Saturday, February 1, 2020

ނޮވެލް ކޮރޯނާ ވައިރަސް 2019 ނުވަތަ ވުހާން ނިއުމޯނިޔާ

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ނުވަތަ ވުހާން ނިއުމޯނިޔާ
ކޮރޯނާ ވައިރަސް
ކޮރޯނާ ވައިރަސް އަކި އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލި ޖައްސާ ވައިރަހެކެވެ. އާދައިގެ އަރިދަފުސް ރޯގާ އިން ފެށިގެން ގޮސް މާރސް ރޯގާ، އަދި ސާރސް ރޯގާ ވެސް ޖެހެނީ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ. ކޮރޯނާ ވައިރަސް އަށް ނަންދެވިފައިވަނީ އޭގެ ބޭރު ސަތަހައިގައި ހުންނަ "ތާޖުތަކެއް ކަހަލަ ކަށިތަކަށް" ނިސްބަތްކޮށެވެ. ކޮރޯނާ ވައިރަސް މައިގަނޑު 4 ގުރޫޕަކަށް ބަހާލެވިފައި ވެއެވެ. އެއީ އަލްފާ ކޮރޯނާ ވައިރަސް، ބީޓާ ކޮރޯނާ ވައިރަސް، ގާމާ ކޮރޯނާ ވައިރަސް، އަދި ޑެލްޓާ ކޮރޯނާ ވައިރަސް އެވެ. އިންސާނުންނަށް ކޮރޯނާ ވައިރަސް އިން ބަލިޖެހޭކަން ފުރަތަމަ ހޯދިފައިވަނީ 1960 ގެ އަހަރު ތަކުގެ ތެރޭގައެވެ.

މީގެ ކުރިން ވެސް ތަފާތު 6 ކޮރޯނާ ވައިރަސް ހޯދިފައި ވެއެވެ. އޭގެ ތެރެއިން ތަފާތު 2 ކޮރޯނާ ވައިރަސް އެއްގެ ސަބަބުން ކުރިން ބޮޑެތި ރޯގާތައް ފެތުރިފައި ވެއެވެ. އެއީ 2002-2003 ގައި ފެތުރުނު ސިވިއަރ އެކިޔުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ ސާރސް ރޯގާ އާއި، 2012 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިން ފެނުނު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ މާރސް ރޯގާ އެވެ.
މީގެ ކުރިން އިންސާނުންގެ ކިބައިން ފާހަގަވެފައިވާ ކޮރޯނާ ވައިރަސްތަކުގެ ތެރޭގައި ހިމެނެނީ:
·         HCoV-229E,
·          HCoV-NL63
·         , HCoV-HKU1
·         HCoV-OC43
·         MERS CoV
·         SARS CoV
މި 6 ކޮރޯނާ ވައިރަސް އެވެ. މީގެ ތެރެއިން ފުރަތަމަ ދެވައްތަރަކީ އަލްފާ ކޮރޯނާ ވައިރަސް ތަކެކެވެ. އަނެއް 4 ވައްތަރަކީ ބީޓާ ކޮރޯނާ ވައިރަސްގެ ބާވަތްތަކެވެ. އެހެންކަމުން މިފަހަރު މިފެނުނު ކޮރޯނާ ވައިރަސް އަކީ މިބާވަތުގެ 7 ވަނަ ވައިރަސް ކަމަށް ބެލެވެއެވެ. މަތީގައި ބަޔާންކުރެވުނު ފުރަތަމަ 4 ކޮރޯނާ ވައިރަސްގެ ސަބަބުން އިންސާނުންނަށް އަރިދަފުސް ރޯގާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހެއެވެ.

ވަރަށް ގިނަ ޖަނަވާރުތަކުގެ ހަށިގަނޑުގެ ކޮރޯނާ ވައިރަސް އާއިލާގެ ވައިރަސް ތައް ހުރެއެވެ. އެގޮތުން ކޮރޯނާ ވައިރަސް ހުންނަ ޖަނަވާރުތަކުގެ ތެރޭގައި ޖަމަލު، ބުޅާ، ގެރި، އަދި ވާ ފަދަ ޖަނަވާރުތައް ހިމެނެއެވެ. އިންސާނުންގެ ހަށިގަނޑަށް ޖަނަވާރުންގެ ފުށުން މިފަދަ ވައިރަސްތައް މަދުން ނަމަވެސް އައިސްފައި ވެއެވެ. އެގޮތުން މިފަދަ ކޮރޯނާ ވައިރަސްތަކުގެ ސަބަބުން ކުރިމަތިވި އެންމެ ފާހަގަކޮށްލެވޭ ދެ ބަލިމަޑުކަމަކީ ސާރސް ރޯގާ އާއި މާރސް ރޯގާ އެވެ.

