Wednesday, November 18, 2015

މާބަނޑުދުވަސްވަރު އަނގައިގައި ކުޅުދިޔާވުން


މާބަނޑުދުވަސްވަރު - އަނގައިގައި ކުޅުދިޔާވުން

މާބަނޑު ދުވަސްވަރު އަނގައިގެ ތެރޭގައި ކުޅު އުފެއްދުން އިތުރުވެ، ކުޅުދިޔާވުމަކީ ވެދާނެ ކަމެކެވެ. މިއީ ވަރަށް ގިނަ މާބަނޑު މީހުންނަށް އިހުސާސްކުރެވޭ ކަމެކެވެ. ޚާއްޞަކޮށް މާބޮޑަށް ހޮނޑުލެވޭނަމަ މިކަން އިހުސާސްވާލެއް ބޮޑުވެއެވެ. އާންމުކޮށް މިކަން ކުރިމަތިވަނީ މާބަނޑުވާތާ ކުރީކޮޅުގައެވެ. މާބަނޑުވާތާ ކުރީކޮޅު މޭނުބައިކޮށް ހޮނޑުލެވުން ކުރިމަތިވާ ދުވަސްވަރު، ކުޅު އުފެއްދުން އިތުރުވާކަން ފާހަގަކުރެވެއެވެ. ގިނަ ފަހަރު މިކަން ކުރިމަތިވަނީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ގިނައިން މޭނުބައިކޮށް ހޮނޑުލެވޭ މީހުންނަށްކަން ފާހަގަ ކުރެވެއެވެ.ޞިއްޙީގޮތުން ބަލާއިރު މިއީ ނުރައްކާތެރި ކަމެއް ނޫނެވެ.

ސަބަބު

"އަނގައިގާ ކުޅު ގިނަވަނީ ބަލިވެއިނުމުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން ކަމުގައި ބެލެވެއެވެ. އަދި މިކަމުގެ އުނދަގޫ ބައެއްފަހަރު އިތުރަށް ބޮޑުވެގެންދާ އެއްސަބަބަކީ މޭނުބައިކޮށް ހޮޑުލަވާއިރު ކުޅު ދިރުވަން އުނދަގޫވެ ދިރުވޭވަރު މަދުވާތީއެވެ. މިހެންވުމުގެ ސަބަބުން އަނގައިގާ ކުޅު ޖަމާވެ ގިނަވާގޮތް ވެއެވެ.

އާދައިގެ ގޮތެއްގައި ދުވާލެއްގެ މައްޗަށް އެއްލިޓަރާއި ދޮޅު ލިޓަރާއި ދެމެދުގެ ކުޅު ކުޅުއުފައްދާ ގޮށްތަކުން ނުވަތަ ގުލޭންޑުތަކުން އުފައްދައެވެ. އެއީ ގާތްގަޑަކަށް ކޮންމެ މިނެޓަކަށް ކޮޑިސެންޓިމީޓަރެއްގެ މިންވަރެވެ. ނަމަވެސް އާދައިގެ ޠަބީޢީ ހާލަތުގައި މިހާގިނަ ކުޅު އުފައްދާކަމުގެ އިހުސާސެއްނުކުރެވެއެވެ. އެއީ އަބަދުވެސް އެނގުމަކާއި ނުލައި މިކުޅުތައް ދިރެމުންދާތީއެވެ. ވުމާއެކު އަނގައިގާ ކުޅު ގިނާވާކަން ފާހަގަ ކުރެވޭނަމަ އެއީ ފަހަރުގައި ކުޅު އުފެދޭވަރު ގިނަވެގެން ކަމުގައި ވެދާނައެވެ. ނުވަތަ ކުޅުދިރުވޭވަރު މަދުވެގެން ކަމުގައިވެސް ވެދާނެއެވެ. އަދި މިދެކަމުގެ ސަބަބުން ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެއެވެ.

އަނގައިގާ ކުޅު ގިނަވަނީ މެއިން ގިނިނަގާތީ ކަމުގައިވެސް ވެދާނެއެވެ. މިއީވެސް މަދުނޫން މާބަނޑު މީހުންނަށް ދިމާވާ ކަމެކެވެ. އެއީ މެއިން ގިނިނަގަނީ ގޮހޮރުގައި ހުންނަ އެސިޑު ގޮހޮރަށް ކާއެއްޗެތި ގެންގޮސްދޭ ހޮޅި (Esophagus) އަށް އެރުމުގެ ސަބަބުން އެހޮޅީގެ އެތެރޭގެ މަސްތަކަށް އަނިޔާ ވުމުގެ ސަބަބުންނެވެ. މިހެންދިމާވުމުން ސިކުޑިން ނާރުތައް މެދުވެރިކޮށް ކުޅުއުފައްދާ ގޮށް ނުވަތަ ގުލޭންޑުތަކަށް ކުޅު ގިނައިން އުފެއްދުމަށް އަމުރު ކުރެއެވެ. އެއީ ކުޅުގައި ގިނައަދަދަކަށް ބައިކާބޮނޭތު ހުންނާތީއެވެ. މިމާއްދާގެ ސަބަބުން ކުޅަކީ އަލްކަލައިން އެއްޗެކަށްވާތި ކާއެއްޗެތި ގޮހޮރަށް ގެންގޮސްދޭ ހޮޅިއަށް އަރާ އެސިޑުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.

ކުޅުދިރުވާލާ ކޮންމެފަހަރަކު ކުޅުން ކާއެއްޗެތި ގޮހޮރަށް ގެންގޮސްދޭ ހޮޅި ދޮވެލަދެއެވެ. ވުމާއެކު މިހޮޅިއަށް އަރާފައި ހުންނަ އެސިޑުތައްވެސް ދޮވެލައެވެ. އަދި އެސިޑުންވާ ގެއްލުން ކުޑަކުރުމުގައި ވަރަށްބޮޑަށް އެހީތެރިވެދެއެވެ.

އެސިޑުނޫނަސް އަނގަޔާއި ކާއެއްޗެތި ގޮހޮރަށް ގެންގޮށްދޭ ހޮޅިއަށް އަނިޔާވެ ގެއްލުން ލިބޭ ކޮންމެ އެއްޗެއްގެ ސަބަބުން ކުޅު އުފެދޭ މިންވަރު އިތުރު ކުރާނެއެވެ. މިގޮތުން އަގައިގެ ބަލިތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ބައެއްވައްތަރުގެ ބޭހުގެ ސަބަބުންވެސް ކުޅު އުފެދޭ މިންވަރު އިތުރުވެއެވެ. " (ޑރ މުޙައްމަދު ފައިޞަލް: ކަވާސާ.ކޮމް)



ކުޅުއުފެއްދުން އިތުރުވުމުން ދިމާވެދާނެ އުނދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކެއުން
  • ކޮންމެ ދުވަހަކު ދެތިން ފަހަރަކު ދަތްއުގުޅައި، އަނގަދޮވެހެދުން
  • ފޮނިރަހަނުލާ ޗުއިންގަމެއް ހެފުން : މިގޮތަށް ހެދުމުން ކުޅު ދިރުވަން ފަސޭހަވާނެ އެވެ.
  • ގިނަގިނައިން ދިޔާތަކެތި އިރުއިރުކޮޅާ ބުއިން

