ނިދީގައި
ނޭވާހުއްޓުން
ނިދީގައި ނޭވާހުއްޓުން (Sleep Apnea) އަކީ ނިދާފައި އޮންނަ ވަގުތު ނޭވާހުއްޓުން
ތަކުރާރުކޮށް ކުރިމަތިކުރުވާ ވަރަށް ނުރައްކާތެރި ޞިއްޙީ ޙާލަތެކެވެ. މިހާލަތު
ހުންނަ މީހުން ނިދާފައި އޮންނައިރު ވަރަށް ބާރަށް ގުގުރި ދަމާނެއެވެ. އަދި ފުރާ ފުރިހަމަ
ނިއްޖެއް ރޭގަނޑު ލިބުނަސް، ނިދާ ހޭލުމަށްފަހު ވެސް އެމީހުންގެ ފުށުން ވަރަށް
ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވޭނެ އެވެ (މެޔޯކްލިނިކް، 2025).
ނިދީގައި ނޭވާހުއްޓުން ކުރިމަތިވަނީ ނޭވާހިނގާމަގު ބެދުން(obstructive sleep apnea)، ނޫނީ ނޭވާލުމުގެ މަސައްކަތް ސިކުނޑިން ކޮންޓްރޯލް ނުކުރެވުމުން(central sleep apnea)ނެވެ. ހަށިގަނޑަށް އެދެވޭ ވަރަށް އޮކްސިޖަން ނުލިބި، ނޭވާލާން ދަތިވުމަކީ ސަވައިވަލް ރިފްލަކްސް ހީވާގި ވާނެ ކަމެކެވެ. މިހާލަތުގައި ނޭވާލުމަށް އެހީތެރިވުމަށް އެމީހަކަށް ހޭލެވޭނެ އެވެ. ރިފްލަކްސް ގެ ސަބަބުން ހޭލެވި، ނޭވާލެވި، މީހާ ސަލާމަތްވިޔަސް، އެކަމުގެ ސަބަބުން މީހާގެ ނިދި ގެއްލިދެއެވެ. މިކަމުގެ ސަބަބުން އަރާމު ނިއްޖެއް ފުރިހަމަކުރުމަށް ހުރަސް އެޅެއެވެ. އަދި މިއީ އެކަމުގެ ސަބަބުން ހިތުގެ މަސައްކަތަށް ބާރު ބޮޑުވެ، ފުރާނަޔަށް ވެސް ނުރައްކާ ވެދާނެ ކަމެކެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).
ލަފާކުރެވޭ ގޮތުގައި ދުނިޔޭގައި ނިދީގައި
ނޭވާހުއްޓުން ކުރިމަތިވާ 1 ބިލިޔަން މީހުން އުޅޭނެއެވެ. އާންމު ގޮތެއްގައި އެއީ
އުމުރުން 69-30 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ
(ކްލެވެލެންޑްކްލިނިކް.އޯރގް، 2025).
ނިދީގައި ނޭވާހުއްޓުމުގެ
ވައްތަރުތައް
(ހ) އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނީއާ(obstructive
sleep apnea): ނިދީގައި ނޭވާ ހުއްޓުމުގެ މިއާންމު ވައްތަރު ކުރިމަތިވަނީ ކަރުތެރެ
ބެދުމުގެ ސަބަބުން ފުއްޕާމެޔަށް ވައިދައުރުވުމަށް ނޫނީ ވާޞިލްވުމަށް ހުރަސްއަޅާތީ
އެވެ (މެޔޯކްލިނިކް، 2025). މިގޮތަށް ދިމާވަނީ ނިދާފައި އޮންނައިރު ކަރުގެ
މަސްތައް ހަމައަކަށް އެޅި، ވަށައިގެންވާ މަސްތައް ނޭވާހޮޅި(windpipe) އަށް ފިއްތާތީ
އެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).
(ށ) ސެންޓްރަލް ސްލީޕް
އެޕްނިއާ(central
sleep apnea): ނިދީގައި ނޭވާ ހުއްޓުމުގެ މިވައްތަރު ކުރިމަތިވަނީ
ނޭވާލުން ކޮންޓްރޯލްކޮށް ތަންޒީމުކުރާ މަސްތަކަށް ސިކުނޑިން ފޮނުވާ ސިގުނަލް
ރަނގަޅަށް ނުފޮނުވުމުންނެވެ (މެޔޯކްލިނިކް، 2025).
(ނ) ކޮމްޕްލްކްސް ސްލީޕް
އެޕްނިއާ(complex
sleep apnea): ނިދީގައި ނޭވާ ހުއްޓުމުގެ މިވައްތަރު ކުރިމަތިވަނީ ސްލީޕް
ސްޓަޑީ ހަދައި އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ ކަން ޔަގީންކުރެވި، ސްލީޕް
އެޕްނިއާ ތެރަޕީ ދޭން ފެށުމުން ސެންޓްރަލް ސްލީޕް އެޕްނިއާ އަށް ބަދަލުވާ
ހާލަތުގައެވެ. މިހެންވެ މިވައްތަރަށް ޓްރީޓްމަންޓް-އެމާޖެންޓް ސެންޓްރަލް އެޕްނިއާ
ސިންޑްރޯމް އޭ ކިޔައެވެ (މެޔޯކްލިނިކް، 2025).
ސަބަބުތައް
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އަދި
ސެންޓްރަލް ސްލީޕް އެޕްނިއާ ކުރިމަތިވާން މެދުވެރިވާ ސަބަބުތައް ތަފާތެވެ
(މެޔޯކްލިނިކް، 2025).
އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނިއާ
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ
ކުރިމަތިވަނީ ކަރުގެ ފަހަތުގައި ހުންނަ މަސްތައް ހަމައަކަށް އެޅުމުންނެވެ.
މިމަސްތަކަކީ އަނގައިގެ ފުރާޅުގެ ފަހަތް ކަމުގައި ބަލާ "މަޑުތަލި"(soft palate) އަށް ބާރުދޭ މަސްތަކެކެވެ. މީގެ އިތުރުން
މިމަސްތަކަކީ ދޫ، ޓޮންސިލް، ކަރުގެ އަރިމަތީ ފާރުތައް އަދި ކުޑަދުލަށް ވެސް ބާރުދޭ
މަސްކޮޅު ތަކެކެވެ (މެޔޯކްލިނިކް، 2025).
މިމަސްތައް ހަމައަކަށް އެޅުމުން،
ނޭވާލާއިރު ވައިހިނގާމަގު ހަނިވެ، ނޫނީ ބަންދުވެއެވެ. މިހެންވުމުން އެކަށޭނަ
ވަރަށް ވައި އެމީހަކަށް ނުލިބޭނެ އެވެ. .ނަތީޖާއެއްގެ ގޮތުގައި ލޭގައި
އޮކްސިޖަންގެ މިންވަރު ދަށްވެގެން ދެއެވެ. އެއާއެކު ނޭވާލުމަށް ނުކުޅެދޭކަން
ސިކުނޑިއަށް އިހުސާސް ވާނެއެވެ. އަދި އިރުކޮޅަކަށް ހޭލައްވާލާނެއެވެ. އެގޮތަށް
ހޭލެވުމުން ވައިހިނގާމަގު ހުޅުވިގެންދާނެއެވެ. މިއީ ނިދާފައި އޮވެފައި އިރުކޮޅަށް
ހޭލެވުން ކަމަށްވާތީ ގިނަ ފަހަރު މިގޮތަށް ހޭލެވުނުކަން އެމީހަކަށް ހަދާނެއް
ނުވާނެއެވެ (މެޔޯކްލިނިކް، 2025).
މިހާލަތުގައި ގުގުރިދެމުން، ނޭވާކުރުވުން
އަދި ނޭވާ ހާސްވުން ކުރިމަތިވެދާނެއެވެ. ނިދާފައި އޮންނައިރު މިގޮތަށް މިކަން
ކޮންމެ ގަޑިއަކު 30-5 ފަހަރާ ދެމެދުގެ މިންވަރަކަށް ތަކުރާރު ވެދާނެ އެވެ. އަދި
ކޮންމެ ރެޔަކުމެ މިގޮތަށް މިކަން ކުރިމަތިވެދާނެއެވެ. މިކަމުގެ ސަބަބުން ނިދީގައި
މިގޮތަށް ނޭވާ ހުއްޓޭ މީހުންނަށް ރޭގަނޑު ފުން، އަރާމު ނިއްޖެއް ފުރިހަމަކުރަން
އުދަނގޫވެއެވެ (މެޔޯކްލިނިކް، 2025).
