މަންކީ ޕޮކްސް
މަންކީ ޕޮކްސް
އަކީ ވައިރަސް އަކުން ފެތުރޭ، ކުރިން ވަރަށް ނާދިރު ބައްޔެއްގެ ގޮތުގައި
ބެލެވިފައިވާ ބައްޔެކެވެ. މަންކީ ޕޮކްސް އަކީ ޖަނަވާރުންގެ ފަރާތުން
އިންސާނުންނަށް ޖެހޭ ބަލި(zoonotic
disease) ތަކުގެ ތެރެއިން ބައްޔެކެވެ. މިބައްޔަށް
ދިވެހި ބަހުން ބައެއް ނޫސްތަކުގައި "މަކުނު ކަށިވިދުރި" މިހެން
ނިސްބަތްކޮށް ލިޔެފައި ވެއެވެ.
ނޯޓް
: މިބައްޔަށް ދިވެހި ބަހުން "މަކުނު
ވިދުރި"، "މަކުނު
ބަސަނދު" ނޫނީ "ރާމަ ބަސަނދު" ފަދަ ނަމެއް ވެސް ކިޔިދާނެ އެވެ.
މިއީ ލިޔުންތެރިޔާ ލިޔެފައިވާ ނަންތަކެކެވެ. ފަހަރެއްގައި ވެސް ރަސްމީ
ސިފައެއްގައި ކިޔާފައިވާ ނަންތަކެއް ނޫންކަން ހަދާންކޮށްދެމެވެ.
މަންކީ
ޕޮކްސް ވައިރަސް
މަންކީ ޕޮކްސް ފެތުރެނީ
މަންކީ ޕޮކްސް ވައިރަސް(Moneky pox
virus) ގެ ސަބަބުންނެވެ. މަންކީ ޕޮކްސް ވައިރަސް
ނިސްބަތްވަނީ "ޕޮކްސިވިރިޑޭ"(poxviridae) ވައިރަސް އާއިލާގެ ތެރޭގައި ހިމެނޭ "އޯރތޮޕޮކްސްވައިރަސް"(Orthopoxvirus) ޖީނަސް
އަށެވެ. ކަށިވިދުރި ޖައްސާ "ވޭރިއޯލާ ވައިރަސް"(variola virus) ވެސް
ނިސްބަތްވަނީ ހަމަ މި ޖީނަސް އަށެވެ. މި ޖީނަސް އަށް ނިސްބަތްވާ އެހެން ވައިރަސް
ތަކުގެ ތެރޭގައި ވެކްސީނިއާ ވައިރަސް(vaccinia
virus) އަދި ކަވްޕޮކްސް ވައިރަސް(cow pox virus) ހިމެނެއެވެ.
މަންކީ ޕޮކްސް
ވައިރަސް ގެ ވިރާސީގޮތުން ތަފާތު ދެ ކްލޭޑް އެއް ފާހަގަ ކުރެވިފައި ވެއެވެ. އެއީ ވެސްޓް
އެފްރިކަން ކްލޭޑް(West African
Clade) އަދި ކޮންގޯ ބޭސިން ކްލޭޑް(Congo Basin Clade) އެވެ. މީގެ
ތެރެއިން ބޮޑަށް ފެތުރި، އަދި ބަލީގައި ނުރައްކާވަނީ ކޮންގޯ ބޭސިން ކްލޭޑް އެވެ.
މަންކީ
ޕޮކްސް ގެ ތާރީޚް
މަންކީ ޕޮކްސް
ވައިރަސް ފުރަތަމަ ފެނުނީ 1958 ވަނަ އަހަރު ގައެވެ. އެއީ ދިރާސާ ކުރުމުގެ ބޭނުމަށް
ގެންގުޅުނު ރާމާ މަކުނުތަކެއްގެ ހަށިގަނޑުންނެވެ. މިބައްޔަށް މަންކީ ޕޮކްސް ނުވަތަ
ރާމާ މަކުނުގެ ނަމާއި ގުޅުވައިގެން ނަން ދެވިފައިވަނީ މިހެންވެގެންނެވެ.
