Saturday, October 10, 2015

އަމިއްލައަށް މަރުވުން

އަމިއްލައަށް މަރުވުން
އަމިއްލައަށް މަރުވަން މީހުން އުޅެނީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. މީގެތެރޭގައި އެމީހަކު އުފެދިފައި ހުންނަ ގޮތް، އެމީހަކު ދިރިއުޅޭ މާހައުލު ނުވަތަ ވެށި، ނަފުސާނީ ބަލިތައް، މާލީ ހާލަތު ދަށްވުން، މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން، މުޖުތަމަޢުގައި އެކަނިވެރިވުން، އާއިލާގެ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތައް އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހިމެނެއެވެ. ދުނިޔޭގައި 10 ވަނައަށް އެންމެ ގިނައިން މީހުން ދުނިޔެދޫކުރަނީ އަމިއްލައަށް މަރުވެގެންނެވެ.

އަމިއްލަ އަށް މަރުވުމަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބެވެ. އަދި އުމުރުން 25 އަހަރުން ދަށުގެ ކުދިންނާއި، މީހުން މަރުވާ 3 ސަބަބުގެ ތެރެއިން އެއް ސަބަބެވެ. ދުނިޔޭގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 1 މިލިޔަން މީހުން އަމިއްލައަށް މަރުވެއެވެ. އެއީ ކޮންމެ 2 މިނިޓަކުން އެކަކު އަމިއްލައަށް މަރުވުމެވެ.


އަމިއްލައަށް މަރުވަނީ އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނެވެ. ނަމަވެސް މަރުވާން އުޅެނީ ގިނައިން އަންހެނުންނެވެ. ފިރިހެނުން ގިނައިން އަމިއްލައަށް މަރުވަނީ އަމިއްލައަށް ގަޔަށް ބަނޑިޖަހައިގެން ނޫނީ ނޭވާހާސްކޮށްލައިގެން ފަދަ ގޮތަކަށެވެ. އަންހެނުން ގިނައިން އަމިއްލައަށް މަރުވަނީ ވިހައެއް ބޮއެގެން ފަދަ ގޮތަކަށެވެ. އެންމެ ގިނައިން އަމިއްލައަށް މަރުވާ އުމުރު ފުރާއަކީ 35-15 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އެއަށްފަހު 60 އަހަރުން މަތީ އުމުރު ފުރާގެ މީހުންނެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރާ ކޮންމެ 4 މީހުންގެ ތެރެއިން އެކަކު މަރުވެއެވެ.

ދުނިޔޭގައި އަހަރަކު 8 ލައްކަ މީހުން އަމިއްލައަށް މަރުވެއެވެ. އަދި ވަރަށް ގިނަ ބަޔަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރެއެވެ. އަމިއްލައަށް މަރުވާން އުޅޭކަމުގެ އެންމެ ބޮޑު ހިރާސް އަކީ ކުރިން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި ވުމެވެ. 2012 އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 29- 15 އަހަރާ ދެމެދުގެ ޒުވާނުންނާއި، ކުދިން، ދެވަނަ އަށް އެންމެ ގިނައިން ދުނިޔެދޫކުރާ ސަބަބަކީ އަމިއްލައަށް މަރުވުމެވެ. ދުނިޔޭގައި އަމިއްލައަށް މަރުވާމީހުންގެ ތެރެއިން %75 މީހުން ނިސްބަތްވަނީ މެދު ފަންތި އަދި ދަށް ފަންތީގެ ގައުމުތަކަށެވެ.

އަމިއްލައަށް މަރުވާން ވިސްނާ ގިނަ މީހުން ހަގީގަތުގައި އަމިއްލައަށް މަރުވާކަން ބޭނުމެއް ނުވެއެވެ. ނަމަވެސް އެމީހުން ބޭނުންވަނީ އެމީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. ނުވަތަ ނިމުމެއް ގެނައުމަށެވެ. ނުވަތަ ތަހައްމަލުކުރަމުން ގެންދާ ވޭނަށް ނިމުމެއް ގެނައުމަށެވެ. ގިނަ މީހުން އަމިއްލައަށް މަރުވަނީ ނާއުއްމީދުވެ، ހަދާނެގޮތްނޭނގި ގޮތް ހުސްވެ، ބޭކާރުމީހެއްކަމަށް އިހުސާސް ކުރެވިގެންނެވެ.

