Showing posts with label ، ހަމުގެ ބަލިތައް. Show all posts
Showing posts with label ، ހަމުގެ ބަލިތައް. Show all posts

Saturday, July 23, 2022

ހުދުބަލި

ހުދުބަލި                       

ހުދުބަލި(vitiligo) ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ ބައްޔެކެވެ. ނުވަތަ ހަމުގެ ހަގީގީ ކުލަދާ ބައްޔެކެވެ. މިބަލިޖެހުމުން ހަމުގެ އެކި ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. މިލައްތައް ހުންނަނީ ހުދުކުލައިގެ ތިކިތަކެއް ނޫނީ ޕެޗްތަކެއްގެ ގޮތުގައެވެ. އަދި މިހުދުކުލައިގެ ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ.

ހުދުބަލީގައި ބައެއް މީހުންގެ ހަމުގައި ކުދިކުދި ތިކިތަކެއްގެ މިންވަރަށް ހަން ހުދުވިޔަސް އަނެއްބައި މީހުންގެ ހަމުގައި ބޮޑެތި ޕެޗްތަކެއް ގޮތަށް ހަން ހުދުވެފައި ހުރެއެވެ. ހުދު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ.


ހުދުބަލި ފެށިގެން އަންނަނީ ހަމުގައި ނަގާ އަލި، ހުދު ކުދި ދެތިން ޕެޗްތަކެއްގެ ގޮތަށެވެ. މިގޮތަށް ހަމުގައި ނަގާ ޕެޗްތައް އެއް ވަރަށް ދެތިން އަހަރު ވަރުވެސް ހުރެދާނެ އެވެ. ނޫނީ އޭގެ ސައިޒުން ބޮޑުވެސް ވެދާނެ އެވެ. ހަމުގައި އަލިކޮށް ހުންނަ އާޕެޗް ތައް ނަގާނެއެވެ. މިޕެޗްތައް ކުރިން ނަގާފައި ހުރި ޕެޗްތައް ކައިރީގައި ނޫނީ އެޕެޗްތަކާއި ދުރުގައި ވެސް ނަގައިފާނެ އެވެ.

ކޮންމެ އުމުރެއްގައި ވެސް ހުދުބަލީގެ އުނދަގޫތައް ކުރިމަތިވެދާނެ އެވެ. ބައެއް އާއިލާތަކުގެ ތެރޭގައި ހުދުބަލި ކުރިމަތިވުން އާންމުކަން ފާހަގަ ކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ކޮންމެ 100 މީހުންގެ ތެރެއިން އެކަކަށް ހުދުބަލި ޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. ކޮންމެ ނަސްލެއްގެ އަދި ކޮންމެ ކަހަލަ ހަމެއް ހުންނަ މީހަކަށް ވެސް ހުދުބަލި ކުރިމަތިވެދާނެ އެވެ. ހުދުބަލި ކުރިމަތިވާ ½ މީހުންނަށް އެމީހުންގެ އުމުރުން 20 އަހަރުވުމުގެ ކުރިން ހަން ހުދުވާން ފަށައެވެ. ގިނަ މީހުންނަށް ހުދުބަލި ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓައި ފެންނަށް ފަށައެވެ.


ވައްތަރުތައް

(ހ) ލޮކަލައިޒްޑް ވިޓިލައިގޯ (localized or focal vitiligo): މިއީ އެއްތަނެއްގައި ނޫނީ ދެތިން ތަނެއްގައި ހުދުކުލައިގެ ދެތިން ހުދުތިކި، ނޫނީ ހުދުކުލައިގެ ދެތިން ޕެޗް ނެގުމެވެ. ނުވަތަ ހަށިގަނޑުގެ މަދު ތަނެއްގައި ވަރަށް ކުޑަކޮށް ހަން ހުދުވުމެވެ. މިއީ ވަރަށް މަދުން ފެންނަ ވައްތަރެކެވެ. ހަން ހުދުވާނީ ހަމުގެ ވަރަށް ކުޑަ ތަންކޮޅެއްގެ އެވެ. އެއްއަހަރު ދެއަހަރު ވާއިރު ވެސް އިތުރަށް ނުފެތުރި ހުރެދާނެ އެވެ.

(ށ) ޖެނެރަލައިޒްޑް ވިޓިލައިގޯ (generalized vitiligo): މިއީ ހަށިގަނޑުގެ ތަފާތު ހިސާބުތަކުގައި ހުދުކުލައިގެ ޕެޗްތައް ނެގުމެވެ. ނޫނީ އުފެދުމެވެ. ނޫނީ ހަށިގަނޑުގެ ތަފާތު ހިސާބުތަކުގެ ހަން ހުދުވުމެވެ.

(ނ) ޔުނިވަސަލް ވިޓިލައިގޯ (universal vitiligo): މިއީ ހަށިގަނޑުގެ ބޮޑު ބައެއްގެ ހަން ހުދުވުމެވެ. ނުވަތަ ހަމުގެ %80 އަށްވުރެ ބޮޑުބައެއް ހުދުވުމެވެ. މިއީ ވެސް ނިސްބަތުން މަދު ވައްތަރެކެވެ.

(ރ) މިއުކޯޒަލް ވިޓިލައިގޯ (mucosal vitiligo): މިއީ ހަށިގަނޑުގެ ތެތްދުލިފަށަލަ ހިމެނޭ ހިސާބުތަކުގެ ހަން ހުދުވުމެވެ. މިސާލަކަށް ތުންފަތުގެ ނޫނީ ކުރިމަތި ފަރާތުގެ ހަން ހުދުވުމެވެ.

(ބ) ނަން-ސެގްމެންޓަލް ވިޓިލައިގޯ (non-segmental vitiligo): މިއީ ވަރަށް ލަހުން ފެތުރޭ ހުދު ޕެޗްތަކެއް ތަކެއް، ދޭތެރެ ދޭތެރެއިން އާޕެޗްތައް ފެންނަމުންދާ ހެން ހަން ހުދުވަމުން ދިއުމެވެ. މިހާލަތުގައި ހަށިގަނޑުގެ ދެފަރާތުގެ ނޫނީ ދެފަޅީގެ ހަމުގައި ވެސް ހުދުކުލައިގެ ޕެޗްތައް އުފެދިދާނެ އެވެ. މިސާލަކަށް ދެކަކޫ ނޫނީ ދެއަތްތިލައިގެ ހަން ހުދުވެދާނެ އެވެ. ނޫނީ މޫނުގެ ހަން ހުދުވެދާނެ އެވެ. ހުދުބަލީގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ.

(ޅ) ސެގްމެންޓަލް ވިޓިލައިގޯ (segmental vitiligo): މިއީ ވަރަށް އަވަހަށް ފެތުރި، ހަށިގަނޑުގެ އެއްފަޅީގެ ނޫނީ އެއްބައިގެ ހަން ހުދުވުމެވެ. ނޫނީ އެގޮތަށް ހަން ހުދުވާ ބައްޔެކެވެ. މިވައްތަރުގެ ހަން ހުދުވުން ހުންނާނީ އެއްވަރަކަށެވެ. ނޫނީ ހަން ހުދުވުން ހުއްޓޭނެ އެވެ. ހުއްޓުމަށްފަހު ގިނަ މީހުންގެ ހަމުގައި ހުދުކުލައިގެ އިތުރު ޕެޗްތަކެއް ނުއުފެދޭނެ އެވެ. މިވައްތަރަށް ޔުނިލެޗްރަލް ވިޓިލައިގޯ އޭ ވެސް ކިޔައެވެ.

(ކ) މިކްސްޑް ވިޓިލައިގޯ (mixed vitiligo): މިއީ މަތީގައި ބަޔާންކުރެވުނު ދެވައްތަރު އެއްކޮށް ޝާމިލްވާނެހެން ހަން ހުދުވުމެވެ.