އިންސާނަކަށް މަންކީ ޕޮކްސް ފުރަތަމަ ޖެހިފައިވަނީ 1970 ވަނަ އަހަރު، ޑިމޮކްރެޓިކް
ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ. އޭގެ ފަހުން މެދުތެރޭ އެފްރިކާގެ ގައުމުތަކުން
މަދުން ނަމަވެސް ކޭސްތައް ފެނިފައި ވެއެވެ. ނަމަވެސް އެންމެ ގިނަ ކޭސް ތައް
ފެނިފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ.2003 ވަނަ އަހަރު
އިގިރޭސި ވިލާތުގައި މަންކީ ޕޮކްސް ފެތުރިފައި ވެއެވެ. އެފަހަރު ފެތުރުނީ ގާނާ
އިން އެތެރެކުރި ޖަނަވާރު ތަކަކާއެކު، ޕްރައިރީ ޑޯގް ތަކެއް ބެހެއްޓުމުންނެވެ.
މިކުއްތާތައް ފެޓްގެ ގޮތުގައި ވިއްކުމަށްފަހު ޖަނަވާރުތަކުގެ ފުށުން ގިނަ
މީހުންނަށް މަންކީ ޕޮކްސް ޖެހިފައި ވެއެވެ.
2020 ވަނަ
އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 6000 އަށްވުރެ ގިނަ މީހުންނަށް
ބަލިޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ނައިޖީރިޔާއިން 3000 މީހުންނަށް
ބަލިޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން
މިއަހަރު މިހާތަނަށް 1315 ކޭސް ފެނި، 61 ކޭސް މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި
ވެއެވެ.
13 މެއި 2022
ގައި އިގިރޭސި ވިލާތުގެ އެއް އާއިލާއެއްގެ 2 މީހަކަށް މަންކީ ޕޮކްސް ޖެހިގެން
ރިޕޯޓްކޮށްފައި ވެއެވެ. މި ދެ ކޭސް އާއި ބަލިފެތުރިފައިވާ އެއްވެސް ގައުމަކުން
އައި މީހަކާއި، ނޫނީ ޖަނަވާރަކާއި ގުޅިފައިވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.
އޭގެ ފަހުން މި 2 ކޭސް އާއި ގުޅުމެއްނުވާ އިތުރު 4 ކޭސް 18 މެއި 2022 ގައި
އިގިރޭސި ވިލާތުން ރިޕޯޓްކޮށްފައި ވެއެވެ. މިކޭސްތައް ފެނިފައިވަނީ
"ސެކްސުއަލް ހެލްތު ކްލިނިކް" އަށް ދެއްކި ބައެއްގެ ތެރެއިންނެވެ. 20
މެއި 2022 ގެ ނިޔަލަށް އިގިރޭސި ވިލާތުން ޖުމުލަ 20 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.
ފަހުން
ފެނިފައިވާ ބައެއް ކޭސްތައް ފެނިފައިވަނީ ސެކުސުއަލް ހެލްތު ކްލިނިކަށް
ޒިޔާރަތްކުރި ފިރިހެނުންގެ ފުށުންނެވެ. މިފިރިހެނުންނަކީ އެއްޖިންސުން
ގުޅުންހިންގާ މީހުންކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް އެއްޖިންސުން ގުޅުން
ހިންގާ މީހުންގެ ތެރެއިން މިބަލި ފެނުން އިތުރުވަނީ ކީއްވެގެންކަން އަދި
ހޯދިފައެއް ނުވެއެވެ.
ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުން ދައްކާގޮތުން 21 މެއި 2022 ގެ ނިޔަލަށް
ދުނިޔޭގެ 12 ގައުމަކުން 92 ކޮންފާރމްޑް ކޭސް (ކަށަވަރުކުރެވިފައިވާ) ފެނިފައެވެ.