އަމިއްލައަށް މަރުވުމުގެ ހިރާސް ބޮޑު މީހުން
·         މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން + ތަފާތު ގިނަ ވައްތަރުގެ މަސްތުވާތަކެތި އެއްފަހަރާ ބޭނުންކުރާ މީހުން، އަދި ބަނގުރާ ބޯމީހުން
·         މަސްތުވާތަކެތި ބޭނުންކޮށް ހުއްޓާލާފައި އަނެއްކާ ފަށާމީހުން
·         ދާއިމީ ބަލިތަކުގައި (އޭޑްސް ބަލި، ކެންސަރު ބަލި) އުޅޭމީހުން
·         ނަފްސާނީ ބައްޔެއްގައި (ހިތާމަކުރުމުގެ ބަލި) އުޅޭމީހުން
·         ކުރިން މަރުވާން އުޅެފައި ތިބި މީހުން
·         އާއިލާގައި އަމިއްލައަށް މީހަކު މަރުވެފައިވާ މީހުން
·         އިޖުތިމާޢީ ގޮތުން އެކަހެރިކޮށްފައިވާ މީހުން
·         ވަޒީފާއެއް ނެތް ނުވަތަ ވަޒީފާއިން ވަކިވެފައި ތިބި މީހުން
·         ކުޑައިރު ނޫނީ ޒުވާން ދައުރުގައި ހިތި ތަޖުރިބާތަކެއް ކޮށްފައި ތިބި މީހުން
·         އާއިލާގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބުން، އަދި އާއިލާގެ ތެރޭގައި ނަފްސާނީ ބަލީގެ މީހުން ތިބެފައިވުން
·         އާއިލާގެ ތެރޭގައި ތަޅާފޮޅުން އޮތުން، އަދި އާއިލާ ތެރެއިން ޖިސްމާނީ އަނިޔާ، އަދި ޖިންސީ އަނިޔާ ލިބިފައިވުން
·         ގޭގައި ހަތިޔާރު ގެންގުޅުން ނޫނީ ހުރުން
·         ޖަލުގައި ތިބޭ މީހުން ނޫނީ ހައްޔަރުކޮށްފައި ތިބޭ މީހުން
·         އެހެންމީހަކު އަމިއްލައަށް މަރުވާން އުޅުނުތަން ފެނިފައިވާ މީހުން
އަމިއްލައަށް މަރުވާން މަސައްކަތްކުރާގޮތް
ދުނިޔޭގައި އަމިއްލައަށް މަރުވާ މީހުންގެ ތެރެއިން %30 މީހުން މަރުވަނީ ފަނިފަކުސަ މަރާ ބޭސް ބުއިމުގެ ސަބަބުން ވިހަވެގެންނެވެ. ދެވަނަ އަށް އަމިއްލަ އަށް އެންމެ ގިނަ މީހުން މަރުވަނީ ދަށްޖެހިގެންނެވެ. އަދި 3 ވަނަ އަށް އެންމެ ގިނައިން އަމިއްލައަށް މީހުން މަރުވަނީ ހަތިޔާރެއް ބޭނުންކޮށްގެންނެވެ.
އަމިއްލައަށް މަރުވެދާނެ މީހުންގެ ފަރާތުން ފެނިދާނެ އަލާމާތްތައް
·         އެކަނިވެރިވެފައި ހުރުން
·         އާއިލާގެ މެންބަރުންނާއި ރައްޓަހިންނާއި ދުރުހެލިވުން
·         އަމިއްލަ ނަފްސު ކުށްވެރިކުރުމާއި، އަމިއްލަ ނަފްސުދެކެ ނަފްރަތުކުރުން
·         ކަމަކަށް ލަދުވެތިވެ، ދުނިޔޭގައި ހުރުން މުހިއްމު ނޫންކަން ފާޅުކުރުން
·         ކަންކަމާއި އާދަޔާ ޚިލާފަށް ހާސްވުމާއި ކަންބޮޑުވުން
·         މީހާގެ އުޅުމަށް ކުއްލި ބަދަލުތަކެއް އައުމާއެކު މާޔޫސްވުން
