Friday, August 23, 2013

ސަރުބީމަތިވުން

ސަރުބީ މަތިވުން
ސަރުބީ މަތިވުމަ(hyperlipidemia)ކީ ލޭގައި ހުންނަ ސަރުބީ ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމެވެ. އާންމު ގޮތެއްގައި ސަރުބީ މަތިވުން ނިސްބަތް ކުރެވެނީ ލޭގައި ސަރުބީގެ ވައްތަރުތައް ކަމުގައިވާ ކޮލެސްޓްރޯލް(cholesterol) އަދި "ޓްރައިގްލިސެރައިޑް"(triglyceride) ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމަށެވެ.

ލޭގައި ސަރުބީ ގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ. މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން،ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.



ސަރުބީ ނުވަތަ ކޮލެސްޓްރޯލް
ކޮލެސްޓްރޯލް(cholesterol) އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި  އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ(ސަރުބީއެކުލެވޭ) މާއްދާ އެކެވެ. ނުވަތަ މިއީ ލޭގައި ހުންނަ ސަރުބީ ގެ ވައްތަރެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ.

އިންސާނާގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. އެގޮތުން، އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ ސެލްއެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ. މިބުނި މަސައްކަތްތައް ހިންގުމަށް ހަށިގަނޑަށް ކޮލެސްޓްރޯލް ބޭނުންވަނީ ވަކި މިންވަރަކަށެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރު ހައްދު ފަހަނައަޅައި ގޮސް އެއަށްވުރެ ގިނައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރުމަކީ ތަފާތު ބަލިތައް ފެންމަތިވެގެން އަންނާނެ ކަމެކެވެ.

ހަށިގަނޑުގައި އުފެދޭ ސަރުބީގެ މަސްދަރު
ކޮލެސްޓްރޯލް އުފައްދަނީ  މޭގަނޑު އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ. އިންސާނުންގެ ކެއުމުގައި ބޭނުންކުރެވޭ ބައެއް ކާތަކެތިން ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ލިއްބައިދެއެވެ. ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ '''ލިޕޯޕްރޮޓީން''(Lipoprotein) އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ.

ކޮލެސްޓްރޯލް(ސަރުބީ)ގެ ވައްތަރުތައް
ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ '''ލިޕޯޕްރޮޓީން''(Lipoprotein) އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ.  ސަރުބީ އާއި އަޅާ ނިސްބަތްކުރާ އިރު ޕްރޮޓީން ހުންނަ މިންވަރެއްގެ މައްޗަށް ރިޢާޔަތްކޮށް "ލިޕޯޕްރޮޓީން" ބެހިފައިވާ ބައިތައް ތިރީގައި މިވަނީ އެވެ.

(ހ) - ޑެންސިޓީ ދަށް ލިޕޯޕްރޮޓީން(LDL): ޑެންސިޓީ ދަށް ލިޕޯޕްރޮޓީން އަށް "ނުރަގަޅު"(bad)، ނުވަތަ "ގޯސް" ކޮލެސްޓްރޯލް އޭ ވެސް ކިޔައެވެ. އާންމުގޮތެއްގައި ލޭހޮޅިތަކުގެ ފާރުގައި ކޮބަޑިގަނޑެއްގެ ސިފައިގައި ތަތްވެ ހަރުލަނީ މިވައްތަރުގެ ލިޕޯޕްރޮޓީން އެވެ. ޑެންސިޓީ ދަށް ލިޕޯޕްރޮޓީން ލޭގައި ގިނަވެ މަތިވި ވަރަކަށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ސަރުބީ މަތިވުމުން ގިނަފަހަރު ދަށްކުރުމަށް މަސައްކަތްކުރަނީ ވެސް މިވައްތަރުގެ ސަރުބީގެ މިންވަރެވެ.

(ށ) - ޑެންސިޓީ މަތި ލިޕޯޕްރޮޓީން(HDL): ޑެންސިޓީ މަތި ލިޕޯޕްރޮޓީން އަށް "ރަގަޅު"(good) ކޮލެސްޓްރޯލް އޭ ވެސް ކިޔައެވެ. މިއީ ލޭގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަދުކޮށް ދަށްކުރުމަށް އެހީތެރިވެދޭ ލިޕޯޕްރޮޓީން އެކެވެ. ނުވަތަ ލެއިން ސަރުބީ ސާފުކުރުމަށް އެހީތެރިވެދޭ ލިޕޯޕްރޮޓީން އެކެވެ. ޑެންސިޓީ މަތި ލިޕޯޕްރޮޓީން ގިނަވެ މަތިވި ވަރަކަށް ޞިއްޙަތަށް ރަގަޅުވާނެއެވެ. ޑެންސިޓީ މަތި ލިޕޯޕްރޮޓީން ލޭގައި މަދުވެ، ދަށްވި ވަރަކަށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

(ނ) - ޑެންސިޓީ ވަރަށް ދަށް ލިޕޯޕްރޮޓީން(VLDL): މިއީ ޑެންސިޓީ ދަށް ލިޕޯޕްރޮޓީން އާއި އެއްގޮތް އެއްޗެކެވެ. މިވައްތަރު ލިޕޯޕްރޮޓީންގައި މައިގަނޑު ގޮތެއްގައި ހުންނަނީ ފެޓް(ސަރުބީ) އެވެ. މާގިނައިން ޕްރޮޓީން އެއް ނުހުންނާނެ އެވެ.