މަންކީ ޕޮކްސްގެ ކޭސްތައް އެބަލި އާންމުކޮށް އުޅޭ ހުޅަނގު އަދި މެދުތެރޭ
އެފްރިކާގެ ގައުމުތަކުން ފެނުނު ކަމުގައި ވިޔަސް، މިއިން ގައުމަކާއި ގުޅުމެއް
ނެތްގޮތަށް، ބަލި އައިސް ފެތުރެން ފެށިގޮތް ނޭނގި މިފަދަ އައުޓް ބްރޭކް
(ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ވަކި ހިސާބެއްގައި ކުއްލިއަކަށް ބައްޔެއް
ފެތުރުން ނޫނީ އާންމުކޮށް ނުފެންނަ ބަލީގެ ކޭސް އެއް ފެނުން ) އެއް ފެނުނު މިއީ
ފުރަތަމަ ފަހަރެވެ. އެހެން ކަމުން ކޭސްތައް ފެނިފައިވާ ގައުމުތަކާއި، ދުނިޔޭގެ
ޞިއްޙަތު ޖަމްޢިއްޔާ ގުޅިގެން މިއައުޓް ބްރޭކް ފެތުރެން ފެށި ގޮތާއި، މަންކީ
ޕޮކްސް ފަތުރާ ވައިރަސް އަށް އަދި ބަލި ޖެހޭގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ
ދަނީ ދިރާސާ ކުރަމުންނެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).
މަންކީ ޕޮކްސް
އަކީ ކަށިވިދުރި ( Small pox) ޖައްސާ ވައިރަސް އާއި އެއް އާއިލާއެއްގެ ވައިރަސް އަކުން ޖެހޭ
ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިން އިން މަންކީ ޕޮކްސް އިން ވެސް
ރައްކާތެރިކޮށްދެއެވެ. 1980 ވަނަ އަހަރު ދުނިޔެއިން ކަށިވިދުރި ނައްތާލުމަށްފަހު،
އޭގެ ވެކްސިން ޖެހުން ވެސް ހުއްޓާލިފަހުން މިވީ އަހަރުތަކުގައި މަންކީ ޕޮކްސްގެ
ކޭސްތައް ، ވަކިން ޚާއްޞަކޮށް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މިބަލި އުޅޭ
ގައުމުތަކުގައި ވަނީ އިތުރުވެފައެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި
2022).
21 މެއި 2022
އާއި ހަމައަށް ދިވެހިރާއްޖެއިން އަދި ދިވެހިރާއްޖެއާއި އަވަށްޓެރި އެއްވެސް
ގައުމަކުން ވެސް މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ. މަންކީ
ޕޮކްސް އަކީ ބަލިޖެހިފައިވާ މީހަކާއި ގިނައިރު ގާތުންއެއްތާކުވުމުން ފެތުރޭ
ބައްޔަކަށްވުމާއެކު، މިވަގުތު ދިވެހިރާއްޖޭގައި މިބަލި ފެތުރުމުގެ ހިރާސް (Risk ) ކުޑަކަމަށް
ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް ގިނަ ގައުމުތަކުން ބަލިއުޅޭތޯ ދެނެގަތުމަށް
ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިގެންދާނެ
ކަމަށް ބެލެވެއެވެ. އަދި އެއާއި ގުޅިގެން ދިވެހިރާއްޖެއަށް ވެސް ކޭސް އައުމަކީ
އެކަށީގެންވާ ކަމެކެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).
ފެތުރޭގޮތް
މަންކީ ޕޮކްސް
އަކީ އާންމު ގޮތެއްގައި މިބަލީގެ ވައިރަސް ހުންނަ ޖަނަވާރުންގެ ފަރާތުން ފެތުރޭ
އެއްޗެކެވެ. މާނައަކީ ބަލީގެ ވައިރަސް ހުރި ޖަނަވާރެއް އުފުލައި ގެންގުޅެ ހެދުމުގެ
ތެރޭގައި އިންސާނުންނަށް ބަލި ވާޞިލްވުމުގެ ފުރުޞަތު އޮތުމެވެ. ނޭވާލާ ނިޒާމުގެ
ޒަރީޢާއިން ފެތުރޭ އެހެނިހެން ގިނަ ބަލިތަކާއި ޚިލާފަށް (ތަފާތުކޮށް) އިންސާނުންގެ
ތެރޭގައި މަންކީ ޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި، ގިނައިރު އެއްތާކު
(contact ) ވެގެންނެވެ.
