Tuesday, November 12, 2019

ކިޔުޓެނިއަސް ލާރވާ މައިގްރަންސް

ކިޔުޓެނިއަސް ލާރވާ މައިގްރަންސް
ކިޔުޓެނިއަސް ލާރވާ މައިގްރަންސް(Cutaneous Larva Migrans / CLM)  އަކީ ބުޅަލުގެ ނަޖިހުންނާއި، ވެލީގެ ޒަރީޢާއިން ފެތުރޭ ހަމުގެ ބައްޔެކެވެ. މިއީ ފަރުވާކުރެވޭ، އަދި ފަސޭހައިން ރަނގަޅުވާ ބައްޔެކެވެ. އަދި މިއީ އެހާ ނުރައްކާތެރި ބައްޔެއްވެސް ނޫނެވެ. މިއީ ދިވެހިރާއްޖެ އިން އަބަދުވެސް ފެންނަ ބައްޔެކެވެ.

ކިޔުޓެނިއަސް ލާރވާ މައިގްރަންސް ޖެހޭ ސަބަބު
ކިޔުޓެނިއަސް ލާރވާ މައިގްރަންސް(CLM) ޖެހެނީ ޕެރަސައިޓް (parasite) ގެ ތެރޭގައި ހިމެނޭ "ޒޫނޮޓިކް ހޫކްވޯރމް"(Zoonotic hookworm) ތަކުގެ ސަބަބުންނެވެ. ޒޫނޮޓިކް ހޫކްވޯރމް އަކީ ޖަނަވާރުގެ ގައިގައި ދިރިއުޅޭ، އޭގެ ސަބަބުން އިންސާނުންނަށް ބަލިޖައްސާ ފަނީގެ ބާވަތްތަކެވެ. ހޫކްވޯރމް އާންމުކޮށް ނިސްބަތްކުރަނީ ފަނީގެ ވައްތަރުތަކުގެ "ބުޅި ފަންޏަ"(hookworm)ށެވެ. ކިޔުޓެނިއަސް ލާރވާ މައިގްރަންސް ކުރިމަތިކުރުވާ ފަނިތަކުގެ ތެރޭގައި ބުޅަލާއި، ކުއްތާގެ ހަށިގަނޑުގައި ދިރިއުޅޭ "އެންކައިލޮސްޓޯމާ ކޭނިއަމް"(Ankylostoma Canium)، "އެންކައިލޮސްޓޯމާ ބްރެޒިލިއެންސް"(Ankylostoma Braziliensis)، އަދި "އަންސިނޭރިއާ ސްޓެނޮސެޕަލާ"(Uncinaria stenophala) ފަދަ ހޫކްވޯރމް ނުވަތަ ބުޅިފަނީގެ ވައްތަރުތައް ހިމެނެއެވެ. މީގެ އިތުރުން ގެރިފަދަ ޖަނަވާރުގެ ހަށިގަނޑުގައި ދިރިއުޅޭ "ބިޔުނޮސްޓޯމަމް ފްލެބޮޓޯމަމް"(Bunostomum Phlebotomum) ފަދަ ބުޅިފަނީގެ ސަބަބުން ވެސް އިންސާނުންނަށް ކިޔުޓެނިއަސް ލާރވާ މައިގްރަންސް ކުރިމަތިކުރުވައެވެ.


ބަލިޖައްސާ ޖަރާސީމު : ކުއްތާ، ބުޅާ ފަދަ ތަކެތީގައި އުޅޭ ބުޅިފަނީގެ ލާރވާ

ކިޔުޓެނިއަސް ލާރވާ މައިގްރަންސް ޖެހޭގޮތް
ކިޔުޓެނިއަސް ލާރވާ މައިގްރަންސް(CLM)  އިންސާނުންނަށް ޖެހެނީ ބަލިޖައްސާ ފަނީގެ "ފައިލޭރިފޯރމް ލާރވާ"(filariform larva) ހަމުގެ ޒަރީޢާއިން އިންސާނާގެ ހަށިގަނޑަށް އެތެރެވުމުންނެވެ. ގިނަ ފަހަރު އިންސާނާގެ ހަށިގަނޑަށް ހަމުގެ ޒަރީޢާއިން މިފަނީގެ ލާރވާ ވަންނަނީ ބުޅާ، ކުއްތާ ފަދަ ތަކެތީގެ ނަޖިހާއި އެއްވެފައިވާ ވެލިގަނޑުގެ މަތީގައި ހިނގައި، އިށީނދެ، ނުވަތަ މި ޖަރާސީމާއި ތަޣައްޔަރުވެފައިވާ ވެއްޔަށް އަތްލައި ހެދުމުގެ ތެރޭގައެވެ.

