Sunday, September 19, 2021

އަމްބިލިކަލް ހާނިއާ (ފޫޅުދަނޑީ ވައި)

އަމްބިލިކަލް ހާނިއާ (ފޫޅުދަނޑީ ވައި)

ފޫޅުދަނޑީ ވައި ނުވަތަ އަމްބިލިކަލް ހާނިއާ(Umbilical hernia)  އަކީ ފޫޅުމަތީގައި (ފޫޅުދަނޑީގައި) އުފެދޭ އާދަޔާ ޚިލާފު އުފުލުމެއް، ނޫނީ ފުއްޕުމެއް ނޫނީ ދުޅަވުމެކެވެ. މިވައްތަރުގެ ހާނިއާގައި ވާގޮތަކީ ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، ބަނޑުގެ މެދުން ފޫޅު ކައިރިން ބޭރަށް ނިކުންނަނީ އެވެ. ނުވަތަ ކުޑަ ގޮހޮރުން ބައެއް ފެން ނުވަތަ ސަރުބީ އާއެކު ފޫޅަށް "ކޮތަޅެއް"(sac) ގެ ސިފައިގައި ޖަމާވެ،ބަނޑުގެ މަސްފަށަލައިގައި އުފެދޭ "ހުޅުވުމަކުން" ބޭރަށް (ފޫޅުމަތިން) ފުއްޕަނީ އެވެ. މިވައްތަރުގެ ހާނިއާ އަށް ދިވެހި ބަހުން "ފޫޅުދަނޑީ ވައި" މިހެން ކިޔައި އުޅެއެވެ.


ފޫޅުދަނޑީ ވައި އެންމެ އާންމުކޮށް ފެންނަނީ ކުޑަކުދިންގެ ފުށުންނެވެ. ނަމަވެސް ބޮޑެތި މީހުންގެ ފުށުން ވެސް ފޫޅުދަނޑީ ވައި ގެ އަސަރު ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ފޫޅުދަނޑީވައި ހާނިއާ އަލަށްއުފަންވާ ތުއްތު ކުދިންގެ ތެރެއިން %20-10 ކުދިންނަށް ކުރިމަތި ވެއެވެ. ނަމަވެސް ގިނަ ފަހަރު އެކުދިންގެ އުމުރުން 5 އަހަރުވުމުގެ ކުރިން އޭގެ ޒާތުގައި މިވައްތަރުގެ ހާނިއާ ރަނގަޅުވާކަން ފާހަގަ ކުރެވެއެވެ. ކުޑަކުދިންނަށް ފޫޅުދަނޑީ ވައި ކުރިމަތިވި ނަމަވެސް ތަދާއި ރިހުން ހާނިއާ ހިސާބުގައި ނުހުރެދާނެ އެވެ.

ބައެއް ހޯދުންތަކުން ދައްކާގޮތުގައި ކޮންމެ 6 ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ފޫޅުދަނޑީ ވައި ކުރިމަތި ވެއެވެ. އަންހެން ކުދިންނާއި، ފިރިހެން ކުދިންނަށް ވެސް ފޫޅުދަނޑީ ވައި ކުރިމަތިވުމުގެ މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ދުވަސްނުފުރާ އުފަންވާ ކުދިންނަށް ފޫޅުދަނޑީވައި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަމަށް ހޯދުންތަކުން ދައްކައެވެ. ކުޑަކުދިންގެ ފުށުން ފޫޅުދަނޑީ ވައި އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ ރޯއިރު އެވެ. އެއީ ރޯއިރު ފޫޅު ފުއްޕައި ބޭރަށް ނިކުންނާތީ އެވެ.