ސަބަބު، މަގުފަހިކުރާ ކަންތައްތައް

ހުދުބަލި ކުރިމަތިވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ހުދުބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ނޫނީ މަގުފަހިކުރާ ކަންތައްތަކެއް ވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) އުޓޯއިމިއޫން ޑިސްއޯޑަރ : ހުދުބަލި ކުރިމަތިވަނީ ދިފާޢީ ނިޒާމުގެ ސެލްތަކުން މެލާނޯސައިޓް އުފައްދާ ސެލްތައް ހަލާކުކޮށްލުމުންނެވެ. މިލާނޯސައިޓް(melanocyte)  ސެލް ތަކަކީ ހަމަށް އޭގެ ތަބީޢީ ކުލަ ގެނެސްދޭ "މެލަނިން"(melanin) އުފައްދާ ސެލްތަކެވެ. އެހެންކަމުން ގަބޫލުކުރެވޭގޮތުގައި މިއީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތައް އެމީހާގެ އަމިއްލަ ހަށިގަނޑަށް ހަމަލާދިނުމުން ދިމާވާ ގޮތެކެވެ. މީގެ އިތުރުން އާއިލާގެ މެންބަރުންގެ ތެރޭގައި އެހެން އުޓޯއިމިއޫން ޑިސްއޯޑަރ އެއް ހުރުން މިސާލަކަށް ތައިރޮއިޑް ގްލޭންޑް އަށް ކުރިމަތިވާ އުޓޯއިމިއޫން ޑިސްއޯޑަރ އެއް (ހަޝިމޮޓޯސް ތައިރޮއިޑައިޓިސް)، ނޫނީ ބޮލުން ބައެއްގެ އިސްތަށި ފޭބުން ފަދަ ކަމެއް ހުރުމަކީ ހުދުބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(ށ) ވާރުތަވުން : ހުދު ބައްޔަކީ އާއިލާތަކުގެ ތެރޭގައި ދައުރުވަމުން އަންނަ ބައްޔެކެވެ. އެގޮތުން ހުދުބަލި ޖެހޭ %30 މީހުންނަކީ އެމީހުންގެ އާޢިލާގެ ތެރޭޣައި ބަލި ދައުރުވަމުން އަންނާތީ ބަލީގެ އަސަރު ފެންނަ މީހުންނެވެ. އާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އަޔަސް އެއާއިލާގެ އެންމެންނަށް ނޫނީ ހުރިހާ މެންބަރުންނަށް ހުދުބަލި ކުރިމައްޗެއް ނުވާނެ އެވެ. ހުދުބަލި ކުރިމަތިވުމަށް މަގުފަހިކުރާ ބައެއް ކަހަލަ ވިރާސީ ބަހާތައް ހުރެއެވެ. ހުދުބަލި ކުރިމަތިވަނީ މިވިރާސީ ބަހާތަކަށް ބަދަލެއް އައުމުންނެވެ. ވިރާސީ ބަހާތައް ހުރުމާއެކު، ބައެއް ކަހަލަ ކަންތައްތައް ހުރުމުން ނޫނީ ކުރިމަތިވުމުން ހުދުބަލި ފެށުމުގެ ނޫނީ ހުދުބަލި ހުރިނަމަ އިތުރަށް ގޯސްވުމުގެ ހިރާސް އިތުރުކުރުވައެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހަންގަނޑު އަވިން ނޫނީ އިރުގެ އަލިން އެދުން

·         ހަމަށް އަނިޔާއެއް ލިބުން : ހަންމެށުން، ކަނޑައިގެންދިއުން

·         ހަމުގައި ފީނޯލް ފަދަ ބާރުގަދަ ކެމިކަލްތައް އުގުޅުން

(ނ) ވިހަމާއްދާތައް : ފަތިނާރުތަކުގެ ކޮޅުން ދޫކުރާ މިލާނޯސައިޓް އަށް ވިހަ މާއްދާއެއްގެ ސަބަބުން ވެސް ހަން ހުދުވުމަށް މަގުފަހިވެދާނެ އެވެ.

(ރ) އަމިއްލައަށް ހަލާކުވުން : މިލާނޯސައިޓް ސެލްތަކުގައި ހުންނަ ޢައިބަކުން އެސެލްތައް އަމިއްލައަށް އެސެލްތައް ފަހަރުގައި ހަލާކުކޮށްފާނެ އެވެ. އަދި މީގެ ސަބަބުން ވެސް ހަންހުދުވުމަށް މެދުވެރިވެދާނެ އެވެ.

(ބ) ބައެއް ކަހަލަ ކެންސަރުތައް ޖެހުން : ބައެއް ކަހަލަ ކެންސަރުތައް ޖެހުން މިސާލަކަށް ހަމުގެ އެންމެ ނުރައްކާތެރި ކެންސަރު މިލަނޯމާ ޖެހުން، އަދި ނޮން ހޮޖްކިން ލިމްފޯމާ ފަދަ ވައްތަރުތައް ހުރުމަކީ ހުދުބަލި ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. މިލާނޯމާ ހުރެމެ އެކަމަށް "އިމިއުނޯތެރަޕީ" ފަރުވާއެއްގެ ގޮތުގައި ދިނުމަކީ ވެސް ހުދުބަލި ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

ފިކުރުބޮޑުވުމަކީ ހުދުބަލި ހުންނަ މީހުންނަށް ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެކެވެ.

އަލާމާތްތައް

ކުއްލިއަކަށް ނުވަތަ ދޭތެރެއަކުން ހަމުގެ ތަންކޮޅެއް ހުދުވެފައި ހުއްޓައި ފެނިދާނެ އެވެ. ހުދުވެފައިވާ ހަމުގެ ވަށައިގެން އަދިރި ބޯޑަރެއް ލެވިފައި އިންނާނެ އެވެ. ރީތިކޮށް ބޭރުކައިރި ފާހަގަވާން ހުރެއެވެ. ހުދުބަލީގެ އަސަރު ބޮޑަށް ކުރަނީ، މޫނު، އަތް، މުލައްދަނޑި، އުޅަބޮށި، ކަކޫ، އަތްތިލަ، ފައިތިލަ، އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބަށެވެ. ކަނާތް ނުވަތަ ވާތް ފަރާތަށް ވެސް ބަލީގެ އަސަރުކުރަނީ އެއް ވަރަކަށެވެ. ހަން ހުދުވުން ފިޔަވައި އިތުރު ބަދަލެއް ނާދެއެވެ. އާންމުކޮށް ކަޅުމީހުންގެ ފުށުން ހުދުބަލި ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެ އެވެ. އާންމު ގޮތެއްގައި ހަން ހުދުވަން ފުރަތަމަ ފާހަގަވަނީ އަންނަނިވި ހިސާބުތަކުންނެވެ.

·         މޫނު

·         މުލައްދަނޑި

·         އަތްތިލަ

·         ފައިތިލަ

ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި ހަމުގައި އުފެދުނު ހުދު ތިކިތައް ނޫނީ ހުދު ލައްތައް އަދި ހަމުގައި ނަގާ ހުދު ޕެޗްތައް ބޮޑުވެ، އުފެދި ހަށިގަނޑުގެ އެހެން ހިސާބުތަކުން ވެސް ފާޅުވާން ފަށާނެ އެވެ. ބައެއް މީހުންގެ ތުންފަތް، ނޭފަތް، އަދި ކުރިމަތި ފަރާތުގެ ތެތް ދުލިފަށަލަތަކުގެ ގެ ހަމުގެ ކުލަވެސް އަލިވެ، ހުދުވާން ފަށައިފާނެ އެވެ. ނޫނީ ހުދުވެދާނެ އެވެ. ހުދުބަލީގެ އަސަރު އިސްތަށިތަކަށް ވެސް ކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާއަވަހަށް އިސްތަށިތައް ނުރަވާން ފަށައެވެ.

ބައެއް މީހުންގެ ލޮލުގެ ކުލަ ވެސް ބަދަލުވާން ފަށައެވެ. އެގޮތުން އަލި ލައްތައް ލޮލުގެ ކަޅުބައިން ވެސް ފާހަގަވެދާނެ އެވެ. ހުދުބަލީގެ އަސަރު ކަންފަތަށް ވެސް ކޮށްފާނެ އެވެ. އަދި އެކަމުގެ ސަބަބުން އަޑުއިވުމުގައި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ހުދުބަލީގެ އެންމެ ފާހަގަވާނެ އަލާމާތަކީ ހަމުގެ އެއް ތަންކޮޅެއް ނޫނީ އެއަށްވުރެ ގިނަ ތަނުގެ ހަމުން އަލިކަމެއް (އާންމުކޮށް ހަމުގެ ކުލަ ހުންނަ މިންވަރަށްވުރެ ފަޑުވުން) ފާހަގަވުމެވެ. ނަމަވެސް އާންމުކޮށް ފާހަގަވާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

(ހ) އާންމުކޮށް ހަން ހުންނަ ވަރަށްވުރެ އަލި ތިކިތައް އަދި ޕެޗްތައް ހަމުގައި ނެގުން : ހުދުބަލި ޖެހުމުން އެމީހެއްގެ ހަމަށް ކުލަ ގެންނަ ޕިގްމެންޓް މެނަނިން އުފައްދާ ސެލްތައް މެލާނޯސައިޓް ތަކަށް ގެއްލުން ވެއެވެ. އޭގެ ނަތިޖާއެއްގެ ގޮތުން ހަމުގައި ހުދު ލައް(ތިކި)ތަކާއި، ޕެޗުތައް ނަގަން ފަށައެވެ. ހަމުގެ ކޮންމެ ހިސާބެއްގައި ވެސް (ކުރިމަތި ފަރާތުގައި ވެސް) މި ހުދު ލައްތަކާއި ޕެޗުތައް ނަގައިފާނެ އެވެ.

(ށ) ޕެޗުތައް ހުދުކުލަ އަށް ބަދަލުވުން : ހުދުބަލި ހީވާގީވާ ދުވަސްވަރު ހަމަށް އޭގެ ކުލަ ގެނެސްދޭ ސެލްތައް ހަލާކުކުރަމުން ދާއިރު އަލިކޮށް ހުރި ޕެޗުތަކުގެ ކުލަ މަޑުމަޑުން ފިޔާތޮށި ކުލައަކަށް ނޫނީ 3 ކުލަ ހިމެނޭ ގޮތަށް ( އާންމުކޮށް ހިމެނޭ ހަމާއި، ހުދުވެފައިވާ ހަމާއި ދެމެދު ހަމުގެ ކުލަ ފަނޑުވެފައި ނޫނީ ބަދަލުވެފައި ހުރުން ނުވަތަ ހުދުކުލަ+ ފަޑުއަލިކުލަ، އަދި ހަމުގެ އާންމު ކުލަ ފެންނަށް ހުރުން) ބަދަލުވަމުން ގޮސްފާނެ އެވެ. ހުދުބަލީގެ ހީވާގިކަން ދިއުމުން ހަން އެއްކޮށް ހުދުވާނެ އެވެ.

