ގެސްޓްރޯ-އީސަފޭޖިއަލް
ރިފްލަކްސް ޑިޒީޒް ނުވަތަ މަތިންއަރާ ބަލި
ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް(GERD) އަކީ ބަނޑުގައި
ހުންނަ ގޭސް (އެސިޑް) ކާތަކެތި ހިނގާހޮޅިން މައްޗަށް އެރުމުން ކުރިމަތިވާ
ހާލަތެކެވެ. މިގޮތަށް ބަނޑުގައި ހުންނަ ގޭސް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް
ވާޞިލްވުމަކީ ކާތަކެތި ހިނގާހޮޅީގެ އެތެރޭގެ ބަތާނަފަށަށް ހިލިގަތުން (irritation)ކުރިމަތިކުރުވާނެ
ކަމެކެވެ.މިބައްޔަށް ބައެއް ފަހަރު "މަތިންއަރާބަލި" މިހެން ކިޔައި
އުޅެއެވެ.
އާންމު ގޮތެއްގައި މަތިންއަރާ ބައްޔަކީ ކާތަކެތި
ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ (މައިދާ އާއި، ކާތަކެތި ހިނގާހޮޅިއާއި
ދެމެދުގައިވާ ވަށް މަސްގަނޑު) އަށް އަސަރުކުރާ، ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ
ބައްޔެކެވެ.
މަތިންއެރުމަކީ ވަރަށް ގިނަ މީހުންނަށް ދޭތެރެ
ދޭތެރެއިން ދިމާވާ ކަމެކެވެ. މަތިންއަރާ ބަލި ހުރި ކަމުގައިވަނީ އާދައިގެ ވަރަކަށް
މަތިންއެރުން ހަފްތާއަކު 2 ފަހަރު ކުރިމަތިވުން، ނޫނީ ވަރަށް ބޮޑަށް މަތިންއަރައި
އުދަނގޫވުން ހަފްތާއަކު މަދުވެގެން 1 ފަހަރު ކުރިމަތިވާނަމަ އެވެ. ވަރަށް ގިނަ
މީހުންނަށް އާންމުކޮށް ބަނޑުގައި ވައިހެދި، މަތިންއަރައި އުނދަގޫވުމުން ބޭނުންކުރާ
ބޭސްތައް ބޭނުންކޮށްލުމުން ރަނގަޅުވެ ދެއެވެ. ނޫނީ ދިރިއުޅުމަށާއި، ކެއުންބުއިމުގެ
ވައްޓަފާޅިއަށް ބަދަލު ގެނައުމުން ލުއިކަން ލިބިދެއެވެ. މަދު ހާލަތެއްގައި
އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ.
ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް އަކީ
ކޮބާ؟
ބޭސްވެރިކަމުގެ ބަހުރުވައިގައި
"ގެސްޓްރޯ"(Gastro) ނިސްބަތްކުރެވެނީ މައިދާއަށް ނޫނީ ބަނޑަށެވެ.
"އީސަފޭޖަސް"(Esophagus) ނިސްބަތްކުރެވެނީ ކާތަކެތި
ހިނގާހޮޅި އަށެވެ. ރިފްލަކްސް(Reflux) މާނަކުރެވެނީ އެނބުރިއައުމަށް، ނޫނީ ފަހަތަށް
ދިއުމަށެވެ. އެހެންކަމުން "ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް"(GER) ގެ މާނައަކީ
މައިދާ(ބަނޑު)ގައި ހުރި ތަކެތި މައްޗަށް(އެނބުރި) ގޮސް ކާތަކެތި ހިނގާހޮޅި އަށް
ވާޞިލްވުމެވެ.
އާންމު ގޮތެއްގައި ހަޖަމުކުރުމުގެ ތެރޭގައި ކާތަކެތި
ކާތަކެތި ހިނގާހޮޅިން މައިދާއަށް ދަނީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ
ހުޅުވުމުންނެވެ. އަދި މައިދާގައި ހުންނަ ކާތަކެއްޗާއި، އެސިޑް ނުވަތަ ގޭސް،
ކާތަކެތި ހިނގާހޮޅިއަށް ދިޔަނުދިނުމަށްޓަކައި މި ސްފިންކްޓަރ ބަންދުކޮށްލާނެ އެވެ.