މައުލޫމާތު :

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި، ފުއްޕުން


މާބަނޑު ދުވަސްވަރު - ބަނޑުގައި ވައިހެދި ބަނޑު ފުއްޕުން

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި، ބަނޑުފުއްޕައި، ވައިބޭރުކުރެވޭ މިންވަރު އިތުރުވުމަކީ ވެދާނެކަމެކެވެ. އާންމުކޮށް މީހަކު ދުވާލެއްގެ މައްޗަށް 4-1 ޕިންޓާއި ދެމެދުގެ މިންވަރަކަށް ގޭސް ބަނޑުގައި އުފައްދާނެ އެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 23- 14 ފަހަރާއި ދެމެދުގެ މިންވަރަކަށް (އެވްރެޖްކޮށް18 ފަހަރު) ވައި ބޭރުކުރާނެ އެވެ. ބައެއް މީހުންނަށް ވައިބޭރުކުރެވޭ ވަގުތު ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދެނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ. މިގޮތަށް ގޮހޮރުގެ މަސްތައް ދޫވެ، ހަމައަކަށް އެޅުމުން، ހަޖަމުކުރުން ލަސްކޮށްލައެވެ. އެހެންވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު %30 އިތުރުވެގެން ދެއެވެ. މިހެންވުމުން ފަސޭހައިން ބަނޑުގައި ގޭސް އުފެދި، ބަނޑުފުއްޕައި، އަނގައިންނާއި، ފުރަގަހުން ވައިލެވޭގޮތް ވެއެވެ. މާބަނޑުވެ، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރު ގޭސް އުފެދެން މެދުވެރިވާ ސަބަބަކީ ބޮޑުވަމުން އަންނަ ރަހިމުން، ބަނޑުގެ އެތެރެއަށް ފިއްތުން ކުރިމަތިކުރުވައި، ހަޖަމުކުރުން ލަސްކުރުވާތީ އެވެ. މޭއެންދުން ނުވަތަ މެއިން ދިލަނެގުމާއި، ބަނޑުހަރުވުމަކީ ވެސް މިސަބަބުތަކާހުރެ ދިމާވެދާނެ ކަންކަމެވެ.

ބަނޑުގައި ވައި އުފެދުމުގެ ފުރުޞަތު އިތުރުކުރާ ކާނާގެ ބާވަތްތައް

ބައެއް ކަހަލަ ކާނާ އަކީ އެބާވަތެއް ބޭނުންކުރުމުން ، ގޭސް އުފެދުމުގެ ފުރުޞަތު ބޮޑު ކާނާގެ ބާވަތްތަކެކެވެ. އެފަދަ ބާވަތްތައް ފާހަގަކޮށް އެބާވަތްތައް ބޭނުންކުރުމާ، ދުރުހެލިވުން މުހިއްމެވެ. ގޭސް އުފެއްދުން އިތުރުކުރާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ :-

  • ތޮޅީގެ ބާވަތްތައް
  • އޮށުގެ ބާވަތްތައް
  • ގޮދަނުގެ ބާވަތްތައް
  • ބަނބުކެޔޮ
  • ކޮލިފްލާވަރު
  • ބްރޮކަލ
  • ސަތާވަރީ
  • ކެބެޖް
  • ބުރަސެލް ސްޕްރޫޓްސް
  • ޕްރޫންސް
  • ކޮފީ، ކޯލާ، ކަޅުސައި
  • އެނާޖީ ޑްރިންކްގެ ވައްތަރުތައް
  • ފިޒީ ޑްރިންކްގެ ވައްތަރުތައް

ބަނޑުގައި ވައިހެދުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

ބަނޑުގައި އުފެދޭ ވައިގެ އުދަނގުލުން އެއްކޮށް މިންޖުވުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ވައިގެ އުދަނގޫތައް ކުރިމަތިވުން ކުޑަކުރުމަށް މަސައްކަތްކުރެވިދާނެ އެވެ. ބަނޑުގައި ވައި އުފެދުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

  • ކާބޯހައިޑްރޭޓް އެކުލެވޭ ބުއިންތައް ބޭނުންކުރުން މަދުކުރުން
  • ތެޔޮ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރުން
  • އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި، ލުއިލުއިކޮށް އިރުއިރުކޮޅާ ކަމުން ގެންދިއުން
  • ގިނައިން ދިޔާތަކެތި ބުއިން
  • އެކަށޭނަ ވަރަށް ކަސްރަތުކުރުން
  • އުނަގަނޑު މައްޗަށް ބާރުކޮށް ހުންނަ އަންނައުނު ނުލުން
  • އާޓިފިޝަލް ސްވީޓްނަރސް ބޭނުންކުރުން މަދުކުރުން
  • ލަސްލަހުން، ރަގަޅަށް ހަފައިގެން ކެއުން : ރަގަޅަށް ހަފައިގެން ކެއުމަކީ ވައިގެ އުދަނގޫ ކުޑަކުރުމަށް ކުރެވިދާނެ އެންމެ ރަގަޅު އެއްކަންތަކެވެ. ގިނައިން ގޭސް އުފެދެނީ ބަނޑުގައި ހަޖަމުކުރާ އެންޒައިމްތަކުން ހަޖަމުނުކުރެވި ހުންނަ ކާތަކެތި ހަލާކުކުރުމަށް މަސައްކަތްކުރާ ބެކްޓީރިޔާތަކުންނެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރާނަމަ، އެކަމާ ދުރުހެލިވުން

މައުލޫމާތު :



މާބަނޑު ދުވަސްވަރު ނޭފަތުން ފެންއައުން


މާބަނޑު ދުވަސްވަރު - ނޭފަތުން ފެންއައުން

މާބަނޑު ދުވަސްވަރު ނޭފަތުން ފެންއައުން، ނޭފަތް ބެދި، ނޭފަތުތެރެ ހިރުވައި، ކިނބިހިއެޅި، ރޯގާ ޖެހުން ފަދަ ކަންކަން ކުރިމަތިވުމަކީ ބައެއް ފަހަރު ވެދާނެ ކަމެކެވެ. ބައެއް ފަހަރު ނޭވާލާ ނިޒާމަށް އެލާޖީގެ އުނދަގޫތައް ވެސް ކުރިމަތިވެދާނެ އެވެ. ކުރިން ނޭވާލާ ނިޒާމަށް ދިމާވާ އެލާޖީ (މިސާލަކަށް ހިރަފުހަށް އެލާޖީވުން) ގެ މައްސަލަ ދިމާނުވާ މީހަކަށް ވެސް މާބަނޑުވުމުން މިފަދަ އެލާޖީ ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. މާބަނޑު އަންހެނުންގެ ތެރެއިން %30 މީހުންނަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ. މާބަނޑު ވުމަށްފަހު ކޮންމެ ދުވަސްވަރެއްގައި ވެސް ރޯގާ ގެ އުނދަގޫތައް ފެންމަތިވުމަކީ ވެދާނެ ކަމެކެވެ.

