ޑިސްޕްރެކްސިއާ
ޑިސްޕްރެކްސިއާ(dyspraxia) ނުވަތަ "ޑިވެލޮޕްމެންޓަލް ކޯޑިނޭޝަން ޑިސްއޯޑަރ" އަކީ
ހަށިގަނޑުގެ ހަރަކާތްތެރިކަމަށް (ނުވަތަ ހެލިފެލިވެއުޅުމާއި، ހިނގާބިނގާވެ
އުޅުމަށް) އަސަރުކުރުވާ ހާލަތެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ އުމުރާ
އަޅާބަލާއިރު ހިނގާބިނގާވެ އުޅުމުގައި ދަތިތަކާ ކުރިމަތިވެއެވެ. މިއީ
ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ވެސް ދިމާވެދާނެ ހާލަތެކެވެ. މިއީ ކޮންމެ
ދުވަހެއްގެ ދިރިއުޅުމުގައި ކުރިމަތިވާ ކަންތައްތައް އެންމެ އެކަށޭނަ ގޮތުގައި
ފުރިހަމަކުރުމަށް ދަތިތަކާ ކުރިމަތިކުރުވާ ހާލަތެކެވެ. މިއީ ޖިސްމާނީ ހަރަކާތްތައް
ރާވައި، ވިލަރެސްކޮށް، ހިންގުމުގައި އުދަނގޫތަކާ ކުރިމަތިކުރުވާ ސިކުނޑިއަށް
ބަރޯސާވާ ހާލަތެކެވެ. މިފަދަ ކުދިންނަށް ހަށިގަނޑުގެ ހަމަ ހިފެހެއްޓުމާއި،
ހަށިގަނޑު އެއްގޮތަކަށް (ހުންނަންޖެހޭ މަގާމުގައި ނުވަތަ އޭގެ އެންމެ ފުރިހަމަ
ގޮތުގައި) ބެހެއްޓުމަށް އުދަނގޫވާނެއެވެ.
ބެލެވިފައިވާ ގޮތުގައި އަންހެންކުދިންނަށްވުރެ
ފިރިހެން ކުދިންނަށް ޑިސްޕްރެކްސިއާ ކުރިމަތިވާ މިންވަރު 4-3 ގުނަ އިތުރެވެ. ގާތްގަނޑަކަށް
އާބާދީގެ 10-6 އިންސައްތަ އާއި ދެމެދުގެ ކުދިންގެ ފުށުން ޑިސްޕްރެކްސިއާގެ
ކޮންމެވެސް ސިފަތަކެއް ނޫނީ ނިޝާންތަކެއް ހުންނަކަމަށް ބެލެވިފައި ވެއެވެ.
ޑިސްޕްރެކްސިއާ ދިމާވާ ސަބަބުތައް އަދި
މަގުފަހިކުރާ ކަންތައްތައް
ޑިސްޕްރެކްސިއާ ކުރިމަތިވާ ސީދާ ސަބަބެއް އަދި
ހޯދިފައެއް ނުވެއެވެ. ވަރަށް ގިނަ މީހުން ގަބޫލުކުރާގޮތުގައި ޑިސްޕްރެކްސިއާ
ކުރިމަތިވުމުގައި ވިރާސީ ބަހާގެ ދައުރެއް ނުވަތަ އެކަމަށް މަގުފަހިކުރާ ވިރާސީ
ބަހާއެއް މައިންބަފައިންގެ ފުށުން ވާރުތަވުމަކީ ވެދާނެ ގޮތެކެވެ. ބައެއް
ސައިންސްވެރިން ތުހުމަތުކުރާ ގޮތުގައި ޑިސްޕްރެކްސިއާ ކުރިމަތިވަނީ ސިކުނޑިން
މަސްތަކަށް މެސެޖުތައް ފޮނުވާ ނާރު ސެލްތަކުގައި ހުންނަ މައްސަލައެއްގެ
ސަބަބުންނެވެ.
