Thursday, December 17, 2015

ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް

ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް(COPD) އަކީ ދާއިމީ ގޮތެއްގައި ފުއްޕާމޭ ދުޅަވުން ކުރިމަތިވާ ފުއްޕާމެޔަށްޖެހޭ ބައްޔެކެވެ. މިއީ ނޭވާލާން އުނދަގޫވާ، ބަލީގައި ދުވަސްވާވަރަކަށް ގޯސްވަމުން (ބަލިބޮޑުވަމުން އަންނަ)ދާ ބައްޔެކެވެ. މިބަލިޖެހުމުން ފުއްޕާމެޔަށް ވައި އެތެރެވެ، ބޭރުވުމަށް ހުރަސްއަޅައެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުރި ކަމެއްގެ ސަބަބުން ނުވަތަ ހުށަހެޅުނު އެއްޗެއްގެ ސަބަބުން ފުއްޕާމެޔަށް ގެއްލުން ލިބުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިސާލަކަށް މިބަލި އެންމެ އާންމުކޮށް ޖެހެނީ ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ މީހުންނަށެވެ.
ސަބަބު
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވާގޮތް ނޫނީ ފުއްޕާމެޔަށް ގެއްލުންވާގޮތް
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވަނީ ކިހިނެއްކަން ހޯދުމުގެ ކުރިން ފުއްޕާމޭ މަސައްކަތްކުރާގޮތަށް ކުރުގޮތަކަށް ބަލާލަމާ ހިނގާށެވެ. ނޭވާލާއިރު އެތެރެވާ ވައި (އޮކްސިޖަން) ވައިނޮޅީގެ ތެރެއިން އެތެރެއަށް ގޮސް، ވައިހިނގާ ހޮޅި ތަކަށް ވާޞިލްވެއެވެ. ވައިނޮޅި އަށްފަހު، ވައިނޮޅީގެ ކަފިތަކަށް ވާޞިލްވެ، ފުއްޕާމޭގެ ތެރެއަށް ވައި ގޮސް، ވައިނޮޅީގެ ކުދި ކަފިތަކަށް ވާޞިލްވެއެވެ. އަދި އެއަށްފަހު ކުދިކުދި ކަފިތަކުގެ ތެރެއަށް ދެއެވެ. ފުއްޕާމޭގެ ތެރޭގައި ވައިހިނގާ ހޮޅިތައް މިފަދަ ކުދިކުދި، ތުނި، އެތައް ހާސް ހޮޅިތަކަކަށް ނުވަތަ ކަފިތަކަކަށް ބައިވެގެން ގޮސްފައިވެއެވެ. މިވައިހިނގާ ހޮޅިތައް ގޮސް ހުސްވަނީ (ނިމެނީ) ކުދިކުދި ވައިކޮތަޅު ތަކަކަށެވެ. މިވައިކޮތަޅުތަކުގެ ފާރުގައި ކުދި ލޭހޮޅިތައް ހުރެއެވެ. ފުއްޕާމޭގެ ތެރެއިން ދައުރުވަމުން އައި، ކުދި ވައިކޮތަޅުތަކުގެ ތެރެއަށް އައުމުން، ވައިކޮތަޅުތަކުގެ ތެރެއިން އޮކްސިޖަން އޭގެ ފާރުގައިވާ ލޭހޮޅިތަކުގެ ތެރެއަށް ފޮނުވާލައެވެ. އަދި ކުދި ލޭހޮޅިތަކުގައި ހުރި ކާބަން ޑައިއޮކްސައިޑް ކުދި ވައިކޮތަޅުތަކުގެ ތެރެއަށް ފޮނުވާލައެވެ. ފުއްޕާމޭގެ ތެރޭގައި ހިންގާ ގޭސް ބަދަލުކުރުމުގެ މަސައްކަތް ހިނގާގޮތަކީ މިއީ އެވެ. 

ވައިހިނގާ ހޮޅިތަކާއި، މަގުތަކާއި، ކުދި ވައިކޮތަޅު ތަކަކީ ދެމުމުގެ ގާބިލިއްޔަތު ލިބިފައިވާ ބައިތަކެކެވެ. އެތެރެއަށް ނޭވާލާއިރު ވައިކޮތަޅުތައް ފުއްޕާހަންތަކެއް ހެން ފުފޭނެ އެވެ. އަދި ބޭރަށް ނޭވާލާއިރު ވައިކޮތަޅުތައް ފުއްޕާ ހަންތަކެއްގެ ވައި ހިނދޭހެން ހިނދޭނެއެވެ. ފުއްޕާމޭގެ މަސައްކަތް ބަރޯސާވަނީ ވައިހިނގާ ހޮޅިތަކާއި، ވައިކޮތަޅުތަކުގައި ވައި ބޭރުކުރުމަށްޓަކައި ލިބިފައިވާ ދެމުމުގެ ގާބިލިއްޔަތުގެ މައްޗަށެވެ. މިގޮތަށް މިހޮޅިތަކާއި ވައިކޮތަޅުތަކަށް ލިބިދޭ އެކި ފަރާތަށް ދެމުމުގެ ގާބިލިއްޔަތު ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް އާއި ގުޅިގެން ގެއްލިގެން ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުދި ވައިކޮތަޅުތައް ފުޅާވެ، ނޭވާލުމުގެ ތެރޭގައި ބޭރުވެގެންދާ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުނުވެ، ފުއްޕާމޭގެ ތެރޭގައި ހިފެހެއްޓިފައި ހުންނަގޮތް ވެއެވެ.
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ގައި އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ، ފުއްޕާމޭގެ ތެރެއަށް ވައި ވަދެ ބޭރުވުން ދަށްވެގެންދަނީ އެވެ. އެހެންކަމުން ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވާނީ މިފަދަ ގޮތަކަށް ކަންތައްތައް ދިމާވުމުންނެވެ.
·         ވައިހިނގާ މަގުތަކާއި، ކުދިކުދި ވައިކޮތަޅު ތަކުގައި ހުންނަ އިލާސްޓިކްކަން {ދެމުމުގެ ގާބިލިއްޔަތު} ނެތިދިއުން
·         ގިނަ ވައިކޮތަޅުތަކުގެ ދެމެދުގައި ލޭގެ ފާރު ހަލާކުވުން
·         ވައިހިނގާމަގުގެ ފާރު ނޫނީ ބަތާނަ ފަށް ބޯވެ، ދުޅަވުން
·         ވައިހިނގާ މަގާއި، ފުއްޕާމޭގައި އާދަޔާ ޚިލާފަށް ގިނައިން ދަވަ އުފެދި ހަރުލުން
ވައިހިނގާ މަގުތަކާއި ހޮޅިތައް ހިމަވެ، ބެދުމަށް މެދުވެރިވާ ސަބަބުތައް
އާންމު ގޮތެއްގައި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ފެންމަތިވަނީ ދެބައްޔެއް އެކުވެގެންނެވެ. ނޫނީ ކްރޮނިކްސް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް އަށް މަގުފަހިކުރަނީ ދެހާލަތެއް އެކުވެގެން އައުމުންނެވެ. އެއީ:-