ސަބަބު

މާބަނޑުވުމުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ނޭފަތުގެ އެތެރޭގެ ބަތާނަށް ފަށް ދުޅަވެ، ރޯގާގެ އުނދަގޫތައް ފެނުމަކީ ވެދާނެ ކަމެކެވެ. ބެލެވޭގޮތުގައި ނޭފަތުން ފެންއައުން ފަދަ ރޯގާގެ އުނދަގޫތައް ކުރިމަތިވަނީ މާބަނޑުވުމުން އިތުރުވެގެންދާ "އެސްޓްރަޖަން" ހޯރމޯންގެ ސަބަބުންނެވެ. މީގެ އިތުރުން މާބަނޑުވުމުން ހަށިގަނޑުގައި ލޭދައުރުވުން އިތުރުވެގެން ދިއުމަކީ ވެސް މިކަމަށް މަގުފަހިކުރާ ކަމެކެވެ. ނޭވާހިއްލުން ހުންނަ މީހަކަށް މާބަނޑު ދުވަސްވަރު ރޯގާގެ އުނދަގޫތައް ދިމާވެއްޖެނަމަ ރޯގާ އިތުރަށް ގޯސްވެގެންދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

މާބަނޑު ދުވަސްވަރު ރޯނގާގެ އުނދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ލޯ، ނޭފަތް، ކޯތާފަތް، އަދި ނިއްކުރި މަތީގައި ތާފަނާ ފެންފޮތި ގަނޑެއް ބޭއްވުން
  • ޑޮކްޓަރުންގެ އިރުޝާދާ ނުލައި ރޯގާއަށްދޭ އެކި ކަހަލަ ނޭފަތަށްޖަހާ ސްޕްރޭ ބޭނުންނުކުރުން
  • ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުން : ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ދަވަތައް ބޭރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިޔާތަކެތީގެ ގޮތުގައި ހޫނުކޮށް ހުންނަ ސުރުވާ ފަދަ ތަކެތި ވެސް ބޭނުންކުރެވިދާނެ އެވެ.
  • ނިދާއިރު ބޯދަށަށް އިތުރު ބާލީހެއްލައިގެން ބޯކޮޅަށް އުސްކޮށްލައިގެން އޮތުން : މިގޮތަށް ހެދުމުން، ދަވަތައް ޖަމާވުމުގެ ސަބަބުން ކަރުބެދި، އުނދަގޫވުން ކުޑަކޮށްދޭނެ އެވެ.
  • ކޮޓަރީގެ ވައިގެ ތެތްކަން އިތުރުކުރުމަށް ނިދާ ކޮޓަރީގައި "ހިއުމިޑިފަޔަރ" ނޫނީ "ވޭޕަރައިޒަރ" އެއް ބޭނުންކުރުން
  • ތާފަނާ ފެނުން ފެންވަރާލުން
  • އެލާޖީވާން މެދުވެރިވަނީ ކޮން އެއްޗެއްކަން ނޫނީ ކަމެއްކަން ދެނެގަނެ ދުރުވުން : މިސާލަކަށް ދުންފަތުގެ ދުމުން ރައްކާތެރިވުމަކީ މުހިއްމު ކަމެކެވެ.
  • ގޭގައި ރޯގާގެ އުނދަގޫތައް ލުއިކުރުމަށް އާވިއެރުވުން
  • ގަވާއިދުން ކަސްރަތުކުރުން

މައުލޫމާތު :



މާބަނޑުދުވަސްވަރު ހަމަށް އަންނަ ބަދަލުތައް


މާބަނޑު ދުވަސްވަރު - ހަމަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ސްޓްރެޗް މާކު އުފެދުން
  • ހަމުގެ ކުލައަށް ބަދަލުއައުން
  • ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން
  • ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން
  • ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން

ސަބަބު

މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، އަދި ހަށިގަނޑުގެ ލޭދައުރުވުމަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. މިގޮތަށް އަންނަ ގިނަ ބަދަލުތައް ވިހެއުމަށްފަހު މަޑުމަޑުން ފިލައިދާކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބައެއް ބަދަލުތަކަކީ މިސާލަކަށް ސްޓްރެޗް މާކު އުފެދުން، ހަމުގެ ކުލައަށް ބަދަލުއައުން (ހަމުގެ ކުލަ ކަޅުވެ، އަނދިރިވުން) ފަދަ ކަންކަމަކީ އާއިލާގެ ތެރޭގައި ދައުރުވަމުން އަންނާތީ ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. ޚާއްޞަކޮށް މަންމަ، ދައްތަ ފަދަ މީހެއްގެ ހަމަށް މާބަނޑު ދުވަސްވަރު މިފަދަ ބަދަލުތައް އައިސްފައިވާނަމަ، އެމީހަކަށް މާބަނޑު ދުވަސްވަރު ހަމުން އެފަދަ ބަދަލުތައް ފެނުމަކީ ގާތް ކަމެކެވެ.

މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތަކަކީ ނުރައްކާތެރި ކަމެއްތަ؟

މާބަނޑު ދުވަސްވަރު އާންމުކޮށް ހަމަށް އަންނަ ބަދަލުތަކަކީ އޭގެ ސަބަބުން ނުރައްކަލެއް ދިމާވާނޭ ކަމެއް ނޫނެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހަމުގައި ބިހިނަގައި، ރަތްވެ، ދުޅަވެ، ފިތްނަގައި، ކަހައި ހިރުވައި، ފޮޅުނަގައި، ފާރުވެ، މިފަދަ ކަމެއްވެގެން ގިނަ ދުވަސްވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ބައެއް ފަހަރު ދިމާވާ ހަމުގެ ހާލަތްތަކާއި ގުޅިގެން "އެންޓިހިސްޓަމިން" ނޫނީ އުގުޅާ ބޭހެއް ބޭނުންކުރަން ޖެހިދާނެއެވެ. ނަމަވެސް މިފަދަ ބޭހެއް ވެސް ޑޮކްޓަރުގެ އިރުޝާދާ ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ބައެއް ފަހަރު ހަމުގެ މައްސަލަތަކުގެ ސަބަބުން އަންނަ ބަދަލުތައް މާބަނޑު ދުވަސްވަރު ފެނިގެން ދިއުމަކީ ވެސް ވެދާނެ ގޮތެއް ކަމަށް ވިސްނުމުގައި ބެހެއްޓުން މުހިއްމެވެ.