ޑިސްޕްރެކްސިއާ ކުރިމަތިވާ ސީދާ ސަބަބެއް ހޯދިފައި
ނުވިނަމަވެސް ޑިސްޕްރެކްސިއާ ނުވަތަ ޑިވެލޮޕްމެންޓަލް ކޯޑިނޭޝަން ޑިސްއޯޑަރ އަށް
މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަ ކުރެވޭ
ކަންތައްތަކުގެ ތެރޭގައި:-
·
އުފަންވިއިރު ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ ލުއިކޮށްހުރުން
·
އާއިލާގެ ތެރޭގައި ޑިސްޕްރެކްސިއާ ކުރިމަތިވެފައިވާ މީހަކު ނޫނީ
ކުއްޖަކުހުރުން
·
މައިމީހާ އަކީ ބަނގުރާ ބޭނުންކުރާ ނޫނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށްވުން
ޑިސްޕްރެކްސިއާގެ ވައްތަރުތައް
ޑިސްޕްރެކްސިއާގެ ސަބަބުން އެކިކަހަލަ ހަރަކާތްތައް
ކުރަން އުދަނގޫވެދާނެ އެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުން ކުއްޖާއަށް
ކުރިމަތިވެފައިވާ މައްސަލަތަކަށް ބަލައި، އެކަންކަމަށް ރިޢާޔަތްކޮށް
ޑިސްޕްރެކްސިއާ ތިރީގައިވާ ބައިތަކަށް ބަހާލެވިދާނެއެވެ.
(ހ) – އައިޑިއޯ މޮޓޯ ޑިސްޕްރެކްސިއާ (Ideomotor dyspraxia): މިވައްތަރުގައި އެއްފަހަރުން
(އެއްފިޔަވަޅުން) ފުރިހަމަކުރެވޭ ކަންތައްތައް ފުރިހަމަކުރަން އުދަނގޫވާނެއެވެ.
މިސާލަކަށް ބޮލުގައި ފުނާއެޅުން، ޓާޓާ ކިޔުމަށް އަތްހޫރާލުން ފަދަ ކަންކަން ކުރަން
އުދަނގޫވެދާނެ އެވެ.
(ށ) – އައިޑިއޭޝަނަލް ޑިސްޕްރެކްސިއާ (Ideational dyspraxia): މިވައްތަރުގައި ވަކި ތަރުތީބަކުން
ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރަން އުދަނގޫވެދާނެއެވެ. މިސާލަކަށް
ދަތްއުގުޅުން، ތަންމަތިއެޅުން ފަދަ ކަންކަން ފުރިހަމަކުރަން އުދަނގޫވެދާނެއެވެ.
(ނ) – އޯރޯމޮޓޯ ޑިސްޕްރެކްސިއާ (Oromotor dyspraxia): މިވައްތަރުގައި ތަފާތު އަޑުތައް
އުފެއްދުމަށް (ބަސްތައް ކިޔުމަށް) ބޭނުންވާ މަސްތަކުގެ ހަރަކާތްތައް
ވިލަސްކުރުމުގައި އުދަނގުލާ ކުރިމަތިވާނެއެވެ. އެހެންކަމުން މިފަދަ ކުދިންނަށް
ރީތިކޮށް ވާހަކަ ނުދެއްކިދާނެއެވެ. އަދި މިފަދަ ކުދިން ދައްކާ ވާހަކަ އެހެން
މީހުންނަށް ރަނގަޅަށް ދޭހަނުވެދާނެއެވެ.
(ރ) – ކޮންސްޓްރަކްޝަނަލް ޑިސްޕްރެކްސިއާ
(Constructional
dyspraxia): މިވައްތަރުގައި އެކި ކަހަލަ (އެކަތި އަނެކައްޗާ) ތަކެއްޗާ
އޮންނަ ގުޅުން ދޭހަވެ، ނަގައިގަންނަން އުދަނގޫވެދާނެއެވެ. މިފަދަ ކުދިންނަށް
"ޖިއޯމެޓްރިކް" ކުރެހުމެއް، ނަކަލުކުރަން އުދަނގޫވެދާނެ އެވެ. ނުވަތަ
"ބިލްޑިންގ ބްލޮކް" ތައް ބޭނުންކޮށްގެން އެއްޗެއް ހަދައި، ނޫނީ ރާވާލަން
އުނދަގޫވެދާނެ އެވެ.
ޑިސްޕްރެކްސިއާ ގެ އާންމު ސިފަތަކަކީ
(އަލާމާތްތަކަކީ) ކޮބާ؟
ޑިސްޕްރެކްސިއާގެ އަލާމާތްތައް އެކި ކުދިންގެ
ފުށުން ފެންނަނީ އެކި ވަރަށެވެ. ބައެއް ކުދިންގެ ފުށުން ވަރަށް ބޮޑަށް
މިއަލާމާތްތަކާ ނިޝާންތައް ފެންނައިރު، އަނެއް ބައި ކުދިންގެ ފުށުން
މިއަލާމާތްތަކާ ނިޝާންތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ބައެއް ފަހަރު ތަންކޮޅެއް
ބޮޑުވުމުން އަލާމާތްތައް ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް އާންމު ގޮތެއްގައި
ކުޑައިރުގައި އަލާމާތްތައް ކުދިންގެ ފުށުން ފެންނަން ފަށާނެއެވެ.