އިންސާނުންގެ
ތެރޭގައި މަންކީ ޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ކުޅުގައި
ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި(dropelets)، ބަލިމީހާގެ
ހަމުގައި ނަގާ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ހޭކި، ކޭތި ނޫނީ
ޖެހުމުންނާއި(direct contact)،
ބަލިމީހާ ބޭނުންކުރާ ހެދުން ފަދަ
އަންނައުނާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުން(indirect contact)ނެވެ. މީގެ
އިތުރުން ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅަށް(close contact during birth) ނޫނީ ބަނޑުގައި އޮއްވައި ތުއްތު ދަރިފުޅަށް ފޫޅުގެ ޒަރީޢާއިން(transplacental) ބަލި
ވާޞިލްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އުފަންވާއިރު މަންކީ
ޕޮކްސް(congenital monkey pox) ޖެހިފައިވުމަކީ ގާތް
ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ ބަލީގެ އަލާމާތްތައް ފެންނަ
ދުވަސްވަރު ގައެވެ.
އާންމު
ގޮތެއްގައި މަންކީ ޕޮކްސް ފެތުރެނީ ބަލީގެ ޖަރާސީމު ހުރި ޖަނަވާރެއް، އިންސާނެއް،
ނޫނީ ބަލީގެ ޖަރާސީމު ހުރި އެއްޗެއްގައި ޖެހުމުން ނޫނީ އެފަދަ އެއްޗެއްގައި ހޭކި،
ކޭތުމުންނެވެ. އިންސާނާގެ ހަށިގަނޑަށް ބަލީގެ ވައިރަސް ވަންނަނީ ހަމުން
ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުންނާއި، ބަލީގެ ވައިރަސް ހުރި ޖަނަވާރެއް
ދަތްއެޅުމުންނާއި، ވަކިއެޅުމުންނާއި، ނޭވާލުމުގެ ޒަރީޢާއިން އަދި ލޯ، ނޭފަތް އަދި
އަނގައިގެ ތެރޭގައި ހުންނަ ތެތްދުލިފަށަލަ(mucous membrane) ހުރަސްކޮށް ބަލީގެ ވައިރަސް އިންސާނާގެ
ހަށިގަނޑަށް އެތެރެވުމުންނެވެ.
އިންސާނުންގެ
ތެރޭގައި ޖިންސީގުޅުމުން މިބަލި ފެތުރޭކަން އަދި ޔަގީންކުރެވިފައެއް ނުވެއެވެ.
އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ބެލެވެނީ ޖިންސީ
ގުޅުން ހިންގުމުގައި މާބޮޑަށް ގައިގޯޅިވެ އުޅުމުން ކަމަށް ބެލެވިފައި ވެއެވެ.
ޖަނަވާރުންގެ
ގައިން އިންސާނުންގެ ގަޔަށް ބަލިއަރަނީ ބަލިހުރި ޖަނަވާރެއްގެ ގައިން އޮހޮރުނު
ލޭގައި ނުވަތަ އެފަދަ ޖަނަވާރެއްގެ ގައިން އޮހޮރުނު ދިޔައެއްގައި ނޫނީ
ޖަނަވާރެއްގެ ގައިގައި ހުރި ފާރުގަނޑެއް ފަދަ ތަނެއްގައި އަތްލެވި، ނޫނީ އެޔާއި
ގާތުންއެއްތާކު(direct contact) ވެގެންނެވެ. މީގެ އިތުރުން ބަލީގެ ވައިރަސް ހުރި ޖަނަވާރެއް
ދަތްއެޅުން، ނޫނީ ވަކިއެޅުން ފަދަ ކަމެއްގެ ތެރެއިން ވެސް ޖަނަވާރުންގެ ފުށުން
އިންސާނުންނަށް ބަލިޖެހިދާނެ އެވެ.
އިންކިޔުބޭޝަން
ޕީރިއަޑް
މަންކީ ޕޮކްސްގެ
އިންކިޔުބޭޝަން ޕީރިއަޑް (ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އަލާމާތްތައް
ފެންނަން ހޭދަވާ މުއްދަތު) އަކީ ގާތްގަނޑަކަށް 21-5 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.