މާބަނޑު ދުވަސްވަރު ހަމުގެ ކުލަ އަނދިރިވެ ކަޅުވުން

މާބަނޑު ދުވަސްވަރު ހަމުގެ ކުލަ އަނދިރިވެ ކަޅުވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ބަލިވެއިނުމުން އެންމެ ފުރަތަމަ ފެންނަ ކަމެއްގެ ގޮތުގައި ވެސް ހަމުގެ ކުލަ އަނދިރިވެ ކަޅުވުން ހިމެނިދާނެ އެވެ. ހަމުގެ ކުލަ ކަޅު މީހުންގެ ފުށުން މިކަން ފާހަގަވުމުގެ  ފުރުޞަތު ބޮޑެވެ. ވަށްގަނޑާއި، ވަށްގަނޑުގެ ވަށައިގެންވާ އަނދިރި ހަމުގެ ކުލަ އިތުރަށް އަނދިރިވެ، ކަޅުވާކަން ފާހަގަ ކުރެވިދާނެ އެވެ.

މާބަނޑުވުމާއި ގުޅިގެން ހަމުގައި ހުންނަ ކަޅުތިލަ، ލަފު، ލައް ފާޑުގެ ތަކެތީގެ ކުލަ ވެސް އިތުރަށް އަނދިރިވެ ގަދަވުމަކީ ވެދާނެ ގޮތެކެވެ. ފޫޅު ވަށައިގެންވީ ހިސާބު، ފައިގެ ފަލަމަސްގަނޑުގެ އެތެރޭ ކައިރި، ކިހިލިފަތް ދޮށުގެ ހަމުގެ ކުލަ، އަނދިރިވެ، ކަޅުވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް މިހިސާބުތަކުގައި އުފެދޭ ކަޅުކަން ނޫނީ އަނދިރިކަން ވިހެއުމަށްފަހު މަޑުމަޑުން ފިލައި އަލިވެދެއެވެ. ނަމަވެސް ވިހެއުމަށްފަހު ވެސް ވަށްގަނޑުގެ ކުލަ ކުރިން ހުންނަ ވަރަށް ވުރެ، އަނދިރިކޮށް، ކުލަ ގަދަގޮށް ހުރުމަކީ ވެދާނެ ގޮތެކެވެ.

މާބަނޑު ދުވަސްވަރު މޫނުގައި ލައްޖެހުން

މޫނުގައި ތިކިތަކެއްގެ ސިފައިގައި ލައްޖަހައި، ކުލަބަދަލުވުމަކީ ވަރަށް އާންމުކަމެކެވެ. މިގޮތަށް ބަދަލުވާއިރު ނިއްކުރިއާއި، ނޭފަތް ކޯ،އަދި ލޯ ވަށައިގެން މުށިކުލައިގެ ތިކިތަކެއް ނޫނީ ލައްތަކެއް ފާޅުވެއެވެ. މޫނުގެ ހަމަށް އަންނަ މިބަދަލުތަކަށް ''ކްލޯސްމާ'' (Chloasma)އޭ ކިޔައެވެ. ހަމުގެ ކުލަ ކަޅުމީހުންނަށް ކްލޯސްމާގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ. ކްލޯސްމާ ކުރިމަތިވަނީ މާބަނޑުވުމުން "މެލަނިން" ހޯރމޯން އުފެއްދުން އިތުރުވުމުންނެވެ. ބަލިވެ އިންނަ ކޮންމެ 3 މީހުންގެ ތެރެއިން 2 މީހުންނަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު މޫނުގައި ލައްޖެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ބޭރަށް ނިކުމެއުޅޭއިރު ސަން ސްކްރީން ލޯޝަނެއް ބޭނުންކުރުން ( މިސާލަކަށް SPF 15)
  • ބޭރަށް ނިކުމެ އުޅޭއިރު އަވިން ނިވާވުމަށް ކުޑައެއް ފަދަ އެއްޗެއް ބޭނުންކުރުން

މާބަނޑު ދުވަސްވަރު ބަނޑުގައި މުށިކުލައިގެ ރޮނގުތަކެއް ފާޅުވުން

ވަރަށް ގިނަ އަންހެނުންގެ ހަށިގަނޑުގައި ފޫޅުން ތިރިއަށް ކުރިމަތިފަރާތާއި ދިމާލަށް ދަށްބަނޑުގައި އަނދިރި މުށިކުލައިގެ ރޮގެއް ފާޅުވެއެވެ. މިރޮގަށް ކިޔަނީ ''ލީނިއާ ނިގްރާ''(Linea nigra)އެވެ. މިރޮނގުގެ ފުޅާމިނުގައި އެއް ސެންޓިމީޓަރު ވަރު ވެސް ހުރެދާނެ އެވެ. ބައެއް ފަހަރު ފޫޅަށްވުރެ މައްޗަށް ގޮސްފައި ވެސް ހުރެދާނެއެވެ. އާންމު ގޮތެއްގައި މުށިކުލައިގެ މިރޮނގު ފެންނަށް ފަށަނީ މާބަނޑުވުމަށްފަހު ދެވަނަ 3 މަސް ފެށުމަށްފަހު ގައެވެ. މާބަނޑުވާ ކޮންމެ މީހަކަށް މުށިކުލައިގެ މިރޮނގު ފާޅުވެ ފެންނާކަން ނުޖެހެއެވެ. މުށި ކުލައިގެ މިރޮނގަކީ ވެސް ބެލެވޭ ގޮތުގައި މާބަނޑުވުމާއި ގުޅިގެން ހޯރމޯން ތަކަށް އަންނަ ބަދަލާއި ގުޅިގެން ދިމާވާ ކަމެކެވެ. ވިހެއުމަށް ފަހު މިރޮގުވެސް މަޑުމަޑުން ފަނޑުވެ ނެތިދެއެވެ.

މާބަނޑުވުމުން ހަމުގެ ވިދުން އިތުރުވުން

މާބަނޑުވުމަކީ ހަމުގައި ހުންނަ ތެތްކަން އިތުރުކޮށްދޭ ކަމެކެވެ. ހަމަށް ވާންކަން ގެނެސްދީ، ހަން އޮމާންކޮށްދީ، ހަމުގެ ވިދުން އިތުރުކޮށްދޭ ކަމެކެވެ. ހަމުގައި ހުންނަ ރޫތަކާ، ކޫރުންތައް ފިލުވައިދޭ ކަމެކެވެ. ހޯރމޯންތަކަށް އަންނަ ބަދަލާއި ގުޅިގެން، ލޭދައުރުވުން އިތުރުވެ، ހަމުގެ ކުލަ ފިޔާތޮށި ރަތްކުލައަކަށް ބަދަލުވެ، ކޮންމެ ވެސް މިންވަރެއްގެ ހޫނު ކަމެއް ވެސް އިހުސާސް ކުރެވިދާނެ އެވެ.

