Wednesday, October 21, 2020

ލޮލުގެ ކަޅުކަޅި

 

ލޮލުގެ ކަޅުކަޅި

ލޮލުގެ ކަޅުކަޅި(Iris) އަކީ ލޮލުގެ ތެރޭގައި ލޮލަށް ވަންނަ އަލި ލޮލުގެ އަލިދުއްޔަށް ވާޞިލްވުން އިންތިޒާމުކޮށްދީ،ކޮންޓްރޯލްކޮށްދޭ ފަށަލައެކެވެ.ލޮލުގެ މެދުގައި ކަޅު ކުލައަށް ފެންނަން އިންނަ ބަޔަކީ ކަޅުކަޅި އެވެ. މިބައި އެކުލެވިފައިވަނީ ޕިގްމެންޓެޑް ފައިބްރޯވެސްކިއުލަރ ޓިޝޫ(Fibrovascular tissue) އިންނެވެ. ނުވަަތަ ފައިބަރީ-ލޭނާރީ ސެލޯށި ތަކުންނެވެ. ލޮލުން އެންމެ ބޮޑަށް ނިކުމެފައި އިންނަ ބަޔަކީ ވެސް މިއީ އެވެ. ކަޅުކަޅި އަކީ ލޮލުގެ ކޮއިގެ ވަށައިގެން ހުންނަ ބާރުގަދަ މަސްކޮޅެކެވެ. ކަޅުކަޅީގެ ބޭނުމަކީ ލޮލުގެ ކޮއިގެ ސައިޒު ބަދަލުކޮށްދީގެން ލޮލަށް ވަންނަ އަލީގެ މިންވަރު ކޮންޓްރޯލް ކުރުމެވެ.  ލޮލުގެ ކަޅުކަޅީގެ މެދުގައިވާ ކުޑަ ވަށް ހުޅުވުމަކީ ލޮލުގެ ކޮއި(pupil) އެވެ.


ލޮލުގެ ކަޅުކަޅި ހިމެނެނީ ލޮލުގެ ބޯޅަ ބެހިފައިވާ ތިން ފަށަލައިގެ ތެރެއިން މެދުތެރޭގައިވާ ލޭނާރީ ފަށަލަ އިގެ ތެރޭގައެވެ. އުފެދުމުގައި ލޮލުގެ ބޯޅަ ބެހިފައިވާ މައިގަނޑު ތިން ފަށަލަ އަކީ  އެންމެ ބޭރަށް އިންނަ ފައިބަރީ ފަށަލަ(Fibrous layer)، މެދު ތެރޭގައިވާ ލޭނާރީ ފަށަލަ(vascular layer)، އަދި އެންމެ އެތެރޭގައިވާ ނާރީ ފަށަލަ(inner nervous layer) އެވެ. އެންމެ ބޭރު ފައިބަރީ ފަށަލަ އިގައި ހިމެނެނީ ލޮލުގެ ހާމަ ދުލި(cornea) އަދި ހުދުކަޅި(Sclera) އެވެ. މެދުތެރޭގައިވާ ލޭނާރީ ފަށަލައިގައި ހިމެނެނީ ލޮލުގެ ކަޅުކަޅި(Iris)، ސިލިއަރީ ބޮޑީ(ciliary body)، އަދި ކޮރޮއިޑް(choroid) އެވެ. އެންމެ އެތެރޭގައިވާ ނާރީ ފަށަލައިގައި ހިމެނެނީ ލޮލުގެ އަލިދުއްޔެ(retina)ވެ.

ކަޅުކަޅި އަށް އިގިރޭސި ބަހުން ކިޔާ "އައިރިސް"(Iris) މިނަން ނެގިފައިވަނީ ގްރީކު ބަހުންނެވެ. ގްރީކު ބަހުން އައިރިސް ގެ މާނައަކީ "ވިއްސާރަދުނީގެ ކަލާނގެ" އެވެ. މިނަންދެވިފައިވަނީ އެކި މީހުންގެ އެކި ކުލައިގެ ކަޅި ހުންނާތީ، ނުވަތަ ތަފާތު ކުލައިގެ ކަޅި ހުންނާތީ އެވެ.

ކަޅުކަޅި އަކީ ލޮލުގެ ކުރިމަތިން ލެންސް(lens)، އަދި "ސިލިއަރީ ބޮޑީ"(Ciliary body) އާއި، ލޮލުގެ އަލިދުލި(retina) އާއި ދެމެދުގައި އިންނަ ކުލަހުންނަ، ކުރުގެޅި، ފިތި ކުޑަވުމުގެ ގާބިލިއްޔަތު ލިބިފައިވާ(contractile) ތުނި، މަހުގެ ފަރުދާ އެކެވެ. ނުވަތަ ޑިސްކެކެވެ. ލޮލުގެ ކަޅުކަޅި އިންނަނީ "އެކިޔޫއިއަސް ހިޔުމަރ"(Aqueous humour) ކިޔާ ލޮލުގައި ހުންނަ ފެނެއްގެ ތެރޭގައި ގެނބިފައި، ނޫނީ ހިފެހެއްޓިފައެވެ. ލޮލުގެ ކަޅުކަޅީގެ މެދުގައި އިންނަނީ ލޮލުގެ ކޮއި އެވެ.