މުޅިހަށިގަނޑަށް އަންނަ (ބޮޑެތި)
ބަދަލުތައް / ކުރިމަތިވާ ދަތިތައް (gross motor
skill difficulties)
·
ފިރުކުން، އިށީނުން، ހިނގުން، އަދި ވާހަކަ ދެއްކުން ލަސްވުން
·
ދުވުން، ފުމުން، ކޮރުން ފަދަ ކަންކަން ފުރިހަމަކުރަން ދަތިވުން / އުދަނގޫވުން
·
އާކަމެއް ކުރަން ބުނުމުން، އެކަމެއް ފަށައިގަންނަން ގިނައިރު ނެގުން
·
ތަފާތު ހާދިސާތައް ކުރިމަތިވުމުގެ ފުރުޞަތު ނުވަތަ ހިރާސް
އެހެންކުދިންނަށްވުރެ ބޮޑުވުން
·
ކޮޅަށް / އިށީދެ އިންނައިރު ހަށިގަނޑު ރީތިކޮށް އެއްގޮތަކަށް ބަހައްޓަން
އުދަނގޫވުން
އަތްފައިގެ އިގިލިތަކުން ކުރާ ކުދިކުދި
ހަރަކާތްތަކަށް ކުރިމަތިވާ ދަތިތައް (fine motor
skills difficulties)
·
ގަލަން، ފަންސުރު ފަދަ ތަކެތި ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް ކުރަން
ދަތިވުން : މިސާލަކަށް ފަންސުރުގައި ހިފުމާއި، ފަންސުރު ބޭނުންކޮށްގެން ލިޔަން
ދަތިވުން
·
އަމިއްލައަށް ކުރަންޖެހޭ ކުދިކުދި ކަންތައްތައް ކުރަން އުދަނގޫވުން :
މިސާލަކަށް ގޮށްއެޅުވުން، ޒިބުއެޅުވުން، ކަތުރުން އެއްޗެއް ކެފުން، ނާޑުވާލެއްވުން
ދޭހަވުން ލަސްވުން (perceptual difficulties)
·
ކަނާތް، ވާތް، ކުރިމަތި، ފަހަތް ފަދަ ފަރާތްތައް ވަކިކުރަން އުދަނގޫވުން
·
ލޮލަށް ފެންނަ ތަކެތި ނަގައިގަންނަން ދަތިވުން : ނަތީޖާއެއްގެ ގޮތުން ލިޔަން
ކިޔަން ދަތިވުން
·
ކަންފަތަށް އިވޭ އަޑުތައް ނަގައިގަންނަން އުނދަގޫވުން : މިސާލަކަށް ބުނާގޮތް
ހަދަން ނޭނގުން
ވާހަކަ ދެއްކުމުގައި ދަތިތަކާ
ކުރިމަތިވުން
·
ސުވާލެއް ކުރުމުން ޖަވާބު އެނގުނަސް އެއަށް އިޖާބަ ދިނުން (ޖަވާބު ދިނުން)
ލަސްވުން
·
ވާހަކަ ދެއްކުން ލަސްވުން
·
ބަހުގެ ހުނަރުވެރިކަން ދަށްވުން ( މިސާލަކަށް ކަމަކާ މެދު ވިސްނައި، ރާވައިގެން
ކަމެއް ހާމަކުރަން އުދަނގޫވުން)
·
ވާހަކަ ދައްކަން އުދަނގޫވުން / އަދި ވަކިވަކި އަޑުތައް އުފައްދަން
އުނދަގޫވުން
·
ވަކި ބަހެއް ބުނަންއުޅޭއިރު ހަމަ އެބަސް އެކި ފަހަރު އެކި ގޮތަށް ބުނެވުން
ކަންކަން ރާވައި ހެދުމުގައި ދަތިތަކާ
ކުރިމަތިވުން
·
ވަރަށް ފަސޭހައިން ކަންކަން ހަދާންނެތުން / ނުކުރެވި ދޫކޮށްލުން
·
ތަރުތީބުން ހުންނަ ކަންކަމާ ތަކެތި އެތަރުތީބުން ބަޔާންކޮށްދޭން ދަތިވުން (
މިސާލަކަށް ހަފްތާގެ ދުވަސްތައް ނުވަތަ އަހަރުގެ މަސްތައް ތަރުތީބުން ބުނެދޭން
އުދަނގޫވުން)
·
