Saturday, April 28, 2012

ޖުޒާމު ބަލި

ޖުޒާމު ބަލި
ޖުޒާމު ބަލި (Leprosy) އަކީ ބެކްޓީރިޔާ އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ކުރިން ބަލިމީހާ މުޖުތަމަޢުން އެކަހެރިކުރެވޭ ބައްޔެއްގެ ގޮތުގައި ބެލެވިފައިވާ ޖުޒާމު ބައްޔަކީ މިއަދު އެބަލި ޖެހުނު ނަމަވެސް އާއިލާއާއެކު މުޖުތަމަޢުގައި ދިރިއުޅެވޭ، 6 މަހާއި 2 އަހަރުގެ ފަރުވާއިން މުޅިން ފަސޭހަކުރެވޭ ބައްޔެކެވެ. މިއީ ގައިންގަޔަށްއަރާ ބަލިތަކުގެ ތެރެއިން ޖެހުން ދުރު ބައްޔެކެވެ. ޖުޒާމު ބައްޔަކީ ހަމަށާއި، ނާރުތަކަށް ، އަނގަ ލޯ، ނޭފަތުގައިވާ ތެތް ދުލިފަށަލަ ތައް ، އަދި އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. ޖުޒާމު ބަލީގެ ސަބަބުން މިދެންނެވި ބައިތައް ހަލާކުވެގެން ދިއުމަކީ ވެދާނެ ކަމެކެވެ. އަދި މީހާގެ ހަށިގަނޑުގައި އެކަމުގެ ސަބަބުން ޢައިބާއި ނުކުޅެދުންތެރިކަން އުފައްދައިދޭ ކަމެކެވެ. މިއީ ވާރުތަކުރާ ބައްޔެއް ނޫނެވެ. ކުޑަކުދިންނަށް ޖެހުމުގެ ފުރުޞަތު ބޮޑު ނަމަވެސް މައިގަނޑު ގޮތެއްގައި ޖުޒާމު ބަލި ގިނަމީހުންނަށް ޖެހެނީ އުމުރުން 40-15 އަހަރާއި ދެމެދުގައެވެ. ކުޑަކުދިންގެ މެދުގައި ބަލިޖެހޭ ނިސްބަތް ދެޖިންސުގެ ދެމެދުގައި އެއްހަމައެއްގައި އުޅޭއިރު، ބޮޑެތި މީހުންގެ ތެެރެއިން ފިރިހެނުންނަށް ބަލިޖެހޭ މިންވަރު އިތުރެވެ. ހޫނު ގައުމުތަކުގައި މިބަލި އާންމުކަން ފާހަގަ ކުރެވެއެވެ. ތޮށްޖެހިފައިވާ ގޭބިސީތަކުގައި އުޅުމާއި، ރަގަޅުކާނާ ނުލިބުން، ސާފުތާހިރުނުވުން ފަދަ ކަންކަމަކީ ބައްޔަށް މަގުފަހިކުރާ ކަންކަމެވެ.