ނޮވެލް ކޮރޯނާ ވައިރަސް
ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ކޮރޯނާ ވައިރަސްގެ ބާވަތެކެވެ. މިވައިރަސް އަށް ދެވިފައިވާ ނަމަކީ "ނޮވެލް ކޮރޯނާ ވައިރަސް 2019"(nCoV-2019) އެވެ.މި ވައިރަސްއަށް ސައިންސްވެރިން ދީފައިވާ ނަމަކީ "އެންސީއޯވީ-2019" އެވެ. "އެން" ނިސްބަތްވަނީ ނޮވެލް އަށެވެ. މާނައަކީ އަލަށް ފެނުން ނޫނީ "އާ" އެވެ. ސީއޯ އަކީ "ކޮރޯނާ ވައިރަސް" ނަމުގެ "ފެށޭ ދެއަކުރު" އެވެ. "ވީ" ނިސްބަތްވަނީ ވައިރަސް އަށެވެ. ދެން ހިމެނެނީ އެ ވައިރަސް ފެތުރެން ފެށި އަހަރު ނުވަތަ 2019 ވަނަ އަހަރެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ފެތުރޭގޮތް
މިވައިރަސްގެ ސަބަބުން އާންމު ގޮތެއްގައި ބަލި ފެތުރެނީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށެވެ. ނަމަވެސް މިހާރު މިބަލި އިންސާނުންގެ މެދުގައި އެކަކު ގައިން އަނެކާގެ ގަޔަށް ފެތުރޭކަންވަނީ ޔަގީން ކުރެވިފައެވެ. މިދުވަސްވަރު ނޮވެލްކޮރޯނާ ވައިރަސް ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. ޗައިނާގެ ހުބޭއީ ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީ އިން 31 ޑިސެމްބަރ 2019 ގައި ފުރަތަމަ ފެނުނު ވައިރަސް މިހާރު ވަނީ އެތައް ގައުމަކަށް ފެތުރި، އެތައް ބަޔަކަށް ބަލިޖެހި، އެތައް ބަޔަކު ބަލީގައި މަރުވެގޮސްފައެވެ.

މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސް އެއް ކަމުން މިވައިރަސް ފެތުރޭގޮތް ހަގީގީ ސިފައެއްގައި ޔަގީންކަމާއެކު މުޅިން ހޯދިފައެއް ނުވެއެވެ. ނަމަވެސް އެންމެ އާންމު ގޮތެއްގައި ކޮރޯނާ ވައިރަސް އިންފެކްޝަން ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި ގާތުގައި ( 2-1 މީޓަރުގެ ނުވަތަ 6-3 ފޫޓުގެ އިމެއްގެ ތެރޭގައި) ގައިގޯޅިވެ އުޅޭ މީހުންނަށެވެ. އެގޮތުން ނޮވެލް ކޮރޯނާވައިރަސް އިންފެކްޝަން ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ އަރިދަފުހާ ކުޅާއެކު ވައިރަސް ހަށިގަނޑުން ބޭރުވެއެވެ. ބެލެވިފައިވާ ގޮތުގައި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ އަރިދަފުސް، ކުޅު ފަދަ ތަކެތީގެ ޒަރީޢާއިންނެވެ. އަދި ބަލިމީހާ މިގޮތަށް ކެއްސާ ކިނބިހިއަޅާއިރު ބަލިމީހާއާއި 6-3 ފޫޓުގެ ކައިރީގައި ހުރި މީހެއްގެ އަނގަޔަށް ނޭފަތް ނުވަތަ ލޮލަށް އަރިދަފުސް ކުޅާއެކު ވައިރަސް ހިނގައްޖެނަމަ އެމީހަކަށް ބަލިޖެހިދާނެއެވެ. އެއީ އިންފުލުއެންޒާއާއި، އެހެނިހެން ނޭވާލާ ނިޒާމަށް ޖެހޭ މިފަދަ ބަލިތައް ވެސް ފެތުރޭގޮތެވެ. ބަލިޖެހިފައިވާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ކުޅު، އަރިދަފުސް ފަދަ ތަކެތި (ޑްރޮޕްލެޓް) ގާތުގައި ތިބޭމީހުންގެ ނޭފަތް ނުވަތަ އަނގަޔަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ނޫނީ އެތެރެއަށް ނޭވާލުމުގެ ތެރޭގައި ފުއްޕާމޭގެ ތެރެއަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. 