ދީފައި ހުންނަ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން ނޭނގުން ( ފަހަރުގައި
ރަނގަޅަށް އަޑުނާހަނީ ހެން ހީވެދާނެ)
·
ކަންނެއްކަން ފާހަގަ ކުރެވުން (ކަމެއްކުރަން ބުނުމުން އެކަމެއް ފަށައިގަންނަ
ވެސް ނޭނގުން)
·
މަދަރުސާގައި ތަކެތި ރާވާލައިގެން ވަކިގޮތަކަށް ގެންގުޅެން ނޭނގުން (
މިސާލަކަށް ފަންސުރު، ކަރުދާސް، ތެރަސްފުޅި އަދި އެމާއްދާއެއްގެ ފޮތް ނަގަން
ނޭނގުން)
·
ގަޑިއަށް ހާޟިރު ނުވެވުން ( ނޫނީ ގަޑިއަށް ހާޟިރުވުމަށް އުދަނގުލާ
ކުރިމަތިވުން)
ޖަޒުބާތީ ގޮތުން / އިޖުތިމާޢީގޮތުން
ދިމާވެދާނެ ދަތިތައް
·
އަމިއްލަ ނަފުސަށް އިހުތިރާމު ނުކުރެވުމާއި، އޮންނަ އިތުބާރު ކުޑަވުން :
އެކަމުގެ ސަބަބުން ނުތަނަވަސް ކަމާއި،
ހާސްވެ، ކަންބޮޑުވުމާއި، ހިތްހަމަނުޖެހުން ކުރިމަތިވުން
·
އެހެން މީހުންނާއި ގުޅިގެން އުޅެން ނޭނގުން ނޫނީ ދަސްވެފައި ނެތުން
·
އެހެން ކުދިންނާއެކު ގުޅިގެން އުޅެން ނޭނގުން
·
އެހެން މީހުންގެ ހަށިގަނޑުގެ ހަރަކާތުން ދައްކާ ކަންކަން (އިޝާރާތް/ މޫނުގެ
ހަރަކާތްތައް) ނަގައިނުގަނެވުން
·
ކަންކަމަށް ސަމާލުކަން ނުދެވުން / އަދި ވަރަށް ފަސޭހައިން ވިސްނުން
އެހެންކަމަކަށް އެނބުރުން
މައިގަނޑު ގޮތެއްގައި އަސަރުކުރުވާ
ހުނަރުތަކާ، ކަންތައްތައް
(ހ) މުއާމަލާތްކުރުން
ޑިސްޕްރެކްސިއާ ހުންނަ ކުދިންނަށް ރަނގަޅަށް
މުއާމަލާތްކުރަން އުދަނގޫވެއެވެ. ބައެއް ކަހަލަ ބަސްތައް ކިޔަން
(ޕްރޮނައުންސްކުރަން) ނޫނީ އަޑުތައް ނެރެން އުދަނގޫވެއެވެ. އެކުދިންގެ އަމިއްލަ
ޚިޔާލާ ފިކުރު ފާޅުކުރަން އުނދަގޫވެއެވެ. އަޑުގެ މަޚްރަޖާއި، އަޑުގެ ބާރުމިން
އެއްގޮތެއްގައި ހިފަހައްޓަން އުދަނގޫވެއެވެ. ނަތީޖާއެއްގެ ގޮތުން ރަހުމަތްތެރިން
ހޯދައި، އެހެން ކުދިންނާއި ގުޅިގެން އުޅުން އުދަނގޫކަމަކަށް ވެގެންދެއެވެ.
(ށ) އާތިފީ އަދި ސުލޫކީ ހުނަރުތައް
ޑިސްޕްރެކްސިއާ ހުންނަ ކުދިންގެ އުޅުމާއި، ގުޅުން
އަދި ސުލޫކު އެހެން ކުދިންނާއި ތަފާތެވެ. ގުރޫޕެއްގެ ތެރޭގައި އުޅޭއިރު އެފަދަ
ކުދިން ކުއްލިއަކަށް ނުތަނަވަސްވެދާނެ އެވެ. ނޫނީ ރުޅިއަތުވެދާނެ އެވެ. ނޫނީ
ދެރަވެދާނެއެވެ. ނޫނީ ހާސްވެ ކަންބޮޑުވެދާނެ އެވެ. މިކަމުގެ ސަބަބުން ކުދިން
ބޮޑުވަމުން އަންނައިރު އެހެންކުދިންނާ ގުޅިގެން އުޅެން އުދަނގޫވެއެވެ. ކުޅިވަރުގެ
ހަރަކާތްތަކުގައި ޝާމިލްވެ އުޅެން އުދަނގޫވުމުން މިފަދަ ކުދިންގެ އަމިއްލަ
ނަފުސަށް ކުރާ އިހުތިރާމާއި، އޮންނަ އިތުބާރު ވެސް ކުޑަވެގެން ދެއެވެ.