ފެތުރޭގޮތް : ޖަރާސީމާއި ތަޣައްޔަރުވެފައިވާ ވެލީގެ ޒަރީޢާއިން ބަލީގެ ޖަރާސީމު Larval stage of hookworm) ހަމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުން

އަލާމާތްތައް
ކިޔުޓެނިއަސް ލާރވާ މައިގްރަންސް ގެ އަލާމާތްތައް އާންމުކޮށް ފެންނަނީ ހަމުގެ ޒަރީޢާއިން ހަށިގަނޑަށް ބުޅިފަނީގެ ލާރވާ ވަންނަތާ 5-1 ދުވަހާ ދެމެދުގެ މުއްދަތަކަށް ފަހުގައެވެ. ނަމަވެސް ބައެއް ފަހަރު އަލާމާތްތައް މަހެއްހާ ދުވަސްފަހުން ވެސް ފެނިދާނެއެވެ. ނުވަތަ އަލާމާތްތައް ފެނުމަށް ދެތިން ހަފްތާއިން ފެށިގެން ގޮސް ދެތިން މަސްވެސް ނަގައިފާނެއެވެ. އާންމު ގޮތެއްގައި އަލާމާތްތައް ކުރިމަތިވަނީ ހަމުގެ ތެރެއަށް ބުޅިފަނީގެ ލާރވާ ވަނުމުން ކުރިމަތިވާ "އިންފްލެމޭޓަރީ ރިއެކްޝަން"(inflammatory reaction)ގެ ސަބަބުންނެވެ.
ފައިގެ ނޫނީ ހަށިގަނޑުގެ އެހެން ހިސާބެއްގެ ހަމުން ހަށިގަނޑަށް އެތެރެވުމަށްފަހު، މިފަނީގެ ލާރވާ ހަމުގެ އެންމެ މަތީ ފަށަލައަށް ދަތުރުކުރެއެވެ. ހަމުގެ މަތީ ފަށަލައަށް ފަނީގެ ލާރވާ ވަނުމުން، ވަރަށް ބޮޑަށް ހަންގަނޑު ހިރުވައި، ކަހާނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ފެންނާނެ އަލާމާތަކީ ލާރވާ ހަމުގެ ތެރެއަށް ވަތް ހިސާބު ވަރަށް ބޮޑަށް ހިރުވައި ކެހުމެވެ. އަދި އެއަށްފަހު އެހިސާބުގެ ހަމުގައި އުފުލިފައި(ދުޅަވެފައި) ހުންނަ ރަތް ރޮނގުތަކެއް ނޫނީ ޓްރެކްތަކެއް(skin tracks) ފާޅުވާނެ އެވެ. އާންމު ގޮތެއްގައި މި ޓްރެކްތައް ނޫނީ ރަތްކުލައިގެ ރޮނގުތައް ފާޅުވަނީ، އަތްތިލަ، ފައިތިލަ، އަދި ފައިގެ ތިރީ ބައިންނެވެ. ނަމަވެސް ތަނެއްގައި އޮށޯވެ، އިށީދެ ހެދުމުގެ ތެރޭގައި ޖަރާސީމާއި ތަޣައްޔަރުވެފައިވާ ވެލި ހޭކޭ ނޫނީ ޖެހޭ ހިސާބަކުން ލާރވާ އެތެރެވެ، މިއަލާމާތްތައް އެހިސާބަކުން ފެނުމަކީ ގާތް ކަމެކެވެ.