ބައެއް ރިފަރެންސް ތަކުގައި 14-7 ދުވަސް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
މާނައަކީ އާންމުކޮށް 14-7 ދުވަސް ކަމުގައި ވިޔަސް، މިމުއްދަތު 21-5 ދުވަހާއި
ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހުރުމެވެ.
މަންކީ
ޕޮކްސް ބަލީގެ އަލާމާތްތައް
އިންސާނުންގެ
ހަށިގަނޑުގައި މަންކީ ޕޮކްސްގެ އަލާމާތްތަކާއި ކަށިވިދުރި ޖެހުމުން ފެންނަ
އަލާމާތްތަކާއި ދާދި އެއްގޮތެވެ. ނަމަވެސް ކަށިވިދުރި އާއި އަޅާބަލާއިރު މަންކީ
ޕޮކްސްގެ އަލާމާތްތައް ފެންނަނީ އާދައިގެ މިންވަރަކަށެވެ. ކަށިވިދުރި އާއި މަންކީ
ޕޮކްސް އާއި ދެމެދުހުރި މައިގަނޑު ތަފާތަކީ ކަށިވިދުރީގައި ގޮށްލުން
ކުރިމަތިނުވުމެވެ. ނަމަވެސް މަންކީ ޕޮކްސް ކަރުގައާއި ކިހިލިފަތްދޮށް އަދި
އުކުޅުވަޅު ފަދަ ތަންތަނުގައި ގޮށްލައެވެ.
ބަލީގެ
އަލާމާތްތައް އާންމު ގޮތެއްގައި ދެމަރުހަލާއަކަށް ބެހިފައިވެއެވެ. އެއީ އަންނަނިވި
މަރުހަލާތަކެވެ.
(ހ)
ބިހިތައް ނެގުމުގެ ކުރިން އަންނަ މަރުހަލާ (prodromal phase): އާންމު ގޮތެއްގައި މިމަރުހަލާ ދެމިގެންދަނީ 4-1 ދުވަހުގެ
މުއްދަތަކަށެވެ. މިމަރުހަލާގައި ނުވަތަ މަންކީ ޕޮކްސްގައި ކުރީކޮޅު ފެންނާނެ
އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
ހުންއައުން ( އެންމެ ފުރަތަމަ) / ހީކެރުވުން
·
ގައިގައި ރިހުން / މަސްތަކުގައި ރިހުން / ބުރަކަށީގައި ރިހުން
·
ވަރަށް ބޮޑަށް ވަރުބަލިވުން
·
ބޮލުގައި ރިހުން
·
ކަރު، ދަތްދޮޅި ދަށް،ކިހިލިފަތްދޮށް އަދި އުކުޅުވަޅުގައި ގޮށްލުން : ގޮށްލުން
ފުރަތަމަ މަރުހަލާގައި ފެށިފައި އަދި ދެވަނަ މަރުހަލާގައި ވެސް ދެމިހުންނާނެ އެވެ.
މިގޮށްތައް ހުންނާނީ ފާރމް ކޮށެވެ. އާންމު ގޮތެއްގައި ދުޅަވެފައިވާ ލިމްފް
ގޮށްތަކުގައި ބީހިލުމުން ރިއްސާނެއެވެ. އަދި ފަހަރުގައި ވަރަށް ތަދު ވެސް ވެދާނެ
އެވެ.
(ށ)
ބިހި ނަގާ މަރުހަލާ (rash
stage): އާންމު ގޮތެއްގައި މިމަރުހަލާ ދެމިހުންނަނީ 28-14
ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. ބިހި ނަގާދުވަހު ހުން ވިހެލައިފާނެއެވެ. ނޫނީ
ބިހިތައް ނެގުމަށްފަހު 3 ވަރަކަށް ދުވަސް ވަންދެން ހުން ނުފިލައި ހުރެދާނެ އެވެ.
އާންމު ގޮތެއްގައި ބިހިތައް ނަގަނީ ހުންއައުމަށްފަހު 4-1 ނުވަތަ 3-1 ދުވަހާއި
ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މިމުއްދަތު ބައެއް ފަހަރު މިއަށްވުރެ ދިގުވެސް
ވެދާނެއެވެ. ބިހިތައް ފުރަތަމަ ނަގަނީ މޫނުގައެވެ. ދެން އަތްފައިގައެވެ.
އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ވެސް ބިހިތައް ނަގައެވެ. ނޫނީ
އެހެން ހިސާބުތަކަށް ބިހިތައް ފެތުރެއެވެ.މީގެ އިތުރުން އަތްތިލައާއި ފައިތިލައިގެ
ހުދުހަމުގައި ވެސް ބިހިތައް ނަގައިފާނެ އެވެ. މިބިހިތައް އަނގައިގެ ތެރޭގަޔާއި،
ލޮލުގެ ހުދުކަޅިމަތީގައިވާ ތުނިދުލީގައި އަދި ކުރިމަތި ފަރާތުގައި ވެސް ނެގުމަކީ
އެކަށީގެންޥާ ކަމެކެވެ.
މިބިހިތައް
ފުރަތަމަ ހުންނާނީ ފަތި (ފަތިބިހި) ކޮށެވެ. އޭގެ ފަހުން ކުޑަކޮށް އުފުލިފައި
ހުންނަ ބިހި ތަކަކަށް ބަދަލުވެ، އެއަށްފަހު ބިހިތައް ފެންފޮޅަށް (ފެންފޮޅު)
ބަދަލުވެ، އޭގެ ފަހުގައި ފޮޅުތަކުގައި ދޮސްލައެވެ. ނޫނީ ފޮޅުތަކަށް ދޮސް
(ދޮސްފޮޅު) އެރެއެވެ. ދެން ފޮޅުތައް ފަޅައިގެން ގޮސް ކުރަ (ކުރަމަގާލި) ލައެވެ. ކުރައިގެ ނުވަތަ
ކުރަމަގާލިގެ ދަށުން އާ ހަން އުފެދި، ކުރަމަގާލި ގަނޑު ވެއްޓެންދެން ބަލިމީހާގެ
ފަރާތުން އެހެން މީހުން ބަލިޖެހުމުގެ (ނުވަތަ ބަލި ފެތުރުމުގެ) ފުރުޞަތު އޮންނާނެ
އެވެ. މިބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު ފާނަބަސަނދު ޖެހުމުން ނަގާ
ބިހިތަކާއި އެއްގޮތް ވެދާނެ އެވެ. ދެތިން ބިހިން ފެށިގެން ގޮސް އެތައް ބައިވަރު
ބިއްސެއް ވެސް ނަގައިފާނެއެވެ. އާންމު ގޮތެއްގައި ބިހިތަކުގައި ހިރުވައި
ކަހާނެއެވެ. ބައެއް ފަހަރު ބިހިތަކުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވެދާނެ އެވެ.
ކުރިމަތި ފަރާތުގައި ނަގާ ބިހިތައް ފާރުވުމަކީ އެކަށީގެންވާ ކަމެކެވެ.
·
ފަތިބިހި(macule): ދެމިހުންނަނީ 2-1 ދުވަހަށެވެ.
·
އުފުލިފައި ހުންނަ ބިހި (papule) : ދެމިހުންނަނީ 2-1 ދުވަހަށެވެ.
·
ފެންފޮޅު (Vescile): ދެމިހުންނަނީ 2-1 ދުވަހަށެވެ.
·
ދޮސްފޮޅު (Pustule): ދެމިހުންނަނީ 7-5 ދުވަހަށެވެ.
·
ކުރަމަގާލި: (crust /scabs): މިއީ ކުރަމަގާލިލުން ނުވަތަ ފެންފޮޅުތައް ފަޅައިގެން ގޮސް
ހިކިކުރަލުން ނޫނީ ތޮށިލުމެވެ. ދެމިހުންނަނީ 14-7 ދުވަހަށެވެ.
މަންކީ
ޕޮކްސްގައި ނަގާ ބިހިތައް ހިމަބިހި އަދި ފާނަބަނސަދު ގައި ނަގާ ބިހިތަކާއި
ޚިލާފަށް އެއްމަރުހަލާ އިން އަނެއް މަރުހަލާއަށް ބަދަލުވާނީ (މިސާލަކަށް
ފެންފޮޅަކަށް ދޮސްއެރި ދޮސްފަޅަކަށް ބަދަލުވުން) ވަރަށް ލަސްލަހުންނެވެ.