(ނ) އުގެނުން ނުވަތަ ކިޔެވުން
ޑިސްޕްރެކްސިއާ ހުންނަ ކުދިންނަށް އުގެނުމުގައި
މައްސަލަތަކާ ކުރިމަތިވެއެވެ. ޚާއްޞަކޮށް މިފަދަ ކުދިންނަށް ލިޔުމަކީ އެހާ ފަސޭހަ
ކަމެއް ނޫނެވެ. ނުވަތަ އަވަހަށް ލިޔުމަކީ އުދަނގޫ ކަމެކެވެ. އެކަމުގެ ސަބަބުން
ކުލާހުގައި ދޭ ފިލާވަޅުތައް ބަރާބަރަށް ނޯޓުކޮށް ނޫނީ ފޮތަށް ނެގުމާއި،
އިމްތިހާނުތައް ގަޑިއަށް ނިންމަން އުދަނގޫވެއެވެ. ނޫނީ ނުނިންމޭގޮތް ވެއެވެ.
ވާހަކަ ދައްކަން އުދަނގޫވާ ކުދިންނަށް ފޮތްކިޔުމާއި، ލިޔަކުރުން (ސްޕެލްކުރުން)
ފަދަ ކަންކަމަކީ ވެސް އުދަނގޫކަންކަމަށް އޮންނަނީ ވެފައެވެ.
(ރ) ދިރިއުޅުމުގެ އާންމު ހުނަރުތައް
ދިރިއުޅުމުގައި އަމިއްލައަށް ކުރަންޖެހޭ
ކަންތައްތައް އެންމެ އެކަށޭނަ ގޮތުގައި ފުރިހަމަކުރުން މިފަދަ ކުދިންނަށް އޮންނަނީ
ބޮޑު ގޮށްޖެހުމަކަށް ވެފައެވެ. މިސާލަކަށް ގަމީހުގައި ގޮށްއެޅުވުން، ބޫޓުގެ ނާޑުވާ
އެއްސުން، އަދި ދަތްއުގުޅުން ފަދަ ކަންކަން އެހެންމީހެއްގެ އެހީތެރިކަމާ ނުލައި
ފުރިހަމަކުރަން އުދަނގޫވެއެވެ.
ދެނެގަތުން
ކުދިންގެ ކިބައިގައި ޑިސްޕްރެކްސިއާ ހުރިތޯ
ބެލުމަށްޓަކައި ފަށައިގަންނަށް އެންމެ ރަނގަޅު ގޮތަކީ ކުދިން އުޅެން ނޫޅޭގޮތް
ބަލަމުން ގެންދިއުމެވެ. ނޫނީ ކުދިންނަށް އަންނަ ބަދަލުތައް ފާހަގަކުރަމުން
ގެންދިއުމެވެ. ކުދިންގެ ފުށުން ފެންނަ ކަންތައްތައް ނޯޓުކުރަމުން ގެންދިއުމެވެ.
މިގޮތަށް ހެދުމުން ޑިސްޕްރެކްސިއާ ކަން ނިންމަން ނުވަތަ ޑިސްޕްރެކްސިއާ ޑައިގްނޯސް
ކުރަން ފަސޭހަވެގެންދާނެ އެވެ. ޑިސްޕްރެކްސިއާ ކަމަށް ނިންމޭނީ އެކުއްޖެއްގެ
ފުށުން ޑިސްޕްރެކްސިއާގެ އަލާމާތްތައް އެންމެ މަދުވެގެން 6 މަސް ދުވަހުގެ
މުއްދަތަށް ފާހަގަ ކުރެވުމުންނެވެ.
ޑިސްޕްރެކްސިއާ ކުއްޖެއްގެ ކިބައިގައި ހުރިކަން
ޔަގީންކަމާއެކު ކަނޑައަޅައިދޭ ޓެސްޓެއް އަދި ހޯދިފައެއް ނުވެއެވެ. އާންމު
ގޮތެއްގައި ޑޮކްޓަރުން ބަލާ ބެލުންތަކުގައި ކުއްޖާގެ ކިބައިގައި އެއްވެސް ކަހަލަ
ނާރުގެ މައްސަލައެއް ހުރިތޯ ދެނެގަތުމަށް މަސައްކަތް ކުރާނެއެވެ. ޑޮކްޓަރެއް
ބެލުމަށްފަހު، ސައިކޮލޮޖިސްޓެއް ނޫނީ އޮކިޔުޕޭޝަނަލް ތެރަޕިސްޓެއްގެ ކައިރިއަށް
ފޮނުވައިފާނެއެވެ.
