މަސްކިޔުލަރ
ޑިސްޓްރޮފީ
މަސްކިޔުލަރ ޑިސްޓްރޮފީ(muscular dystrophy) އަކީ ހަށިގަނޑުގެ މަސްތައް މަޑުމަޑުން ލަސްލަހުން ބާރުދަށްކުރާ ބައްޔެކެވެ. ނޫނީ މަސްތަކުގެ ބާރުދެރަވާ ބައްޔެކެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ހަށިގަނޑުގެ މަސްތަތައް މަޑުމަޑުން ބާރުދެރަކޮށް، މަސްތަކުގެ ސައިޒުން ކުޑަވެ،(ހިނދި)ގެންދާ، ނޫނީ "މަސްތަކުގެ މާސް"(muscle mass) ނުވަތަ ބޮޑުމިން ގެއްލިގެންދާ، ބަލިތަކެކެވެ. ނުވަތަ ހަށިގަނޑުގެ މަސްތަކަށް ކުރިމަތިވާ ބަލިތަކެކެވެ. މިއީ އާބާދީގެ ނިސްބަތުން ވަރަށް މަދުން ފެންނަ ބައްޔެކެވެ.
މަސްކިޔުލަރ ޑިސްޓްރޮފީ އަކީ ވިރާސީ
ބަހާއަށް ބަދަލު އަންނަ، ވާރުތަވާ ބައްޔެކެވެ. އާއިލާގައި ބަލި ދައުރުވަމުން
އަންނަ އާއިލާތަކުގެ ކުޑަކުދިންނަށް މަސްކިޔުލަރ ޑިސްޓްރޮފީ ކުރިމަތިވުމުގެ ހިރާސް
އިތުރެވެ. ތަފާތު 9 ވައްތަރެއްގެ މަސްކިޔުލަރ ޑިސްޓްރޮފީ ހުރެއެވެ. އާންމު
ގޮތެއްގައި ގިނަފަހަރު މަސްކިޔުލަރ ޑިސްޓްރޮފީ ކުޑަކުދިންގެ ފުށުން ފާހަގަކުރެވި
ދެނެގަނެވެނީ އުމުރުން 6-3 އަހަރާއި ދެމެދުގެ ދުވަސްވަރު ގެ ތެރޭގައެވެ.
ކުޑަކުދިންގެ ފުށުން އެންމެ އާންމުކޮށް ފެންނަ މަސްކިޔުލަރ ޑިސްޓްރޮފީގެ
ވައްތަރުތަކަކީ ޑޫޝެން މަސްކިޔުލަރ ޑިސްޓްރޮފީ އަދި ބެކަރ މަސްކިޔުލަރ ޑިސްޓްރޮފީ
އެވެ. (ހޮޕްކިންސްމެޑިސިން.އޯރގް، 2022).
މަސްކިޔުލަރ ޑިސްޓްރޮފީ ނުވަތަ
މަސްތަކަށް ކުރިމަތިވާ މިގުރޫޕްގެ ބަލިތައް ޖެހެނީ ވިރާސީ ބަހާއަށް އަންނަ
ބަދަލެއްގެ ސަބަބުންނެވެ (ސީޑީސީ،2022).މިބަލީގައި ޣައިރު ތަބީޢީ ވިރާސީ ބަހާ،
ދުޅަހެޔޮ މަސްގަނޑެއް ބިނާކުރުމަށް ބޭނުންވާ ޕްރޮޓީން އުފެއްދުމަށް ހުރަސްއަޅައެވެ
(މެޔޯކްލިނިކް،2022). މިބަލީގައި ދުވަސްވާވަރަކަށް މަސްތަކުގެ ބާރުދަށްވެ،
ހަރަކާތްތެރިކަން ކުޑަކޮށްލައި، ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރަން
ދަތިވެ އުދަނގޫވެއެވެ (ސީޑީސީ،2022).
މަސްކިޔުލަރ ޑިސްޓްރޮފީގެ ތަފާތު
ވައްތަރުތައް ހުރެއެވެ. އެކި ވައްތަރު ކުރިމަތިވަނީ މަހުގެ އެކި ގުރޫޕް ތަކަށެވެ.
ނުވަތަ އެކި ހިސާބުތަކުގެ މަސްތަކަށެވެ. އަދި ބަލީގެ ވާވަރާއި ، ކުރިމަތިވާ
އުދަނގޫތައް ވެސް އެކި ވައްތަރުގައި ތަފާތު ވެއެވެ (ސީޑީސީ،2022).
މަސްކިޔުލަރ ޑިސްޓްރޮފީ އަކީ އާއިލާގެ
ތެރޭގައި ދައުރުވަމުން އައިސްފާނެ ބައްޔެކެވެ. ނޫނީ ފަހަރުގައި ބަލިޖެހޭ މީހާ އަކީ
އެއާއިލާގައި އެންމެ ފުރަތަމަ ބަލިޖެހުނު މީހާއަށް ވެސް ވެދާނެ އެވެ. އަދި އެކި
ވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީ ގައި ވިރާސީ ބަހާ ނޫނީ ސިފަޔަށް ރިޢާޔަތްކޮށް
ވެސް ތަފާތު ވައްތަރުތައް ހުރެދާނެއެވެ. އަދި އެއްވައްތަރެއްގެ މަސްކިޔުލަރ
ޑިސްޓްރޮފީ ކުރިމަތިވި ދެމީހުންނަށް ކުރިމަތިވާ އުދަނގޫތައް ތަފާތުވުމަކީ ވެސް
އެކަށީގެންވާ ކަމެކެވެ (ސީޑީސީ،2022).
