތައް ދިމާވަނީ ތުރުތުރުއަޅާ ބަލީގެ ފަހު މަރުހަލާގައެވެ. ނޫނީ ބަލީގައި ގިނަ ދުވަސްވެ، ބަލީގެ ފަހުކޮޅުގައެވެ. މިފަދަ މައްސަލަތައް ގިނަ ފަހަރު ބޭހުން ރަނގަޅެއް ނުވެއެވެ.

(ށ) މާޔޫސްކަމާއި، ޖަޒުބާތީ ބަދަލުތައް : ތުރުތުރުއަޅާ ބަލި ހުންނަ މީހުންނަށް ބައެއް ފަހަރު ބަލީގެ ކުރީކޮޅުގައި ވެސް މާޔޫސްވެ، މޮޅިވެރިވެ، ހިތާމަކުރުމުގެ ބަލި ކުރިމަތިވެދާނެ އެވެ. މިގޮތަށް ކުރިމަތިވާ ހިތާމަކުރުމުގެ ބައްޔަށް ފަރުވާކުރުމުން ތުރުތުރުއަޅާ ބަލީގައި ދެން ކުރިމަތިވެގެންދާ އުދަނގޫތަކުން އަރައިގަތުމަށް އެހީތެރިވެދެއެވެ. ތުރުތުރުއަޅާ ބަލީގައި ޖަޒުބާތީ އެހެން ބަދަލުތައް ވެސް ތަޖުރިބާކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ބިރުގަތުން، ރުޅިއައުން، ރުންކުރުވުން، ހާސްވުން، ކަންބޮޑުވުން އަދި ޝައުގުވެރިކަން ގެއްލުން ފަދަ ޖަޒުބާތީ އިހުސާސްތައް ތަހައްމަލުކުރެވުމަކީ ދިމާވެދާނެ ކަމެކެވެ. މިގޮތުން ދިމާވާ މައްސަލަތަކާއި އުދަނގޫތަކަށް އާންމު ގޮތެއްގައި ފަރުވާ ކުރެވެއެވެ.

(ނ) ކާތަކެތި ދިރުވުމުގައި ދިމާވާ މައްސަލަތައް : ބަލީގައި ގިނަ ދުވަސްވާ ވަރަކަށް ކާތަކެތި ދިރުވުމުގައި މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ކުޅު ދިރުވަން ދަތިވެ، ކުޅު އަނގައިގެ ތެރޭގައި ޖަމާވެ، އަނގައިން ކުޅު ފޭބުމަކީ އެކަށީގެންވާ ކަމެކެވެ.

(ރ) ކާތަކެތި ހެފުން އަދި ކެއުމުގައި ދިމާވާ މައްސަލަތައް : ތުރުތުރުއަޅާ ބަލީގެ ފަހު މަރުހަލާގައި އަނގައިގެ މަސްތަކަށް އަސަރު ފޯރުވައެވެ. އޭގެ ސަބަބުން ކާތަކެތި ހަފަން އުދަނގޫވެއެވެ. އެކަމުގެ ސަބަބުން ރަނގަޅަށް ނުކެވި، ކާތަކެތި ހިނގާހޮޅީގައި ކާތަކެތި ތާށިވެ، ނޭވާ ހާސްވުން ފަދަ ކަންކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ބ) ނިދުމަށް ދިމާވާ މައްސަލަތައް : ތުރުތުރުއަޅާ ބަލި ހުންނަ މީހުންނަށް އާންމުކޮށް ނިދުމުގައި މައްސަލަތަކާ ދިމާވެއެވެ. އެގޮތުން ރޭގަނޑު ދޭތެރެ ދޭތެރެއިން ހޭލެވުން، ނިދުމަށްފަހު ވެސް މާއަވަހަށް ހޭލެވުން، އަދި ދުވާލު ގަޑީގައި މާގިނައިން ނިދުން ފަދަ ކަންތައްތައް ކުރިމަތި ވެއެވެ.