(ނ) އަނގަޔާއި ނޭފަތުގައި އަލި ޕެޗުތަކެއް ނެގުން : ހުދުބަލީގެ ސަބަބުން އަނގަ، ތުންފަތް، އަނގަކައިރި، ނޭފަތް އަދި ނޭފަތު އެތެރޭގެ ކުލަ ހުދުކުލަ އަށް ބަދަލުވެއެވެ. ނޫނީ މިހިސާބުތަކުގެ ހަމުގައި ނޫނީ ތެތްދުލިފަށަލައިގައި ވެސް ހުދުކުލައިގެ ޕެޗްތަކެއް ނަގައެވެ.

(ރ) ހުދުވެފައިވާ ޕެޗްތައް ހިރުވައި ކެހުން : ހުދުބަލި ހީވާގީ ވާ ދުވަސްވަރު ޕެޗްތައް ހިރުވައި ކެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނޫނީ މިޕެޗުތައް ނޫނީ ލައްތަކުގެ ސަބަބުން މާބޮޑު އުދަނގޫތަކެއް އިހުސާސެއް ނުވާނެއެވެ.

(ބ) އިސްތަށިތައް ހުދުވުން ނޫނީ ނުރަވުން : ހުދުބަލި ޖެހުމަކީ އިސްތަށިތަކުގެ ކުލަ ހުދުވާނެ ކަމެކެވެ. ހަމުގެ ހިސާބެއް ހުދުވުމުން އެހިސާބުގެ އިސްތަށިތައް ވެސް ހުދުވާނެ އެވެ. ހުދުބަލީގެ ސަބަބުން އިސްތަށިތައް މާއަވަހަށް ނުރަވުމަކީ އެކަށީގެންވާ ކަމެކެވެ.

(ޅ) އެސްފިޔަ، ބުމަ، ތުބުޅި، އަދި ބޮލުގެ އިސްތަށިތަކުން ބައެއް ހުދުވުން : އެސްފިޔަތަކުން ބައެއް ނޫނީ ހުރިހާ އެސްފިޔަތަކެއް ، ބުމައިން ބައެއް ނޫނީ މުޅި ބުމަ އެއްކޮށް އަދި ބޮލުން ބައެއްގެ އިސްތަށިތަކުން ބައެއް ހުދުވުމަކީ ނޫނީ ބޮލުގެ އިސްތަށިތަކުގެ ތެރޭގައި ހުދު އިސްތަށި ހުރުމަކީ ހުދުބަލި ޖެހުމުން  ވެދާނެ ގޮތެކެވެ.

ދިމާވެދާނެ ނުރައްކާތައް ނޫނީ މައްސަލަތައް

(ހ) ބީރުވުން : މެލާނޯސައިޓް އަކީ ހަން،ލޯ، އަދި އިސްތަށިތަކަށް އޭގެ ކުލަ ގެނެސްދޭ މެލަނިން ދޫކުރާ ސެލްތަކެވެ. ކަންފަތުގެ އެންމެ އެތެރޭގައި ވެސް މިސެލްތައް ހުރެއެވެ. ހުދުބަލި ޖެހުމުން ދިފާޢީ ނިޒާމުން މިސެލްތަކަށް ހަމަލާ ދެއެވެ. އެގޮތުން ކަންފަތުގެ އެންމެ އެތެރޭގައި ހުންނަ މިލާނޯސައިޓް ތަކަށް ދިފާޢީ ނިޒާމުން ހަމަލާ ދީފިނަމަ، ބީރުވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ލޮލުގެ ކުލަ ބަދަލުވުން : ހުދުބަލީގެ އަސަރު ލޮލަށް ކޮށްފިނަމަ ލޮލުގެ ކުލަ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ލޮލަށް ހުދުބަލީގެ އަސަރު ކުރުމުން ލޮލުގެ ފެނުމަށް އަސަރުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ނ) ހަމުގައި ނަގާ ލައްތަކާއި ޕެޗުތައް އަވިން އެނދުން : ހުދުވެފައިވާ ހަމަކީ އިރުގެ އައްޔަށް ވަރަށް ނާޒުކު ނޫނީ ހައްސާސީ އެއްޗެކެވެ. އެހެންކަމުން މިފަދަ ހަން ވަރަށް ފަސޭހައިން އިރުގެ އަވި ޖެހުމުން އަނދާގޮތް ވެއެވެ. މިގޮތަށް ހުދުވެފައިވާ ހިސާބު އަވިން އެނދުމަކީ އިތުރަށް ހަން ހުދުވުން ނޫނީ ހަމުގައި ޖެހިގެން ހުރި ހިސާބު ހުދުވުން ކުރިމަތިވާނެ ކަމެކެވެ.

(ރ) ދިރިއުޅުމަށް އަސަރުކުރުން : ހުދުބަލި ކުރިމަތިވުމަކީ އެމީހެއްގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ޖަޒުބާތީ ޝުޢޫރުތައް އެމީހެއްގެ ފުށުން ފާޅުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ފާހަގަވެދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އަމިއްލަ ނަފުސާމެދު ކަންބޮޑުވުން

·         ހާސްވެކަންބޮޑުވުން

·         މާޔޫސްވެ މޮޅިވެރިވެ ދެރަވުން

·         ހިތްހަމަނުޖެހުން

·         ރުއްކުރުވެ، ފަސޭހައިން ރުޅިއައުން

·         ނުތަނަވަސްވުން

·         އެކަނިވެރިކަން އިހުސާސްވުން

·         އެކަނިވެރިކަން ޚިޔާރުކުރުން

ދެނެގަތުން

އާންމު ގޮތެއްގައި ހުދުބަލި ދެނެގަންނަނީ ބޭރު ފުށުން ޑޮކްޓަރުން ބަލާ ބެލުންތަކުންނެވެ. މިގޮތަށް ބަލާއިރު ޑޮކްޓަރުން ބޭނުންކުރާނީ އަލްޓްރާ ވައިލެޓް ލައިޓް އެކުލެވޭ ވޫޑްސް ލޭމްޕް އެކެވެ. މިލޭމްޕް ބޭނުންކޮށްގެން ބެލުމުން ހުދު ބައްޔާއި، ހަމުގެ އެހެން ހާލަތްތަކާއި ނޫނީ ބަލިތަކާއި ދެމެދު ހުންނަ ތަފާތު ދެނެގަނެވޭނެ އެވެ. އާދައިގެ ބައްތިއެއް ނޫނީ ޓޯޗަކުން ބެލުމުން ތަފާތު ނުފެނިދާނެ އެވެ. ނަމަވެސް މިކަމަށް ޚާއްޞަ ލައިޓެއް ބޭނުންކުރުމުން ތަފާތު ވަކިކުރެވޭނެ އެވެ.

ވޫޑް ލޭމްޕް ޓެސްޓުން ހުދުބަލި ކަމަށް ދައްކާނަމަ ފަހަރުގައި ލޭގެ ޓެސްޓުތައް ހަދަން އިރުޝާދު ދީފާނެ އެވެ. އެގޮތުން ހުދު ބައްޔާއި އެކު އެހެން އުޓޯއިމިއޫން ބަލިތައް ޖެހުމުގެ ފުރުޞަތު އޮންނާތީ ތައިރޮއިޑް ގެ މައްސަލަ އެއް ހުރިތޯ ލޭގެ ޓެސްޓު ކޮށްގެން ބަލާނެ އެވެ.

ފަރުވާ

ހުދު ބައްޔަކީ ފަރުވާ ކުރަން އުނދަގޫ ބައްޔެކެވެ. މިއީ އެއްކޮށް ރަނގަޅުކުރެވޭ ބައްޔެއް ނޫނެވެ. ހުދުބައްޔަށް ފަރުވާ ކުރުމުގައި ޑޮކްޓަރުން އަމާޒުކުރަނީ މައިގަނޑު 2 ކަމަކަށެވެ. އެއީ ބީވެގެންދިޔަ ހަން އަލުން އިއާދަކުރުން އަދި ހުދުކުލައިގެ ލައްތަކާއި ޕެޗްތައް އިތުރަށް ބޮޑުވިޔަނުދިނުމާއި އާޕެޗްތައް އިތުރަށް އުފެދުނަ ނުދިނުމެވެ.