ނޮވެލް ކޮރޯނާ ވައިރަސް ހަރުލާފައި ހުރި ތަނެއްގައި އަތްލުމަށްފަހު އަތްނުދޮވެ، އަނގަޔަށް، ނޭފަތަށް ނޫނީ ލޮލަށް އަތްލައިގެން ސަލާމަތުން ހުރި މީހާއަށް ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހިދާނެކަން އަދި ސާފުކަމާއެކު ބުނެދޭކަން ނޭނގެއެވެ.
ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަންނަނިވި ގޮތްގޮތުން ފެތުރުމުގެ ފުރުޞަތު އޮވެދާނެ އެވެ.
·         ބަލިމީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ދިއުން
·         ބަލިމީހާގެ ގައިގައި އަތްލައި، ސަލާންކޮށްހެދުން ފަދަ ގާތްގުޅުމެއް ބޭއްވުން
·         ބަލީގެ ވައިރަސް ހަރުލާފައި ހުރިތަނެއްގައި އަތްލުމަށްފަހު އަތްނުދޮވެ، އަނގަ، ނޭފަތް، ނުވަތަ ލޮލަށްލުން
·         ބަލިޖެހިފައިވާ މީހާގެ ބޮޑު ކަމުނަޖިހުން

މައުލޫމާތު : މިމައުލޫމާތު ނަގާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޕޯސްޓަރަކުންނެވެ. 

އާންމު ގޮތެއްގައި ނޭވާލާ ނިޒާމަށް ޖެހޭ މިފަދަ އިންފެކްޝަންތައް އެކަކު ގައިން އަނެކާގެ ގަޔަށް އެންމެ ބޮޑަށް އަރަނީ ބަލިމީހާގެ ފުށުން އަލާމާތްތައް ފެންނަ ދުވަސްވަރުގައެވެ. ނަމަވެސް ނޮވެލް ކޮރޯނާ ވައިރަސް ބަލިމީހާގެ ފުށުން އަލާމާތްތައް ނުފެންނަ ހިނދު ވެސް އަނެކާގެ ގަޔަށްއަރާކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މާނައަކީ ބަލީގެ ވައިރަސް ހަށިގަނޑުގައި ހުރެމެ، އަލާމާތްތައް ނުފެނި، އެކުގައި އުޅުނު މީހުންނަށް އެމީހާގެ ފުށުން ބަލިއެރުމެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަންގެ އަލާމާތްތައް ފެންނަށް ނަގާ މުއްދަތު
ކޮންމެ ވައިރަސް ނޫނީ ޖަރާސީމެއްމެ ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމަށް ވަކި މުއްދަތެއް ނަގައެވެ. ނޮވެލް ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އޭގެ ސަބަބުން އަލާމާތްތައް ފެންނަށް ނަގާ މުއްދަތު އަދި އެހާ ސާފެއް ނޫނެވެ. ނަމަވެސް މިހާތަނަށް ބެލިބެލުންތަކާއި، ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި  ނޮވެލް ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އެވައިރަސް ހަށިގަނޑުގައި އިތުރުވެ، އެކަމުގެ ސަބަބުން އަލާމާތްތައް ފެންނަނީ ހަށިގަނޑަށް ނޮވެލް ކޮރޯނާ ވައިރަސް ވަންނަތާ 14-2 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަލާމާތްތައް
ނޮވެލް ކޮރޯނާ ވައިރަސްގެ ސަަބަބުން ޖެހޭ ރޯގާގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ހުންއައުން : 38 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައި ހުންހުރުން
·         ކެއްސުން
·         ނޭވާކުރުވެ، ނޭވާލާން އުދަނގޫވުން
މީގެ އިތުރުން ބައެއް ފަހަރު
·         ހީކެރުވުން
·         ބޮލުގައި ރިހުން
·         ގައިގައި ރިހުން
·         ކަރުގައި ރިހުން
·         ނޭފަތުން ފެންއައުން
·         ކިނިބިހިއެޅުން
·         ބޭރަށްހިންގުން 

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް
ނޮވެލްކޮރޯނާވައިރަސްގެސަބަބުންދިމާވެދާނެނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ފުއްޕާމޭގައި ޖަރާސީމު އަށަގަނެ ނިއުމޯނިޔާ ޖެހުން
·        އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުން
·         ކިޑްނީ ފޭލްވުން
·         ފުރާނަޔަށް ނުރައްކާވެ، މަރުވުން ( ބައެއް ފަހަރު)

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަށްދެވޭ ފަރުވާ
ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަކީ ވައިރަސް އިން ފެތުރޭ އިންފެކްޝަނަކަށް ވެފައި، މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސް އެއްކަމުން މިވައިރަސް އިން ޖެހޭ ބައްޔަށް ނުވަތަ އިންފެކްޝަނަށް ވަކި ޚާއްޞަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އާންމު ގޮތެއްގައި ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންނަށް ފަރުވާކުރަނީ ބަލިމީހާއަށް ކުރިމަތިވެފައިވާ އުނދަގޫތަކަށް ރިޢާޔަތްކޮށް އެއުދަނގޫތަކަށް ލުއިކަން ހޯދައި ދިނުމަށްޓަކައެވެ.

ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ވައިރަސް އެއް ކަމަށްވެފައި، ހަލުވިކަމާއެކު، ބަލިފެތުރިދާތީ، ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ޝައްކު ކުރެވޭ މީހުން، ބަލިހުރިކަން ލެބޯޓަރީ ޓެސްޓު ހަދައިގެން ޔަގީން ކުރެވެންދެން އެހެން މީހުންނާއި އެކަހެރިކޮށް، ވަކިކުރެވި، ކަރަންޓީނު ކުރެވެއެވެ. މީގެ ބޭނުމަކީ ޝައްކު ކުރެވޭ ބަލިމީހާގެ ފުށުން ބަލިހުރިކަން ކަށަވަރު ނުކުރެވިދާ މުއްދަތުގެ ތެރޭގައި އިތުރުބަޔަކަށް ބަލި ފެތުރި، ނޫނީ އިތުރު ބައެއްގެ ގަޔަށް ބަލި އެރުމުގެ ފުރުޞަތު ކުޑަކުރުވުމެވެ.

ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރެވޭ ހާލަތުގައި ވެސް ދެވޭ ފަރުވާ އަކީ މައިގަނޑު ގޮތެއްގައި ބަލީގެ އަލާމާތްތަކަށް ބަލައިގެން އެއަލާމާތްތަކަށް ނޫނީ އުނދަގޫތައް ލުއިކުރުމަށްޓަކައި ފޯރުކޮށްދެވޭ ފަރުވާއެކެވެ.

ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ވައިރަސް އެއް ނޫނީ ބައްޔެއްކަމުން އަދި  މިވައިރަސް ނޫނީ މިބައްޔާ ދެކޮޅަށް ވެކްސިނެއް އަދި ތައްޔާރު ކުރެވިފައެއް ނުވެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުން
ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
(ހ) - ކެއްސާ،ކިނބިހިއަޅާއިރުއަނގަޔާނޭފަތްނިވާކުރުން
o       ނިވާކުރުމަށް ޓިޝޫ ބޭނުންކުރިނަމަ ޓިޝޫ ރަނގަޅު ގޮތުގައި ނައްތާލުން (ޑަސްބިންއަށްލުން)
o       ޓިޝޫ އެއް ނެތްނަމަ މުލައްދަނޑި ހުރަސްކޮށްލުން
o       އަތުން ނިވާކުރިނަމަ، ނުވަތަ ޓިޝޫއިން ނިވާކުރިޔަސް ލަސްނުކޮށް ސައިބޯނިލައިގެން އަތްދޮވުން
o       ނިވާކުރުމަށް ސާޖިކަލް މާސްކް ބޭނުންކުރިނަމަ، މާސްކު ރަނގަޅު ގޮތުގައި ނައްތާލުން (ޑަސްބިނަށްލުން)
(ށ) - ސައިބޯނިލައިގެންގިނަގިނައިން އަތްދޮވުން
o       ސައިބޯނި ނެތްނަމަ އަލްކޮހޯލް ބޭސްޑް ހޭންޑް ރަބު ބޭނުންކުރުން
o       އަތްދޮވުމުގައި އަމަލުކުރަންޖެހޭ އުސޫލާއެއްގޮތަށް އަތްދޮވުން
o       ހަމައެކަނި ފެންކޮޅަކުން ދޮވެލުން އެއީ ރަނގަޅު ގޮތެއް ނޫނެވެ.
o       އަތްދޮންނައިރު އިގިލިތަކުގެ ދެކަރަވަ ދޭތެރެއާއި، އަތުގެ ކުޑަހުޅާއި، އިގިލިތައް، އަދި އަތްތިލައިގެ ދެފުށް ރަނގަޅަށް ދޮންނަށް ވާނެ އެވެ.
o       ބޭރުފުށުން ފެންނައިރު އަތުގައި ހަޑިހުރިނަމަ ސައިބޯނިލައިގެން އަތްދޮވުން
o       ބޭރުފުށުން ފެންނައިރު އަތުގައި ހަޑި ނެތްތަނަމަ ހޭންޑް ރަބު ބޭނުންކުރުން
o       އަތްދޮންނަށްޖެހޭ ހާލަތްތައް
§         ކެއްސާ ކިނބިހި އެޅުމަށްފަހު
§         ބަލިމީހަކާ އަޅާލާ ހެދުމުގެ ކުރިން
§         ބަލިމީހަކާ އަޅާލާ ހެދުމަށްފަހު
§         ކާތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި، ކުރުމުގެ ތެރޭގައި، އަދި ތައްޔާރުކުރުމަށްފަހު
§         ފާޚާނާކޮށް ނިމުމަށްފަހު
§         ބޭރުފުށުން ފެންނަ ފެނުމަށް އަތްހަޑިނަމަ
§         ޖަނަވާރު ނޫނީ ޖަނަވާރުގެ ނަޖިސް އުފުލާހެދުމަށްފަހު
(ނ) – ރޯގާ ނުވަތަ އަރިދަފުސް ފޮޅުމުގައި ސަމާލުވާންވީ ކަންތައްތައް
o       ޓިޝޫއަކުން ރޯގާ/ އަރިދަފުސް ފޮޅުން
o       ރޯގާ/އަރިދަފުސް ފޮޅުމަށްފަހު ޓިޝޫ ޑަސްބިނަށްލުން
o       އެއަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
o       އާންމު ތަންތަނަށް ރޯގާ/އަރިދަފުސް ނުފޮޅުން
o       އަތުން ރޯގާ/އަރިދަފުސް ނުފޮޅުން