ސެންޓްރަލް ސްލީޕް އެޕްނިއާ
ސެންޓްރަލް ސްލީޕް އެޕްނިއާ އަކީ
ނިދީގައި ނޭވާ ހުއްޓުމުގެ އެހާ އާންމު ވައްތަރެއް ނޫނެވެ. މިގޮތަށް ނިދީގައި ނޭވާ
ހުއްޓުން ކުރިމަތިވަނީ ނޭވާލުމުގައި ބައިވެރިވާ މަސްތަކަށް ސިކުނޑިން ފޮނުވަންޖެހޭ
ސިގުނަލްތައް ފޮނުވުން ފޭލްވުމުންނެވެ. މީގެ މާނައަކީ ހިނދުކޮޅަކަށް ނޭވާލުމަށް
ލާންޖެހޭ ބާރު އެމީހަކަށް ނުލެވުމެވެ. މިހާލަތުގައި ނޭވާކުރުވެ، ނޭވާނުލެވިގެން
ހޭލެވިދާނެއެވެ. ނޫނީ ނިދަން އުދަނގޫވެދާނެއެވެ. ނުވަތަ ރަނގަޅަށް ނުނިދިދާނެ އެވެ
(މެޔޯކްލިނިކް، 2025).
މަގުފަހިކުރާ ކަންތައްތައް
ނިދީގައި ނޭވާ ހުއްޓުމަކީ ކޮންމެ މީހަކަށް
ވެސް ކުރިމަތިވެދާނެ ކަމެކެވެ. ކުޑަކުދިންނަށް ވެސް މިކަން ކުރިމަތިވެދާނެ އެވެ.
ނަމަވެސް ބައެއް ކަހަލަ ކަންކަމަކީ ނިދީގައި ނޭވާ ހުއްޓުމުގެ ހިރާސް އިތުރުކުރާ
ކަންތައްތަކެވެ (މެޔޯކްލިނިކް، 2025).
އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނިއާ އަށް މަގުފަހިކުރާ ކަންތައްތައް
(ހ) ބަރުދަން އިތުރުވުން : އާދަޔާ ޚިލާފަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ،
ބަރުހެލިވުމަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އަށް މަގުފަހިކުރާ ކަމެކެވެ. ސަރުބީގެ
ސަބަބުން ވައިހިނގާމަގުގެ މަތީބައިގައި ވައިހިނގުމަށް ހުރަސްއަޅައި، ނޭވާލުމަށް
ދަތިކުރުވައެވެ. ނޫނީ އަސަރު ފޯރުވައެވެ (މެޔޯކްލިނިކް، 2025).
(ށ) ވައިހިނގާމަގު ހިމަވެ،
ހަނިވުން : ކަރު އަދި ވައިހިނގާ މަގު
ގުދުރަތީގޮތުން (ވާރުތަވާ ކަމެއްގެ ގޮތުގައި) ހަނިވެ، ހިމަވެފައި ހުރުމަކީ ވެދާނެ
ކަމެކެވެ. މީގެ އިތުރުން ކުޑަކުދިންގެ ޓޮންސިލް އަދި އެޑިނޮއިޑް ބޮޑުވުމަކީ ވެސް
ވައިހިނގާމަގު ބެދި، ވައިހިނގުމަށް ނޫނީ ދައުރުވުމަށް ހުރަސްއަޅައިފާނެ ކަމެކެވެ.
އަދި އުފެދުމުގައި ކަރު ފަލަކޮށް ހުންނަ ކުދިންގެ ވައިހިނގާމަގު ހަނިވެ ހިމަވުމަކީ
ވެސް ވެދާނެ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ނ) ޖިންސް : އަންހެނުންނަށްވުރެ ފިރިހެނުންނަށް ނިދީގައި
ނޭވާހުއްޓުމުގެ ފުރުޞަތު 3-2 ގުނަ އިތުރެވެ. ނަމަވެސް އަންހެނުންނަށް މިހިރާސް
އެމީހުންގެ ހަށިގަނޑު ފަލަވެ، ބުރަހެލިވާ ހާލަތުގައި އަދި އިއްދައިން
ކެނޑުމަށްފަހު އިތުރުކަން ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2025).
(ރ) އުމުރު : އުމުރުން ދުވަސްވުމަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ
ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ބ) އާއިލާގެ ތެރޭގައި
ބަލިދައުރުވުން : އާއިލާގެ މެންބަރުންގެ
މެދުގައި އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގެ މައްސަލަ ދައުރުވުމަކީ އެމީހަކަށް
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ
(މެޔޯކްލިނިކް، 2025).
(ޅ) ބަނގުރާ ބޭނުންކުރުން އަދި ހަމައަކަށް އަޅުވައިދޭ ބޭސް ތައް
ބޭނުންކުރުން : ބަނގުރަލާ، ހަމައަކަށް
އެޅުވުމަށް ބޭނުންކުރާ ބޭސްތައް ނުވަތަ ސިޑޭޓިވްސް ގެ ސަބަބުން ކަރުގެ މަސްތައް
ހަމައަކަށް އަޅުވައި، އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ ގެ ހާލަތު ގޯސްކުރުވުމަކީ
ވެދާނެ ގޮތެކެވެ (މެޔޯކްލިނިކް، 2025).
(ކ) ދުންފަތުގެ
އިސްތިއުމާލުކުރުން : ދުންފަތުގެ
އިސްތިއުމާލު ނުކުރާ މީހުންނަށްވުރެ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ ކުރިމަތިވުމުގެ ފުރުޞަތު 3 ގުނަ އިތުރެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނޭވާލާ ނިޒާމުގެ މަތީބައި ދުޅަވެ، ދިޔަ
ޖަމާވުމުގެ ހިރާސް އިތުރުވާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(އ) ނޭފަތް ބެދި، ނޭފަތުގައި
އަރިދަފުސް ރޯގާގެ އަސަރުހުރުން : ނޭފަތް
ބެދި، ނޭފަތުގައި އަރިދަފުސް ރޯގާގެ އަސަރު ހުރުމުގެ ސަބަބުން ނޭވާލާން
އުދަނގޫވާނަމަ، އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ ކުރިމަތިވުމުގެ ފުރުޞަތު
އިތުރުވެއެވެ. މިއީ އެލާރޖީގެ ސަބަބުން ނޫނީ އުފެދުމުގައި ހުންނަ ގޮތަކުން
ކުރިމަތިވެދާނެ ކަމަކަށް ވެސް ވުން ގާތެވެ (މެޔޯކްލިނިކް، 2025).
(ވ) ބައެއް ކަހަލަ ޞިއްހީ
ޙާލަތްތައް : ހިތުގެ މައްސަލަތަކާއި،
ހަކުރު ބަލި އަދި ލޭމައްޗަށްދިއުން ފަދަ ބަލިތަކަކީ އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނިއާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކެވެ. މީގެ އިތުރުން
ބިސްރަވައިގައި ސިސްޓް އުފެދޭ ބަލި ނުވަތަ ޕޮލީއެންޑަކްރައިން މެޓަބޮލިކް
އޯވޭރިއަން ސިންޑްރޯމް، ހޯރމޯންތަކަށް ބަދަލުއައުމުން ދިމާވާ މައްސަލަތައް އަދި
ސްޓްރޯކްޖެހުން ފަދަ ކަންކަމަކީ ވެސް އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންކަމެވެ (މެޔޯކްލިނިކް، 2025).
ސެންޓްރަލް ސްލީޕް އެޕްނިއާ
އަށް މަގުފަހިކުރާ ކަންތައްތައް
(ހ) އުމުރު : މެދު އުމުރަށް އެޅުން އަދި އުމުރުން ދުވަސްވުމަކީ
ސެންޓްރަލް ސްލީޕް އެޕްނިއާ ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ
(މެޔޯކްލިނިކް، 2025).
(ށ) ޖިންސް : އަންހެނުންނަށްވުރެ ފިރިހެނުންނަށް ނިދީގައި
ނޭވާހުއްޓުމުގެ މިވައްތަރު ނުވަތަ ސެންޓްރަލް ސްލީޕް އެޕްނިއާ ކުރިމަތިވުމުގެ
ހިރާސް އިތުރެވެ (މެޔޯކްލިނިކް، 2025).