ކަޅުކަޅީގެ އަރިމަތިން ގުޅިފައިވަނީ (ކުރިޔަށް ގޮސް ގުޅެނީ) ސިލިއަރީ ބޮޑީ(ciliary body) އާއެވެ. އަދި ކުރިމަތިން ލޮލުގެ ހާމަދުލީގެ "ޕޯސްޓީރިއަރި އިލާސްޓިކް ލިގަމެންޓް"(posterior elastic ligament) އާއި ގުޅެނީ "ޕެކްޓިނޭޓް ލިގަމެންޓް"(pectinate ligament) މެދުވެރިވެގެންނެވެ.

ސަތަހަ ތަކާއި، ބައިތައް، އަދި ސަރަހައްދުތައް

ލޮލުގެ ކަޅުކަޅީގެ ސަތަހަތައް ހުންނަނީ ފަތިކޮށެވެ. އެގޮތުން ކަޅުކަޅީގެ ކުރިމަތީގައި ވަނީ ލޮލުގެ ހާމަދުލި(Cornea) އެވެ. ފަހަތުން އިންނަނީ ސިލިއަރީ ބޮޑީ(ciliary body) އާއި، ލެންސް(lens) އެވެ. ލޮލުގެ ލެންސް ގެ ކުރިމަތިން އިންނަ ބައި ދެބަޔަކަށް ބަހާލަދޭ ހުރަކީ ލޮލުގެ ކަޅިކަޅި އެވެ. އެގޮތުން  ލޮލުގެ ކަޅި ހުރަހެއްގެ ގޮތުގައި ބަލައިގެން ބަހާލެވޭ ދެބަޔަކީ ކުރިމަތީގައިވާ ބައި"އެންޓީރިއަރ ޗެމްބަރ"(Anterior chamber) އަދި  ފަހަތުގައިވާ ބައި "ޕޯސްޓީރިއަރ ޗެމްބަރ"(Posterior chamber) އެވެ.

އެންޓީރިއަރ ޗެމްބަރ ކުރިމަތިން ބޯޑަރުކުރެވެނީ ލޮލުގެ ހާމަދުލީގެ ފަހަތު ސަތަހަ(posterior surface) އާއެވެ. އެންޓީރިއަރ ޗެމްބަރ ފަހަތުން ބޯޑަރު ކުރެވެނީ ލޮލުގެ ކަޅުކަޅީގެ ކުރިމައްޗަށްވާ ބަޔާއި، ލެންސްގެ މެދުބައެވެ. ޕޯސްޓީރިއަރ ޗެމްބަރ އަކީ ކަޅުކަޅީގެ އަރިމަތީ ބައިގެ ފަހަތުން ސިލިއަރީ ބޮޑީ އާއި، ލެންސްގެ ސަސްޕެންސަރީ ލިގަމެންޓް(suspensory ligament)ގެ ކުރިމަތިން އިންނަ ހަނި ހުޅުވުމެވެ. ބޮޑެތި މީހުންގެ ލޮލުގައި ދެ ޗެމްބަރ ދެމެދު މުއާމަލާތް ކުރެވެނީ ލޮލުގެ ކޮއި ހުރަސްކޮށެވެ. އެހެން ނަމަވެސް ތުއްތު ކުދިންގެ އުމުރުން 7 މަސް ވަންދެން ދެޗެމްބަރ ވަކިކޮށްދިނުމަށް "މެމްބްރޭނާ ޕިޔުޕިލާރިސް"(membrane pupillaris) ކިޔާ ފަށަލަ އެއް އިނދެއެވެ.

