Monday, March 9, 2015

މާއަވަހަށް މަނި ބޭރުވުން



މާއަވަހަށް މަނި ބޭރުވުން (އަވަހަށް ވެރުން)
މާއަވަހަށް މަނިބޭރުވުން(Premature Ejaculation) ނުވަތަ އަވަހަށް ވެރުމަކީ ފިރިހެނުންނަށް ކުރިމަތިވާ ޖިންސީ މައްސަލަ އެކެވެ. މިއީ ފިރިހެނުންގެ މެދުގައި ވަރަށް އާންމު މައްސަލަ އެކެވެ. ފިރިހެނުންގެ ތެރެއިން ކޮންމެ 3 މީހުންކުރެ އެކަކަށް މިމައްސަލަ އުމުރުގެ ކޮންމެ ވެސް ހިސާބެއްގައި ދިމާވާކަން ފާހަގަ ކުރެވެއެވެ. އަވަހަށް ވެރުމޭ ބުނެވެނީ އަންހެނާގެ ފަރުޖުގައި ފުރަހަ (ފިރިހެން ހަށި / ފިރިހެނާގެ ޖިންސީ ގުނަވަން) ބީހިލުމާއެކު،(ޖިންސީގުޅުން ހިންގަން ފެށުމުގެ ކުރިން) މަނިބޭރުވުމަށް ނިސްބަތްކޮށެވެ. ނުވަތަ ފަރުޖުގެ ތެރެއަށް ފިރިހެން ހަށި ފޯރާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މަނިބޭރުވުމަށް ނިސްބަތް ކޮށެވެ. ޖިންސީ ގުޅުން ހިންގުމަށް ތައްޔާރުވުމުގެ ކުރިން އެކަކު އަނެކަކާއި ލޯބި ކުރުމުގެ ތެރޭގައި ފިރިހެން ހަށީގައި ވަރުޖެހި، ޖިންސީ ގުޅުން ހިންގަން ފެށުމުގެ ކުރިން މަނިބޭރުވުމަކީ ވެސް މިފަދަ ކަމެކެވެ. 


އަވަހަށް މަނިބޭރުވުމަކީ އެކަމުގެ ސަބަބުން ފިރިހެން މީހާ އަށާއި، އަންހެން މީހާ އަށް ވެސް ނުތަނަވަސްކަން މެދުވެރިކުރުވާނޭ ކަމެކެވެ. އެހެނީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ދެމަފިރިން އެކުއެކީގައި ކުންނަށް ވާޞިލްވެގެންމެނުވީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ޖިންސީ ލައްޒަތު ޙާޞިލްވުމަކީ ވާނޭ ކަމެއް ނޫނެވެ. މިޒަމާނުގައި އަވަހަށް މަނިބޭރުވުން ސިފަކުރެވެނީ ފިރިހެނުންނަށް ކުރިމަތިވާ ޖިންސީ ބަލިކަށިކަމެއްގެ ގޮތުގައެވެ. ކޮންމެ ފިރިހެނަކަށްމެ ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން މިފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހުމަކީ ވެދާނެ ގޮތެކެވެ.
ސަބަބު
އަވަހަށް މަނިބޭރުވުން ކުރިމަތިވާ ގިނަ ޙާލަތްތަކުގައި އޭގެ ސަބަބު އެންމެ ރަގަޅަށް ދެނެގަތުން އޮންނަނީ އުދަނގޫ ކަމަކަށްވެފައެވެ. ކުރިން އެއީ ހަމައެކަނި ނަފްސާނީ ކަމަކާއި ގުޅިގެން ކުރިމަތިވާ ކަމެއް ކަމަށް ބެލެވުނަސް މިހާރު ބޮޑަށް ބަރޯސާވެވެނީ އަވަހަށް މަނިބޭރުވުން ކުރިމަވުމުގައި ނަފްސާނީ އަދި ޖިސްމާނީ ސަބަބުތަކެއް ފޮރުވިފައިވާ ކަމުގައެވެ.