ފޫޅުދަނޑީ ވައި ކުޑަކުދިންނަށް ދިމާވަނީ ކީއްވެ؟

ބައެއް ފަހަރު ކުޑަކުދިން އުފަންވަނީ ބަނޑުގެ މަސް ފަށަލައިގައި އުފެދުމުގައި އިންނަ "ހުޅުވުމަކާ" އެކުއެކީގައެވެ. މިއީ ތުއްތު ދަރިފުޅު ރަހިމުގައި ހެދިބޮޑުވަމުން އަންނައިރު އުފެދޭ ހުޅުވުމެއް ނުވަތަ ލޯވަޅެކެވެ. މިގޮތަށް ދިމާވަނީ އެތެރޭގައި ހުންނަ ގުނަވަންތައް ނިވާކުރުމަށްޓަކައި ބަނޑުގެ މަސްފަށަލައިގެ މަސްތައް ރަނގަޅަށް ކައިރިވެ،އެއްވެ، ބަންދުނުވުމުންނެވެ.

ފޫޅުދަނޑީ ވައި ކުރިމަތިވަނީ މިދެންނެވި ހުޅުވުމުން ކުޑަގޮހޮރުން ބައެއް ބޭރަށް ނިކުމެ، ފުއްޕަން ފެށުމުންނެވެ. ފޫޅުދަނޑީ ވައި ހުރިނަމަ ފޫޅު ހުންނަނީ ވައިފޫޅެއް ހެން ފުއްޕާފައެވެ. ނޫނީ ފޫޅުދަނޑީ ވައި ފާހަގަކުރެވެނީ ކުޑަ ދަރިފުޅު ރުއިން، ކެއްސުން، ބޮޑުކަމުދާއިރު ހިފާލުން، ނޫނީ ބަނޑަށް ބާރުވާ ފަދަ އެހެން ހަރަކާތެއް ކުރުމުގެ ތެރޭގައި އެކަންޏެވެ.

ސަބަބު

ފޫޅުދަނޑީ ވައި ހާނިއާ ހަށިގަނޑު ބަރުހެލިކޮށް ތިބޭ އަންހެނުންނާއި، ގިނަ ދަރިން ވިހާފައިތިބޭ އަންހެނުންނަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު އަންނަ ފަދަ ކަންކަމުގެ ސަބަބުން ވެސް މިވައްތަރުގެ ހާނިއާ ބޮޑެތި މީހުންނަށް ކުރިމަތިވެދާނެ އެވެ.

ބޮޑެތި މީހުންނަށް ބަނޑަށް ވާންވެ، ބާރުވުމަކީ ފޫޅުދަނޑީ ވައި ކުރިމަތި ކުރުވައިފާނެ ކަމެކެވެ. ވިހެއުމަށްފަހުގަޔާއި، މާބޮޑަށް ފަލަވުން ، އަދި ތަކުރާރުކޮށް ދިގު މުއްދަތަކަށް ކެއްސުން ފަދަ ކަންކަމުގެ ސަބަބުން ވެސް ބޮޑެތި މީހުންނަށް ފޫޅުދަނޑީ ވައި ނުވަތަ އަމްބިލިކަލް ހާނިއާ ކުރިމަތިވެދާނެ އެވެ. ނިސްބަތުން ފިރިހެނުންނަށްވުރެ އަންހެނުންނަށް ފޫޅުދަނޑީ ވައި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.

ކުޑަކުދިންނަށް ބަލާއިރު ދުވަސްނުފުރާ ވިހާކުދިންނާއި، އުފަންވާއިރު ބަރުދަން ލުއިކުދިންގެ ކިބައިން ފޫޅުދަނޑީ ވައި ފެނުން އިތުރުކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ދެޖިންސަށް ވެސް މިކަން ކުރިމަތިވަނީ ދާދި އެއްވަރަކަށެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ކަޅު ނަސްލުގެ ކުދިންނަށް ފޫޅުދަނޑީ ވައި ގެ މައްސަލަ ކުރިމަތިވުން އިތުރުކަން ފާހަގަ ކުރެވެއެވެ.

އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ފޫޅުދަނޑީ ވައި ކުރިމަތިވަނީ ބަނޑަށް ބާރުވާ ނުވަތަ ޕްރެޝަރު އިތުރުވާ ފަދަ ކަންތައްތަކުގެ ސަބަބުންނެވެ. މިފަދަ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މާބޮޑަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން

·         މާގިނައިން ވިހާފައިވުން

·         ބަނޑުގައި ފެންޖަމާވުން

·         ކުރިން ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވުން

·         ގުރުދާ ފޭލްވުމުގެ ސަބަބުން ދިގުމުއްދަތަކަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހަދަންޖެހުން

އަލާމާތްތައް

ފޫޅުދަނޑީ ވައި ހުރުމުން ފެންނާނެ އެންމެ އާންމު އަލާމާތަކީ ފޫޅު ބޭރަށް ނިކުމެ ދުޅަވެ ފުއްޕާފައި ހުރުމެވެ. މިގޮތަށް ހުންނަ ދުޅަ ބޮޑަށް ފާހަގަވާނީ ކުއްޖާ ކެއްސުން، ރުއިން، ނޫނީ ބޮޑުކަމުދިއުމަށް ހިފާލުން ފަދަ ކަމެއް ކުރާއިރު އެވެ. ތުއްތު ކުދިންނަށް ދިމާވާ ފޫޅުދަނޑީ ވައި އަކީ އެކަމުގެ ސަބަބުން މާބޮޑު ރިހުމެއް ތަދެއް ނޫނީ ވޭނެއް ކުޑަކުއްޖާއަށް އިހުސާސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބޮޑެތި މީހުންނަށް ފޫޅު ދަނޑީ ވައި ކުރިމަތިވެއްޖެނަމަ އެކަމުގެ ސަބަބުން ބަނޑުގައި ރިހުމާއި، ފޫޅު ކައިރީގައި ރިއްސައި އުދަނގޫވުމަކީ އެކަށީގެންވާ ކަމެކެވެ.

ފޫޅުދަނޑީ ވައި ހުރެމެ އަންނަނިވި ކަންތައްތައް ކުޑަކުއްޖެއްގެ ފުށުން ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

·         ތަދުވާތީ އުޅުން

·         ހޮޑުލާން ފެށުން

·         ފޫޅުން ފުއްޕާފައިވާ ހިސާބުގައި ބީހިލުމުން ރަތްވެ، ދުޅަވެފައިހުރުން، އަދި އެހިސާބުގެ ކުލަ ބަދަލުވުން

ދެނެގަތުން

ފޫޅުދަނޑީ ވައި ހުރިކަން ދެނެގަންނަނީ ޖިސްމާނީ ގޮތުން ބަލިމީހާގެ ނުވަތަ ބަލިކުއްޖާގެ ހަށިގަނޑު ބަލާ ބެލުންތަކުންނެވެ. އާންމު ގޮތެއްގައި ފޫޅުދަނޑީ ވައި ހުރިނަމަ ފޫޅު ހުންނާނީ ވަރަށް ބޮޑަށް ބޭރަށް ނިކުމެ ފުއްޕާފައެވެ. މިގޮތަށް ހުންނަ ހުރުމުގައި އިތުރު ކަމެއް ހުރިތޯ ބެލުމަށް އޮޕަރޭޝަނަށް ދިއުމުގެ ކުރިން ބައެއް ފަހަރު ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭން އެއް ނުވަތަ ސީޓީ ސްކޭން އެއް ހެދުމަށް ލަފާދީފާނެ އެވެ.