o       އަތުން ރޯގާ/އަރިދަފުސް ފޮޅައިފިނަމަ ލަސްނުކޮށް ސައިބޯނިލައިގެން އަތް ދޮވުން 
(ރ) - ހުންއައިސްކެއްސާމީހުން :
o       އަނގަޔާ ނޭފަތް ނިވާކުރުމަށް ސަރޖިކަލް މާސްކު އެޅުން (ގޭގައި އުޅޭއިރުވެސް)
o       ގެއިން ބޭރަށް ނުދިއުން (ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން)
o       ބޭނުންކުރާ ސާމާނު (ތަށި، ސަމުސާ، އަންނައުނު، ތުވާލި ފަދަ ތަކެތި) އެހެން މީހުން ބޭނުންނުކުރުން
o       އެހެންމީހުންނާއި ގައިގޯޅިވެ ނޫޅުން
(ބ) - ގޭގައިހުންއައިސްކެއްސާމީހަކުއުޅޭނަމަ:
o       ބަންދުކުރެވިފައިވާ ވަކި ކޮޓަރިއެއްގައި ހުރުން
o       އެކޮޓަރިއަށް އެހެން މީހުން ވަދެނޫޅުން
o       ކޮންމެހެން ވަންނަށްޖެހޭ މީހުން ބަލިމީހާ އާއި 3 ފޫޓް ދުރުގައި ހުރުން
o       ކޮންމެ ވަންނަށް ޖެހޭ މީހުން ވަދެ ނިކުންނަ ވަގުތުތަކު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން : މިސާލަކަށް މާސްކު އެޅުން، އަންގިލެއްވުން، ނިމިގެން އަތްދޮވުން
(ޅ) – އެހެނިހެން ކަންތައްތައް
·         ބަލިމީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން ޚާއްޞަކޮށް ހުންއައިސް ކެއްސާ ރޯގާޖެހިފައިވާ މީހުންނާ ގައިގޯޅިނުވުން
·         ޖަރާސީމު ހުރެދާނެހެން ހީވާ ތަންތާގައި އަތްނުލުން
·         ލޯ، އަނގަ، ނޭފަތަށް އަތްލުމުން ދުރުހެލިވުން
·         މަގުމައްޗަށް ކުޅު ނުޖެހުން
·         ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން
·         އާންމު ސާފުތާހިރުކަމަށް ރައްކާތެރިވުން
·         ކޮންމެހެން ދާންޖެހިގެން މެނުވީ ހޮސްޕިޓަލް ފަދަ ތަންތަނަށް ނުދިއުން
·         ކޮންމެހެން ގެންދަންޖެހިގެން މެނުވީ ކުޑަކުދިން ބޭރަށް ނުގެންދިއުން
·         ކޮންމެހެން ރާއްޖެ އިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް މިފަދަ ދުވަސްވަރެއްގައި ނުކުރުން
·         ބަލި ފެތުރޭ ހިސާބުތަކުގެ އެއްގަމު މަސްވިއްކާ މީޓް މާރުކޭޓުތަކަށް ނުދިއުން
·         ބަލި ފެތުރޭ ހިސާބުތަކުގެ އެއްގަމު މަސްވިއްކާ މީޓް މާރުކޭޓުތަކަށް ކޮންމެހެން ދާންޖެހިގެން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދިއުން، އަދި އެފަދަ ތަކެއްޗަށް އަތްލާ ހަދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން
·         ރަނގަޅަށް ރޯނުފިލުވައި ހުންނަ ނޫނީ ނުކައްކައި ހުންނަ ރޯމަސް ނުކެއުން ނޫނީ އެފަދަ މަސް ކެއުމާއި ދުރުހެލިވުން
·         ރޯމަސް ، ރޯކިރު، ޖަނަވާރުގެ ރޯކޮށް ހުންނަ ގުނަވަންތައް (މޭ، ކުރަނޑި ފަދަ ތަކެތި) އުފުލާ، ކޮށާރުކޮށް ހެދުމުގައި ވެސް ފަރުވާތެރިވުން