ހަމުގެ ތެރޭގައި ލާރވާ ދަތުރުކުރާ ވަރަކަށް ހަމުގައި ފަނިދުވާގޮތަށް ޓްރެކްތައް ފެންނަށް ހުންނާނެ އެވެ. މިޓްރެކްތައް ދުވާލަކު ދެތިން މިލިމީޓަރަށް ދަތުރުކުރާނެއެވެ. އަދި ޓްރެކްތަކުގެ ފުޅާމިނުގައި 3 މިލިމީޓަރު ހުންނާނެ އެވެ. ބައެއް ފަހަރު މިފަދަ އެންމެ ޓްރެކެއް ވެސް ހަމުން ފާޅުވެދާނެ އެވެ. ނޫނީ ބައިވަރު ޓްރެކްތައް ވެސް ހަމުން ފާޅުވެ ފެންނަށް ހުރެދާނެއެވެ.
ހަމުގެ ތެރޭގައި އިންނަ ލާރވާ އިތުރަށް ބޮޑެއް ނުވާނެއެވެ. އަދި ހައެއްކަ ހަފްތާއަށް ފަހު މިލާރވާ މަރުވާނެއެވެ. އާންމު ގޮތެއްގައި 6-5 ހަފްތާއަށްވުރެ ދިގުމުއްދަތަކަށް މިލާރވާއަށް އިންސާނާގެ ހަށިގަނޑުގައި ސަލާމަތުން ދިރިއެއް ނޫޅެވޭނެ އެވެ. މާނައަކީ ލާރވާ މަރުވާނީ 6-5 ހަފްތާ ފަހުންނެވެ. ލާރވާ މަރުވުމުން ހަމުގައި ހުރި ހިރުވުމާއި ކެހުން ފިލައި، ހަމުން ފާޅުވި ރަތް ރޮނގުތައް ވެސް މަޑުމަޑުން ފޭދެމުން ގޮސް ފިލައިދާނެއެވެ. ހަމުން ފާޅުވި ރަތް ރޮނގުތައް ހިރުވުމުން އެހިސާބު ކަހާ ހަދައިފިނަމަ، ހަމުގައި އިންފެކްޝަން ހެދޭގޮތްވާނެ އެވެ.

ދިމާވެދާނެ އިތުރު މައްސަލަތައް
ކިޔުޓެނިއަސް ލާރވާ މައިގްރަންސް ގެ ސަބަބުން ދިމާވެދާނެ އިތުރު މައްސަލަތަކުގެ ތެރޭގައި ބައެއް ފަހަރު ފެންފޮޅުގޮތަށް ހުންނަ ތަންތަން ހަމުން ފާޅުވުން(vesciculobullous lesions)، ފޮއްސިވާގޮތަށް ދުޅަވުން(odema)، އަދި އިސްތަށީގެ ބުޑު ދުޅަވުން(folliculitis) ފަދަ ކަންތައްތައް ހިމެނެއެވެ.
ވަރަށް މަދު ފަހަރަކު ބައެއް ކަހަލަ ބުޅިފަނީގެ ސަބަބުން ކުޑަ ގޮހޮރަށް އަސަރުކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަނޑަށް އުދަނގޫވެ، ތަދުވެ، ބޭރަށްހިންގުން ކުރިމަތި ކުރުވައެވެ. އަދި ބައެއް ފަހަރު ފުއްޕާމެޔާއި، ލޮލަށް ވެސް އަސަރުކުރާގޮތް ވެއެވެ.

ދެނެގަތުން
ކިޔުޓެނިއަސް ލާރވާ މައިގްރަންސް ދެނެގަންނަނީ ބައްޔާއި ގުޅިގެން ކުރިމަތިވާ އަލާމާތްތަކާ ނިޝާންތަކަށް ރިއާޔަތް ކޮށްގެންނެވެ. އެގޮތުން ހަމުގައި ރަތްކުލައިގެ އުފުލިފައި ހުންނަ ރޮނގުތަކެއް ނޫނީ ޓްރެކްތަކެއް ފާޅުވާނެއެވެ. މިތަންތަން ވަރަށް ބޮޑަށް ހިރުވައި، ކަހާނެއެވެ. އާންމު ގޮތެއްގައި މި ޓްރެކްތައް ނޫނީ ރަތްކުލައިގެ ރޮނގުތައް ފާޅުވަނީ އަތްތިލަ، ފައިތިލަ، އަދި ފައިގެ ތިރީ ބައިންނެވެ. ނަމަވެސް ވެލީގައި ހޭކޭ ނޫނޭ ޖެހޭ ކޮންމެ ހިސާބަކުން ވެސް ފެނިދާނެ އެވެ.

