Monday, August 15, 2022

ރިފެރިކުރުމާ ގުޅުވައި ފުސްވުން

ރިފެރިކުރުމާ ގުޅުވައި ފުސްވުން

ރިފެރިކުރުމާ ގުޅުވައި ފުސްވުން (astigmatism) މާނަކުރެވެނީ ހުރިހާ ހާލަތެއްގައި ފުސްވުމަށެވެ. މިގޮތަށް ދިމާވުމުން ކައިރި އަދި ދުރުވެސް ފުސްވާނެއެވެ. މިއީ އާންމު ގޮތެއްގައި ފަރުވާކޮށްގެން ރަނގަޅުކުރެވޭނެ ހާލަތެކެވެ. މިއީ އާންމު ގޮތެއްގައި އުފަންވާއިރު ވެސް ހުރެދާނެ ހާލަތެކެވެ. އަދި ގިނަ ފަހަރު މިއާއެކު ކައިރިފުސްވުން އަދި ދުރުފުސްވުން ވެސް ކުރިމަތިވެދާނެ އެވެ.


ސަބަބު

ލޮލަށް ފެންނަ މަންޒަރެއް ނުވަތަ ތަސްވީރެއް އަމާޒުކޮށް (ފޯކަސްކޮށް) ހެދުމަށްޓަކައި ލޮލުގައި ދެބައެއް ވެއެވެ.

·         ލޮލުގެ ހާމަދުލި : މިއީ ގުއްބެއްގެ ބައްޓަމަން ލޮލުގެ ކުރިމަތީ ސަތަހައިގައި އިންނަ ސާފު ދުއްޔެކެވެ.

·         ލޮލުގެ ލެންސް : މިއީ ލޮލުގެ ކަޅުކަޅީގެ ފަހަތުގައި ދެފަރާތުން ވަށްބުރެއްގެ ސިފަޔަށް އެތެރެ ފެންނަގޮތަށް އިންނަ ސާފު ޖިސްމެކެވެ. ނުވަތަ އޮނިގަނޑެކެވެ.

އާންމު ގޮތެއްގައި ލޮލުގެ ބައްޓަން ހުންނަށްޖެހޭ ރަނގަޅު ގޮތުގައި ހުންނައިރު މިއިން ކޮންމެ އުންސުރެއްގައި ރަނގަޅު ލެބުމެއް (އެއްވަރަކަށް) ހުންނާނެ އެވެ. ލޮލަށް ވަންނަ އަލި ލޮލުގެ ފަހަތުގައިވާ އަލިދުއްޔަށް އަމާޒުކުރުވުމަށްޓަކައި ލޮލުގެ ހާމަ ދުއްޔާއި، ލޮލުގެ ލެންސް އިން ލޮލަށް ވަންނަ އަލިތައް ރިފެރިކުރަމުން ގެންދާނެއެވެ.

ލޮލުގެ ހާމަދުލި އަދި ލޮލުގެ ލެންސް އެއްވަރަކަށް ރީތިކޮށް އޭގެ ސަތަހަ ނުލެބޭނަމަ، ލޮލަށް ވަންނަ އަލީގެ ދޯދިތައް ރަނގަޅަށް ރިފެރިނުވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިފެރިކުރުމުގައި އުނިކަމެއް ނޫނީ ގޯހެއް(refractive error)  ފެންމަތިވެގެންދާނެއެވެ.