(ރ) - ޓްރައިގްލިސެރައިޑް(Triglyceride): މިއީ ޑެންސިޓީ ވަރަށް ދަށް ލިޕޯޕްރޮޓީން އާއެކު ލޭގެ ތެރޭގައި ދައުރުވާ، ސަރުބީގެ ވައްތަރެކެވެ. ހަށިގަނޑުގައިވާ ގިނަވާ ކެލޮރީ، ހަކުރު، ބަނގުރާ، ހަށިގަނޑުގެ ތެރޭގައި ޓްރައިގްލިސެރައިޑް އަށް ބަދަލުވެ، ހަށިގަނޑުގައި ހިމެނޭ ސަރުބީ އެކުލެވޭ ސެލްތަކުގައި ރައްކާކުރެވިފައި ހުރެއެވެ. ހަށިގަނޑުގައި މިވައްތަރުގެ ސަރުބީ އަދި ޑެންސިޓީ ދަށް ލިޕޯޕްރޮޓީން ގިނަވެއްޖެނަމަ ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.

ސަރުބީ މަތިވާން ދިމާވާ ސަބަބުތައް (މަގުފަހިކުރާ ކަންތައްތައް)
ކޮންޓްރޯލް (ބަދަލުކުރެވިދާނެ) ކުރެވިދާނެ ކަންތައްތައް
(ހ) - ކާނާ : ކާތަކެތީގައި ސެޗިޔުރޭޓެޑް ފެޓް، ޓްރާންސް ފެޓް، އަދި ކޮލެސްޓްރޯލް އެކުލެވުމަކީ ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވާނެ ކަމެކެވެ. އެހެންކަމުން ކެއުމުގައި ސެޗިޔުރޭޓެޑް ފެޓް، އަދި ކޮލެސްޓްރޯލް ހިމެނޭ މިންވަރު މަދުކުރާށެވެ. ސެޗިޔުރޭޓެޑް ފެޓް އަދި ކޮލެސްޓްރޯލް ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކުކުޅު ބިހުގެ ގޮބޮޅި، ހޯލް މިލްކު، ބަޓަރު، އަދި ޗީޒް ފަދަ ތަކެތި ހިމެނެއެވެ. ޓްރާންސް ފެޓު ގިނައިން ހުންނަނީ  ޗިޕްސް، ކޫކީޒް، ކްރެކާރސް ފަދަ ބަންދުކޮށްފައި ހުންނަ ކާތަކެތީގައެވެ.

(ށ) - ބަރުދަން : ބަރުދަން އިތުރުވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިކުރާ ކަމެކެވެ. މީގެ އިތުރުން މާބޮޑަށް ފަލަވެ، ބަރުދަން އިތުރުވުމަކީ، ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލް ޚާއްޞަކޮށް "ޓްރައިގްލިސެރައިޑް"ގެ މިންވަރު މަތިކުރާ ކަމެކެވެ. ބަރުދަން ލުއިކުރުމަކީ އެކަމުގެ ސަބަބުން، ނުރަގަޅު ކޮލެސްޓްރޯލް، އަދި ހަށިގަނޑުގައި ހިމެނޭ ކޮލެސްޓްރޯލްގެ ޖުމުލަ ނިސްބަތް ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ނ) - ހެލިފެލިވެ ނޫޅުން : އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް އަބަދު ގޭގައި އިށީދެ އޮށޯވެގެން އިނުމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލް ގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ.

(ރ) - ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ސަރުބީގެ މިންވަރު ދަށްކުރާ ކަމެކެވެ.

(ބ) - ހަކުރު ބަލި : ހަކުރު ބަލި ރަގަޅަށް ކޮންޓްރޯލް ނުކުރެވުމަކީ ސަރުބީގެ މިންވަރު މަތިވާ ކަމެކެވެ. ހަކުރު ބަލި ކޮންޓްރޯލްވެ، ހަމައިގައި ހިފެހެއްޓިފައި ހުންނަވަރަކަށް، ސަރުބީގެ ނިސްބަތް ވެސް ދަށްވެއެވެ 

(ޅ) - ބައެއް ކަހަލަ ބަލިތައް : ބައެއް ކަހަލަ ބަލި ތަކަކީ އެބަލިތަކުގެ ސަބަބުން ސަރުބީ މަތިވެގެންދިއުމުގެ ފުރުޞަތު އިތުރުކޮށްފާނެ ބަލިތަކެވެ. އޭގެ ތެރޭގައި ތައިރޮއިޑް ދަށްވުން، އަދި ގުރުދާގެ ބަލިތައް ފަދަ މައްސަލަތައް ހިމެނެއެވެ.

(ކ) – ބައެއް ކަހަލަ ބޭސްތައް : ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ލޭގައި ސަރުބީގެ މިންވަރު މަތިވެއެވެ. އެގޮތުން ބައެއް ބޭސްތަކުގެ ސަބަބުން ލޭގައި ޓްރައިގްލިސެރައިޑް ގެ މިންވަރު މަތިކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް ދެއެވެ. ތިއެޒައިޑް ޑަޔުރެޓިކްސް، ބީޓާ ބްލޮކަރސް، ކޯޓިކޯސްޓީރޮއިޑް އަދި އެސްޓްރަޖަން ހޯރމޯން ފަދަ ބޭސް ތައް ހިމެނެއެވެ.