މާބަނޑުވުމުން ކޯތާފަތް މަތީގައި ލޭނާރުތައް ފާޅުވެ ފެންނަށްހުރުން

ކޯތާފަތް މަތީގެ ހަމުގެ ލޭނާރުތައް ފާޅުވެ ފެންނަށް ހުރުމަކީ މާބަނޑު ދުވަސްވަރު ވެދާނެ ގޮތެކެވެ. މިގޮތަށް ހާމަކޮށް ފެންނަ ހުންނަ ލޭނާރުތަކަކީ ހަމުގެ ތެރޭގައި "ފަޅައިގެން ގޮސްފައި" ހުންނަ ކުދިކުދި ހިމަހިމަ ލޭހޮޅިތަކެވެ. މިލޭނާރުތަކަށް ކިޔަނީ "ސްޕައިޑާ ނީވައި"(spider naevi) އެވެ. މިލޭނާރުތައް މިގޮތަށް ހާމަވެ ފާޅުވާން ހުންނަ ސަބަބުތަކުގެ ތެރޭގައި މާބަނޑުވުމުން ހަށިގަނޑުގައި ލޭދައުރުވުން އިތުރުވުމާއި، ހޯރމޯން އަށް އަންނަ ބަދަލުތައް ހިމެނެއެވެ. ވިހެއުމަށްފަހު މިގޮތަށް ހާމައަށް ފެންނަށް ހުންނަ ލޭނާރުތައް ވެސް މަޑުމަޑުން ފިލައިދެއެވެ.

ކޯތާފަތް މަތީގެ ހަމުގެ ލޭނާރުތައް ފާޅުވެ ފެންނަށް ހުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ވިޓަމިން ސީ ބޭނުންކުރެވޭ މިންވަރު އިތުރުކުރުން : ވިޓަމިން ސީ އެކުލެވޭ ޖޫސް ބޭނުންކުރެވިދާނެ އެވެ.
  • ތަނެއްގައި އިށީދެގެން އިންނައިރު އެއްފައި މައްޗަށް އަނެއްފައި ލައިގެން ފައި ހުރަސްކޮށްގެން ނީނުން

މާބަނޑު ދުވަސްވަރު އޮށާޅަނެގުން

މާބަނޑު ދުވަސްވަރު އޮށާޅަ ނެގުމަކީ ވެސް ދިމާވެދާނެ ކަމެކެވެ. އެގޮތުން އެތައް ދުވަހަކު އޮށާޅަ ނުނަގައި ހުރުމަށްފަހު މާބަނޑުވުމުން އޮށާޅަ ނަގާގޮތް ދިމާވެދާނެ އެވެ. މާބަނޑުވާތާ ކުރީކޮޅު އޮށާޅައިގެ އަސަރު ފެންނަށް ފެށި ނަމަވެސް އެންމެ ގޯސްވަނީ ފަހު 3 މަހުގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ.

އޮށާޅަނަގަން ދިމާވަނީ މާބަނޑުވުމާއި ގުޅިގެން އިތުރުވާ ހޯރމޯންތަކުގެ ސަބަބުން ހަމުގެ ތެޔޮކަން އިތުރުވުމުންނެވެ. އާންމުކޮށް އޮށާޅަ ނަގާމީހުންނަށް، މާބަނޑު ދުވަސްވަރު އެކަން އިތުރަށް ގޯސްވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އޮށާޅައާއި ގުޅިގެން ކޯތާފަތާއި، ނޭފަތާއި، ދަތްދޮޅީގެ ހަމުގައި ރަތްކަން އުފެދޭގޮތް ވެއެވެ. އޮށާޅަ ނެގުން އިތުރަށް ގޯސްވެދާނެ ކަންތައްތަކުގެ ތެރޭގައި މާބޮޑަށް ފިނިވުން، މާބޮޑަށް ހޫނުވުން، ގިނައިރު އަވީގައި އުޅުން، ބަނގުއާވި ބޭނުންކުރުން، އަދި ތެޔޮ، ނޫނީ ކުޅި ހަވާދުލީ ތަކެތި ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މާބަނޑު ދުވަސްވަރު ނަގާ އޮށާޅައިގެ އުނދަގޫ ކުޑަކުރުމަށް ޑޮކްޓަރުގެ އިރުޝާދާއި ނުލައި އަމިއްލައަށް އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

އޮށާޅަނެގުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ގަވާޢިދުން މޫނު ދޮވެ ސާފުކުރުން : އެގޮތުން ކޮންމެ ދުވަހަކު ހެދުނާއި ރޭގަނޑު މޫނު ދޮވެ ސާފުކުރެވިދާނެ އެވެ.
  • މޫނުގައި ހުންނަ ތެޔޮކަން ފިލުވުމަށް ޚާއްޞަ "އެސްޓްރިންޖެންޓް" އެއް ބޭނުންކުރެވިދާނެ އެވެ.
  • ތެޔޮ ނުހުންނަ މޮއިސްޗަރައިޒަރ އެއް ބޭނުންކުރުން

މާބަނޑު ދުވަސްވަރު ސްޓްރެޗް މާކު އުފެދުން

ބަލިވެއިންނަ %90 މީހުންނަށް ސްޓްރެޗް މާކު އުފެދުން ކުރިމަތިވެއެވެ. މާބަނޑު ދުވަސްވަރު ހަމުގައި ރަތް،ފިޔާތޮށި ނުވަތަ ދަބުކުލައިގެ ރޮގުތަކެއް (ސްޓްރެޗް މާކު) ފާޅުވާން ފަށައެވެ. މިރޮނގުތައް އާންމު ގޮތެއްގައި ހުންނަނީ އުރަމައްޗާއި، ބަނޑާއި، ފިދުމަސްގަނޑާއި، ފައިގެ ފަލަމަސްގަނޑުގައެވެ. މިފަދަ ރޮގުތައް ފާޅުވަނީ ހަންގަނޑަށް ދެމި،ވާންވުމުން ހަމުގެ އެތެރޭ ފަށަލައިގެތެރޭގައި ހުންނަ ''ކޮލެޖަން ފައިބާރސް'' ތައް ވަކިވެ، ހަމުގެ ދަށުގައި ހުންނަ ލޭއެކުލެވޭ ޓިޝޫތައް ފެންނަށް ހުރުމުންނެވެ. މި ފަދަ ރޮނގުތަކަށް ކިޔަނީ ''ސްޓްރިއާ ގްރެވިޑޭރަމް''(Striaegravidarum)އެވެ. މާބަނޑު ދުވަސްވަރު އިތުރުވާ ހޯރމޯންތަކުގެ ސަބަބުން ހަމުގައި ހުންނަ ޕްރޮޓީންތަކުގެ ހަމަހަމަކަން ގެއްލި، ހަމުގެ ފަށަލަތައް އިތުރަށް ތުނިވުމަކީ ވެސް ސްޓްރެޗް މާކު ތައް އުފެދުމުގައި އިތުރު ބާރެއް ފޯރުކޮށްދޭ ކަމެކެވެ.

މިރޮގުތަކުގެ ކުލަ ވިހެއުމަށް ފަހު ގާތްގަނޑަކަށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި  ހުދުކުލައަށް ބަދަލުވެއެވެ. ހުދުކުލައަށް ބަދަލުވުމުން މިރޮގުތަކަށް ކިޔަނީ ''ސްޓްރިއާ އަލްބިކަންސް''(Striaealbicans)އެވެ.ނަމަވެސް މިގޮތަށް ރޮގުތައް ފާޅުވާން ފަށާއިރު އޭގެކުލަ ބިނާވެފައި އޮންނަނީ އެމީހެއްގެ ހަންގަނޑުގައި ހުންނަ ކުލައެއްގެ މައްޗަށެވެ.

