Sunday, June 26, 2022

ގޮއިޓަރ

 

ގޮއިޓަރ

ގޮއިޓަރ(goiter) އަކީ ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިނަށްވުރެ ސައިޒުން ބޮޑުވުމެވެ. މިއީ ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިނަށްވުރެ ނުވަތަ ސައިޒަށްވުރެ ބޮޑުވާ (ހެދިބޮޑުވާ) ހާލަތެކެވެ. މިއީ އެއްވެސް ތަރުތީބެއްނެތި ތައިރޮއިޑް ގްލޭންޑް ގެ ދިރުތައް ހެދިބޮޑުވުމެވެ. "އާދަޔާ ހިލާފު ބޮޑުތައިރޮއިޑް ގްލޭންޑް އަކަށް “ގޮއިޓަރ” އޭކިޔެއެވެ. ގިނަފަހަރު މިފަދަ ބަދަލަކީ ކެންސަރު ނޫން ކޮންމެވެސް އެހެން ސަބަބަކާހުރެ އަންނަ ދުޅައެކެވެ. މިސާލަކަށް މިފަދަ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ އަޔޮޑިން ކާތަކެތީގައި ބޭނުން ވާވަރަށް ނުހިމެނުމުން ހިމެނެއެވެ" (ޑރ މުހައްމަދު ޝިފާން، 2021). 


އާންމު ގޮތެއްގައި "ގޮއިޓަރ" މިލަފުޒު ބޭނުންކުރެވެނީ ތައިރޮއިޑް ގްލޭންޑްގެ މައްސަލައަކާއި ހުރެ، ނޫނީ އަޔޮޑިން މަދުވުމުގެ ސަބަބުން ފަދަ ކަމަކާހުރެ، ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިނަށްވުރެ ބޮޑުވުން(thyroid enlargement)  ސިފަކުރުމަށެވެ. ބައެއް ފަހަރު މިގޮތަށް އާދަޔާ ޚިލާފަށް ހުންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެފައި ހުންނަ ތައިރޮއިޑް ގްލޭންޑް ގައި ބައިވަރު ނޮޑިއުލްތައް އުފެދިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރު މިނޮޑިއުލް ތަކަކަކީ ކެންސަރަށް ބަދަލުވާނެ އެއްޗެއް ނޫނެވެ.

ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް ކަމުގައިވާ ހިތުގެ ވިންދު، އަދި ފިނިހޫނުމިނާއި، ހަޖަމުކުރުން ފަދަ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދެ ހޯރމޯން އެއް ދޫކުރެއެވެ. އެއީ ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އެވެ.

ގޮއިޓަރ އަކީ ފަހަރުގައި ޖުމުލަކޮށް މުޅި ތައިރޮއިޑް ގްލޭންޑް ބޮޑުވުން ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ތަރުތީބެއްނެތި ތައިރޮއިޑް ގްލޭންޑްގެ ސެލްތައް ހެދިބޮޑުވެ، ތައިރޮއިޑް ނޮޑިއުލް އުފެދުން ކަމަށް ވެސް ވެދާނެ އެވެ. ގޮއިޓަރ ގެ ސަބަބުން ފަހަރުގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް އެއްވެސް ބަދަލެއް ނައުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެގޮތަށް ބައެއްފަހަރު ތައިރޮއިޑް ދަށްވުން(hypothyroidism)  އަނެއްބައިފަހަރު ތައިރޮއިޑް މަތިވުން(hyperthyroidism)  ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ހޯދިފައިވާ ގޮތުން ދުނިޔޭގެ އާބާދީގައި ގޮއިޓަރ ކުރިމަތި ކުރުވާ އެންމެ އާންމު ސަބަބަކީ އަޔޮޑިން މަދުވުމެވެ.