·         އެކަނިވެރިކަން ޚިޔާރުކުރުން
·         ކެއުމާއި ނިދުމުގެ އާދަތަކަށް ބަދަލުއައުން
·         ކުއްލިއަކަށް ނުނިމި ހުރި މަސައްކަތްތައް ނިންމާ، ތަންތަން ސާފުކޮށް، ނުވަތަ ދުނިޔޭގައި ނެތް ދުވަހަކުން އެހެން މީހުންނަށް ކަންތައް ކުރަންވީ ގޮތްތައް ކިޔާ ނުވަތަ ލިޔުން
·         އަމިއްލައަށް މަރުވާނެކަމުގެ ނޯޓެއް ލިޔުން
·         ދާއިމީ ބައްޔެއް (މިސާލަކަށް ކެންސަރު) ޖެހުން
·         ގިނަގިނައިން މަރުވާ ވާހަކަ ދެއްކުން
·         ދުނިޔޭގައި ހުރުމުގެ ބޭނުމެއްނެތޭ، ނުވަތަ ދުނިޔެ މަތިން ފޫހިވެއްޖެޔޭ މިފަދަ އިބާރާތުން ވާހަކަ ދެއްކުން
·         ގާތްތިމާގެ ނުވަތަ ލޯބިވާ މީހަކު މަރުވުން ނުވަތަ އެފަދަ އެހެން ގެއްލުމެއް ލިބުން
(ހ) އަމިއްލައަށް މަރުވާންއުޅޭ ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކާ، ފާހަގަވެދާނެ ކަންތައްތައް
Ø      އަމިއްލައަށް މަރުވާނެކަމުގެ ނޯޓެއް ލިޔުން
Ø      ގިނަގިނައިން މަރުވާ ވާހަކަ ދެއްކުން
Ø      އަތުގައި ހުރި ތަކެތި އެހެން މީހުންނަށް ދީ ހުސްކުރުން
Ø      އާއިލާ އާއި ރަހުމަތްތެރިންނާ ދުރުހެލިވެ އެކަހެރިވުން
Ø      އަމިއްލަ ނަފްސު ކުށްވެރިކުރުމާއި، އަމިއްލަ ނަފްސުދެކެ ނަފްރަތުކުރުން
Ø      އަމިއްލަ ނަފުސަށް ފަރުވާކުޑަކުރުން
Ø      ގެއިން ފިލައިގެންދިއުން
Ø      އުޅުމަށް ބަދަލުއައުން
(ށ) އަމިއްލައަށް މަރުވާންއުޅޭ ބޮޑެތި މީހުންގެ ފުށުން ފެނިދާނެ އަލާމާތްތަކާ، ފާހަގަވެދާނެ ކަންތައްތައް
Ø      ހިތާމަކުރުމުގެ ބަލި ، ހާސްވެކަންބޮޑުވުން، ބައިޕޯލަރ ޑިސްއޯޑަރ، ޝްކިޒޮފްރެނިއާ ފަދަ ނަފްސާނީ ބައްޔެއް ހުރުން
Ø      ހިތާމަކުރުމުގެ ބަލި މެދުވެރިވުމަށްފަހު ކުއްލިއަކަށް އުފާވެކަމެއް ނިންމަން އުޅޭހެން ހީވާގޮތަށް އަމަލުތައް ހުރުން
Ø      ކުރިން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވުން
Ø      ބަނގުރާ ބުއިން، ނަހަމަގޮތުގައި މަސްތުވާތަކެތި ބޭނުންކުރުން
Ø      ކުއްލިއަކަށް ނުނިމި ހުރި މަސައްކަތްތައް ނިންމާ، ތަންތަން ސާފުކޮށް، ނުވަތަ ދުނިޔޭގައި ނެތް ދުވަހަކުން އެހެން މީހުންނަށް ކަންތައް ކުރަންވީ ގޮތްތައް ކިޔާ ނުވަތަ ލިޔުން
(ނ) އަމިއްލައަށް މަރުވާންއުޅޭ އުމުރުން ދުވަސްވީ މީހުންގެ ފުށުން ފެނިދާނެ އަލާމާތްތަކާ، ފާހަގަވެދާނެ ކަންތައްތައް
Ø      ހިތާމަކުރުމުގެ ބަލި ، ހާސްވެކަންބޮޑުވުން، ބައިޕޯލަރ ޑިސްއޯޑަރ، ޝްކިޒޮފްރެނިއާ ފަދަ ނަފްސާނީ ބައްޔެއް ހުރުން