ސްޓްރެޗް މާކުގެ އަސަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ގަވާއިދުން ކަސްރަތުކުރުން
  • ވިޓަމިން އީ ހުންނަ ލޯޝަނެއް ބޭނުންކުރުން

މާބަނޑު ދުވަސްވަރު ހަމުގެ ނާޒުކުކަން އިތުރުވުން

މާބަނޑު ދުވަސްވަރު ހަމުގެ ނާޒުކުކަން އިތުރުވަނީ މާބަނޑުވުމާއި ގުޅިގެން ހަށިގަނޑުގައި ލޭދައުރުކުރުން އިތުރުވުމާއި، މާބަނޑުވުމާއި ގުޅިގެން މަތިވެގެންދާ ހޯރމޯންތަކުގެ ސަބަބުންނެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމު މަސައްކަތްކުރާ ގޮތަށް ރިއާޔަތްކޮށް، ބަލިވެއިނުމުގެ ކުރިން ހުރި ހަމުގެ ބައްޔެއް ނުވަތަ ހާލަތެއް އިތުރަށް ގޯސްވެ، ނޫނީ ރަނގަޅުވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ބަލިވެއިނުމުގެ ކުރިން ހަމުގެ ބައްޔެއް ކަމުގައިވާ "ސޮރައިއެސިސް" ހުރިނަމަ، ބަލިވެއިނުމުން އާންމު ގޮތެއްގައި ސޮރައިއެސިސް ގެ އުނދަގޫތައް ކުޑަވެ ލުއިވުމަކީ ވެދާނެ ގޮތެކެވެ. އެއީ ސޮރައިއެސިސް ކުރިމަތިވުމުގައި ދިފާޢީ ނިޒާމުގައި ހަރަކާތްތެރިވާ ސެލްތަކުގެ މިންވަރު މާބަނޑުވުމުން ދަށްވާތީ އެވެ. ނަމަވެސް ބައެއް މީހުންނަށް މަދުން ނަމަވެސް ބަލިވެއިނުމުން ސޮރައިއެސިސްގެ ހާލަތު އިތުރަށް ގޯސްވުމަކީ ވެސް ވެދާނެ ގޮތެކެވެ. ހަމުގެ ބަލިތައް ކަމުގައިވާ "އެކްޒީމާ" ، "ލޫޕަސް" ފަދަ ބަލީގެ ވައްތަރުތައް ގިނަ ފަހަރު ބަލިވެއިނުމުން އިތުރަށް ގޯސްވެގެންދާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު އަތްވަށް ނިކުތުމުން ހަން އަދާހެން ވެސް ހީވެދާނެ އެވެ.

މާބަނޑު ދުވަސްވަރު ގައިހިރުވައި ކެހުން

މާބަނޑު ދުވަސްވަރު ގައިގައި ބިހިނަގައި، ހިރުވައި ކެހުމަކީ ދޭތެރެ ދޭތެރެއިން ދިމާވެދާނެ ކަމެކެވެ. ބައެއް ފަހަރު ކަނޑައެޅިގެން ވަކި ސަބަބެއް ނޭނގި ވެސް މިހެން ދިމާވެދާނެ އެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ.

މާބަނޑު ދުވަސްވަރު މުޅިގައިގައި ހިރުވައި ކެހުމަކީ އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު މިއީ ހަމުގެ ވަކި ބައްޔެއްގެ އަލާމާތަކަށް ވެސް ވެދާނެ އެވެ. ފަހަރުގައި މިއީ މާބަނޑުވުމުން ހަމަށް ލޭފޮނުވައިދިނުން އިތުރުވުމުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. ނޫނީ ދަރިފުޅު އުފެދެމުން އަންނަ ވަރަކަށް ބަނޑުބޮޑުވުމުން ހަމަށް ދެމި ވާންވުމުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.

މާބަނޑު ދުވަސްވަރު ފުރަމެޔަށް ދިމާވާ ޚާއްޞަ ހާލަތެއް(obstetric cholastasis) ގެ ސަބަބުން މުޅި ހަށިގަނޑުގައި އާދަޔާ ޚިލާފަށް ކަހައި ހިރުވުމަކީ ވެދާނެ ގޮތެކެވެ. މިހާލަތުގައި ޚާއްޞަކޮށް ފައި ދަށްފުށާއި، އަތުގެ ހުދުހަމުގައި ހިރުވައި ކެހުމަކީ ވެދާނެ ގޮތެކެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ވަކި ހިސާބެއްގައި ނޫނީ މުޅި ހަށިގަނޑުގައި ފިތްނަގައި ހިރުވައި ކެހުމަކީ ވެދާނެ ގޮތެކެވެ. ފިތް ނަގާފައި އޭގެ ޒާތުގައި ރަނގަޅުވެދާނެ އެވެ. ބައެއް ފަހަރު ދެތިން ގަޑިއިރު ވަންދެން، ނޫނީ ދެތިން ދުވަސްވަންދެން ވެސް ފިތް ނަގާފައި ހުރެދާނެ އެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑުގައި އުފެދޭ ހިރުވުމާއި ކެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • މޮއިސްޗަރައިޒަރ އެއް ބޭނުންކުރުން
  • ކެލަމިން ލޯޝަން ފަދަ އެއްޗެއް ބޭނުންކުރުން
  • "އޯޓު މީލް ބާތު" އެއް ނެގުން

މައުލޫމާތު :

މާބަނޑުދުވަސްވަރު އުރަމައްޗަށް އަންނަ ބަދަލުތައް


މާބަނޑު ދުވަސްވަރު - އުރަމައްޗަށް އަންނަ ބަދަލުތައް

މާބަނޑުވުމުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ލޭދައުރުވުން އިތުރުވެ، އުރަމަތި ބޮޑުވެ، އުރަމަތީގައި ބީހިލުމުން ރިއްސައި، ބައެއް ފަހަރު އުރަމަތި ފާރުވާގޮތް ވެސް ވެއެވެ. އަދި އުރަމަތިން ރީނދޫކުލައިގެ ކިރު އަންނަށް ފަށައެވެ.