ކޮންޓްރޯލް ނުކުރެވޭ ކަންތައްތައް
(ހ) - އުމުރު : އަހަރެމެންގެ އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވަމުން ދެއެވެ. އެގޮތުން އުމުރުން 20 އަހަރު ވުމުން ކޮލެސްޓްރޯލްގެ މިންވަރު މަޑުމަޑުން މަތިވަމުންދާނެ އެވެ. އިއްދައިން ކެނޑުމުގެ ކުރިން އަންހެނުންގެ ހަށިގަނޑުގައި ސަރުބީ ނުވަތަ ކޮލެސްޓްރޯލްގެ މިންވަރު އެއުމުރުގެ ފިރިހެނުންނާއި އަޅާކިޔާއިރު، ދަށްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އިއްދައިން ކެނޑުމަށްފަހު އަންހެނުންގެ ހަށިގަނޑުގައި  ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިވުމަށް މަގުފަހި ވެއެވެ.

(ށ) – ޖިންސް : އުމުރުން 45 އަހަރުން މަތީގެ ފިރިހެނުންނާ އުމުރުން 55 އަހަރުން މަތީގެ އަންހެނުންނަށް ސަރުބީ މަތިވުމުގެ ފުރުޞަތު ބޮޑެވެ.

(ނ) - ވާރުތަވުން : އެމީހެއްގެ ހަށިގަނޑުން އުފައްދާނީ ކިހާ ކޮލެސްޓްރޯލެއް ނުވަތަ ސަރުބީއެއްކަން ކަނޑައެޅުމުގައި އެމީހެއްގެ ހަށިގަނޑުގައި އެކުލެވޭ ވިރާސީ ބަހާ ގެ ދައުރެއް އޮވެއެވެ. ލޭގައި ސަރުބީ މަތިވުމުގެ މައްސަލައަކީ ބައެއް އާއިލާތަކުގެ މެންބަރުންގެ ތެރޭގައި އާންމު ކަމެކެވެ. އެހެންކަމުން އާއިލާގެ މެންބަރުންގެ ގައިގައި ސަރުބީ މަތިވުން ހުރިނަމަ އެމީހެއްގެ ގައިގައި ވެސް ސަރުބީ މަތިވުމުގެ ފުރުޞަތު އަބަދުވެސް އޮވެދާނެކަން ހަދާން ކުރަންޖެހެއެވެ.

ސަރުބީ މަތިވުމުން ވަނީ ކިހިނެއް؟
ލޭގައި ކޮލެސްޓްރޯލްގެ މިންވަރު މަތިވުމުން (ނުރަގަޅު ކޮލެސްޓްރޯލް މަތިވެ ރަގަޅު ކޮލެސްޓްރޯލް ދަށްވުމުން) ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކޮބަޑި ގަނޑެއް (Plaque)ގެ ސިފައިގައި ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. މިގޮތަށް ލޭހޮޅީގެ ތެރޭގައި ސަރުބީ ޖަމާވުމުން، ލޭހޮޅި ހަރުވާގޮތް(Atherosclerosis) ދިމާވެއެވެ. މިހެންވުމުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި:-

(ހ) – ލޭހޮޅި ތައް ހަނިވުން (narrowing of arteries): އެކަށޭނަ ވަރަށް ލޭހޮޅީގައި ސަރުބީ ޖަމާވުމުން ލޭހޮޅި ބައްދަން ފަށާނެ އެވެ. ލޭހޮޅި ބެދެމުންދާނީ ވަރަށް މަޑުމަޑުންނެވެ. ލަސްލަހުންނެވެ. މިކަމަށް އަހަރުތަކެއް ނެގުމަކީ ވެސް ވެދާނެ ގޮތެކެވެ. ލޭހޮޅި ހަނިވުމުން ލޭދައުރުކުރުން ދަށްކުރާނެ އެވެ. މިހެންވުމުން ލޭދައުރުވުން (ފޯރުވައިދިނުން) ދަށްވި ހިސާބަކަށް އޮކްސިޖަން ދިއުން މަދުވާގޮތް(ischemia) ވެއެވެ. އެގޮތުން ހިތަށް ލޭފޮނުވުން ދަށްވެ، އެކަށޭނަ ވަރަށް އޮކްސިޖަން ނުލިބުމުން "އެންޖައިނާ"(Angina) ކިޔާ މޭގައި ރިހުމުގެ ވައްތަރެއް ކުރިމަތި ކުރުވައެވެ.

(ށ) – ލޭހޮޅި ތައް ހަރުއެރުން (hardening of arteries): ދުޅަހެޔޮ ލޭހޮޅިއެއް ނަމަ ބޭނުންޖެހުމުން ލޭފޮނުވައިދިނުމަށް ޓަކައި ފުޅާވުމުގެ ގާބިލިއްޔަތު ހުންނާނެއެވެ. ލޭހޮޅީގެ ތެރޭގައި ކޮބަޑި ގަނޑެއްހެން ސަރުބީ ޖަމާވުމުން ލޭހޮޅި ދެމި ފުޅާވުމަށް އުދަނގޫވާ ވަރަށް ހަރުއަރައެވެ. މިގޮތަށް ލޭހޮޅި ހަރުއެރުމަކީ ވެސް މޭގައި ރިހުން ކުރިމަތި ކުރުވާނެ ކަމެކެވެ.