(ޅ) ކުޑަކަމުދިއުމަށް ދިމާވާ މައްސަލަތައް : ތުރުތުރުއަޅާ ބަލި މީހުންނަށް ފަހަރުވާ ނުހިފެހެއްޓުން އަދި ކުޑަކަމުދާން ދަތިވުން ފަދަ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

(ކ) ބަނޑުހަރުވުން : ތުރުތުރުއަޅާ ބަލި ހުންނަ ވަރަށް ގިނަ މީހުންނަށް ބަނޑުހަރުވުމުގެ މައްސަލަ ދިމާވެއެވެ. މިގޮތަށް ދިމާވަނީ މިބަލީގެ ސަބަބުން ހަޖަމުކުރާ ނިޒާމުގެ މަސައްކަތަށް ބުރޫއަރާތީ އެވެ.

މީގެ އިތުރުން ވެސް އަންނަނިވި ކަންތައްތައް ތުރުތުރުއަޅާ ބަލި ކުރިމަތިވެފައިވާ މީހުންގެ ފުށުން ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ލޭގެ ޕްރެޝަރަށް ބަދަލުއައުން : ތުރުތުރުއަޅާ ބަލި ހުންނަ މީހުން ތަނެއްގައި އިނދެފައި ތެދުވާއިރު ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެ، އަނބުރައިގަނެގެން ވެއްޓެން އުޅޭ ހެން ހީވެދާނެ އެވެ.

(ށ) ވަސްނުދުވުން : ތުރުތުރުއަޅާ ބަލި ހުންނަ މީހުންނަށް ރަނގަޅަށް ވަސްނުދުވުމަކީ އެކަށީގެންވާ ކަމެކެވެ. ވަކި ކަހަލަ ވަސްތަކެއް ފާހަގަކުރަން ނޭނގުމާއި، އެއްވަހާއި އަނެއް ވަހާއި ދެމެދުގެ ތަފާތު ފާހަގަ ކުރަން ވެސް ނޭނގިދާނެ އެވެ.

(ނ) ވަރުބަލިވެ ވާޅުވުން : ތުރުތުރުއަޅާ ބަލި ހުންނަ ވަރަށް ގިނަ މީހުން ހަށިގަނޑުގެ ހަކަތަ ހުސްވެ، ވަރުބަލިވެ، ވާޅުކަން އިހުސާސް ކުރަންޖެހިދާނެ އެވެ. ޚާއްޞަކޮށް ދުވަހުގެ ފަހުކޮޅަށް ނުވަތަ ހަވީރު އަތަށް އަޅާއިރު މިއިހުސާސް ކުރެވިދާނެއެވެ. މިގޮތަށް ދިމާވަނީ ސީދާ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ.

(ރ) ތަދުތަކާއި ރިހުންތައް : ތުރުތުރުއަޅާ ބަލީގެ އަހުލުވެރިންނަށް އެކި ކަހަލަ ރިހުންތަކާއި ތަދުތައް އިހުސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު މުޅި ހަށިގަނޑުގައި ނޫނީ ހަށިގަނޑުގެ ވަކި ހިސާބެއްގައި ރިއްސައި ތަދުވެދާނެ އެވެ.

(ބ) ޖިންސީ ހީނަރުކަން : ތުރުތުރުއަޅާ ބަލި ހުންނަ މީހުންނަށް ޖިންސީ ހީނަރުކަން އިތުރުވުމަކީ ދިމާވެދާނެ ކަމެކެވެ.

ދެނެގަތުން

ތުރުތުރުއަޅާ ބަލި ދެނެގަތުމަށް ހެދޭނެ ވަކި ޚާއްޞަ ޓެސްޓެއް އަދި ނެތެވެ. އާންމު ގޮތެއްގައި މިބަލި ދެނެގަންނަނީ ނާރުގެ ޑޮކްޓަރުންނެވެ. ތުރުތުރުއަޅާ ބަލި ދެނެގަތުން އާންމު ގޮތެއްގައި ބަރޯސާވަނީ ބަލިމީހާގެ ދުޅަހެޔޮކަން މާޒީގައި ހުރިނެތްގޮތް، ދިމާވެފައިވާ އުދަނގޫތައް، ނާރުގެ ޓެސްޓުތައް އަދި ޖިސްމާނީ ގޮތުން ބަލާ ބެލުންތަކުން ބަލިމީހާގެ ކިބައިން ފާހަގަވާ ކަންތައްތަކުގެ މައްޗަށެވެ.