ބައެއް ފަހަރު އަލަށް ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ހާސްވެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުރިމަތިވުމުގެ ސަބަބުން އަވަހަށް މަނިބޭރުވުން ކުރިމަތިވާ ގޮތް ވެއެވެ. މާގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުގައި ހުރުމަށްފަހު ޖިންސީ ގުޅުން ހިންގާއިރު އަވަހަށް ބޭރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަވަހަށް މަނިބޭރުވުމަކީ ހަމައެކަނި ވަކި ހާލަތްތަކެއްގައި މެދުވެރިވާ ކަމަކަށް ވެސް ވެދާނެ އެވެ. ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަން، ހާސްވެކަންބޮޑުވެ، ފިކުރުބޮޑުވުން، އަދި ދެރަވެ މާޔޫސްވުން ފަދަ ދިރިއުޅުމުގައި ދިމާވާ ނަފްސާނީ ފިއްތުންތަކުގެ ސަބަބުން ވެސް އަވަހަށް މަނިބޭރުވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ޖިސްމާނީ ސަބަބެއް އޭގެ ފަހަތުގައި ފޮރުވިފައި އޮތުމަކީ ވެސް ވެދާނެ ކަމެކެވެ. މިސާލަކަށް ކުޑަކަމުދާ ހޮޅީގައި އިންފެކްޝަން އުފެދުން ނުވަތަ ޕްރޮސްޓޭޓް ދުޅަވުން ފަދަ ކަންކަމުގެ ސަބަބުން އަވަހަށް މަނިބޭރުވުން ކުރިމަތި ކުރުވައެވެ.

އަވަހަށް މަނިބޭރުވުން ކުރިމަތިކުރުވާ ނަފްސާނީ ސަބަބުތައް
·         އަލަތު ދެމަފިރިންނަށް ކުރިމަތިވާ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން
·         ހާސްވެ ފިކުރުބޮޑުވުން
·         މާޔޫސްވުން
·         ދިރިއުޅުމުގައި ދިމާވާ އެކިއެކި ފިއްތުންތައް
·         ޖިމާޢުވާ ހިނދު ވަށައިގެންވާ މާހައުލު އޮތްގޮތުން(މިސާލަކަށް ގޭތެރޭގައި މީހުން ހޭލާއުޅޭތީ) މާއަވަސް އަރައިގެން އުޅުން
·         ގިނަ ދުވަސްތަކަކަށްފަހު ޖިންސީގުޅުން ހިންގުން
·         ޖިންސީ ވަޅޯކަމެއް ކުރިމަތިވެ، ޒަކަރުގެ ވާންކަން ދެމިނުހުރެދާނެކަމަށް ހީވެ އަވަސް އަރައިގެން އުޅުން