މިއީ ހުދުބައްޔަށް ވަކި ރަނގަޅު ނޫނީ ވަކި ޚާއްޞަ ފަރުވާއެކޭ ބުނެވޭނެ ފަރުވާއެއް ނޯވެއެވެ. ކޮންމެ މީހަކަށް ވެސް އެންމެ އެކަށޭނަ ރަނގަޅު ފަރުވާ ކަނޑައަޅާނީ ޑޮކްޓަރުން ބަލާ ބެލުންތަކަށް ފަހުގައެވެ. އެގޮތުން ފަރުވާ ކަނޑައެޅުމުގައި ރިޢާޔަތްކުރާނެ ކަންތައްތަކުގެ ތެރޭގައި އުމުރު، އާންމު ޞިއްޙީ ހާލަތު، ހުދުބަލީގެ އަސަރުކޮށްފައިވާ މިންވަރު، ކުރިމަތިވެފައިވާ ހުދުބަލީގެ ވައްތަރު، ހުދުބަލި ނަގާފައިވާ ހިސާބު ފަދަ ކަންތައްތައް ހިމެނެއެވެ. ހުދުބަލީގެ ފަރުވާގައި ދެވޭ ބޭސްތަކާއި ކުރެވޭ ކަންތައްތަކަކީ އޭގެ ނޭދެވޭ އަސަރު ބޮޑު ކަންކަމަށްވާތީ ޑޮކްޓަރުން ފުރަތަމަ ލަފާދެނީ ހަންގަނޑު ޓޭން ވާނެ އުފެއްދުންތަކާއި، މޭކަޕް ފަދަ ކަންކަން ކޮށްގެން ހަމުގެ ހުންނަ ތަފާތު ނައްތާލައި، އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރުމަށެވެ. ނަމަވެސް ޑޮކްޓަރުން ބޭސް، އޮޕަރޭޝަން ، ނޫނީ ލައިޓް ތެރަޕީގެ ވައްތަރެއް ބޭނުންކޮށްގެން ފަރުވާކުރަން ނިންމިޔަސް، އޭގެ ފައިދާ އެނގޭ ވަރުވާނީ ދެތިން މަހެއް ވަންދެން ފަރުވާ ކުރިޔަށް ގެންދިއުމުންނެވެ. އެމީހަކަށް އެންމެ ރަނގަޅު ފަރުވާއަކީ ކޮބައިތޯ ބެލުމަށް އެއް ފަރުވާ އެއް ވަކިވަކިން ނޫނީ އެތަކެއް ވައްތަރުގެ ފަރުވާއެއް އެއްކޮށް އެއްފަހަރާ ވެސް ކުރިޔަށް ގެންދަން ޖެހިދާނެ އެވެ.

ހުދުބައްޔަށް އާންމުކޮށް ދެވޭ ނޫނީ ދީއުޅޭ ފަރުވާތައް ތިރީގައި މިވަނީ އެވެ.

ބޭސް ބޭނުންކުރުން

ވިޓިލައިގޯގެ ޕްރޮސެސް (ޕިގްމެންޓް ސެލްތައް ބީވެގެންދިއުން) ހުއްޓުވޭނެ ބޭހެއް ނުހުރެއެވެ. ނަމަވެސް ބައެއް ބޭސްތައް އެކަނި ބޭނުންކުރުމުން ނޫނީ ލައިޓް ތެރަޕީ އާއެކު ބޭނުންކުރުމުން ހުދުވެފައިވާ ހަން އަނބުރާ އާންމު ހާލަތަށް ބަދަލުވެއެވެ.

·         އިންފްލެމޭޝަން ކޮންޓްރޯލްކުރާ ބޭސްތައް : އެގޮތުން ކޯޓިކޯސްޓީރޮއިޑް ކްރީމް ހުދުބަލީގެ އަސަރު ހުރި ހަމުގައި އުގުޅުމުން ހުދުވެފައިވާ ހަން އަނބުރާ އާންމު ހާލަތަށް ނޫނީ އާންމުކޮށް ހުންނަ ހަމުގެ ކުލައަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިބޭހުގެ ފައިދާ އެންމެބޮޑީ ހުދުވަން ފަށާތާ ކުރީކޮޅު ބޭނުންކުރެވިއްޖެނަމަ އެވެ. މިއީ ވަރަށް ފައިދާހުރި އަދި ބޭނުންކޮށްލަން ފަސޭހަ ފަރުވާއެކެވެ. ނަމަވެސް މީގެ ފަރުވާ ދޭތާ ހައެއްކަ މަސް ފާއިތުވެދާއިރު ވެސް އެއްވެސް ތަފާތެއް ފާހަގަ ނުކުރެވިދާނެ އެވެ. މިބޭޙުގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހަން ތުނިވުން އަދި ހަމުގައި ރޮނގުތަކެއް ފާޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނާއި، ވަރަށް ބޮޑަށް ހަންހުދުވެފައިވާ މީހުންނަށް މިބޭހުގެ ތަންކޮޅެއް ބާރުދަށް ފޯރމް ދީއުޅެއެވެ. ވަރަށް އަވަހަށް ހަން ހުދުވަމުން ދާނަމަ ކޯޓިކޯސްޓީރޮއިޑް އިންޖެކްޝަން ނޫނީ ގުޅަބޭސް ބޭނުންކުރަން ޖެހިދާނެ އެވެ.

·         ދިފާޢީ ނިޒާމަށް އަސަރުކުރުވާ ބޭސްތައް : މިފަދަ ބޭސްތަކުގެ ތެރޭގައި "ކެލްސިނިއުރިން އިންހިބިޓަރ" ގެ ގޮތުގައި ބެލެވޭ " ޓެކްރޯލިމަސް" އަދި "ޕިމެކްރޯލިމަސް" ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް އެންމެ އާންމުކޮށް ދެނީ ތަންކޮޅެއް ކުޑަ ސަރަހައްދެއްގެ ހަން ހުދުވެފައިވާ ނަމަ އެވެ. ޚާއްޞަކޮށް މޫނާއި ކަދުރާ ފަދަ ހިސާބުތަކުގައި ހަން ހުދުވެފައިވާނަމަ އެވެ.

ތަފާތު ފަރުވާތައް

·         ލައިޓް ތެރަޕީ : ލައިޓް ތެރަޕީ ނެރޯވް ބޭންޑް އަލްޓްރާ ވައިލެޓް ބީ އަށް ހުދުވެފައިވާ ހަން ހުށަހެޅެއެވެ. މީގެ ސަބަބުން ހުދުވެފައިވާ ހަން އާންމު ހަމަށް ބަދަލުވުމުގެ ފުރުޞަތު އޮވެއެވެ. ހަމުގެ ބޮޑުބައެއް ހުދުވެފައިވާނަމަ "ފޮޓޯތެރަޕީ" ފަރުވާގެ ގޮތުގައި ޚިޔާރުކުރަން ޖެހިދާނެ އެވެ.

ފޮޓޯތެރަޕީގައި ހުދުވެފައިވާ ހަން ވަކި ވަގުތެއް ވަންދެން އަލްޓްރާ ވައިލެޓް ލައިޓް އަށް ހުށަހެޅެއެވެ. ކޮންމެ މީހަކަށް ވެސް އެންމެ އެކަށޭގަނަ ވަގުތު ކަނޑައަޅާނީ ޑޮކްޓަރުންނެވެ. ފޮޓޯތެރަޕީ ނަގަނީ ލައިޓް ބޮކްސް އެއްގެ ތެރޭގައި ބަލިމީހާ ކޮށްޅަން ހުރެގެންނެވެ.

ހަށިގަނޑުގެ ވަކި ހިސާބަކަށް އަމާޒުކޮށްގެން ފަރުވާ ދޭނަމަ ބޭނުންކުރަނީ ލޭޒަރ ތެރަޕީ އެވެ. ލޭޒަރ ފަރުވާ އަމާޒުކުރަނީ ހަމުން ހުދުވެފައިވާ ތަންކޮޅަށް އެކަންޏެވެ. މިގޮތަށް ހެދުމުން ހުދުނުވެ ހުންނަ ހިސާބަށް ލޭޒަރ ގެ އަސަރު ކުރުން ކުޑަވާނެއެވެ.

މޫނާއި ކަދުރާގެ ހަން ހުދުވެފައިވާ ނަމަ އެންމެ ރަނގަޅީ ލައިޓް ތެރަޕީ ގެ ފަރުވާ ދިނުމެވެ. ނަމަވެސް ތުންފަތާއި، އަތްފައިގެ އިގިލިތަކުގެ ކޮޅު ހުދުވުން ފަދަ ހާލަތްތަކުގައި ލައިޓް ތެރަޕީ އިން މާބޮޑު ކުރިއެރުމެއް ނުލިބިދާނެ އެވެ.

ލައިޓް ތެރަޕީ އަކީ ވަރަށް ލަހުން އޭގެ އަސަރު ފެންނަ ފަރުވާ އެކެވެ. ނޫނީ ވަރަށް ލަސްލަހުން މަސައްކަތްކުރާ ފަރުވާ އެކެވެ. ހުދުވެފައިވާ ހަން ތަންކޮޅެއް އަވަހަށް އާންމު ހާލަތަކަށް ގެންނަން ބޭނުންވާނަމަ ލައިޓް ތެރަޕީ އާއެކު ބޭސް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.

ލައިޓް ތެރަޕީގެ ފަރުވާ ހަފްތާއަކު 3-2 ފަހަރު ކުރިޔަށް ގެންދަން ޖެހިދާނެއެވެ. ވަރަށް ބޮޑު ސަރަހައްދެއް ހުދުވެފައިވާނަމަ ފަރުވާ ގައި އަލްޓްރާ ވައިލެޓް އޭ ލައިޓް އާއެކު ސޮރަލީން(PUVA)  ބޭނުން ކުރެވެއެވެ. ފަހުން މިބުނެވުނު ފަރުވާ އަކީ ބޯ، ކަދުރާ، ބުރަކަށި އަދި އަތްފައި ގައި ހުދުވެފައިވާ ނަމަ ދެވިދާނެ ރަނގަޅު ފަރުވާއެކެވެ.