ތުރުތުރުއަޅާ ބަލި ދެނެގަތުމަށް ޑޮކްޓަރުން ލަފާދޭ ޓެސްޓުތަކުގެ ތެރެއިން އެއް ޓެސްޓަކީ ޑޮޕަމައިން ޓްރާންސްޕޯޓަރ ސްކޭން (dopamine transporter scan)ނުވަތަ "ޑެޓް ސްކޭން"(DAT scan) އެވެ. ޑެޓް ސްކޭން އަކީ "ސިންގަލް ފޮޓޯ-އެމިޝަން ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ" ސްކޭން(SPECT-scan) އެވެ. މިޓެސްޓުން ތުރުތުރުއަޅާ ބަލިހުރިކަމަށް ކުރެވޭ ތުހުމަތު ޔަގީންކުރުމަށް އެހީތެރިކަން ލިބުނަސް ހަގީގަތުގައި ތުރުތުރުއަޅާ ބަލިކަން ދެނެގަނެވެނީ ނިއުރޮލޮޖިކަލް އެގްޒަމިނޭޝަން ގެ އެހީގައެވެ. ކޮންމެ މީހަކަށް ނޫނީ ގިނަ މީހުންނަށް ޑެޓް ސްކޭން ހަދާކަން ނުޖެހޭނެ އެވެ.

ތުރުތުރުއަޅާ ބަލި ދެނެގަތުމަށް މަސައްކަތްކުރާއިރު ލޭގެ ޓެސްޓުތައް ހަދަންޖެހިދާނެއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެދާނެ އެހެން ޞިއްހީ ހާލަތްތައް ދެނެގަތުމަށެވެ. މީގެ އިތުރުން އެހެން  ތުރުތުރު އަޅާ ބަލީގެ އަލާމާތްތައް ހުންނަ އެހެނިހެން ހާލަތްތައް ދެނެގަތުމަށްޓަކައި މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި، ޕެޓް ސްކޭން އަދި ސިކުނޑީގެ އަލްޓްރާ ސައުންޑް ސްކޭން ފަދަ ޓެސްޓުތައް ވެސް ހަދަންޖެހިދާނެ އެވެ. ތުރުތުރުއަޅާ ބަލިކަން ޔަގީންކުރުމަށް ބައެއް ފަހަރު ތުރުތުރުއަޅާ ބަލީގެ ފަރުވާގައި ބޭނުންކުރެވޭ "ކާބިޑޮޕާ-ލީވޯޑޮޕާ"(carbidopa-levodopa) ފަދަ ބޭސްތައް ބަލިމީހާއަށް ދެވެއެވެ. އެކަށޭނަ މިންވަރަކަށް މިބޭސްތައް ދީގެން ބަލިމީހާގެ އުދަނގޫތަކަށް ލުއިކަން ލިބޭނަމަ، ކުރިމަތިވެފައިވާ ހާލަތަކީ ތުރުތުރުއަޅާ ބައްޔަށްވުމަކީ ގާތް ކަމެކެވެ.