މަތިންއަރާ ބަލި ކުރިމަތިވަނީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ މިބުނި ސްފިންކްޓަރ
ގެ ބާރު ދެރަވުމުންނެވެ. ނޫނީ އެ ސްފިންކްޓަރ ރަނގަޅަށް ހަމައަކަށް ނޭޅޭތީ އެވެ.
މިހެންވުމުން މައިދާގައި ހުންނަ ތަކެތި މައްޗަށް ކާތަކެތި ހިނގާހޮޅިއަށް
ދާގޮތްވެއެވެ.
ސަބަބު
މަތިންއަރާ ބަލި ކުރިމަތިވަނީ ބަނޑުގައި ހުންނަ
ގޭސް (އެސިޑް) މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް މާގިނައިން (ތަކުރާރުކޮށް،
އިރުއިރުކޮޅާ) ދާން ފެށުމުންނެވެ.
ކެއުމުގެ ތެރޭގައި ކާތަކެތި ދިރުވާލުމުން، ކާތަކެތި
ހިނގާހޮޅީގެ ނިމޭ ހިސާބުގައިވާ ވަށްބުރީ މަހުގެ ބޭންޑް ނުވަތަ މަސްގަނޑު ނުވަތަ
ސްފިންކްޓަރ (lower
esophageal sphincter) ހަމައަކަށް އެޅުމުން (ހުޅުވުމުން)، ކާތަކެތި ހިނގާހޮޅިން ކާތަކެއްޗާއި، ދިޔާތަކެތި ބަނޑަށް (މައިދާއަށް)
ދެއެވެ. އެއަށްފަހު މަސްގަނޑު ފިތިކުރުގެޅުމުން ސްފިންކްޓަރ ބަންދުވެގެން ދެއެވެ.
ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ މި
ސްފިންކްޓަރ ރަނގަޅަށް ބަންދުނުވާނަމަ،
ބަނޑުގައި ހުންނަ އެސިޑް މައްޗަށް (ކާތަކެތި ހިނގާހޮޅި) އަރާގޮތް ވެއެވެ. މިގޮތަށް
ހުއްޓިނެތި ބަނޑުގައި ހުންނަ ގޭސް ނުވަތަ އެސިޑް ކާތަކެތި ހިނގާހޮޅިއަށް އައުމަކީ
ކާތަކެތި ހިނގާހޮޅި ދުޅަވާނެ ކަމެކެވެ.
މަގުފަހިކުރާ ކަންތައްތައް (ހިރާސް
އިތުރުކުރާ ކަންތައްތައް)
މަތިންއަރާ ބައްޔަށް މަގުފަހިކުރާ ކަންތައްތަކުގެ
ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ، ފަލަވުން
·
މައިދާގެ މަތީބައި ޑައަފްރަމް އާއި ދިމާލަށް ފުއްޕުން
·
މާބަނޑުވުން
·
ގުޅުވާދެނިވި ސެލޯށިތަކުގެ ބަލިތައް : މިސާލަކަށް ހަން ހަރުވުމުން ދިމާވާ
"ސްކްލީރޯޑާމާ"
·
ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުން
މަތިންއަރާ ބަލި އިތުރަށް ގޯސްވެގެން ހިނގައިދާނެ
ކަންތައްތަކުގެ ތެރޭގައި:-
·
ދުންފަތުގެ އިސްތިއުމާލުކުރުން
·
އެއްފަހަރާ މާގިނައިން ކެއުން
·
ރޭގަނޑު މާލަހުން (ނިދަން ކައިރިކޮށްފައި) ކެއުން :
·
ކުޅި، ހަވާދުލީ، ތެލުލި، އަދި ތެލާއި ސަރުބީ ގިނައިން އެކުލެވޭ ކާނާ ކެއުން :
މިސާލަކަށް އަސޭމިރުސް ފަދަ ބާވަތްތައް
·
ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރުން : މިސާލަކަށް ޗޮކްލެޓް، ކޮފީ،
އެނާޖީ ޑްރިންކްގެ ބާވަތްތައް
·
ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް އެސްޕިރިން ބޭނުންކުރުން
އަލާމާތްތައް
މަތިންއަރާ ބަލީގެ ސަބަބުން އާންމުކޮށް ފެނިދާނެ
އަލާމާތްތަކާއި ފާހަގަވާ ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
·
މެއިންދިލަނެގުން : އާންމުކޮށް ކެއުމަށްފަހުގައެވެ. އެންމެ ގޯސްވާނީ
ރޭގަނޑުގައެވެ. ބައެއް ފަހަރު މެއިން ދިލަނެގުމާއެކު ކުރިމަތިވާ ރިހުމާ، ފިތުން،
އަދި ދިލަ 2 ގަޑިއެއްހާއިރަށް ނުފިލާހުރުމަކީ އެކަށީގެންވާ ކަމެކެވެ. އޮށޯތުމުން
ނޫނީ ގުދުވެލުމުން ވެސް މެއިން ދިލަނަގައިފާނެ އެވެ. ބައެއް މީހުންނަށް މިގޮތަށް
ދިލަނަގާވަގުތު ސީދަލަށް ކޮޅަށް ތެދުވެލުމުން ވެސް ލުއިވެދާނެ އެވެ.