މަސްކިޔުލަރ ޑިސްޓްރޮފީ ގެ ވަރަށް ގިނަ
ވައްތަރުތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ އާންމު ވައްތަރުގެ އުދަނގޫތައް
(ޚާއްޞަކޮށް ފިރިހެންކުދިންގެ ފުށުން) ކުޑައިރުގައި ފެންނަށް ފަށައެވެ. ނަމަވެސް
އެހެން ވައްތަރުތައް ފާހަގަވާން ފަށަނީ ބޮޑެތި މީހުންގެ އުމުރަށް އެޅުމަށްފަހު
ގައެވެ. މަސްކިޔުލަރ ޑިސްޓްރޮފީއަކަށް ފަރުވާއެއް ނޯވެއެވެ. ނަމަވެސް ބޭހާއި
ތަފާތު ފަރުވާތަކުގެ އެހީގައި ބަލީގެ އުދަނގޫތައް ލުއިކޮށްދީ، ބަލީގެ ވޭން
ކުޑަކޮށްދެއެވެ (މެޔޯކްލިނިކް،2022).
ސަބަބު
މަހުގެ ފައިބަރުތައް އުފައްދައި،
ރައްކާތެރިވުމަށް އެހީތެރިވެދޭ ޕްރޮޓީން އުފެއްދުމުގައި ބައެއް ވިރާސީ ބަހާތައް
ބައިވެރިވެއެވެ. މަސްކިޔުލަރ ޑިސްޓްރޮފީ ކުރިމަތިވަނީ މިވިރާސީ ބަހާއަށް
އުނިކަމެއް އައިސް، މިދެންނެވި ޕްރޮޓީން އުފެއްދުމަށް ހުރަސް އަޅައި، ދަތިތަކާ
ކުރިމަތިވުމުންނެވެ. ކޮންމެ ވައްތަރެއްގެ މަސްކިޔުލަރ ޑިސްޓްރޮފީ އެއް ވެސް
ކުރިމަތިވަނީ އެވައްތަރަކަށް ޚާއްޞަ ކުރެވިފައިވާ ވިރާސީ ބަހާއަށް އަންނަ ބަދަލެއް
ގެ ސަބަބުންނެވެ. މިގޮތަށް ވިރާސީ ބަހާއަށް އަންނަ ބަދަލު ތަކަކީ މައިންބަފައިންގެ
ފުށުން ދަރިންނަށް ވާރުތަކުރާ އެއްޗެކެވެ. ނޫނީ ކަމެކެވެ.
މަގުފަހިކުރާ ކަންތައްތައް
މަސްކިޔުލަރ ޑިސްޓްރޮފީ އަކީ ކޮންމެ
އުމުރެއްގެ، ކޮންމެ ޖިންސެއްގެ އަދި ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ދިމާވެދާނެ
ކަމެކެވެ. ނޫނީ ބައްޔެކެވެ. ނަމަވެސް މަސްކިޔުލަރ ޑިސްޓްރޮފީގެ އެންމެ އާންމު
ވައްތަރު "ޑޫޝެން މަސްކިޔުލަރ ޑިސްޓްރޮފީ" އެންމެ އާންމުކޮށް
ކުރިމަތިވަނީ ކުޑަ ފިރިހެންކުދިންނަށެވެ. އާއިލާގެ ތެރޭގައި ބަލި ދައުރުވުމަކީ
މިބައްޔަށް ހުށަހެޅުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އަދި މައިންބަފައިންގެ
ކިބައިގައި މަސްކިޔުލަރ ޑިސްޓްރޮފީ ހުރުމަކީ ދަރިންނަށް އެކަން ވާރުތަކުރުމުގެ
ހިރާސް އޮންނަ ކަމެކެވެ.
އަލާމާތްތައް
މަސްކިޔުލަރ ޑިސްޓްރޮފީގެ މައިގަނޑު
އަލާމާތަކީ މަޑުމަޑުން ލަސްލަހުން މަސްތަކުގެ ބާރުދޫވަމުން ދިއުމެވެ. ނޫނީ
މަސްތަކުގެ ބާރު ދަށްވެ، ދެރަވަމުންދިއުމެވެ. މަސްކިޔުލަރ ޑިސްޓްރޮފީގެ
ވައްތަރާއި، ކުރިމަތިވާ ހިސާބަށް ނޫނީ މަސްތަކުގެ ގުރޫޕަށް ރިއާޔަތްކޮށް، އަލާމާތްތައް
ފެންނަށް ފަށާ އުމުރާއި، ދުވަސްވަރު އަދި ފެންނަމުންދާގޮތް ތަފާތުވުމަކީ
އެކަށީގެންވާ ކަމެކެވެ.
ތަފާތު އެކި ވައްތަރުތަކާއި ގުޅިގެން
ފެނިދާނެ އަލާމާތްތަކާއި، ބަލީގެ ވައްތަރުތައް ތިރީގައި މިވަނީ އެވެ.