ފަރުވާ

ތުރުތުރުއަޅާ ބައްޔަކީ އެއްކޮށް ރަނގަޅުވާ ބައްޔެއް ނޫނެވެ. ނަމަވެސް ބޭސް ބޭނުންކޮށްގެން ބަލީ އުދަނގޫތައް ކުޑަކުރެވިދާނެ އެވެ. ބައެއް ފަހަރު އޮޕަރޭޝަނެއް ފަދަ ކަމެއް ވެސް ކުރަންޖެހިދާނެ އެވެ. ފަރުވާދެއްވާ ޑޮކްޓަރުންގެ ޓީމުން މިފަދަ ބަލީގެ އަހުލުވެރިންނަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމަށް ވެސް އިރުޝާދު ދެއްވައެވެ. އެގޮތުން ގަވާއިދުން ކަސްރަތުކުރުމަށް ބާރުއަޅައެވެ. މިފަދަ މީހުންނަށް ހަށިގަނޑުގެ ހަމަހިފެހެއްޓުން އަދި ސްޓްރެޗިންގ އަށް ސަމާލުކަންދީ، ކަސްރަތުގެ ހަރަކާތްތައް ފުރިހަމަކުރުމަށް ބާރުއަޅައެވެ. ވާހަކަ ދެއްކުމުގައި ދިމާވާ އުދަނގޫތަކަށް ހައްލެއް ގެނައުމަށް ސްޕީޗްތެރަޕީގެ ފަރުވާ ވެސް ބައެއް ފަހަރު ނަގަންޖެހިދާނެ އެވެ.

ބޭނުންކުރެވޭ ބޭސްތައް

ބޭސް ބޭނުންކޮށްގެން ހިނގުމާއި، ހަރަކާތްތެރިވެއުޅުމުގައި ހުންނަ މައްސަލަތަކާއި، ތުރުތުރުއެޅުން ފަދަ ކަންކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ހޯދައިދީފާނެ އެވެ. ތުރުތުރުއަޅާ ބަލީގެ އަހުލުވެރިންގެ ސިކުނޑީގައި ޑޮޕަމިން ގެ މިންވަރު ދަށެވެ. ނަމަވެސް ޑޮޕަމިން ސީދާކޮށް ނުދެވެއެވެ. އެއީ ސީދާ ޑޮޕަމިން ދިން ކަމުގައި ވިޔަސް ސިކުނޑިއަށް ޑޮޕަމިން ވާޞިލްނުވާތީ އެވެ.

ތުރުތުރުއަޅާ ބައްޔަށް ފަރުވާ ފެށުމަށްފަހު، އެކަށޭނަ ކުރިއެރުމެއް ބަލިމީހާގެ ފަރާތުން ފެނުމަކީ ނުވަތަ ބަލީގެ އުދަނގޫތައް އެކަށޭނަ މިންވަރަކަށް ލުއިވެގެން ދިއުމަކީ ގާތް ކަމެކެވެ. ނަމަވެސް ދުވަސްވާ ވަރަކަށް ފަރުވާގެ ފައިދާ އެންމެ އެކަށޭނަކޮށް ނުފެންނަގޮތް ވެސް ބައެއްފަހަރު ދިމާވެއެވެ.

ތުރުތުރުއަޅާ ބަލީގެ ފަރުވާގައި އާންމުކޮށްދީ އުޅޭ ބޭސްތައް ތިރީގައި މިވަނީ އެވެ.

(ހ) ކާބިޑޮޕާ-ލީވޯޑޮޕާ (carbidopa-levodopa): ތުރުތުރުއަޅާ ބައްޔަށްދޭ ބޭސްތަކުގެ ތެރެއިން އެންމެ ފައިދާހުރި، އެންމެ އެދެވޭ ނަތީޖާއެއް ފެންނަ ބޭހަކީ ލީވޯޑޮޕާ އެވެ. މިއީ ތަބީއީ ކެމިކަލް އެކެވެ. މިކެމިކަލް ސިކުނޑިއަށް ވާޞިލްވުމުން ޑޮޕަމިން އަށް ބަދަލުވެއެވެ. ލީވޯޑޮޕާ ހުންނަނީ ކާބިޑޮޕާ އާއި އެކުވެގެންނެވެ. މިހެންވުމުން ލީވޯޑޮޕާ މާއަވަހަށް ޑޮޕަމިން އަށް ބަދަލުވުމުން (ސިކުނޑިން ބޭރުގައި) ރައްކާތެރިކޮށްދެއެވެ. މީގެ ސަބަބުން ބޭހުގެ ސަބަބުން ކުރިމަތިވާ މޭނުބައިކުރުން ފަދަ ނޭދެވޭ އަސަރު ކުޑަކޮށްދެއެވެ. ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި މޭނުބައިކުރުން އަދި ކޮޅަށްހުރުމުން އެނބުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ބަލީގައި ގިނަ ދުވަސްވާވަރަކަށް ލީވޯޑޮޕާގެ ފައިދާ ދަށްވުން ގާތެވެ. މިބޭސް ނެގުން އެންމެ ރަނގަޅީ ހައިބަނޑާ ހުސްގޮހޮރާ ހުރެއެވެ. މިބޭސް އިންހޭލް ކޮށްގެންނާއި، އިންފިއުޒްކޮށްގެން ވެސް ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައި ހުރެއެވެ.