(ނ) – ލޭހޮޅި ތައް ބައްދާލުން (blockage of arteries): ލޭހޮޅީގެ ތެރޭގައި އުފެދުނު ސަރުބީގެ ކޮބަޑި ގަނޑުގައި ރެނދެއް ނުވަތަ ކޫރުމެއް އެޅުމުން ނުވަތަ އެއިން އެތިކޮޅެއް ނެއްޓުމުން އޭގެ ވަށައިގެން ގަނޑުލޭކޮޅު ތައް އުފެދޭނެ އެވެ. އަދި މިގަނޑު ލޭކޮޅު ލޭހޮޅި ބައްދާލާނެ އެވެ. މިގޮތަށް ލޭހޮޅި އެއް ބައްދާލުމުން އެލޭހޮޅިއަކުން ލޭފޯރުކޮށްދޭ ގުނަވަނަށް ގެއްލުން ލިބުމަކީ ދިމާވާނެ ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނާ، ސަރުބީ މަތިވުން ހުންނަ މީހުންނަށް ލޭހޮޅީގެ ތެރޭގައި އުފެދޭ ސަރުބީ ގަނޑު ފަޅައިގެންދިއުމުގެ ފުރުޞަތު ބޮޑެވެ.

ހިތަށް ލޭފޯރުކޮށްދޭ "ކޮރޯނަރީ އާޓަރީ"(Coronary artery)އޭ ކިޔޭ ލޭހޮޅީގައި ސަރުބީ ޖަމާވެ، ލޭހޮޅި ހަނިވެފައި ވަނިކޮށް، ގަނޑުލޭކޮޅެއް (Blood clot) ލޭހޮޅީގެ ތެރޭގައި އުފެދި، އެލޭހޮޅި ބެދިއްޖެނަމަ، ހިތުގެ މަސްގަނޑުން ބައެއް މަރުވުން (Heart attack) ފަދަ ކަމެއް ދިމާވުމަކީ އާންމު ކަމެކެވެ. ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން (ލޭހޮޅީގައި ސަރުބީ ޖަމާވުމުން) ސްޓްރޯކްޖެހުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ލޭހޮޅިތައް ހަރުއެރުމުން ދިމާވެދާނެ މައްސަލަ(complications) ތަކުގެ ތެރޭގައި:-
(ހ) – ހިތަށް ލޭފޮނުވައިދޭ ލޭހޮޅީގެ ބަލިތައް ކުރިމަތިވުން (coronary artery disease): މިބަލިތަކުގެ ސަބަބުން މޭގައި ރިހުން، ހާޓް އެޓޭކް ޖެހުން، ހިތުގެ މަސައްކަތް ފޭލްވެ ހުއްޓުމަކަށް އައުން، އަދި ވިންދު ތަރުތީބުނުވުން ފަދަ ކަންތައްތައް ކުރިމަތިވެގެން ދެއެވެ.
(ށ) – ސްޓްރޯކްޖެހުން (stroke): ސިކުނޑިއަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ލޭހޮޅި އަރުއަރައިފިނަމަ ސްޓްރޯކް ޖެހުމަކީ ވެދާނެ ގޮތެކެވެ.

(ނ) – އަތްފައިގެ ލޭހޮޅިތަކުގެ ބަލިތައް ޖެހުން (peripheral arterial disease): އަތްފައިގެ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމަކީ ވެސް މައްސަލަ ތައް ދިމާވާނެ ކަމެކެވެ. އެގޮތުން އަތްފައިގެ ލޭހޮޅިތަކުގައި ސަރުބީ ޖަހައި ލޭހިނގުން ދަށްވެއްޖެނަމަ އަތްފަޔަށް ތަދުވުމާ، ކުޑަކަޅުވާ އަދި މާކަޅުވާ މަސްގަނޑު އަކުނިވަޔަށް ދަމައި ވާޅުވުމަކީ ވެސް ވެދާނެ ގޮތެކެވެ.

(ރ) – ލޭމައްޗަށްދިއުން (hypertension): ލޭހޮޅީގެ އެތެރޭގައި ސަރުބީ ޖަމާވެ ހަރުއެރުމުން ލޭހޮޅީގެ ތެރޭގައި ލޭދައުރުވާ ބާރުމިން މަތިވެއެވެ. މިހެންވުމުން ލޭހޮޅިތަކުގެ ތެރެއިން ލޭފޮނުވުމަށް ހިތުން އިތުރު ބާރެއް ލާންޖެހޭނެ އެވެ. ނަތީޖާއަކީ އެކަމުގެ ސަބަބުން ލޭމައްޗަށްދިއުމެވެ. އެހެންކަމުން ވަރަށް ގިނަފަހަރު ސަރުބީ ހުންނަނަމަ ލޭމައްޗަށްދިއުން ހުންނަގޮތް ވެއެވެ.

ހަށިގަނޑުގައި ކޮލެސްޓްރޯލް(ސަރުބީ) މަތިވުން ކަމުގައި ބަލަނީ ކިހާ މިންވަރެއްގައި ހުރެގެންތަ؟
އުމުރުން 20 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް އެންމެ މަދުވެގެން ކޮންމެ 5 އަހަރަކުން އެއް ފަހަރު ހަށިގަނޑުގައި ސަރުބީ ހުރި ނިސްބަތް ބަލައިލުމަކީ އެދެވިގެންވާ ކަމެކެވެ. ހަށިގަނޑުގައި ސަރުބީ މަތިވުމުން ދެޓެސްޓެއް ހަދައި އުޅެއެވެ. އެއީ ހައިބަނޑާހުރެ ހަދާ ޓެސްޓަކާއި، ކައިގެން ހަދާ ޓެސްޓެކެވެ. ކައިގެން ހަދާ ޓެސްޓުގެ އެހީގައި، މުޅި ހަށިގަނޑުގައި ސަރުބީހުރި ޖުމުލަ މިންވަރާއި، ރަގަޅު ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ދެނެގަނެވޭނެ އެވެ.