(ނ) ހިތުގެ މައްސަލަތައް : ކަންޖެސްޓިވް ހާރޓް ފޭލިއަރ ހުރުމަކީ ސެންޓްރަލް ސްލީޕް
އެޕްނިއާ ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ރ) ކޮންޓްރޯލް ކޮށްފައިވާ
މަނާ ބޭސް ބޭނުންކުރުން : މިސާލަކަށް
މެތަޑޯން ފަދަ ބޭސްތައް ބޭނުންކުރުމަކީ ސެންޓްރަލް ސްލީޕް އެޕްނިއާ ކުރިމަތިވުމުގެ
ހިރާސް އިތުރުވާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ބ) ސްޓްރޯކް ޖެހުން : ސްޓްރޯކް ޖެހުމަކީ ސެންޓްރަލް ސްލީޕް އެޕްނިއާ
ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ (މެޔޯކްލިނިކް، 2025).
އަލާމާތްތައް
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގެ
އުދަނގޫތައް ހުއްޓައި، ސެންޓްރަލް ސްލީޕް އެޕްނިއާގެ އުދަނގޫތައް ފެންމަތިވެއެވެ.
ބައެއް ފަހަރު ސީދާ ހުރީ ނިދީގައި ނޭވާހުއްޓުމުގެ ކޮން ވައްތަރެއްކަން ބުނެދޭން
އުދަނގޫވެދާނެއެވެ. ނިދީގައި ނޭވާ ހުއްޓުން ހުރުމުން އާންމުކޮށް ފެނިދާނެ
އަލާމާތްތައް ތިރީގައި މިވަނީއެވެ (މެޔޯކްލިނިކް، 2025).
·
ބާރަށް ގުގުރިދެމުން
·
ނިދާފައި އޮންނަ އިރު ދޭތެރެ ދޭތެރެއިން ނޭވާހުއްޓުން
·
ނިދާފައި އޮންނައިރު ނޭވާ ހާސްވެގެން އުޅޭހެން ހީވުން
·
ނިދާފައި އޮވެފައި އަނގަހިކިގެން އުދަނގޫވެގެން ދޭތެރެ
ދޭތެރެއިން ހޭލެވުން
·
ހެދުނު ގަޑީގައި ބޮލުގައި ރިހުން
·
ނިދިނައުން ނޫނީ ނިދަން އުދަނގޫވުން
·
ދުވާލު ވަގުތު މާގިނައިން ނިދުން
·
ހޭލާ ހުންނަ އިރު ކަންކަމަށް ސަމާލުކަން ދޭން ދަތިވުން
·
އުދަނގުލެއްވާތީ އުޅުން (މެޔޯކްލިނިކް، 2025).
·
އަވަސް އަވަހަށް ނޭވާލެވިފައި، ދެން ނޭވާ ހުއްޓެއްދެން
ކުރުކުރުކޮށް ނޭވާލަމުން ގެންދިއުން
·
ދުވާލު ވަގުތުގައި މާބޮޑަށް ވަރުބަލިވެ، ވާޅުވުން
·
ރޭގަނޑު ދާހިއްލުން
·
މިޒާޖަށް ބަދަލުއައުން (މާޔޫސްވެ މޮޅިވެރިވުން، ހާސްވެ
ކަންބޮޑުވުން)
·
ރޭގަނޑު އުދަނގުލެއްވާތީ އުޅުން
·
ޖިންސީ ވަޅޯކަން ނޫނީ ބަލިކަށިކަން ކުރިމަތިވުން
(ކްލެވެލެންޑްކްލިނިކް.އޯރގް، 2025).
ނިދީގައި ނޭވާހުއްޓުމުގެ އަލާމާތްތައް
ދުވާލާއި ރޭގަނޑަށް ރިޢާޔަތްކޮށް ބަހާލެވިދާނެއެވެ.
ރޭގަނޑުގައި ފެނިދާނެ
އަލާމާތްތައް
·
ނިދާފައި އޮންނަ އިރު ދޭތެރެ ދޭތެރެއިން ނޭވާހުއްޓުން
·
އަވަސް އަވަހަށް ނޭވާލެވިފައި، ދެން ނޭވާ ހުއްޓެއްދެން
ކުރުކުރުކޮށް ނޭވާލަމުން ގެންދިއުން
·
ނިދާފައި އޮވެފައި އުދަނގޫވެގެން ދޭތެރެ ދޭތެރެއިން ހޭލެވުން
·
ރޭގަނޑު ދާހިއްލުން
·
ރޭގަނޑު އުދަނގުލެއްވާތީ އުޅުން
·
ރޭގަނޑު ނިދާފައި އޮންނައިރު ގުގުރި ދެމުން (ކްލެވެލެންޑްކްލިނިކް.އޯރގް،
2025).
ދުވާލުގައި ފެނިދާނެ
އަލާމާތްތައް
·
ހެދުނު ގަޑީގައި ބޮލުގައި ރިހުން
·
މިޒާޖަށް ބަދަލުއައުން (މާޔޫސްވެ މޮޅިވެރިވުން، ހާސްވެ
ކަންބޮޑުވުން)
·
ހޭލާއިރު ނޭވާ ކުރުވެފައި ހުރުން
·
ދުވާލު ވަގުތުގައި މާބޮޑަށް ވަރުބަލިވެ، ވާޅުވުން
·
ހޭލާ ހުންނަ އިރު ކަންކަމަށް ސަމާލުކަން ދޭން ދަތިވުން
·
ދުވާލު ވަގުތު މާގިނައިން ނިދުން
·
ޖިންސީ ވަޅޯކަން ނޫނީ ބަލިކަށިކަން ކުރިމަތިވުން
(ކްލެވެލެންޑްކްލިނިކް.އޯރގް، 2025).
ދިމާވެދާނެ ނުރައްކާތައް
ނިދީގައި ނޭވާ ހުއްޓުމަކީ ނުރައްކާތެރި
ކަމެކެވެ. ނިދީގައި ނޭވާހުއްޓުމުގެ ވައްތަރުތަކުގެ ތެރެއިން އޮބްސްޓްރަކްޓިވް
ސްލީޕް އެޕްނިއާ ގެ ސަބަބުން އަންނަނިވި ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ
ކަމެކެވެ (މެޔޯކްލިނިކް، 2025).
(ހ) ދުވާލުގެ ވަގުތުތަކުގައި
ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްވުން : ނިދީގައި ނޭވާހުއްޓުމުގެ ސަބަބުން ރޭގަނޑު ތަކުރާރުކޮށް
ނިދިން ހޭލެވުމަކީ އެކަމުގެ ސަބަބުން ގެއްލިގެން ނިދި މުޅިން އަނބުރާ ފުރިހަމައަށް
ލިއްބައިދޭނެ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ
ހުންނަ މީހުންނަށް ދުވާލުގެ ވަގުތުތަކުގައި ވަރުބަލިކަން އިހުސާސްވެ، ނިދިބުރަކައި،
ތާއްޔަށްޖެހި، ނުތަވަނަސްކަން ނޫނި އުދަނގުލެއްވާތީ އުޅުން ފަދަ ކަންތައްތައް
ކުރިމަތި ކުރުވައެވެ (މެޔޯކްލިނިކް، 2025).
މަސައްކަތުގައި މާހައުލުގައި ކަންކަމަށް
ދޭންޖެހޭ ސަމާލުކަން އެންމެ އެދެވޭ ގޮތުގައި ނުދެވިދާނެއެވެ.
މަސައްކަތެއްކުރާއިރު، ޓިވީ ބަލާއިރު ނޫނީ އުޅަނދެއް ދުއްވަމުން ދަނިކޮށް ވެސް
ނިދިއައިސްފާނެއެވެ. އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ މީހުންނަށް
މަސައްކަތުގެ މާހައުލުގައި ނުރައްކާތެރި ހާދިސާތައް މެދުވެރިވުމާއި، މަގުމަތީގެ
އެކްސިޑެންޓްތައް ކުރިމަތިވުމުގެ ހިރާސް އިތުރެވެ (މެޔޯކްލިނިކް، 2025).
ބައެއް ފަހަރު ރުޅިގަދަވެ، ރުންކުރު
ވެދާނެ އެވެ. އަނެއްބައި ފަހަރު މާޔޫސްވެ ދެރަވެދާނެ އެވެ. އޮބްސްޓްރަކްޓިވް
ސްލީޕް އެޕްނީއާ ހުންނަ ކުޑަކުދިންނާއި، ފުރާވަރުކުދިން ސުކޫލް މާހައުލުގައި
ކިޔެވުމަށް ދަށްކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ކުދިންގެ ކިބައިން އުޅުމާއި
ސުލޫކުގެ މައްސަލަތައް ފާހަގަ ކުރެވެއެވެ (މެޔޯކްލިނިކް، 2025).