ތައިރޮއިޑް ގްލޭންޑް މަސައްކަތްކުރާގޮތް

ތައިރޮއިޑް ގްލޭންޑް އިން ދެ ހޯރމޯން އެއް ދޫކުރެއެވެ. އެއީ ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އެވެ. ލޭގެ ތެރެއަށް މިދެހޯރމޯން ދޫކުރުމުން ވަރަށް ގިނަ މަސައްކަތްތައް ހިންގުމުގައި ބައިވެރިވެއެވެ. އެގޮތުން މި ދެ ހޯރމޯން އިންތިޒާމުކޮށް ހިންގާ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކާތަކެތި ހަކަތަ އަށް ބަދަލުކުރުވުން

·         ފިނިހޫނުމިން

·         ހިތުގެ ވިންދު

·         ލޭގެ ޕްރެޝަރު

·         އެހެން ހޯރމޯންތަކާއި އޮންނަ ގުޅުން

·         ޅަފުރާގެ ހެދިބޮޑުވުން

މީގެ އިތުރުން ތައިރޮއިޑް ގްލޭންޑް އިން ކެލްސިޓޮނިން ކިޔާ ހޯރމޯން އެއް ވެސް ދޫކުރެއެވެ. މިއީ ލޭގައި ކެލްސިއަމް ގެ މިންވަރު ތަންޒީމުކުރުމުގައި އެހީތެރިވެދޭ ހޯރމޯން އެކެވެ.

ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިންތިޒާމުކުރާގޮތް

ތައިރޮއިޑް ގްލޭންޑް އިން ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އުފައްދައި ދޫކުރުން ކޮންޓްރޯލްކުރަނީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އަދި ހައިޕޯތަލަމަސް އިންނެވެ. ހައިޕޯތަލަމަސް އަކީ ސިކުނޑީގެ ދަށްފަރާތުގައިވާ ޚާއްޞަ ހިސާބެކެވެ. ނުވަތަ ތަނެކެވެ. މިއީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތައް އެއްވަރެއްގައި ނޫނީ ހަމަމިނެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ތަނެކެވެ. ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) އުފެއްދުމަށް ސިގްނަލްދީ ބާރުއަޅަނީ ހައިޕޯތަލަމަސް އިންނެވެ.

ޕިޓުއިޓަރީ ގްލޭންޑް އިންނަނީ ހައިޕޯތަލަމަސްގެ ތިރިން އޭގެ ދަށުގައެވެ. ލޭގައި ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) ހުންނަ މިންވަރަކަށް ބަލައި، ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) ދޫކުރަމުންދާނެ އެވެ. އެހެންކަމުން ތައިރޮއިޑް ގްލޭންޑް އިން ބަޔާންކުރެވުނު ދެ ހޯރމޯން އުފެއްދުން ބިނާވަނީ ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ގްލޭންޑް އަށް  ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) ލިބެމުންދާ މިންވަރެއްގެ މައްޗަށެވެ.

ސަބަބު

ގޮއިޓަރ އުފެދުމަށް ވަރަށް ގިނަ ސަބަބުތައް ނޫނީ ކަންތައްތައް މެދުވެރިކުރުވައެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) އަޔޮޑިން މަދުވުން : އަޔޮޑިން އަކީ ތައިރޮއިޑް ހޯރމޯން އުފެއްދުމަށް މުހިއްމު މާއްދާ އެކެވެ. އިންސާނަކަށް އެކަށޭނަ ވަރަށް އަޔޮޑިން ނުލިބޭނަމަ، ތައިރޮއިޑް ހޯރމޯން އުފެއްދުން ދަށްވެ، ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ގްލޭންޑް އަށް އިތުރު ހޯރމޯންތައް އުފެއްދުމަށް ބާރުއަޅާނެ އެވެ. މިގޮތަށް ޕިޓުއިޓަރީ ގްލޭންޑް ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ދޭ ސިގުނަލްތައް އިތުރުވުމުން ތައިރޮއިޑް ގްލޭންޑްގެ ސެލޯށި އިތުރަށް ހެދިބޮޑުވެ، ސައިޒުން ވެސް ބޮޑުވާގޮތް ވެއެވެ

(ށ) ހަޝިމޮޓޯ'ސް ތައިރޮއިޑައިޓިސް : މިއީ ދިފާޢީ ނިޒާމުން ސަލާމަތުންހުރި ދުޅަހެޔޮ ސެލޯށިތަކަށް ހަމަލާދިނުމުން ކުރިމަތިވާ އުޓޯއިމިޔޫން ބައްޔެކެވެ. މިހާލަތުގައި ގެއްލުންވެ، އިންފްލޭމްވެ ދުޅަވެފައިވާ ތައިރޮއިޑް ގްލޭންޑް އިން ހޯރމޯން އުފެއްދުން ދަށް ކުރެއެވެ. އެހިނދު ޕިޓުއިޓަރީ ގްލޭންޑް އިން އިތުރު ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ބާރުއަޅައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައިރޮއޑް ގްލޭންޑް ބޮޑުވާގޮތް ވެއެވެ.