ލޮލުގެ ކަޅުކަޅި ހިފެހެއްޓިފައި އިންނަނީ ނޫނީ ހަރުލާފައި އިންނަނީ "ސިލިއަރީ ބޮޑީ" ގެ ކުރިމަތީ ސަތަހައިގައި އޭގެ މެދުގައެވެ. ލޮލުގެ ކަޅުކަޅީގެ ކުރިމަތީ ސަތަހަ ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ "ޕިޔުޕިލަރީ ޒޯން"(Pupillary zone) އަދި "ސިލިއަރީ ޒޯން"(Ciliary zone) އެވެ. މިދެބައި ވަކިކޮށްދެނީ ވަށްކޮށް އިންނަ ދާރަ އަކުންނެވެ. މިދާރައިންނަނީ ލޮލުގެ ކޮއިގެ ކައިރިފަށުން ފެށިގެން 1.5 މިލިމީޓަރުގެ ދުރުމިނުގައެވެ. މިދާރައަށް ކިޔަނީ "ކޮލަރިޓް" އެވެ. ކަޅުކަޅީގެ އެންމެ ބޯ ހިސާބަކީ "ކޮލަރިޓް"(collarette) އޭ ކިޔާ ހިސާބެވެ. މިއީ ލޮލުގެ ކޮއިގެ ކައިރިފަށުން ފެށިގެން 1.5މިލިމީޓަރުގެ ދުރުމިނުގައިވާ ތަން، ނުވަތަ ހިސާބެވެ.ޕިޔުޕިލަރީ ޒޯން އިންނަނީ ލޮލުގެ ކޮއިގެ ކައިރިފަށުން ފެށިގެން ކޮލަރިޓް އާއި ދެމެދުގައެވެ. މިހިސާބު އިންނަނީ ނިސްބަތުން ފަތިކޮށެވެ. ލޮލުގެ ކޮއިގެ ކައިރިފަށް އިންނަނީ އަނދިރި ބޯޑަރަކުން ފާހަގަ ވެފައެވެ. މިބޯޑަރަށް ކިޔަނީ "ޕިޔުޕިލަރީ ރަފް"(pupillary ruff) އެވެ. ޕިޔުޕިލަރީ ރަފް އަކީ ޕިގްމެންޓް ހުންނަ ފަށަލަ ކުރިމަތިން ނިމޭ ހިސާބެވެ. ސިލިއަރީ ޒޯން އިންނަނީ ކޮލަރިޓް އިން ފެށިގެން ކަޅުކަޅީގެ މުލާއި ދެމެދުގައެވެ. މިސަރަހައްދުގައި އެއް ރޮނގަކަށް އެތުރިފައި ހުންނަ ކުދި އަޑިކޮޅުތައް(depressions) ހުރެއެވެ. މިއަޑިކޮޅުތަކަށް ކިޔަނީ "ކްރިޕްޓްސް"(Crypts) އެވެ. މިފަދަ ކްރިޕްޓްތައް އާންމުކޮށް ފެންނާނީ ނުވަތަ ހުންނާނީ ދެތަނެއްގައެވެ. އެއީ ކޮލަރިޓް ކައިރީގައި ހުންނަ ނިސްބަތުން ބޮޑެތި ކްރިޕްޓް ތަކާއި، ކަޅުކަޅީގެ އަރިމަތީގައި ވަރަށް މަދުން ހުންނަ ކްރިޕްޓް ތަކެވެ. ކޮލަރިޓް ކައިރީގައި ހުންނަ ބޮޑެތި ކްރިޕްޓް ތަކަށް ކިޔަނީ "ފުކްސް ކްރިޕްޓް"(Fuchs’s crypt) އެވެ.

ކަޅުކަޅީގެ މިންތައް

ލޮލުގެ ކަޅުކަޅީގެ އެވްރެޖް ވަށަމިނަކީ 11-10 މިލިމީޓަރެވެ. ކަޅުކަޅީގެ އެންމެ ބޯ ހިސާބަކީ ލޮލުގެ ކޮއިގެ ކައިރިފަށުން ފެށިގެން 1.5މިލިމީޓަރުގެ ދުރުމިނުގައިވާ ތަން، ނުވަތަ ހިސާބެވެ. ކަޅުކަޅީގެ އެންމެ ތުނި ހިސާބަކީ ކަޅުކަޅީގެ "މޫ"(Root) ނުވަތަ މުލެވެ. ކަޅުކަޅީގެ މުލަކީ ކަޅުކަޅި ސިލިއަރީ ބޮޑީ އާއި ގުޅޭ ހިސާބެވެ. ކަޅުކަޅީގެ މުލުގެ ބޯމިނަކީ ގާތްގަނޑަކަށް 0.5 މިލިމީޓަރެވެ. ލޮލުގެ ކޮއި އިންނަނީ ސީދާ ލޮލުގެ ކަޅީގެ މެދަކު ނޫނެވެ. އެކަމަކު ކުޑަކޮށް ލޮލުގެ ކަޅުކަޅީގެ ނޭފަތާ ކައިރިވީފަރާތަށް ޖެހިފައެވެ. ލޮލުގެ ކޮއިގެ ސައިޒަކީ 4-3 މިލިމީޓަރެވެ.