ފަރުވާ

ފޫޅުދަނޑީވައި ނޫން އެހެން ވައްތަރުތަކުގެ ހާނިއާ އެއް އޭގެ ޒާތުގައި ރަނގަޅެއް ނުވާނެއެވެ. ފޫޅުދަނޑީ ވައި ގިނަ ފަހަރު ކުއްޖާގެ އުމުރުން 2-1 އަހަރު ވާއިރު އޭގެ ޒާތުގައި ހިނދި ރަނގަޅުވެދާނެއެވެ. ނަމަވެސް ކުޑަކުއްޖެއްގެ ފޫޅުދަނޑީ ވައި ހުރެފައި، އެހާނިއާގެ ސައިޒުން ބޮޑުވެފައި، އުމުރުން 5-4 އަހަރުވާއިރު ވެސް ރަނގަޅުނުވެ ހުރިނަމަ، އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. އުމުރުން 5-4 އަހަރުވުމަށްފަހު އޮޕަރޭޝަން ކުރުމުން، އެއާއި ވިދިގެން އަންނަ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ކުޑަވެއެވެ.

ހަމަ މިގޮތަށް ބޮޑުމީހެއްގެ ފޫޅުދަނޑީ ވައި ހުރިނަމަ، އެމީހަކު ޖެހޭނީ އޮޕަރޭޝަން ކުރާށެވެ. ސަބަބަކީ މިފަދަ ހާނިއާ އޭގެ ޒާތުގައި ރަނގަޅުނުވުމެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުމެވެ.

އާންމު ގޮތެއްގައި %90 ފޫޅުދަނޑީ ވައި ހުންނަ ކުދިންގެ ފޫޅުދަނޑީ ވައި އުމުރުން 4-3 އަހަރު ވާއިރު އޭގެ ޒާތުގައި ހިނދި ރަނގަޅުވެއެވެ. އެހެންކަމުން އެންމެ ތުއްތު އިރު ފޫޅުދަނޑީ ވައި ހުރި ނަމަވެސް 5-3 އަހަރު ވަންދެން އޮޕަރޭޝަން ނުކޮށް މަޑުކުރުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

އާންމު ގޮތެއްގައި ފޫޅުދަނޑީ ވައި އޮޕަރޭޝަން ކުރަންޖެހޭނީ 2 ސެންޓިމީޓަރަށްވުރެ ބޮޑަށް ފޫޅު ފުއްޕާފައި ހުރިނަމައެވެ. މީގެ އިތުރުން ފޫޅުދަނޑީ ވައިގެ ސަބަބުން "އިންކަރސީރޭޝަން"(incarceration) ކުރިމަތިވެފައިވާނަމަ އެވެ. އިންކަރސީރޭޝަން ގެ މާނައަކީ ބަނޑުގެ މަސްފަށައިގައިވާ ހުޅުވުމުގެ ތެރޭގައި ކުޑަ ގޮހޮރުން ބައެއް ތާށިވުމެވެ. މިހާލަތުގައި ހާނިއާގެ ދުޅައިގައި ރިއްސައި، ބީހިލުމުން ވެސް ތަދުވާނެ އެވެ. މިއީ ނުރައްކާތެރި އަވަހަށް ފަރުވާ ބޭނުންވާނެ ހާލަތެކެވެ. މިހާލަތުގައި ވަރަށް ވޭން އަޅައިފާނެ އެވެ. އަދި ހާނިއާގެ ދުޅަ ހުންނާނީ ރަތްވެފައި ވަރަށް ސާބިތުކޮށް ހަރުކޮށެވެ. މީގެ އިތުރުން އުމުރުގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި ކުރިން ހުރި ހާނިއާގެ ދުޅަ ތިރިނުވެ ހުރުމާއި، 5 އަހަރު ވީ އިރުވެސް ހާނިއާގެ ދުޅަވެ ތިރިވެ ހިނދިފައި ނުވުން ފަދަ ކަންކަމަކީ ވެސް އޮޕަރޭޝަން ކުރަން ބާރުލިއްބައިދޭ ހާލަތްތަކެވެ.