(ހ) ކްރޮނިކް ބްރޮންކައިޓިސް (Chronic bronchitis): މީގެ މާނައަކީ ދާއިމީ ގޮތަކަށް ވައިނޮޅީގެ ކަފި ދުޅަވުމެވެ. ނުވަތަ ވައިހިނގާ މަގުތަކުގެ ނޫނީ ހޮޅިތަކުގެ އެތެރޭ ބަތާނަ ފަށަލަ ދުޅަވުމެވެ. ވައިނޮޅީގެ ކަފިތައް ދުޅަވެ، މިކަފިތަކަށް ގެއްލުންވުމުން ނުފިލާ ކެއްސުމެއް ހުރެ، ފުއްޕާމޭގައި ވަރަށް ބައިވަރު ދަވަ (އަރިދަފުސް) އުފެދި ހަރުލާގޮތް ވެއެވެ. މިހެންވުމުން ވައިހިނގާ މަގު ހަނިކޮށް ހިމަކޮށްލާ ނޫނީ ބައްދާލައެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލާން އުނދަގޫވެއެވެ.

(ށ) އެމްފަޒީމާ (Emphysema): ދުޅަހެޔޮ މީހެއްގެ ހަށިގަނޑުގައި ފުއްޕާމޭގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކަކީ ފުއްޕާ ހަމެއް ފުފި، ހިނދޭހެން، ނޭވާލާއިރު، ކުޑަވެ، ބޮޑުވާ އެއްޗެކެވެ. އެމްފަޒީމާ ގައި ވާގޮތަކީ ކުދިކުދި ވައިކޮތަޅުތައް ހަލާކުވެ، އެއަށް ލިބިފައިވާ ދެމުމުގެ ކުޅަދާނަކަން ގެއްލިގެންދަނީ އެވެ. މިހެންވުމުން ނޭވާލާއިރު، ވައި އެތެރެވެ، ބޭރުވާ މިންވަރު ދަށްވެ، ނޭވާކުރުވުން ކުރިމަތިވެގެން ދަނީ އެވެ. 

ދުންފަތުގެ ދުމާއި، އެހެނިހެން ސަބަބުތައް
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވާ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. މިބަލި ހުންނަ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. ނޫނީ ކުރިން ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލު ކޮށްފައިވުން ގާތެވެ.  ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން، ހަށިގަނޑަށް އެތެރެވާ ދުންފަތުގެ ދުމުގެ ސަބަބުން ވައިހިނގާމަގު ހިލިގަނެ، ފުއްޕާމޭގައި ހުންނަ، ދެމުމުގެ ގާބިލިއްޔަތު ލިބިފައިވާ ފައިބަރުތައް ހަލާކުކޮށްލައެވެ. 

ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް މެދުވެރިވުމަށް މަގުފަހިކޮށްފާނެ އެހެން ކަންތައްތަކުގެ ތެރޭގައި ދިގުމުއްދަތަކަށް ހިރަފުސް، ކެމިކަލް ދުންތައް ހަށިގަނޑަށް އެތެރެވުން، ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުން، ގުޑުގުޑާގެ ނުސީދާ ދުމަށް ހުށަހެޅުން، ތަނެއް އަންދާއިރު ބޭރުވާ ދުމަށް ހުށަހެޅުން، އަދި ވައި ނުސާފުވެފައިވާ މާހައުލެއްގައި ދިގު މުއްދަތަކަށް އުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.
އާންމު ގޮތެއްގައި މިދެންނެވި ފަދަ ކަންތައްތަކުގެ ސަބަބުން ފުއްޕާމެޔަށް ގެއްލުންލިބި، ބަލީގެ އުނދަގޫތައް ފެނުމަށް ވަރަށް ގިނަ އަހަރުތަކެއް ނަގައެވެ. އެހެންކަމުން މިބަލި ގިނަ ފަހަރު ފާހަގަކުރެވެނީ ނޫނީ އެންމެ އާންމުކޮށް ފެންނަނީ އުމުރުން 60 އަހަރުން މަތީ މީހުންގެ ފުށުންނެވެ. ޅަފަތުގައި މާގިނައިން ފުއްޕާމޭގައި އިންފެކްޝަން ހެދުމަކީ ވެސް މިބަލިޖެހުމުގެ ފުރުޞަތު އިތުރުކޮށްފާނެ ކަމެކެވެ. ވިރާސީ ގޮތުން ބަލިޖެހުމުގެ ފުރުޞަތު އޮތުމަކީ ވެސް މިބަލިޖެހުމަށް މަގުފަހިކޮށްފާނެ ކަމެކެވެ. 

އަލްފާ -1- އެންޓިޓްރިޕްސިން މަދުވުން
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުންނަ މީހުންގެ ތެރެއިން %1 މީހުންނަށް މިބަލިޖެހެނީ އުފެދުމުގައި އަލްފާ -1- އެންޓިޓްރިޕްސިން ކިޔާ ޕްރޮޓީން އެއްގެ މިންވަރު މަދުވުމުންނެވެ. މިއީ ފުއްޕާމޭ ހިމާޔަތްކުރުމަށްޓަކައި، ފުރަމޭގައި އުފައްދައި، ލޭގެ ތެރެއަށް ދޫކުރާ ޕްރޮޓީން އެކެވެ. މި ޕްރޮޓީން މަދުވުމުން އޭގެ އަސަރު ފުރަމޭ އަދި ފުއްޕާމެޔަށް ވެސް ކުރާނެ އެވެ. އާންމު ގޮތެއްގައި ފުރަމެޔަށް ގެއްލުންވަނީ ތުއްތު ކުދިންނާއި، ކުޑަކުދިންގެ އެވެ. 

މަގުފަހިކުރާ ކަންތައްތައް
(ހ) ދުންފަތުގެ ދުމަށް ހުށަހެޅުން : ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް އަށް މަގުފަހިކުރާ އެންމެ މައިގަނޑު ސަބަބަކީ ދިގުމުއްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގައި ގިނަ ދުވަސްވާވަރަކަށް، ބަލިޖެހުމަށް މަގުފަހިވުން އިތުރުވާނެ އެވެ. ދުން ބުޔަސް، ސިގިރޭޓް ބުޔަސް، ސުއްޓާ ބުޔަސް ނޫނީ ބިޑި ބުޔަސް މި ހިރާސް އޮންނާނެ އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުން ވެސް ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން މިބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ. 

(ށ) ނޭވާހިއްލުން : ނޭވާހިއްލާ މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

(ނ) މަސައްކަތުގެ މާހައުލުން ހިރަފުހާއި، ކެމިކަލް ދުންތަކަށް ހުށަހެޅުން : މަސައްކަތުގެ މާހައުލުގައި ދިގުމުއްދަތަކަށް ހިރަފުސް، ކެމިކަލް ދުންތަކާއި، އާވި، އަދި އެހެނިހެން ދުމުގެ ބާވަތްތަކަށް ހުށަހެޅުމަކީ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. 