ކަޅުކަޅީގެ މައިކްރޮސްކޯޕިކް އޮނިގަނޑު އެކުލެވިގެންވާގޮތް

 މައިކްރޮސްކޯޕުން ބަލާއިރު ކަޅުކަޅީގެ އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. އެއީ އެންމެ ކުރިމަތިން އިންނަ ބަތާނައިގެ ސެލްތަކުގެ ފަށަލައާއި، ކަޅުކަޅީގެ "ސްޓްރޯމާ"(stroma)، ކަޅުކަޅީގައި ހިމެނޭ މަސްކޮޅު(muscular fiber) އަދި ކަޅުކަޅީގެ ފަހަތު ސަތަހައިގެ މައްޗަށެވެ.

1. ބަތާނައިގެ ސެލްތަކުގެ ފަށަލަ ނުވަތަ އެންމެ ކުރިމަތިން އިންނަ ފަށަލަ

ކަޅުކަޅީގެ ކުރިމަތިން އިންނަ ބަތާނައިގެ ސެލް(endothelial cell)ތަކުގެ ފަށަލަ(layer) އެކުލެވިގެންވަނީ ތުނި "ހައިލައިން ބޭސްމެންޓް މެންބްރޭން"(hyline basement membrane)ގެ މަތީގައި ފަތިކޮށް އެތުރިފައި ހުންނަ ބަތާނައިގެ ސެލްތަކުގެ މައްޗަށެވެ. މިފަށަލަ ކުރިޔަސް ގޮސް ގުޅެނީ ލޮލުގެ ހާމަދުލީގެ ފަހަތުގައިވާ "އިލާސްޓިކް ލެމިނާ"(elastic lamina) ފޮރުވައިދޭ ބަތާނައިގެ ސެލް ތަކާއެވެ. މާނައަކީ މިތަނުގައި ހުންނަ ސެލްތަކެކޭ އެއްގޮތަށް ހާމަދުލީގެ ފަހަތުގައިވާ އިލާސްޓިކް ލެމިނާގައި ހުންނަނީ ވެސް ހަމަ މިފަދަ ސެލްތަކެކެވެ. އަނދިރި ކުލައިގައި ކަޅި ހުންނަ މީހުންގެ މި ސެލްތަކުގައި "ޕިގްމެންޓް ގްރެނިޔޫލް"(pigment granule)ތައް ހުރެއެވެ. މައިގަނޑު ގޮތެއްގައި މިފަށަލައިގައި ހުންނަ ސެލްތަކުގެ ތެރޭގައި ހިމެނެނީ "ފައިބްރޯބްލާސްޓް"(fibroblast)، އަދި "މިލާނޯސައިޓް"(melanocyte) ތަކެވެ. މިސެލްތައް އެތުރިފައި ހުންނަނީ "މެޝްވޯރކް"(meshwork) ނުވަތަ ވިއުގައެއް ނޫނީ ދާގަނޑެއްގެ ސިފަޔަށެވެ. މައިގަނޑު ގޮތެއްގައި މަތީ ސަތަހައިގައި ހުންނަނީ ފައިބްރޯބްލާސްޓް ސެލްތަކެވެ. އަދި މެލާނޯސައިޓް ތައް ހުންނަނީ އޭގެ ދަށުގައި ނޫނީ އަޑީގައެވެ.

2. ކަޅުކަޅީގެ ސްޓްރޯމާ

ކަޅުކަޅީގެ ސްޓްރޯމާ(stromairidis) އެކުލެވިގެންވަނީ ފައިބަރާ(fibers)އި، ދިރު ނުވަތަ ސެލް(cell)ތަކުގެ މައްޗަށެވެ. ކަޅުކަޅީގެ ސްޓްރޯމާގައި ހުންނަ ފައިބަރުތައް ބިނާވެގެންވަނީ ތުނި ފައިބަރު ސިލޯށި(fibrous tissue) އެކުލެވޭ ބަންޑަޅި(bundles) ތަކުގެ މައްޗަށެވެ. ވަރަށް މަދު ފައިބަރުތަކެއް ކަޅުކަޅީގެ ވަށައިގެންވާ ގޮތަށް އެތުރިފައި ހުއްޓަސް، ގިނަ ފައިބަރުތައް ހުންނަނީ ކަޅުކަޅިން ފެށިގެން ލޮލުގެ ކޮއި އާއި ދިމާލަށްވާގޮތަށް ގޮސް އެތުރިފައެވެ. މިފައިބަރީ ސެލޯށިތައް އެކަތި އަނެކައްޗާއި ގުޅި ލާމެހިގެން ވިއުގައެއް ނޫނީ ދާގަނޑެއް އުފެދިފައި ހުރެއެވެ. ފަތިނާރު ތަކާއި، ލޭހޮޅިތައް ހުންނަނީ މިދާގަނޑު ނޫނީ ވިއުގައިގެ ތެރޭގައެވެ.