·         ކެމަފްލޭޖް ތެރަޕީ : މިފަރުވާގައި އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތި ސަންސްކްރީން ބޭނުން ކުރެވެއެވެ. ސަންސްކްރީންގައި އަލްޓްރާ ވައިލެޓް ބީ ލައިޓް(UVB) އަދި އަލްޓްރާ ވައިލެޓް އޭ(UVA) ލައިޓް ހިމެނެންޖެހޭނެ އެވެ. ސަންސްކްރީން ބޭނުންކުރުމުން ހަން ޓޭންވުން ކުޑަކުރެއެވެ. މިހެންވުމުން ހުދުވެފައިވާ ހަމާއި، ތަބީޢީ ހަމާއި ދެމެދު ހުންނަ ފަރަގު ފާހަގަވުން ކުޑަވާނެއެވެ. ހުދުވެފައިވާ ހަން ކެމަފްލޭޖްކުރަން މޭކަޕް ވެސް ކުރެވިދާނެ އެވެ. އެގޮތަށް ބޭނުންކުރެވޭ އުފެއްދުންތައް ތައްޔާރުކޮށްގެން ނެރެފައި ވެސް ހުރެއެވެ. ހުދުބަލީގެ އަސަރު އިސްތަށި ތަކަށް ކޮށްފައިވާނަމަ އިސްތަށިތައް ޑައި ކުރެވެއެވެ.

·         ޑިޕިގެމެންޓޭޝަން ތެރަޕީ : މީގެ މާނައަކީ ހަމުން އެއްކޮށް ޕިގެމެންޓްގެ އަސަރު ދުއްވާލުމެވެ. ނޫނީ ހަންގަނޑު އެއްކޮށް ހުދުކޮށްލުމެވެ. ނުވަތަ ހުދުވެފައިވާ ހިސާބެކޭ އެއްގޮތަށް ހުދުނުވެ ހުރި ހިސާބު ހުދުކޮށްލުމެވެ. މިއީ ވަރަށް ބޮޑަށް ހުދުވެފައިވާނަމަ ހުދުނުވެ ހުންނަ ތަންތަންކޮޅު ނޫނީ ހިސާބު ހުދުވެފައިވާ ހިސާބާއި އެއްގޮތް ކޮށްލުމަށް ދެވޭ ފަރުވާ އެކެވެ. މިފަރުވާގައި އެންމެ އާންމުކޮށް ބޭނުންކުރަނީ "މޮނޯބެންޒީން" ކިޔާ ބޭހެކެވެ. މިބޭސް އުގުޅަނީ ހަމައެކަނި ހަމުން ހުދުނުވެ ހުންނަ ހިސާބުތަކުގައެވެ. އޭރުން އެހިސާބުތައް ވެސް ހުދުވާނެ އެވެ.

·         ރިޕިގްމެންޓޭޝަން ތެރަޕީ : މިފަރުވާ ބޭނުންކޮށްގެން ވެސް ހުދުވެފައިވާ ހަން ތަބީޢީ ހަމެކޭ އެއްގޮތް ކުރެވެއެވެ. އާންމު ގޮތެއްގައި މިފަރުވާގައި ބޭނުންކުރެވެނީ ކާ ބޭހުގެ ގޮތުގައި ނޫނީ އުގުޅާ ބޭހުގެ ގޮތުގައި ހުންނަ ކޯޓިކޯސްޓީރޮއިޑް އެވެ. މީގެ ނަތިޖާ ފެންނަށް ގާތްގަނޑަކަށް 3 މަސްވަރު ހޭދަވާނެ އެވެ. އަދި މީގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހަން ތުނިވުމާއި، ހަމުގައި ރޮނގުތަކެއް ފާޅުވުން ހިމެނެއެވެ.

އޮޕަރޭޝަންކުރުން

އެހެން ފަރުވާތަކުން އެދެވޭ ނަތީޖާއެއް ނުލިބިއްޖެނަމަ އޮޕަރޭޝަން ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ހުދުބަލީގެ ފަރުވާގައި ދެވައްތަރެއްގެ އޮޕަރޭޝަން ކުރެވެއެވެ.

·         ހަންކޮޅެއް އިންދުން : މިފަރުވާގައި ދުޅަހެޔޮ ހަން ހުރި ހިސާބަކުން ހަންކޮޅެއް ނަގައި، ހުދުވެފައިވާ ހިސާބުގައި އިންދައެވެ.

·         ސެލް ޓްރާންސްޕްލާންޓްކުރުން : މިފަރުވާގައި ދުޅަހެޔޮކޮށް ހުރި ހިސާބަކުން ހަންކޮޅެއް ނެގުމަށްފަހު އެހަންކޮޅުން ސެލްތަކެއް ވަކިކުރެއެވެ. އެއަށްފަހު ހުދުވެފައިވާ ހަމުގެ ތެރެއަށް މިސެލްތައް ލެވެއެވެ. މިގޮތަށް ލެވޭ ސެލްތަކުން ހަން ދިރި ރީތި ހަންގަނޑެއް އުފެދެން ގާތްގަނޑަކަށް 6 މަސްވަރު ނަގާނެ އެވެ. ނަމަވެސް ބައެއް ފަހަރު މިގޮތަށް ރީތި ހަން އުފެދެން 12 މަސް ވަރު ވެސް ނަގައިފާނެ އެވެ. މިއީ ކޮންމެ ވައްތަރެއްގެ ހުދުބައްޔެއް ހުއްޓަސް ދެވިދާނެ ފަރުވާ އެކެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކަށް މިފަރުވާ ނުދެވިދާނެ ކަން ނޫނީ ނުނެގިދާނެކަން ހަދާންކުރަން ޖެހެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.aad.org/public/diseases/a-z/vitiligo-overview

·         https://my.clevelandclinic.org/health/diseases/12419-vitiligo

·         https://www.mayoclinic.org/diseases-conditions/vitiligo/symptoms-causes/syc-20355912#

Monday, May 23, 2022

މަންކީ ޕޮކްސް/ މަކުނު ވިދުރި

މަންކީ ޕޮކްސް

މަންކީ ޕޮކްސް އަކީ ވައިރަސް އަކުން ފެތުރޭ، ކުރިން ވަރަށް ނާދިރު ބައްޔެއްގެ ގޮތުގައި ބެލެވިފައިވާ ބައްޔެކެވެ. މަންކީ ޕޮކްސް އަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލި(zoonotic disease) ތަކުގެ ތެރެއިން ބައްޔެކެވެ. މިބައްޔަށް ދިވެހި ބަހުން ބައެއް ނޫސްތަކުގައި "މަކުނު ކަށިވިދުރި" މިހެން ނިސްބަތްކޮށް ލިޔެފައި ވެއެވެ.

ނޯޓް : މިބައްޔަށް ދިވެހި ބަހުން "މަކުނު ވިދުރި"، "މަކުނު ބަސަނދު" ނޫނީ "ރާމަ ބަސަނދު" ފަދަ ނަމެއް ވެސް ކިޔިދާނެ އެވެ. މިއީ ލިޔުންތެރިޔާ ލިޔެފައިވާ ނަންތަކެކެވެ. ފަހަރެއްގައި ވެސް ރަސްމީ ސިފައެއްގައި ކިޔާފައިވާ ނަންތަކެއް ނޫންކަން ހަދާންކޮށްދެމެވެ.

މަންކީ ޕޮކްސް ވައިރަސް

މަންކީ ޕޮކްސް ފެތުރެނީ މަންކީ ޕޮކްސް ވައިރަސް(Moneky pox virus)  ގެ ސަބަބުންނެވެ. މަންކީ ޕޮކްސް ވައިރަސް ނިސްބަތްވަނީ "ޕޮކްސިވިރިޑޭ"(poxviridae) ވައިރަސް އާއިލާގެ ތެރޭގައި ހިމެނޭ "އޯރތޮޕޮކްސްވައިރަސް"(Orthopoxvirus) ޖީނަސް އަށެވެ. ކަށިވިދުރި ޖައްސާ "ވޭރިއޯލާ ވައިރަސް"(variola virus) ވެސް ނިސްބަތްވަނީ ހަމަ މި ޖީނަސް އަށެވެ. މި ޖީނަސް އަށް ނިސްބަތްވާ އެހެން ވައިރަސް ތަކުގެ ތެރޭގައި ވެކްސީނިއާ ވައިރަސް(vaccinia virus)  އަދި ކަވްޕޮކްސް ވައިރަސް(cow pox virus)  ހިމެނެއެވެ.

މަންކީ ޕޮކްސް ވައިރަސް ގެ ވިރާސީގޮތުން ތަފާތު ދެ ކްލޭޑް އެއް ފާހަގަ ކުރެވިފައި ވެއެވެ. އެއީ ވެސްޓް އެފްރިކަން ކްލޭޑް(West African Clade) އަދި ކޮންގޯ ބޭސިން ކްލޭޑް(Congo Basin Clade) އެވެ. މީގެ ތެރެއިން ބޮޑަށް ފެތުރި، އަދި ބަލީގައި ނުރައްކާވަނީ ކޮންގޯ ބޭސިން ކްލޭޑް އެވެ.