(ށ) ލޭގެ ޕްރެޝަރު މަތިވުން
އަދި ހިތުގެ މައްސަލަތައް ކުރިމަތިވުން : އޮބްސްޓްރަކްޓިވް
ސްލީޕް އެޕްނީއާ ގެ ސަބަބުން ކުއްލިއަކަށް ލޭގެ އޮކްސިޖަންގެ މިންވަރު ދަށްވެގެން
ދިއުމަކީ ލޭގެ ޕްރެޝަރު މަތިވެ، ހިތާއި ލޭހޮޅިތަކުގެ ނިޒާމަށް ބާރުބޮޑުވާނެ
ކަމެކެވެ. އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުރުމަކީ ލޭގެ ޕްރެޝަރު މަތިވުމުގެ
ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2025).
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ
ހުރުމަކީ ފަހަރުގައި ހާޓް އެޓޭކްޖެހުން، ސްޓްރޯކްޖެހުން އަދި އެޓްރީއަލް
ފިބްރިލޭޝަން ފަދަ ހިތުގެ ވިންދު ތަރުތީބުނުވުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ
ހިރާސް އިތުރުކުރާ ކަމެކެވެ. ހިތުގެ މައްސަލަތައް ހުންނަ މީހެއްނަމަ، ނިދީގައި
ނޭވާހުއްޓި، ތަކުރާރުކޮށް ލޭގައި އޮކްސިޖަންގެ މިންވަރު މަދުވެގެން ދިއުމަކީ
ހިތުގެ ވިންދު ރަނގަޅަށް ނުޖެހުން ކުރިމަތިވެ، ފުރާނައަށް ގެއްލުން ވެދާނެ
ކަމެކެވެ (މެޔޯކްލިނިކް، 2025).
(ނ)
ހަކުރުބަލި ޖެހުން : އޮބްސްޓްރަކްޓިވް
ސްލީޕް އެޕްނީއާ ހުރުމަކީ ހަށިގަނޑު އިންސިއުލިން އަށް ހޭނުން އަދި ހަކުރު ބަލި
ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ރ) މެޓަބޮލީކް ސިންޑްރޯމް
ކުރިމަތިވުން : އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނީއާ ހުރުމަކީ މެޓަބޮލީކް ސިންޑްރޯމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ
ކަމެކެވެ. މެޓަބޮލީކް ސިންޑްރޯމް ގެ މާނައަކީ ހަށިގަނޑުގެ އުނަގަނޑާއި ހަމައިން
އާދަޔާ ޚިލާފަށް ބޮޑަށް ފަލަވުމާއެކު ލޭމައްޗަށްދިއުން، ހަކުރުމަތިވުން އަދި
ސަރުބީ މަތިވުން އެކުއެކީ ކުރިމަތިވުމެވެ. މެޓަބޮލީކް ސިންޑްރޯމް ހުރުމަކީ ހިތުގެ
ބަލި ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ބ) އޮޕަރޭޝަންތައް
ކުރުމަށްފަހު އަދި ބޭސްތައް ބޭނުންކުރުމުން ދިމާވާ ނުރައްކާތައް : އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުރުމަކީ ހޭނެއްތުމާއި
ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމުގައި ފަރުވާތެރިވާންޖެހޭ ކަމެކެވެ.
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ މީހުންނަށް ބޮޑެތި އޮޕަރޭޝަންތަކަށްފަހު
މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ ހޭނެއްތުމާއި،
އޮޕަރޭޝަންކުރުމަށް އުންޑުން ބާއްވާފައި އޮތުމަކީ މިފަދަ މީހުންނަށް ނޭވާލާން
ދަތިވުން ކުރިމަތިކޮށްފާނެ ކަމަކަށްވުމެވެ. އެހެންކަމުން އޮޕަރޭޝަނެއް ކުރުމުގެ
ކުރިން އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ މީހުން އެކަން ޑޮކްޓަރުންނާ
ހިއްޞާކުރުމަކީ ބޭނުންތެރި ކަމެކެވެ (މެޔޯކްލިނިކް، 2025).
(ޅ) ފުރަމޭގެ މައްސަލަތައް : އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ މީހުންގެ
ފުރަމޭގެ މަސައްކަތް ހުންނަ ގޮތް ހެދުމަށް ހަދާ ޓެސްޓުތަކުގައި ރަނގަޅު ނޫން
ނަތީޖާތައް ފެންނަށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ މީހުންގެ
ފުރަމޭގައި ލަކުނުލުން ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިހާލަތަށް ކިޔަނީ
"ނަންއަލްކޮހޮލިކް ލިވަރ ޑިޒީޒް" އެވެ (މެޔޯކްލިނިކް، 2025).
(ކ) ދެމަފިރިންގެ ގުޅުމަށް
އަސަރުކުރުން : އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނީއާ ހުންނަ މީހުން ބާރަށް ގުގުރިދަމާތީ، އެފަދަ މީހުންގެ ބައިވެރިންނަށް
ކައިރީގައި އޮވެގެން ނިދުމަކީ އުދަނގޫ ކަމަކަށް ވެދާނެއެވެ. ބައެއް ފަހަރު
ބައިވެރިޔާ ނިދުމަށް އެހެން ކޮޓަރިއަކަށް ވެސް ނިދަން ގޮސްދާނެއެވެ (މެޔޯކްލިނިކް،
2025).
ނިދީގައި ނޭވާހުއްޓުމުގެ ވައްތަރުތަކުގެ
ތެރެއިން ސެންޓްރަލް ސްލީޕް އެޕްނީއާ ގެ ސަބަބުން އަންނަނިވި ނުރައްކާތައް
ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ހ) ވަރަށް ބޮޑަށް
ވަރުބަލިކަން އިހުސާސްވުން : ސެންޓްރަލް
ސްލީޕް އެޕްނީއާ ރޭގަނޑު ތަކުރާރުކޮށް ނިދިން ހޭލެވުމަކީ އެކަމުގެ ސަބަބުން
ފުރިހަމަ ނިންޖެއް ހޯދުމަށް ހުރަސްއެޅޭ ކަމެކެވެ. މިފަދަ މީހުންނަށް ދުވާލުގެ
ވަގުތުތަކުގައި ނިދިބުރަކައި، ތާއްޔަށްޖެހި، ނުތަވަނަސްކަން ނޫނި އުދަނގުލެއްވާތީ
އުޅުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. މަސައްކަތުގައި މާހައުލުގައި
ކަންކަމަށް ދޭންޖެހޭ ސަމާލުކަން އެންމެ އެދެވޭ ގޮތުގައި ނުދެވިދާނެއެވެ.
މަސައްކަތެއްކުރާއިރު، ޓިވީ ބަލާއިރު ނޫނީ އުޅަނދެއް ދުއްވަމުން ދަނިކޮށް ވެސް
ނިދިއައިސްފާނެއެވެ (މެޔޯކްލިނިކް، 2025).
(ށ) ހިތާއި ލޭހޮޅިތަކުގެ
މައްސަލަތައް ދިމާވުން : ސެންޓްރަލް
ސްލީޕް އެޕްނީއާ ގެ ސަބަބުން ކުއްލިއަކަށް ލޭގެ އޮކްސިޖަންގެ މިންވަރު ދަށްވެގެން
ދިއުމަކީ ހިތުގެ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެކެވެ. ކުރިން ހިތުގެ
މައްސަލައެއް ހުރިނަމަ، ތަކުރާރުކޮށް ލޭގެ އޮކްސިޖަންގެ މިންވަރު ދަށްވެގެން
ދިއުމަކީ ހިތުގެ ވިންދުގެ ތަރުތީބު ގެއްލުމުގެ ފުރުޞަތު އިތުރުކުރާނެ ކަމެކެވެ
(މެޔޯކްލިނިކް، 2025).
ދެނެގަތުން
ނިދީގައި ނޭވާހުއްޓުން ހުރިކަން
ދެނެގަތުމަށް ޞިއްހީ އެހީތެރިން ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތައް އަހައި
އޮޅުން ފިލުވާނެއެވެ. އަދި ނިދުން ހުންނަގޮތް ވެސް އަހައި އޮޅުން ފިލުވާނެއެވެ.