ދެވައްތަރެއްގެ ސެލްތައް ސްޓްރޯމާގައި ހުރެއެވެ. އެއީ ޕިގްމެންޓް އެކުލެވޭ ސެލް(pigmented cell)ތަކާއި، ޕިގްމެންޓް ނުހުންނަ(non-pigmented cells) ސެލްތަކެވެ. ޕިގްމެންޓް ހުންނަ ސެލްތަކުގެ ތެރޭގައި ހިމެނެނީ މިލާނޯސައިޓް(melanocyte) އާއި، ކްލަމްޕް ސެލް(clump cells) ތަކެވެ. ޕިގްމެންޓް ނުހުންނަ ސެލްތަކުގެ ތެރޭގައި ހިމެނެނީ ފައިބްރޯބްލާސްޓް(fibroblasts)، ލިމްފޮސައިޓް(lymphocyte)، މެކްރަފޭޖް(macrophage)، އަދި މަސްޓް ސެލް(mast cells)ތަކެވެ.

3. ކަޅުކަޅީގައި ހިމެނޭ މަސްކޮޅުތައް

ކަޅުކަޅީގައި 2 ވައްތަރެއްގެ މަޑުމަހުގެ މަސްކޮޅުުތައް(Smooth muscles) ހިމެނެއެވެ.ކަޅުކަޅީގައި ހިމެނޭ މަސްކޮޅު ތައް އެކުލެވިގެންވަނީ ކަޅުކަޅީގެ ވަށައިގެންވާ ގޮތަށް އެތުރިފައި ހުންނަ(circular muscle fibers) މަހުގެ ފައިބަރު ތަކާއި، އަދި ދުރަށް ފެތުރޭ ގޮތަށް އެތުރިފައި ހުންނަ(Radiating muscle fibers) މަހުގެ ފައިބަރުތަކުގެ މައްޗަށެވެ. ކަޅުކަޅީގެ ވަށައިގެންވާ ގޮތަށް އެތުރިފައި ހުންނަ މަހުގެ ފައިބަރުތަކުން އުފެދެނީ "ސްފިންކްޓަރ ޕިޔުޕިލޭ"(sphincter pupillae) ނުވަތަ "ސްފިންކްޓަރ މަސްކޮޅު"(sphincter muscle/constrictor pupillae muscle) އެވެ. މިމަސްކޮޅުތައް އެތުރިފައި ހުންނަނީ 1 މިލިމީޓަރުގެ ފުޅާމިން ހުންނަ ހަނި ބޭންޑްތަކެއްގެ ސިފަޔަށް އެތުރިފައެވެ. މިމަސްކޮޅު ހުންނަނީ ލޮލުގެ ކޮއިގެ ކައިރިފަށުގެ ވަށައިގެން، ކަޅުކަޅީގެ ފަހަތު ސަތަހައާއި ދިމާލަށް ވާގޮތަށެވެ. ދުރަށް ފެތުރޭގޮތަށް އެތުރިފައި ހުންނަ ފައިބަރުތަކުން އުފެދެނީ "ޑައިލޭޓަރ ޕިޔުޕިލޭ"(dilator pupillae) ނުވަތަ "ޑައިލޭޓަރ މަސްކޮޅު"(dilator muscle) އެވެ. އިންސާނާގެ ލޮލުގެ ކޮއިގެ ސައިޒުން ކުޑަވެ، ބޮޑުވުން ކޮންޓްރޯލްކުރަނީ މިބަޔާންކުރެވުނު މަސްކޮޅުތަކުންނެވެ.