(ހ) - ހައި ބަނޑާ ހުރެ ހަދާ ޓެސްޓް (lipid profile): ހައިބަނޑާހުރެ ހަދާ ޓެސްޓަށް "ލިޕިޑް ޕްރޮފައިލް"އޭ ކިޔައެވެ. މިޓެސްޓްގެ އެހީގައި މުޅި ހަށިގަނޑުގައި ސަރުބީހުރި ޖުމުލަ މިންވަރާއި، ރަގަޅު ކޮލެސްޓްރޯލް، ނުރަގަޅު ކޮލެސްޓްރޯލް، އަދި ޓްރައިގްލިސެރައިޑް އެކުލެވޭ މިންވަރު ދެނެގަނެވެއެވެ. މިޓެސްޓު ހެދުމުގެ ކުރިން 12-9 ގަޑިއިރު ވަންދެން އެއްވެސް އެއްޗެއް ނުކައި ހައިބަނޑާ ހުންނަން ޖެހޭނެ އެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން އިރުޝާދު ދެއްވަނީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ ޖުމުލަ ނިސްބަތް(total cholesterol) 200 އަށްވުރެ ދަށުގައި ބެހެއްޓޭތޯ ބެލުމަށެވެ.

(ށ) – ޑައިރެކްޓް އެލްޑީއެލް ޓެސްޓް (direct LDL test): މިއީ ކޮންމެ ވަގުތަކު ވެސް ހަދާލެވިދާނެ، ޓެސްޓު ހެދުމަށް ކޮންމެހެން ހައިބަނޑާހުރުން ލާޒިމުކުރާ ޓެސްޓެއް ނޫނެވެ. މިޓެސްޓުގައި މިންކުރެވެނީ ހަމައެކަނި ލޭގައި ޑެންސިޓީ ދަށް ލިޕޯޕްރޮޓީން ހުންނަ މިންވަރެވެ.

(ނ) – ސިމްޕަލް ކޮލެސްޓްރޯލް ޓެސްޓް (simple cholesterol test): މިޓެސްޓު ގެ ކުރިން ވެސް ކައިބޮއި ހެދުމަކީ މައްސަލަ އެއް ނޫނެވެ. ބައެއް ޑޮކްޓަރުން ފުރަތަމަ ލަފާދެނީ ސަރުބީ ހުރިތޯ ބެލުމަށް މިޓެސްޓު ހެދުމަށެވެ. މިޓެސްޓުގައި މިންކުރެވެނީ ހަށިގަނޑުގައި ޖުމުލަ ސަރުބީ ހުރި މިންވަރާ، ރަގަޅު ސަރުބީ ހުރި މިންވަރެވެ.

މީގެ އިތުރުން ޑޮކްޓަރަށް ދެއްކުމުން ހިތުގެ ބަލިތައް ދިމާވުމުގެ ފުރުޞަތު ބަލިމީހާއަށް އޮތް މިންވަރު ބެލުމަށް އަންނަނިވި ކަންތައްތަކަށް ރިއާޔަތްކޮށް ވާހަކަ ދައްކައި، މަޝްވަރާކޮށް މަޢުލޫމާތު އޮޅުން ފިލުވާނެ އެވެ.
·         ދުންފަތުގެ އިސްތިއުމާލުކުރުން
·         ހަކުރު ބަލި ހުރިތޯ ބެލުން
·         ލޭމައްޗަށްދިއުން ހުރިތޯ ބެލުން
·         އާއިލާގައި ސަރުބީ މަތިވުން ދައުރުވަމުން އާދޭތޯ، ނުވަތަ ހާޓް އެޓޭކް ޖެހިފައިވާ މެންބަރަކު ހުރިތޯ ބެލުން

(ރ) – ބައެއް އެހެން ޓެސްޓުތައް
·         ތައިރޮއިޑް ޓެސްޓު ހެދުން (TFT): މިއީ ތައިރޮއިޑް ދަށްވުން ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. ތައިރޮއިޑް ދަށްވުމަކީ ސަރުބީ މަތިކޮށްދާނެ ކަމެކެވެ.
·         ސީ-ރިއެކްޓިވް ޕްރޮޓީން (CRP): މިއީ ހިތުގެ ލޭހޮޅިތަކަށް ބަލިޖެހުމުގެ ފުރުޞަތު އޮވެދާނެ މީހުންނަށް ބައެއް ފަހަރު ހަދައި އުޅޭ ޓެސްޓެކެވެ.

ހަށިގަނޑުގައި ސަރުބީ ހިމެނޭ މިންގަނޑުތަކަށް ބަލާލުން

ހަށިގަނޑުގައި ހިމެނޭ ޖުމުލަ ކޮލެސްޓްރޯލް : ހަށިގަނޑުގައި ހިމެނޭ ޖުމުލަ ކޮލެސްޓްރޯލް ގެ މިންވަރުން ސަރުބީ މަތިވެފައިވާނަމަ އެނގޭނެ އެވެ. ހަށިގަނޑުގެ ޖުމުލަ ސަރުބީގެ މިންވަރު މަތި ނަމަވެސް ފަރުވާ ފެށުމުގެ ކުރިން ޑެންސިޓީ ދަށް ލިޕޯޕްރޮޓީން އަދި ޑެންސިޓީ މަތި ލިޕޯޕްރޮޓީން ހުރި މިންވަރު ޑޮކްޓަރުން ބަލާނެ އެވެ. ހަށިގަނޑުގައި ޖުމުލަ ސަރުބީގެ ނިސްބަތް ހުންނަންޖެހޭ ގޮތް ތިރީގައި މިވަނީ އެވެ.
ސަރުބީ ނިސްބަތް
ފަންތި
200 ނުވަތަ އަށްވުރެ ދަށުގައި ހުރުން
ހުރުން އެންމެ އެދެވިގެންވާ މިންވަރު
239 – 200 އާއި ދެމެދުގައި ހުރުން
ހުރުން އެދެވޭ އެންމެ މަތީ މިންވަރު (ބޯޑަރ ލައިން)
240 ނުވަތަ އެއަށްވުރެ މަތީގައި ހުރުން
ސަރުބީ މަތިވުން