(ނ) ގްރޭވްސް ބަލި : ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ "އުޓޯއިމިޔޫން ޑިސްއޯޑަރ" އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ޕްރޮޓީންއެއް (މިއީ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އާއި އެއްގޮތަށް މަސައްކަތްކުރާ ޕްރޮޓީންއެއް)، ގެ ސަބަބުން އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ( ބަޔާންކުރެވުނު ޕްރޮޓީން) ބާރުއަޅާތީ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ތައިރޮއިޑް ހޯރމޯން އުފެއްދުމުން "ހައިޕަތައިރޮއިޑިޒަމް"ގެ ހާލަތު ކުރިމަތި ކުރުވައެވެ. އަދި ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިންވަރަށް ބޮޑަށް ހެދިބޮޑުވެ، ސައިޒުން ބޮޑުވާގޮތް ވެއެވެ.

(ރ) ތައިރޮއިޑް ނޮޑިއުލް : ތައިރޮއިޑް ނޮޑިއުލްސް އަކީ ތައިރޮއިޑް ގްލޭންޑްގެ ތެރޭގައިވާ ދިރުތައް(thyroid cells) އާދަޔާ ޚިލާފަށް ހެދިބޮޑުވުމުން(unusual growth)އުފެދޭ ހަރު ނުވަތަ ދިޔައިން-ފުރިފައިވާ ލަމްޕް(lump) ތަކެކެވެ. ނުވަތަ ދުޅަތަކެކެވެ. ނޫނީ ގަނޑުތަކެކެވެ. ތައިރޮއިޑް ގްލޭންޑް ގައި އެންމެ ނޮޑިއުލް އެއް ނުވަތަ ބައިވަރު ނޮޑިއުލް ތައް ވެސް އުފެދިދާނެއެވެ. ބައިވަރު ނޮޑިއުލްތައް އުފެދުމަށް "މަލްޓިނޮޑިއުލަރ ގޮއިޓަރ" އޭ ކިޔައެވެ. ތައިރޮއިޑް ނޮޑިއުލް އުފެދޭ ސީދާ ސަބަބެއް ސާބިތުކަމާއެކު ބުނެދޭކަން ނޭނގެއެވެ. ނަމަވެސް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި ވާރުތަވަމުން އައުން، ކެއިންބުއިމާއި، ދިރިއުޅުމުގެ ވައްޓަފާޅީގައި ހުންނަ އާދަތަކާއި، އަދި ދިރިއުޅޭ މާހައުލާއި ގުޅުންހުރި ކަންތައްތައް ހިމެނެއެވެ. ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ގިނަ ނޮޑިއުލްސް އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް ތައިރޮއިޑް ގްލޭންޑްގައި އުފެދޭ މިފަދަ ނޮޑިއުލްގެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ (ޑރ މުހައްމަދު ޝިފާން، 2021). އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ނޮޑިއުލް ތަކުގެ ތެރެއިން ކެންސަރަށް ބަދަލުވަނީ އެންމެ %5 ނޮޑިއުލް އެވެ.

(ބ) ތައިރޮއިޑް ކެންސަރު : ތައިރޮއިޑް ކެންސަރަކީ އެހާ އާންމު ކެންސަރެއް ނޫނެވެ. އަދި އާންމު ގޮތެއްގައި މިއީ ފަސޭހައިން ފަރުވާ ވެސް ކުރެވޭނެ ކެންސަރެކެވެ. ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ގިނަ ނޮޑިއުލްސް އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް ތައިރޮއިޑް ގްލޭންޑްގައި އުފެދޭ މިފަދަ ނޮޑިއުލްގެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ (ޑރ މުހައްމަދު ޝިފާން، 2021). އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ނޮޑިއުލް ތަކުގެ ތެރެއިން ކެންސަރަށް ބަދަލުވަނީ އެންމެ %5 ނޮޑިއުލް އެވެ.