ކަޅުކަޅި އެކުލެވިގެން މަޑުމަހުގެ ދެ މަސް ފަށަލައަކުންނެވެ. އެއް މަސް ފަށަލައިގެ ބޭނުމަކީ ކަޅުކަޅި ބޮޑުކޮށް ފުޅާކޮށްލުމެވެ. އަނެއް މަސް ފަށަލައިގެ ބޭނުމަކީ ކަޅުކަޅި ހިމަކޮށް ހަނިކޮށްލުމެވެ. ލޮލުގެ ކޮއިގެ ސައިޒު ކޮންޓްރޯލްކޮށް، ލޮލުގެ އެންމެ އެތެރޭގައި އަލީގެ އިހުސާސީ ސެލޯށި ކަމުގައިވާ ލޮލުގެ އަލިދުއްޔާއި ހަމައަށް ވާޞިލްވާނީ ކިހާ އައްޔެއްކަން ކަނޑައަޅައިދެނީ މިމަޑު މަސްކޮޅުތަކެވެ. ގަދަ އައްޔަށް ލޯ ހުށަހެޅުމުން ލޮލުގެ ކޮއިގެ ސައިޒު ހަނިކޮށް، ހިމަކޮށްލައި، ކުރުގަޅުވާލަދީ ހަދަނީ ލޮލުގެ ކަޅުކަޅީގައި ވަށްކޮށް ނޫނީ ވަށްބުރެއްގެ ސިފަޔަށް އިންނަ "ސްފިންކްޓަރ މަސްކޮޅު"(Sphincter muscle) އެވެ. ސްފިންކްޓަރ މަސްކޮޅަކީ ވަށްބުރެއް ހެން ވަށްކޮށް އިންނަ މަސްކޮޅެކެވެ. މިމަސްކޮޅުގެ ފުޅާ މިނުގައި ގާތްގަނޑަކަށް 1-0.75 މިލިމީޓަރު ހުރެއެވެ. އަދި ބޯމިނުގައި 1.7-0.1 މިލިމީޓަރު ހުރެއެވެ. ޑައިލޭޓަރ މަސްކޮޅަށްވުރެ މިމަސްކޮޅު ބޯވާނެ އެވެ. މިމަސްކޮޅުތައް ހުންނަނީ ލޮލުގެ ކޮއިގެ ވަށައިގެން، ކަޅުކަޅީގެ ކުރިން ބަޔާންކުރެވުނު ޕިޔުޕިލަރީ ޒޯން އޭ ކިޔާ ސަރަހައްދުގެ ތެރޭގައެވެ. މިމަސްކޮޅު ފިތި ކުރުގެޅުމުން ލޮލުގެ ކޮއި ނޫނީ ކަޅި ފިތި ކުޑަވެގެންދާނެއެވެ. މިމަސްކޮޅަށް ނާރވް ސަޕްލައިކޮށްދެނީ "ޕެރެސިމްޕެތެޓިކް ސިސްޓަމް"(parasympathetic system) އިންނެވެ.

މި އުސޫލުން  ނުވަތަ މިގޮތަށް މަޑު އައްޔަށް ލޯހުށަހެޅުމުން ލޮލުގެ ކޮއިގެ ސައިޒު ބޮޑުކޮށް ފުޅާކޮށްލަދެނީ ލޮލުގެ ކަޅުކަޅީގައި އިންނަ "ޑައިލޭޓަރ މަސްކޮޅު"(dilator muscle) އެވެ. ޑައިލޭޓަރ މަސްކޮޅު ފެށިގެން އަންނަނީ ކަޅުކަޅީގެ މުލާ ހިސާބުންނެވެ. ސްފިންކްޓަރ މަސްކޮޅާއި، ޑައިލޭޓަރ މަސްކޮޅު ވަކިކޮށްދެނީ "ގުޅުވައިދެނިވި ސެލޯށި"(Connective tissue) ތަކުގެ ބޯ ބޭންޑަކުންނެވެ. ޑައިލޭޓަރ މަސްކޮޅު ފިތި ކުރުގެޅުމުން، ލޮލުގެ ކޮއި، ކަޅުކަޅީގެ މުލާ ދިމާލަށް ގެންދެއެވެ. މިހެންވުމުން ލޮލުގެ ކޮއި ނުވަތަ ކަޅީގެ ސައިޒު ބޮޑުވެ ފުޅާވެގެންދެއެވެ. ނޫނީ ކަޅި ބޮޑުވެގެންދެއެވެ. މިމަސްކޮޅަށް ނާރވް ސަޕްލައިކޮށްދެނީ "ސިމްޕެތެޓިކް ސިސްޓަމް"(sympathetic system) އިންނެވެ.

އެހެންކަމުން ގަދަ އައްޔަކަށް ހުށަހެޅުމުން ކަޅުކަޅިން ލޮލުގެ ކޮއި ކުޑަކޮށް ހަނިކޮށްލައި، ލޮލަށް އަލިވަނުން ކުޑަކޮށްދޭނެ އެވެ. އަދި މަޑު އައްޔަކަށް ހުށަހެޅުމުން ކަޅުކަޅިން ލޮލުގެ ކޮއި ބޮޑުކޮށް ފުޅާކޮށްލައި، ލޮލަށް އަލިވަނުން އިތުރުކޮށްދޭނެ އެވެ.

4. ކަޅުކަޅީގެ ފަހަތު ސަތަހަ

ކަޅުކަޅީގެ ފަހަތު ސަތަހަ ހުންނަނީ ގަދަ ދަނބުކުލައިގައެވެ. މިސަތަހަ އެކުލެވޭ ކުލަ ހުންނަ ބަތާނައިގެ ދެފަށަލައިގެ މައްޗަށެވެ. މިދެފަށަލަ ކުރިޔަށް ގޮސް ކަޅުކަޅީގެ އަރިމަތިންވަނީ "ޕާރސް ސިލިއާރިސް ރެޓިނޭ"(pars ciliaris retinae) އާއި ގުޅިފައެވެ. ކުލަހުންނަ ބަތާނަ ފަށަށް ކިޔަނީ "ޕާރސް އިރިޑިކާ ރެޓިނޭ"(pars iridica retinae) އެވެ.