(ށ) ޑޮޕަމިން އެގޮނިސްޓުތައް (dopamine agonists): ލީވޯޑޮޕާ އާއި ޚިލާފަށް މިގުރޫޕްގެ ބޭސްތައް ޑޮޕަމިން އަކަށް ބަދަލެއް ނުވެއެވެ. އޭގެ ބަދަލުގައި ސިކުނޑީގައި ޑޮޕަމިން އާއި އެއްގޮތް ، ގާތް ދައުރެއް އަދާކުރަނީ އެވެ. ނޫނީ ޑޮޕަމިން ގެ އަސަރު ސިކުނޑިއަށް ކުރުވަނީ އެވެ. ނަމަވެސް ޑޮޕަމިން އެގޮނިސްޓް ތަކަކީ ލީވޯޑޮޕާ ހާ ފައިދާހުރި އެއްޗެއް ނޫނެވެ. ނޫނީ ބަލީގެ އުދަނގޫތައް ލުއިކުރުމުގައި އެހާ ބޭނުންތެރި އެއްޗަކަށް ނުވެއެވެ. ޑޮޕަމިން އެގޮނިސްޓްތައް ގޮތުގައި ބެލެވޭ ބޭސްތަކުގެ ތެރޭގައި "ޕްރަމިޕެކްސޯލް"(pramipexole)، "ރޮޓިގޯޓިން"(rotigotine) އަދި "އެޕޯމޯރފިން"(apomorphine) ފަދަ ބޭސްތައް ހިމެނެއެވެ. ޑޮޕަމިން އެގޮނިސްޓް ތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ތަކުގެ ތެރޭގައި މޭނުބައިކުރުން، ކޮޅަށްހުރުން އެނބުރުން، ހުވަފެންތައްދެއްކުން، ތާއްޔަށްޖެހުން، މާގިނައިން ކާހިތްވުން، މާގިނައިން ޖިންސީގުޅުން ހިންގާ ހިތްވުން އަދި ޖުވާކުޅުން ފަދަ ކަންތައްތަކަށް ޝައުގުވެރިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ނ) މޮނޮއަމައިން އޮކްސިޑޭޒް ބީ އިންބިހިޓަރސް(monoamine oxidase inhibitors) : މޮނޮއަމައިން އޮކްސިޑޭޒް ބީ އިންހިބިޓަރސް ގެ ތެރޭގައި ސެލެގިލިން، ރަސަގިލިން އަދި ސަފިނަމައިޑް ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް ސިކުނޑީގައި ހުންނަ މޮނޯއަމައިން އޮކްސިޑޭޒް ބީ  އެންޒައިމްގެ މަސައްކަތް ހުއްޓުވައިގެން ޑޮޕަމިން ހަލާކުވެ ބައިބައިވުން ކުޑަކުރުވައެވެ. މިބޭސްތަކުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބޮލުގައި ރިހުން، މޭނުބައިކުރުން އަދި ނިދިނައުން ފަދަ ކަންތައްތައް ހިމެނެއެވެ. ކާބިޑޮޕާ-ލީވޯޑޮޕާ އާއި އެކު މިބޭސްތައް ދީފިނަމަ، ނޭދެވޭ އަސަރުގެ ގޮތުގައި ހުވަފެންތައް ދެއްކުން ފަދަ ކަންތައް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.