(1). ޑޫޝެން މަސްކިޔުލަރ
ޑިސްޓްރޮފީ
މަސްކިޔުލަރ ޑިސްޓްރޮފީ ގެ އެންމެ އާންމު
ވައްތަރަކީ ޑޫޝެން މަސްކިޔުލަރ ޑިސްޓްރޮފީ(Duchenne muscular dystrophy) އެވެ. ބަލީގެ ކެރިއަރުންނަށް އަންހެންކުދިންވެ، އަދި އާދައިގެ
ވަރަކަށް ބަލީގެ އަސަރު އަންހެންކުދިންގެ ފުށުން ފާހަގަވިޔަސް، ޑޫޝެން މަސްކިޔުލަރ
ޑިސްޓްރޮފީ ބޮޑަށް ފެނި، ފާހަގަވަނީ ފިރިހެންކުދިންގެ ފުށުންނެވެ. މިވައްތަރުގެ
މަސްކިޔުލަރ ޑިސްޓްރޮފީގެ އަލާމާތްތައް ކުޑައިރުގައި ފެންނަށް ފަށައެވެ.
އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
މާގިނައިން ވެއްޓުން
·
އިށީދެ އިނދެފައި ނުވަތަ އޮށޯވެ އޮވެފައި، ތެދުވަން
އުދަނގޫވުން
·
ދުވުން، ފުއްމުން ފަދަ ކަންކަން ކުރަން އުދަނގޫވުން
·
އަސްދޫންޏެއް-ހެން ކުރުފިޔަވަޅުތަކެއް ކައިރިކައިރިން
އަޅަމުން ހިނގުން
·
ފައިގެ އިގިލިތަކުގެ ކޮޅު ޖައްސައިގެން ހިނގުން
·
ކުޑަކަޅުވާ މަސްގަނޑުގެ ސައިޒުން ބޮޑުވުން
·
މަސްތަކުގައި ރިހުން އަދި މަސްތައް ހަރުދަނޑިއެރުން
·
އުގެނުމުގެ ނުކުޅެދުންތެރިކަން ކުރިމަތިވުން
·
ހެދިބޮޑުނުވުން
(2).
ބެކަރ މަސްކިޔުލަރ ޑިސްޓްރޮފީ
ބެކަރ މަސްކިޔުލަރ ޑިސްޓްރޮފީ (becker muscular dystrophy)ގެ އަލާމާތްތަކާއި، ނިޝާންތައް ޑޫޝެން މަސްކިޔުލަރ
ޑިސްޓްރޮފީގެ އަލާމާތްތައް އަދި ނިޝާންތަކާއި އެއްގޮތެވެ. ނަމަވެސް މިވައްތަރުގައި
އުދަނގޫތައް ހުންނަނީ ނޫނީ ކުރިމަތިވަނީ އާދައިގެ މިންވަރަކަށެވެ. ބަލި އަށަގަނެ
ކުރިއަރަމުން އަންނަނީ މާ ލަސްލަހުންނެވެ. އާންމު ގޮތެއްގައި އަލާމާތްތައް
ފެންނަށް ފަށަނީ ފުރާވަރުގައެވެ. އަދި ފަހަރުގައި މީހާގެ އުމުރުން 20 ގެ
އަހަރުތަކުގެ މެދުތެރޭގައި ނޫނީ 20ގެ އަހަރުތަކުގެ ފަހުކޮޅުގައި ވެސް އަލާމާތްތައް
ފާހަގަވެ، ފެންނަށް ފަށައިފާނެ އެވެ.
(3). މެޔޯޓޮނިކް މަސްކިޔުލަރ
ޑިސްޓްރޮފީ
މެޔޯޓޮނިކް މަސްކިޔުލަރ ޑިސްޓްރޮފީ(myotonic muscular dystrophy) ގެ
ޚާއްޞަ ސިފަޔަކީ މަސްގަނޑެއް ހަރަކާތްކުރުމަށް ކުރުގެޅިގެން ދިއުމަށް އަނބުރާ
ހަމައަކަށް އެޅުމަށް ނުކުޅެދުމެވެ. ނޫނީ އަނބުރާ ހަމައަކަށް ނޭޅުވުމެވެ. މިބަލީގެ
އަސަރު އެންމެ ފުރަތަމަ ކުރަނީ ކަރު އަދި މޫނުމަތީގެ މަސްތަކަށެވެ. މިވައްތަރުގެ
މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންގެ ހުންނަނީ ދިގު، ހިމަ މޫނެކެވެ. ލޮލުގެ
މަތީބޮޑި ހުންނަނީ ތިރިއަށް ވެއްޓިފައެވެ. އަދި މާކަނާގެ ކަރު ހެން ދިގު ކަރެއް
އިނދެފާނެއެވެ.
