Thursday, January 7, 2016

ޕްރޮފެސާ އުގައިލްގެ "ޞިއްޙީ ހަދިޔާ"

ޕްރޮފެސަރ އުގައިލް ގެ "ޞިއްޙީ ހަދިޔާ" އަށް ނަޒަރެއް
ޕްރޮފެސަރ އުގައިލް ލިޔުއްވާފައިވާ "ޞިއްޙީ ހަދިޔާ" މިފޮތަކީ ދިވެހިންނަށް ޢިލްމީ ގޮތުން ޚާއްޞަކޮށް ބޭސްވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވަރަށް އަގުހުރި މުހިއްމު މައުލޫމާތު ތަކެއް ހިމެނޭ ފޮތެކެވެ. މިއީ ވަރަށް ގިނަ ދިރާސާތައް ކިޔުއްވުމަށްފަހު، އެދިރާސާތަކުން ލިބުނު މައުލޫމާތާއި، ޕްރޮފެސަރ އުގައިލްގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާއާއި، އަދި އެބޭފުޅާ ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެއްކޮށްފައިވާ މައުލޫމާތުތަކުގެ އަލީގައި ލިޔެފައިވާ ފޮތެކެވެ. 

ޕްރޮފެސަރ އުގައިލް ލިޔުއްވާފައިވާ ޞިއްޙީ ހަދިޔާ މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެގޮތުން ފުރަތަމަ ބައިގައި ހިމެނެނީ "ދިވެހިންނަށް ދިމާވާ ޢާންމު ޞިއްޙީ މައްސަލަތައް" މިނަމުގައި ބައެއް މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. ދެވަނަ ބައިގައި ހިމެނެނީ " ދުޅަހެޔޮ ޞިއްޙަތަކަށް ދިރިއުޅުން ބައްޓަން ކުރާނެގޮތް" މިނަމުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ބައެއް އާދަތަކާއި ރަނގަޅުކުރަންޖެހޭ ބައެއް ކަންތައްތަކަށް އަލިއަޅުވާލާފައެވެ. 

"ދިވެހިންނަށް ދިމާވާ އާންމު ޞިއްޙީ މައްސަލަ"ތަކުގެ ތެރެއިން މިފޮތުގައި ބޮޑަށް ބަލާލާފައިވަނީ ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށެވެ. އެގޮތުން ގައިންގަޔަށްނާރާ ބަލިތަކުގެ ތެރެއިން ހަކުރުބަލި، ހިތުގެ ބަލި، ކެންސަރު، އަދި ކިޑްނީގެ ބަލި، ފަދަ ބަލިތަކާ ގުޅޭ މުހިއްމު ބޭނުންތެރި، ޚާއްޞަކޮށް އެފަދަ ބަލިތަކަށް މަގުފަހިކުރާ ކަންކަމާއި، ރައްކާތެރިވާނެ ގޮތްތަކާ ބެހޭ މައުލޫމާތު ތައް މިބައިގައި ހިމަނާފައިވެއެވެ. ރާއްޖޭގައި ވެސް %80 މީހުން މަރުވަނީ ގައިންގަޔަށްނާރާ ބަލިތަކުގައި ކަމަށް ފާހަގަކުރެވިފައިވާ އިރު، މިފަދަ ފޮތެއްގައި ގައިންގަޔަށްނާރާ މުހިއްމު ބަލިތަކަށް އަލިއަޅުވާލާފައި ވުމަކީ ޔަގީނުން ވެސް އެފަދަ ބަލިތަކުން ދުރުހެލިވެ ހުރުމަށް މިފޮތް ކިޔާ ކޮންމެ މީހަކަށް އެހީތެރިކަން ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ. މީގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް މިބައިގައި އަލިއަޅުވާލައިފައިވެއެވެ. 

ދުޅަހެޔޮ ޞިއްޙަތަކަށް ދިރިއުޅުން ބައްޓަންކުރާނެގޮތް ނުވަތަ ފޮތުގެ ދެވަނަ ބައިގައި ހިމަނާފައިވާ ވަކިވަކި ބާބުތަކުގެ ތެރޭގައި ހިމެނެނީ ކެއުމުގެ ވައްޓަފާޅި ބަހައްޓާނޭގޮތް، ބަރުދަން ރަނގަޅުވަރުގައި ހިފަހައްޓާނެގޮތް، ހެލިފެލިވެއުޅުމާއި، ކަސްރަތުކުރުމުގެ މުހިއްމުކަން، ނިދިހަމަކުރުމާއި، ނިދީގެ މުހިއްމުކަން، ސިކުނޑީގެ ދުޅަހެޔޮކަން، އަދި ވިހަ މާއްދާތަކުން ހަށިގަނޑު ރައްކާތެރިކުރާނެގޮތް، ޞިއްޙަތަށް އެންމެ ފައިދާހުރި ދިވެހިކާނާ އާއި، އެތަކެތި ބޭނުންކޮށްގެން ކާނާ ތައްޔާރުކުރާނެގޮތް، އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުންނާނޭގޮތް ފަދަ ބާބުތައް ހިމެނެއެވެ.