(ޅ) މާބަނޑުވުން : މާބަނޑުވުމުން ދޫކުރާ ހޯރމޯން އެއްކަމުގައިވާ "ހިޔުމަން ކޮރިއޮނިކް ގޮނާޑޮޓްރޮޕިން" ގެ ސަބަބުން ފަހަރުގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވެ، ތައިރޮއިޑް ގްލޭންޑް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

(ކ) ތައިރޮއިޑް ގްލޭންޑްގައި އިންފްލެމޭޝަން އުފެދި ދުޅަވުން : ތައިރޮއިޑް ގްލޭންޑްގައި އިންފްލެމޭޝަން އުފެދި ތައިރޮއިޑް ގްލޭންޑް ދުޅަވާން ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ދިފާޢީ ނިޒާމުން ތައިރޮއިޑް ގްލޭންޑް އަށް ހަމަލާ ދިނުން، ބައެއް ކަހަލަ ބޭސްތައް ، އަދި ބެކްޓީރިޔާ ނޫނީ ވައިރަސް އެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވުން ފަދަ ކަންކަން ހިމެނެއވެ. ތައިރޮއިޑް ގްލޭންޑް ދުޅަވުމުން ތައިރޮއިޑް މަތިވުން ނޫނީ ތައިރޮއިޑް ދަށްވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.  

މަގުފަހިކުރާ ކަންތައްތައް

ކޮންމެ މީހަކަށް ވެސް، ކޮންމެ އުމުރެއްގައި ވެސް ގޮއިޓަރ ކުރިމަތިވެދާނެ އެވެ. އުފަންވާއިރު ވެސް ގޮއިޓަރ އުފެދިފައި ހުރެދާނެއެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައި ވެސް މިމައްސަލަ ކުރިމަތިވެދާނެ އެވެ. ގޮއިޓަރ އުފެދުމަށް މަގުފަހިކުރާ ބައެއް އާންމު ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ކެއުމުގައި އަޔޮޑިން ބޭނުންކުރެވޭ މިންވަރު މަދުވުން : އަޔޮޑިން އާންމުކޮށް ހުންނަނީ މޫދު ލޮނާއި، އައްސޭރި ފަށުގެ ވެލިގަނޑުގައެވެ. އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަ މޭޒުމަތީ ލޮނުގައި އަޔޮޑިން އެއްކޮށްފައި ހުރެއެވެ.

(ށ) އަންހެނަކަށްވުން : ތައިރޮއިޑް ބަލިތަކުގެ ތެރެއިން އެހެން ބަލިތަކަށްވުރެ ބޮޑަށް ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އަންހެނުންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ.

(ނ) މާބަނޑުވުމާއި، އިއްދައިން ކެނޑުން : އަންހެނުންނަށް ތައިރޮއިޑް މައްސަލަތައް ދިމާވުމުގެ ފުރުޞަތު މާބަނޑު ދުވަސްވަރާއި އަދި އިއްދައިން ކެނޑުމަށްފަހު، އިތުރުވެގެންދާކަން ފާހަގަ ކުރެވެއެވެ.

(ރ) އުމުރު : އުމުރުން 40 އަހަރުވުމަށްފަހު ގޮއިޓަރ އުފެދުމުގެ ފުރުޞަތު ބޮޑުވެއެވެ.

(ބ) އާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އައުން : އާއިލާގެ މެންބަރުގެ ތެރޭގައި ކުރިއްސުރެ ގޮއިޓަރ ބައްޔެއްގެ ގޮތުގައި ދައުރުވަމުން އައުމަކީ އާއިލާގެ އެހެން މެންބަރުންނަށް ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

(ޅ) ބައެއް ކަހަލަ ބޭސްތައް : ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ވެސް ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެއެވެ. އެގޮތުން ހިތުގެ ބަލިތަކުގެ ފަރުވާގައިދޭ "އެމިއެޑެރޯން" އަދި ނަފްސާނީ ބަލިތަކުގެ ފަރުވާގައިދޭ "ލިތިއަމް" ގެ ސަބަބުން ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އިތުރުކަން ފާހަގަ ކުރެވެއެވެ.