(ރ) ކެޓީކޯލް- އޯ- މީތައިލް ޓްރާންސްފަރޭޒް އިންހިބިޓަރސް (catechol-o-methyl transferase inhibitors): މިގުރޫޕްގައި ހިމެނޭ މައިގަނޑު ދެ ބޭހަކީ "އެންޓަކެޕޯން"(entacapone) އަދި "އޮމިކެޕޯން"(omicapone) އެވެ. މިބޭސް ތަކަކީ ޑޮޕަމިން ހަލާކުކޮށް ބައިކުރާ އެންޒައިމްތަކުގެ މަސައްކަތް ހުއްޓުވައިގެން، ލީވޯޑޮޕާ ބޭހުގެ އަސަރު ދިގުދަންމާ ބޭސް ތަކެކެވެ. މިބޭސްތަކުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބޭއިޚްތިޔާރުގައި ހަރަކާތްތައް ކުރެވުމުގެ ހިރާސް އިތުރުވުން، މޭނުބައިކުރުން، ހޮޑުލެވުން އަދި ބޭރަށް ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. މިގުރޫޕްގައި ދެންހިމެނޭ އަނެއް ބޭހަކީ "ޓޮލްކެޕޯން" އެވެ. ނަމަވެސް މިބޭހުން ފުރަމެޔަށް ގެއްލުންވާތީ، މިބޭސް ލިޔެދެނީ ވަރަށް މަދުންނެވެ.

(ބ) އެންޓިކޮލިނާރޖިކްސް (anticholinergics): އެންޓިކޮލިނާރޖިކްސް އަކީ ތުރުތުރުއަޅާ ބަލީގައި ކުރިމަތިވާ ތުރުތުރުއެޅުމަށް ފަރުވާކުރުމުގައި އަހަރަތަކެން ވަންދެން ބޭނުންކޮށްފައިވާ ބޭސް ތަކެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ބެންޒޯޓްރޮޕިން އަދި ޓްރައިހެކްސިފެނިޑައިލް ފަދަ ބޭސްތައް ހިމެނެއެވެ. ނަމަވެސް މިބޭސްތަކުން ދިމާވާ ނޭދެވޭ އަސަރުތައް ކަމުގައިވާ ހަދާންނެތުން، ބަނޑުހަރުވުން، ވާނުވާނޭނގުން، ހުވަފެންތައް ދެއްކުން، އަނގަތެރެ ހިކުން އަދި ކުޑަކަމުދާން ދަތިވުން ފަދަ ކަންތައްތަކުގެ ސަބަބުން އެންމެ އެކަށޭނަ ނަތީޖާއެއް މިބޭސްތަކުގެ ސަބަބުން ނުލިބޭކަން ފާހަގަ ކުރެވެއެވެ.

(ޅ) އެމެންޓަޑިން (amantadine): ތުރުތުރުއަޅާ ބަލީގެ ކުރީކޮޅު ކުރިމަތިވާ އުދަނގޫތައް ކުރު މުއްދަތެއްގެ ތެރޭގައި ކުޑަކޮށްލުމަށް ޑޮކްޓަރުން ފަހަރުގައި އެމެންޓަޑިން ލިޔެދީފާނެ އެވެ. ތުރުތުރުއަޅާ ބަލީގެ ފަހުކޮޅުގައި ކާބިޑޮޕާ-ލީވޯޑޮޕާ ބޭހާ އެކު ވެސް އެމެންޓަޑިން ދީފާނެއެވެ. މިހާލަތުގައި އެމެންޓަޑިން ދިނުމުގެ ބޭނުމަކީ ކާބިޑޮޕާ-ލީވޯޑޮޕާ ބޭސް ދިނުމުން ކުރިމަތިވާ އިޚްތިޔާރުން ބޭރުން ކުރެވޭ ނޫނީ ނޭނގި ހުރެ ކުރެވޭ ހަރަކާތްތައް ކޮންޓްރޯލް ކުރުމެވެ. އެމެންޓަޑިން ބޭނުންކުރުމުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހަމުގެ ކުލަ ބަދަލުވުން، ހުވަފެންތައް ދެއްކުން އަދި ތަބިކަށި ފޮއްސިވެދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ކ) އެޑިނޯސިން ރިސެޕްޓަރ އެންޓަގޮނިސްޓުތައް (adenosine receptor antagonists): މިބޭސްތައް އަމާޒުކުރެވިފައި ހުންނަނީ ސިކުނޑީގައި ޑޮޕަމިން އިން ދޭ އިޖާބަ ކޮންޓްރޯލްކުރާ ސަރަހައްދަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިބޭސްތައް ބޭނުންކުރުމުން ޑޮޕަމިން ބޭރުކުރުން ނުވަތަ ދޫކުރުން އިތުރުވެގެން ދެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި "އިސްޓްރަޑިފައިލިން"(istradefylline) ހިމެނެއެވެ.