އަވަހަށް މަނިބޭރުވުން ކުރިމަތިކުރުވާ ޖިސްމާނީ ސަބަބުތައް
·         ހަށިގަނޑުގައި ހުންނަ ބައެއް ކަހަލަ ހޯރމޯން(މިސާލަކަށް ފިރިހެން ހޯރމޯން "ޓެސްޓޮސްޓަރޯން" އަދި "ޕްރޯލެކްޓިން ފަދަ ހޯރމޯން)ތަކުގެ މިންގަނޑަށް ބަދަލުއައުން
·         ސިކުނޑީގައި ހުންނަ "ނިއުރޯޓްރާންސްމިޓަރު" އޭ ކިޔޭ ކެމިކަލްތަކުގެ މިންގަނޑަށް ބަދަލުއައުން
·         ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ ބައެއް ކަހަލަ މައްސަލަތައް
·         ކުޑަކަމުދާ ހޮޅީގައި އިންފެކްޝަން ހެދުން
·         ޕްރޮސްޓޭޓް ދުޅަވުން
·         އޮޕަރޭޝަނެއްގެ ތެރޭގައި ނުވަތަ އަނިޔާއެއްގެ ސަބަބުން ޒަކަރަށް ހަރަކާތް ގެނުވައިދޭ ނާރަށް ގެއްލުންވުން
·         ވާރުތަވީ ސިފައެއްގެ ގޮތުގައި އަވަހަށް މަނިބޭރުވުން (inherited traits)
އަލާމާތްތައް
އަވަހަށް މަނިބޭރުވުމުގެ މައިގަނޑު އަލާމާތަކީ ޖިންސީގުޅުން ހިންގަން ފެށުމުގެ ކުރިން، ނުވަތަ ޖިންސީގުޅުން ހިންގަން ފަށާއިރަށް ކޮންޓްރޯލް ނުކުރެވި، މަނިބޭރުވުމެވެ. މިގޮތުން ކިރިޔާކިރިޔާ ޖިންސީގޮތުން މީހާ ހިލިގަންނައިރަށް( ފަރުޖުގައި ފުރަހަ ނުވަތަ ޒަކަރު ބީހުން، ޖިމާއުވުމުގެ ކުރިން އެކަކު އަނެކަކަށް ބޮސްދީ ދޮންދީ ހެދުން) ވެސް މަނިބޭރުވާގޮތް ވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ފަރުޖުގެ ތެރެއަށް ޒަކަރު ފޯރުމަށްފަހު މިނިޓެއް ވެސް ނުވަނީސް މަނިބޭރުވުމަކީ އަވަހަށް މަނިބޭރުވުމުގެ އަލާމާތެއް ކަމުގައި ބެލެވެއެވެ. އަމިއްލައަށް ޖިންސީއެދުން ފުއްދަން ފެށުމަށްފަހު ހިނދުކޮޅެއްގެ ތެރޭގައި މަނިބޭރުވުމަކީ ވެސް ހަމަ މިފަދަ ކަމެކެވެ. 

އަންހެނާއަށް ޖިންސީ އެދުންވެރިކަން ފުދުމުގެ ކުރިން ފިރިހެނާގެ ޖިންސީ އެދުން ފުދުމަކީ އެކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދި، ހިތްހަމަނުޖެހުން އިތުރުވެ، ދެމަފިރިންގެ ދޭތެރޭގައި އޮންނަ ގުޅުމަށް ބުރޫއަރާ ކަމަކަށް ބައެއް ފަހަރު ވެއެވެ. އަދި އެކަމުގެ ސަބަބުން ދެމަފިރިން ވަކިވާ ހިސާބަށް ވެސް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ ބައެއް ފަހަރު ދަރިން ހޯދުމަށް ހުރަސްއަޅާ ކަމަކަށް ވެސް ވުމަކީ ގާތް ކަމެކެވެ. 

ދެނެގަތުން
އަވަހަށް މަނިބޭރުވުން ދެނެގަތުމަށް ދެމަފިރިންނާއި ޑޮކްޓަރު ވާހަކަ ދައްކައި، ތަފާތު މައުލޫމާތު ތައް އޮޅުން ފިލުވާނެ އެވެ. އަދި ހަށިގަނޑު ބަލާބެލުންތަކުން ފާހަގަވާ ކަންތައްތައް ނޯޓުކުރާނެ އެވެ. އަވަހަށް މަނިބޭރުވުމަކީ ތަފާތު ސަބަބުތައް ހުރެދާނެ ކަމަކަށްވުމުން ލެބޯޓްރީ ތަހުލީލުތައް ހެދުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އެގޮތުން ލޭގައި ޓެސްޓޮސްޓަރޯންގެ މިންވަރު ހުރިނެތްގޮތް ބެލުމާއި، ކުޑަކަމުދާ ތަކެތީގައި ޖަރާސީމުގެ އަސަރު ހުރިތޯ ބަލާނެ އެވެ.
ފަރުވާ
އެއްވެސް ބޭހެއް ބޭނުން ނުކުރި ނަމަވެސް ކައިވެންޏަށް ދުވަސްވާވަރަކަށް އަވަހަށް މަނިބޭރުވުމުގެ މައްސަލަ ގިނަ ފަހަރު ރަގަޅުވެދެއެވެ. އެހެނީ ފިރިހެން މީހާ، ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި މަނިބޭރުވުން ލަސްކުރާނޭގޮތުގެ އުކުޅުތައް ދަސްވާވަރަކަށް އަވަހަށް މަނިބޭރުވުމުގެ މައްސަލަ މަޑުމަޑުން ރަގަޅުވަމުން އަންނާނެ އެވެ. 