(ރ) އުމުރު : ގިނަ މީހުންނަށް ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް އުނދަގޫތައް ކުރިމަތިވާން ފަށަނީ އުމުރުން 40 އަހަރުވާފަހުންނެވެ. 

(ބ) ވިރާސީގޮތުން ހުންނަ މައްސަލައެއްގެ ސަބަބުން : އުފެދުމުގައި ހުންނަ މައްސަލައެއްގެ ސަބަބުން މިސާލަކަށް އަލްފާ -1- އެންޓިޓްރިޕްސިން މަދުވުމަކީ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެކެވެ. 

އަލާމާތްތައް
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒްގެ އުނދަގޫތައް ކުރިމަތިވަނީ ފުދޭވަރަކަށް ބޮޑަށް ފުއްޕޭމެޔަށް ގެއްލުންވުމުންނެވެ. އާންމު ގޮތެއްގައި ދުންފަތުގެ އިސްތިއުމާލުކުރާނަމަ ފުއްޕާމެޔަށް ލިބޭ ގެއްލުން މަޑުމަޑުން ދާނީ ގޯސްވަމުންނެވެ. ކްރޮނިކް ބްރޮންކައިޓިސްގެ މައިގަނޑު އަލާމާތްތަކަކީ ނުފިލާ ކެއްސުމެއް ކޮންމެ ދުވަހަކު ހުރުމާއެކު، ކެއްސާފައި ދަވައާއި އަރިދަފުސް އައުމެވެ. ކްރޮނިކް ބްރޮންކައިޓިސް ކަމަށް ބަލާނީ މިއުނދަގޫތައް ކޮންމެ އަހަރަކު 3 މަސް ދުވަހު، ޖެހިޖެހިގެން 2 އަހަރުގެ މުއްދަތަށް ކުރިމަތިވެއްޖެނަމަ އެވެ. 

ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒްގެ އަލާމާތްތަކުގެ ތެރޭގައި:-
·         ދިގުމުއްދަތަކަށް ނުފިލާ ކެއްސުމެއްހުރުން
·         ކެއްސާއިރު އަރިދަފުސް (ކަރުތެރެއިން ދަވަ) އައުން
·         ނޭވާކުރުވެ، ނޭވާލާން އުނދަގޫވުން
·         ނޭވާލާއިރު ތޫލިއަޑުހުރުން
·         މެޔަށްބާރުވެ، މޭފިތޭހެން ހީވުން
·         ފުއްޕާމޭގައި ދަވަ ހަރުލާފައި ހުންނާތީ ކޮންމެ ދުވަހަކު ހެދުނު ފުރަތަމަ ކުރާކަމަކަށް ކަރުތެރެ ސާފުކުރަންޖެހުން
·         ނުފިލާ ކެއްސުމެއް ހުރުމާއެކު އަންނަ އަރިދަފުސް ފަހަރުގައި ހުދު، ރީނދޫ، ނޫނީ ފެހިކުލައިގައި ހުރެދާނެ އެވެ.
·         ތުންފަތާއި ނިޔަފަތީގެ ދަށުގެ ކުލަ ނޫވުން (ނޫވުން)
·         ވަރަށް އަވަސް އަވަހަށް ކައިރި ކައިރީގައި އަރިދަފުސް ރޯގާޖެހުން
·         ގައިގައި ބާރު ނުހުރުން (ހަކަތަ ނުހުރުން)
·         ހަށިގަނޑުގެ ބަރުދަން މާބޮޑަށް ލުއިވުން (ބަލީގެ ފަހު މަރުހަލާގައި)
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ގޯސްވަމުންދާ ވަރަކަށް (ބަލީގައި ގިނަ ދުވަސްވާވަރަކަށް) ހެދުން ބަދަލުކުރުން، ކާއެއްޗެއް ތައްޔާރުކުރުން ފަދަ ކުދިކުދި ކަންތައްތައް ކޮށްލާއިރަށް ވެސް ނޭވާކުރުވެދާނެ އެވެ. ކެއުން ނޫނީ ކަސްރަތުކުރުން އުނދަގޫކަމަކަށް ވެދާނެ އެވެ. ނޭވާލުމަށް އިތުރު ހަކަތައާއި ބާރު ބޭނުންވާނެ އެވެ. ގިނަ މީހުންގެ ހަށިގަނޑުގެ ބަރުދަން ލުއިވެ، ހިކިވެ އަނަރޫފަ ވެއެވެ. 

ބައެއް ފަހަރު ކުއްލިއަކަށް ބަލީގެ އުނދަގޫތައް ކުރިމަތިވެ، ބަލިހާލަތު ގޯސްވެގެން ހިގައިދާނެ އެވެ. މިހާލަތަކަށް ކިޔަނީ "ސީއޯޕީޑީ އެކްޒަސަބޭޝަން"(COPD Exacerbation) އެވެ. ބައެއް ފަހަރު އާދައިގެ މިންވަރަކަށް ބަލި ގޯސްވެގެން ދިޔަސް، އަނެއްބައި ފަހަރު މިއީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. ބަލީގައި ގިނަ ދުވަސްވާވަރަކަށް ކުއްލިއަކަށް ބަލީގެ ހާލަތު ގޯސްވުމުން ދިމާވާ ނުރައްކާ ބޮޑުވެގެންދާނެ އެވެ. 

ދިމާވެދާނެ ނުރައްކާތައް
(ހ) ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް ޖެހުން : ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުންނަ މީހުންނަށް އަރިދަފުސް ރޯގާ، އިންފުލުއެންޒާ އަދި ނިއުމޯނިޔާ ފަދަ ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މިފަދަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުން ނޭވާލާން އުނދަގޫވެ، ފުއްޕާމެޔަށް ގެއްލުންވުން އިތުރުވެއެވެ. 

(ށ) ހިތުގެ މައްސަލަތައް : ބެލެވިފައިވާ ގޮތުގައި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުރުމަކީ ހާޓް އެޓޭކް ޖެހުމުގެ ހިރާސް އިތުރުކޮށްދޭ ކަމެކެވެ.

(ނ) ފުއްޕާމޭގެ ކެންސަރު ޖެހުން : ދިރާސާތަކުން ދައްކާގޮތުގައި ކްރޮނިކް ބްރޮންކައިޓިސް ހުންނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވާ ކަމެކެވެ.

(ރ) ލޭމައްޗަށްދިއުން : ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ގެ ސަބަބުން ފުއްޕާމެޔަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގައި ޕްރެޝަރު އިތުރުވެ، ލޭމައްޗަށްދިއުމަށް މަގުފަހިވެއެވެ. މިހާލަތަށް ކިޔަނީ "ޕަލްމޮނަރީ ހައިޕަޓެންޝަން" އެވެ. 

(ބ) ހިތާމަކުރުމުގެ ބަލި : ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒްގައި ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން އާންމުކޮށް ގަޔާވެގެންކޮށްއުޅޭ ކަންކަމާ މީހާ ދުރުކޮށް، އެކަހެރިވާގޮތް ވެއެވެ. އަދި މިގޮތަށް ގިނަ ދުވަސްވުމުން މީހާ މާބޮޑަށް މޮޅިވެރިވެ، ދެރަވެ، ހިތާމަކުރުމުގެ ބައްޔޭ ކިޔޭ ހިސާބަށް މީހާގެ ހާލަތު ބަދަލުވެއެވެ.