·
މޭގައި ރިހުން : މިތަދު ފެށިގެން އަންނަނީ ތިނަކަށިގަނޑުގެ ފަހަތުންނެވެ.
ރިހުން ދައުރުވަމުން މައްޗަށް ގޮސް ކަރާއި، ކަދުރާ އާއި ހަމައަށް ފޯރާގޮތް ވެއެވެ.
·
އަނގައިން ކުޅިވައި އެރުން ނޫނީ އަނގައިން ވައިލެވުން
·
ކާތަކެތި ދިރުވަން އުދަނގޫވުން
·
ކާތަކެތި މަތިންއެރުން
·
ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުން
ރޭގަނޑުގައި މަތިންއެރުން ކުރިމަތިވެއްޖެނަމަ
ފަހަރުގައި އަންނަނިވި އަލާމާތްތައް ފެނުމަކި އެކަށީގެންވާ ކަމެކެވެ.
·
ނުފިލާ ކެއްސުމެއް ހުރުން
·
އަޑުފޮށި ދުޅަވުން
·
ނޭވާހިއްލުން ކުރިމަތިވުން / ނޭވާހިއްލުން ކުރިން ހުރިނަމަ އެކަން ގޯސްވުން
·
ނިދިނައުން
ދިމާވެދާނެ ނުރައްކާތައް
މަތިންއަރާ ބަލި ކުރިމަތިވެ، ދިގުލައިގޮސް،
ކާތަކެތި ހިނގާހޮޅި ދުޅަވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
(ހ) ކާތަކެތި ހިނގާހޮޅި ހިމަވުން (esophageal
stricture): ކާތަކެތި ހިނގާހޮޅިއަށް މައިދާއިން
އެސިޑްތައް މައްޗަށް އައުމުން ކާތަކެތި ހިނގާހޮޅީގެ ތިރީބަޔަށް ގެއްލުންވެ،
ގެއްލުންވި ހިސާބު ރަނގަޅުވާއިރު ލަކުނުލާގޮތް ވެއެވެ. މިހިސާބު ލަކުނު ލުމުން
ކާތަކެތި ހިނގާހޮޅީގެ މިހިސާބު ހިމަވެ، ހަނިވެ، އޭގެ ސަބަބުން ކާތަކެތި ދިރުވުމަށް
ދަތިވެއެވެ.
(ށ)
ކާތަކެތި ހިނގާހޮޅީގައި ފާރުހެދުން : މައިދާއަށް މައްޗަށް
އަރާ އެސިޑްތަކުގެ ސަބަބުން ކާތަކެތި ހިނގާހޮޅީގައި ފާރު އުފެދޭގޮތް ވެއެވެ. މިކަމުގެ
ސަބަބުން ލޭހިލުން، ރިހުން، އަދި ކާތަކެތި ދިރުވަން އުދަނގޫވުން ފަދަ ކަންތައްތައް
ކުރިމަތިވާގޮތް ވެއެވެ.