އަވަހަށް މަނިބޭރުވުމުގެ މައްސަލަ ކުރިމަތިވެފައިވާނަމަ އެކަން ލަސްކުރުމަށް މަސައްކަތް ނުވަތަ ފަރިތަކުރުމަކީ ރަގަޅުކަމެކެވެ. މިގޮތުން ޖިންސީ އިހްސާސް ކުޑަކުރުމަށް ފިރިހެން ހަށީގައި އެކަމަށް ޚާއްޞަ ކްރީމެއް ނުވަތަ ތެލެއް ފަދަ އެއްޗެއް އުގުޅިދާނެއެވެ. ނުވަތަ އެކަމަށް ޚާއްޞަކޮށްގެން އުފައްދައިފައި ހުންނަ ބޭހެއް ވެސް ބޭނުން ކުރެވިދާނެއެވެ 
.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން، ބަނގުރާބުއިން ހުއްޓާލުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުން ފަދަ ކަންކަމަކީ ވެސް އަވަހަށް މަނިބޭރުވުން ކުރިމަތިވެފައިވާ ފަރާތްތަކަށް ހައްލެއް ގެނެސްދީފާނެ ކަމެއްކަމަށް ބެލެވެއެވެ. އެހެނީ މިދެންނެވި ކަންކަމަކީ ވެސް ބައެއް ފަހަރު އޭގެ ސަބަބުން އަވަހަށް މަނިބޭރުވުން ކުރިމަތިކޮށްފާނޭ ކަންކަމެވެ. 

މަނިބޭރުވުން ލަސްކޮށްދޭނެ އުކުޅުތައް ފަރިތަކޮށް ދަސްކުރުމަށް ބައެއް ފަހަރު ޑޮކްޓަރުން އިރުޝާދު ދެއެވެ. މިފަދަ އުކުޅުތަކުގެ ތެރޭގައި މަނިބޭރުވުން އަވަސްކޮށްދޭ ކަންކަން ދެނެގަނެ، އެކަންކަން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުން، މަނިބޭރުވުމަށް ކައިރިވުމުން ޖިމާއުވުން މަޑުޖައްސައިލުން ފަދަ ކަންތައްތައް ހިމެނެއެވެ. ޖިމާޢުވާއިރު ހުރަސް ބޭނުންކުރުމަކީ ފުރަހައިގެ އިހުސާސް ދަށްކޮށްދޭ ކަމަކަށްވުމުން ބައެއް ފަހަރު ޖިމާޢުވާއިރު ހުރަސް ވެސް ބޭނުން ކުރެވިދާނެ އެވެ. ޖިމާޢުވުމުގެ ދެމަފިރިން ތިބޭގޮތް ބަދަލުކޮށްލުމަކީ ވެސް އަވަހަށް މަނިބޭރުވުމަށް ހައްލެއް ލިބިދާނެ ކަމެކެވެ. އަވަހަށް މަނިބޭރުވުން ކުރިމަތިވެފައިވަނީ އެއްވެސް ކަހަލަ ނަފްސާނީ މައްސަލައަކާއި ގުޅިގެންކަމަށް ފާހަގަކުރެވޭނަމަ ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން އެކަމަށް ޝިފާއެއް ހޯދުން މުހިއްމެވެ.
މަނިބޭރުވުން ލަސްކުރުމަށް ކުރެވިދާނެ ކަންތައްތައް
ޖިމާޢުވުމުގެ ތެރޭގައި މަނިބޭރުވާން ކައިރިވުމުން ޖިމާޢުވުން ހުއްޓާލައި އެކަކު އަނެކަކަށް ބޮސްދީ ލޯބިކޮށް ހެދިދާނެ އެވެ. ޖިންސީ ޚިޔާލުތަކާއި ހިނދުކޮޅަކަށް ދުރުވެލުމުން ޒަކަރު މޯޅިވެ، އާންމު ހާލަތަށް ގޮސްދާނެ އެވެ. އަދި އޭގެ ފަހުން އަނެއްކާ ވެސް ދެމަފިރިން ލޯބިކޮށްހަދައި، އެކުއެކީ ކުންނާއި ހަމައަށް ވާޞިލްވުމަށް މަސައްކަތް ކުރެވިދާނެ އެވެ. 