ސަބަބު އަދި ފެތުރޭގޮތް
ޖުޒާމު ބަލި ޖެހެނީ "މައިކޮބެކްޓީރިއަމް ލެޕްރައި"(Mycobacterium Leprae) ކިޔާ ބެކްޓީރިޔާ އަކުންނެވެ. މިޖަރާސީމު ހަށިގަނޑުން ބޭރުވަނީ ހަމާއި، ތެތްދުލިފަށަލަ ތައް ހުރަސްކޮށެވެ. ހަށިގަނޑަށް އެތެރެވަނީ ކުޅު ތިއްކެއްގެ ގޮތު އެތެރެއަށް ނޭވާލުމުގެ ތެރޭގައެވެ. ނުވަތަ ހޭކިގެންނެވެ. އެގޮތުން އެތެރެއަށް ވަންނަނީ ހަމުން ކެނޑިފައިވާ ތަނެއް ހުރަސްކޮށްނާއި، އަދި ތެތް ދުލިފަށަލަ ތައް ހުރަސްކޮށެވެ. މިބެކްޓީރިޔާ އަކީ ހަމައެކަނި އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ އެތެރޭގެ ސެލްތަކުގައި ބޮޑުވުމުގެ ގާބިލިއްޔަތު ލިބިފައިވާ ޖަރާސީމެކެވެ. މިބެކްޓީރިޔާ ސެލްތަކުގެ ތެރޭގައި ގިނަވެ އިތުރުވުމަށް 14-12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. މިބެކްޓީ ބޮޑުވަނީ 86-80.9 ޑިގްރީ ފެރެންހައިޓް އާއި ދެމެދުގެ ފިނިހޫނު މިނެއްގައެވެ. މިސަބަބާހުރެ ހަށިގަނޑުގެ ފިނި ހިސާބުތަކުގައި ނުވަތަ ތެތްކަން އެކުލެވޭ ހިސާބު ތަކުގައި ފަސޭހައިން މިޖަރާސީމު އަށަގަނެއެވެ. ހަށިގަނޑުގައި ހުންނަ "މެކްރަފޭޖް"(Macrophage) އަދި "ޝްވާން ސެލް"(Schwan cells) ތަކުގައި ވަރަށް ރަގަޅަށް މިޖަރާސީމު ހެދި ބޮޑުވެއެވެ.އަދި މެކްސިކޯއިން 2009 ވަނަ އަހަރު ވަނީ ޖުޒާމު ބަލި ޖައްސާ "މައިކޮބެކްޓީރިއަމް ލެޕްރޯމަޓޯސިސް"(Mycobacterium lepromatosis) ކިޔާ އާ ޖަރާސީމެއް ފެނިފައި ވެއެވެ. "ލެޕްރަމެޓަސް ލެޕްރަސީ" (Lepromatous leprosy)މިބެކްޓީރިޔާގެ ސަބަބުން ޖެހޭ ކަމަށް ވެއެވެ.

ބަލިފެތުރެނީ:-
·         ހޭކިގެން،އުގުޅިގެން ނުވަތަ ބީހިގެން (Contact): ދިގުމުއްދަތަކަށް ޖުޒާމު ބަލިޖެހިފައިވާ މީހަކާއި މާބޮޑަށް ގައިގޯޅިވެއުޅުން
·         ތިއްކެއްގެ ގޮތުގައި (Droplets): ނޭފަތުން ބޭރުވާ ޖަރާސީމު ސަލާމަތުން ހުރިމީހާގެ އަނގަޔާއި ނޭފަތުން ހަށިގަނޑަށް އެތެރެވުން

އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ޖުޒާމު ބަލި ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 10-2  އަހަރާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ބައެއް ފަހަރު މިމުއްދަތު ހައެއްކަ މަހުން ފެށިގެން ގޮސް، 20 އަހަރު ދުވަހާއި ދެމެދުގެ މުއްދަތަށް ދެމިގެން ދިއުމަކީ ވެދާނެ ކަމެކެވެ.


ބަލީގެ މައިގަނޑު ނިޝާންތައް (Cardinal signs): ޖުޒާމު ބަލި ޖެހުމުން ފެނިދާނެ އަސާސީ ނުވަތަ މައިގަނޑު 3 ނިޝާނަކީ:-
·         ބީހުން،ފިތުން، ތަދު، ހޫނު އިހްސާސްވުމަށް ނުކުޅެދުން
·         އަތްފައިގެ ނާރުތައް ދުޅަވެ، ބީހުމުން ތަދުވުން : އިހްސާސް ކެނޑުން، ވާގިނެތުން
·         ބަލިޖެހިފައިވާ ހިސާބުގެ ހަމުން ނެގި ސްމިއަރ އިން ބަލީގެ ޖަރާސީމު ފެނުން