ދެނެގަތުން
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ދުވަސްތަކެއް ވަންދެން އޮންނަނީ ދެނެނުގަނެވި ދޫކޮށްލެވިފައެވެ. ގިނަ ފަހަރު އެނގޭނީ އެތައް ދުވަހެއްވާ ފަހުންނެވެ. އާންމު ގޮތެއްގައި ގިނަ ދުވަސްތަކެއް ވަންދެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް މިކަން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. 

ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުރިކަން ދެނެގަތުމަށް އަންނަނިވި ކަންތައްތައް ފުރިހަމަކުރާނެ އެވެ.
(ހ) - ބަލިމީހާގެ ޙާލަތު ހުރިނެތްގޮތް އަހައި ސާފުކޮށް، ކުރިމަތިވާ އުނދަގޫތައް އޮޅުން ފިލުވުން :  އެގޮތުން ބަލިމީހާއަށް ދިމާވެފައިވަނީ ކޮންކަހަލަ އުނދަގޫތަކެއްތޯއާއި، ދުންފަތުގެ އިސްތިއުމާލުކުރޭތޯ އާއި، ދުންފަތުގެ އިސްތިއުމާލުކުރާތާ ވީ ކިހާ ދުވަހެއްތޯ އާއި، ދިރިއުޅޭ މާހައުލު ހުންނަގޮތާއި، މަސައްކަތުގެ މާހައުލު ހުންނަގޮތް، ފުއްޕާމެޔަށް ގެއްލުން ލިބިދާނެ ފަދަ ބާވަތަކަށް ދިގުމުއްދަތަކަށް ހުށަހެޅިފައިވޭތޯ ފަދަ ކަންތައްތައް އަހައި އޮޅުން ފިލުވާނެއެވެ.

(ށ) - ޖިސްމާނީ ގޮތުން ބެލުން : ނޭވާލާއިރު ފުއްޕާމޭގައި ކަށިގަނޑު ޖައްސައިގެން އަޑުއަހައި ފުއްޕާމޭގެ ހާލަތު ދެނެގަނެއެވެ. ފުއްޕާމޭ އޮންނަ ހިސާބު ބޭރުފުށުން ހުރި ގޮތާއި، އައިސްފައިވާ ބަދަލުތައް ޖިސްމާނީ ބެލުންތަކުން ހޯދާނެއެވެ. 

(ނ) - ފުއްޕާމޭ މަސައްކަތްކުރާ ގޮތް ބެލުމަށް ސްޕައިރޯމެޓްރީ ހެދުން (spirometry): ސްޕައިރޯމެޓްރީ އަކީ "ސްޕައިރޯމީޓަރު"(spirometer) ކިޔާ އާލަތެއް ބޭނުންކޮށްގެން ހަދާ ޓެސްޓެކެވެ. މިއީ ފުއްޕާމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ ޓެސްޓެ(LFT)ކެވެ. މިއާލަތުގެ އެހީގައި ފުންނޭވާއެއް އެތެރެއަށް ލުމަށްފަހު، ބޭރަށް ނޭވާލާއިރު ބޭރުވަނީ ވައިގެ ކިހާ މިންވަރެއްކަން ބެލޭނެއެވެ. މީގެ އިތުރުން މިއާލަތުގެ އެހީގައި ފުއްޕާމޭގައި ހުރި ވައިބޭރުކޮށް ހުސްކޮށްލެވެނީ ކިހާ އަވަހަކަށް ކަންވެސް ދެނެގަނެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ނޭވާ ހިނގާ މަގުގައި އެއްވެސް ކަހަލަ ހުރަހެއް، ނުވަތަ ބެދުމެއް (ބަންދުވުމެއް) ހުރިތޯ ދެނެގަނެވޭނެ އެވެ. އަދި ފުއްޕާމޭގެ މަސައްކަތަށް ބުރޫއެރުމެއް (އުނިކަމެއް) އައިސްފައިވޭތޯ ވެސް ދެނެގަނެވޭނެ އެވެ. އަދި ނޭވާހިއްލުމަށް ދޭ ބޭސްތަކަށް ހަށިގަނޑު އިޖާބަދޭ މިންވަރު ދެނެގަތުމަށް ވެސް މިޓެސްޓު އެހީތެރިވެދެއެވެ. މިޓެސްޓު ހެދުން އެދެވިގެންވަނީ އުމުރުން 5 އަހަރުން މަތީގެ ކުދިންނާ ބޮޑެތި މީހުންނެވެ. މިޓެސްޓު ހެދުމުގެ ކުރިން ނުވަތަ ފަހުން ބައެއް ފަހަރު އަލްބިއުޓިރޯލް ފަދަ އަވަހަށް(ކުރުމުއްދަތަކުން) މަސައްކަތްކުރާ (Short-acting) ނޭވާހޮޅި ފުޅާކުރާ ބޭހެއް (Bronchodilator) ބޭނުންކުރަން ބުނެފާނެ އެވެ. މިބޭސް ބޭނުންކުރުމުން ނޭވާ ހިނގާ މަގު ފުޅާވެ، ފަސޭހަކަމާއެކު ވައިދައުރުވުމަށް އެހީތެރިވެދެއެވެ.

ނޯޓު: އާންމު ގޮތެއްގައި ފުއްޕާމޭގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހެދޭ މައިގަނޑު ދެޓެސްޓަކީ ސްޕައިރޯމެޓްރީ އަދި މިތަކޯލިން ޗެލެންޖް ޓެސްޓެވެ. މިދެޓެސްޓަށް ތައްޔާރުވާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޓެސްޓުހަދަން އޮންނަ ދުވަހު ދުންފަތުގެ އިސްތިއުމާލުނުކުރުން، ކޮފީ، ސައި، ކޯލާ، ޗޮކްލެޓް ފަދަ ތަކެތި ބޭނުންނުކުރުން، ކަސްރަތުކުރުން އަދި ފިނި މާހައުލަށް ހުށަހެޅުން ފަދަ ކަންތައްތަކާ ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ. 

(ރ) - މޭގެ އެކްސްރޭ ނެގުން (chest x-ray): މޭގެ އެކްސްރޭ ހެދުމުން، ފުއްޕާމޭ، ހިތް، އަދި އަރިކަށިތަކާއި މޭކަށިތައް ހުރިނެތްގޮތް ދެނެގަނެވެއެވެ. ކުރިމަތިވާ އުދަގޫތަކުގެ އަސްލަކީ ނޭވާހިއްލުން ނޫން އެހެން ކަމެއް ނަމަވެސް މޭގެ އެކްސްރޭ ބަލައިގެން އެނގިދާނެއެވެ. މޭގެ އެކްސްރޭ ނެގުމުން އެމްފަޒީމާ ގެ ސަބަބުން ފުއްޕާމޭގެ އެތެރެއަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރަން ފަސޭހަވެގެންދާނެ އެވެ. 