ޑިސްޕްރެކްސިއާ ދެނެގަތުމަށް
މަސައްކަތްކުރާއިރު މައިގަނޑު 4 ކަމަކަށް ރިއާޔަތްކުރާނެއެވެ.
·
ހެދިބޮޑުވުން (މުޅި ހަށިގަނޑު ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް:
ފިރުކުން، އިށީނުން، ހިންގުން، ދުވުން، ފުއްމުން ފަދަ ކަންކަން) ލަސްވުން
·
މިކަންކަމުގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށާއި، އުގެނުމަށް ހުރަސްއެޅުން
·
ހެދިބޮޑުވުން ލަސްވަނީ އެހެން ނާރުގެ މައްސަލައެއްތޯ ޔަގީންކުރުން
·
އުމުރުން 5 އަހަރުގެ ކުރިން ބަލި ދެނެ ނުގަނެވި ހުއްޓަސް އޭގެ އަލާމާތްތައް 5
އަހަރުވުމުގެ ކުރީގައި ކުއްޖާގެ ކިބައިގައި ހުރުން
ފަރުވާ
ޑިސްޕްރެކްސިއާ އަށް ވަކި ޚާއްޞަ ފަރުވާއެއް އަދި
ހޯދިފައެއް ނުވެއެވެ. ނަމަވެސް ދެވޭ ބައެއް ކަހަލަ ފަރުވާ ތަކުގެ އެހީގައި
ކުދިންނަށް ކުރިމަތިވާ އުދަނގޫތަކާ، މައްސަލަތައް ކުޑަކުރުމަށް އެހީތެރިވެވިދާނެ
އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
(ހ) – ތަފާތު ކަންތައްތައް /
ހަރަކާތްތައް ފުރިހަމަކުރާނޭގޮތް ކުދިންނަށް އުގަންނައިދިނުން : މިސާލަކަށް އެއްފަހަރާ ބޮޑުކަމެއް ނޫނީ މަސައްކަތެއް
ފުރިހަމަކުރަން އުޅުމުގެ ބަދަލުގައި އެކަމެއް ބައިބަޔަށް ބަހާލައިގެން ކުރަން
ކުދިންނަށް ދަސްކޮށްދިނުން
(ށ)- ކަންކަން ތަކުރާރުކޮށް ކުރުވައިގެން
އެކަމަށް ހޭނުން : މިގޮތަށް ހެދުމުން ކުދިންނަށް
އެކުރާކަމެއް ފަސޭހަ ކަމާއެކު ކުރުމަށް ފަސޭހަވެގެން ދެއެވެ.
(ނ) – އޮކިޔުޕޭޝަނަލް ތެރަޕީ ދިނުން : އޮކިޔުޕޭޝަނަލް ތެރަޕީގެ އެހީގައި ކޮންމެ ދުވަހެއްގެ
ދިރިއުޅުމުގައި ކުއްޖާ ކުރިމަތިލާންޖެހޭ ކަންކަން ދަސްކުރުމަށް އެހީތެރިކަން
ލިބިގެންދާނެއެވެ. ނޫނީ ދަސްވެގެންދާނެއެވެ. މިސާލަކަށް ވަޅިއެއް ބޭނުންކޮށްގެން
ކަމެއް ކުރާނެގޮތް، ރީތިކޮށް ލިޔާނެގޮތް ، ނޫނީ އަވަހަށް ލިޔާނެގޮތް ކުއްޖާއަށް
ދަސްވެގެންދާނެއެވެ.
(ރ) – ސްޕީޗް ތެރަޕީ ދިނުން : ސްޕީޗް ތެރަޕީގެ އެހީގައި އެކިއެކި އަޑުތައް އުފައްދާނެ
ގޮތްތައް ދަސްވެ، ރަނގަޅަށް ވާހަކަ ދެއްކުމަށް ފަސޭހަވެގެންދާނެއެވެ.
މިކަންކުރެވިގެންދާނީ ކުއްޖާއަށް ދަސްކޮށްދެވޭ ވަކި ކަހަލަ ތަމްރީނުތަކަކާ،
އުކުޅުތަކެއްގެ އެހީގައެވެ.
ސުކޫލުގައި މިފަދަ ކުދިންނަށް
ކޮށްދެވިދާނެ ކަންތައްތައް
(ހ) ކުއްޖާއަށް ބޭނުންވާ ކަންތައްތައް
ފުރިހަމަކޮށްދިނުން : ސުކޫލްތަކުގައި މިފަދަ ކުއްޖަކު
ހުރިތޯ ސްކްރީން ކުރެވިދާނެއެވެ. ސްކްރީން ކުރުމަށްފަހު ކިޔެވުމުގައި
އެހެންކުދިންނަށްވުރެ ފަހަތުގައި އުޅޭ ކުދިންނަށް ނުވަތަ ޑިސްޕްރެކްސިއާގެ
ނިޝާންތަކާ އަލާމާތްތައް ހުރި ކުދިންނަށް ބޭނުންވާ އެހީތެރިކަން
ފޯރުކޮށްދެވިދާނެއެވެ. އެގޮތުން ފުރަތަމަ މައްސަލަ ހުރި ކުދިންނަށް ނުވަތަ
ކުއްޖަކަށް ވަކިން ކުޑަ ގުރޫޕެއްގައި ލިޔުން، ކިޔުން، ފަދަ ކަންކަމަށް
އެހީތެރިކަންނުވަތަ ބޭނުންވާ އިރުޝާދުތައް (small group instruction)
ފޯރުކޮށްދެވިދާނެ އެވެ. މިގޮތުން ކުއްޖާއަށް ކުރިއެރުން ނުލިބޭނަމަ ކުއްޖާއަށް
ޚާއްޞަކޮށްގެން ވަކިވަކިން އެންމެ މީހަކު އިނދެގެން ލިޔުން، ކިޔުން ފަދަ
ކަންކަމަށް އެދަރިވަރަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން(one to one instructions)
ފޯރުކޮށްދެވިދާނެއެވެ.
(ށ) މުދައްރިސުން އިސްނަގައިގެން މިފަދަ
ކުދިންނަށް ބޭނުންވާ އެހީތެރިކަން ނުރަސްމީ ސިފައެއްގައި ވެސް ފޯރުކޮށްދިނުން: މިސާލަކަށް ފިލާވަޅުތައް
ބައިބަޔަށް ބަހާލައިގެން ދަރިވަރު ލައްވައި ފުރިހަމަ ކުރެވިދާނެއެވެ. މިގޮތަށް
ހެދުމުން އެފަދަ ކުދިންނަށް ފިލާވަޅުތައް ފަސޭހައިން ފުރިހަމަކުރެވޭގޮތް ވެއެވެ.
އަތުން ލިޔުމަށްވުރެ ޓައިޕްކުރަން ފަސޭހަ ނަމަ، ދަރިވަރު ލައްވައި އެފިލާވަޅެއް
ކޮމްޕިއުޓަރުގެ އެހީގައި ވެސް ފުރިހަމަ ކުރެވިދާނެ އެވެ.
(ނ) އިތުރު އެހީތައް ފޯރުކޮށްދިނުން : މިގޮތުން ޑިސްޕްރެކްސިއާ ހުންނަ ދަރިވަރުންނަށް މަސައްކަތް
ފުރިހަމަ ކުރުމަށް އިތުރު ވަގުތު ދިނުން، ގޭގައި ހަދަންދޭ ހޯމްވޯކްތައް ދަރިވަރަށް
ފަސޭހަވާނެ ގޮތަށް ބަދަލު ގެނެސްފައި ދިނުން، އަދި އިމްތިހާނުގައި ވެސް އިތުރު
ވަގުތުން ދިނުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި ކުލާހުގައިދޭ ހުރިހާ
ފިލާވަޅެއްގެ ނޯޓުތައް ދަރިވަރަށް ފޯރުކޮށްދެވިދާނެ އެވެ.
ގޭގައި ކުރެވިދާނެ ކަންތައްތައް
·
މައުލޫމާތު ހޯދައި ދަސްކޮށް ދެނެގަތުން: ބައްޔާއި ބެހޭ މައުލޫމާތު މައިންބަފައިން ހޯދައި
ދަސްކުރުން، އަދި ގޭގައި ކުރެވިދާނެ ކަންތައްތައް ވެސް ހޯދައި އޮޅުންފިލުވައިފައި
ބެހެއްޓުން
·
ކަސްރަތުކުރުމަށް ބާރުއެޅުން : ކަސްރަތުކުރުމާއި، ހެލިފެލިވެ އުޅުމަކީ ކުދިންނަށް ހަށިގަނޑު ބޭނުންކޮށްގެން
ކުރަންޖެހޭ އެކިކަހަލަ ހަރަކާތްތަކާ މަސައްކަތްތައް ދަސްވުމަށް އެހީތެރިވެދޭނެ
ކަމެކެވެ. މިސާލަކަށް ފެތުން، ނޫނީ ފިއްލޯޓި ކުޅުން ފަދަ ކަމެއް ކަމަށްވިޔަސް
އެކަމުގެ ސަބަބުން ކުދިންގެ ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކޮށްދޭނެ އެވެ.
އަދި އެއީ ހެލިފެލިވެއުޅުން އިތުރުކުރުމަށް ލިބޭ ބާރަކަށްވާނެ އެވެ.
·
ޕަޒްލް ފަދަ ގޭމްތައް ކުދިން ލައްވައި ކުޅުވުން : މިފަދަ ގޭމްތަކުގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިކުރު
ހަރުދަނާވެ، މޮޓޯ ސްކިލްސް ރަނގަޅުވެއެވެ. މިފަދަ ހަރަކާތްތަކުގައި ކުއްޖާއަށް
އެހީތެރިވުމުގެ ގޮތުން އާއިލާގެ ހުރިހާ މެންބަރުންނަށް ވެސް ބައިވެރިވެވިދާނެ
އެވެ.
·
ބީން ބެގް އުކުން : މިއީ ކުއްޖާގެ ލޮލާއި އަތުގެ ވިލަރެސްކަން ރަނގަޅުކުރުމަށް އެހީތެރިވެދޭނެ
މަޖާކަމާއެކު ކުރެވިދާނެ ކަމެކެވެ.
·
ފަންސުރަށް ލައްވާނެ "ގްރިޕެއް" ހޯދުން : މިފަދަ ތަކެއްޗަކީ ކުދިންނަށް ލިޔުމަށް އެހީތެރިވެދޭނެ
ތަކެއްޗެވެ. މީގެ އިތުރުން ފިބާ، އެކި ކަހަލަ ކުލަ ފަންސުރު، ހައިލައިޓް މާރކަރ
ފަދަ ތަކެތި ދެވިދާނެ އެވެ. މިފަދަ ތަކެތި ބޭނުންކޮށްގެން މައްސަލަތައް ހުންނަ
ކުދިންނަށް ލިޔަން ފަރިތަކޮށްދެވިދާނެ އެވެ. މިފަދަ ތަކެތި ބޭނުންކޮށްގެން ލިޔަން
އާންމުކޮށް ގިނަ ކުޑަކުދިންގެ ޝައުގުވެރިކަން ހުންނާނެ އެވެ.
·
ކީބޯޑުން ލިޔަން ފުރުޞަތު ދިނުން އަދި ފަރިތަކޮށްދިނުން: އަތުން ލިޔުމަށްވުރެ ކީބޯޑުން ލިޔަން ފަހަރުގައި މިފަދަ
މައްސަލަ ހުންނަ ކުދިންނަށް ފަސޭހަވެދާނެ އެވެ.
·
އަތުގެ ތެރޭގައި ގެންގުޅޭނެ ކްލޭގަނޑެއް ނޫނީ ފިއްތޭ ފަދަ
އެއްޗެއް ކުއްޖާއަށް ދީފައި ބޭއްވުން : މިފަދަ
ތަކެއްޗަކީ އަތުގެ މަސްތައް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ތަކެއްޗެވެ. އަދި
މިފަދަ ތަކެތި ބޭނުންކުރުމުން ކުދިންނަށް ކުރިމަތިވާ ފިއްތުންތައް ކުޑަކުރުމަށް
އެހީތެރިކަން ލިބެއެވެ.
·
ބައެއްކަންތައްތައް ތަކުރާރުކޮށް ކުރުވުން : އެހެން ކުދިންނަށްވުރެ ފަހަތުގައި އުޅޭ ކަންކަން
ފާހަގަކުރުމަށްފަހު އެކަންކަން ކުދިން ލައްވައި ތަކުރާރުކޮށް ކުރުވައި، އަދި
އެފަދަ ކަންކަން ތަކުރާރުކޮށް ކޮށް ދަސްކުރުމަށް ބާރުއެޅުން
·
ކުދިން ކުރާ ކަންތައްތަކަށް ހިތްވަރުދިނުން : މިސާލަކަށް ކަންކަން ދަސްކުރަމުންދާއިރު ދަރިފުޅަށް ކަމެއް
ދަސްވުމުން އެކަމަށް ހިތްވަރުދީ، އެކަން އެގޮތަށް ކުރިޔަށްގެންދިއުމަށް
ބާރުއެޅުމަކީ މުހިއްމު ކަމެކެވެ.
ހަވާލާ