(4). ފޭސިއޯސްކެޕިޔުލޯހިޔުމެރަލް
މަސްކިޔުލަރ ޑިސްޓްރޮފީ
ފޭސިއޯސްކެޕިޔުލޯހިޔުމެރަލް މަސްކިޔުލަރ
ޑިސްޓްރޮފީ(facio-scapulo-humeral
muscular dystrophy) ގައި
މަސްތަކުގެ ބާރުދޫވުން ކުރިމަތިވަނީ މޫނުމަތި، ކޮނޑު އަދި އުކުޅުވަޅުގެ
މަސްތަކަށެވެ. އަތްމައްޗަށް ނެގުމުން ކޮނޑުހުޅު "ދޫނީގެ ފިޔަގަނޑެއް"
ހެން ފާޅުވެ، ފެންނަށް ހުރެދާނެ އެވެ. ބަލީގެ އުދަނގޫތައް، ކުޑައިރު، ފުރާވަރުގައި
އަދި ލަސްވެގެން ގޮސް އުމުރުން 50 އަހަރަށް އަޅާތަނުން ވެސް ފެނިދާނެ އެވެ.
(5). ކޮންޖެނިޓަލް މަސްކިޔުލަރ
ޑިސްޓްރޮފީ
ކޮންޖެނިޓަލް މަސްކިޔުލަރ ޑިސްޓްރޮފީ(congenital muscular dystrophy) އަކީ
އަންހެންކުދިންނާއި، ފިރިހެން ކުދިންނަށް ވެސް ކުރިމަތިވެދާނެ، އަދި އުފަންވާއިރު
ވެސް ފެންނަ ހުރެދާނެ، ނޫނީ އުމުރުން 2 އަހަރު ވުމުގެ ކުރިން ބަލީގެ އުދަނގޫތައް
ފެނިދާނެ ވައްތަރެކެވެ. ބައެއް ފަހަރު ވަރަށް ލަސްލަހުން ނޫނީ މަޑުމަޑުން
މިވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީ ކުރިއަރައި ތަރައްގީވަމުން އާދެއެވެ. އަދި
ބައްޔާއި ގުޅިގެން އަންނަ ނުކުޅެދުންތެރިކަން ނޫނީ އުދަނގޫތައް ވެސް ހުންނަނީ
ވަރަށް އާދައިގެ މިންވަރަކަށެވެ. އަނެއްބައި ފަހަރު ވަރަށް އަވަހަށް ބަލީގެ އުދަނގޫތައް ކުރިމަތިވެއެވެ.
އަދި ވަރަށް ބޮޑަށް ބަލީގެ އަސަރު ފާޅުވެ، ފެންނަށް ހުރެއެވެ.
(6). ލިމްބް ގާރޑްލް
މަސްކިޔުލަރ ޑިސްޓްރޮފީ
ލިމްބް ގާރޑްލް މަސްކިޔުލަރ ޑިސްޓްރޮފީ(limb girdle muscular dystrophy) ގައި
އާންމު ގޮތެއްގައި ބަލީގެ އަސަރުކުރަނީ އުކުޅުވަޅާއި، ކޮނޑުގެ މަސްތަކަށެވެ.
މިވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންނަށް ފައިތިލައިގެ ކުރީކޮޅު
އުފުލަން ނޫނީ މައްޗަށް ނަގަން އުދަނގޫވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން
ފަހަރުގައި ގިނަގިނައިން ވެއްޓިދާނެ އެވެ. ނޫނީ ފައި ލޫންދައިލައިފާނެއެވެ. އާންމު
ގޮތެއްގައި ބަލީގެ އުދަނގޫތައް ފުރަތަމަ ފެންނަށް ފަށަނީ ކުޑައިރު ނޫނީ ފުރާވަރުގެ
ތެރޭގައެވެ.
(7). ޑިސްޓަލް މަސްކިޔުލަރ
ޑިސްޓްރޮފީ
ޑިސްޓަލް މަސްކިޔުލަރ ޑިސްޓްރޮފީ ގެ
އަސަރު ބޮޑަށް ކުރަނީ އަތްދަނޑި، އަތްތިލަ، ފައިދަނޑި އަދި ފައިތިލަ އިގެ
މަސްތަކަށެވެ. މިވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީގެ އަސަރު ބޮޑަށް ކުރަނީ
އުމުރުން 60-40 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ.
(8). އެމެރީ ޑްރެއިފަސް
މަސްކިޔުލަރ ޑިސްޓްރޮފީ
އެމެރީ ޑްރެއިފަސް މަސްކިޔުލަރ
ޑިސްޓްރޮފީ(Emery-Dreifuss
muscular dystrophy) އާންމުކޮށް ކުރިމަތިވަނީ ފިރިހެންކުދިނާއި، ޅަފުރައިގެ ޒުވާން
ފިރިހެނުންނަށެވެ. މިވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީގެ ސަބަބުން މަސްތަކުގެ
ބާރުދަށްވުން ކުރިމަތިވަނީ ކޮނޑުހުޅުގެ މަސްތައް، މުލައްދަނޑި އަދި ކަށިމަތީގެ
މަސްތަކަށެވެ. ލަސްލަހުން ކުރިމަތިވާ މިވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީގެ
ސަބަބުން ހިތުގެ މަސްތަކަށް އަސަރުކުރުވައެވެ.