(ނ)
ކާތަކެތި ހިނގާހޮޅިއަށް "ބެރެޓްސް އީސަފޭޖަސް"(Barrett’s Esophagus) އޭ
ކިޔޭ ހާލަތެއް މެދުވެރިވުން : ކާތަކެތި
ހިނގާހޮޅިއަށް މައިދާއިން އެސިޑްތައް މައްޗަށް އައުމުން ކާތަކެތި ހިނގާހޮޅީގެ
ތިރީބަޔަށް ގެއްލުންވެ، ކާތަކެތި ހިނގާހޮޅީގެ ތިރީބައިގެ ބަތާނަ ފަށަށް ބަދަލުތައް
ގެނުވައެވެ. މިގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ކާތަކެތި ހިނގާހޮޅީގެ ތިރީ
ބަޔަށް ކެންސަރު ޖެހުމަށް މަގުފަހިވާގޮތް ވެއެވެ.
ދެނެގަތުން
ބަލިމީހާއަށް ކުރިމަތިވެފައިވާ އަލާމާތްތަކާއި،
ބަލިމީހާގެ ކިބައިން ފާހަގަވާ ނިޝާންތަކާއި، ބަލިމީހާގެ ހަށިގަނޑު
ބަލާބެލުންތަކުން ފާހަގަވާ ކަންކަމުން ވެސް މަތިންއަރާބަލި ދެނެގަނެވިދާނެ އެވެ.
ނަމަވެސް މަތިންއަރާ ބަލި ހުރިތޯ ޔަގީންކުރުމަށާއި، މިބަލީގެ ސަބަބުން އިތުރު
ނުރައްކާތަކެއް ކުރިމަތިވެފައިވޭތޯ ބެލުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހެދުމަށް
ޑޮކްޓަރުން ލަފާދީފާނެ އެވެ.
(ހ) ހަޖަމުކުރާ ނިޒާމުގެ މަތީބައިގެ
އެންޑޮސްކަޕީ ހެދުން (upper GIT endoscopy): މިޓެސްޓު ހެދުމަށްޓަކައި ކެމެރާ އަކާއި، ބޮތްކެއް އެކުލެވޭ ހިމަ ހޮޅިއެއް
ކަރުން އެތެރެއަށް ލައްވާނެ އެވެ. އެއީ ކާތަކެތި ހިނގާހޮޅި އާއި، މައިދާގެ ހާލަތު
ބެލުމަށްޓަކައެވެ. މިޓެސްޓުގެ އެހީގައި ކާތަކެތި ހިނގާހޮޅި ދުޅަވެފައިވޭތޯ
ބެލިދާނެ އެވެ. އަދި އެހެން ނުރައްކަލެއް ކުރިމަތިވެފައިވޭތޯ މިސާލަކަށް ކާތަކެތި
ހިނގާހޮޅީގައި ފާރުހެދިފައިވޭތޯ ވެސް ބެލިދާނެ އެވެ. ބެރެޓްސް އީސަފޭޖަސް ފަދަ
ހާލަތްތަކުގައި ބަޔޮޕްސީ ހެދުމަށް ސާމްޕަލް ވެސް ނެގެނީ މިހިސާބުގެ އެންޑޮސްކަޕީ
ހަދައިގެންނެވެ.