ހަމަމިހެން ހުރިހާ ބިހިތަކަށް ވެސް އެއްމަރުހަލާއިން އަނެއް މަރުހަލާއަށް
ބަދަލުވާނީ ދާދި އެކުއެކީގައެވެ. ނަމަވެސް ހިމަބިހި ފާނަބަނސަދު ފަދަ ބަލިތަކުގައި
އެއް ފަހަރާ އެކި މަރުހަލާތަކުގައި ހަމުގައި ނަގާ ލީޒަން ފެންނަށް ހުރެދާނެ އެވެ.
އާންމުގޮތެއްގައި
4-2 ހަފްތާއާއި ދެމެދުގެ މުއްދަތަކަށް ބަލި ދިގުދެމިގެން ދެއެވެ. އެފްރިކާގެ
ގައުމުތަކުގައި ބަލިޖެހުނު ކޮންމެ 10 މީހުންގެ ތެރެއިން 1 އެއްގެ ފުރާނަ
ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ހިމަބިހި،
ފާނަބަސަނދު އަދި މަކުނުވިދުރި
އަލާމާތް |
މަކުނު ވިދުރި |
ފާނަބަސަނދު |
ހިމަބިހި |
ހުން |
ބިހިތައް ނެގުމުގެ 3-1 ދުވަސްކުރިން |
ބިހިތައް ނެގުމުގެ 2-1 ދުވަސްކުރިން |
ބިހިތައް ނެގުމުގެ 5-3 ދުވަސް ކުރިން |
ބިހިތައް |
އާންމުކޮށް އެއް މަރުހަލާއެއްގައި |
އެއްފަހަރާ އެކި މަރުހަލާތައް |
އެއްފަހަރާ އެކި މަރުހަލާތައް |
ބިހިތައް އިތުރުވުން |
ލަސް |
އަވަސް |
އަވަސް |
ބިހިނަގާ ހިސާބު |
މޫނުގައި ބޮޑަށް، އަތްފައިގެ ހުދުހަމުގައި ވެސް ހުންނާނެ |
މޭމަތި، ބުރަކަށި، ބަނޑުމަތި،އަތްފައިގެ ހުދުހަމުގައި
ނުހުންނާނެ |
މޫނުން ފެށިގެން ފެތުރުން، ބައެއް ފަހަރު އަތްތިލަ އަދި
ފައިތިލައިގައި ނެގުން |
ގޮށްލުން |
ގޮށްލާނެ |
ގޮށްނުލާނެ |
ބައެއް ފަހަރު ގޮށްލާނެ |
މަރުވުން |
%10 |
ވަރަށް ނާދިރު ކަމެއް |
ވަރަށް ބޮޑަށް ތަފާތުވޭ |
ނުރައްކާތައް
މަންކީ ޕޮކްސް
އަކީ އާންމު ގޮތެއްގައި އޭގެ ޒާތުގައި ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް
ކުޑަކުދިންނާއި، ދިފާއީ ބާރު ދަށްވެފައިވާ މީހުންނާއި، ދާއިމީކޮށް ބޮޑެތި
ބަލިތަކަށް ދިގުމުއްދަތަށް ބޭސްކާ މީހުންނަށް ބަލީގައި ބޮޑުވަރުވުމަކީ
އެކަށީގެންވާ ކަމެކެވެ. ބަލިޖެހެން މެދުވެރިވާ ގޮތަކުން (މިސާލަކަށް ޖަނަވާރެއް
ދަތްއަޅައިގެން/ ސިރިންޖް ކަށްޓެއް ފަދަ އެއްޗެއް ހެރިގެން) ބަލިޖެހިއްޖެނަމަ
ބަލީގައި ބޮޑުވަރުވުމުގެ ފުރުޞަތު ބޮޑެވެ. މަންކީ ޕޮކްސް އާއި ގުޅިގެން އާންމުކޮށް
ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.