ލޮލުގެ ކުލަ

ލޮލުގެ ކަޅީގެ ކުލަ ބަރޯސާވަނީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ. އެއީ ކަޅީގެ ސްޓްރޯމާގެ މައިކްރޮސްކޯޕިކް އޮނިގަނޑާއި އޭގެ ޑެންސިޓީ، ޕިގްމެންޓް އެކުލެވޭ އެޕިތީލިއަމް ނުވަތަ ބަތާނަފަށް، އަދި ކަޅީގައި ހުންނަ މެލާނޯސައިޓްތަކުގައި ޕިގްމެންޓް ގްރެނިޔޫލް ހުންނަ މިންވަރެއްގެ މައްޗަށެވެ. އެހެންގޮތަކަށް ބުނާނަމަ ލޮލުގެ ކުލަ ބިނާވަނީ ލޮލުގެ ކަޅުކަޅީގައި "ޕިގްމެންޓް"(pigment) ހުންނަ މިންވަރެއްގެ މައްޗަށެވެ. ނޫނީ ލޮލުގެ ކަޅުކަޅީގައި ހުންނަ ޕިގްމެންޓް އަކީ ލޮލުގެ ކުލަ ކަނޑައަޅައިދޭ މާއްދާ އެވެ. ލޮލުގެ ކަޅުކަޅީގައި ވަރަށް މަދުން ޕިގްމެންޓް ހުރިނަމަ، ލޮލުގެ ކުލަ ހުންނަނީ "ނޫ"(blue) ކުލައަށެވެ. އަދި ލޮލުގެ ކަޅުކަޅީގައި ޕިގްމެންޓް ގިނައިން ހުރިނަމަ ލޮލުގެ ކުލަ ހުންނާނީ މުށި ނޫނީ ކަޅުކުލައިގައެވެ.

އެކިމީހުންގެ ކަޅީގައި ޕިގްމެންޓް ހުންނަ މިންވަރާއި ހާލަތު ތަފާތެވެ. މިސާލަކަށް އެއްވެސް ވަރަކަށް ޕިގްމެންޓް ނުހުންނަ މީހުންގެ ކަޅި ހުންނާނީ ހުދާއި ގާތްކުރާ ކުލައަކަށެވެ. ނޫކަޅި ހުންނަ މީހުންގެ ޕިގްމެންޓް ހުންނާނީ ވަރަށް މަދުންނެވެ. އަދި ޕިގްމެންޓް ތައް ހުންނަނީ ކަޅުކަޅީގެ ފަހަތު ސަތަހައިގައެވެ. ނަމަވެސް އަޅި، ކަޅު، އަދި މުށި ކުލައިގައި ކަޅި ހުންނަ މީހުންގެ ކަޅީގެ ސްޓްރޯމާގެ ސެލްތަކުގައި އަދި ކަޅުކަޅީގެ ކުރިމަތީގައިވާ ބަތާނައިގެ ސެލްތަކުގައި ވެސް ޕިގްމެންޓް ހުރެއެވެ.

ކަޅުކަޅީގެ ވަޒީފާ

1. ލޮލުގެ ކޮއި ހުރަސްކޮށް ލޮލުގެ ތެރެއަށް ވަންނަ އަލީގެ ދޯދިތައް ވަނުން އިންތިޒާމުކުރުން

2. ލޮލުގެ ފެނުމަށް ބަދަލުއައުން (ލޮލުގެ ފެނުން ފުސްވުން) ފަދަ ކަންކަމުން ރައްކާތެރިކޮށްދިނުން

3. ލޮލުގެ ތެރެއަށް އިރުގެ އަލީގެ ދޯދިތައް މާގިނައިން ވަނުމަށް ހުރަސްއަޅައި، އެކަމުގެ ސަބަބުން ލޮލުގެ ފަހަތުގައިވާ ލޮލުގެ އަލި ދުއްޔަށް ރައްކާތެރިކަމާއި، ހިމާޔަތް ކަޅުކަޅިން ފޯރުކޮށްދެއެވެ.

