Thursday, March 12, 2015

މިއަދަކީ މިއަހަރުގެ ކިޑްނީ ދުވަސް

މިއަދަކީ ދުނިޔޭގެ މިއަހަރުގެ ކިޑްނީ ދުވަސް
މިއަދު 12 މާރިޗު 2015 އަކީ މިއަހަރުގެ ދުނިޔޭގެ ކިޑްނީ(ގުރުދާ) ދުވަހެވެ.  ކިޑްނީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ދެވަނަ ބުރާސްފަތި ދުވަހެވެ. މިއަހަރު ކިޑްނީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކިޑްނީގެ ދުޅަހެޔޮކަން އެންމެނަށް" މިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ކިޑްނީގެ މުހިއްމުކަން އާންމުންނަށް އަންގައިދިނުމާއި، ކިޑްނީގެ ބަލިތަކަށް އާންމުން ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ކުރިމަތިވާ މައްސަލަތައް ކުޑަކޮށް، އެބަލިތަކުން ރައްކާތެރިވުމަށް އާންމުންނަށް ބާރުއެޅުމެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި، އަދި ބައެއް އެހެނިހެން މުއައްސަސާތަކާއި، ޖަމްއިއްޔާތައް ގުޅިގެން ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޚާއްޞަ އާއިލީ ހަވީރެއް މާދަމާ ހަވީރު އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ. މިހަވީރުގައި ލޭމައްޗަށް ދިއުމާއި، ހަކުރު ބައްޔަށް ސްކްރީން ކޮށްދިނުމާއި،ކިޑްނީގެ ބަލިތަކަށް އާންމުން ހޭލުންތެރިވުމުގެ ގޮތުން މައުލޫމާތު ދިނުމާއި، އަދި ކުޅިވަރުގެ ތަފާތު ހަރަކާތްތައް އޮންނާނެ އެވެ. 
މިހަރަކާތްތަކުގައި ބައިވެރިވާ މުއައްސަސާ ތަކުގެ ތެރޭގައި  ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދަމަނަވެށީގެ އިތުރުން އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓް، ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން، ޑައެބިޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން،އަދި މޯލްޑިވްސް ނާރސިންގ އެސޯސިއޭޝަން ހިމެނެ އެވެ. މިއީ ރާއްޖޭގައި ކިޑްނީ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. 

ކިޑްނީ ދުވަހުގެ ތާރީޚް
ދުނިޔޭގައި ފުރަތަމަ ފަހަރަށް ކިޑްނީ ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރު އެވެ. އެއީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން އާއި، އިންޓަނޭޝަނަލް ސޮސައިޓީ އޮފް ނެފްރޮލޮޖީގެ އިސްނެގުމަކަށެވެ. ކޮންމެ އަހަރަކު ވެސް ޝިޢާރަށް މިދުވަހަށް ކަނޑައަޅާފައިވާއިރު މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކިޑްނީގެ ދުޅަހެޔޮކަން އެންމެނަށް" މިއެވެ.
ދުނިޔޭގެ ކިޑްނީ ދުވަހުގެ ފާއިތުވި އަހަރުތަކުގެ ޝިއާރުތައް ތިރީގައި މިވަނީ އެވެ.
·         2015 : ކިޑްނީގެ ދުޅަހެޔޮކަން އެންމެނަށް
·         2014 : އުމުރުން ދުވަސްވުމާއި، ދާއިމަށް ހުންނަ ކިޑްނީގެ ބަލި
·         2013 : ދިރިހުރުމަށް ކިޑްނީ – ކިޑްނީއަށް ގެއްލުންދިނުން ހުއްޓާލާ
·         2012 : ދިރިހުމަށް ކިޑްނީ – ހަދިޔާކުރައްވާ – ލިބިގަންނަވާ
·         2011 : ތިބާގެ ހިތް ސަލާމަތްކުރުމަށް – ތިބާގެ ކިޑްނީ ރައްކާތެރިކުރަމާ
·         2010 : ހަކުރު ބަލި ކޮންޓްރޯލްކޮށްގެން – ތިބާގެ ކިޑްނީ ރައްކާތެރިކުރަމާ
·         2009 : ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްގެން – ތިބާގެ ކިޑްނީ ރައްކާތެރިކުރަމާ
·         2008 : ތިބާގެ އަޖައިބެއްފަދަ ކިޑްނީ
·         2007 : ދާއިމަށް ހުންނަ ކިޑްނީ ބަލި: އާންމު، ފުރާނައަށް ނުރައްކާވޭ، އަދި ފަރުވާކުރެވިދާނެ
2006 : ތިބާގެ ކިޑްނީ ހުރީ ސަލާމަތުންތޯ!

No comments:

Post a Comment