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް މާސްކުއެޅުން
ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް މާސްކު އަޅަންޖެހޭ ފަރާތްތައް ތިރީގައި މިވަނީ އެވެ.
1.      ރޯގާޖެހި، ހުންައައިސް، ކެއްސާ، ނޭވާކުރުވެ، ނޭވާލާން އުނދަގޫވާ ފަރާތްތައް
2.      މިބަލީގެ އަލާމަތްތައް ހުރި ފަރާތަކާ ގާތްކޮށްއުޅޭމީހުން (އެކުގައި / އެއްގޭގައި އުޅޭމީހުން)
3.      މިބަލީގެ އަލާމާތްތައް ހުރި މީހަކަށް ފަރުވާކުރުމުގެ މަސައްކަތުގައި އަމަލީގޮތުން އުޅޭ ޞިއްޙީ ދާއިރާގެ ފަރާތްތައް
ނޯޓް : އާންމު ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތްތައް ނުހުންނަ މީހުން މާސްކު އެޅުން މުހިއްމެއް ނޫނެވެ.

ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ އަދި އިތުރަށް ބަލާ މޮނީޓަރ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް
1.      އަލާމާތްތައް ފެނުމުގެ 14 ދުވަސްކުރިން ޗައިނާގެ ހުވާން، އަދި ހޫބޭ ޕްރޮންވިސް އަށް ގޮސްފައިވުން
2.      އަލާމާތްތައް ފެނުމުގެ 14 ދުވަސްކުރިން ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ މީޓް މާރުކޭޓަކަށް ގޮސްފައިވުން
3.      ނޮވެލް ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމުގައިވާ ހުންއައުން، ކެއްސުން، ކަރުގައި ރިހުން، އަދި ނޭވާކުރުވެ، ނޭވާލާން އުދަނގޫވުން ފަދަ އަލާމާތްތައް ހުރުން
4.      ބަލިމީހާއަކީ މިބަލި އުޅޭ ސަރަހައްދެއްގެ  ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްދޭ ފަރާތަކަށްވުން
5.      އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލިޖެހިފައިވާ ކަމަށް ބެލެވޭ މީހަކާ އެކުގައި އުޅެފައިވުން، ނުވަތަ އެފަދަ ބަލި މީހަކު އުޅޭ ތަނަކަށް ޒިޔާރަތްކޮށްފައިވުން

ޗައިނާއަށް ދަތުރުކުރުމަށްފަހު ހުންައައިސް، ކެއްސާ، ނޭވާކުރުވެ މިފަދަ އަލާމާތްތަކެއް ފެންނަނަމަ ހަދާނީ ކިހިނެއް؟
·         ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރަށް (7377004) އަށް ގުޅާފައި އެންގުން
·         ހޮޓްލައިން އަށް ގުޅާ އެންގުމަކާ ނުލައި، ޞިއްޙީ މަރުކަޒު، ކްލިނިކް، ނޫނީ ހޮސްޕިޓަލް ފަދަ ތަންތަނަށް ނުދިއުން
·         ޗައިނާ އަށް ދަތުރުކުރުމަށްފަހު 14 ދުވަސްތެރޭ މިފަދަ އަލާމާތެއް ފެނިއްޖެނަމަ (ހޮޓްލައިން އަށް ގުޅާފައި އެންގުން) އަދި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
·         ޑޮކްޓަރަށް ދައްކާއިރު ޗައިނާއަށް ދަތުރުކުރިކަމުގެ މައުލޫމާތު ހިއްސާކުރުން
·         ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުން
·         އަނގަޔާ ނޭފަތް ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، މުލައްދަނޑި ހުރަސްކުރުން
·         ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން

ޗައިނާ އަށް ދަތުރުކޮށްފައިވާ އަދި ނޮވެލް ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިފައިވާ މީހަކާ ދިމާވެއްޖެނަމަ ކައްތައްކުރާނީ ކިހިނެއް؟
·         އަމިއްލަ ޞިއްޙަތު މޮނީޓަރ ކުރަމުންގެންދިއުން
·         ހުންއައުން، ކެއްސުން، ނޭވާކުރުވުން މިފަދަ އަލާމާތްތަކެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް (ހޮޓްލައިން އަށް ގުޅާފައި އެންގުން) ޞިއްޙީ އެހީތެރިއަކަށް ދެއްކުން
·         އަދި ޗައިނާއަށް ދަތުރުކޮށްފައިވާ މީހަކާ ދިމާވިކަން ހާމަކުރުން
·         ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުން
·         އަނގަޔާ ނޭފަތް ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، މުލައްދަނޑި ހުރަސްކުރުން
·         ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން

ނޮވެލް ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން އެހެން މީހުން ރައްކާތެރިކޮށް ދިނުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތައް
·         ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބުން އަތް ސާފުކުރުން
·         ކެއްސާ ކިނބިހިއަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުން ، ނޫނީ މުލައްދަނޑި ހުރަސްކޮށްލުން
·         ނިވާކުރުމަށް ބޭނުންކުރި ޓިޝޫ ވަގުތުން ކުނިވައްޓަށްލުން
·         އެއަށްފަހު ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކޮށްގެން އަތް ސާފުކުރުން
·         ބަލިމީހަކާ އަޅާލާ ހަދާއިރު ވެސް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން، އަދި އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކުރުމަށް ސަމާލުކަން ދިނުން
·         ކެއްސާ ކިިނބިހިއަޅާނަމަ އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުން
·         މަގުމައްޗާއި އާންމު ތަންތަނަށް ކުޅު ނުޖެހުމާއި، އަރިދަފުސް ނުފޮޅުން
·         ހުންއައިސް، ކެއްސާ، ނޭވާކުރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

ނޮވެލް ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން ރައްކާތެރިވުމަށް ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުވާންޖެހޭ ކަންތައްތައް
·         ރޯމަހާއި، އެހެނިހެން ތަކެތި ކޮށުމަށް ވަކިވަކި ދެ ކަޓިން ބޯޑު އަދި ވަކިވަކި ވަޅި /ފިޔޮފި ބޭނުންކުރުން
·         ރޯމަހުގައި އަތްލައި ހެދުމަށްފަހު އެހެން ކާބޯއެއްޗެއްގައި އަތްލުމުގެ ކުރިން ރަނގަޅަށް އަތްދޮވުން
·         ބަލި ޖަނަވާރާއި، މަރުވެފައިވާ ޖަނަވާރުގެ މަސްނުކެއުން
·         ބަލި ފެތުރޭ ހިސާބުތަކުގައި ވެސް ރަނގަޅު ގޮތުގައި އުފުލައި ހަދައި، ރަނގަޅަށް ރޯފިލުވައިގެން ކައްކާފައިވާ އެއްގަމު މަހުގެ އުފެއްދުންތައް ބޭނުންކުރެވިދާނެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން ރައްކާތެރިވުމަށް ޗައިނާ އަދި ދެކުނު އޭޝިޔާގެ ނޫނީ ބަލި ފެތުރޭ ގައުމުތަކުގެ ތެތް މާރުކޭޓުތަކުގައި ( އެއްގަމު މަސް މާރުކޭޓްތަކުގައި) މަސައްކަތްކުރާނަމަ/ނޫނީ އެތަންތަނަށް ވިޔަފާރިކުރަން ދާނަމަ، ސަމާލުވާންޖެހޭ ކަންތައްތައް
·         ޖަނަވާރުތަކުގައި، ނޫނީ ޖަނަވާރުގެ އުފެއްދުންތަކުގައި އަތްލުމަށްފަހު ސައިބޯނިލައިގެން އަތްދޮވުން
·         ލޯ، ނޭފަތް، އަނގަޔަށް އަތްލުމުން ދުުރުހެލިވުން
·         ބަލި ޖަނަވާރު ގެ ނޫނީ  ކުނިވެފައި ނުވަތަ މަރުވެފައިވާ ޖަނަވާރުގެ މަހުގައި އަތްލައި ނުހެދުން
·         މާރުކޭޓްގައި ހުންނަ ވަލު ޖަނަވާރުގައި، އޭގެ ނަޖިހުގައި، ނޫނީ އޭގެ ހަށިގަނޑުން ބޭރުވި ދިޔައެއްގައި އަތްލައި ނުހެދުން
·         ޖަނަވާރާއި އޭގެ އުފެއްދުންތައް އުފުލާ ހަދާއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. މިސާލަކަށް އަންގިލެއްވުން، މާސްކު ނުވަތަ މޫނުމަތި އެޅުން، ގައުންލުން!
·         ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި ( މިސާލަކަށް ގައުން) މަސައްކަތް ނިމުމުން ކޮންމެ ދުވަހަކު ވެސް ދޮވުން، އަދި މަސައްކަތްކުރާ ތަނުގައި އެތަކެތި ބެހެއްޓުން
·         އެފަދަ ތަނެއްގައި މަސައްކަތްކުރާ އިރު ބޭނުންކުރާ ހަޑިވެފައިވާ ބޫޓާއި، ހެދުން ގައުން ފަދަ ތަކެއްޗަށް އާއިލާގެ މެންބަރުން ހުށަހެޅުނަ ނުދިނުން
·         މަސައްކަތްކުރާ ތަނާއި ތަކެތި ( މިފަދަ މާރުކޭޓުތަކުގައި) ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ދޮވުން