(ކ) ރޭޑިޔޭޝަން އަށް ހުށަހެޅުން : ރޭޑިޔޭޝަނަށް ހުށަހެޅުމަކީ ޚާއްޞަކޮށް ކަރުންމަތީގެ ހިސާބުތަކަށް ފަރުވާގެ ގޮތުގައި ރޭޑިޔޭޝަން ދިނުމަކީ ގޮއިޓަރ އުފެދުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

އަލާމާތްތައް

ގޮއިޓަރ ހުންނަ ގިނަ މީހުންގެ ކިބައިން ތައިރޮއިޑް ގްލޭންޑް ދުޅަވުން ފިޔަވައި އެހެން އަލާމާތެއް ނުވަތަ ނިޝާނެއް ފާހަގަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރު ގޮއިޓަރ އޭގެ ސައިޒުން ކުޑަކަމުން އެކަން ފާހަގަކުރެވެނީ އާންމު ޑޮކްޓަރަށް ދައްކައިގެން ބަލާބެލުންތަކުގެ ތެރެއިން ނުވަތަ ކޮންމެވެސް އެހެން ކަމަކަށް ތައިރޮއިޑް ގްލޭންޑް ގެ އިމޭޖިންގ ޓެސްޓެއް (ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން / ތައިރޮއިޑް ސްކޭން ފަދަ ޓެސްޓެއް) ހެދުމުގެ ތެރޭގައެވެ.

ތައިރޮއިޑް ދުޅަވުން ފިޔަވައި އެހެން އަލާމާތްތައް ބަރޯސާވަނީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތާއި (ތައިރޮއިޑް މަތިވުން / ތައިރޮއިޑް ދަށްވުން)، ގޮއިޓަރ ބޮޑުވާ ހަލުވި މިނާއި، އަދި ގޮއިޓަރ ގެ ސަބަބުން ނޭވާލާން އުދަނގޫވުން ފަދަ ކަންކަމުގެ މައްޗަށެވެ.

ތައިރޮއިޑް ދަށްވުން

ގޮއިޓަރ ގެ ސަބަބުން ތައިރޮއިޑް ދަށްވުން(hypothyroidism) ކުރިމަތިވެއްޖެނަމަ ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ވަރުބަލިވުން

·         ފިނިވުމުން އުދަނގޫވުން

·         އަބަދު ނިދިއައިސްފައި ހުރުން

·         ހަންގަނޑުހިކުން

·         ބަނޑުހަރުވުން

·         ހަދާންނެތުން

·         ބަރުދަން އިތުރުވުން

·         އިސްތަށި ފޭބުން / އިސްތަށިގަނޑު ތުނިވުން

·         އަޑު ފިސްވުން

·         ވަރުދެރަވުން / ނުތަނަވަސްވުން

·         މާޔޫސްވުން ނުވަތަ ޑިޕްރެޝަން ކުރިމަތިވުން

·         މުޅި ހަށިގަނޑު ފޮއްސިވުން

ތައިރޮއިޑް މަތިވުން

ގޮއިޓަރ ގެ ސަބަބުން ތައިރޮއިޑް މަތިވުން(hyperthyroidism) ކުރިމަތިވެއްޖެނަމަ ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން

·         މާބޮޑަށް ދާހިއްލުން

·         މާބޮޑަށް ހޫނުވުން / ހޫނުވުމުން އުދަނގޫވުން

·         ހިތުގެ ވިންދު އަވަސްވުން / މޭތެޅުން / ވިންދު ތަރުތީބުނުވުން

·         ތުރުތުރުއެޅުން

·         ރުޅިގަދަވުން / ނުތަނަވަސްވުން

·         މައްސަރުކަންތައް ރަނގަޅަށް ނުޖެހުން / ކުޑަކުޑަކޮށް ލޭގެ އަސަރު ފެނުން

·         ނިދަން އުދަނގޫވުން

·         ބޭރަށްހިންގުން

·         ލޭގެ ޕްރެޝަރު މަތިވުން

·         ކާހިތްވުން / ކާހިތްނުވުން

·         ނޭވާލާން އުދަނގޫވުން

·         ކުއްލިއަކަށް މޫނު، ކަދުރާ، މޭމަތި ރަތްވުން

މީގެ އިތުރުން ތައިރޮއިޑް މަތިވުމުން ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         އިސްކޮޅުން ދިގުވުން