މިގޮތަށް ހުރިހާ ހާލަތެއްގައި (ކައިރި އާއި ދުރުވެސް) ފުސްވުން ކުރިމަތިވަނީ ލޮލުގެ ކުރިމަތީ ސަތަހަ ނުވަތަ ލޮލުގެ ހާމަދުލީގެ ސަތަހައިގައި ހުންނަންޖެހޭ "ލެބުމުގައި" އެއްގޮތްކަމެއް ނެތުމުންނެވެ. ނުވަތަ ލޮލުގެ ހާމަދުލި އަދި ލެންސްގެ ބައްޓަން ތަބީޢީ ގޮތުން ހުންނަންޖެހޭ ގޮތަށް ނުހުރުމުންނެވެ. އާންމު ގޮތެއްގައި ލޮލުގެ ހާމަދުލީގައި މިބުނާ ލެބުން ހުންނާނީ ހުރިހާ ދިމާލެއްގައި އެއްވަރަކަށެވެ. އަދި ލޮލުގެ ހާމަދުލީގެ ތެރެއަށް ވަންނަ އަލި ހުންނަނީ ހުރިހާ ދިމާލަކަށް ނޫނީ ހުރިހާ ފަރާތަކަށް އެއްވަރުވާގޮތަށެވެ. މިގޮތަށް ލޯފުސްވަނީ ލޮލުގެ ހާމަދުލީގެ ކުރިމަތި ފަރާތުގެ ލެބުން އެއް ދިމާލަކަށް މާބޮޑަށް ލެބިފައި ހުންނާތީ އެވެ. މިއާދަޔާ ޚިލާފު ބަދަލުގެ ސަބަބުން ހުރިހާ ދުރުމިނެއްގައި ވެސް ފުސްކަން އިހުސާސް ކުރެވެއެވެ. މާނައަކީ ކައިރިފުސްވުން އަދި ދުރުފުސްވުން ވެސް ކުރިމަތިވާގޮތް ވެއެވެ.

ބައެއް މީހުންނަކީ މިހާލަތާއެކު އުފަންވާ މީހުންނެވެ. އަނެއްބައި މީހުންނަށް މިކަން ދިމާވަނީ ކުޑައިރުގައެވެ. ނޫނީ ޒުވާން އުމުރުގައެވެ. އާންމު ގޮތެއްގައި މިހާލަތު ހުންނަ މީހުންނަށް ރިފެރިކުރުމުގައި ދިމާވާ އެހެނިހެން އުނިކަމެއް މިސާލަކަށް ކައިރިފުސްވުން ނޫނީ ދުރުފުސްވުން ފަދަ ކަމެއް ހުރުމަކީ ވަރަށް ގާތް ކަމެކެވެ. ބައެއް މީހުންނަށް ލޮލުގެ އޮޕަރޭޝަނެއްގެ ފަހުން ވެސް މިބީދައިން ލޯފުސްވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލާމާތްތައް

·         ތަންތަނާއި، ތަކެތި ފުސްކޮށް، ނޫނީ ފަނޑުކޮށް ފެނުން، ނޫނީ ފެނުމަށް ދަތިވުން

·         އެއްޗެހި ރަނގަޅަށް ފެންނަގޮތް ހެދުމަށް ލޯކުޑަކޮށްލަންޖެހުން ނޫނީ ލޯއަވަރުކޮށްލަންޖެހުން

·         ލޯ(ފަސޭހައިން) ވާޅުވުން

·         ބޮލުގައި ރިހުން

·         ރޭގަނޑު ފެނުމަށް ދަތިވުން

އާދައިގެ ވަރަކަށް މިގޮތަށް ނޫނީ މިހާލަތުގައި ފުސްވުން ކުރިމަތިވެފައި ވިޔަސް ބައެއް ފަހަރު އެއްވެސް އަލާމާތެއް ފާހަގަނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައި ލޮލުގައި އެއްވެސް މައްސަލައެއް ނޫނީ ރިފެރިކުރުމުގެ މައްސަލައެއް ދިމާވެފައިވާކަން ކަށަވަރު ކުރެވިދާނެ އެވެ. ޚާއްޞަކޮށް މިކަން ދެނެގަތުމަކީ ކުޑަކުދިންނަށް ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ލޮލުގެ ފެނުން ރަނގަޅު ނޫން އިރުވެސް ކުޑަކުދިން ވުމުން އެކަން ފާހަގަނުވެ ހިނގައިދާނެތީ އެވެ.