ޖުޒާމު ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް އެކަކު އަނެކަކާއި ތަފާތު ވެދާނެ އެވެ. މިކަން ބަރޯސާވަނީ ބަލި ޖައްސާ ޖަރާސީމާއި ދެކޮޅަށް އެމީހެއްގެ ދިފާޢީ ނިޒާމު މަސައްކަތްކުރާ ގޮތެއްގެ މައްޗަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޖުޒާމު ބަލި ބަހާފައިވާ ވައްތަރުތައް
ޖުޒާމު ބަލީގެ އެކި ބާވަތް ތަފާތު ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބޭނުންކުރަނީ ބަލީގެ ސަބަބުން ފެންނަންހުރި އަލާމާތްތަކާއި (ހަމުގައި ޖުޒާމު ބަލީގެ އަސަރު ފެންނަން ހުރި އަދަދު + ނާރުތަކަށް އަސަރުކޮށްފައިވާ މިންވަރު)، ހަމުގެ ސްމިއަރ(Skin smear) ހަދައިގެން ލިބޭ ނަތީޖާއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޖުޒާމު ބަލި ބަހާލާފައިވާ މައިގަނޑު 2 ބަޔަކީ "ޕޯސިބެސިލަރީ ލެޕްރަސީ"(paucibacillary leprosy) އަދި "މަލްޓިބެސިލަރީ ލެޕްރަސީ"(Multibacillary leprosy) އެވެ.

(ހ) - ޕޯސިބެސިލަރީ ސިންގަލް ލީޒަން ލެޕްރަސީ (Paucibacillary single lesion leprosy): މިއީ ޖުޒާމު ބައްޔާއި ގުޅިގެން ހަމުގައި ދޫމިގޮތަށް އައްސިވެފައިވާ އެންމެ ތަނެއް ހުރުމެވެ. ނުވަތަ ހަމުގައި ޖުޒާމު ބަލީގެ އަސަރު އެންމެ ތަނަކު ހުރެފައި ހުރިހާ ތަނަކުން ހެދި ހަމުގެ ސްމިއަރ ޓެސްޓު ނެގެޓިވްކަމަށް ދެއްކުމެވެ.

(ށ) - ޕޯސިބެސިލަރީ ލެޕްރަސީ (Paucibacillary leprosy): މިއީ ޖުޒާމު ބައްޔާއި ގުޅިގެން ހަމުގައި ދޫމިގޮތަށް އައްސިވެފައިވާ ތަންތަން 5-2 އާއި ދެމެދުގެ އަދަދަކަށް ހުރުމެވެ. ނުވަތަ ހަމުގައި ހުރި ޖުޒާމު ބަލީގެ އަސަރު ފެންނަން ހުރި އަދަދު 5-2 އާއި ދެމެދު ހުރެފައި، ހުރިހާ ތަނަކުން ހެދި ހަމުގެ ސްމިއަރ ޓެސްޓު ނެގެޓިވްވުމެވެ.

(ނ) - މަލްޓިބެސިލަރީ ލެޕްރަސީ (Multibacillary leprosy): ިއީ ޖުޒާމު ބައްޔާއި ގުޅިގެން ހަމުގައި ދޫމިގޮތަށް އައްސިވެފައިވާ ތަންތަން 6 އަށްވުރެ ގިނަ އަދަދަކަށް ހުރުމެވެ. ނުވަތަ ހަމުގައި ހުރި ޖުޒާމު ބަލީގެ އަސަރު ފެންނަން ހުރި އަދަދު 6 އަށްވުރެ ގިނަވެފައި، ހުރިހާ ތަނަކުން ހެދި ހަމުގެ ސްމިއަރ ޓެސްޓު ޕޮޒިޓިވްވުމެވެ.