މަނިބޭރުވުން ލަސްކޮށްދޭ އުކުޅުތައް
(ހ) ހުއްޓާލުމަށްފަހު ފެށުން (stop and start method): މިއުކުޅުގައި ހަދާނެ ގޮތަކީ ފިރިހެނާގެ ޒަކަރުގައި ބާރުޖެހި ޖިންސީއެދުން ފުދެން ކައިރިވުމުން ޒަކަރުގައި ވަރުޖެހުމަށް މެދުވެރިކުރުވި ކަމަކުން ( މިސާލަކަށް ދެމަފިރިން ލޯބިކުރުން) ދުރުހެލިވެ އެކަން ހުއްޓާލާނީ އެވެ. މިގޮތަށް ހުއްޓާލާނީ 30 ސިކުންތަށެވެ. 30 ސިކުންތު ހަމަވުމުން އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް އަމަލުކުރާނީ އެވެ. އަދި ފިރިހެނާ ޖިންސީއެދުން ފުއްދަން ބޭނުންވަންދެން މިއުކުޅު ތަކުރާރު ކުރެވިދާނެ އެވެ. އަދި މިއުކުޅު ފަރިތަކުރާ ފަހު ފަހަރު ފިރިހެނާގެ ޖިންސީއެދުން ފުދެންދެން ކުރިއަށް ގެންދާނީ އެވެ.