ފަރުވާ
އާންމު ގޮތެއްގައި ހަމުގެ ތެރެއަށް ވަތް ލާރވާ 6-5 ހަފްތާ ފަހުން މަރުވާތީ، މިއީ އޭގެ ޒާތުގައި ވެސް ރަނގަޅުވެދާނެ ބައްޔެކެވެ. ގިނަ މީހުންނަށް އެއްވެސް ފަރުވާ އަކާ ނުލައި ވެސް ކިޔުޓެނިއަސް ލާރވާ މައިގްރަންސް ރަނގަޅުވެއެވެ. ނަމަވެސް ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތައް ލުއިކޮށް ކުޑަކުރުމަށް ބޭސް ދެވެއެވެ. މިސާލަކަށް ހިރުވައި ކެހުން ލުއިކުރުމަށް ބޭސް ދީފާނެއެވެ. ފަނީ ބޭހުގެ ގޮތުގައި ދެވޭ މައިގަނޑު ބޭހަކީ އަލްބެންޑަޒޯލް، ނޫނީ އައިވަރމެކްޓިން އެވެ. އަދި ހަމުގައި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އުފެދުމުން ރައްކާތެރިކުރުމަށްޓަކައި ވެސް ބޭސް ދެއެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ބުޅަލުގެ ނަޖިހުންނާއި، ވެލީގެ ޒަރީޢާއިން ޖެހޭ މިބަލިން ރައްކާތެރިވުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކިޔުޓެނިއަސް ލާރވާ މައިގްރަންސް އިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ހުސްފައިގައި މަގުމަތީގަޔާއި، ވެލީގައި ނުހިނގުން
·         މަގުމަތީގައި އުޅޭ ބުޅަލުގައި އަތްނުލުން
·         ބުޅަލުގެ ނަޖިހުން ރައްކާތެރިވުން ނޫނީ ބުޅަލުގެ ނަޖިހާ ދުރުވުން ނުވަތަ ނަޖިހުގައި ނުޖެހުން
·         ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑިވޯމްކުރުން
·         ބުޅާ ބާއްވާފައި އޮންނަ ލިޓަރ ބޮކްސް ސާފުކުރާއިރު އަންގި ބޭނުންކުރުން
·         ބުޅާ ބާއްވާފައި އޮންނަ ލިޓަރ ބޮކްސް ސާފުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
·         ކުޑަކުދިން ޕާކު، މައިޒާން ފަދަ ތަންތަނަށް ގޮސްއުޅޭއިރު ވެއްޔަށް އަތްލިޔަނުދިނުން
·         ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް އާދަކުރުން
·         ސްޓޭޑިއަމް، ފުޓްބޯޅަ ދަނޑުފަދަ ތަންތަނުގެ ވިނަގަނޑު މަތީގައި ނުއިށީނުން އަދި އިށީންނަނަމަ ކުނައެއް ފަދަ އެއްޗެއް ބޭނުންކުރުން
·         މިފަދަ ބައްޔެއް ފެތުރޭ ދުވަސްވަރެއްގައި ވެއްޔަށް އަތްލާހަދާއިރު، އަންގި ބޭނުންކުރުމާއި، ބޫޓަށްއެރުން އާދަކުރުން
·         ބުޅާ ގެންގުޅޭ މީހުން އެފަދަ ތަކެތީގެ ނަޖިސް ރަނގަޅުގޮތުގައި ނައްތާލުމަށް ސަމާލުކަން ދިނުން
ހަވާލާ
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

No comments:

Post a Comment