(9). އޮކިޔުލޯފެރިންޖިއަލް
މަސްކިޔުލަރ ޑިސްޓްރޮފީ
އޮކިޔުލޯފެރިންޖިއަލް މަސްކިޔުލަރ
ޑިސްޓްރޮފީ(occulopharyngeal
muscular dystrophy) އަކީ އަސަރު
ބޮޑަށް ކުރަނީ ލޮލުގެ ބޮޑި، އަދި ކަރުގެ މަސްތަކަށެވެ. މިވައްތަރުގެ މަސްކިޔުލަރ
ޑިސްޓްރޮފީގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ މަތީބޮޑި ތިރިއަށް
ވެއްޓުން، ކާތަކެތި ދިރުވަން އުދަނގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. ވަރަށް
މަދުން ދިމާވާ މިވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީ ކުރިމަތިވަނީ އުމުރުން 50-40
އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. އާބާދީގެ ކޮންމެ 100 ހާހުން 1
އަކަށް މިވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީ ކުރިމަތިވުމުގެ ހިރާސް އޮވެއެވެ.
ނުރައްކާތައް
މަސްކިޔުލަރ ޑިސްޓްރޮފީގައި މަޑުމަޑުން
މަސްތަކުގެ ބާރު ދޫވަމުން ދިއުމަކީ އެކަމުގެ ސަބަބުން ތަފާތު ނުރައްކާތައް
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތައް
ތިރީގައި މިވަނީ އެވެ.
(ހ) ހިނގަން ދަތިވުން : މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންނަށް ހިނގާބިނގާވެ
އުޅެން ދަތިވެ، އެއްތަނުން އަނެއް ތަނަށް ދިއުމަށް، ފުރޮޅުލީ ގޮނޑި ޚިޔާރުކުރަން
ޖެހުމަކީ ގާތް ކަމެކެވެ.
(ށ) އަތް ބޭނުންކުރަން
އުދަނގޫވުން : ކޮނޑުހުޅާއި، މުލައްދަނޑި
ހިމެނޭ ހިސާބުގެ ނޫނީ އަތުގެ މަސްތަކަށް ބަލީގެ އަސަރުކޮށްފިނަމަ، އަތް
ބޭނުންކުރުމަށް ދަތިވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ނޫނީ ނިންމަން ޖެހޭ ކަންކަން
ފުރިހަމަކުރަން ދަތިވާގޮތް ވެއެވެ.
(ނ) ހުޅުތަކުގެ ވަށައިގެން
ހުންނަ މަސްތަކާއި، ޓެންޑަން ތައް ކުރުވެ، ހަރުއެރުން : މިގޮތަށް މަސްތަކާއި ޓެންޑަންތައް އޭގެ ސައިޒުން ކުރުވެ،
ހަރުއެރުމަކީ ތަފާތު ހަރަކާތްތައް ކުރުމަށް ނޫނީ ހެލިފެލިވެ އުޅުމަށް ދަތިވެ
ހުރަސްއަޅާނެ ކަމެކެވެ.
(ރ) ނޭވާލުމުގެ މައްސަލަތައް : މަސްކިޔުލަރ ޑިސްޓްރޮފީގައި މަޑުމަޑުން މަސްތަކުގެ
ބާރުދޫވަމުން ދާއިރު، ނޭވާލާ ނިޒާމުގައި ނޭވާލުމުގެ މަސައްކަތުގައި ބައިވެރިވޭ
މަސްތަކުގެ ބާރުދޫވާގޮތް ވެއެވެ. އެހެންކަމުން ބައެއް ފަހަރު މިފަދަ މީހުންނަށް
ނޭވާލުމަށް ދަތިވެ، އެކަމަށް ޚާޢްޞަ މެޝިން ނުވަތަ ވެންޓިލޭޓަރުގެ އެހީގައި
ނޭވާލެވޭނެ ގޮތް ފަހިކޮށްދޭން ޖެހިދާނެ އެވެ.
(ބ) ގުދުލުން : ބާރުދަށްވެފައިވާ މަސްތަކަށް މައިބަދަ ތެދަށް
ބެހެއްޓުމަށް ދަތިވެ، ގުދުލުމަކީ ވެދާނެ ގޮތެކެވެ.
(ޅ) ހިތުގެ މައްސަލަތައް : މަސްކިޔުލަރ ޑިސްޓްރޮފީގެ ސަބަބުން ހިތުގެ މަސްތަކުގެ
ބާރުދަށްވެ، ހިތުގެ މަސައްކަތަށް ބުރޫއަރައި، ހިތުގެ މައްސަލަތައް މެދުވެރިވުމަކީ
ވެދާނެ ގޮތެކެވެ.
(ކ) ކާތަކެތި ދިރުވަން
އުދަނގޫވުން : ކާތަކެތި ހަފައި
ދިރުވުމުގައި ބައިވެރިވާ މަސްތަކަށް ބަލީގެ އަސަރުކޮށްފިނަމަ، ކާތަކެތި ދިރުވާން
އުދަނގޫވެ، ބައެއް ފަހަރު ކާން ދިނުމުގެ ތެރޭގައި ފުއްޕާމެޔަށް ކާތަކެތި އެޅި
"އެސްޕައިރޭޝަން ނިއުމޯނިޔާ" ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އަދި
އޭގެ ނަތީޖާޢެއްގެ ގޮތުން ކާންދިނުމަށް ހޮޅި ލައްވަންޖެހިދާނެ އެވެ.