Ø      ބަނގުރާ ބުއިން، ނަހަމަގޮތުގައި މަސްތުވާތަކެތި ބޭނުންކުރުން
Ø      ދިގުމުއްދަތަކަށް އެކަނިއުޅުން (މުޖުތަމަޢުން އެކަހެރިވުން)
Ø      ދާއިމީ ބައްޔެއް (މިސާލަކަށް ކެންސަރު) ޖެހުން ނޫނީ ހުރުން
Ø      ބޮޑު ބަދަލެއް މިފަހުން ދިރިއުޅުމަށް އައުން : މިސާލަކަށް އަނބިމީހާ، ފިރިމީހާ ނިޔާވުން، ވަޒީފާއިން މުސްކުޅިކުރުން، ދާއިމީ ބައްޔެއް ހުރިކަން އެނގުން، މާލީ ހާލަތު ދަށްވުން
Ø      ކުއްލިއަކަށް ނުނިމި ހުރި މަސައްކަތްތައް ނިންމާ، ތަންތަން ސާފުކޮށް، ނުވަތަ ދުނިޔޭގައި ނެތް ދުވަހަކުން އެހެން މީހުންނަށް ކަންތައް ކުރަންވީ ގޮތްތައް ކިޔާ ނުވަތަ ލިޔުން
Ø      ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން
މީހެއްގެ ފަރާތުން އަމިއްލައަށް މަރުވެދާނެ ކަމުގެ އަލާމާތެއް ނޫނީ އަލާމާތްތަކެއް ފެނިއްޖެނަމަ މުޢާމަލާތް ކުރާނެގޮތް
·         އިޝާރާތުން ވެސް އެމީހެއްގެ މައްސަލަތައް ގަބޫލުކުރާ ކަމަށާއި، އެމީހަކަށް އިހުތިރާމުކުރާކަން ދައްކައިދޭށެވެ.
·         އެފަދަ މީހަކަށް އަޅާލާކަމާއި، ދެރަވާކަން ދައްކައިދޭށެވެ.
·         އެމީހެއްގެ ޖަވާބުތަކަށް އިހުތިރާމު ކުރާށެވެ.
·         ވާހަކަ ދައްކަންވާނީ ތެދުވެރިކަމާއެކުގައެވެ.
·         އެމީހަކު ދައްކާ ވާހަކައެއް ކަނުލައި އަޑުއަހާށެވެ.
·         އެމީހެއްގެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭށެވެ.
އަމިއްލައަށް މަރުވާ މީހުންނާއި ބެހޭ ބައެއް ހަގީގަތް :
·         އަމިއްލައަށް މަރުވާ ގިނަ މީހުން މަރުވުމުގެ ކުރިން އެވާހަކަ ދައްކާނެއެވެ. ނުވަތަ އެކަމުގެ އިޝާރާތެއް ދޭނެއެވެ.
·         އަމިއްލައަށް މަރުވާ ގިނަމީހުން އެކަމުން ސަލާމަތްކުރެވޭނެ އެވެ.
·         އަމިއްލައަށް މަރުވާން ކުރާ ޚިޔާލުތަކަކީ ދާއިމީކޮށް ހުންނަ އެއްޗެއް ނޫނެވެ.
·         އަމިއްލައަށް މަރުވާ މީހުންނަކީ އެކަން ކާމިޔާބުވާނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ބައެކެވެ.
އަމިއްލައަށް މަރުވާ މީހުންނާއި އަޅާލެވިދާނެ ފަރާތްތަކަކީ:-
·         އާއިލާގެ މެންބަރުން
·         ގާތް ރަހުމަތްތެރިން
·         އެކުގައި މަސައްކަތުގައި އުޅޭ މީހުން
·         އެފަދަ ކަންކަމަށް އެހީ ފޯރުކޮށްދިނުމަށް ހެދިފައި ހުންނަ މަރުކަޒުތައް
·         ޞިއްހީ ދާއިރާގައި މަސައްކަތްކުރައްވާ މީހުން