ރިޑްލީ ޖަޕްލިންގ ކްލެފިސިކޭޝަން
މީގެ އިތުރުން ބައިނަލް އަގުވާމީ ފެންވަރެއްގައި ޖުޒާމު ބަލި ބަހާލެވިފައިވާ އަނެއް ބައިތަކަކީ "ރިޑްލީ ޖަޕްލިންގ ކްލެސިފިކޭޝަން"(Ridley-Jopling classification) އެވެ. މިބެހުމުގައި ހިމެނިފައިވާ ވައްތަރު ތަކަކީ:-

(ހ) – އިންޑިޓާރމައިން ލެޕްރަސީ (Indetermine leprosy): ވަރަށް މަދު ދޫމި ކަަހަލަ ތަންތަން ހުރެދާނެ އެވެ. އޭގެ ޒާތުގައި ރަގަޅު ވެސް ވެދާނެ އެވެ. ނުވަތަ ލެޕްރަސީގެ އެހެން ވައްތަރުތަކަށް ބަދަލު ވެސް ވެދާނެ އެވެ.
(ށ) – ޓިއުބަކިޔުލޮއިޑް ލެޕްރަސީ (Tuberculoid leprosy): ވަރަށް މަދު ދޫމި ކަަހަލަ ތަންތަން ހުރެދާނެ އެވެ. ބައެއް ތަންތަން ސައިޒުން ބޮޑުވެދާނެ އެވެ. އަދި ބައެއް ތަންތަން އައްސިވެ އިހްސާސް ކެނޑިދާނެ އެވެ. ބައެއް ފަހަރު ބައެއް ނާރުތަކަށް އަސަރުކޮށް އެނާރުތައް ދުޅަވެ ބޮޑުވެދާނެ އެވެ. ދެތިން އަހަރުގެ ތެރޭގައި އޭގެ ޒާތުގައި ރަގަޅު ވެސް ވެދާނެ އެވެ. ނުވަތަ ލެޕްރަސީގެ އެހެން ވައްތަރުތަކަށް ބަދަލު ވެސް ވެދާނެ އެވެ.    
(ނ) – ބޯޑަރލައިން ޓިއުބަކިޔުލޮއިޑް ލެޕްރަސީ (Borderline tuberculoid leprosy): ޓިއުބަކިޔުލޮއިޑް ލެޕްރަސީ އެކޭ އެއްގޮތަށް ދޫމި ކަަހަލަ ތަންތަން ހުރެދާނެ އެވެ. ނަމަވެސް ތަންތަން ކުދިވެފައި ހުންނަލެން ގިނަވާނެއެވެ. ނާރުތަކަށް އަސަރުކުރާ މިންވަރު ދަށްވާނެއެވެ. މިގޮތަށް ހުރެދާނެ އެވެ. ނުވަތަ ޓިއުބަކިޔުލޮއިޑް ނުވަތަ ލެޕްރަސީގެ އެހެން ވައްތަރުތަކަށް ބަދަލު ވެސް ވެދާނެ އެވެ.   