(ށ) އެމްބިޔުލޭޓަރީ އެސިޑް(ޕީއެޗް)
ޕްރޯބް ޓެސްޓު (Ambulatory acid probe test): މިޓެސްޓު ހެދުމަށްޓަކައި ކާތަކެތި ހިނގާހޮޅީގެ ތެރޭގައި ކުޑަ މޮނީޓަރެއް
ބެހެއްޓެއެވެ. މިމޮނީޓަރުގެ އެހީގައި މައިދާއިން ކާތަކެތި ހިނގާހޮޅިއަށް އެސިޑް
އަންނަނީ ކޮންއިރަކު، ކިހާއިރެއް ވަންދެންކަން ދެނެގަނެވޭނެ އެވެ. މިމޮނީޓަރު
ގުޅާފައި އިންނާނީ އުނަގަނޑުގެ ވަށައިގެން ހަރުކޮށްލެވިފައިވާ ކުޑަ ކޮމްޕިއުޓަރަކާ
އެވެ. ނޫނީ ކޮނޑުގައި އަޅުވާލެވޭ "ސްޓްރެޕް" އަކާ އެވެ. މިޓެސްޓު
ހެދުމަށް ބޭނުންކުރެވޭ މޮނީޓަރަކީ ނޭފަތުގެ ތެރެއިން ކާތަކެތި ހިނގާހޮޅީގެ
ތެރެއަށް ބޭނިފައިވާ ހިމަ، ހޮޅި(ކެތީޓަރ) އެކެވެ. ބައެއް ފަހަރު އެންޑޮސްކަޕީ
ހެދުމުގެ ތެރޭގައި ކާތަކެތި ހިނގާހޮޅީގައި ހަރުކުރެވޭ "ކްލިޕް"އެއްގައި
ވެސް މިމޮނީޓަރު ހަރުކުރެވިފައި ހުރެދާނެ އެވެ. މިގޮތަށް ހަރުކުރެވޭ ކްލިޕް ޓެސްޓު
ހަދައި ނިމޭތާ 2 ދުވަސް ތެރޭގައި ބޮޑުކަމު ނަޖިހާއެކު ހަށިގަނޑުން ބޭރުވެގެންދާނެ
އެވެ.
(ނ) އީސަފޭޖިއަލް މެނޯމެޓްރީ (esophageal
manometry): މިޓެސްޓުގެ އެހީގައި ކާތަކެތި
ދިރުވާއިރު، ކާތަކެތި ހިނގާހޮޅީގެ މަސްތައް "ކޮންޓްރެކްޓް"ވާ މިންވަރު
ބެލެއެވެ. މީގެ އިތުރުން މިޓެސްޓުގެ އެހީގައި ކާތަކެތި ހިނގާހޮޅީގެ މަސްތަކުގެ
"ކޯރޑިނޭޝަން"(coordination)، އަދި "ފޯރސް"(force) ބަލާލެވޭނެ
އެވެ.
(ރ)
އެކްސް ރޭ ނެގުން : މިއެކްސްރޭ ނެގެނީ
"ޗޯކު" ހެން ހުންނަ ދިޔައެއް ބޯން ދިނުމަށްފަހު ގައެވެ. މިދިޔަ
ހަޖަމުކުރާ ނިޒާމުގެ ބަތާނަފަށުގެ މައްޗަށް މެތުރިގެންދެއެވެ. މިއެކްސްރޭގެ
އެހީގައި ހަޖަމުކުރާ ނިޒާމުގެ ބައިތައް (ކާތަކެތި ހިނގާހޮޅި، މައިދާ، ގޮހޮރުގެ
މަތީބައި) ވަކިން ބަލާލެވޭނެ އެވެ. ބައެއް ފަހަރު މިއެކްސްރޭ ނަގާއިރު
"ބޭރިއަމް ޕިލް" އެއް ކާލުމަށް ވެސް ބުނެފާނެ އެވެ. އެއީ އެކްސްރޭ
ނަގައިގެން ކާތަކެތި ހިނގާހޮޅި ހިމަވެ، ހަނިވެފައިވޭތޯ ބެލުމަށްޓަކައެވެ.
ފަރުވާ
އާންމު ގޮތެއްގައި ފަރުވާގެ ގޮތުގައި ދޭ ބޭހާއެކު
ދިރިއުޅުމާއި، ކެއިންބުއިމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމަށް އަބަދު ވެސް
ޑޮކްޓަރުން ލަފާދެއެވެ. ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ މަތިންއަރާ
ގޭހުގެ މިންވަރު ދަށްކުރުމާއި، މަތިންއަރާ ގޭހުގެ ސަބަބުން ކާތަކެތި ހިނގާހޮޅީގެ
ބަތާނަފަށަށް ގެއްލުންލިބުން ކުޑަކުރުމަށެވެ.