·
ހަމުގައި ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަން އުފެދި، ރަނގަޅުވާއިރު
ލަކުނުލުން
·
ނިއުމޯނިޔާ ޖެހުން
·
ލޮލުގެ ހާމަދުލީގައި ލަކުނުލައި، ލޯއަނދިރިވުން
·
ސެޕްސިސް ގެ ހާލަތަށް ދިއުން
·
ސިކުނޑިދުޅަވުން
·
މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް މިސާލަކަށް ބައިގެންދިއުން
·
މަރުވުން
ފަރުވާ
މަންކީ ޕޮކްސް
އަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ނެތެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި
ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން
ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު
ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް
ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި
ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް
އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންޓިވައިރަލް އެއް
ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި
ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަންކީ
ޕޮކްސްގެ ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.
ރައްކާތެރިވުން
·
ގިނަގިނައިން އަތްދޮވެ ސާފުކުރުން
·
މާސްކު އެޅުން
·
ބަލީގެ އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުކޮށް ގައިގޯޅިނުވުން
·
ބަލީގެ އަލާމާތެއް (ހުންއައުން،
ގައިގައިރިހުން ފަދަ އަލާމާތްތަކާއެކު، ބިހިނެގުން، ގޮށްލުން ފަދަ އަލާމާތެއް)
ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
·
ބަލީގެ އަލާމާތްތައް ހުރި ޖަނަވާރު އުފުލައި ގެންގުޅެ ހެދުމުގައި
ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
·
އެއްގަމު މަސް ރަނގަޅަށް ރޯފިލަންދެން ކައްކައިގެން ކެއުން
އިންސާނުންގެ
ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބައްޔަށް ޝަކުވާމީހުން ދެނެގަނެ،
ކަށަވަރުކޮށް، ބަލިޖެހިފައިވާކަން ޔަގީންވުމުން އެހެން މީހުންނާއި އެކަހެރިކޮށް
ވަކިކުރުމަކީ ބޭނުންތެރި ކަމެކެވެ. ބަލިމީހާއާއި އެއްތާކުވި މީހުން ހޯދައި،
އިންކިޔުބޭޝަން ޕީރިއަޑް ގައި އެމީހުންގެ ފޮލޯއަޕް ކޮންމެ ދުވަހަކު ވެސް ހަދަމުން
ގެންދިއުމަކީ މުހިއްމު ކަމެކެވެ. ބަލިމީހާއާއި އެއްތާކުވި ބަލީގެ އަލާމާތެއް ނެތް
މީހުން ކަރަންޓީނު ކުރުމަކީ އަދި އެހާމެ ބޭނުންހުރި ކަމެއް ނޫނެވެ. ބަލިން
ރައްކާތެރިވުމަށް މާސްކު އެޅުމާއި، އަތުގެ ސާފުތާހިރުކަމަށް ސަމާލުކަންދިނުމަކީ
މުހިއްމު ކަމެކެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ވެސް ބަލީގެ ސާމްޕަލް އުފުލައި
ހެދުމާއި، ބަލިމީހުންނަށް ފަރުވާކޮށް ހެދުމުގައި ރައްކާތެރިވުމުގެ ގޮތުން
އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.
ކަށިވިދުރިން
ރައްކާތެރިކޮށްދޭ ވެކްސިން އިން މަންކީ ޕޮކްސް ރައްކާތެރިކޮށްދެއެވެ. ނަމަވެސް
ވެކްސިން ހުރީ ވަރަށް މަދުންނެވެ. ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި
ކޮންމެވެސް ވަރަކަށް ވެކްސިން ރައްކާކޮށްފައި އެބަހުއްޓެވެ. މަންކީ ޕޮކްސް
ވެކްސިން ވެސް ވަރަށް ފަހުން އުފައްދައި ހުއްދަ ދީފައި ވެއެވެ. ނަމަވެސް އަދި
އާންމުކޮށް ލިބޭކަން ނުހުރެއެވެ.
މައުލޫމާތު
·
ނޫސްބަޔާން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ދިވެހިރާއްޖެ. 22 މެއި 2022.
·
https://www.cdc.gov/poxvirus/monkeypox/about.html
·
ADVISORY FOR
HEALTHCARE WORKERS: MULTI-COUNTRY OUTBREAK OF MONKEYPOX (HPA, Maldives. 22th may 2022)
· Global public health alert and information sheet, Monkey pox. CMO, ADK hospital, 19th May 2022.