ދެނެގަތުން

ރިފެރިކުރުމުގައި ހުންނަ މައްސަލަތައް (އުނިކަން ނޫނީ ގޯސްތައް) ދެނެގަނެވެނީ އާންމުކޮށް ލޯ ޗެކުކޮށް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ވިޝަން ޗާޓު ބޭނުންކޮށްގެން ލޮލުގެ ފެނުން ހުރިނެތްގޮތް ބަލައި ދެނެގަނެވޭނެ އެވެ. އަދި އިތުރަށް ވެސް ގުޅުންހުރި ބެލުންތައް ބަލައި، ޓެސްޓުތައް ހެދޭނެ އެވެ. އަދި މިފަދަ ހާލަތެއް ހުރިނަމަ ލޮލުގެ ނަންބަރު ނަގަން ލަފާދޭނެ އެވެ. ނޫނީ ލޮލުގެ ނަންބަރެއް ނަގައިދޭނެ އެވެ.

ފަރުވާ

ރިފެރިކުރުމުގައި ހުންނަ ދަތިތައް ނޫނީ އުނިކަން ހައްލުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ނަންބަރު އައިނު އެޅުމާއި، ލޮލަށް ލެންސް ލެއްވުމެވެ. މީގެ އިތުރުން ރިފެކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ވެސް ކުރެވެއެވެ. އުމުރުން ދުވަސްވުމުން ކައިރި ފުސްވުން ކުރިމަތިވެފައި، އިތުރު އެހެން މައްސަލައެއް ނެތްކަމުގައިވާނަމަ ހަމައެކަނި ފޮތްކިޔުމަށް އައިނު ބޭނުންކުރެވިދާނެ އެވެ.

އާންމު ގޮތެއްގައި އާދައިގެ މިންވަރަކަށް މިގޮތަށް ފުސްވުން ކުރިމަތިވެފައިވާނަމަ އެއްވެސް ފަރުވާއެއް ކުރާކަށް ނުޖެހިދާނެ އެވެ. އަދި ފަރުވާކުރަންޖެހޭނަމަ، އަދި އެންމެ ރަނގަޅުފަރުވާ އަކީ ކޮބައިކަން ވެސް ލޮލުގެ ޑޮކްޓަރުން ބަލާބެލުންތަކަށްފަހު ނިންމައި، އިރުޝާދު ދޭނެ އެވެ.

ރިފެރިކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަންކުރުން

މިއޮޕަރޭޝަންތަކުގެ ސަބަބުން ރިފެރިކުރުމުގައި ހުންނަ އުނިކަމުގެ ސަބަބުން އޭގެ ފަރުވާގެ ގޮތުގައި އަޅަންޖެހޭ އައިނު ނުވަތަ ލޮލަށް ލައްވަންޖެހޭ ލެންސް އަށް އޮންނަ ބޭނުން ކުޑަކޮށްދެއެވެ. ނޫނީ އައިނު އެޅުމާއި ލެންސް ލައްވަންޖެހުމުގެ ފުރުޞަތު ދަށްކޮށްދެއެވެ. މިއޮޕަރޭޝަންތަކުގައި ލޭޒަރ ބީމް ބޭނުންކޮށްގެން ލޮލުގެ ހާމަދުލި އަލުން ބައްޓަންކުރެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އައިނު އަޅަންޖެހުން ނޫނީ ލެންސް ލައްވަންޖެހުމުގެ ބޭނުން ކުޑަކޮށްދެއެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހުވެސް ބައެއް ފަހަރު ބައެއް ހާލަތުގައި އައިނު އަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އާންމުކޮށް ކޮށްއުޅޭ  އޮޕަރޭޝަންތައް ތިރީގައި މިވަނީ އެވެ.

·         ލޭޒަރ އެސިސްޓަޑް އިންސިޓޫ ކެރަޓޯމައިލިއުސިސް

·         ލޭޒަރ އެސިސްޓަޑް ސަބްއެޕިތީލިއަލް ކެރަޓެކްޓަމީ

·         ފޮޓޯރެފްރެކްޓިކް ކެރަޓެކްޓަމީ

·         އެޕިލޭސިކް ސާޖަރީ

·         ސްމޯލް އިންސިޝަން ލެންޓިކިޔުލް އެކްސްޓްރެކްޝަން

ހަވާލާ

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors#:

·         https://www.umkelloggeye.org/conditions-treatments/refractive-errors

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors/types-refractive-errors

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/astigmatism

·         https://www.mayoclinic.org/diseases-conditions/astigmatism/diagnosis-treatment/drc-20353838

  

No comments:

Post a Comment