ބައިވެރިޔާގެ ފަރާތުން ވެސް މައުލޫމާތު އަހައި އޮޅުން ފިލުވާނެއެވެ. ނިދީގައި
ނޭވާހުއްޓުން ހުންނަ މީހުންނަށް ފަހަރުގައި ރޭގަނޑު ނިދާފައި އޮންނަ ގަޑީގައި
ނިދުން ހުންނަ ގޮތް ބެލުމަށް ހޮސްޕިޓަލްގައި ބާއްވައިގެން މޮނީޓަރ ކުރަން
ޖެހިދާނެއެވެ. ޚާއްޞަކޮށް ސެންޓްރަލް ސްލީޕް އެޕްނީއާ ހުންނަ ނަމަ މިކަން ކުރަން
ލަފާދީފާނެއެވެ. ނިދީގައި ނޭވާހުއްޓުން ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް
ހެދުމަކީ އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ހ) ސްލީޕް ސްޓަޑީ (sleep study): ސްލީޕް
ސްޓަޑީ ހަދާއިރު ނިދީގައި ނޭވާލުން ހުންނަ ގޮތް މޮނީޓަރ ކުރުމަށް ނިދާފައި އޮންނަ
އިރު ބަލިމީހާ އޮންނަނީ އެކަން ދެނެގަތުމަށް ބޭނުންކުރެވޭ އަދަވާތެއް ނޫނީ
މެޝިނަކާ ގުޅާފައެވެ. ސްލީޕް ސްޓަޑީގެ ތެރެއިން ހިތް، ފުއްޕާމޭ، ސިކުނޑީގެ
ހަރަކާތްތައް އަދި އަތްފައިގެ ހަރަކާތްތަކާއި، ލޭގައި އޮކްސިޖަން ހުރި މިންވަރު
ބަލަމުން ގެންދާނެއެވެ (މެޔޯކްލިނިކް، 2025).
(ށ) ހޯމް ސްލީޕް ޓެސްޓު(home sleep
test): މިއީ ގޭގައި ވަރަށް ފަސޭހައިން ހެދޭ ޓެސްޓެކެވެ.
މިޓެސްޓުގައި ހިތުގެ ވިންދު، ލޭގައި އޮކްސިޖަން ހުންނަ މިންވަރު، ފުއްޕާމޭގައި
ވައިދައުރުވާގޮތް އަދި ނޭވާލުން ހުންނަ ގޮތް ބަލައި މިންކުރެވޭނެ އެވެ. ގޭގައި
ހަދާ ޓެސްޓުން ބައެއް ފަހަރު ނިދީގައި ނޭވާހުއްޓުން ހުރިކަން ޔަގީން ނުކުރެވޭތީ،
އެފަދަ ހާލަތްތަކުގައި (ހޯމް ސްލީޕް ޓެސްޓުގެ ނަތީޖާތައް ރަނގަޅަށް ހުއްޓަސް)
ފަހަރުގައި ސްލީޕް ސްޓަޑީ ހަދަން ވެސް ލަފާދީފާނެއެވެ (މެޔޯކްލިނިކް، 2025).
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ
ހުރިނަމަ ކަރުގައި ނޫނީ ނޭފަތުގައި ބެދުމެއް ނޫނީ ވައިދައުރުވުމަށް ހުރަސްއެޅޭނެ
ފަދަ ކަމެއް ހުރިތޯ ޔަގީންކުރުމަށް ކަރުން މަތީގެ ޑޮކްޓަރަކަށް ދެއްކުމަށް
ލަފާދީފާނެއެވެ. އަދި ސެންޓްރަލް ސްލީޕް އެޕްނީއާ ހުރިނަމަ، ހިތުގެ ޑޮކްޓަރުންނާއި،
ނާރުގެ ޑޮކްޓަރުންނަށް ދެއްކުމަށް ވެސް ލަފާދީފާނެއެވެ (މެޔޯކްލިނިކް، 2025).
ނިދީގައި ނޭވާހުއްޓުމުގެ
ނުރައްކާތެރިކަން ގިންތި ކުރެވޭގޮތް
ނިދީގައި ނޭވާހުއްޓުމުގެ
ނުރައްކާތެރިކަން ކަނޑައަޅައި ގިންތި ކުރުމަށް ބޭނުންކުރެވޭ މިންގަނޑަށް ކިޔަނީ
"އެޕްނީއާ/ހައިޕޯޕްނީއާ އިންޑެކްސް" (apnea/hypopnea index / AHI)ކިޔާ މިންގަނޑެކެވެ. މިމިންގަނޑުގެ އެހީގައި ނިދާފައި
އޮންނައިރު ގަޑިއެއްގެ ތެރޭގައި ނޭވާހުއްޓޭ މިންވަރު ނޫނީ ފަހަރު އަދި ވައި ނޫނީ
އޮކްސިޖަން ލިބުން މަދުވުން ކުރިމަތިވާ މިންވަރު ދެނެގަނެ މިންކުރެވެއެވެ.
ނިދީގައި ނޭވާހުއްޓުން ގިންތި ކުރެވިފައިވަނީ އަންނަނިވި ގޮތަށެވެ (ކްލެވެލެންޑްކްލިނިކް.އޯރގް،
2025).
·
އާދައިގެ މިންވަރަކަށް ނިދީގައި ނޭވާހުއްޓުން ކުރިމަތިވުން
: ގަޑިއަކު 14-5 އާއި ދެމެދުގެ މިންވަރަށް ނޭވާހުއްޓުން
·
މެދު މިންވަރަކަށް ނިދީގައި ނޭވާހުއްޓުން ކުރިމަތިވުން :
ގަޑިއަކު 29-15އާއި ދެމެދުގެ މިންވަރަށް ނޭވާހުއްޓުން
·
ނުރައްކާތެރި
މިންވަރަކަށް ނިދީގައި ނޭވާހުއްޓުން ކުރިމަތިވުން : ގަޑިއަކު 14-5 ދެމެދުގެ
މިންވަރަށް ނޭވާހުއްޓުން (ކްލެވެލެންޑްކްލިނިކް.އޯރގް، 2025).
ފަރުވާ
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ
އާދައިގެ މިންވަރަކަށް ހުރިނަމަ ހަމައެކަނި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު
ގެނައުމަށް ލަފާދީފާނެ އެވެ. އެގޮތުން ބަރުދަން ލުއިކުރުން، ދުންފަތުގެ
އިސްތިއުމާލުކުރުން ހުއްޓާލުން ފަދަ ބަދަލުތައް ގެނައުމަށް ލަފާދީފާނެ އެވެ. އަދި
ނިދަން އޮންނަ ގޮތް ބަދަލުކުރުމަށް ވެސް ލަފާދީފާނެއެވެ. އެލާރޖިކް ރައިނައިޓިސް
ފަދަ ނޭފަތަށް ކުރިމަތިވާ އެލާޖީ ތައް ހުރިނަމަ އެކަމަށް ފަރުވާދީފާނެ އެވެ(މެޔޯކްލިނިކް،
2025).
މިކަންކަން ކޮށްގެން ނިދީގައި
ނޭވާހުއްޓުމުގެ އުދަނގޫތަކަށް ލުއި ނުލިބޭނަމަ، ނޫނީ މާބޮޑަށް ނިދީގައި
ނޭވާހުއްޓުން ކުރިމަތިވެފައި ވާނަމަ، ދެވޭ އެހެން ފަރުވާތައް ހުރެއެވެ. ބެދިފައިވާ
ވައިހިނގާމަގު ހުޅުވުމަށް ބައެއް ކަހަލަ އަދަވާތްތައް ވެސް ބޭނުންކުރަން ޖެހިދާނެއެވެ.
އަދި ބައެއް ފަހަރު އޮޕަރޭޝަން ވެސް ކުރަން ޖެހިދާނެއެވެ (މެޔޯކްލިނިކް، 2025).
އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނީއާ އަށް ދެވޭ ފަރުވާ
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ
މީހުންނަށް ޕޮޒިޓިވް އެއަރވޭ ޕްރެޝަރ، އެހެން ފަރުވާތައް އަދި އޯރަލް ޑިވައިސްތައް
ބޭނުންކޮށްގެން ކާމިޔާބުކަމާއެކު، ފަރުވާ ކުރެވެއެވެ. މިފަރުވާ ތަކުގެ އެހީގައި
ނިދީގައި ނޭވާހުއްޓުމުން މިންޖުކޮށްދީ، ދުވާލުގެ ވަގުތުތަކުގައި ކަންކަމަށް ދޭ
ސަމާލުކަން އިތުރުކޮށްދީ، ނިދީގައި ނޭވާހުއްޓުމުން ކުރިމަތިވާ އުދަނގޫތަކަށް
ލުއިކަން ގެނެސްދެއެވެ. އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުރިނަމަ އާންމުކޮށް ދެވޭ ފަރުވާތައް ތިރީގައި
މިވަނީއެވެ (މެޔޯކްލިނިކް، 2025).