(ރ) – މިޑް-ބޯޑަރލައިން ލެޕްރަސީ (Mid-borderline leprosy): ރަތް ކުލައިގެ ދޫމި ފާޑުގެ ތަންތަން ހަށިގަނޑުގެ އެކި ހިސާބުގައި ހުރެދާނެ އެވެ. އާދައިގެ ވަރަކަށް އައްސިކަން ހުންނާނެ އެވެ. އެކި ހިސާބުތަކުގައި ގޮށްލައިފާނެ އެވެ. މިގޮތަށް ހުރެދާނެ އެވެ. ނުވަތަ ލެޕްރަސީގެ އެހެން ވައްތަރުތަކަށް ބަދަލު ވެސް ވެދާނެ އެވެ.   
(ބ) – ބޯޑަރލައިން ލެޕްރަމެޓަސް ލެޕްރަސީ (Borderline lepromatous leprosy): ދޫމި ނުވަތަ ފެތުރި ފާޑުގެ ބައިވަރު ތަންތަން ހަމުގައި ހުންނާނެ އެވެ. މިއީ ފަތިކޮށް ނުވަތަ އުފުލިފައި ހުންނަ ތަންތަނެވެ. އަދި ބޮޑެތި ގޮށްގަނޑު ފާޑުގެ ތަންތަން ވެސް ހަމުގައި ހުރެދާނެ އެވެ. ބައެއް ފަހަރު އައްސިވެފައި ހުރެދާނެ އެވެ. އަދި އައްސިނުވެ ވެސް ހުރެދާނެއެވެ. މިގޮތަށް ހުރެދާނެ އެވެ. ނުވަތަ ލެޕްރަސީގެ އެހެން ވައްތަރުތަކަށް ބަދަލު ވެސް ވެދާނެ އެވެ.   
(ޅ) – ލެޕްރަމެޓަސް ލެޕްރަސީ (Lepromatous leprosy): ދޫމި ފާނޑަށް ހުންނަ ތަންތަން ހަންގަނޑުގައި އެކި ހިސާބުތަކުގައި ހުންނާނެ އެވެ. އަދި އެތަންތަނުން ޖުޒާމު ބަލީގެ ޖަރާސީމު ދުވަސްވުމުން ފެންނާނެއެވެ. ގައިން އިސްތަށި ފައިބާނެއެވެ. އެގޮތުން ބުމަޔާއި އެސްފިޔަތައް ފައިބާނެއެވެ. ބަލި ކުރިއަރައި ބޮޑުވާ ވަރަކަށް ނާރުތަކަށް އަސަރުކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން އަތްފައިގެ މަސްތަކުގެ ބާރު ދޫވެ އައްސިވާނެއެވެ. ދުވަސްވުމުން އެކި ހަމުގެ އެކި ހިސާބުތަކުގެ ޓިޝޫތައް ލޭ ނުލިބުމުގެ ސަބަބުން މަރުވާން ފަށާނެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލައި އައިބު އުފައްދާނެ އެވެ.

އާންމު އަލާމާތްތައް
އާންމު ގޮތެއްގައި ޖުޒާމު ބެހިފައިވާ ބާވަތްތަކާއި ގުޅިގެން އެއް ބާވަތާއި އަނެއް ބާވަތުގައި ފެންނަން ހުންނަ އަލާމާތްތަކާއި ނިޝާންތައް ތަފާތުވާނެއެވެ. އެގޮތުން އާންމުކޮށް ފެންނާނެ އަލާމާތްތަކާއި ނިޝާންތަކުގެ ތެރޭގައި:-
·         ފަތިކޮށް ނުވަތަ އުފުލިފައި ހުރި ތަނެއް ނުވަތަ ގޮށްގަނޑެއް ހަމުގައި ހުރުން :  ވަށައިގެންވާ ހަމަށްވުރެ މިބައިގެ ކުލަ މަޑުވާނެ އެވެ. ބައެއް ފަހަރު އެތަނުގެ ކުލަ ރަތް ނުވަތަ ރަންވަން ލޯ ކުލައަކަށް ހުރެދާނެ އެވެ.
·         ހަށިގަނޑުގެ ފިނި ހިސާބު ތަކުން ހަމުގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ހަމުގެ ލީޒަން ފެނުން : އެގޮތުން ފާހަގަ ކުރެވޭ ހިސާބުތަކަކީ މޫނު، ދެއަތާއި ދެފައި،ނޭފަތް،ލޯ، ކަންފަތުފޫޅު، އުރަވަޅި، އަދި ފިދުމަސްގަނޑެވެ.
·         ދެއަތާއި ދެފައިގެ ހަމާއި ނާރުތައް ބޯވުން
·         ހަމުގައި ފާރުކޮޅެއް ހެދުން
·         އަތްފައިގެ ނާރުތަކަށް އަސަރުކުރުމުން އައްސިވެ އިހްސާސް ކެނޑުން
·         އަތްފައިގެ ނާރުތަކަށް އަސަރުކުރުމުން އަތްފައިގެ މަސްތަކުގެ ބާރު ދޫވުން، އަދި އަތްފައިގެ އިގިލިތައް ފޭބުން
·         އަޑުކުރަކިވުން
·         ބަލީގެ އަސަރު އޮށަށް ކުރުމުން، ޖިންސީގޮތުން ނުކުޅެދި، ދަރިން ނުލިބުން
·         ލޮލަށް ބަލީގެ އަސަރު ކުރުން : ލޮލުގައި ރިހުން، ލޯރަތްވުން، ލޯނުލެއްޕުން، ލޮލުގެ ހާމަ ދުލީގައި ފާރުހެދުން، އަދި ލޯއަނދިރިވުން ފަދަ ކަންތައްތައް ކުރިމަތި ވެއެވެ.
·         އެސްފިޔަ ނުޖެހުމާއި، އެސްފިޔަތައް ފޭބުން
·         ނޭފަތުގެ މަޑުކަށިގަނޑު ހަލާކުވުން