ޕްރޮފެސަރ އުގައިލް ގެ "ޞިއްޙީ ހަދިޔާ" ކިޔާލުމުގެ ފުރުޞަތު ލިބުނު، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ފާހަގަކުރެވުނު އެއްކަމަކީ މިފޮތަކީ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހައިން ދޭހަވާނޭގޮތަށް، އިގިރޭސި ބަސް އެނގިނުލައްވާ ބޭފުޅުންނަށް ވެސް ފަހުމުވާނެފަދަ  ސާދާ، ތިލަ އިބާރާތުން ލިޔުއްވާފައިވާ ފޮތެއް ކަމެވެ. މިފޮތުގައި ފަންނީ ބަސްތައް ބޭނުންކޮށްފައި ހުރިލެއް ވަރަށް މަދެވެ. ނުވަތަ ފަންނީ ބަސްތައް އެއްގޮތަކަށް ވެސް ނެތޭ ބުނުން އެއީ ކުށަކަށްނުވާނެއެވެ.
ދެވަނަ ކަމަކަށް ފާހަގަކުރެވުނު ކަމަކީ މިފޮތުގައި ހިމަނާފައިވާ އެކިއެކި ބައިތަކުގައި  އަމަލުކުރުމަށް އިރުޝާދު ދީފައިވާ ތަފާތު މިންގަނޑުތައް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވެސް ކަނޑައަޅާފައިވާ، ނުވަތަ ޞިއްޙީ ދާއިރާގައި އާންމުކޮށޮ ބޭނުންކޮށް އުޅޭ މިންގަނޑުތަކާ އެއްގޮތަށް ބަޔާންކޮށްފައިވުމެވެ. މިސާލަކަށް ދުވާލެއްގެ މައްޗަށް ލޮނު ބޭނުންކުރުން އެދެވިގެންވާ މިންވަރު، ނިދި ބޭނުންވާ މިންވަރު، ކަސްރަތުކުރުން އެދެވިގެންވާ މިންވަރު، ހަކުރު، ތެޔޮ ފަދަ ތަކެތި ކެއުމުގައި ބަލަންޖެހޭ އުސޫލްތަކާއި، މިންތައް މިފޮތުގައި ބަޔާންކޮށްފައި ހުރީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވެސް އަދި އެމެރިކާގެ ބަލިތައް ކޮންޓްރޯލްކުރާ އިދާރާ އިން ނެރެފައިވާ މިންގަނޑުތަކާއި ދާދި އެއްގޮތަށެވެ. 

ތިންވަނަ ކަމަކަށް ފާހަގަކުރެވުނީ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކޮށް ހުރުމަށް ކުރެވިދާނެ ކަންތައްތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވުމެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބައްޔެއްވުމަށްވުރެ ދުރާލާ ބަލިން ރައްކާތެރިވުމަކީ އެންމެ ބުއްދިވެރިގޮތެވެ.  ޕްރޮފެސަރ އުގައިލްގެ "ޞިއްޙީ ހަދިޔާ" މިފޮތަކީ ފަހަރުގައި ވެސް ބަލިތަކުގެ ފަރުވާތަކެއް ބަޔާންކޮށްފައިވާ ފޮތެއް ނޫންކަން ކިޔުންތެރިންނަށް ހަދާންކޮށްދެމެވެ. އެހެން ނަމަވެސް މިއީ ބަލިތަކުން ދުރުވެ، ރައްކާތެރިވެވޭނެގޮތްތައް ކިޔާދީފައިވާ ފޮތެކެވެ. އެހެންކަމުން މިފޮތް ކިޔާލުމަށްފަހު ވެސް ތިމާގެ ކިބައިގައި މިފޮތުގައި ހިމަނާފައިވާ ޞިއްޙީ މައްސަލައަކަށް ޝައްކުވާފަދަ ކަމެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އެންމެ ބުއްދިވެރި ގޮތަކީ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިއުމެވެ. އެހެނީ މިފަދަ ފޮތްތަކަކީ އާންމު ރައްޔިތުން ޞިއްޙީ މައްސަލަތަކާ، ބަލިތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީތެރިވުމަށް ތައްޔާރުކޮށްގެން ނެރެވޭ ފޮތްތަކެއްކަން ޔަގީނެވެ. 

ޕްރޮފެސަރު އުގައިލްގެ " ޞިއްޙީ ހަދިޔާ" މިފޮތަކީ ހަގީގަތުގައި ވެސް ދިވެހިންނަށް ލިބުނު ވަރަށް ރަނގަޅު ، ޢިލްމީ "ޞިއްޙީ ހަދިޔާ" އެކެވެ. މިއީ ޕްރޮފެސަރ އުގައިލް ކޮށްފައިވާ އެކަމަކަށް ހުރިހާ ދިވެހިންގެ "ޝުކުރު" އެބޭފުޅާ އަށް ހައްގު މަސައްކަތެއްކަން ޔަގީނެވެ. ކޮންމެ ބޭފުޅަކު ވެސް ޞިއްޙީ މަޢުލޫމާތު މުއްސަދި ކުރެއްވުމަށް ލިބިގެންދާނެ ވަރަށް އަގުހުރި އަދި ކިޔާލަން ކޮންމެހެންވެސް ޖެހޭ މުހިއްމު ފޮތެއްކަން ޔަގީނެވެ. މިފަދަ އަގުހުރި ޢިލްމީ މަސައްކަތެއް ކުރައްވައި، ދިވެހިންނަށް "ހަދިޔާ" ކުރެއްވީތީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ، އަދި އާންމުން ޞިއްހީ މައްސަލަތަކާ މެދު ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ޕްރޮފެސަރ އުގައިލް އަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

















No comments:

Post a Comment