މަންކީ ޕޮކްސް ގެ ތާރީޚް

މަންކީ ޕޮކްސް ވައިރަސް ފުރަތަމަ ފެނުނީ 1958 ވަނަ އަހަރު ގައެވެ. އެއީ ދިރާސާ ކުރުމުގެ ބޭނުމަށް ގެންގުޅުނު ރާމާ މަކުނުތަކެއްގެ ހަށިގަނޑުންނެވެ. މިބައްޔަށް މަންކީ ޕޮކްސް ނުވަތަ ރާމާ މަކުނުގެ ނަމާއި ގުޅުވައިގެން ނަން ދެވިފައިވަނީ މިހެންވެގެންނެވެ. އިންސާނަކަށް މަންކީ ޕޮކްސް ފުރަތަމަ ޖެހިފައިވަނީ 1970 ވަނަ އަހަރު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ. އޭގެ ފަހުން މެދުތެރޭ އެފްރިކާގެ ގައުމުތަކުން މަދުން ނަމަވެސް ކޭސްތައް ފެނިފައި ވެއެވެ. ނަމަވެސް އެންމެ ގިނަ ކޭސް ތައް ފެނިފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ.2003 ވަނަ އަހަރު އިގިރޭސި ވިލާތުގައި މަންކީ ޕޮކްސް ފެތުރިފައި ވެއެވެ. އެފަހަރު ފެތުރުނީ ގާނާ އިން އެތެރެކުރި ޖަނަވާރު ތަކަކާއެކު، ޕްރައިރީ ޑޯގް ތަކެއް ބެހެއްޓުމުންނެވެ. މިކުއްތާތައް ފެޓްގެ ގޮތުގައި ވިއްކުމަށްފަހު ޖަނަވާރުތަކުގެ ފުށުން ގިނަ މީހުންނަށް މަންކީ ޕޮކްސް ޖެހިފައި ވެއެވެ.

2020 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 6000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ނައިޖީރިޔާއިން 3000 މީހުންނަށް ބަލިޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން މިއަހަރު މިހާތަނަށް 1315 ކޭސް ފެނި، 61 ކޭސް މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

13 މެއި 2022 ގައި އިގިރޭސި ވިލާތުގެ އެއް އާއިލާއެއްގެ 2 މީހަކަށް މަންކީ ޕޮކްސް ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. މި ދެ ކޭސް އާއި ބަލިފެތުރިފައިވާ އެއްވެސް ގައުމަކުން އައި މީހަކާއި، ނޫނީ ޖަނަވާރަކާއި ގުޅިފައިވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ. އޭގެ ފަހުން މި 2 ކޭސް އާއި ގުޅުމެއްނުވާ އިތުރު 4 ކޭސް 18 މެއި 2022 ގައި އިގިރޭސި ވިލާތުން ރިޕޯޓްކޮށްފައި ވެއެވެ. މިކޭސްތައް ފެނިފައިވަނީ "ސެކްސުއަލް ހެލްތު ކްލިނިކް" އަށް ދެއްކި ބައެއްގެ ތެރެއިންނެވެ. 20 މެއި 2022 ގެ ނިޔަލަށް އިގިރޭސި ވިލާތުން ޖުމުލަ 20 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

ފަހުން ފެނިފައިވާ ބައެއް ކޭސްތައް ފެނިފައިވަނީ ސެކުސުއަލް ހެލްތު ކްލިނިކަށް ޒިޔާރަތްކުރި ފިރިހެނުންގެ ފުށުންނެވެ. މިފިރިހެނުންނަކީ އެއްޖިންސުން ގުޅުންހިންގާ މީހުންކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން މިބަލި ފެނުން އިތުރުވަނީ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުން ދައްކާގޮތުން 21 މެއި 2022 ގެ ނިޔަލަށް ދުނިޔޭގެ 12 ގައުމަކުން 92 ކޮންފާރމްޑް ކޭސް (ކަށަވަރުކުރެވިފައިވާ) ފެނިފައެވެ. މަންކީ ޕޮކްސްގެ ކޭސްތައް އެބަލި އާންމުކޮށް އުޅޭ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެނުނު ކަމުގައި ވިޔަސް، މިއިން ގައުމަކާއި ގުޅުމެއް ނެތްގޮތަށް، ބަލި އައިސް ފެތުރެން ފެށިގޮތް ނޭނގި މިފަދަ އައުޓް ބްރޭކް (ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ވަކި ހިސާބެއްގައި ކުއްލިއަކަށް ބައްޔެއް ފެތުރުން ނޫނީ އާންމުކޮށް ނުފެންނަ ބަލީގެ ކޭސް އެއް ފެނުން ) އެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ކޭސްތައް ފެނިފައިވާ ގައުމުތަކާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގުޅިގެން މިއައުޓް ބްރޭކް ފެތުރެން ފެށި ގޮތާއި، މަންކީ ޕޮކްސް ފަތުރާ ވައިރަސް އަށް އަދި ބަލި ޖެހޭގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދަނީ ދިރާސާ ކުރަމުންނެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).

މަންކީ ޕޮކްސް އަކީ ކަށިވިދުރި ( Small pox) ޖައްސާ ވައިރަސް އާއި އެއް އާއިލާއެއްގެ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިން އިން މަންކީ ޕޮކްސް އިން ވެސް ރައްކާތެރިކޮށްދެއެވެ. 1980 ވަނަ އަހަރު ދުނިޔެއިން ކަށިވިދުރި ނައްތާލުމަށްފަހު، އޭގެ ވެކްސިން ޖެހުން ވެސް ހުއްޓާލިފަހުން މިވީ އަހަރުތަކުގައި މަންކީ ޕޮކްސްގެ ކޭސްތައް ، ވަކިން ޚާއްޞަކޮށް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މިބަލި އުޅޭ ގައުމުތަކުގައި ވަނީ އިތުރުވެފައެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).

21 މެއި 2022 އާއި ހަމައަށް ދިވެހިރާއްޖެއިން އަދި ދިވެހިރާއްޖެއާއި އަވަށްޓެރި އެއްވެސް ގައުމަކުން ވެސް މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ. މަންކީ ޕޮކްސް އަކީ ބަލިޖެހިފައިވާ މީހަކާއި ގިނައިރު ގާތުންއެއްތާކުވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ދިވެހިރާއްޖޭގައި މިބަލި ފެތުރުމުގެ ހިރާސް (Risk ) ކުޑަކަމަށް ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް ގިނަ ގައުމުތަކުން ބަލިއުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެއާއި ގުޅިގެން ދިވެހިރާއްޖެއަށް ވެސް ކޭސް އައުމަކީ އެކަށީގެންވާ ކަމެކެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).

ފެތުރޭގޮތް

މަންކީ ޕޮކްސް އަކީ އާންމު ގޮތެއްގައި މިބަލީގެ ވައިރަސް ހުންނަ ޖަނަވާރުންގެ ފަރާތުން ފެތުރޭ އެއްޗެކެވެ. މާނައަކީ ބަލީގެ ވައިރަސް ހުރި ޖަނަވާރެއް އުފުލައި ގެންގުޅެ ހެދުމުގެ ތެރޭގައި އިންސާނުންނަށް ބަލި ވާޞިލްވުމުގެ ފުރުޞަތު އޮތުމެވެ. ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ އެހެނިހެން ގިނަ ބަލިތަކާއި ޚިލާފަށް (ތަފާތުކޮށް) އިންސާނުންގެ ތެރޭގައި މަންކީ ޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި، ގިނައިރު އެއްތާކު (contact ) ވެގެންނެވެ.

އިންސާނުންގެ ތެރޭގައި މަންކީ ޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި(dropelets)، ބަލިމީހާގެ ހަމުގައި ނަގާ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ހޭކި، ކޭތި ނޫނީ ޖެހުމުންނާއި(direct contact)، ބަލިމީހާ ބޭނުންކުރާ ހެދުން ފަދަ އަންނައުނާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުން(indirect contact)ނެވެ. މީގެ އިތުރުން ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅަށް(close contact during birth) ނޫނީ ބަނޑުގައި އޮއްވައި ތުއްތު ދަރިފުޅަށް ފޫޅުގެ ޒަރީޢާއިން(transplacental) ބަލި ވާޞިލްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އުފަންވާއިރު މަންކީ ޕޮކްސް(congenital monkey pox)  ޖެހިފައިވުމަކީ ގާތް ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަސްވަރު ގައެވެ.

އާންމު ގޮތެއްގައި މަންކީ ޕޮކްސް ފެތުރެނީ ބަލީގެ ޖަރާސީމު ހުރި ޖަނަވާރެއް، އިންސާނެއް، ނޫނީ ބަލީގެ ޖަރާސީމު ހުރި އެއްޗެއްގައި ޖެހުމުން ނޫނީ އެފަދަ އެއްޗެއްގައި ހޭކި، ކޭތުމުންނެވެ. އިންސާނާގެ ހަށިގަނޑަށް ބަލީގެ ވައިރަސް ވަންނަނީ ހަމުން ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުންނާއި، ބަލީގެ ވައިރަސް ހުރި ޖަނަވާރެއް ދަތްއެޅުމުންނާއި، ވަކިއެޅުމުންނާއި،  ނޭވާލުމުގެ ޒަރީޢާއިން އަދި ލޯ، ނޭފަތް އަދި އަނގައިގެ ތެރޭގައި ހުންނަ ތެތްދުލިފަށަލަ(mucous membrane)  ހުރަސްކޮށް ބަލީގެ ވައިރަސް އިންސާނާގެ ހަށިގަނޑަށް އެތެރެވުމުންނެވެ.