(ބ) - ފުއްޕާމޭގެ ސީޓީ ސްކޭން ހެދުން ( CT scan) : ފުއްޕާމޭގެ ސީޓީ ސްކޭން ހެދުމަކީ ވެސް އެމްފަޒީމާ ހުރިކަން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފުއްޕާމޭގެ ކެންސަރަށް ސްކްރީން ކުރުމުގެ ގޮތުން ވެސް ސީޓީ ސްކޭން ހެދެއެވެ. ފުއްޕާމޭގެ ކެންސަރު ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުންނަ މީހުންނަށް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. 

(ޅ) - ލޭގައި ގޭސްތައް ހުރި މިންވަރު ބެލުން :  މިޓެސްޓުގެ އެހީގައި ލެޔަށް އޮކްސިޖަން ފުއްޕާމެއިން ފޯރުކޮށޮދޭ މިންވަރާއި، ލެއިން އޮކްސިޖަން ފުއްޕާމޭއިން ބޭރުކޮށްދޭ މިންވަރު ދެނެގަނެވޭނެ އެވެ. 

(ކ) - އެހެނިހެން ޓެސްޓުތައް ހެދުން : މިބަލީގެ އުނދަގޫތައް ދިމާވެދާނެ އެހެން ހާލަތްތައް ދެނެގަތުމަށް ގުޅުންހުރި ޓެސްޓުތައް ހަދައިފާނެ އެވެ. 

ފަރުވާ
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ގެ އުނދަގޫތައް ކުޑަކުރުމަށް އެންމެ ރަނގަޅު ގޮތަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ވަރަށް މުހިއްމު، އަދި އެހާމެ ބޭނުންތެރި ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާތާ ކިތައްމެ ގިނަ ދުވަހެއް ވެފައި ވިޔަސް، ހުއްޓާލާ ދުވަހުން ފެށިގެން ވެސް، ފުއްޕާމެޔަށް ގެއްލުން ލިބުން ކުޑަކުރުމަށް އެހީތެރިކަން ލިބިގެންދާނެ އެވެ. 

ބޭސް ބޭނުންކުރުން
ބަލީގެ އުނދަގޫތައް ކުޑަކޮށް، ބަލިމީހާއަށް ލުއިކަން ހޯދައިދިނުމަށް ބައެއް ބޭސްތައް ޑޮކްޓަރުން ލިޔެދެއްވާނެ އެވެ. އެގޮތުން ލިޔެދެއްވާ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

(ހ) ނޭވާހިނގާ މަގު ފުޅާކުރާ ބޭސްތައް ނުވަތަ ނޭވާލާން ފަސޭހަކޮށްދޭ ބޭސްތައް : މިފަދަ ބޭސްތައް އާންމުކޮށް ދެވެނީ އިންހޭލަރ (އަނގައިން އެތެރެއަށް ދަމާ ބޭސް) ގެ ސިފައިގައެވެ. މިގޮތަށް ބޭސް ބޭނުންކުރުމުން ބޭސް ސީދާ ގޮތެއްގައި ފުއްޕާމެޔަށް ވާޞިލްވެއެވެ. އިންހޭލަރ ބޭނުންކުރާނަމަ، ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. 

(ށ) އަނގައިން އެތެރެއަށް ދަމާ ސްޓީރޮއިޑް : އަނގައިން އެތެރެއަށް ދަމާ ސްޓީރޮއިޑަކީ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުންނަ މީހުންނަށްދެވޭ ފަރުވާ އެކެވެ. މިއީ ކުއްލިއަކަށް ބަލީގެ އުނދަގޫތައް ކުރިމަތިވުމުން ދުރުކޮށްދީ، ނޭވާހިނގާ މަގުގައި ދަވަ އުފެދުން ކުޑަކޮށްދީ، އެހިސާބުގައި އުފެދޭ ދުޅަ ތިރިކޮށްދޭ ބޭހެކެވެ.

(ނ) އެއްކޮށްގެން ދީއުޅޭ ބޭސްތައް : ބައެއް ނޭވާހޮޅި ފުޅާކުރާ ބޭސްތަކާއި، އަނގައިން އެތެރެއަށްދަމާ ބޭސްތައް އެއްކޮށްގެން ވެސް ދީއުޅެއެވެ. ދެބޭސް އެއްކޮށް ހުންނަ އިންހޭލަރ ބޭނުންކުރުމުން ފަސޭހަކަމާއެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެބޭސް ހަށިގަނޑަށް ފޯރުކޮށްދެވި، ފަރުވާގެ މުއްދަތު ކުރުވެގެން ދިއުމަށް އެހީތެރިވެދެއެވެ. އާންމުކޮށް އިންހޭލަރ ތަކުގެ ގޮތުގައި ބޭނުންކޮށްފައި ހުންނަނީ ސްޓީރޮއިޑް (ޕްރެޑްނިސޯން) ފަދަ ދުޅަތިރިކޮށްދޭ ބޭސްތައް، އަދި ނޭވާހޮޅި ފުޅާކޮށްދޭ ބޭސްތައް، ނުވަތަ މިދެބާވަތުގެ ބޭސް އެއްކޮށެވެ. 

(ރ) ސްޓީރޮއިޑް ގުޅަ ބޭސް : ކުއްލިއަކަށް ބަލީގެ އުނދަގޫތައް ކުރިމަތިވާ މީހުންނަށް ކުރު މުއްދަތަކަށް ސްޓީރޮއިޑް ގުޅަ ބޭހުގެ ގޮތުގައި ބޭނުންކުރުމަށް އިރުޝާދު ދެވެއެވެ. މިގޮތަށް ދިނުމުން އިތުރަށް ބަލީގެ ހާލަތު ގޯސްވެގެން ދިއުން ކުޑަކޮށްދެއެވެ. ނަމަވެސް ދިގުމުއްދަތަކަށް ސްޓީރޮއިޑް ގުޅަ ބޭހުގެ ގޮތުގައި ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހަކުރު ބަލި، ފަލަވުން، ކަށިފީވުން، ލޯފުސްވުން، އަދި އިންފެކްޝަން ޖެހުމުގެ ހިރާސް އިތުރުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ބ) - ތިއޯފައިލިން(theophyline) : ތިއޯފައިލިން އަކީ ނިސްބަތުން ބާރުދަށް އަގުހެޔޮ ބޭހެކެވެ. ތިއޯފައިލިންގެ މަސައްކަތަކީ ނޭވަޔަށް އުދަނގޫވުމުން ހަނިވެ ހިމަވެގެންދާ ނޭވާހޮޅީގެ މަސްތަކަށް ދޫކަން ގެނެސްދީ، ހަމައަކަށް އަޅުވައި، ނޭވާހޮޅި ފުޅާކޮށް، ނޭވާހިނގާ މަގު ހުޅުވައި ދިނުމެވެ. އާންމު ގޮތެއްގައި ނޭވަޔަށް އުދަނގޫކުރުމުގެ ފަރުވާގައި ވަރަށް މަދުން ބޭނުންކުރެވޭ ތިއޯފައިލިން ގުޅަ ބޭސް، ދިޔާ ބޭސް، އަދި އިންޖެކްޝަންގެ ގޮތުގައި ތައްޔާރުކޮށްފައި ހުރެއެވެ. ތިއޯފައިލިން ބޭނުންކުރުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރު ތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ބޭރަށްހިންގުން، ބަނޑުގައި ރިހުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ހިތްހަމަ ނުޖެހުން އަދި ހިތުގެ ވިންދު އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ޅ) އެންޓިބަޔޮޓިކް ބޭނުންކުރުން : އެންޓިބަޔޮޓިކް ބޭނުންކުރަން ލަފާދެނީ ބްރޮންކައިޓިސް، ނިއުމޯނިޔާ ފަދަ ނޭވާލާ ނިޒާމުގެ އިންފެކްޝަނެއް އުފެދިފައިވާނަމަ އެކަމަށް ފަރުވާ ކުރުމަށެވެ. 