އާންމުކޮށް މާބަނޑު ދުވަސްވަރު އުރަމައްޗަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި:-

  • އުރަމަތީގައި ބީހިލުމުން ތަދުވެ، ރިއްސުން
  • އުރަމަތި ބޮޑުވުން
  • ވައްގަނޑު ބޮޑުވުން އަދި ވަށައިގެންވާ ހަމުކުލަ އަނދިރިވުން
  • އުރަމަތިން ރީނދޫ ކުލައިގެ ކިރު ބޭރުވުން
  • އުރަމަތީގެ ލޭނާރުތައް ފާޅުވެ ފެންނަށް ހުރުން
  • ވައްގަނޑު ބޮޑުވުން
  • ވައްގަނޑު ވަށައިގެންވާ އަނދިރި ހަމުގައި ތެޔޮ ބޭރުކުރާ ގޮށްތައް އުފެދުން

އުރަމަތީގައި ބީހިލުމުން ތަދުވެ، ރިއްސުން : ބަލިވެއިނުމާއި ގުޅިގެން އުރަމަތި ބޮޑުވެ،ފުރިފައި ހުންނަހެން ހީވާނެއެވެ. އަދި އުރަމަތީގައި ބީހުމުން ރިއްސާގޮތް މެދުވެރިވެއެވެ. އާންމުގޮތެއްގައި މިގޮތަށް ރިއްސަން ފަށަނީ 6-4ހަފްތާއާއި ދޭތެރޭގައެވެ. މިރިއްސުން ފުރަތަމަ 3 މަސް ނިމެންދެން ދެމިހުރެއެވެ. އުރަމަތީގައި ބީހިލުމުން ރިއްސާގޮތް ވުމާއި، އުރަމައްޗަށް ވާންވެ ފުރިފައި ހުންނަހެން ހީވުމަކީ ބަލިވެ އިންނަތާ ކުރީކޮޅު ފެންނަ ބަލިވެއިނުމުގެ ފުރަތަމަ ނިޝާންތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. އުރަމަތީގެ ލޭދައުރުވުން އިތުރުވެ، ހަންގަނޑުގެ ދަށުގައިވާ ލޭނާރުތައް ފާހަގަވާން ހުރެއެވެ.

އުރަމަތި ބޮޑުވުން : ބަލިވެ އިންނަތާ 8-6ވަނަ ހަފްތާއާއި، ދެމެދުގެ ހިސާބެއްގައި އުރަމަތި ބޮޑުވާން ފަށައެވެ. އުރަމަތީގައި އެކުލެވޭ ފެޓް އިތުރުވެ، ކިރުބޭރުކުރާ ގޮށްތައް ގިނަވެއެވެ. ބަލިވެއިނުމަށްފަހު އުރަމަތީގެ ސައިޒާއި، ބަރުދަން މަޑުމަޑުން އިތުރުވަމުން އާދެއެވެ. އުރަމަތި ހިރުވައި ކަހާގޮތް ވެއެވެ. ބައެއް ފަހަރު އުރަމަތީގައި ސްޓްރެޗް މާކު އުފެދޭގޮތް ވެއެވެ.

ވައްގަނޑު ބޮޑުވުން އަދި ވަށައިގެންވާ ހަމުކުލަ އަނދިރިވުން : ވައްގަނޑާއި، އޭގެ ވަށައިގެންވާ އަދިރިހަމު(Areola)ގެ ކުލަ އިތުރަށް ގަދަވެއެވެ. ވައްގަނޑު އާންމުކޮށް ހުންނަވަރަށްވުރެ ބޮޑަށް ބޭރަށް ނިކުމެއެވެ. ކުރިން ބުނެވުނު އަދިރިހަންގަނޑުގައި ''މޮންޓްގޯމެރީ ޓިއުބާކްލްސް'' (Montgomery tubercles)އޭ ކިޔޭ ކުދިކުދި ތެޔޮމާއްދާއެއް ބޭރުކުރާ ގޮށްތަކެއް އުފެދެއެވެ. ގާތްގަނޑަކަށް 20-12އާއި ދެމެދުގެ އަދަދަކަށް މިކަހަލަ ގޮށްތައް އުފެދެއެވެ. މިގޮށްތަކުން ބޭރުކުރާ މާއްދާގެ ސަބަބުން ގާތުންކިރުދޭ ދުވަސްވަރު ''ވައްގަނޑުގެ ވަށައިގެންވާ އަނދިރި ހަމު''ގައި އިންފެކްޝަން އުފެދުމުން ހިމާޔަތްކޮށްދެއެވެ. 

އުރަމަތިން ރީނދޫ ކުލައިގެ ކިރު ބޭރުވުން : ބަލިވެއިންނަތާ 12 ވަނަ ހަފްތާއާއި، 14ވަނަ ހަފްތާއާއި ދެމެދު (3 މަސް ފުރުމަށްފަހު) އުރަމަތިން ރީނދޫ ކުލައިގައި ހުންނަ  ''ކޮލަސްޓްރަމް''(Colustrum)ބޭރުކުރަން ފަށައެވެ. ނަމަވެސް ބައެއް އަންހެނުންނަށް މިމުއްދަތު ތަންކޮޅެއް ލަސްވެއެވެ. ފުރަތަމަކޮޅު ބޭރުވާ ''ކޮލަސްޓްރަމް'' ހުންނަނީ ބޯކޮށް ރީދޫކުލައަށެވެ. ވިހަންގާތްވުމުން ނިކުންނަ ''ކޮލަސްޓްރަމް'' ހުންނަނީ ސާފުކޮށް މަޑުހުދުކުލަ އަށެވެ. އުރަމައްޗަށް ފިތާލުމުންވެސް މިދުވަސްވަރު ''ކޮލަސްޓްރަމް'' ބޭރުވެއެވެ. ބައެއް އަންހެނުންގެ ވިހެއުމުގެ ކުރިން އެއްވެސް ވަރަކަށް އުރަމަތިން މިފަދަ ރީނދޫ ކުލައިގެ ކިރު ނުނިކުތުމަކީ ވެސް ވެދާނެ ގޮތެކެވެ.

ސަބަބު

މާބަނޑުވުމުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ލޭދައުރުވުން އިތުރުވެ، އުރަމަތި ބޮޑުވެ، އުރަމަތީގައި ބީހިލުމުން ރިއްސައި، ބައެއް ފަހަރު އުރަމަތި ފާރުވާގޮތް ވެސް ވެއެވެ. އަދި އުރަމަތިން ރީނދޫކުލައިގެ ކިރު އަންނަށް ފަށައެވެ. ބަލިވެއިނުމާއި ގުޅިގެން އުރަމައްޗަށް އަންނަ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އެސްޓްރަޖަން އާއި، ޕްރޯޖެސްޓަރޯން ހޯރމޯން ހަށިގަނޑުގައި އިތުރުވުމެވެ.