ޖުޒާމު ބަލިޖެހުމުން ދޮންކުލަ، ރަތްކުލައިގެ ދޫމި، ފެތުރި ، ލައްގަނޑު ވައްތަރަށް ހުންނަ އިހްސާސް ކެނޑިފައިވާ ނުވަތަ އައްސިވެފައިވާ ތަނެއް ހަމުގައި ހުންނާނެ އެވެ. ދިވެހިރާއްޖެއިން މިހާރު ފެންނަނީ އައްސިވެފައިވާ، ދޫމި، ފެތުރި، ލައްގަނޑު ހުންނަ ބަލިމީހުންނެވެ. ޖުޒާމު ބަލީގެ ސަބަބުން ގުނަވަންތަކަށް ގެއްލުން ލިބި، އައިބުވެފައިވާ ބަލިމީހުން ރާއްޖެއިން މިހާރު އެއްގޮތަކަށް ވެސް ނުފެނެއެވެ. ބަލިހުރިކަން ސާބިތުވުމުން ފަރުވާ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ގަވާޢިދުން ބޭސް ކެއުމަކީ ގުނަވަންތަކަށް ގެއްލުން ނުލިބި، ބަލިފަސޭހަވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ދެނެގަތުން
ޖުޒާމު ބަލިކަން އާންމުކޮށް ދެނެގަނެވެނީ ދިމާވެފައިވާ އުދަނގޫތަކާއި ފެންނަ ނިޝާންތަކަށް ބުރަވެގެންނެވެ. އެގޮތުން ޑޮކްޓަރުން ހަމާއި، ނާރުތައް ރަގަޅަށް ބަލައި ހަދާނެ އެވެ. އަދި ހަމުން އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ ނުވަތަ ސްމިއަރ ޓެސްޓު ހެދެއެވެ. ހަމުގެ ބަޔޮޕްސީ ޓެސްޓުގައި ޖުޒާމު ބަލީގެ ޖަރާސީމު ފެންނަން ހުރިނަމަ، މަލްޓިބެސިލަރީ ޖުޒާމު ބައްޔަށް ޑައިގްނޯސް ކުރެވެއެވެ. ނަމަވެސް ބަޔޮޕްސީގައި ޖުޒާމު ބަލީގެ ޖަރާސީމު ފެންނަން ނެތްނަމަ، ޕޯސިބެސިލަރީ ޖުޒާމު ބައްޔަށް ޑައިގްނޯސް ކުރެވެއެވެ. ޖުޒާމު ބަލި ޖެހުމުން ހެދޭ ޓެސްޓުތަކުގެ ތެރޭގައި ލޭގެ ޓެސްޓު، ނޭފަތާއި، ނާރުތަކުގެ ބަޔޮޕްސީ ހެދުން ހިމެނެއެވެ.