(އ) ނޫޕްލޭޒިޑް ނުވަތަ ޕިމަވެނަސެރިން (Nuplazid or Pimavanserin): މިބޭސް ބޭނުންކުރަނީ ތުރުތުރުއަޅާ ބައްޔާއި ގުޅިގެން ކުރިމަތިވެދާނެ ހުވަފެންދެއްކުން ތަކާއި، ވަހުމުތަކާއި ޝައްކުތަކަށް ފަރުވާ ކުރުމަށެވެ.

ސާރޖިކަލް ޕްރޮސީޖަރ ތައް

ސާރޖިކަލް ޕްރޮސީޖަރ ގެ ގޮތުގައި ތުރުތުރުއަޅާ ބަލީގެ ފަރުވާގައި މައިގަނޑު ގޮތެއްގައި ކުރެވޭ އެއް ކަމަކީ "ޑީޕް ބްރެއިން ސްޓިމިއުލޭޝަން"(deep brain stimulation) އެވެ. މިޕްރޮސީޖަރ ގައި ސިކުނޑީގެ ޚާއްޞަ ހިސާބެއްގައި ނޫނީ ކަނޑައެޅޭ ވަކި ހިސާބެއްގައި "އިލެކްޓްރޯޑް"(electrode)ތަކެއް ހަރުކުރެވެއެވެ. މި އިލެކްޓްރޯޑްތައް ހުންނަނީ ކޮނޑު ކަށިގަނޑުގެ ތިރިން މޭމަތީގައި ހަރުކުރެވިފައިވާ "ޖެނެރޭޓަރ" އަކާއި ގުޅުވާލެވިފައެވެ. މިޖެނެރޭޓަރ އިން ކަރަންޓް ސިގުނަލްތައް ސިކުނޑިއަށް ފޮނުވައެވެ. އަދި އޭގެ ސަބަބުން ފަހަރުގައި ތުރުތުރުއަޅާ ބަލީގެ އުދަނގޫތައް ލުއިވެގެން ހިނގައިދާނެ އެވެ.

"ޑީޕް ބްރެއިން ސްޓިމިއުލޭޝަން" ހެދުމުގެ ތެރޭގައި ދިމާވެދާނެ ހިރާސް ތަކުގެ ތެރޭގައި އިންފެކްޝަން އަށަގަތުން، ސްޓްރޯކް ޖެހުން އަދި ސިކުނޑިއަށް ލޭއެޅުން ހިމެނެއެވެ. ބައެއް މީހުންނަށް "ޑީޕް ބްރެއިން ސްޓިމިއުލޭޝަން" ސިސްޓަމް ގައި މައްސަލަ ޖެހިދާނެ އެވެ. ނޫނީ "ސްޓިމިއުލޭޝަން"ގެ ސަބަބުން މައްސަލަތައް ކުރިމަތިވެދާނެ އެވެ. މިހާލަތުގައި "ޑީޕް ބްރެއިން ސްޓިމިއުލޭޝަން" ސިސްޓަމްގެ ބައިތައް އެކަށޭނަ ތަނަކަށް ނޫނީ އެހެން ތަނަކަށް ބަދަލުކުރަން ޖެހިދާނެ އެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.hopkinsmedicine.org/health/conditions-and-diseases/parkinsons-disease

·         https://www.mayoclinic.org/diseases-conditions/parkinsons-disease/symptoms-causes/syc-20376055 

No comments:

Post a Comment