ކެއުމުގައި ކުޅި، ތެޔޮ، ހަވާދުލީ، ކެފެއިން
ގިނައިން އެކުލެވޭ ކާބޯތަކެއްޗާއި ދުރުހެލިވާންޖެހެއެވެ. އެގޮތުން ކޮފީ، ކޯލާ،
އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާއި، އަސޭމިރުސް، ޗޮކްލެޓް، ހުތްމޭވާގެ
ބާވަތްތައް، މިރުސް ގިނައިން އަޅާފައި ހުންނަ ބާވަތްތަކާ ދުރުހެލިވުން މުހިއްމެވެ.
އެއްފަހަރާ މާގިނައިން ކެއުމަކީ ވެސް ރަނގަޅު
ކަމެއް ނޫނެވެ. ނިދުމުގެ 3-2 ގަޑިއިރުގެ ކުރިން ރޭގަނޑުގެ ކެއުން ނިންމުން ވެސް
އެއީ ސަމާލުވާންޖެހޭ ކަމެކެވެ. މާބަރުހެލިނަމަ، ހަށިގަނޑުގެ ބަރުދަން
ލުއިކޮށްލުމަކީ ވެސް މަތިންއަރާ ބަލީގެ އުދަނގޫތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރަނގަޅު
އާދަތަކާ ދުރުހެލިވާން ޖެހެއެވެ. ނިދާއިރު އެނދުގެ ބޯލާކޮޅު ކުޑަކޮށް އުފުލާލާފައި
ބެހެއްޓިދާނެ އެވެ. ނޫނީ އެކަމަށް ޚާއްޞަ ބާލީހެއް ބޭނުންކުރެވިދާނެ އެވެ.
މިގޮތަށް ބޯކޮޅު އުފުލާލުމުން މަތިންއެރުމުގެ އުނދަގޫ ލުއިކޮށްދޭކަން ފާހަގަ
ކުރެވެއެވެ. ބަނޑަށް ބާރުވާގޮތަށް ބަނޑުދަށަށް ބާލީސް ލައިގެން އޮތުން ރަނގަޅެއް
ނޫނެވެ.
ބޭހުގެ ފަރުވާ
(ހ) ބަނޑުގައި ހުންނަ އެސިޑްގެ ނިސްބަތް
ހަމަހަމަކުރުމަށްދޭ ބޭސްތައް : މިފަދަ ބޭސްތަކުގެ
ތެރޭގައި "ޖެލޫސިލް"، "ރެލްސަރ"، އަދި "މިއުކޭން ޖެލް" ފަދަ "ސިރަޕް"
ގެ ގޮތުގައި ހުންނަ ބޭސްތައް ހިމެނެއެވެ. މިފަދަ ބޭސްތަކުން ކާތަކެތި
ހިނގާހޮޅީގައި އިންފްލޭމްވެ ގެއްލުންވެފައިވާ ހިސާބު އެއްކޮށް ފަސޭހަކޮށެއް
ނުދެއެވެ. މިފަދަ ބޭސްތައް މާގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމުން
ބޭރަށްހިންގުން، އަދި ބައެއް ފަހަރު ގުރުދާގެ މައްސަލަތައް ކުރިމަތިވުމަކީ
އެކަށީގެންވާ ކަމެކެވެ.
(ށ) ބަނޑުގައި އެސިޑް އުފެއްދުން
މަދުކުރުމަށް ދޭ ބޭސްތައް : މިއީ އާންމު
ގޮތެއްގައި "އެޗްޓޫ ރިސެޕްޓަރ ބްލޮކަރސް"(H2 receptor blockers) ގެ ގޮތުގައި ގުނާލެވޭ ބޭސްތަކެވެ.
މިބޭސްތަކުގެ ތެރޭގައި ސިމެޓިޑިން، ފެމޮޓިޑިން، އަދި ރެނިޓިޑިން ފަދަ ބޭސްތައް
ހިމެނެއެވެ. މިބޭސްތަކުގެ ސަބަބުން ވަގުތުން ލުއިކަމެއް ނުލިބުނު ނަމަވެސް ބޭސްކާ
ވަގުތުން ފެށިގެން ކުރިޔަށް އޮންނަ 12 ގަޑިއިރުގެ މުއްދަތަށް ބަނޑުން ގޭސް ނުވަތަ
އެސިޑް އުފައްދާ ނިސްބަތް މަދުކޮށް، ދަށްކޮށްދީފާނެ އެވެ.