(ށ) ޒަކަރުގެ ކޮޅަށް ފިތާލުން (pause and squeezing method): މިއުކުޅުގައި ހަދާނެ ގޮތަކީ ފިރިހެނާގެ ޒަކަރުގައި ބާރުޖެހި ޖިންސީއެދުން ފުދެން ކައިރިވުމުން ޒަކަރުގެ ދަނޑީގެ ކޮޅާއި އޮމާމަސް ގުޅޭ ހިސާބަށް ފިތާލައިގެން ދެތިން ސިކުންތު ވަންދެން (އިރުކޮޅެއް ވަންދެން) ހުންނާނީ އެވެ. އަދި ޒަކަރުގައި ވަރުޖެހުމަށް މެދުވެރިކުރުވި ކަމަކުން ( މިސާލަކަށް ދެމަފިރިން ލޯބިކުރުން) ދުރުހެލިވެ އެކަން ހުއްޓާލާނީ އެވެ. މިގޮތަށް ހުއްޓާލާނީ 30 ސިކުންތަށެވެ. 30 ސިކުންތު ހަމަވުމުން އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް އަމަލުކުރާނީ އެވެ. އަދި ފިރިހެނާ ޖިންސީއެދުން ފުއްދަން ބޭނުންވަންދެން މިއުކުޅު ތަކުރާރު ކުރެވިދާނެ އެވެ. އަދި މިއުކުޅު ފަރިތަކުރާ ފަހު ފަހަރު ފިރިހެނާގެ ޖިންސީއެދުން ފުދެންދެން ކުރިއަށް ގެންދާނީ އެވެ.
ގުޅަ ބޭސް
(ހ) - އެންޓިޑިޕްރެސަންޓް (antidepressants): އަވަހަށް މަނިބޭރުވުމުގެ ފަރުވާގެ ގޮތުގައި އެންޓިޑިޕްރެސަންޓްގެ ގޮތުގައި ބޭނުންކުރެވޭ "ސާރޓްރަލީން"(Sertraline) "ކްލޯމިޕްރަމިން"(clomipramine) ، "ޕެރޮކްސީޓީން"(paroxetine)، ފްލޫއޮކްސީޓީން"(fluoxetine) އަދި "ޑެޕަކްސީޓިން"(Dapoxetine) ފަދަ ބޭސްތައް ބައެއް ފަހަރު ބޭނުންކޮށް އުޅެއެވެ. މިބޭސްތަކުން ފައިދާވާ ސަބަބަކީ މިބޭސްތަކުގެ ނޭދެވޭ އަސަރެއްގެ ގޮތުގައި ޖިންސީ އެދުންފުދުން ލަސްކޮދޭތީ އެވެ. މިފަދަ ބޭސްތައް ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި މޭނުބައިކުރުން، ތާއްޔަށްޖެހުން، އަނގަތެރެ ހިކުން، އަދި ޖިންސީ އެދުންވެރިކަން ކުޑަވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ށ) - ތަދުކަނޑުވާ ބޭސްތައް (Analgesics): ތަދުތަކަށް ދީއުޅޭ "ޓްރެމަޑޯލް"(tramadol) އަކީ ވެސް މަނިބޭރުވުން ލަސްކޮށްދޭނެ ބޭހެކެވެ. އެއީ ޓްރެމަޑޯލް ބޭނުންކުރުމުން، ޓްރެމަޑޯލްގެ ނޭދެވޭ އަސަރެއްގެ ގޮތުގައި ޖިންސީ އެދުންފުދުން ލަސްކޮދޭތީ އެވެ. ޓްރެމަޑޯލް ބޭނުންކުރުމުން ފެނިދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި މޭނުބައިކުރުން، ބޯއެނބުރުން، އަދި ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ނ) - ފޮސްފޮރޑައިއެސްޓިރޭޒް-5- އިންހިބިޓާރޒް (phosphpdiesterase -5-inhibitors): މިއީ އާންމު ގޮތެއްގައި ޖިންސީ ވަޅޯކަމާއި ބަލިކަށިކަމަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ ބޭސްތަކެވެ. އޭގެ ތެރޭގައި "ސިލްޑިނަފިލް"(Sildenafil)، "ޓަޑަލަފިލް"(tadalafil) ، އަދި "ވާރޑިނަފިލް"(vardenafil) ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް ބޭނުންކުރުމުން ފެނިދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބޮލުގައި ރިހުން، މޫނުމަތި ރަތްވުން، ލޮލުގެ ފެނުމަށް ވަގުތީ ބަދަލެއް އައުން، އަދި ނޭފަތުން ފެންއައުން ފަދަ ކަންތައްތައް ހިމެނެއެވެ.
ޒަކަރުގައި އުގުޅާ ބޭސް
އަވަހަށް މަނިބޭރުވުމަށް ފަރުވާކުރުމަށް ތަފާތު ވައްތަރުތަކުގެ ކްރީމް، ޖެލް، ސްޕްރޭ ފަދަ ތަކެތި އުފައްދާފައި ހުރެއެވެ. މިފަދަ ތަކެތީގެ ބޭނުމަކީ ފިރިހެން ހަށީގެ އިހުސާސް ދަށްކޮށް ކުޑަކޮށްލުމެވެ. ފިރިހެން ހަށީގެ އިހުސާސް ދަށްވުމަކީ މަނިބޭރުވުން ލަސްކޮށްދޭނެ ކަމެކެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ފިރިހެން ހަށީގައި އައްސިކަމެއް އުފައްދާދޭނެ އެވެ. ޖިމާއުވާން ފެށުމުގެ ކުރިން މިފަދަ ބޭސްތައް ފިރިހެން ހަށީގައި އުގުޅިދާނެ އެވެ. ނަމަވެސް މިފަދަ ބޭހެއް ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި އަމިއްލަ ބޭނުންކުރުން އެދެވިގެން ނުވެއެވެ. އެހެނީ މިފަދަ ބޭސްތަކުގެ ސަބަބުން މަދުން ނަމަވެސް ނުގުޅޭ އަސަރެއް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ކަންކަމަށް އަމިއްލައަށް ބޭސް ނެގުމަކީ ރަގަޅުގޮތެއް ނޫނެވެ. އަދި ޑރ އެއްގެ އިރުޝާދާއި ނުލައި މިފަދަ ލިޔުމެއް ބަލައިގެން ކުރިމަތިވާ މައްސަލަތަކަށް ޒިންމާވުމަކީ އެމީހެއްގެ އަމިއްލަ ފަރުދީ ކަމެކެވެ.
މައުލޫމާތު :


No comments:

Post a Comment