އިންސާނުންގެ ތެރޭގައި ޖިންސީގުޅުމުން މިބަލި ފެތުރޭކަން އަދި ޔަގީންކުރެވިފައެއް ނުވެއެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ބެލެވެނީ ޖިންސީ ގުޅުން ހިންގުމުގައި މާބޮޑަށް ގައިގޯޅިވެ އުޅުމުން ކަމަށް ބެލެވިފައި ވެއެވެ.

ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ބަލިއަރަނީ ބަލިހުރި ޖަނަވާރެއްގެ ގައިން އޮހޮރުނު ލޭގައި ނުވަތަ އެފަދަ ޖަނަވާރެއްގެ ގައިން އޮހޮރުނު ދިޔައެއްގައި ނޫނީ ޖަނަވާރެއްގެ ގައިގައި ހުރި ފާރުގަނޑެއް ފަދަ ތަނެއްގައި އަތްލެވި، ނޫނީ އެޔާއި ގާތުންއެއްތާކު(direct contact) ވެގެންނެވެ. މީގެ އިތުރުން ބަލީގެ ވައިރަސް ހުރި ޖަނަވާރެއް ދަތްއެޅުން، ނޫނީ ވަކިއެޅުން ފަދަ ކަމެއްގެ ތެރެއިން ވެސް ޖަނަވާރުންގެ ފުށުން އިންސާނުންނަށް ބަލިޖެހިދާނެ އެވެ.

އިންކިޔުބޭޝަން ޕީރިއަޑް

މަންކީ ޕޮކްސްގެ އިންކިޔުބޭޝަން ޕީރިއަޑް (ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އަލާމާތްތައް ފެންނަން ހޭދަވާ މުއްދަތު) އަކީ ގާތްގަނޑަކަށް 21-5 ދުވަހާއި ދެމެދުގެ މުއްދަތެކެވެ. ބައެއް ރިފަރެންސް ތަކުގައި 14-7 ދުވަސް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. މާނައަކީ އާންމުކޮށް 14-7 ދުވަސް ކަމުގައި ވިޔަސް، މިމުއްދަތު 21-5 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހުރުމެވެ.

މަންކީ ޕޮކްސް ބަލީގެ އަލާމާތްތައް

އިންސާނުންގެ ހަށިގަނޑުގައި މަންކީ ޕޮކްސްގެ އަލާމާތްތަކާއި ކަށިވިދުރި ޖެހުމުން ފެންނަ އަލާމާތްތަކާއި ދާދި އެއްގޮތެވެ. ނަމަވެސް ކަށިވިދުރި އާއި އަޅާބަލާއިރު މަންކީ ޕޮކްސްގެ އަލާމާތްތައް ފެންނަނީ އާދައިގެ މިންވަރަކަށެވެ. ކަށިވިދުރި އާއި މަންކީ ޕޮކްސް އާއި ދެމެދުހުރި މައިގަނޑު ތަފާތަކީ ކަށިވިދުރީގައި ގޮށްލުން ކުރިމަތިނުވުމެވެ. ނަމަވެސް މަންކީ ޕޮކްސް ކަރުގައާއި ކިހިލިފަތްދޮށް އަދި އުކުޅުވަޅު ފަދަ ތަންތަނުގައި ގޮށްލައެވެ.

ބަލީގެ އަލާމާތްތައް އާންމު ގޮތެއްގައި ދެމަރުހަލާއަކަށް ބެހިފައިވެއެވެ. އެއީ އަންނަނިވި މަރުހަލާތަކެވެ.

(ހ) ބިހިތައް ނެގުމުގެ ކުރިން އަންނަ މަރުހަލާ (prodromal phase): އާންމު ގޮތެއްގައި މިމަރުހަލާ ދެމިގެންދަނީ 4-1 ދުވަހުގެ މުއްދަތަކަށެވެ. މިމަރުހަލާގައި ނުވަތަ މަންކީ ޕޮކްސްގައި ކުރީކޮޅު ފެންނާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ހުންއައުން ( އެންމެ ފުރަތަމަ) / ހީކެރުވުން

·         ގައިގައި ރިހުން / މަސްތަކުގައި ރިހުން / ބުރަކަށީގައި ރިހުން

·         ވަރަށް ބޮޑަށް ވަރުބަލިވުން

·         ބޮލުގައި ރިހުން

·         ކަރު، ދަތްދޮޅި ދަށް،ކިހިލިފަތްދޮށް އަދި އުކުޅުވަޅުގައި ގޮށްލުން : ގޮށްލުން ފުރަތަމަ މަރުހަލާގައި ފެށިފައި އަދި ދެވަނަ މަރުހަލާގައި ވެސް ދެމިހުންނާނެ އެވެ. މިގޮށްތައް ހުންނާނީ ފާރމް ކޮށެވެ. އާންމު ގޮތެއްގައި ދުޅަވެފައިވާ ލިމްފް ގޮށްތަކުގައި ބީހިލުމުން ރިއްސާނެއެވެ. އަދި ފަހަރުގައި ވަރަށް ތަދު ވެސް ވެދާނެ އެވެ.

(ށ) ބިހި ނަގާ މަރުހަލާ (rash stage): އާންމު ގޮތެއްގައި މިމަރުހަލާ ދެމިހުންނަނީ 28-14 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. ބިހި ނަގާދުވަހު ހުން ވިހެލައިފާނެއެވެ. ނޫނީ ބިހިތައް ނެގުމަށްފަހު 3 ވަރަކަށް ދުވަސް ވަންދެން ހުން ނުފިލައި ހުރެދާނެ އެވެ. އާންމު ގޮތެއްގައި ބިހިތައް ނަގަނީ ހުންއައުމަށްފަހު 4-1 ނުވަތަ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މިމުއްދަތު ބައެއް ފަހަރު މިއަށްވުރެ ދިގުވެސް ވެދާނެއެވެ. ބިހިތައް ފުރަތަމަ ނަގަނީ މޫނުގައެވެ. ދެން އަތްފައިގައެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ވެސް ބިހިތައް ނަގައެވެ. ނޫނީ އެހެން ހިސާބުތަކަށް ބިހިތައް ފެތުރެއެވެ.މީގެ އިތުރުން އަތްތިލައާއި ފައިތިލައިގެ ހުދުހަމުގައި ވެސް ބިހިތައް ނަގައިފާނެ އެވެ. މިބިހިތައް އަނގައިގެ ތެރޭގަޔާއި، ލޮލުގެ ހުދުކަޅިމަތީގައިވާ ތުނިދުލީގައި އަދި ކުރިމަތި ފަރާތުގައި ވެސް ނެގުމަކީ އެކަށީގެންޥާ ކަމެކެވެ.

މިބިހިތައް ފުރަތަމަ ހުންނާނީ ފަތި (ފަތިބިހި) ކޮށެވެ. އޭގެ ފަހުން ކުޑަކޮށް އުފުލިފައި ހުންނަ ބިހި ތަކަކަށް ބަދަލުވެ، އެއަށްފަހު ބިހިތައް ފެންފޮޅަށް (ފެންފޮޅު) ބަދަލުވެ، އޭގެ ފަހުގައި ފޮޅުތަކުގައި ދޮސްލައެވެ. ނޫނީ ފޮޅުތަކަށް ދޮސް (ދޮސްފޮޅު) އެރެއެވެ. ދެން ފޮޅުތައް ފަޅައިގެން ގޮސް  ކުރަ (ކުރަމަގާލި) ލައެވެ. ކުރައިގެ ނުވަތަ ކުރަމަގާލިގެ ދަށުން އާ ހަން އުފެދި، ކުރަމަގާލި ގަނޑު ވެއްޓެންދެން ބަލިމީހާގެ ފަރާތުން އެހެން މީހުން ބަލިޖެހުމުގެ (ނުވަތަ ބަލި ފެތުރުމުގެ) ފުރުޞަތު އޮންނާނެ އެވެ. މިބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު ފާނަބަސަނދު ޖެހުމުން ނަގާ ބިހިތަކާއި އެއްގޮތް ވެދާނެ އެވެ. ދެތިން ބިހިން ފެށިގެން ގޮސް އެތައް ބައިވަރު ބިއްސެއް ވެސް ނަގައިފާނެއެވެ. އާންމު ގޮތެއްގައި ބިހިތަކުގައި ހިރުވައި ކަހާނެއެވެ. ބައެއް ފަހަރު ބިހިތަކުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވެދާނެ އެވެ. ކުރިމަތި ފަރާތުގައި ނަގާ ބިހިތައް ފާރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ބިހިތައް ނެގުމަށްފަހު ކުރަމަގާލި ލައި ނެއްޓުމާއި ދެމެދު އަންނަނިވި ގޮތަށް ބަދަލުވަމުންދާނެ އެވެ. މިމުއްދަތުގައި ހަމުގައި އުފެދޭ ބިހިތަކަށް އަންނަ ބަދަލުތައް އަންނަނިވި ގޮތަށް ދެމިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

·         ފަތިބިހި(macule): ދެމިހުންނަނީ 2-1 ދުވަހަށެވެ.