މާބަނޑު ދުވަސްވަރު އުރަމައްޗަށް ދިމާވާ އުނދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • އުރަމަތީގައި ރިހުން : މިގޮތަށް ރިހުން ހުންނަ ނަމަ މާބަނޑު ދުވަސްވަރު ބޭނުންކުރުމަށް ޚާއްސަކޮށް ހަދައިފައި ހުންނަ ބްރާ (މެޓާނިޓީ ބްރާ) ބޭނުންކުރެވިދާނެއެވެ. މިގޮތުން ނައިލޯނުން ހަދާފައި ހުންނަ ބްރާ އަށްވުރެ ކޮޓަން ބްރާ ބޭނުންކުރުން ރަގަޅެވެ.
  • އުރަމަތީގައި ފާރުހެދުން : ވައްގަނޑާއި، އުރަމަތި ސާފުކުރުމަށް ހަމައެކަނި ތާފަނާ ނުވަތަ ސާފުފެން ބޭނުންކުރާށެވެ. އެހެނީ ސައިބޯނި ފަދަ އެއްޗެތި ބޭނުންކޮށްގެން ސާފުކުރުމުން ވައްގަނޑާއި، އޭގެ ވަށައިގެންވާ ހަންގަނޑު ހިކި،ކުރަކިވާގޮތް ވެއެވެ. މިގޮތަށް ކުރަކިވެ، ފާރުއުފެދި،ރިއްސާނަމަ ''ލެނޯލިން'' އެކުލެވޭ މޮއިސްޗަރައިޒިންގ ކްރީމެއް އުގުޅާށެވެ.
  • ރީނދޫކުލައިގެ ކިރު ބޭރުވުން : ''ކޮލަސްޓްރަމް'' ބޭރުވާނަމަ ''ބްރެސްޓް ޕެޑް'' ފަދަ އެއްޗެއް ބޭނުންކުރާށެވެ. ނޫނީ ގާތުންދޭ ދުވަސްވަރު ބޭނުންކުރުމަށް ޚާއްޞަކޮށްގެން އުފައްދާފައި ހުންނަ "ނާރސިންގ ބްރާ" އެއް ބޭނުންކުރެވިދާނެއެވެ.
  • ރޭގަނޑުގައި ޚާއްޞަކޮށް ނިދާ ގަޑީގައި އެޅުމަށް ޚާއްޞަ ބްރާ ވެސް ތައްޔާރުކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެވެ.
  • ކަސްރަތު ކުރާއިރު ބޭނުންކުރަން ޚާއްޞަ "ސަޕޯޓިވް ބްރާ" ވެސް ލިބެން ހުރެއެވެ.

މައުލޫމާތު :



މާބަނޑުދުވަސްވަރު ކުރިމަތިފަރާތުން ލޭފޭބުން


މާބަނޑު ދުވަސްވަރު - ކުރިމަތި ފަރާތުން ލޭފޭބުން

މާބަނޑުވުމަކީ ހަށިގަނޑުގައި ލޭދައުރުވާ މިންވަރު އިތުރުވާނެ ކަމެކެވެ. ނޫނީ ލޭގެ މިންވަރު އިތުރުވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަކީ ވެސް ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އެގޮތުން ފައިބާ ލޭގެ ކުލަ ހުންނަނީ ރަތްކުލައިން ފެށިގެން ގޮސް، މުށިކުލަ އާއި އެއްގޮތް ގޮތަކަށެވެ. ގިނަ ފަހަރު މިލޭކުލަ އާންމުކޮށް މައްސަރު ޖެހުމުން އަންނަ ލޭގެ ކުލައަށްވުރެ އަލިވާނެ އެވެ.

މާބަނޑުވާތާ ކުރީކޮޅު ކުރިމަތި ފަރާތުން ލޭފޭބުމަކީ އާންމު ކަމެކެވެ. މާބަނޑުވާ ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކަށް ކުރިމަތި ފަރާތުން ލޭފޭބުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ދަރިމައިނުވުމުގެ ފަރުވާގައި ހެދޭ "އައިވީއެފް" ފަދަ ކަމެއް މެދުވެރިކޮށްގެން ބަލިވެއިންކަމުގައިވާނަމަ، މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމުގެ ފުރުޞަތު ބޮޑެވެ.

ސަބަބު

މާބަނޑުވާތާ ކުރީކޮޅު މަދުމަދުން (ދެތިން ދުވަހަށް) ނޫނީ ކުޑަކުޑަކޮށް ކުރިމަތި ފަރާތުން ލޭފޭބުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަށް މެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

  • މައްސަރު ކަންތައް ކޮންޓްރޯލްކުރާ ހޯރމޯންތަކުގެ ސަބަބުން ލޭފޭބުން މެދުވެރިވުން
  • މުޑުވަށްވެފައިވާ ބިސް ރަހިމުގެ ފާރުގެ ތެރޭގައި (ރަހިމުގައި) ގަރުބަގަންނަ ވަގުތު ލޭފޭބުން
  • މާބަނޑު ހޯރމޯންތަކުގެ ސަބަބުން ރަހިމުގެ ދޮރުގެ ސަތަހައަށް އަންނަ ބަދަލުތަކުގެ ސަބަބުން ލޭފޭބުމަށް މަގުފަހިވުން
  • ރަހިމުގައި  ފައިބްރޮއިޑް އުފެދުން
  • ރަހިމުގެ ދޮރުގައި ކުޑަކުޑަ ޕޮލީޕް އެއް އުފެދުން
  • ރަހިމުގައި ނޫނީ ކުރިމަތި ފަރާތުގައި އިންފެކްޝަނެއް އުފެދުން
  • ލޭމަނާވުމަށް ހުރަސްއަޅާ ބައްޔެއްހުރުން
  • މާބަނޑު ދުވަސްވަރު ޖިންސީގުޅުން ހިންގުން
  • މާބަނޑު ދުވަސްވަރު ޖިންސީ ގުނަވަންތައް ހިމެނޭ ހިސާބު ބަލައިހެދުން

މީގެ އިތުރުން ކުރިމަތި ފަރާތުން ލޭފޭބުމަށް މެދުވެރިވާ، އޭގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި:-

  • ބައިގެން ދިއުން
  • ރަހިމުން ބޭރުގައި ގަރުބަގަތުން
  • ނުބައިތަނެއްގައި މަސްއުފެދުން
  • މަހުން ބައެއް ރަހިމުން ވަކިވުން
  • ސަބަބެއް އެނގެން ނެތި ލޭފޭބުން

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފައިބާނަމަ ހަދާނީ ކިހިނެއް؟

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފައިބާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. ލޭފޭބުމަކީ ފަހަރުގައި ވަރަށް އާދައިގެ ކަމަކަށް ނޫނީ ވަރަށް ނުރައްކާތެރި ކަމަކަށް ވެސް ވެދާނެ އެވެ. ޑޮކްޓަރަށް ދައްކައި، ޑޮކްޓަރު ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން މުހިއްމެވެ.

ގިނަ ފަހަރު ޑޮކްޓަރަށް ދެއްކުމުން ކުރިމަތި ފަރާތް ބަލައި ހަދައިފާނެ އެވެ. ސްކޭން ކޮށްގެންނާއި، އެހެނިހެން ޓެސްޓުތަކުގެ އެހީގައި ބަނޑުގައިވާ ދަރިފުޅު އޮތީ ހެޔޮހާލުގައިތޯ ޔަގީން ކުރެވިދާނެ އެވެ. އެންމެ މުހިއްމު ކަމަކީ މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭއަންނަނީ ކީއްވެގެންތޯ ބަލައި ހޯދުމެވެ. އަދި އެހޯދުނު ސަބަބަކަށް ކުރަންޖެހޭ ފަރުވާއެއް ކުރުމެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭ އަންނަނަމަ، އަރާމު ކުރުމަކީ ވެސް ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ.

މައުލޫމާތު :