·         އުޅުމަށް ބަދަލުތަކެއް އައުން

·         އުމުރާއި އަޅާ ބަލާއިރު ކަށިތައް ހެދިބޮޑުވުން އަވަސްވުން

ގޮއިޓަރ ގެ ސަބަބުން ނޭވާހިނގާމަގު ބެދުން

ގޮއިޓަރ ހުންނަ ސައިޒަކާއި، ހުންނަ ހިސާބެއްގެ ގޮތުން ފަހަރުގައި ނޭވާހިނގާމަގާއި އަޑުފޮށި ބެދުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގެ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         ދިރުވަން އުދަނގޫވުން

·         ނޭވާލާން އުދަނގޫވުން

·         ގުގުރިދެމުން

·         ކެއްސުން

·         އަޑުފިސްވުން / އަޑުކުރަކިވުން

ނުރައްކާތައް

ގޮއިޓަރ އަކީ އާންމު ގޮތެއްގައި އެކަމުގެ ސަބަބުން އިތުރު ނުރައްކާތައް ކުރިމަތިވާ ކަމެއް ނޫނެވެ. ބައެއް މީހުންނަށް ތައިރޮއިޑް ދުލަވެ، ބޭރުފުށުން ފެންނަށް ހުރުން އުދަނގުލަކަށް ނޫނީ ހިތްހަމަނުޖެހުމެއް ގެނުވާ ކަމަކަށް ވެދާނެ އެވެ. އަދި ބައެއް ފަހަރު ތަންކޮޅެއް ބޮޑުކޮށް ހުންނަ ގޮއިޓަރ ގެ ސަބަބުން ނޭވާހިނގާ މަގު ބައްދާލައި، ނޭވާލުމަށް ހުރަސްއަޅައިފާނެ އެވެ. ނަމަވެސް ގޮއިޓަރ ހުރުމުގެ ސަބަބުން ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ދަށްވުން މެދުވެރިވާ ހާލަތްތަކުގައި އެކަންކަމުގެ ސަބަބުން އަންނަ ނުރައްކާތަައް ގޮއިޓަރ ހުންނަ މީހަކަށް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެނެގަތުން

އާންމު ގޮތެއްގައި ގޮއިޓަރ ދެނެގަނެވެނީ ބޭރުފުށުން ތައިރޮއިޑް ގްލޭންޑް ހުރިނެތްގޮތް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑް ބޭރުފުށުން ބަލާއިރު ދުޅަވެފައިހުރުން، ނޮޑިއުލް އެއް ހުރުން، ނުވަތަ ބައިވަރު ނޮޑިއުލް ތައް ހުރިކަން ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު އެހެން ޞިއްޙީ މައްސަލައަކާއި ގުޅިގެން އިމޭޖިންގ ޓެސްޓު (އެކްސްރޭ-އަލްޓްރާ ސައުންޑް ސްކޭން. ސީޓީ ސްކޭން ފަދަ ޓެސްޓު) ތައް ހެދުމުގެ ތެރެއިން ވެސް ގޮއިޓަރ ހުރިކަން ފާހަގަ ކުރެވިދާނެ އެވެ.

ބަޔާންކުރެވުނު ގޮތަށް ގޮއިޓަރ ހުރިކަން ފާހަގަވާ ހިސާބުން އަންނަނިވި ކަންތައްތައް ދެނެގަތުމަށް އިތުރު ޓެސްޓުތައް ހެދޭނެ އެވެ.

·         ތައިރޮއިޑް ގްލޭންޑްގެ ސައިޒު މިންކުރުން

·         އެއްވެސް ކަހަލަ ނޮޑިއުލް އެއް އުފެދިފައިވާނަމަ އެކަން ދެނެގަތުން

·         ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްހުރީ މަތިވެފައިތޯ ނޫނީ ދަށްވެފައިތޯ ދެނެގަތުން

·         ގޮއިޓަރ ކުރިމަތިވި ސަބަބު ދެނެގަތުން

އެގޮތުން ބަޔާންކުރެވުނު ކަންތައްތައް ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ނޫނީ ބައެއް ޓެސްޓުތައް ހަދަންޖެހިދާނެ އެވެ.

(ހ) ތައިރޮއިޑް ގްލޭންޑް މަސައްކަތް ހުރިނެތްގޮތް ބެލުން : ލޭގެ ޓެސްޓަކުން ޕިޓޫއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަދި ތައިރޮއިޑް ގްލޭންޑް އިން ތައިރޮކްސިން އާއި ޓްރައިއަޔޯޑޮތައިރޮނިން އުފައްދާ މިންވަރު ދެނެގަނެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ގޮއިޓަރ ގެ ސަބަބުން ތައިރޮއިޑް ދަށްވުން ނުވަތަ ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާ ކަން ދެނެގަނެވޭނެ އެވެ.