ދެނެގަތުން
މަސްކިޔުލަރ ޑިސްޓްރޮފީ ދެނެގަތުމަށް
ބަލިމީހާގެ ދުޅަހެޔޮކަން ހުރިނެތްގޮތް އަހައި އޮޅުން ފިލުވުމަށްފަހު، ޖިސްމާނީ
ގޮތުން ހަށިގަނޑު ބަލައި ޗެކުކުރާނެ އެވެ. އަދި އަންނަނިވި ޓެސްޓުތައް ހެދުމަށް
ލަފާދީފާނެއެވެ.
(ހ) ލޭގައި ވަކި
އެންޒައިމްތަކެއް ހުރި މިންވަރު ބެލުން (enzyme tests): މަސްކިޔުލަރ ޑިސްޓްރޮފީ ގެ
ސަބަބުން ގެއްލުންވެފައިވާ މަސްތަކުން ބައެއް ކަހަލަ އެންޒައިމް ތައް މިސާލަކަށް
"ކްރިއެޓިން ކައިނޭޒް" ލޭގެ ތެރެއަށް ދޫކުރެއެވެ. މަސްގަނޑަށް
އަނިޔާވުމަކާއި ނުލައި، ލޭގައި ކްރިއެޓިން ކައިނޭޒް ގެ މިންވަރު މަތިނަމަ، އެއީ
މަސްގަނޑަށް ޖެހޭ ބައްޔެއްގެ ސަބަބުން މަތިވީ ކަމުގައި ބެލެވިދާނެ އެވެ.
(ށ) ޖެނެޓިކް ޓެސްޓިންގ (genetic
testing): މަސްކިޔުލަރ ޑިސްޓްރޮފީ ކުރިމަތިކުރުވުމަށް މަގުފަހިވާ
ފަދަ ވިރާސީ ބަހާއަކަށް ބަދަލު އައިސްފައިވޭތޯ ލޭ ނަގައިގެން ޗެކުކޮށް ހަދާނެ
އެވެ.
(ނ) މަސްތަކުގެ ބަޔޮޕްސީ އެއް
ހެދުން (muscle
biopsy): މަސްގަނޑުގެ ބަޔޮޕްސީ ހެދުމަށްޓަކައި އެތެރެ ހޮއިކޮށް
އިންނަ އިންޖެކްޝަން ކައްޓެއް ނޫނީ ސިރިންޖެއް ނުވަތަ ނީޑްލް އެއް ފަދަ އެއްޗެއް
ބޭނުންކޮށްގެން މަސްގަނޑުން ކުޑަ ތަންކޮޅެއް ނެގެއެވެ. އަދި ނެގުނު މަހުގެ ސެލޯށި
ކޮޅު މަސްކިޔުލަރ ޑިސްޓްރޮފީ ގެ އަސަރު ހުރިތޯ ބެލުމަށް ޓެސްޓު ކުރެވެއެވެ.
(ރ) އިލެކްޓްރޯކާޑިއޯގްރަފީ
ހެދުން ނުވަތަ އީސީޖީ ހެދުން (electrocardiography): މިއީ
ހިތުގައި ކަރަންޓްގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ.
ނުވަތަ ހިތުގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު
އާންމުކޮށް ހެދެނީ މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންގެ ތެރެއިން މެޔޯޓޮނިކް
މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންގެ އެވެ.
(ބ) އިލެކްޓްރޯމެޔޯގްރަފީ
ހެދުން (electromyography):
މިއީ މަސްގަނޑެއްގައި ކަރަންޓްގެ ހަރަކާތް ހުރިނެތްގޮތް ބެލުމެވެ. މިޓެސްޓު
ހެދުމަށްޓަކައި ޓެސްޓު ކުރަން ބޭނުންވާ މަސްގަނޑަށް އިލެކްޓްރޯޑް ނީޑްލް އެއް
ހަރާލެވެއެވެ. އެއަށްފަހު މަސްގަނޑު ކުރުގެޅި ފިތޭ ވަގުތާއި، ފިތުމަށްފަހު
ހަމައަކަށް އެޅޭ ވަގުތު ގައި މަސްގަނޑުގައި ކަރަންޓްގެ ހަރަކާތް ހުރިނެތްގޮތް
ނުވަތަ ކަރަންޓް ދައުރުވާގޮތް މިންކުރެވޭނެ އެވެ. މަސްގަނޑުގައި ކަރަންޓްގެ
އޮއިވަރަށް އަންނަ ބަދަލަށް ބަލައި، މަސްކިޔުލަރ ޑިސްޓްރޮފީ ހުރިކަން ނުވަތަ
ނޫންކަން ކަނޑައެޅިދާނެ އެވެ.
(ޅ) ފުއްޕާމޭގެ ޓެސްޓުތައް
ހެދުން : މިއީ ފުއްޕާމޭގެ
މަސައްކަތްތައް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓު ތަކެކެވެ.