މީހެއްގެ ފަރާތުން އަމިއްލައަށް މަރުވެދާނެ ކަމުގެ އަލާމާތެއް ނޫނީ އަލާމާތްތަކެއް ފެނިއްޖެނަމަ ކުރަންވީ ކަންތައްތައް
·         އެފަދަ އަލާމާތެއް ފެނިއްޖެނަމަ އެކަމެއް ސީރިއަސްކޮށް ނަގަންވާނެއެވެ. އަދި ކިހާ ސީރިއަސްތޯ ދެނެގަންނާށެވެ.
·         ކުރީގައި އެއްވެސް ފަހަރަކު އަމިއްލައަށް މަރުވާން އުޅުނިންތޯ އަހާށެވެ.
·         އަމިއްލައަށް މަރުނުވެ މައްސަލަ ހައްލުކުރާނެ ގޮތްތައް ހޯދާށެވެ.
·         އަމިއްލައަށް މަރުވަން އެއްވެސް ގޮތެއްގައި ވިސްނާފައި ނޫނީ ރާވާފައި އޮތްތޯ ސުވާލުކުރާށެވެ.
·         އެމީހެއްގެ އަތުން ވަގުތު ހޯދާށެވެ. އަދި އެއްބަސްވުމަކަށް އަންނާށެވެ.
·         އެމީހަކަށް އެހީވެދޭނެ ފަރާތްތައް ދެނެގަންނާށެވެ.
·         އަމިއްލައަށް މަރުވާން އުޅޭ ސަބަބު ހައްލުކުރެވޭތޯ ބަލާށެވެ.
·         އެމީހަކަށް ކަމެއް ކޮށްދޭށެވެ. އެހެން މީހުން ކައިރީގައި ބުނެގެން އެހީ ހޯދާށެވެ.
·         އެމީހެއްގެ ކައިރީގައި އަބަދުވެސް ހުންނާށެވެ.
·         މަޑުމައިތިރިކަމާއެކު ދައްކާވާހަކަ ކަނުލައި އަޑުއަހާށެވެ.
·         އޯގާތެރިވެ އަޅާލާށެވެ.
މީހެއްގެ ފަރާތުން އަމިއްލައަށް މަރުވެދާނެ ކަމުގެ އަލާމާތެއް ނޫނީ އަލާމާތްތަކެއް ފެނިއްޖެނަމަ ކުރަންނުވާނެ ކަންތައްތައް
·         އަޅާނުލާ ނުދާށެވެ.
·         ލަދުގަނެ ހާސްނުވާށެވެ.
·         ހުރިހާ ކަމެއްވެސް ރަނގަޅުވާނެޔޭ ނުބުނާށެވެ.
·         އެފަދަ މީހަކާ ދިމާލަށް އަމިއްލަ އަށް މަރުވާށޭ ނުބުނާށެވެ.
·         އެހާ މުހިއްމު ކަމެއް ނުދޭކަމަކަށް ނަހަދާށެވެ.
·         ދޮގު ހިތްވަރު ނުދޭށެވެ.
·         އެކަން ސިއްރުކުރާނަން ކަމަށް ވައުދު ނުވާށެވެ.
·         އެމީހަކު އެކަނި ނުކުރާށެވެ.
އަމިއްލައަށް މީހުން މަރުވުމުން ދުރުހެލިކޮށް ރައްކާތެރިކޮށްދިނުން
އަމިއްލައަށް މަރުވުމާއި، އަމިއްލައަށް މަރުވާން މަސައްކަތްކުރުމަކީ ވެސް ހުއްޓުވިދާނެ ކަމެކެވެ. އެއީ މަސައްކަތްކޮށްފިނަމަ، އެކަންކަމުން ސަލާމަތްކުރެވޭނެ ކަންތައްތަކެވެ. އެގޮތުން އަމިއްލައަށް މަރުވުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި :-
·         އަމިއްލައަށް މަރުވާން ބޭނުންކޮށްފާނެ ތަކެތި ނައްތާލުން
·         ޒިންމާދާރު ގޮތެއްގައި މީޑިޔާއިން ރިޕޯޓުކުރުން
·         މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ބަނގުރާ ބޯމީހުންނާއި މެދު އެޅޭ ފިޔަވަޅުތައް ހަރުދަނާކުރުން އަދި ގުޅުންހުރި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރުން
·         މަސްތުވާތަކެތި ނަހަމަގޮތުގައި ބޭނުންކުރުން، ދާއިމީކޮށް އުފެދޭ ތަދުތައް ދެނެގަނެ، ފަރުވާކުރުން
·         ޞިއްޙީ ދާއިރާގެ މުއައްޒަފުން ނަފްސާނީ ބަލިތަކާމެދު ހޭލުންތެރި ކުރުވައި، އާންމުންގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުން
·         އަމިއްލައަށް މަރުވާން މަސައްކަތްކޮށް، އެކަން ކާމިޔާބުނުވެފައިވާ މީހުން އުޅޭނޫޅޭގޮތް ބަލަމުންގެންދިއުން
މަޞްދަރު :
·         ސެންޓަރ ފޮރ ކޮމިޔުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް އިން ނެރެފައިވާ "އަމިއްލައަށް މަރުވުން ހުއްޓުވުން" ލީފްލެޓް

No comments:

Post a Comment