ނުރަގަޅު ކޮލެސްޓްރޯލް :  ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް ހުންނަންޖެހޭ ގޮތް ތިރީގައި މިވަނީ އެވެ.
ސަރުބީ ނިސްބަތް
ފަންތި
100 ނުވަތަ އެއަށްވުރެ ދަށުގައި ހުރުން
ހުރުން އެންމެ އެދެވިގެންވާ މިންވަރު
129 – 100 އާއި ދެމެދުގައި ހުރުން
ހުރުން އެންމެ އެދެވިގެންވާ މިންވަރާ ކައިރީ ހުރުން
159 – 130 އާއި ދެމެދުގައި ހުރުން
ހުރުން އެދެވޭ އެންމެ މަތީ މިންވަރު (ބޯޑަރ ލައިން)
189 – 160 އާއި ދެމެދުގައި ހުރުން
މަތީ ގައި ހުރުން
190 ނުވަތަ އެއަށްވުރެ މަތީގައި ހުރުން
ވަރަށް މަތީގައި ހުރުން

ރަގަޅު ކޮލެސްޓްރޯލް : ހަށިގަނޑުގައި ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް ހުންނަންޖެހޭ ގޮތް ތިރީގައި މިވަނީ އެވެ.
ސަރުބީ ނިސްބަތް
ފަންތި
60 ނުވަތަ އަށްވުރެ މަތީގައި ހުރުން
ހުރުން އެންމެ ރަގަޅު މިންވަރު
40 ނުވަތަ އަށްވުރެ މަތީގައި ހުރުން
ހުރުން ރަގަޅު މިންވަރު
40 ނުވަތަ އަށްވުރެ ދަށުގައި ހުރުން
ހުރުން ރަގަޅު ނޫން މިންވަރު

ޓްރައިގްލިސެރައިޑް : ހަށިގަނޑުގައި ޓްރައިގްލިސެރައިޑްގެ ނިސްބަތް ހުންނަންޖެހޭ ގޮތް ތިރީގައި މިވަނީ އެވެ.
ސަރުބީ ނިސްބަތް
ފަންތި
150 ނުވަތަ އެއަށްވުރެ ދަށުގައި ހުރުން
ހުރުން އެންމެ އެދެވިގެންވާ މިންވަރު
199 – 150 އާއި ދެމެދުގައި ހުރުން
ހުރުން އެދެވޭ އެންމެ މަތީ މިންވަރު (ބޯޑަރ ލައިން)
499 – 200 އާއި ދެމެދުގައި ހުރުން
މަތީ ގައި ހުރުން
500 ނުވަތަ އެއަށްވުރެ މަތީގައި ހުރުން
ވަރަށް މަތީގައި ހުރުން

މަތީގައިވާ ބައިތަކަށް ބަލާއިރު ސަރުބީ ހުންނަ މިންވަރާ ބެހޭ ފަންތިތައް ތިރީގައި މިވަނީ އެވެ. އަދަދު ލިޔެފައިވަނީ ލޭގެ ކޮންމެ ޑެސިލިޓަރެއްގައި މިލިގްރާމް ހުންނަންޖެހޭ ނިސްބަތުންނެވެ.
ވައްތަރު
އެންމެ ރަގަޅު
ރަގަޅު/އެދެވޭ އެންމެ މަތި
މަތިވުން/ރަގަޅު ނޫން
ވަރަށް މަތިވުން
ޖުމުލަ ސަރުބީ
200އަށްވުރެ ދަށް
239–200 ދެމެދު
240އަށްވުރެ މަތި
-
ނުރަގަޅު ސަރުބީ
100އަށްވުރެ ދަށް
159–130 ދެމެދު
189–160 ދެމެދު
190އަށްވުރެ މަތި
ރަގަޅު ސަރުބީ
60އަށްވުރެ މަތި
40 އަށްވުރެ މަތި
40އަށްވުރެ ދަށް
-
ޓްރައިގްލިސެރައިޑް
150އަށްވުރެ ދަށް
199–150 ދެމެދު
499–200 ދެމެދު
500އަށްވުރެ މަތި

ސަރުބީ މަތިވުމުންދެވޭ ފަރުވާ
ސަރުބީ ދަށްކުރުމަށް މަސައްކަތްކުރުމުގެ މައިގަނޑު އަމާޒަކީ ހަށިގަނޑުގައި ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށް، ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމެވެ. ސަރުބީ ދަށްކުރުމަށް ދެގޮތެއް އޮވެއެވެ. އެއީ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމާ (ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ސަރުބީ ނެތް ކެއުމެއް ޚިޔާރު ކުރުން، ކަސްރަތު ކުރުން، ބަރުދަން ލުއިކުރުން، ދުންފަތުގެ އިސްތިއުމާލުނުކުރުން) ސަރުބީ ދަށްކުރުމަށްދޭ ބޭސް ބޭނުން ކުރުމެވެ.