(ށ) އެންޓިބޮޑީ ޓެސްޓު : ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓުގެ ނަތީޖާއަށް ބަލައި ބައެއް ފަހަރު ހަޝިމޮޓޮ'ސް ތައިރޮއިޑައިޓިސް އަދި ގްރޭވްސް ބަލި ފަދަ އުޓޯއިމިޔޫން ޑިސްއޯޑަރ އާއި ގުޅުންހުރި އެންޓިބޮޑީ އެއް ދެނެގަތުމަށް ލޭގެ އިތުރު ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

(ނ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން : ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހަދައިގެން ތައިރޮއިޑް ގްލޭންޑް ގެ ސައިޒު، އަދި ތައިރޮއިޑް ގްލޭންޑް ގައި ނޮޑިއުލް އެއް އުފެދިފައިވާނަމަ އެކަން ދެނެގަނެވޭނެ އެވެ.

(ރ) ރޭޑިޔޯއެކްޓިވް އަޔޮޑިން އަޕްޓޭކް : މިޓެސްޓު ހެދުމަށްޓަކައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ ކުޑަ މިންވަރެއް ބަލިމީހާއަށް ދެވޭނެ އެވެ. އެއަށްފަހު ޚާއްޞަ ސްކޭނިންގ ޑިވައިސް އެއްގެ އެހީގައި ތައިރޮއިޑް ގްލޭންޑް އަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާ މިންވަރާއި، ނިސްބަތް ބެލޭނެއެވެ. ބައެއް ފަހަރު މިޓެސްޓާއެކު ރޭޑިއޯ އެކްޓިވް އަޔޮޑިން ސްކޭން ވެސް ހަދައި އުޅެއެވެ. މިއީ ގޮއިޓަރ ކުރިމަތިވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް އެހީތެރިވެދީފާނެ ޓެސްޓެކެވެ.

(ބ) ބަޔޮޕްސީ : ބަޔޮޕްސީ ހެދުމަށްޓަކައި ތައިރޮއިޑް ގްލޭންޑް ގެ ސްކޭން ހަދަމުންދާ ހިނދު، ހިމަ ތިނޯހެއް ފަދަ ކައްޓެއް ބޭނުންކޮށްގެން ތައިރޮއިޑް ނޮޑިއުލް އިން ދިޔަ ނޫނީ ސެލޯށި ކޮޅެއް ނެގެއެވެ. މިގޮތަށް ނެގޭ ސާމްޕަލް ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށްޓަކައި ޓެސްޓު ކުރެވޭނެ އެވެ.

ފަރުވާ

ގޮއިޓަރ ގެ ފަރުވާ ބަރޯސާވަނީ ގޮއިޓަރގެ ސައިޒު، އަލާމާތްތަކާއި، ނިޝާންތައް، އަދި ކުރިމަތިވި ސަބަބެއްގެ މައްޗަށެވެ. ގޮއިޓަރ ގެ ސައިޒުން ކުޑަވެފައި، ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް ރަނގަޅަށް ހުރިނަމަ، އެއްވެސް ކަމެއް ވަގުތުން ކުރާކަށް ނުޖެހޭނެ އެވެ. ދޭތެރެ ދޭތެރެއިން ބަލަމުން ގެންދަން ލަފާދޭނެ އެވެ.

ބޭސްތައް ބޭނުންކުރުން

ގޮއިޓަރ ގެ ފަރުވާގައި ދޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ހޯރމޯން އުފެއްދުން އިތުރުކުރުމަށް : ތައިރޮއިޑް ދަށްވުން ކުރިމަތިވެފައިވާނަމަ ތައިރޮއިޑް ހޯރމޯން ދެވެއެވެ. އެގޮތުން ތައިރޮކްސިން ހޯރމޯން ދިނުމުން ޓީ4 ހޯރމޯން އުފައްދައި، ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އުފެއްދުން ދަށްކުރެއެވެ. އަދި ލިއޯތައިރޮނިން ހޯރމޯން ބޭހުގެ ގޮތުގައި ދިނުމުން ޓީ3 ހޯރމޯން ފަހަރުގައި އުފައްދައިދީފާނެއެވެ.