ލަންގް ތެރަޕީގެ ގޮތުގައި ކުރެވޭ ކަންތައްތައް
·         ޕަލްމޮނަރީ ރިހެބް ޕްރޮގްރާމް : މިޕްރޮގްރާމްގެ އެހީގައި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާގެ ދަށުން ކައުންސެލިންގ ފޯރުކޮށްދީ، ކަސްރަތުކުރާނެގޮތްތައް ދަސްކޮށްދީ، ކެއުން ބަހައްޓާނެގޮތް ކިޔައިދީ، އަދި ފަސޭހައިން ނޭވާލާނެ ގޮތް ބަލިމީހާއަށް އުގަންނައިދޭނެ އެވެ.
·         އޮކްސިޖަން : ބައެއް ވަގުތުތަކުގައި ނޫނީ ގިނަ ވަގުތުތަކުގައި އޮކްސިޖަން ބޭނުންކުރަން ޖެހިދާނެ އެވެ.
އޮޕަރޭޝަންކުރުން
އެމްފަޒީމާގެ ނުރައްކާތެރި ބައެއް ވައްތަރުތަކުގައި ބޭހުން އަސަރުނުކޮށްފިނަމަ ސާޖަރީ ހަދަންޖެހުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނެނީ:-
·         ފުއްޕާމޭގެ ބައެއް އޮޕަރޭޝަންކޮށްގެން ނެގުން
·         ފުއްޕާމޭ ބަދަލުކުރުން
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް އާއެކު ދިރިއުޅެން ދަސްކުރުން
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުރި ނަމަވެސް ދުޅަހެޔޮކޮށް ހުރުމަށްޓަކައި ގޭގައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
·         ދުންފަތުގެ ދުމާ ދުރުހެލިވުން
·         ފުއްޕާމެޔަށް ގެއްލުން ލިބިދޭ ފަދަ (ދުންފަތުގެ ދުން، ކެމިކަލްދުންތައް، ހިރަފުސް ) ބާވަތްތަކާ ދުރުހެލިވުން
·         ގޭގައި "އެއަރ ފިލްޓަރ" އެއް ބެހެއްޓުން
·         ގަވާއިދުން ކަސްރަތުކުރުން
·         ހަށިގަނޑަށް ފައިދާހުރި ކާތަކެތި ބޭނުންކުރުން
·         ކުއްލިއަކަށް ބަލި ގޯސްވެއްޖެނަމަ ގޭގައި އަމަލުކުރާނެގޮތް ޑޮކްޓަރުގެ ކިބައިން އަހައި އޮޅުންފިލުވާފައި ބޭއްވުން
މައުލޫމާތު :




Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 9ވަނަ މަސް


ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ނުވަވަނަ މަސް
އެވްރެޖުކޮށް ތުއްތު ކުދިންގެ ދިގުމިން19 އިންޗިއަށްވުރެ ދިގުވާނެ (20.5 އިންޗިވަރު) އެވެ. ބަރުދަން 3 ކިލޯއަށްވުރެ އިތުރު (3.4ކިލޯ) ވާނެއެވެ. މިމަހުގެ ތެރޭގައި ކުއްޖާގެ ބަރުދަން ހަފްތާއަކު ބައި ޕައުންޑް އިތުރުވެއެވެ. ހަށިގަނޑު ފަލަވެ، ހަންގަނޑަށް އޮމާންކަން އާދެއެވެ. އުފަންވަން ކައިރިވުމުން ކުއްޖާ ބަނޑުގައި އޮންނަ ގޮތް ބަދަލުވެއެވެ. މިހާލަތުގައި ކުއްޖާ އޮންނަނީ ދެފައި މެޔާއި ހަމައަށް ނެގުމަށް ފަހު ބޯކޮޅުވަތަށް ''ބާރތް ކެނަލް''(Birth canal)އާއި ދިމާ ތިރިއަށެވެ. މައިމާގެ ހަށިގަނޑުން ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަތައް ކުޑަދަރިފުޅުގެ ހަށިގަނޑަށް މަހުގެ ޒަރީއާއިން ވާސިލްވެއެވެ. އަމްބިލައިކަލް ކޯޑް ނުވަތަ ފޫޅުގައި ލޭދައުރުވާ މިންވަރު އަވަސްވެ، މަތިވުމުން، އެއަށް ދެމި، ވާންވެ، އޮޅިގެން ދިޔަ ނުދީ ހިފަހައްޓައެވެ.
ނިދުމުގެ އުސްލޫބުތައް ކުޑަދަރިފުޅު ދެނެގަންނަށް ފަށައެވެ. ޅިދުކަށިގަނޑާއި ދިމާލުން ދަށްބަނޑުގައި ފައިންޖެހުން، ޕަންޗުކުރުން ފަދަ ހަރަކާތްތައް ކުޑަދަރިފުޅު ކުރެއެވެ. މިހަރަކާތްތަކަށް ނުވަތަ މިމަސައްކަތަށް ''ލައިޓްނިންގ''އޭ ކިޔައެވެ. ކުޑަދަރިފުޅު ކުރާ މިހަރަކާތްތައް ނުވަތަ ތޮޅުންތައް މައިމީހާއަށް އިހްސާސް ކުރެވެއެވެ. ފުއްޕާމޭ ހެދި ފުރިހަމަވެ، އޭގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރަން ފަށައެވެ. ކުޑަދަރިފުޅުގެ ބޮލުގެ ކަށިތައް މަޑުވެ، އެކިގޮތްގޮތަށް ލެއްބެއެވެ. މިކަމުގެ ސަބަބުން ''ބާރތް ކެނަލް'' ގެތެރެއިން ކުޑަދަރިފުޅު ބޭރުވުމަށް މަގުފަހިކޮށް ދެއެވެ.
ކުޑަދަރިފުޅުގެ ދިގުމިނުގައި 20އިންޗި ހުރެއެވެ. ބަރުދަން ހުންނަނީ 9-6ޕައުންޑްއާއި ދެމެދުގެ މިންވަރަކަށެވެ. 38ވަނަ ހަފްތާއާއި، 42ވަނަ ހަފްތާއާއި ދޭތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް ވިހެއުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮކްޓަރުން ވިހާނެކަމަށް ބުނާ ތާރީޚްގައި ވިހަނީ އެންމެ %5ގެ މީހުންނެވެ.
·         9 ވަނަ މަހުގެ ތެރޭގައި ދަރިފުޅުގެ ބަރުދަން އިތުރުވަމުން އާދެއެވެ. ގާތްގަނޑަކަށް ދުވާލަކު ގްރާމެއްވަރަށް ބަރުދަން އިތުރުވާނެއެވެ.
·         ދަރިފުޅުގެ ދިފާޢީބާރު ގަދަކޮށްދޭ ބައިތައް (ހަށިދަމަނަތައް) މަންމަގެ ލެއިން ދަރިފުޅަށް ލިއްބައިދެއެވެ. މިހަށިދަމަނަ ތަކުގެ ސަބަބުން ވިހެއުމަށްފަހު ވެސް ފުރަތަމަ 6 މަސް ދުވަހު ދަރިފުޅުގެ ދިފާޢީ ބާރު ވަރުގަދަވެއެވެ.
ފަލަވެލާފައި ހުރިހާ ގޮތަކަށް ހެދި ފުރިހަމަވެއެވެ. ވިހަންކައިރިވާއިރު ބަނޑުގައިވާ ދަރިފުޅުގެ ބަރުދަނުގައި އެވްރެޖްކޮށް ހުންނާނީ ގާތްގަނޑަކަށް 3 ކިލޯ އެވެ. 
ނުވަވަނަ މަހުގައި ހިމެނެނީ :
  • 38 ވަނަ ހަފްތާ
  • 39 ވަނަ ހަފްތާ
  • 40 ވަނަ ހަފްތާ
  • 41 ވަނަ ހަފްތާ
އަށުތިރީސްވަނަ ހަފްތާ



ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½ 19 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 6.8 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) ލީކްސް ފަތްބޮޑިއެއްވަރު
ތުއްތު ދަރިފުޅު މިހާރު އޮންނާނީ ވަރަށް ރީތި ކޮށެވެ. އަތުން އެއްޗެތީގައި ހިފައި ހަދާނެއެވެ. ގުނަވަންތައް ވެސް ހުންނާނީ އުފެދި ފުރިހަމަވެފައެވެ. ތުއްތު ދަރިފުޅު މިހާރު އެވަނީ ދުނިޔެއަށް ނޭވާލުމަށް ތައްޔާރުވެފައެވެ. ތުއްތު ދަރިފުޅު އުފަންވިއިރު ލޮލުގެ ކުލަ އަކީ މުށިކުލަ ނަމަ، އެކުލައިގައި ލޯހުރުން ގާތެވެ. ނަމަވެސް ތުއްތު ދަރިފުޅު އުފަންވިއިރު ލޮލުގެ ކުލައަކީ ގަދަ އަޅި ކުލަ، ނޫނީ ނޫކުލަނަމަ، ލޮލުގެ ކުލަ އެގޮތުގައި ހުރެދާނެ އެވެ. ނޫނީ ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި (އުމުރުން 9 މަސް ހިސާބުގައި) ލޮލުގެ ކުލަ މުށި، ނޫނީ ފެހި ކުލައަށް ބަދަލުވާނެއެވެ. މިހެންދިމާވަނީ އުފަންވުމަށްފަހު ފުރަތަމަ ދެތިން މަހުގެ ތެރޭގައި ކަޅިއަށް ޕިގްމެންޓްތައް ލިބުން ނޫނީ ކަޅީގައި ޕިގްމެންޓް ޖަމާވުން އިތުރުވެގެންދާތީ އެވެ.
އަށުތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ލޯ : ތުއްތު ދަރިފުޅު އުފަންވިއިރު ލޮލުގެ ކުލަ އަކީ މުށިކުލަ ނަމަ، އެކުލައިގައި ލޯހުރުން ގާތެވެ. ނަމަވެސް ތުއްތު ދަރިފުޅު އުފަންވިއިރު ލޮލުގެ ކުލައަކީ ގަދަ އަޅި ކުލަ، ނޫނީ ނޫކުލަނަމަ، ލޮލުގެ ކުލަ އެގޮތުގައި ހުރެދާނެ އެވެ. ނޫނީ ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި ލޮލުގެ ކުލަ މުށި، ނޫނީ ފެހި ކުލައަށް ބަދަލުވާނެއެވެ.
އަތްތިލަ : ތުއްތު ދަރިފުޅުގެ އަތްތިލައިން އެއްޗެތީގައި ރަނގަޅަށް ހިފާނެ އެވެ.
އަށުތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ބަނޑަށް އަށުތިރީސް ހަފްތާ ވާއިރު ވެސް ތުއްތު ދަރިފުޅުގެ ކަޅުކަޅީގައި ހުންނަ ޕިގްމެންޓްތައް އަދި މުޅިން ފުރިހަމަ ނުވެދާނެ އެވެ. މާނައަކީ އުފަންވާއިރު ނޫކުލައިގެ ކަޅުކަޅިއެއް ހުރިނަމަވެސް، ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ލޮލުގެ ކަޅުކަޅީގެ ކުލަ ބަދަލުވުމުގެ ފުރުޞަތު އޮތުމެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ލީކްސް ފަތްބޮޑިއެއް ވަރެވެ.
ނަވަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 20 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 7 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) ކުޑަ ކަރަލެއް ވަރު
ތުއްތުދަރިފުޅުމިހާރު އެވަނީ ދުވަސްފުރިފައެވެ. ދުނިޔެއަށް ނޭވާލުމަށް ތައްޔާރުވެފައެވެ. އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށްޓަކައި، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ސަރުބީގެ ފަށަލަތައް އަދިވެސް ދާނީ އިތުރުވަމުންނެވެ.ތުއްތު ދަރިފުޅުގެ ހަމުގެ ބޭރަށް ހުންނަ ސެލްތައް ވަކިވެ، ހަންފޮޅި، އޭގެ ދަށުން އާ ހަމެއް އުފެދޭނެ އެވެ.
ނަވަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެންދުލި : މީހަކު "ތިމަންނަގެ ފެންފައިބަނީއޭ" ބުނެފިނަމަ އޭގެ މާނައަކީ ފެންދުލި ފަޅައިގެންގޮސް، ފެން ފޭބުމެވެ. ގިނަ ފަހަރު ވިހަން ކައިރިވުމުގެ ކުރިން މިހެން ދިމާލެއް ނުވާނެ އެވެ.
ފެޓް : އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށްޓަކައި، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ސަރުބީގެ ފަށަލަތައް އަދިވެސް ދާނީ އިތުރުވަމުންނެވެ.
ހަން : ތުއްތު ދަރިފުޅުގެ ހަމުގެ ބޭރަށް ހުންނަ ސެލްތައް ވަކިވެ، ހަންފޮޅި، އޭގެ ދަށުން އާ ހަމެއް އުފެދޭނެ އެވެ.
ނަވަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ބަނޑަށް 39 ހަފްތާ ވުމުން ބަލާނީ ދުވަސްފުރުނީ ކަމަށެވެ. ތުއްތު ދަރިފުޅު ހުންނާނީ ޖިސްމާނީގޮތުން އުފެދި ފުރިހަމަވެފައެވެ. ނަމަވެސް އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމަށްޓަކައި، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ސަރުބީގެ ފަށަލަތައް އަދިވެސް ދާނީ އިތުރުވަމުންނެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކުޑަ ކަރަލެއް ވަރެވެ.
ސާޅީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 20 އިންޗި އަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ½7 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) ކުޑަ ބަރަބޮލެއް ވަރު
ތުއްތު ދަރިފުޅުގެ ބޮލުގެ ނާށިގަނޑުގެ ކަށިތައް ހުންނާނީ ދޫކޮށެވެ. މިހެންވުމުން ވިހެއުމުގެ ތެރޭގައި ބޭނުންވާ މިންވަރަކަށް ކަށިތަކަށް އޮނބި، ފިތިގެންދިއުމުގެ ގާބިލިއްޔަތު ލިބިގެންދާނެއެވެ. އުފަންވުމަށްފަހު ފުރަތަމަ އަހަރުގެ ތެރޭގައި ބޮލުގެ މެދުން ސިކުނޑިވަޅު ނޫނީ ފެންކަފަވަޅު އަޑިކޮޅެއްގެ ސިފައިގައި މަޑުމަޑުކޮށް ހުންނާނެ އެވެ.
ސާޅީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
އިސްތަށި : ފާއިތުވާ ކޮންމެ ދުވަހަކާ އެކު، ތުއްތު ދަރިފުޅުގެ އިސްތަށިތަކާއި، ނިޔަފަތިތައް ދާނީ ދިގުވަމުންނެވެ.
ބޮލުގެ ނާށިގަނޑު : ބޮލުގެ ނާށިގަނޑުގެ ކަށިތައް ހުންނާނީ ދޫކޮށެވެ. މިހެންވުމުން ވިހެއުމުގެ ތެރޭގައި ބޭނުންވާ މިންވަރަކަށް ކަށިތަކަށް އޮނބި، ފިތިގެންދިއުމުގެ ގާބިލިއްޔަތު ލިބިގެންދާނެއެވެ. އުފަންވުމަށްފަހު ފުރަތަމަ އަހަރުގެ ތެރޭގައި ބޮލުގެ މެދުން ސިކުނޑިވަޅު ނޫނީ ފެންކަފަވަޅު އަޑިކޮޅެއްގެ ސިފައިގައި މަޑުމަޑުކޮށް ހުންނާނެ އެވެ.
ސާޅީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ދުވަސް ފުރިފައިވާނަމަ ދެން ވިހާކަން އެހާ ލަހެއް ނުވާނެއެވެ. ޚާއްޞަކޮށް ދުވަސް ގުނަން ފެށީ އެންމެ ފަހުން މައްސަރު ކަންތައް ޖެހުނު ދުވަހުން ކަމަށްވާނަމަ ލަހެއް ނުވާނެ އެވެ. ބައެއް އަންހެނުންނަށް ލަފާކުރާ ދުވަހަށްވުރެ ފަހުން ބިސްދޫކުރުމަކީ ވެދާނެ ގޮތެކެވެ. ވީމާ ވިހާނެކަމަށް ލަފާކުރާ ތާރީޚު ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. ދުވަސްފުރި، ފަހަނައަޅައި ދިޔައިރު، ވިހެއުމުގެ އުނދަގުލެއް ނުފެންނަނަމަ، ޑޮކްޓަރަށް ދެއްކުމަކީ ބުއްދިވެރި ކަމެކެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކުޑަ ބަރަބޮލެއް ވަރެވެ.
އެކާޅީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 20 އިންޗި އަށްވުރެ މާދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 8 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) ކުޑަ ބަރަބޮލެއް ވަރު
ތުއްތު ދަރިފުޅު މިހަފްތާގެ ތެރޭގައި ނުވިހައިފިނަމަ ބޭސްގުޅަ ލައްވައިގެން ވިއްސޭތޯ ބަލާނެއެވެ. އެއްވެސް މައްސަލައެއް އުޅޭނަމަ އެއަށްވުރެ އަވަހަށް ވެސް ވިއްސުމަކީ ވެދާނެ ގޮތެކެވެ. ވިހަންދީފައި އިންނަ ތާރީޚަށްވުރެ ނުވިހައި އިތުރަށް ދެހަފްތާއަށްވުރެ ގިނަ ދުވަސްވުމަކީ މައިމީހާއާއި، ކުޑަ ދަރިފުޅަށް ނުރައްކާ ވެދާނެ ކަމެކެވެ. މާބަނޑުވާ %6-5 މީހުން ދީފައި އޮންނަ މުއްދަތަށްވުރެ ފަހުން (3-2 ހަފްތާ ފަހުން) ވިހާކަން ފާހަގަ ކުރެވެއެވެ. 42 ހަފްތާއަށްވުރެ ފަހުން ވިހާކުދިންގެ ގައިގެ ހަންހުންނާނީ ނޮޅިފައެވެ. ނޫނީ ފޮޅިފައެވެ. އަދި ބަރުދަން އިތުރުވާނެ އެވެ. ދުވަސްފުރުމަށްފަހު ނުވިހާ މާގިނަ ދުވަސްވުމަކީ މައިމީހާއާއި ދަރިފުޅުގެ ފުރާނައަށް ނުރައްކާވެ، ބަނޑަށް ދަރިފުޅު ވެސް މަރުވެސް ވެދާނެ ކަމެކެވެ.
އެކާޅީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެންދުލި : ފެންދުލީގައި ފެންނަ ހުންނަ މިންވަރު މަދުވާނެއެވެ.
ރަހިމުގެ ދޮރު : ޑޮކްޓަރުން ރަހިމުގެ ދޮރު ބަލައި ޗެކުކުރާނެ އެވެ. ހުޅުވިފައި ހުރިތޯ، ތުނިވެފައި ހުރިތޯ ނޫނީ މަޑުތޯ ބަލައި ޗެކުކޮށްފާނެ އެވެ.
ހަން : ތުއްތު ދަރިފުޅުގެ ހަން ފޮޅެން ފަށާނެއެވެ. މިގޮތަށް ވަނީ ދިގުމުއްދަތެއް ވަންދެން ފެންދުލީގެ ފެނުގެ ތެރޭގައި އޮންނަށް ޖެހުމުންނެވެ.
އެކާޅީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ބަނޑަށް 41 ހަފްތާ ވާއިރު ހުންނާނީ ދުވަސްފުރި ގޮސްފައެވެ. ވިހަންދީފައި އިންނަ ތާރީޚަށްވުރެ ނުވިހައި އިތުރަށް ދެހަފްތާއަށްވުރެ ގިނަ ދުވަސްވުމަކީ މައިމީހާއާއި، ކުޑަ ދަރިފުޅަށް ނުރައްކާ ވެދާނެ ކަމެކެވެ.
މައުލޫމާތު :