ކަޅުކަޅިއަށް އައިސްފައިވާ ލޭހޮޅިތަކާއި، ފަތިނާރުތައް

ކަޅުކަޅިއަށް ސާފުލޭ ގެނެސްދެނީ "ލޯންގ ސިލިއަރީ އާޓަރީ"(long ciliary artery)  އަދި "އެންޓީރިއަރ ސިލިއަރީ އާޓަރީ"(anterior ciliary artery)، އަދި ސިލިއަރީ ޕްރޮސެސް(ciliary process)ގެ ލޭހޮޅިތައް މެދުވެރިގެންނެވެ. ލޯންގ ސިލިއަރީ އާޓަރީ ކަޅުކަޅީގެ ކައިރިފަށާ ހިސާބުން ދެގޮތްޕަކަށް ބެހިގެންދެއެވެ. އެއީ މައްޗަށްދާ ގޮތްޕަ(upper branch)ކާއި، ތިރިއަށް ފައިބާ ގޮތްޕެ(lower branch)ކެވެ. މިދެގޮފި އޭގެ އަނެއްފަރާތުން އައިސްފައިވާ ދެގޮތްޕާއި ގުޅި ލާމެހި(anastomose)ގެން ވަށްކޮށް އިންނަ ލޭހޮޅިތަކުގެ ބުރެއް ކަޅުކަޅީގެ ވަށައިގެން އުފެދެއެވެ. ލޭހޮޅީގެ މިވަށްބުރަށް ކިޔަނީ "ސާކިޔުލަސް އާޓެރިއޯސަސް މޭޖަރ"(circular arteriosus major) އެވެ. ހަމަ މިގޮތަށް އެންޓީރިއަރ ސިލިއަރީ އާޓަރީ(anterior ciliary artery) ތައް ވެސް ލޮލުގެ ކަޅުކަޅީގެ ކައިރިފަށާ ހިސާބުން ދެފަރާތުން އައިސް ގުޅި ލާމެހި ވަށްކޮށް އިންނަ ލޭހޮޅިތަކުގެ ބުރެއް ކަޅުކަޅީގެ ވަށައިގެން އުފެދެއެވެ. ލޭހޮޅީގެ މިވަށްބުރަށް ކިޔަނީ "ސާކިޔުލަސް އާޓެރިއޯސަސް މައިނަރ"(circular arteriosus minor) އެވެ.

ކަޅުކަޅިއަށް އައިސްފައިވާ ފަތިނާރަކީ "ނޭޒޯސިލިއަރީ ނާރވް"(nasociliary nerve) އިން ނިކުމެފައިވާ "ލޯންގ ސިލިއަރީ ނާރވް"(long ciliary nerve) އާއި، "ސިލިއަރީ ގޭންގލިއަން"(ciliary ganglion) އިން ނިކުމެފައިވާ "ޝޯޓް ސިލިއަރީ ނާރވް"(short ciliary nerve) އެވެ. މިނާރުތައް އޮޕްޓިކް ނާރު(optic nerve) ގެ ކުރިމަތިން ލޮލުގެ ހުދުކަޅީ(Sclera)ގެ ތެރެއަށް ވަދެ، "ޕެރިކޮރޮއިޑަލް ސްޕޭސް"(perichoroidal space) ގެ ތެރެއިން ކުރިޔަށްގޮސް، ކޮރޮއިޑް(Choroid) ގެ ލޭހޮޅިތަކަށް ސަޕްލައިކޮށްދެއެވެ.

ކަޅުކަޅީގެ މަސްކޮޅުތަކުގެ ތެރެއިން ސްފިންކްޓަރ މަސްކޮޅަށް ހަރަކާތް ގެނެސްދެނީ ޕެރެސިމްޕެތެޓިކް ފައިބަރު ތަކުންނެވެ. އެގޮތުން ސްފިންކްޓަރ މަސްކޮޅަށް ނުވަތަ ކޮންސްޓްރިކްޓަރ ޕިޔުޕިލާ މަސްކޮޅަށް ހަރަކާތް ގެނެސްދެނީ 3ވަނަ ކްރެނިއަލް ނާރު(3rd cranial nerve) އޮކިޔުލޮމޮޓޯރ ނާރވް(oculomotor nerve) އިން ނިކުމެފައިވާ ސިލިއަރީ ގޭންގލިއަން ގެ ހަރަކާތީ މުލުން ނިކުމެފައިވާ ނާރު ފައިބަރުތަކުންނެވެ. ޑައިލޭޓަރ މަސްކޮޅަށް ނާރު ސަޕްލައިކޮށްދެނީ ސިމްޕެތެޓިކް ނާރުތަކުގެ ނިޒާމު މެދުވެރިގެންނެވެ.

ހަވާލާ

·         https://www.britannica.com/science/iris-eye

·         https://www.hopkinsmedicine.org/health/conditions-and-diseases/anatomy-of-the-eye

·         https://www.umkelloggeye.org/conditions-treatments/anatomy-eye

·         https://www.slideshare.net/DARSHANSM3/anatomy-of-iris

·         https://www.bartleby.com/107/

·         https://www.bartleby.com/107/225.html

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

 

 

No comments:

Post a Comment