ނޮވެލް ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމާއި، ބަލި ފެތުރުން ކުޑަކުރުމަށް ދަތުރުފަތުރު ކުރާއިރު ސަމާލުވާންޖެހޭ ކަންތައްތައް
·         ކެއްސާ، ރޯގާޖެހި ހުން އަންނަ ނަމަ ދަތުރުނުކުރުން
·         ކެއްސާ، ހުން އައިސް، ނޭވާލާން އުދަނގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން އަދި ޑޮކްޓަރަށް ދައްކާއިރު ދަތުރުކުރި ހިސާބުތަކުގެ މައުލޫމާތު ޑޮކްޓަރާއި ހިއްސާކުރުން
·         ހުން އައިސް ކެއްސާ މީހުންނާއި ގައިގޯޅިނުވުން
·         ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ، ނޫނީ ހޭންޑް ރަބުން އަތް ސާފުކުރުން
·         ލޯ، ނޭފަތް، އަނގަޔަށް އަތްނުލުން
·         ކެއްސާ ކިނބިހިއަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުން ، ނޫނީ މުލައްދަނޑި ހުރަސްކޮށްލުން
·         ނިވާކުރުމަށް ބޭނުންކުރި ޓިޝޫ ވަގުތުން ކުނިވައްޓަށްލުން
·         އެއަށްފަހު ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކޮށްގެން އަތް ސާފުކުރުން
·         މާސްކު އަޅާނަމަ އަނގަޔާ ނޭފަތް ނިވާވާގޮތަށް މާސްކުއެޅުން، އަދި މާސްކު އެޅުމަށްފަހު މާސްކުގައި އަތްލައި ނުހެދުން
·         މާސްކު އެއްފަހަރު ބޭނުންކުރުމަށްފަހު ޑަސްބިނަށް ލުން
·         މާސްކު ބޭނުންކުރާ ކޮންމެ ފަހަރަކު މާސްކު ނަގައި އެއްލާލުމަށްފަހު ރަނގަޅަށް އަތްދޮވުން
·         ދަތުރު މަތީގައި ބަލިވެއްޖެނަމަ، ބޯޓުގެ ފަޅުވެރިއަކަށް މައުލޫމާތު ހިއްސާކޮށް، ޞިއްޙީ އެހީތެރިކަން ހޯދުން
·         އަދި މިފަދަ ހާލަތުގައި ދަތުރުކުރި ހިސާބުތަކުގެ މައުލޫމާތު ޞިއްޙީ އެހީތެރިޔާއާއި ހިއްސާކުރުން
·         ދަތުރުމަތީގައި އުޅޭއިރު ރަނގަޅަށް ކައްކައި ރޯފިލުވާފައި ހުންނަ ތަކެތި ކެއުން
·         އާންމު ތަންތަނަށް ކުޅު ނުޖެހުމާއި އަރިދަފުސް ނުފޮޅުން
·         ދަތުރުމަތީގައި ބަލި ޖަނަވާރު ފަދަ ތަކެއްޗާއި ގައިގޯޅި ނުުވުން، އަދި އެފަދަ ތަކެއްޗާއި ދަތުރު ނުކުރުން

ހަވާލާ
މިލިޔުމަށް މައުލޫމާތު އެއްކޮށް، ޖަމާކޮށްފައިވަނީ އަންނަނިވި ގޮތްތަކުންނެވެ.
·         ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ވެބްސައިޓް
·         ސީޑީސީގެ ވެބްސައިޓް
·         މިނިސްޓްރީ އޮފް ހެލްތު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ނެރެފައިވާ ނޫސްބަޔާންތައް
·         ސޯޝަލް މީޑިޔާގައި ދިވެހި ޑޮކްޓަރުން ކޮށްފައިވާ ބައެއް ޕޯސްޓް /ޓްވީޓްތައް
·         މިހާރު ނޫސް https://mihaaru.com/coronavirus/68415








No comments:

Post a Comment