·         އުފުލިފައި ހުންނަ ބިހި (papule) : ދެމިހުންނަނީ 2-1 ދުވަހަށެވެ.

·         ފެންފޮޅު (Vescile): ދެމިހުންނަނީ 2-1 ދުވަހަށެވެ.

·         ދޮސްފޮޅު (Pustule): ދެމިހުންނަނީ 7-5 ދުވަހަށެވެ.

·         ކުރަމަގާލި: (crust /scabs): މިއީ ކުރަމަގާލިލުން ނުވަތަ ފެންފޮޅުތައް ފަޅައިގެން ގޮސް ހިކިކުރަލުން ނޫނީ ތޮށިލުމެވެ. ދެމިހުންނަނީ 14-7 ދުވަހަށެވެ.

މަންކީ ޕޮކްސްގައި ނަގާ ބިހިތައް ހިމަބިހި އަދި ފާނަބަނސަދު ގައި ނަގާ ބިހިތަކާއި ޚިލާފަށް އެއްމަރުހަލާ އިން އަނެއް މަރުހަލާއަށް ބަދަލުވާނީ (މިސާލަކަށް ފެންފޮޅަކަށް ދޮސްއެރި ދޮސްފަޅަކަށް ބަދަލުވުން) ވަރަށް ލަސްލަހުންނެވެ. ހަމަމިހެން ހުރިހާ ބިހިތަކަށް ވެސް އެއްމަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުވާނީ ދާދި އެކުއެކީގައެވެ. ނަމަވެސް ހިމަބިހި ފާނަބަނސަދު ފަދަ ބަލިތަކުގައި އެއް ފަހަރާ އެކި މަރުހަލާތަކުގައި ހަމުގައި ނަގާ ލީޒަން ފެންނަށް ހުރެދާނެ އެވެ.

އާންމުގޮތެއްގައި 4-2 ހަފްތާއާއި ދެމެދުގެ މުއްދަތަކަށް ބަލި ދިގުދެމިގެން ދެއެވެ. އެފްރިކާގެ ގައުމުތަކުގައި ބަލިޖެހުނު ކޮންމެ 10 މީހުންގެ ތެރެއިން 1 އެއްގެ ފުރާނަ ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހިމަބިހި، ފާނަބަސަނދު އަދި މަކުނުވިދުރި

އަލާމާތް

މަކުނު ވިދުރި

ފާނަބަސަނދު

ހިމަބިހި

ހުން

ބިހިތައް ނެގުމުގެ 3-1 ދުވަސްކުރިން

ބިހިތައް ނެގުމުގެ 2-1 ދުވަސްކުރިން

ބިހިތައް ނެގުމުގެ 5-3 ދުވަސް ކުރިން

ބިހިތައް

އާންމުކޮށް އެއް މަރުހަލާއެއްގައި

އެއްފަހަރާ އެކި މަރުހަލާތައް

އެއްފަހަރާ އެކި މަރުހަލާތައް

ބިހިތައް އިތުރުވުން

ލަސް

އަވަސް

އަވަސް

ބިހިނަގާ ހިސާބު

މޫނުގައި ބޮޑަށް، އަތްފައިގެ ހުދުހަމުގައި ވެސް ހުންނާނެ

މޭމަތި، ބުރަކަށި، ބަނޑުމަތި،އަތްފައިގެ ހުދުހަމުގައި ނުހުންނާނެ

މޫނުން ފެށިގެން ފެތުރުން، ބައެއް ފަހަރު އަތްތިލަ އަދި ފައިތިލައިގައި ނެގުން

ގޮށްލުން

ގޮށްލާނެ

ގޮށްނުލާނެ

ބައެއް ފަހަރު ގޮށްލާނެ

މަރުވުން

%10

ވަރަށް ނާދިރު ކަމެއް

ވަރަށް ބޮޑަށް ތަފާތުވޭ

 

ނުރައްކާތައް

މަންކީ ޕޮކްސް އަކީ އާންމު ގޮތެއްގައި އޭގެ ޒާތުގައި ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް ކުޑަކުދިންނާއި، ދިފާއީ ބާރު ދަށްވެފައިވާ މީހުންނާއި، ދާއިމީކޮށް ބޮޑެތި ބަލިތަކަށް ދިގުމުއްދަތަށް ބޭސްކާ މީހުންނަށް ބަލީގައި ބޮޑުވަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ބަލިޖެހެން މެދުވެރިވާ ގޮތަކުން (މިސާލަކަށް ޖަނަވާރެއް ދަތްއަޅައިގެން/ ސިރިންޖް ކަށްޓެއް ފަދަ އެއްޗެއް ހެރިގެން) ބަލިޖެހިއްޖެނަމަ ބަލީގައި ބޮޑުވަރުވުމުގެ ފުރުޞަތު ބޮޑެވެ. މަންކީ ޕޮކްސް އާއި ގުޅިގެން އާންމުކޮށް ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ހަމުގައި ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަން އުފެދި، ރަނގަޅުވާއިރު ލަކުނުލުން

·         ނިއުމޯނިޔާ ޖެހުން

·         ލޮލުގެ ހާމަދުލީގައި ލަކުނުލައި، ލޯއަނދިރިވުން

·         ސެޕްސިސް ގެ ހާލަތަށް ދިއުން

·         ސިކުނޑިދުޅަވުން

·         މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް މިސާލަކަށް ބައިގެންދިއުން

·         މަރުވުން

ފަރުވާ

މަންކީ ޕޮކްސް އަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ނެތެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންޓިވައިރަލް އެއް ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަންކީ ޕޮކްސްގެ ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.

ރައްކާތެރިވުން

·         ގިނަގިނައިން އަތްދޮވެ ސާފުކުރުން

·         މާސްކު އެޅުން

·         ބަލީގެ އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުކޮށް ގައިގޯޅިނުވުން

·         ބަލީގެ އަލާމާތެއް  (ހުންއައުން، ގައިގައިރިހުން ފަދަ އަލާމާތްތަކާއެކު، ބިހިނެގުން، ގޮށްލުން ފަދަ އަލާމާތެއް) ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

·         ބަލީގެ އަލާމާތްތައް ހުރި ޖަނަވާރު އުފުލައި ގެންގުޅެ ހެދުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

·         އެއްގަމު މަސް ރަނގަޅަށް ރޯފިލަންދެން ކައްކައިގެން ކެއުން

އިންސާނުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބައްޔަށް ޝަކުވާމީހުން ދެނެގަނެ، ކަށަވަރުކޮށް، ބަލިޖެހިފައިވާކަން ޔަގީންވުމުން އެހެން މީހުންނާއި އެކަހެރިކޮށް ވަކިކުރުމަކީ ބޭނުންތެރި ކަމެކެވެ. ބަލިމީހާއާއި އެއްތާކުވި މީހުން ހޯދައި، އިންކިޔުބޭޝަން ޕީރިއަޑް ގައި އެމީހުންގެ ފޮލޯއަޕް ކޮންމެ ދުވަހަކު ވެސް ހަދަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. ބަލިމީހާއާއި އެއްތާކުވި ބަލީގެ އަލާމާތެއް ނެތް މީހުން ކަރަންޓީނު ކުރުމަކީ އަދި އެހާމެ ބޭނުންހުރި ކަމެއް ނޫނެވެ. ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމާއި، އަތުގެ ސާފުތާހިރުކަމަށް ސަމާލުކަންދިނުމަކީ މުހިއްމު ކަމެކެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ވެސް ބަލީގެ ސާމްޕަލް އުފުލައި ހެދުމާއި، ބަލިމީހުންނަށް ފަރުވާކޮށް ހެދުމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.

ކަށިވިދުރިން ރައްކާތެރިކޮށްދޭ ވެކްސިން އިން މަންކީ ޕޮކްސް ރައްކާތެރިކޮށްދެއެވެ. ނަމަވެސް ވެކްސިން ހުރީ ވަރަށް މަދުންނެވެ. ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ކޮންމެވެސް ވަރަކަށް ވެކްސިން ރައްކާކޮށްފައި އެބަހުއްޓެވެ. މަންކީ ޕޮކްސް ވެކްސިން ވެސް ވަރަށް ފަހުން އުފައްދައި ހުއްދަ ދީފައި ވެއެވެ. ނަމަވެސް އަދި އާންމުކޮށް ލިބޭކަން ނުހުރެއެވެ.

މައުލޫމާތު

·         ނޫސްބަޔާން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ދިވެހިރާއްޖެ. 22 މެއި 2022.

·         https://www.cdc.gov/poxvirus/monkeypox/about.html

·         ADVISORY FOR HEALTHCARE WORKERS: MULTI-COUNTRY OUTBREAK OF MONKEYPOX (HPA, Maldives. 22th may 2022)

·         Global public health alert and information sheet, Monkey pox. CMO, ADK hospital, 19th May 2022.