ފަރުވާ
މަސްކިޔުލަރ ޑިސްޓްރޮފީގެ އެއްވެސް
ވައްތަރަކަށް ސީދާ ފަރުވާއެއް ހޯދިފައި ނުވިޔަސް، ބައެއް ވައްތަރުތަކަށް ފަރުވާގެ
ގޮތުގައި ކުރެވޭ ކަންކަމާއި ދޭ ބޭސްތަކުގެ އެހީގައި، ގިނަ ދުވަހު
ހަރަކާތްތެރިކަންމަތީ ދެމިހުރުމަށް އެހީތެރިވެދީ، ފުއްޕާމެޔާއި، ހިތް ފަދަ ގުނަވަންތަކުގެ
މަސައްކަތްތަކަށް އަސަރުކުރުވުން ކުޑަވުމަށް މަގުފަހިވެގެން ދެއެވެ.
މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުން ގެ
ހާލަތު އަބަދުވެސް ގާތުން މޮނީޓަރ ކުރަމުން ގެންދަންވާނެއެވެ. މަސްކިޔުލަރ
ޑިސްޓްރޮފީ އަށް ދެވޭ ފަރުވާތަކުގެ ތެރޭގައި ބޭސްދިނުން، ފިޒިކަލް ތެރަޕީ،
އޮކިޔުޕޭޝަނަލް ތެރަޕީ، ބައެއް ކަހަލަ ކަންކަމަށް ކުރަންޖެހޭ އޮޕަރޭޝަންކުރުން،
އަދި އެހެނިހެން ކަންތައްތައް ހިމެނެއެވެ. ފަރުވާކުރިޔަށް ގެންދާއިރު ހިނގުން،
ކާތަކެތި ދިރުވުން، އަތުގެ ހަރަކާތްތައް، ނޭވާލުން ފަދަ ކަންކަން ހުރިނެތްގޮތުގެ
އެސެސްމެންޓް ދޭތެރެ ދޭތެރެއިން ހަދައި، ލިބޭ ނަތީޖާއަށް ބަލައި، ފަރުވާއަށް
ބަދަލު ގެންނަމުން ގެންދަން ޖެހޭނެ އެވެ.
ބޭސްދިނުން
މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ
މީހުންނަށް ބޭހުގެ ގޮތުގައި ދޭ އެންމެ އާންމު އެއް ބޭހަކީ ކޯޓިކޯސްޓީރޮއިޑްގެ
ގޮތުގައި ދީއުޅޭ "ޕްރެޑްނިސޯން" އެވެ. ޕްރެޑްނިސޯން އަކީ މަސްތައް
ވަރުގަދަކޮށްދީ، ބައެއް ވައްތަރުގެ މަސްކިޔުލަރ ޑިސްޓްރޮފީ ތަރައްގީވެ، ކުރިއަރަމުން
އައުން ނުވަތަ ގޯސްވެގެން އައުން ލަސްކޮށްދޭ ބޭހެކެވެ. ނަމަވެސް ދިގުމުއްދަތަކަށް
ސްޓީރޮއިޑް ބޭނުންކުރުމަކީ ބަރުދަން އިތުރުވުން، ކަށިތައް ދެރަވުން އަދި ކަށިތައް
ރެނދުލައި ބިނދުމުގެ ހިރާސް އިތުރުކޮށްދޭނެ ކަމެކެވެ.
ފަރުވާތައް
މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންގެ
ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ، އަދި ބައެއް ފަހަރު އެމީހުންގެ
އުމުރުދިގުކޮށްދިނުން ފަދަ ކަންތައްތަކަށް ތަފާތު ވައްތަރުގެ ފަރުވާތަކާއި،
އެހީތެރިވެދެނިވި އާލަތްތައް ތައްޔާރުކޮށް، ބޭނުންކުރެވެމުން ދެއެވެ. އެގޮތުން
ދެވޭ ބައެއް ފަރުވާތަކާއި، ބޭނުންކުރެވޭ އެހީތެރިވެދެނިވި އާލާތްތައް ތިރީގައި
މިވަނީ އެވެ.
(ހ) މޯޝަން އަދި ސްޓްރެޗިންގ
އެކްސަސައިޒްކުރުން : މަސްކިޔުލަރ
ޑިސްޓްރޮފީގެ ސަބަބުން ހުޅުތަކުގެ ހަރަކާތްތެރިކަމާއި، ފަހެލިކަމަށް
ހުރަސްއަޅައެވެ. އަތްފައި ހަރުއަރައި، ގަޔާއި ކައިރިވީ ފަރާތަށް ޖެހި،
އެމަކާނުގައި ހަރުލައި ނޫނީ ހަރުއަރާފައި ހުންނަގޮތް ވެއެވެ. އެހެންކަމުން
ސްޓްރެޗިންގ އެކްސަސައިޒުތަކުގެ އެހީގައި ހުޅުތަކުގެ ފަހެލިކަން އިތުރުކުރުމަށް
އެހީތެރިކަން ލިބިގެން ދެއެވެ.