(ހ) ކޮންޓިނުއަސް ޕޮޒިޓިވް
އެއަރވޭ ޕްރެޝަރ މެޝިން(continuous
positive airway pressure / CPAP) ނުވަތަ ސީޕެޕް މެޝިން(CPAP
machine) ބޭނުންކުރުން : ނިދާއިރު މާސްކެއްގެ އެހީގައި މެދުނުކެނޑި، އެއަރ ޕްރެޝަރު
ފޯރުކޮށްދޭ މެޝިން ނުވަތަ ސީޕެޕް މެޝިން ބޭނުންކުރުމަކީ ފައިދާ ހުރި ކަމެކެވެ.
ވަށައިގެންވީ މާހައުލުގައި ހުންނަ ވައިގެ ޕްރެޝަރަށްވުރެ ސީޕެޕް މެޝިނުން
ފޯރުކޮށްދޭ ވައިގެ ޕްރެޝަރު ކޮންމެވެސް ވަރަކަށް މަތިވާނެއެވެ. މިގޮތަށް މެޝިނުން
ފޮރުވާ މަތިކޮށް ހުންނަ ވައިގެ ޕްރެޝަރުގެ ސަބަބުން ބަލިމީހާގެ ނޭވާހިނގާ މަގު
ހުޅުވިފައި ހުރުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ނިދީގައި ނޭވާ
ހުއްޓުމާއި، ގުގުރިދެމުމުން މިންޖުކޮށްދެއެވެ. ނޫނީ އެކަން ކުޑަކުރުމަށް
އެހީތެރިވެދެއެވެ (މެޔޯކްލިނިކް، 2025).
ނިދީގައި ނޭވާހުއްޓުމަށް ފަރުވާ
ކުރުމުގައި ބޭނުންކުރެވޭ އެންމެ އެދެވޭ އާލަތަކީ ސީޕެޕް މެޝިން ކަމުގައި ވިޔަސް
ސީޕެޕް މެޝިން ބޭނުންކުރުމަކީ ބައެއް މީހުންނަށް ތަހައްމަލުކުރަން އުދަނގޫ
ދަތިކަމަކަށްވެއެވެ. ނަމަވެސް ބޭނުންކުރަން ފެށުމުން މަޑުމަޑުން ހޭނި، އެއީ އެމީހަކަށް
ވެސް ބޭނުންކުރެވިދާނެ އެއްޗަކަށް ވެގެންދެއެވެ. ބައެއް ފަހަރު ރަނގަޅު މާސްކެއް
ޚިޔާރުކުރުމަށް، މެޝިނުގައި ބޭނުންކުރާ މާސްކު، ގެ ތަފާތު ވައްތަރުތައް
ބޭނުންކޮށްގެން އެމީހަކަށް އެންމެ ރަނގަޅީ އެންމެ ރަނގަޅަށް ފިޓުވަނީ ކޮން
މާސްކެއްތޯ ބަލަން ޖެހިދާނެއެވެ. މިހާލަތުގައި ސީޕެޕް މެޝިން ބޭނުންކުރުން
ހުއްޓާލައިގެން ނުވާނެއެވެ (މެޔޯކްލިނިކް، 2025).
ސީޕެޕް ބޭނުންކުރާ އިރު ވެސް ގުގުރި
ދެމުމާއި ނިދީގައި ނޭވާހުއްޓުން ފާހަގަވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު
ކަމެކެވެ. މީހާގެ ހަށިގަނޑުގެ ބަރުދަނަށް ބަދަލު އަންނަ ކަމުގައިވާ ނަމަ ސީޕެޕް
މެޝިނުގެ އެއަރ ޕްރެޝަރ ސެޓިންގ ބަދަލުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ
(މެޔޯކްލިނިކް، 2025).
(ށ) އެއަރވޭ ޕްރެޝަރ
ފޯރުކޮށްދޭ އެހެނިހެން ޑިވައިސްތައް (other
airway pressure devices): އާންމުކޮށް
ބޭނުންކުރާ ސީޕެޕް ބޭނުންކުރުމުން، ކުރިއެރުން ނުލިބި، މައްސަލަތައް ދިމާވަނަމަ
ނިދާފައި އޮންނައިރު، ފަހަރުގައި އޭގެ ޒާތުގައި އެއަރ ޕްރެޝަރު ހެޔޮވަރުކޮށްދޭ މިފަދަ
އެހެން ޑިވައިސް އެއް ޚިޔާރުކުރަން ޖެހިދާނެއެވެ. މިފަދަ ޑިވައިސްތަކުގެ އެހީގައި
ނިދާފައި އޮންނައިރު އެތެރެއަށް ނޭވާލާއިރު، ޕްރެޝަރު ފޮނުވައިދިނުން
އިތުރުކޮށްދީ، ބޭރަށް ނޭވާލާއިރު ޕްރެޝަރު ފޮނުވައިދިނުން ދަށްކޮށްދެއެވެ.
މިގޮތަށް ފޮނުވައިދޭ އެއަރ ޕްރެޝަރަށް ކިޔަނީ "ބައިލެވެލް ޕޮޒިޓިވް އެއަރވޭ
ޕްރެޝަރ"(bilevel
positive airway pressure ) ނުވަތަ
ބައިޕެޕް(BPAP) އެވެ (މެޔޯކްލިނިކް، 2025).
(ނ)
އޯރަލް ޑިވައިސްތައް (oral
appliances): މިއީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ގެ ފަރުވާގައި
ބޭނުންކުރެވޭ ޑިވައިސް އެކެވެ. މި އޯރަލް ޑިވައިސް ފަރުމާ ކުރެވިފައިވަނީ
ބަލިމީހާގެ އަރު ނޫނީ ވައިހިނގާ މަގު ހުޅުވިފައި ބެހެއްޓުމަށް ފަހިވާ ގޮތަށެވެ.
މިފަދަ އަނގަޔަށް ލައްވާ އަދަވާތްތަކަށް ވުރެ ވައިހިނގާމަގު ހުޅުވިފައި
ބެހެއްޓުމަށް ސީޕެޕް ގެ ފައިދާ މާބޮޑެވެ. ނަމަވެސް ސީޕެޕް މެޝިނަށްވުރެ މިފަދަ
އަދަވާތްތައް ބޭނުންކުރަން ފަސޭހައެވެ. މިފަދަ ބައެއް އަދަވާތްތައް
ފަރުމާކޮށްފައިވަނީ ކަތުރު ކަށިގަނޑު ކުރިޔަށް ގެނެސްގެން ނޫނީ ޖައްސައިގެން
ވައިހިނގާ މަގު ހުޅުވިފައި ހުންނާނެގޮތް ހެދުމަށެވެ. މިކަމުގެ ސަބަބުން ގުގުރި
ދެމުމަށް ލުއިކަން ލިބި، އާދައިގެ ވަރަކަށް ހުންނަ އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނީއާ އަށް ލުއިކަން ލިބުމަކީ ގާތް ކަމެކެވެ (މެޔޯކްލިނިކް، 2025).
(ރ)
މެޔޯފަންކްޝަނަލް ތެރަޕީ (myofunctional
therapy): މެޔޯފަންކްޝަނަލް ތެރަޕީ އަކީ ނޭވާލާ ހިނގާމަގުގެ
މަތީބައިގެ މަސްތައް ވަރުގަދަކުރުމަށް ކުރެވޭ ކަސްރަތު ތަކެކެވެ. މި ކަސްރަތުގެ
ބޭނުމަކީ ނިދާފައި އޮންނައިރު ނޭވާ ހިނގާމަގު ހަނިކޮށްލުމެވެ. ނުވަތަ
ހަނިކުރުމެވެ. މިއީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ގައި ދެވޭ އެހެން ފަރުވާ
ތަކާއެކު ކުރިޔަށް ގެންދެވިދާނެ ކަސްރަތު ތަކެކެވެ (މެޔޯކްލިނިކް، 2025).
އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނީއާ އަށް ދެވޭ ބޭސްތައް
އާދަޔާ ޚިލާފަށް ބަރުހެލިކޮށް ފަލަކޮށް
ތިބޭ މީހުންނަށް ކުރިމަތިވާ ނިދީގައި ނޭވާހުއްޓުމަށް ފަރުވާ ކުރުމަށް އެމެރިކާގެ
ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ބަރުދަން ލުއިކުރުމަށް
ބޭނުންކުރުމަށް "ޓިރްޒެޕަޓައިޑް"(tirzepatide) ކިޔާ ބޭހެއް
ބޭނުންކުރުމަށް ހުއްދަ ދީފައެވެ. ކްލިނިކަލް ޓްރައަލް ތަކުގެ ނަތީޖާއެއް
ދައްކާގޮތުގައި މިބޭސް ބޭނުންކުރުމުން ނިދީގައި ނޭވާހުއްޓޭ މިންވަރު ދަށްވެ،
ލޭގައި އޮކްސިޖަން ގެ މިންވަރު ރަނގަޅުވެއެވެ (މެޔޯކްލިނިކް، 2025).
ޓިރްޒެޕަޓައިޑް އަކީ ހަފްތާ އަކު 1
ފަހަރު އިންޖެކްޝަންގެ ގޮތުގައި ނެގޭ ބޭހެކެވެ. މިބޭހުގެ ނޭދެވޭ އަސަރުތަކުގައި
ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބަނޑުހިކުން އަދި ބަނޑުގައި ރިހުން ފަދަ
ކަންތައްތައް ހިމެނެއެވެ. ތައިރޮއިޑް ކެންސަރު ހުންނަ މީހުންނާއި، އާއިލާގައި
ތައިރޮއިޑް ކެންސަރު ދައުރުވާ އާއިލާތަކުގެ މެންބަރުން މިބޭސް ބޭނުންކުރުން
އެދެވިގެން ނުވެއެވެ. މީގެ އިތުރުން މަލްޓިޕްލް އެންޑަކްރައިން ނިއޯޕްލޭސިއާ
ސިންޑްރޯމް ޓައިޕް 2 ހުންނަ މީހުން ވެސް މިބޭސް ބޭނުންކުރުން އެދެވިގެން ނުވެއެވެ
(މެޔޯކްލިނިކް، 2025).
އޮބްސްޓްރަކްޓިވް ސްލީޕް
އެޕްނީއާ ހުރިނަމަ ހެދޭ ސާޖަރީ
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ
މީހުންނަށް ފަރުވާކުރުމުގައި އޮޕަރޭޝަން ކުރުމަކީ ވެސް ބޭނުންކުރެވޭ ގޮތެކެވެ.
ނަމަވެސް އޮޕަރޭޝަން ކުރަނީ އެހެން ފަރުވާތަކުން އެދެވޭ ނަތީޖާއެއް
ނުލިބޭނަމައެވެ. އޮޕަރޭޝަނަށް ދިއުމުގެ ކުރިން އެންމެ މަދުވެގެން 3 މަސް ދުވަހު
އެހެން ފަރުވާތައް ބޭނުންކޮށް ނަތީޖާއެއް ލިބޭތޯ ބެލުން މުހިއްމެވެ (މެޔޯކްލިނިކް،
2025).
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ
މީހުންނަށް ކުރެވިދާނެ އޮޕަރޭޝަންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
(ހ) އޮޕަރޭޝަންކޮށްގެން ސެލޯށި
ނެގުން (tissue
removal): މިއޮޕަރޭޝަންކޮށްގެން ނެގޭ ސެލޯށިތަކުގެ ތެރޭގައި ކުޑަދޫ،
ޓޮންސިލް އަދި އެޑިނޮއިޑް ފަދަ ސެލޯށިތައް ހިމެނެއެވެ. މިއޮޕަރޭޝަނަށް ކިޔަނީ
"ޔުވިއުލޯޕެލަޓޯފެރިންގޯޕްލާސްޓީ" އެވެ. މިއޮޕަރޭޝަންކުރުމުން ކަރުގެ
ތެރޭގައި ހުންނަ މިފަދަ ސެލޯށިތައް ވައިބްރޭޓްވެގެން ކުރިމަތިވާ ގުގުރިދެމުން
ހުއްޓުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ސީޕެޕް މެޝިން ބޭނުންކުރުމަށްވުރެ ފައިދާ
ކުޑަ، އަދި އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ އަށް ފަރުވާކުރުމަށް މުޅިން އެއަށް
ބަރޯސާ ވެވޭނެ ފަރުވާއެއް ނޫނެވެ (މެޔޯކްލިނިކް، 2025).
(ށ) ކަތުރު ކަށިގަނޑު ކުރިޔަށް
ޖައްސާލުން (jaw
repositioning): މި އިޖުރާއަތުގައި ކަތުރު ކަށިގަނޑު އޭގެ މަގާމުން
(މޫނުމަތީގައި ހުންނަ އެހެން ކަށިގަނޑުތަކަށްވުރެ ކުރިޔަށް) ކުރިޔަށް
ޖައްސާލެވެއެވެ. މިހެން ހެދުމުން ދުލާއި، މަޑުތަލީގެ ފަހަތުން އޮންނަ ޖާގަ
ފުޅާކޮށް ތަނަވަސްކޮށްދެއެވެ. މިހެން ވުމުން ނޭވާލުމުގެ ތެރޭގައި ނޭވާހިނގާމަގު
ބެދުން ކުޑަކޮށްދެއެވެ. މިއިޖުރާއާތަށް ކިޔަނީ "މެކްސިލޯމެންޑިބިއުލަރ
އެޑްވާންސްމެންޓް"(maxillomandibular
advancement) އެވެ
(މެޔޯކްލިނިކް، 2025).
(ނ) ނާރވް ސްޓިމިއުލޭޝަން (nerve
stimulation): މިއިޖުރާއާތުގައި ދުލުގެ ހަރަކާތް ކޮންޓްރޯލްކުރާ ނާރު
"ހައިޕޯގްލޯސަލް ނާރވް"(hypoglossal
nerve) ހީވާގި
ކުރުމަށް މޭމަތިން އެތެރޭގައި ޑިވައިސް
އެއް އިމްޕްލާންޓް ކުރެވެއެވެ. ދުލުގެ ހަރަކާތް ކޮންޓްރޯލް ކުރާ ނާރުގެ ހީވާގިކަން
އިތުރުކުރުމުން ނޭވާހިނގާމަގު ހުޅުވިފައި ހުންނާނެ ފަދަ މަގާމެއްގައި ނޫނީ
ހާލަތެއްގައި ދޫ ހިފަހެއްޓުމަށް ނޫނީ ބޭއްވުމަށް އެހީތެރިވެދެއެވެ. މިފަރުވާ
ދެވެނީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ އަށް ދެވޭ ސާޖަރީ ނޫން އެހެން ޚިޔާރުތައް
ނުވަތަ ފަރުވާތައް މަސައްކަތް ނުކޮށްފިނަމަ އެވެ. ނޫނީ އެ ފަރުވާތަކުން އެދެވޭ
ނަތީޖާއެއް ނުލިބިއްޖެނަމަ އެވެ (މެޔޯކްލިނިކް، 2025).
(ރ) ޓްރެކީއޯސްޓަމީ ހެދުން (tracheostomy): އާންމު
ގޮތެއްގައި ޓްރެކީއޯސްޓަމީ ހަދަނީ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި
މިންވަރަކަށް އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުރެއްޖެނަމަ އެވެ. އަދި
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ އަށް ދެވޭ އެހެން ފަރުވާތަކުން އެދެވޭ ނަތީޖާ
އެއް ނުލިބިއްޖެނަމަ އެވެ. މި އިޖުރާއާތުގައި ބަލިމީހާގެ ކަރުގެ ކުރިމަތިން
ހުޅުވުމެއް ހުޅުވައި އެ ހުޅުވުމުގެ ތެރެއަށް މެޓަލް ނޫނީ ޕްލާސްޓިކް ޓިއުބެއް
ލެއްވޭނެ އެވެ. އަދި އެމީހަކަށް ނޭވާލެލޭނީ މިހޮޅި މެދުވެރިކޮށެވެ. ދުވާލުގެ
ވަގުތުގައި މިހޮޅީގެ އަނގަ އިންނާނީ ނިވާކޮށްފައެވެ. އެކަމަކު ރޭގަނޑު މިއަނގަ
ހުޅުވޭގޮތް ހަދައެވެ. މީގެ ބޭނުމަކީ ކަރުގައި ވައިހިނގާމަގަށް ހުރަސްއެޅޭ ގޮތަށް
ހުރި ބެދުން ހުރަސްކޮށް، ފުއްޕާމޭގެ ތެރެއަށް ވައި ވަދެ ނިކުތުމަށް
މަގުފަހިކުރުމެވެ (މެޔޯކްލިނިކް، 2025).
(ބ) ސެޕްޓޯޕްލާސްޓީ (septoplasty): ސެޕްޓޯޕްލާސްޓީ
އަކީ ނޭފަތުގެ ވަސްދަނޑި ރީތިކުރުމެވެ. އާންމު ގޮތެއްގައި ނޭފަތު ގެ ވަސްދަނޑި
ގުދުވެ، ނޫނީ އަރިއަކަށް ޖެހިފައި ހުންނަ މީހުން މިއޮޕަރޭޝަންކޮށްގެން ކަށިގަނޑު
ސީދާކޮށް ރީތި ކުރެއެވެ. މިއޮޕަރޭޝަން ކުރުމުން ނޭފަތާއި، ވައިހިނގާ މަގުގެ
ތެރޭގައި ވައުދައުރުވުން ހަލުވިކޮށް ފަސޭހަކޮށް ދެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް،
2025).
