Friday, October 16, 2015

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް
މިއަދު 16 އޮކްޓޯބަރ އަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ. އ.ދ ގެ ކާނާއާއި، ދަނޑުވެރިކަމާ ބެހޭ ޖަމްޢިއްޔާ އުފެދުނު ދުވަހަކީ 16 އޮކްޓޯބަރ 1945 އެކެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް 16 އޮކްޓޯބަރ ގެ ގޮތުގައި ފާހަގަކުރަނީ މިޖަމްޢިއްޔާގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ނިންމީ އ.ދގެ ކާނާއާއި ދަނޑުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ 20 ވަނަ ބައްދަލުވުމުގައި  1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މިއަހަރު ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އިޖުތިމާޢީ ރައްކާތެރިކަމާ ދަނޑުވެރިކަމުން : ރަށްފުށުގެ ފަގީރުކަން ނައްތާލުން" މިއެވެ.


ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރާއިރު ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކާމެދު ވިސްނާލަން ޖެހެއެވެ. ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ވެސް އެބަލިތަކާ މެދު ސަމާލުވެ، ރައްކާތެރިނުވެ ތިބެއްޖެނަމަ، އޭގެ ސަބަބުން ތަފާތު މައްސަލަތަކާ ދިމާވެދާނެ ބަލިތަކެކެވެ.


ރައްކާތެރި ނޫން ގޮތުގައި ކާބޯތަކެތި ބޭނުންކުރުމުން އާންމު ގޮތެއްގައި ބަލިޖެހެނީ ތަފާތު ބެކްޓީރިޔާ، ވައިރަސް، ޕެރަސައިޓް ތަކާއި ތަޣައްޔަރުވެފައި ހުންނަ ކާނާއާއި، ފެން ބޭނުންކުރުމުންނެވެ. އަދި ތަފާތު ކެމިކަލްތަކާ ތަޣައްޔަރުވެފައި ވެފައި ހުންނަ ކާނާ އާއި ފެން ބޭނުންކުރުމުގެ ސަބަބުންނެވެ. ރައްކާތެރި ނޫންގޮތުގައި ކާބޯތަކެތި ބޭނުންކުރުމުގެ ސަބަބުން 200 އަށްވުރެ ގިނަ ބަލިތައް ޖެހޭކަމަށް މިހާތަނަށް ހޯދިފައި ވެއެވެ. މަދުން ނަމަވެސް ރާއްޖެއިން ފެންނަ ކާބޯތަކެތި ރައްކާތެރި ނޫންގޮތުގައި ބޭނުންކުރެވުމުން ޖެހިދާނެ ބަލިތަކުގެ ތެރޭގައި ޓައިފޮއިޑް ހުން، ޓޮކްސޯޕްލާޒްމޯސިސް، ލެޕްޓޯސްޕައިރޯސިސް، ހެޕަޓައިޓިސް އޭ، ލިސްޓީރިއޯސިސް، ކާނާ ވިހަވުމުގެ ވައްތަރުތައް، ފަނިވުމުގެ ވައްތަރުތައް، ފަދަ ބަލިތައް ހިމެނެއެވެ.


ކާނާ އާއި، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ކާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބަލަންޖެހޭ މުހިއްމު 5 ކަމެއް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މީގެ އެތައް އަހަރެއް ކުރިން ކަނޑައަޅައި، އަމަލުކުރުމަށް ލަފާދެމުން ގެންދެއެވެ. އޭގެތެރޭގައި ކާބޯތަކެތި ސާފުތާހިރުކަންމަތީ ގެންގުޅުން، ކެއްކި، އަދި ރޯތަކެތި ވަކިކުރުން، ރަގަޅަށް ރޯފިލަންދެން ކެއްކުން، އެކަށީގެންވާ ފިނިހޫނުމިނުގައި ކާބޯތަކެތި ގެންގުޅުން، އަދި ކާބޯތަކެތި ތައްޔާރު ކުރުމުގައި ރައްކާތެރި ފެން އަދި ތާޒާ ތަކެތި ބޭނުންކުރުން ހިމެނެއެވެ

No comments:

Post a Comment