Thursday, September 5, 2013

ލިސްޓިރީއޯސިސް

ލިސްޓިރީއޯސިސް
ލިސްޓިރީއޯސިސް(listeriosis) އަކީ ކާނާ ވިހަވުމުގެ (ބޭރަށްހިންގުމުގެ) ވައްތަރެކެވެ. ލިސްޓިރީއާ ބެކްޓީރިޔާ އަކީ އާންމުކޮށް ފެނާ، ވެލީގައި ހުންނަ ޖަރާސީމެކެވެ. އާންމު ގޮތެއްގައި ތަރުކާރީ މިޖަރާސީމާ ތަޣައްޔަރުވަނީ ވެލި، ނުވަތަ ގަސްކާނާ އިންނެވެ. ޖަރާސީމު ހުރި ޖަނަވާރެއްގެ ފުށުން ވެސް ކާބޯތަކެތި ޖަރާސީމާ ތަޣައްޔަރުކޮށްފާނެ އެވެ. ރަގަޅަށް ނުކައްކައި ހުންނަ އެއްގަމު މަސް، ކިރު، ތަރުކާރީ، އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ޗީޒު ފަދަ ތަކެތީގައި ވެސް ލިސްޓިރީއާ ޖަރާސީމު ހުރެދާނެ އެވެ.


ފުރުޞަތު ބޮޑު ފަރާތްތައް
ލިސްޓިރީއޯސިސް ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތަކުގެ ތެރޭގައި:-
v     މާބަނޑު އަންހެނުން
v     ދިފާއީ ބާރު ދަށްމީހުން
v     ހަކުރުބަލި، ކެންސަރު، ގުރުދާގެ ބަލިތައް ޖެހިފައިވާ މީހުން
v     އޭޑްސް ބަލީގެ އަހުލުވެރިން
v     ނޭވާހިއްލުން ފަދަ ބަލި ހުންނާތީ ސްޓީރޮއިޑް ބޭނުންކުރާ މީހުން
v     އުމުރުން ދުވަސްވީ މީހުން

ސަބަބު
ލިސްޓިރީއޯސިސް ޖެހެނީ ލިސްޓިރީއާ މޮނޯސައިޓޮޖީންސް(listeria monocytogenes) ކިޔާ ބެކްޓީރިޔާ އަކާ ތަޣައްޔަރުވެފައި ހުންނަ ކާނާ ކެއުމުންނެވެ. ލިސްޓިރީއާ މޮނޯސައިޓޯޖީންސް އަކީ ފެން އަދި ވެލީގައި ހުންނަ ބެކްޓީރިޔާ އެކެވެ. އެހެންކަމުން ލިސްޓިރީއޯސިސް ޖެހޭނީ ލިސްޓިރީއާ ބެކްޓީރިޔާ އާ ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކައި ބޮއި ހެދުމުންނެވެ.
ü      ތަރުކާރީ ޖަރާސީމާ ތަޣައްޔަރުވަނީ ވެލި، ގަސްކާނާ، ނުވަތަ ފެނުންނެވެ. މިފަދަ ތަރުކާރީ ކައިފިނަމަ ބަލިޖެހިދާނެއެވެ
ü      ޖަނަވާރުގައި ލިސްޓިރީއާ ބެކްޓީރިޔާ ހުރުމުން އެޖަނަވާރުގެ މަހާ، އެހެން އުފެއްދުންތައް ޖަރާސީމާ ތަޣައްޔަރު ކުރެއެވެ. މިފަދަ މަސް ފަދަ ތަކެތި ކައިފިނަމަ ބަލިޖެހިދާނެއެވެ.
ü      ޗީޒު މިސާލަކަށް ސޮފުޓް ޗީޒު ފަދަ ތަކެތި ބަންދުކުރުމަށްފަހު ޖަރާސީމާ ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ޗީޒު ކައިފިނަމަ ބަލިޖެހިދާނެ އެވެ.
ü      ރޯކިރު (ޖަރާސީމު ނުފިލުވާހުރި) އަދި ރޯކިރުން އުފައްދާ އުފެއްދުންތަކުގައި ވެސް ޖަރާސީމު ހުރެދާނެ އެވެ. މިފަދަ ކިރާ، އޭގެ އުފެއްދުންތައް ބޭނުންކޮށްފިނަމަ ބަލިޖެހިދާނެ އެވެ.

އަލާމާތްތައް
ލިސްޓިރީއޯސިސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، މަސްތަކުގައި ރިހުން، މޭނުބައިކުރުން، އަދި ބޭރަށްހިންގުން ހިމެނެއެވެ. ސިކުނޑިއާ ނާރުތަކަށް ޖަރާސީމު ފެތުރިގެން ހިގައްޖެނަމަ، ބޮލުގައި ރިހުން، ކަރުހަރުއެރުން، ވާނުވާނޭނގުން، ހަށިގަނޑުގެ ހަމަ ގެއްލުން، އަދި ފިޓުޖެހުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ އެވެ. މާބަނޑު މީހުންނަށް ބަލީގެ އުދަނގޫތައް ފެންނަނީ އާދައިގެ މިންވަރަކަށެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ލިސްޓިރީއޯސިސް ޖެހުމަކީ ބައިގެންދިއުން،ދުވަސްނުފުރާ ވިހެއުން، ތުއްތު ދަރިފުޅަށް ބަލިޖެހުން، އަދި ތުއްތު ދަރިފުޅު ބަނޑަށް މަރުވުން ފަދަ ކަމެއް ދިމާވެދާނެ ހާލަތެކެވެ.

ދެނެގަތުން
ލިސްޓިރީއާ އިންފެކްޝަން އަށް ހުށަހެޅިއްޖެހެން ހީވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. މިބަލި ހުރިކަން ދެނެގަނެވެނީ ބަލިމީހާގެ ކިބައިން އޮޅުންފިލުވޭ މައުލޫމާތު ތަކާ، ބަލާ ބެލުންތަކުން އެނގޭ އެނގުންތަކަށް ރިއާޔަތްކޮށްގެންނެވެ. ޔަގީންކުރެވެނީ ލޭގެ ޓެސްޓު އަދި ސިކުނޑިއާ ސްޕައިނަލްކޯޑު ވަށައިގެން ހުންނަ ދިޔަ ނުވަތަ ފެން ޓެސްޓުކޮށްގެންނެވެ.

ފަރުވާ
ލިސްޓިރީއޯސިސް ފަރުވާއެއް ނުކުރި ނަމަވެސް އޭގެ ޒާތުގައި ގިނަފަހަރު ދެތިން ހަފްތާގެ ތެރޭގައި ރަގަޅުވާ ބައްޔެކެވެ. މާބަނޑުމީހާއަށް ބަލިޖެހުނަސް އެންޓިބަޔޮޓިކް ބޭނުންކުރުމުން ދަރިފުޅަށް އިންފެކްޝަން ޖެހުމުން ވެސް ރައްކާތެރިކޮށްދީފާނެ އެވެ. މާބަނޑު ދުވަސްވަރު ބަލިޖެހި، ވިހާ ދަރިފުޅަށް އަސަރުކޮށްފައިވާނަމަ، ދަރިފުޅަށް ވެސް އެންޓިބަޔޮޓިކް ދޭންޖެހޭނެ އެވެ. މަދުން ނަމަވެސް ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

ރައްކާތެރިވުން
ލިސްޓިރީއޯސިސް ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
(ހ) – ރޯމަސް ފަދަ ތަކެއްޗާ އެހެނިހެން ކާނާ ބާވަތްތައް އެކުގައި އުފުލައި ނުހެދުން، އަދި އެކުގައި ފްރިޖުގައި ނުބެހެއްޓުން
(ށ) – ރޯމަސް ފަދަ ތަކެތި ގަނެފައި ގިނައިރުނުކޮށް ފްރިޖުކުރުން
(ނ) – ކާތަކެތީގައި އަތްލައި ހެދުމުގެ ކުރިންނާ ފަހުން ރަގަޅަށް އަތްދޮވުން
(ރ) – ފާޚާނާކޮށް ނިމިގެން އަދި ކުޑަ ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު ރަގަޅަށް އަތްދޮވުން
(ބ) – ތަރުކާރީ އާ މޭވާ ކެއުމުގެ ކުރިން ރަގަޅަށް ދޮވުން
(ޅ) – ރޯމަސް ކޮށުމަށާ، އެހެން ބާވަތުގެ ކާތަކެތި ކޮށުމަށް ވަކި ދެ ކަޓިންބޯޑު ގެންގުޅުން
(ކ) – ވަޅި، ކަޓިންބޯޑު ފަދަ ތަކެތި ބޭނުންކުރުމަށްފަހު ހޫނު ފެނުން ރަގަޅަށް ދޮވުން
(އ) – އައިސް އަލަމާރި ދޭތެރެ ދޭތެރެއިން ސާފުކުރުން
(ވ) – ކާބޯތަކެތި ތާޒާ ކަންމަތީ ބޭނުންކުރުން
(މ) – ކާބޯތަކެތި ހާމައަށް ގިނައިރު ނުބެހެއްޓުން
(ފ) – ކާބޯތަކެތި ހަލާކުވެފައި ހުރިހެން ހީވާނަމަ ބޭނުންނުކޮށް އުކާލުން
މީގެ އިތުރުން މާބަނޑުނަމަ އަންނަނިވި ކަންތައްތަކަށް ރައްކާތެރިވާށެވެ.
v     ސޮސެޖު، ލަންޗަން ފަދަ ތަކެތި ރަގަޅަށް ރޯފިލުވައިގެން ކެއުން
v     ޖަރާސީމުގެ އަސަރު ނުފިލުވައި ކިރުން ހަދާ ސޮފުޓް ޗީޒު ބޭނުންނުކުރުން
v     ޖަރާސީމުގެ އަސަރު ނުފިލުވައި ހުންނަ، ރޯކިރު ނުބުއިން
v     ދިލަޖައްސައި، ދަޅުގައި ބަންދުކޮށްފައި ހުންނަ މަސް ބޭނުންނުކުރުން
v     ފިހާރަތަކުގައި ވިއްކަން ހުންނަ ސަޓަނީގެ ބާވަތްތައް ބޭނުންނުކުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :

No comments:

Post a Comment