ސަރުބީގެ މިންވަރު ދަށްކުރުމަށް ޑޮކްޓަރުން މަސައްކަތްކުރަނީ، އެމީހެއްގެ ކިބައިގައި ހުރި ހިތުގެ ބަލި ޖެހުމަށް މަގުފަހިކުރާ ކަންތައްތަކުގެ މައްޗަށެވެ.
·         ހިތުގެ ބަލި ޖެހުމުގެ މަގުފަހިކުރާ ކަންތައްތައް 0-1 އާއި ދެމެދުގައި ހުރުން : ހިތުގެ ބަލިޖެހުމުގެ ފުރުޞަތު އާދައިގެ މިންވަރަކަށް އޮވެއެވެ. ކޮލެސްޓްރޯލް ގަވާޢިދުން ޗެކްކުރުމާއި އެކު، ކަސްރަތު ކުރުމާއި، ކެއުމަށް ބަދަލުގެންނަށް ޖެހެއެވެ.
·         ހިތުގެ ބަލި ޖެހުމުގެ މަގުފަހިކުރާ ކަންތައްތަކުގެ ތެރެއިން 2 ކަމަށްވުރެ ގިނަ ކަންތައްތައް ހުރުން :ހިތުގެ ބަލިޖެހުމުގެ ފުރުޞަތު އާދައިގެ މިންވަރަކަށް އޮވެއެވެ. ކޮލެސްޓްރޯލް ގަވާޢިދުން ޗެކްކުރުމާއި އެކު، ކަސްރަތު ކުރުމާއި، ކެއުމަށް ބަދަލުގެންނަށް ޖެހެއެވެ. މީގެ ތެރެއިން ގިނަ މީހުން ސަރުބީ ދަށްކުރާ ބޭސް ބޭނުންކުރަން ޖެހެއެވެ.
·         ހިތުގެ ބަލި ، ހަކުރު ބަލި ފަދަ ބަލިތަކާއި އެހެނިހެން ކަންތައްތައް ހުރުން : ކޮލެސްޓްރޯލް ގަވާޢިދުން ޗެކްކުރުމާއި އެކު، ކަސްރަތު ކުރުމާއި، ކެއުމަށް ބަދަލުގެންނަން ޖެހެއެވެ. އަދި ގަވާޢިދުން ސަރުބީ ދަށްކުރާ ބޭސް ބޭނުން ކުރަން ޖެހެއެވެ.

ސަރުބީ މަތިވުމުން ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ ބޭސްތައް
ސަރުބީ މަތިވުމަށް ފަރުވާކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރެވޭ ބޭހަކީ ސްޓެޓިން(statins) އެވެ. މިފަރުވާގައި ބޭނުންކުރެވޭ އެންމެ ރަގަޅު އެއް ބޭހަކީ ވެސް މިއީ އެވެ. މިއީ ހާޓް އެޓޭކް ޖެހުމާ ސްޓްރޯކް ޖެހުން ކުޑަކޮށްދޭނެ ބޭސް ތަކެކެވެ. ހާޓް އެޓޭކް ޖެހުން ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވޭ ނަމަ ބައެއް ޑޮކްޓަރުން މިފަދަ ބޭސްތަކާ އެކު ސަރުބީ މަތިވުމުގެ ފަރުވާގައި އެސްޕިރިން ބޭނުންކުރަން ވެސް އިރުޝާދު ދީފާނެ އެވެ.

ސަރުބީ މަތިވެފައިވާ މީހުންނަށް ބޭސް ބޭނުންވާކަން ކަނޑައަޅަނީ އެމީހަކަށް ހާޓް އެޓޭކް ޖެހުމާ ސްޓްރޯކް ޖެހުމުގެ ފުރުޞަތު އޮތް ނިސްބަތާ، ސަރުބީ މަތިވެފައިވާ މިންވަރެއްގެ(ޚާއްޞަކޮށް ލޭގައި ނުރަގަޅު ކޮލެސްޓްރޯލް ހުރި މިންވަރުގެ) މައްޗަށް ރިއާޔަތްކޮށެވެ. ބޭސް ބޭނުންކުރުމާއެކު ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް އަމަލު ކުރަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.

ސަރުބީ މަތިވެފައިވާނަމަވެސް ބައެއް ފަހަރު ކެއުމަށް ބަދަލު ގެނެސްގެންނާ، ކަސްރަތުކޮށްގެން ސަރުބީ ދަށްވޭތޯ 3 މަސް ދުވަހުގެ މުއްދަތަށް ބަލާލެވިދާނެ އެވެ. ހިތުގެ ލޭހޮޅިތަކަށް ޖެހޭ ބައްޔެއް މެދުވެރިވެފައި، ސަރުބީމަތިވުން ފާހަގަކުރެވޭނަމަ އެދެވިގެންވަނީ ލަސްނުކޮށް ސަރުބީ މަތިވުމަށްދޭ ފަރުވާ ކުރިޔަށްގެންދަން ފެށުމެވެ. ސަރުބީ މަތިވުމާއެކު، އާއިލާގައި ސަރުބީ މަތިވުން ހުރުން، ލޭމައްޗަށްދިއުން، ހަކުރު ބަލިޖެހުން، އަދި އަތްފައިގެ ލޭހޮޅިތަކުގެ ބައްޔެއް ފަދަ ކަމެއް ފާހަގަކުރެވޭ ނަމަވެސް ބޮޑަށް އެދެވިގެންވަނީ ލަސްނުކޮށް ފަރުވާ ފެށުމެވެ. ސްޓެޓިންގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކުރެވޭ ބޭހަކީ "އެޓޯރވަސްޓެޓިން"(atorvastatin) އެވެ. ސަރުބީ ދަށްކުރުމަށްދޭ ބޭހުގެ ފައިދާ އެންމެ ރަގަޅަށް ހަށިގަނޑަށްކުރާނީ ބޭސްކަމުންދާއިރު ކެއުމުގައި ވެސް ތެލާއި ސަރުބީ މަދު ކާތަކެތި ހިމަނައިގެންނެވެ.