ފަރުވާ
މިއީ ބޭސްކޮށްގެން މުޅިން ރަގަޅުކުރެވޭ ބައްޔެކެވެ. ގިނަ ބޭސް އެއްކޮށްގެން ދެވޭ ފަރުވާއިން ޖުޒާމު ބަލި މުޅިން ފަސޭހަ ވެއެވެ. ޖުޒާމު ބަލީގެ ފަރުވާގައި ދެވޭ ބޭސްތަކުގެ ތެރޭގައި ރިފެމްޕިސިން، ޑެޕްސޯން، އަދި ކްލޯފެޒިމިން ހިމެނެއެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް
ޖުޒާމު ބަލީގެ މައިގަނޑު ފަރުވާ އަކީ ޑޮކްޓަރުން ލިޔެދެއްވާ ބޭސް ތަކެވެ. ފަރުވާ ފުރިހަމަކުރުމަށް ލިޔެދީފައިވާ ބޭސްތައް ގޭގައި ގަވާޢިދުން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަމަމިހެން ބައްޔާއި ގުޅިގެން އަތްފަޔަށް ނޭގި ހުއްޓައި ލިބިދާނެ ގެއްލުމަކަށް އަތްފަޔަށް އަންނަ ބަދަލު ބަލަމުން ގެންދިއުމަށް ސަމާލުވުމަށް ބަލިމީހާ އަށް ކިޔައިދީ އޮޅުން ފިލުވަން ވާނެއެވެ. ސަބަބަކީ އައްސިވެ އަތްފައިގައި އިހްސާސް ނުހުންނާތީ މިފަދަ ކަމެއް ފާހަގަނުވެ ދިއުމަކީ ވެދާނެ ކަމެކެވެ.
·         ހަމުގައި ފާރުހެނދި، ޓިޝޫތަކަށް އަނިޔާ ވުމަކީ ހަމުގައި ޖަރާސީމުއެޅުން އަދި ނުކުޅެދުންތެރިކަން އުފައްދާ ކަމެކެވެ.
·         ފަޔަށް ލިބިދާނެ އަނިޔާއަކުން ރައްކާތެރިވުމުގެ ގޮތުން އެކަށޭނަ ފައިވާނަކަށް އެރުމަށް ސަމާލުވާން ޖެހެއެވެ.