·         ހޯރމޯން އުފެއްދުން ދަށްކުރުމަށް : ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާނަމަ އެންޓި-ތައިރޮއިޑް ބޭސް ދީގެން ހޯރމޯން އުފެއްދުމުގެ މަސައްކަތަށް ހުރަސްއަޅައެވެ. މިގޮތުން އެންމެ އާންމުކޮށްދެވޭ އެންޓި ތައިރޮއިޑް ބޭހަކީ މެތިމަޒޯލް އެވެ. މިބޭސް ބޭނުންކުރުމުން ފަހަރުގައި ގޮއިޓަރ ގެ ސައިޒު ކުޑަވެދާނެ އެވެ.

·         ހޯރމޯންގެ މަސައްކަތަށް ހުރަސްއެޅުމަށް : ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާނަމަ އޭގެ އުދަނގޫތައް ކުޑަކުރުމަށް ބީޓަރ ބްލޮކަރ ފަރުވާގެ ގޮތުގައި ދެވެއެވެ. މިގުރޫޕްގެ ބޭސްތަކުގެ ތެރޭގައި އެޓިނޮލޯލް، މެޓޮޕްރޮލޯލް، ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް ދިނުމުން އިތުރުވާ ތައިރޮއިޑް ހޯރމޯންތައް މަދުކޮށްދީ، ތައިރޮއިޑް މަތިވުމުން ކުރިމަތިވާ އުދަނގޫތައް ކުޑަކޮށް ދެއެވެ.

·         ރިހުން ތައް ކުޑަކުރުމަށް : ތައިރޮއިޑް ދުޅަވުމަކީ ރިހުން ކުރިމަތިކުރުވާނެ ކަމެކެވެ. އެގޮތުން އުފެދޭ ރިހުން ތައް ކުޑަކުރުމަށް ތަދުކަނޑުވާ ބޭސްތައް (އެސްޕިރިން، ނެޕްރޮކްސިން، ބުރޫފަން ފަދަ ބޭސްތައް) ދީއުޅެއެވެ.

އޮޕަރޭޝަންކުރުން

ގޮއިޓަރ ގެ ސަބަބުން އަންނަނިވި ކަންތައްތައް ކުރިމަތިވާނަމަ ތައިރޮއިޑް ގްލޭންޑް އެއްކޮށް ނޫނީ ތައިރޮއިޑް ގްލޭންޑް އިން ބައެއް އޮޕަރޭޝަން ކޮށްގެން ނަގަންޖެހިދާނެ އެވެ.

·         ކާތަކެތި ދިރުވަން އުދަނގޫވުން / ނޭވާލާން އުދަނގޫވުން

·         ތައިރޮއިޑް ނޮޑިއުލް ގެ ސަބަބުން ތައިރޮއިޑް މަތިވުން ކުރިމަތިވުން

·         ތައިރޮއިޑް ކެންސަރު ކުރިމަތިވުން

އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގައިފިނަމަ ތައިރޮއިޑް ހޯރމޯން ފަރުވާގެ ގޮތުގައި އަބަދު ވެސް ނަގަން ޖެހެއެވެ.

ރޭޑިޔޯ އެކްޓިވް އަޔޮޑިންގެ ފަރުވާ

ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާ ނަމަ ފަރުވާގެ ގޮތުގައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ދީ އުޅެއެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ ޑޯޒު ދެނީ އަނގައިންދޭ އެއްޗެއްގެ ގޮތުގައެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން އަކީ ތައިރޮއިޑް ގްލޭންޑް އަށް ނަގާ ނޫނީ ދަމާ އެއްޗެކެވެ. އަދި ތައިރޮއިޑް ގްލޭންޑް ގައި ހުންނަ ސެލްތައް ހަލާކުކޮށް ލައެވެ. މިފަރުވާގެ ސަބަބުން ތައިރޮއިޑް ހޯރމޯން އުފެއްދުން ދަށްކޮށްލައި، އަދި ފަހަރުގައި ގޮއިޓަރ ސައިޒުން ކުޑަކޮށްފާނެ އެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/goiter/symptoms-causes/syc-20351829

·          

 

 

No comments:

Post a Comment