ސްޓެޓިން ބޭނުންކުރުމުން ސަރުބީގެ މިންވަރު ދަށްވަނީ ކޮލެސްޓްރޯލް އުފެއްދުމަށް ހަށިގަނޑު ބޭނުންވާ އެންޒައިމްގެ މަސައްކަތަށް ސްޓެޓިން ހުރަސްއަޅާތީ އެވެ. ލޭހޮޅިތަކުގައި ސަރުބީ ޖަމާވެގެން އުފެދޭ ސަރުބީ ކޮބަޑި ގަނޑުގެ ވަށައިގެން އިންފްލެމޭޝަން އުފެދުން ވެސް ސްޓިޓިންގެ ސަބަބުން ދަށްކޮށްދެއެވެ. ސަރުބީ މަތިވުމުން ފަރުވާގައި ސްޓެޓިންގެ އިތުރުން ދެވޭ ބޭސްތަކުގެ ތެރޭގައި ނިއެސިން، ބައިލް އެސިޑް ރެސިޑިންގެ ގޮތުގައި ބެލެވޭ ޗޮލެސްޓިރަމިން، ކޮލެސްޓިޕޯލް، ކޮލެސިވަލަމް، ފިބްރިކް އެސިޑް ޑިރައިވޭޓިވްސް ގެ ތެރޭގައި ހިމެނޭ ފީނަފައިބްރޭޓް ފަދަ ބޭސްތައް ހިމެނެއެވެ.

ސަރުބީ މަތިވުމުން ދުރުވެ، ރައްކާތެރިވުން (ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތައް)
ވަރަށް އާދައިގެ ކަންތައްތަކަށް ސަމާލުވެ، ފަރުވާތެރިވެގެން ސަރުބީގެ މިންވަރު ދަށްކޮށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-

(ހ) - ތެލާއި،ސަރުބީމަދު ކާނާބޭނުންކުރުން : އެމެރިކަން ހާރޓް އެސޯސިއޭޝަން އިން ލަފާދެނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކޮލެސްޓްރޯލް ނުވަތަ ސަރުބީ ކާނާއިން ހޯދާ މިންވަރު 300 މިލިގްރާމަށްވުރެ ދަށުގައި ބެހެއްޓުމަށެވެ. ހިތުގެ ބައްޔެއް ހުރި މީހެއް ނަމަ މިނިސްބަތް 200 މިލިގްރާމަށްވުރެ ދަށުގައި ބެހެއްޓުމަށެވެ. ކާނާގައި ސަރުބީ ހިމެނޭ މިންވަރު ދަށްކުރުމަށް، ސެޗިޔުރޭޓެޑް ފެޓް ހިމެނޭ ކާނާ ބޭނުންކުރުން މަދުކުރުމާއި، ތެލާއި ސަރުބީ ގިނައިން ހިމެނޭ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުން މުހިއްމެވެ.

ކެއުމުގައި ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކާނާގެ ބާވަތްތައް ހިމެނިދާނެ އެވެ. އެގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކުގެ ތެރޭގައި، ތަރުކާރީ އާ މޭވާގެ ބާވަތްތައް، ތޮޅީގެ ބާވަތްތައް، ފައިބަރު ގިނަ ކާނާގެ ބާވަތްތައް، ޕާން އަދި ޒައިތޫނި ތެޔޮ ފަދަ ތަކެތި ހިމެނެއެވެ.

(ށ) – ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން : ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ރަގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިވެއެވެ.

(ނ) - ކަސްރަތުކުރުން : ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ. ކަސްރަތުކުރުމަކީ ބަރުދަން ލުއިކޮށް، ހަކުރު ބައްޔާއި، ލޭމައްޗަށްދިއުން ކޮންޓްރޯލްކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

(ރ) – ބަރުދަން ލުއިކުރުން : ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ ލޭގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ބަރުދަން ލުއިކުރުމަކީ ލޭމައްޗަށްދިއުން ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.

(ބ) – ގަވާޢިދުން ބޭސްބޭނުންކުރުން : ބައެއް ފަހަރު ހަމައެކަނި ކެއުމަށް ބަދަލު ގެނައުމާއި، ކަސްރަތު ކުރުން ސަރުބީ ދަށްނުވެ ހިގައިދާނެ އެވެ. އެހެން ކަމުން މިހާލަތުގައި ކެއުމަށް ބަދަލު ގެނައުމާއި އެކު، ކަސްރަތުކުރުން ކުރިޔަށް ގެންދަމުން، ސަރުބީ ދަށްކުރުމަށް ޑޮކްޓަރުން ދެއްވާ ބޭސް ގަވާޢިދުން ބޭނުން ކުރަން ޖެހެއެވެ.

ނޯޓް : މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.
މައުލޫމާތު:
webMD. (2010, 07 02). WebMD - Cholesterol & Triglycerides Health Center. Retrieved 08 08, 2013, from http://www.webmd.com/: http://www.webmd.com/cholesterol-management/guide/cholesterol-management-overview

No comments:

Post a Comment