ފޫޅުދަނޑީ ވައިގެ އޮޕަރޭޝަންކުރުން

ފޫޅުދަނީ ވައި ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށް ގާތްގަނޑަކަށް ގަޑިއެއް ހާއިރު ނަގާނެއެވެ. އިތުރު ގޯސްތަކެއް ކުރިމަތިނުވާ ކަމުގައިވާނަމަ ގިނަ ފަހަރު އޮޕަރޭޝަން ކުރާ ދުވަހު ގެޔަށް ދޫކޮށްލާނެ އެވެ. ދުވަސްނުފުރާ ވިހާ ކުދިންނާއި، އެހެނިހެން ޞިއްޙީ މައްސަލަތައް ހުރެ، ފޫޅުދަނޑީ ވައި ކުރިމަތިވެ، އޮޕަރޭޝަންކުރަންޖެހޭ ކުދިން ހަސްފަތާލުގައި 3-2 ދުވަހު މަޑުކޮށްލަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އޮޕަރޭޝަންކުރާ ދުވަހު އޮޕަރޭޝަންގެ ކުރިން ވަކި ގޮތަކަށް ކެއުންބުއިން ބެހެއްޓުމަށް ލަފާދޭނެ އެވެ. މީގެ ބޭނުމަކީ ހޮޑުލެވުން ކުޑަކޮށްދީ، ހޭނައްތާފައި އޮންނައިރު ނޭވާހިނގާހޮޅިއަށް ދިޔާތަކެތި އެޅުމުގެ ފުރުޞަތު ކުޑަކުރުމެވެ.

އޮޕަރޭޝަންކުރުން ކުރިޔަށްދާނެގޮތް

ފޫޅުދަނޑީ ވައި ރަނގަޅުކުރުމަށްޓަކައި އޮޕަރޭޝަންކުރުމަށް ހޭނައްތައިލާނެ އެވެ. އެހެންކަމުން އޮޕަރޭޝަންކުރާއިރު އެއްވެސް ކަހަލަ ތަދެއް އިހުސާސެއް ނުވާނެއެވެ. އެގޮތުން އަންނަނިވި ގޮތަށް އޮޕަރޭޝަން ޑޮކްޓަރުން އަމަލުކުރާނެއެވެ.

·         ފޫޅުގެ ތިރިން ކުޑަ ތަންކޮޅެއް ކަފާލުން ނުވަތަ ފަޅާލުން

·         ފުއްޕާފައިވާ ހާނިއާގެ ދުޅަ (ކުޑަ ގޮހޮރުން ބައެއް ހިމެނޭ ކޮތަޅު) ހޯދުން

·         ކުޑަ ގޮހޮރުން ނިކުމެފައިވާ ބައި އޭގެ މަގާމަށް (މަސްފަށަލައިގެ ފަހަތަށް) އަނބުރާ ފޮނުވާލުން

·         ބާކީ އިން ހާނިއާގެ ދުޅަ ވަކިކޮށްލުން

·         މަސްފަށަލަ ވަކިނުވާނޭ ގޮތަށް ރަނގަޅަށް ފަހައިލުން

·         ކަފާލި ތަންކޮޅު ބޭރުން ފަހައި ރީތިކޮށް ފޮރުވާލުން

ފޫޅުދަނޑީ ވައިގެ އޮޕަރޭޝަނަށްފަހު އަމަލުކުރާނެގޮތް

އާންމު ގޮތެއްގައި އޮޕަރޭޝަނަށްފަހު މާބޮޑު މައްސަލަތަކެއް ދިމާނުވާނަމަ، ޖެހިގެން އަންނަ ދުވަހުން ފެށިގެން އާންމުކޮށް ކައިބޮއިއުޅޭ ތަކެތި ކައިބޮއި ހެދޭނެ އެވެ. އޮޕަރޭޝަނަށްފަހު ރަނގަޅުވަމުން އަންނައިރު އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.