ސެންޓްރަލް ސްލީޕް އެޕްނީއާ
އަށް ދެވޭ ފަރުވާ
ސެންޓްރަލް ސްލީޕް އެޕްނީއާ ހުރިނަމަ
އަންނަނިވި ފަރުވާތައް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.
(ހ) ހުންނަ ޞިއްޙީ
މައްސަލަތަކަށް ފަރުވާކުރުން : ސެންޓްރަލް
ސްލީޕް އެޕްނީއާ ކުރިމަތި ކުރުވައިފާނެ ސަބަބުތަކުގެ ތެރޭގައި ހިތުގެ
މައްސަލަތަކާއި، ނާރުތަކާއި، މަސްތަކާއި ގުޅުންހުރި މައްސަލަތައް ހިމެނެއެވެ.
އެހެންކަމުން ސެންޓްރަލް ސްލީޕް އެޕްނީއާ ހުންނަ މީހުންނަށް އެކަން ކުރިމަތިވުމަށް
މެދުވެރިވާ ސަބަބަށް ފަރުވާ ކުރުމަކީ ނިދީގައި ނޭވާހުއްޓުމަށް ލުއިކަން ފަހަރުގައި
ލިބިދާނެ ކަމެކެވެ (މެޔޯކްލިނިކް، 2025).
(ށ) ޕެޕް ޑިވައިސް އެޅުވުން (PAP devices): ސެންޓްރަލް
ސްލީޕް އެޕްނީއާ ހުންނަ މީހުންނަށް ފަހަރުގައި ކޮންޓިނުއަސް ޕޮޒިޓިވް އެއަރވޭ
ޕްރެޝަރ މެޝިން ނުވަތަ ސީޕެޕް އަދި ބައިލެވެލް ޕޮޒިޓިވް އެއަރވޭ ޕްރެޝަރ ނުވަތަ
ބައިޕެޕް ބޭނުންކުރުމަށް ލަފާދީފާނެއެވެ. މިފަހުން މިގޮތަށް ބޭނުންކުރުމަށް ނުވަތަ
ވައިދައުރުވުން ރަނގަޅުކުރުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސް
އަކީ " އެޑަޕްޓިވް ސާރވޯ-ވެންޓިލޭޝަން"(adaptive servo-ventilation) އެވެ. މިޑިވައިސްގެ އެހީގައި ބަލިމީހާގެ ނޭވާލުން ހުންނަ ގޮތް
ނަގައިދިނުމާއެކު، ޑިވައިސް އާއި ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމް އެއްގައި
އެކަމުގެ މައުލޫމާތުތައް ކޮށާރުކޮށް ދެއެވެ. ބަލިމީހާ ނިދުމަށްފަހު މެޝިންގެ
އެހީގައި ޕްރެޝަރ ބޭނުންކޮށްގެން ނޭވާލުން ހުންނަގޮތް ތަންޒީމު ކޮށްދީ، ނިދީގައި
ނޭވާހުއްޓުން ކުޑަކޮށް، ރައްކާތެރިކޮށްދެއެވެ. " އެޑަޕްޓިވް
ސާރވޯ-ވެންޓިލޭޝަން" އަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނީއާ ހުންނަ
މީހުންނަށް ފަރުވާ މެޝިން (ބައިޕެޕް ނުވަތަ ސީޕެޕް) މެޝިން ބޭނުންކޮށްގެން ފަރުވާ
ކުރަން ފަށާތަނުން ކުރިމަތިވާ ސެންޓްރަލް ސްލީޕް އެޕްނީއާ އަށް ފަރުވާ ކުރުމަށް
ފަހަރުގައި ބޭނުންކުރެވިދާނެ ޑިވައިސް އެކެވެ. ނުވަތަ ގޮތެކެވެ. ނަމަވެސް މި
ޑިވައިސް އަކީ ހިތުގެ މަސައްކަތް ފޭލްވުން ކުރިމަތިވެފައިވާ މީހުންނަށް
ބޭނުންކުރުން އެދެވިގެންވާ ޑިވައިސް އެއް ނޫނެވެ (މެޔޯކްލިނިކް، 2025).
(ނ) އޮކްސިޖަން ފޯރުކޮށްދިނުން
(supplemental
oxygen): ނިދާފައި އޮންނައިރު މެޝިނުގެ އެހީގައި އޮކްސިޖަން
ބޭނުންކުރުމަކީ ސެންޓްރަލް ސްލީޕް އެޕްނީއާ ހުންނަ މީހުންނަށް ފަރުވާ ދިނުމަށް
ބޭނުންކުރެވިދާނެ، ފަހަރުގައި އެކަމުން މަންފާ ލިބިދާނެ ކަމެކެވެ (މެޔޯކްލިނިކް،
2025).
(ރ) ބޭސްތައް ބަދަލުކުރުން:
ނިދީގައި ނޭވާހުއްޓުން ހުންނަ މީހުންނަށް ފަރުވާގެ ގޮތުގައި
އެސީޓަޒޮލަމައިޑް(acetazolamide) ބޭނުންކުރުމަށް ލަފާދީ އުޅެއެވެ. ނަމަވެސް
މިގޮތަށް ލިޔެދީފައި ހުންނަ ބޭހުގެ ސަބަބުން ނިދީގައި ނޭވާހުއްޓުން ގޯސްވާނަމަ،
ބޭސް ބަދަލުކުރުމަށް ލަފާދެވެއެވެ (މެޔޯކްލިނިކް، 2025).
(ބ) ޓްރާންސް ވީނަސް ޕްރެނިކް
ނާރވް ސްޓިމިއުލޭޝަން (transvenous
phrenic nerve stimulation): މިފަރުވާގައި ބަލިމީހާގެ މޭމަތިން އެތެރޭގައި
"ސްޓިމިއުލޭޓަރ"(stimulator) އެއް ހަރުކުރެއެވެ. މިގޮތަށް ހަރުކުރެވޭ
ސްޓިމިއުލޭޓަރ އެކުލެވޭ ނިޒާމުން ނޭވާލުމުގެ މަސައްކަތުގައި ބައިވެރިވާ ޕްރެނިކް
ނާރވް(phrenic
nerve) އަށް އަސަރުކުރުވައެވެ. މިނިޒާމަށް ބަލިމީހާގެ
ނޭވާލުން ހުއްޓޭކަމަށް ނަގައިގަނެވިއްޖެނަމަ، ފްރެނިކް ނާރވް ހީވާގި ކުރުވައިގެން
ނޭވާލުމަށް އެހީތެރިވެދޭނެއެވެ (މެޔޯކްލިނިކް، 2025).
ރައްކާތެރިވުން
ނިދީގައި ނޭވާހުއްޓުމުން
ރައްކާތެރިވުމަށް ނޫނީ ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·
ބަރުދަން ލުއިކުރުން އަދި ބަރުދަން އެކަށޭނަ ވަރެއްގައި
ބެހެއްޓުމަށް މަސައްކަތްކުރުން
·
ގަވާޢިދުން ކަސްރަތުކުރުން
·
ބަނގުއާވި ބޭނުންކުރުން ދުރުހެލިވުން
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ބައެއް ކަހަލަ ބޭސްތައް މިސާލަކަށް ނިދާ ބޭސް ފަދަ
ބޭސްތައް ބޭނުން ނުކުރުން (މެޔޯކްލިނިކް، 2025).
·
ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން
·
ނިދި ފުރިހަމަކުރުން
·
ހަކުރު ބަލި، ލޭމައްޗަށްދިއުން، ސަރުބީ މަތިވުން ފަދަ
ޞިއްޙީ މައްސަލަތަކަށް ގަވާޢިދުން ބޭސް ނަގައި ފަރުވާކުރިޔަށް ގެންދިއުން (ކްލެވެލެންޑްކްލިނިކް.އޯރގް،
2025).
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
ހަވާލާ
·
https://www.mayoclinic.org/diseases-conditions/sleep-apnea/symptoms-causes/syc-20377631
·
https://my.clevelandclinic.org/health/diseases/8718-sleep-apnea

This is a very informative article about sleep apnea and its various types. Proper sleep quality is essential for overall health, and the environment you sleep in plays a significant role. Good air quality and comfortable temperatures supported by well-maintained HVAC systems can contribute to better sleep hygiene. For anyone looking to improve their home environment, https://hvacservice.io offers resources on HVAC maintenance that may help create more comfortable living spaces.
ReplyDelete