(ށ) ކަސްރަތުކުރުން : މަސްކިޔުލަރ
ޑިސްޓްރޮފީ ހުންނަ މީހުން ވެސް ހިނގުން، ފެތުން ފަދަ ކަސްރަތުތައް ކުރެވިދާނެ
އެވެ. މިއީ މަސްތައް ވަރުގަދަކޮށްދީ، ހަރަކާތްތެރިކަން އިތުރުކޮށް، އާންމު ދުޅަހެޔޮކަން
ރަނގަޅުކޮށްދޭނެ ކަސްރަތު ތަކެކެވެ. އަދި ބައެއް ކަހަލަ "ސްޓްރެންތެނިންގ
އެކްސަސައިޒް"(strengthening
exercise) ތައް ވެސް
ކުރެވިދާނެއެވެ. މިފަދަ މީހުން އެއްވެސް ކަހަލަ ކަސްރަތެއް ކުރަން ފެށުމުގެ ކުރިން
ޑޮކްޓަރުންގެ ލަފާހޯދުމަކީ ބުއްދިވެރި ކަމެކެވެ. ސަބަބަކީ ބައެއް ކަހަލަ
ކަސްރަތުތަކުގެ ސަބަބުން ފައިދާއަށް ވުރެ ބޮޑަށް ގެއްލުންވެދާނެތީ އެވެ.
(ނ) ބްރޭސް : ބްރޭސް ބޭނުންކުރުމުން
މަސްތައް އަދި ޓެންޑަންތައް ސްޓްރެޗްކޮށްދީ، މަސްތަކާއި ޓެންޑަންތަކުގެ ފަހެލިކަން
އިތުރުކޮށްދީ، މަސްތައް ހަރުދަނޑިއެރުމުން މިންޖުވުމަށް އެހީތެރިވެދެއެވެ. މީގެ
އިތުރުން ބާރުދަށްވެފައިވާ މަސްތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް، މަސްތަކުގެ
މަސައްކަތްތައް ހަރުދަނާކުރުމަށް ވެސް ބްރޭސް ބޭނުންކުރުމުން އެހީތެރިކަން
ލިބެއެވެ.
(ރ) ހަރަކާތްތެރިވުމަށް އެހީތެރިވެދޭ އާލާތްތައް
: މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންނަށް އަތްގަނޑު،
ފުރޮޅުލީގޮޑި، ވޯކަރ ފަދަ ހަރަކާތްތެރިވުމަށް އެހީތެރިވެދޭ ތަފާތު އާލާތްތައް
ބޭނުންކުރެވިދާނެ އެވެ. މިއީ މީހާގެ ހަރަކާތްތެރިކަން އިތުރުކޮށް، އަމިއްލައަށް
އެކަނި މިނިވަންކަންމަތީ ކަންކަން ކުރުމަށް މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ
ބަލިމީހާއަށް އެހީތެރިވެދޭނެ އާލާތްތަކެކެވެ.
(ބ) ނޭވާލުމަށް އެހީތެރިވެދިނުން : ނޭވާލުމުގައި ބައިވެރިވާ މަސްތަކުގެ ބާރު ދޫވެ، ނޭވާލުމުގެ މައްސަލަތައް
ހުންނަ މީހުންނަށް ނޭވާލުމަށް އެހީތެރިވެދިނުމަށް "ސްލީޕް އެޕްނިއާ
ޑިވައިސް"(sleep
apnea device) ބޭނުންކުރަން ޖެހިދާނެއެވެ. އަދި ފަހަރުގައި
ނޭވާލާން މާބޮޑަށް އުދަނގޫވާ ހާލަތްތަކުގައި ވެންޓިލޭޓަރުގެ އެހީގައި ނޭވާލައްވަން
ވެސް ޖެހިދާނެއެވެ.
އޮޕަރޭޝަންކުރުން
މަސްކިޔުލަރ ޑިސްޓްރޮފީގެ ސަބަބުން
ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ގުދުލުން، މަސްތައް ހަރުއެރުން، އަދި
ހިތުގެ މައްސަލަތައް ފަދަ ކަންތައްތައް ރަނގަޅުކުރުމަށް ބައެއް ފަހަރު އޮޕަރޭޝަން
ކުރަންޖެހިދާނެ އެވެ.
ނޭވާލާ ނިޒާމުގެ އިންފެކްޝަން
ޖެހުމުން ރައްކާތެރިކޮށްދިނުން
ނޭވާލާ ނިޒާމުގެ އިންފެކްޝަން ޖެހުމަކީ
މަސްކިޔުލަރ ޑިސްޓްރޮފީ ހުންނަ މީހުންނަށް ވަރަށް އާންމުކޮށް ދިމާވާ މައްސަލަ
އެކެވެ. އެހެންކަމުން ނިއުމޯކޯކަލް ވެކްސިން އަދި ފުލޫ ވެކްސިން ފަދަ ވެކްސިންތައް
ޖެހުމަކީ މިފަދަ ބަލިތަކުން ރައްކާތެރިވެވޭނެ ކަމެކެވެ. އެހެންކަމުން މަސްކިޔުލަރ
ޑިސްޓްރޮފީ ހުންނަ މީހުން، އެހެން މީހުންނާއި ވަކިން ޚާއްޞަކޮށް ރޯގާޖެހިފައި
ތިބޭމީހުންނާއި، ވީވަރަކުން ދުރުން އުޅުމަކީ ބުއްދިވެރިކަމެކެވެ.
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.hopkinsmedicine.org/health/conditions-and-diseases/muscular-dystrophy
·
https://www.mayoclinic.org/diseases-conditions/muscular-dystrophy/symptoms-causes/syc-20375388
·
https://www.ninds.nih.gov/health-information/disorders/muscular-dystrophy
· https://my.clevelandclinic.org/health/diseases/14128-muscular-dystrophy