·         ތަދަށް ބޭސް ބޭނުންކުރުން

·         މާގަނޑު ދަށުން ފެންވެރުމުގެ ބަދަލުގައި ފޮތިގަނޑަކުން ރީތިކޮށް ގައިދޮވެ ސާފުކޮށްލުން

·         ބައެއް ކަހަލަ ކަންތައްތަކާ ދުރުހެލިވުން : މިސާލަކަށް ބައިސްކަލް ދުއްވުން، ރެސްޓްލިންގ ތެޅުން، ޖަންގަލް ޖިމް އަދި އޯގަނައިޒްޑް ސްޕޯޓްސް ފަދަ ކަންތައްތަކާ ދުރުހެލިވުން ރަނގަޅެވެ.

·         ބަނޑުހިކުނަ ނުދިނުމަށް މަސައްކަތްކުރުން : ގިނައިން ދިޔާތަކެތި ދިނުން، ފައިބަރު އެކުލެވޭ ބާވަތްތައް ކެއުމުގައި ހިމެނުން

އޮޕަރޭޝަންގެ ފައިދާ އަދި ދިމާވެދާނެ މައްސަލަތައް

ފޫޅުދަނޑީގެ ވައި ހުރުމުން އެކަން ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނުގެ ސަބަބުން ހާނިއާގެ މައްސަލަ ކުރިމަތިވެފައިވާ މީހާއަށް ލުއިކަން ލިބިގެންދެއެވެ. އާންމު ގޮތެއްގައި އޮޕަރޭޝަނަށްފަހު އެއްކޮށް ފަސޭހަވުމަށް 4-2 ހަފްތާ ވަރު ނަގައެވެ. ބައެއް ފަހަރު އެއަށްފަހު ދިގުދެމިދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފާރު އެއްކޮށް ފަސޭހަވުމަށްފަހު، އާންމުކޮށް އުޅޭ ގޮތަށް އުޅެވިދާނެއެވެ. އޮޕަރޭޝަންކުރުމަކީ އެކަން ނުކޮށް ހުރުމުން ކުރިމަތިވާ ނުރައްކާތަކުގެ ހިރާސް ވެސް ކުޑަވެ، އެކަމުން މިންޖުވާނެ ކަމެކެވެ.

ކޮންމެ އޮޕަރޭޝަނަކީ ވެސް އެކަމުގެ ސަބަބުން އިތުރު ހިރާސްތައް ކުރިމަތިވުމުގެ ފުރުޞަތު އޮންނަ ކަމެކެވެ. އެގޮތުން ފޫޅުދަނޑީ ވައި ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށް ފަހު ވެސް އިންފެކްޝަން ހެދުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އޮޕަރޭޝަން ކުރެވުނު ތަނުގައި ލޭޖަމާވެ، ހީމަޓޯމާ(Hematoma)  އުފެދުމަކީ ވެސް ދިމާވެދާނެ ކަމެކެވެ.

އޮޕަރޭޝަނަށްފަހު ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް

އޮޕަރޭޝަން ކުރުމަށްފަހު އަންނަނިވި ކަންތައްތައް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

·         އޮޕަރޭޝަން ކުރިތަނުން ލޭއައުން

·         އޮޕަރޭޝަން ކުރިތަން ވަރަށް ބޮޑަށް ދުޅަވުން

·         ހުންއައުން

·         ކުޑަކަމުދިއުމަށް ދަތިވުން

·         އޮޕަރޭޝަން ކުރި ހިސާބުގައި ނުފިލާ ތަދެއްހުރުން

·         އޮޕަރޭޝަން ކުރި ހިސާބު ރަތްވެފައި ހުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://my.clevelandclinic.org/health/treatments/6241-umbilical-hernia-surgery-for-children   

·         https://www.mayoclinic.org/diseases-conditions/umbilical-hernia/symptoms-causes/syc-20378685

·         https://my.clevelandclinic.org/health/diseases/15757-hernia

·         https://www.webmd.com/digestive-disorders/understanding-hernia-basics

·         https://www.nhs.uk/conditions/hernia/

·         https://www.hopkinsmedicine.org/health/conditions-and-diseases/how-to-tell-if-you-have-a-hernia 

No comments:

Post a Comment