ބޭހުގެ ފަރުވާ
ޖުޒާމު ބައްޔަކީ ގިނަ ބޭސް އެއްކޮށްގެން ބޭނުންކޮށްގެން ރަގަޅުކުރެވޭނެ ބައްޔެކެވެ.
·         ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 1981 ވަނަ އަހަރު 3 ބޭހެއް އެއްކޮށް ދީގެން ޖުޒާމު ބައްޔަށް ފަރުވާކުރުމަށް އިރުޝާދު ދިނެވެ. އެތިން ބޭހަކީ ޑެޕްސޯން ، ރިފެމްޕިސިން، އަދި ކްލޯފެޒިމިން އެވެ.
·         ބަލީގެ ކުރީކޮޅުގައި ދިގުމުއްދަތަށް ދެވޭ މިފަރުވާ ފެށިއްޖެނަމަ، ބަލި ފަސޭހަވެ، ބައްޔާއި ގުޅިގެން މެދުވެރިވެދާނެ ގެއްލުންތަކުން ދުރުކޮށް ދެއެވެ.
·         ބަލިޖެހިފައިވާ މީހުންނަށް 1995 ން ފެށިގެން ހިލޭ ބޭސް ފޯރުކޮށްދެމުން ގެންދެއެވެ.
·         މިބޭސްތަކުގެ ފުރަތަމަ ފަހަރު ދިނުމަށްފަހު ދެން ބަލިމީހާގެ ފުށުން އެހެން މީހުންނަށް ބައްޔެއް ނުފަތުރާނެ އެވެ.
·         ޖުޒާމު ބައްޔަށްދެވޭ ފަރުވާގައި ބޭނުންކުރެވޭ ބޭސްތަކަށް ޖަރާސީމު ހޭނި، އެބޭހަށް ނުގުޑުމުގެ މައްސަލަ އަދި ދިމާވެފައެއް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޖުޒާމު ބަލީގެ ފަރުވާގައި ބޭސް ބޭނުންކުރުމަށް ލަފާދީފައިވާގޮތް ތިރީގައި މިވަނީ އެވެ.
(ހ) - ޕޯސިބެސިލަރީ ސިންގަލް ލީޒަން ލެޕްރަސީ (Paucibacillary single lesion leprosy): މިއީ ޖުޒާމު ބައްޔާއި ގުޅިގެން ހަމުގައި ދޫމިގޮތަށް އައްސިވެފައިވާ އެންމެ ތަނެއް ހުރުމެވެ. ރިފެމްޕިސިން، އޮފްލޮކްސަސިން، ނުވަތަ މައިނޯސައިކްލިންގެ އެންމެ ޑޯޒެއް ދިނުމުން ފުދެއެވެ.
(ށ) - ޕޯސިބެސިލަރީ ލެޕްރަސީ (Paucibacillary leprosy): ރިފެމްޕިސިން (މަހަކު އެއްފަހަރު) އަދި ޑެޕްސޯން ބޭނުންކޮށްގެން 6 މަސް ދުވަހުގެ މުއްދަތަށް ފަރުވާ ކުރަން ޖެހެއެވެ. އާންމު ގޮތެއްގައި ޕޯސިބެސިލަރީ ލެޕްރަސީ އަށް ފަރުވާ ކުރެވެނީ މި 2 އެންޓިބަޔޮޓިކް ބޭނުންކޮށްގެންނެވެ.
(ނ) - މަލްޓިބެސިލަރީ ލެޕްރަސީ (Multibacillary leprosy): ރިފެމްޕިސިން (މަހަކު އެއްފަހަރު)، ޑެޕްސޯން، އަދި ކްލޯފެޒިމިން  ބޭނުންކޮށްގެން 12 މަސް ދުވަހުގެ މުއްދަތަށް ފަރުވާ ކުރަން ޖެހެއެވެ. މަލްޓިބެސިލަރީ ލެޕްރަސީ އަށް ފަރުވާކުރުމަށް އާންމުކޮށް 3 އެންޓިބަޔޮޓިކް ބޭނުންކުރެއެވެ.

ރައްކާތެރިވުން
ޖުޒާމު ބަލިން ރައްކާތެރިކޮށްދޭނޭ ވެކްސިނެއް އަދި އުފައްދާފައެއް ނުވެއެވެ. ބަލީގެ މަޢުލޫމާތު އާންމުންނަށް އޮޅުން ފިލުވައިދީ، އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އަވަހަށް ފަރުވާ ފެށުމަކީ ބަލި އަވަހަށް ފަސޭހަ ކޮށްދޭނެ ކަމެކެވެ. ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެފައިވާ މީހުން ވެސް އެމީހުންގެ ހަށިގަނޑުން ޖުޒާމު ބަލީގެ އަލާމާތެއް ފެނޭތޯ ބަލަމުން ގެންދިއުން މުހިއްމެވެ. އަދި ބަލިޖެހިފައިވާ މީހުން ގަވާޢިދުން ބޭސް ބޭނުންކުރުމަކީ ވެސް ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. ބަލި ފެތުރޭގޮތްތައް ހޯދައި އެފަދަ އަމަލުތަކާއި ދުރުހެލިވާން ޖެހެއެވެ.

މައުލޫމާތު :-
·         ޞިއްޙަތާއި ހޭލުންތެރިކަން – ޖުޒާމު ބަލި – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު
·         އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް