Thursday, July 17, 2025

ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން

ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން

ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން(human metapneumovirus infection/hMPV)  އަކީ ހިޔުމަން މެޓަނިއުމޯވައިރަސް ގެ ސަބަބުން ކުރިމަތިވާ ވައިރަލް އިންފެކްޝަނެކެވެ. ހިޔުމަން މެޓަނިއުމޯވައިރަސް އަކީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ތަކުގެ ތެރެއިން ވައިރަހެކެވެ. އާންމު ގޮތެއްގައި މި ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަން ކުރިމަތިވަނީ އާދައިގެ މިންވަރަކަށް ކަމަށް ވިޔަސް، ބައެއް މީހުން މިވައިރަސްގެ އިންފެކްޝަން ޖެހުމުން ވަރަށް ބޮޑަށް ބަލިކޮށްލައެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).

ހިޔުމަން މެޓަނިއުމޯވައިރަސް ނިސްބަތްވަނީ ވައިރަސް އާއިލާތަކުގެ ތެރެއިން ނިއުމޯވިރިޑޭ(pneumoviridae) އާއިލާއަށެވެ. މިއާއިލާއަށް ނިސްބަތްވާ އަނެއް ވައިރަސް އަކީ ރެސްޕިރޭޓަރީ ސިންޝަލް ވައިރަސް(RSV) އެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެންނަ މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 2001 ވަނަ އަހަރުއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).


ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން ޖެހި ބޮޑުވަރުވަނީ ގިނަ ފަހަރު ފުރަތަމަށް ފަހަރަށް ބަލިޖެހޭ އިރުގައެވެ. ދެވަނަ ފަހަރަށް އިންފެކްޝަން ޖެހުނަސް ކުރިމަތިވާ އުދަނގޫތައް މަދުވެފައި ލުއިކަން ފާހަގަ ކުރެވެއެވެ.  

ފެތުރޭގޮތް

ހިޔުމަން މެޓަނިއުމޯވައިރަސްގެ އިންފެކްޝަން ވެސް ފެތުރެނީ އަރިދަފުސް ރޯގާ ފެތުރޭ ގޮތަށެވެ. އެގޮތުން ބަލިޖެހެނީ ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއެޅުން ފަދަ ކަންކަމުގެ ތެރެއިން ބޭރުވެގެންދާ ވައިރަސް ވައިގެ ތެރެއިން ގޮސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ. އެހެންކަމުން ބަލިޖެހިފައިވާ މީހަކަށް މާބޮޑަށް ގައިގޯޅިވެ، އުޅޭނަމަ ބަލިޖެހުމުގެ ހިރާސް އިތުރުވެއެވެ. މީގެ އިތުރުން ބަލީގެ ޖަރާސީމް(ހިޔުމަން މެޓަނިއުމޯވައިރަސް) އާއި ތަޣައްޔަރުވެފައިވާ ތަނެއް މިސާލަކަށް ދޮރުގެ ގޮބު، އަލަމާރީގެ ދޮރުފަތުގެ އަތްގަނޑު ފަދަ ތަނެއްގައި އަތްލުމަށްފަހު، އެއަށް ނުދޮވެ، ސަލާމަތުންހުރި މީހާ އަނގަޔަށް ނޭފަތަށް ނޫނީ ލޮލަށް ލައިފިނަމަ، އެމީހަކަށް ބަލިޖެހުމުގެ ފުރުޞަތު އޮތުމެވެ.

ހިޔުމަން މެޓަނިއުމޯވައިރަސް އިން ބަލި ބޮޑަށް ފެތުރެނީ ފިނި ދުވަސްވަރުގައެވެ. ނޫނީ ވިއްސާރަ ދުވަސްވަރު ގައެވެ. އެއީ ރެސްޕިރޭޓަރީ ސިންސިޝިއަލް ވައިރަސް، އިންފުލުއެންޒާ ވައިރަސް ފަދަ ޖަރާސީމު ތަކުން އަރިދަފުސް ރޯގާ ފެތުރުން އިތުރުވާ ދުވަސްވަރެވެ (ލަންގް.އޯރގް، 2025). އެއް ފަހަރަށްވުރެ ގިނަ ފަހަރު ހިއުމަން މެޓަނިއުމޯވައިރަސް ގެ ސަބަބުން އިންފެކްޝަން ޖެހިދާނެއެވެ (މެޔޯކްލިނިކް، 2025).

ހިރާސް އިތުރު ފަރާތްތައް

ހިޔުމަން މެޓަނިއުމޯވައިރަސް އަކީ ތުއްތު ކުދިންނާއި، 5 އަހަރުން ދަށުގެ ކުދިންނަށް އަރިދަފުސް ރޯގާ ޖެހޭ އެންމެ އާންމު އެއް ސަބަބެވެ. ހިއުމަން މެޓަނިއުމޯވައިރަސްގެ ސަބަބުން ނޭވާލާ ނިޒާމުގެ މަތީ ބަޔަށް (ނޭފަތާއި އަރުތެރެ) އަދި ތިރީ ބަޔަށް ( ފުއްޕާމޭ އަދި ވައިނޮޅީގެ ކަފިތަކާއި ކުދިކަފިތައް) އިންފެކްޝަން ޖެހެއެވެ. ކޮންމެ އުމުރު ފުރާއެއްގެ މީހަކަށް ވެސް ބަލިޖެހިދާނެ އެވެ. ނަމަވެސް އަންނަނިވި ފަރާތްތަކަށް ބަލިޖެހުމުގެ ހިރާސް އިތުރުވެފައި އަދި ބަލީގައި ބޮޑުވަރުވުމުގެ ހިރާސް ވެސް އިތުރުކަން ފާހަގަ ކުރެވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).   

·         ތުއްތު ކުދިން : ޚާއްޞަކޮށް އުމުރުން 6 މަހާ 12 މަހާ ދެމެދުގެ އުމުރުގެ ކުދިން ނޫނީ އުމުރުން 5 އަހަރަށްވުރެ ހަގު ކުދިން

·         އުމުރުން ދުވަސްވީ މީހުން : ޚާއްޞަކޮށް އުމުރުން 50އަހަރުން ނޫނީ 65 އަހަރުން މަތީގެ މީހުން

·         ދިފާޢީ ބާރު ދަށްވެފައިވާ މީހުން : މިސާލަކަށް ކީމޯތެރަޕީ ނަގާމީހުން، ގުނަވަން ބަދަލުކޮށްފައިވާ މީހުން

·         ފުއްޕާމޭގެ ބަލިތައް މިސާލަކަށް ނޭވާހިއްލުން އަދި ސީއޯޕީޑީ ފަދަ ބަލިތައް ހުންނަ މީހުން  (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).  

·         ހިތުގެ ބަލި ހުންނަ މީހުން

·         އޭޑްސް ޖެހިފައިވާ މީހުން

ބަލީގެ އަލާމާތްތައް

ހިޔުމަން މެޓަނިއުމޯވައިރަސް އިން އިންފެކްޝަންގެ ޖެހުނަސް ބައެއް މީހުންގެ ފުށުން އެއްވެސް އަލާމާތެއް ނުފެނިދާނެ އެވެ. އަލާމާތްތައް ފެންނަ މީހުންނަށް ބަލީގެ އަލާމަތްތައް ފެންނަށް ފަށަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ 6-3 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. އަދި ބަލީގެ އަލާމާތްތައް ފެނުމަށްފަހު ހަފްތާއެއް ހާ ދުވަސް ވަންދެން އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެއެވެ. (މެޔޯކްލިނިކް، 2025). އާންމު ގޮތެއްގައި ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން ޖެހޭ މީހުންގެ ފަރާތުން ފާހަގަވާނީ އަރިދަފުސް ރޯގާގެ އަލާމާތްތަކެވެ. އެގޮތުން ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ކެއްސުން

·         ހުންއައުން

·         ކަރުގައި ރިހުން / ކަރުތެރެ ހަލާކުވުން

·         ނޭފަތުން ފެންއައުން

·         ބޮލުގައި ރިހުން

·         ގައިގައި ރިހުން (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).

ބަލީގެ ނުރައްކާތެރި ހާލަތުގައި ފެނިދާނެ އަލާމަތްތަކުގެ ތެރޭގައި : --

·         ނޭވާލާއިރު ތޫލިއަޑުހުރުން

·         ނޭވާކުރުވުން

·         މޭގައި ރިހުން

·         ބޯއެނބުރުން

·         ވަރުބަލިވެ ވާޅުވުން

·         ނުފިލާހުމެއްހުރުން

·         އަޑަށް ބަދަލުއައުން : އަޑުކުރަކިވުން ، އަޑު ފިސްވުން

·         ކަންފަތުގައި ރިހުން (ކަންފަތުގައި އިންފެކްޝަން ހެދުމުން)

·         ގައިން ބިހިނެގުން (އައިސްގޮސްވާ ގޮތަށް)

މިއިން އަލާމާތެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025). ހިޔުމަން މެޓަނިއުމޯވައިރަސް އިން ޖެހޭ އިންފެކްޝަންގެ އަލާމާތްތައް އުމުރަށް ރިއާޔަތްކޮށް އެކި މީހުންނަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ޞިއްޙީ މައްސަލަތައް ހުންނަ މީހުންނަށް ވެސް ފެނިދާނެ އަލާމާތްތައް ފަހަރުގައި ތަފާތު ވެދާނެ އެވެ.

ނުރައްކާތައް

ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން ޖެހުމަށްފަހު ބައެއް މީހުންނަށް ބަލީގެ ސަބަބުން ނުރައްކާތައް ކުރިމަތިވެއެވެ. އެގޮތުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ފުއްޕާމޭގައި ޖަރާސީމު އެޅުން

·         ވައިނޮޅީގެ ކަފި ދުޅަވުން

·         ވައިނޮޅީގެ ކުދިކަފިތައް ދުޅަވުން

·         ކަންފަތުގެ އިންފެކްޝަން

·         ނޭވާހިއްލުން އަދި ސީއޯޕީޑީ ފަދަ ބަލިތަކުގެ އުދަނގޫތައް ކުއްލިއަކަށް އިތުރުވުން

އެގޮތުން ބަލިޖެހި މިފަދަ ނުރައްކާތައް ކުރިމަތިވެއްޖެނަމަ އަންނަނިވި އަލާމާތްތައް ފެނިދާނެ އެވެ.

·         ނޭވާލާއިރު ތޫލިއަޑުހުރުން

·         ނޭވާކުރުވުން / ނޭވާލާން ދަތިވުން

·         މޭގައި ރިހުން

·         ބޯއެނބުރުން

·         ވަރަށް ބޮޑަށް ވަރުބަލިވުން

·          ހަށިގަނޑުން ފެންމަދުވުން

·         ހުން ނުފިލާހުރުން

އެހެންކަމުން ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން ޖެހުމަށްފަހު މިފަދަ އަލާމާތްތަކެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ދެނެގަތުން

ހިއުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން ދެނެގަތުމަށް އެންމެ ކަށަވަރު ޓެސްޓަކީ ޕޮލިމަރޭޒް ޗެއިން ރިއެކްޝަން(PCR) ޓެސްޓެވެ. ނަމަވެސް ހިއުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން އަކީ އަރިދަފުސް ރޯގާ ކަހަލަ ރޯގާއަކަށް ވެފައި، ގިނަ މީހުންނަށް ބަލީގެ އުދަނގޫތައް ކުރިމަތިވަނީ އާދައިގެ މިންވަރަކަށް ކަމަށްވާތީ، ބަލީގެ އުދަނގޫތައް ފެނުނަސް، ބަލިޖެހޭ ކޮންމެ މީހަކަށް ޕީސީއާރު ޓެސްޓު ހަދާކަން ލަފައެއް ނުދޭނެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025). މިޓެސްޓުގެ އެހީގައި ބަލި ޖެއްސުމަށް މެދުވެރިވި ވައިރަސް އަކީ ކޮބައިކަން ދެނެގަނެވެއެވެ.

ވަރަށް މަދު ހާލަތެއްގައި ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭއިރު ފުއްޕާމޭގެ އެކްސްރޭ ނޫނީ ބްރަންކޮސްކަޕީ ހަދަން ލަފާދީފާނެއެވެ. މިޓެސްޓުގައި ފުއްޕާމެޔަށް ކެމެރާއެއް ލައްވައިގެން ފުއްޕާމެއިން ދިޔަކޮޅެއް ނަގައިގެން އޭގައި ހުރީ ކޮން ކަހަލަ ވައިރަސް އެއްކަން ދެނެގަނެ އެވެ (ލަންގް.އޯރގް، 2025).

ފަރުވާ

ހިޔުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން ޖެހުމުން ފަރުވާ ކުރެވެނީ ހުންނަ އުދަނގޫތައް ލުއިކުރުމަށެވެ. އެގޮތުން ހުމާއި ރިހުން ކެނޑުވުމަށް އަދި ރޯގާއަށް ފަރުވާކުރެވެއެވެ. އަރާމުކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ބަލިޖެހޭ ގިނަ މީހުން ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވެއެވެ. ނަމަވެސް ބަލީގައި ބޮޑުވަރުވުމުގެ ހިރާސް އޮންނަ ފަރާތްތައް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ފަހަރުގައި އޮކްސިޖަން ތެރަޕީ ދޭންޖެހިދާނެ އެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).

ހިއުމަން މެޓަނިއުމޯވައިރަސް ގެ އިންފެކްޝަނަށް ދެވޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ފަރުވާތައް ހިމެނެއެވެ.

·         އޮކްސިޖަން ތެރަޕީ

·         ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް އައިވީ ފުލުއިޑް ދިނުން

·         ސްޓީރޮއިޑް ދިނުން : މިއީ ދުޅަ ތިރިކޮށްދީ ބަލީގެ އުދަނގޫތައް ލުއިކޮށްދޭނެ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް، އޯރގް، 2023).

ރައްކާތެރިވުން

ހިއުމަން މެޓަނިއުމޯވައިރަސް އިންފެކްޝަން އިން ރައްކާތެރިވެވޭނީ އެހެން ނޭވާލާ ނިޒާމަށްޖެހޭ އިންފެކްޝަންތަކުން މިސާލަކަށް އަރިދަފުސް ރޯގާ، ކޮވިޑް 19 ، އިންފުލުއެންޒާ ފަދަ އިންފެކްޝަންތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).

·         ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން

·         އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުން : އަތްދޮވުން ނޫނީ އަތް ސާފުކުރުން

·         ގޭތެރޭގެ ވައި ބަދަލުވާނެ ގޮތަށް ހުރުން ނޫނީ ބެހެއްޓުން

·         ލޯ، އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން

ރަނގަޅު ދިފާޢީ ނިޒާމެއް ލިބިފައިވުމަކީ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ދިފާޢީ ބާރު ރަނގަޅުކުރުމަށް ގަވާއިދުން ކަސްރަތުކުރުން، ފައިދާހުރި މިންހެޔޮކާނާ ބޭނުންކުރުން، އަދި ނިދި ފުރިހަމަވުން ފަދަ ކަންތައްތައް ހިމެނެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).

ކުޑަކުއްޖެއް ނޫނީ ގޭގައި އުޅޭ މީހަކު ބަލިއްވެޖެނަމަ އެހެން މީހުން ބަލި ރައްކާތެރިވުމަށް އަންނަނިވި ކަންކަމަށް ސަމާލުކަން ދޭށެވެ.

·         ހުންއައިސް ރޯގާޖެހިއްޖެނަމަ ގޭގައި މަޑުކުރުން

·         ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން

·         އެހެން މީހުންނާއެކު އުޅޭއިރު މާސްކު އެޅުން

·         ގޭތެރޭގެ ވައިބަދަލުވުން ރަނގަޅުކުރުން

·         ގިނަގިނައިން އަތްދޮވެ ސާފުކުރުން (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).

މިބަލިން ރައްކާތެރިވުމަށް އަދި ވެކްސިނެއް އުފައްދާފައެއް ނުވެއެވެ. (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2025).

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.who.int/news-room/questions-and-answers/item/human-metapneumovirus-(hmpv)-infection  

·         https://www.lung.org/lung-health-diseases/lung-disease-lookup

·         https://www.lung.org/lung-health-diseases/lung-disease-lookup/human-metapneumovirus-hmpv

·         https://www.mayoclinic.org/human-metapneumovirus-hmpv/art-20578224 

No comments:

Post a Comment