(ނ) ބަނޑުގައި އެސިޑް އުފެއްދުމަށް
ހުރަސްއަޅައި، ގެއްލުންވެފައިވާ ކާތަކެތިހިނގާހޮޅި ފަސޭހަކުރުމަށް ދޭ ބޭސްތައް : މިއީ އާންމު ގޮތެއްގައި "ޕްރޮޓޯން ޕަމްޕް
އިންހިބިޓަރސް"(Proton pump inhibitors) ގެ ގޮތުގައި ގުނާލެވޭ ބޭސްތަކެވެ.
މިބޭސްތަކުގެ ތެރޭގައި އޮމެޕްރަޒޯލް، އީސޮމެޕްރަޒޯލް، ރެބިޕްރަޒޯލް،
ލެންސޯޕްރަޒޯލް، ޕެންޓޮޕްރަޒޯލް ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކުގެ ސަބަބުން
ފަހަރުގައި ބޭރަށްހިންގުން، ބޮލުގައި ރިހުން، މޭނުބައިކުރުން، އަދި ވިޓަމިން ބީ12
ދަށްވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
އޮޕަރޭޝަންކުރުން
މަތިންއަރާ ބައްޔަކީ އާންމު ގޮތެއްގައި ބޭސް
ބޭނުންކޮށްގެން ކޮންޓްރޯލްކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ބޭހުން އެދެވޭ
ނަތީޖާއެއް ނުލިބޭނަމަ، ނޫނީ ދިގުމުއްދަތަކަށް ބޭސް ކެއުމުން ދުރުހެލިވާން
ބޭނުންވާނަމަ، ބައެއް ފަހަރު އޮޕަރޭޝަންކުރުމަށް ނޫނީ ބައެއް އިޖުރާއާތް
ފުރިހަމަކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.
(ހ) ފަންޑޮޕްލިކޭޝަން (Fundoplication): މިއޮޕަރޭޝަންގައި ބަނޑުގެ މަތީގައި އީސަފޭޖިއަލް
ސްފިންކްޓަރ ގެ ވަށައިގެން އޮޅާލައި، މަސްތަކަށް ވާންކޮށްލަނީ އެވެ. މިގޮތަށް
ހެދުމުން މައިދާއިން އެސިޑް މައްޗަށް އެރުމުން މިންޖުކޮށްދޭނެ އެވެ. މިއީ
ލެޕަރޮސްކޯޕް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެކެވެ.
(ށ) ލިންކްސް ޑިވައިސް އެޅުވުން (LINX
device): މިއީ މައިދާ އާއި ކާތަކެތި ހިނގާހޮޅި
ގުޅޭ ހިސާބަށް ދަގައްފާނީ ގޮށްތަކެއް އަޅުވާފައި ހުންނަ ކުޑަ "އުޅައެއް"
ނޫނީ "ރިންގެއް" ލެއްވުމެވެ. ދަގައްފާނީ ގޮށްތަކުގެ ދެމެދުގައި ހުންނަ
ދަގައްފާނީ ދަމާބާރުގެ ސަބަބުން މައިދާއިން ކާތަކެތި ހިނގާހޮޅިއަށް އެސިޑްތައް
އެރިޔަނުދީ ހިފަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ. މިއީ ވެސް ލެޕަރޮސްކޯޕް
ބޭނުންކޮށްގެން ކުރާ ކަމެކެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ
ބަދަލުތައް އަދި ގޭގައި ކުރެވިދާނެ ކަންތައްތައް
·
ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓުން
·
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
·
ނިދާއެދުގެ ބޯލާކޮޅު އުފުލާލާފައި ބެހެއްޓުން
·
ކައި ނިމޭގޮތަށް ނުއޮށޯތުން
·
ކާތަކެތި ރަނގަޅަށް ހަފައިގެން ލަސްލަހުން ކެއުން
·
ތެޔޮ، ކުޅި، ހަވާދުލީ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިވުން
·
ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
ހަވާލާ