Saturday, July 20, 2013

ކަށި

ކަށި
އިންސާނާގެ ހަށިގަނޑުގައިވާ ކަށިތަކަކީ ހަށިގަނޑުގައިވާ އެންމެ ހަރު ބައެވެ. ދުޅަހެޔޮ ކަށިގަނޑެއްނަމަ ބޭރު ފުށުގައި މަޑު ފިޔާތޮށި ކުލައެއް ހުންނާނެއެވެ. އަދި އެތެރޭގައި ރަތްކަމެއް ހުންނާނެއެވެ. ކަށިތަކަކީ ވެސް ކޮންމެ ވެސް މިންވަރަކަށް ދެމުމުގެ ގާބިލިއްޔަތު ލިބިފައިވާ ޓިޝޫ އެކެވެ. ކޮންމެ ކަށިގަނޑެއްގެ ބޭރުން ތުނި ދުލިފަށަލަ އެއް ލެވިފައިވާނެއެވެ. އެގޮތުން ކަށީގެ ބޭރުން ލެވިފައިވާ ތުނި ދުލި ފަށަލަ(periosteum) ހުރަސްކޮށް ކަށީގެ ތެރެއަށް ލޭފޯރުކޮށްދޭ ލޭހޮޅިތައް ގޮސްފައި ވެއެވެ. އެހެންކަމުން ކަށީގެ ބޭރުގައިވާ ތުނި ދުލި ފަށަލަ ކަށިގަނޑުން ވަކިކޮށް ނަގައިފިނަމަ ލޭބޭރުވާ ކުދިކުދި ހޮއިތައް ކަށިގަނޑުގެ އެކި ހިސާބު ތަކުން ފެންނަން ހުންނާނެ އެވެ. މިއީ ކަށީގެ ތެރެއަށް ލޭގެންގޮސްދިނުމަށް ހުންނަ ހޮއިތަކެކެވެ.

ކަށްޓަށް ހަރުކަން ގެނެސްދެނީ އޭގައި ހިމެނޭ ތަފާތު މައުދަން(ކެމިލަކް) ތަކުގެ ސަބަބުންނެވެ. އެގޮތުން ކަށީގެ ތެރޭގައި ހިމެނޭ ކެމިކަލް ތަކުގެ ތެރޭގައި ހިމެނެނީ ކެލްސިއަމް ފޮސްފޭޓް ، ކެލްސިއަމް ކާބޮނޭޓް ، ކެލްސިއަމް ފްލޮރައިޑް، މެގްނީޒިއަމް ފޮސްފޭޓް، އަދި ސޯޑިއަމް ކްލޮރައިޑް އެވެ.


ކަށި އެކުލެވިގެންވާގޮތް
ކަށި އުފެދިފައިވާ ގޮތަށް ބަލާއިރު ކަށީގެ ބޭރަށްވާ ބަޔަކީ ހަރު(compact bone) ބައެކެވެ. އެތެރެއަށް ހުންނަނީ މަޑު(spongy bone) ބައެކެވެ. ކަށީގެ ބޭރަށްވާ ހަރުބަޔަކީ ކަށީގެ 80 އިންސައްތަ ހިއްސާ ކުރާ ބައެވެ. ކަށީގެ ބޭރަށްވާ ހަރު ބަޔަކީ ކަށީގެ ތޮށި(cortex) ކަމުގައި ބެލެވިދާނެ އެވެ. އަދި އެތެރެއަށް އިންނަ މަޑު ބަޔަކީ ކަށީގެ މަދު(medulla) ކަމުގައި ބެލެވިދާނެ އެވެ.
ކަށީގެ ބޭރުބައި އެކުލެވިގެންވަނީ ހޮޅިއެއްގެ-ބައްޓަމަށް(tube-shaped) ޖެހިޖެހިގެން އެތުރިފައި ހުންނަ ޔުނިޓް ތަކެއްގެ މައްޗަށެވެ. މިޔުނިޓް ތަކަށް ކިޔަނީ "އޮސްޓީއަން"(osteon) އެވެ. އޮސްޓީއަން އެކުލެވިގެންވަނީ މެދުން ހެދިފައިވާ މަގަކާ، ވަށައިގެން އެތުރިފައި ހުންނަ ވަށްބުރު ތަކެއްގެ ސިލްސިލާއެއްގެ މައްޗަށެވެ. ކަށްޓަށް އެއަށް ލިބިގެންވާ ބާރާ، ވަރުގަދަކަން ފޯރުކޮށްދެނީ އޭގެ ބޭރަށް އިންނަ މިހަރު ބައިގެ ސަބަބުންނެވެ. އޮސްޓީއަން ގެ މެދުން ހެދިފައިވާ މަގު ގައި ލިމްފް ދައުރުކުރާ ހޮޅިތަކާ، ލޭދައުރުކުރާ ހޮޅި ތައް ހުރެއެވެ. އަދި މިފަދަ ކޮންމެ މަގެއް ޖެހިގެން އިންނަ އޮސްޓީއަންގެ މެދުގައިވާ މަގާ ގުޅުވާދެނީ އެކަމަށް ޚާއްޞަ މަގަކުންނެވެ.
ކަށީގެ އެތެރޭ ބައި ހަމަ ލޮލަށްފެންނަ ފެނުމަށް ހީވާނީ "މާމުއި ހަތަ"އެއް ހެނެވެ. މިބައިގައި ހެދި ބޮޑުވެ ފުރިހަމަވެފައިވާ ކަށީގެ ސެލްތައް ކަމުގައިވާ "އޮސްޓީއަސައިޓް"(Osteocyte) ތައް ހުންނާނެ އެވެ. ރަތް ކުލަޔަށް ހުންނަ ކަށީގެ މަދު ވެސް ހުންނަނީ މިބައިގެ ތެރޭގައެވެ. ކަށީގެ އެތެރޭ ބައިގައި ހުންނަ އޮސްޓީއަސައިޓް ތަކަށް ކާނާ ލިބެނީ ކަށީގެ ބޭރު ބައިގައި ހުންނަ ކުދިކުދި ހޮޅިތަކުގެ ތެރެއިން ފޭދިގެން އަންނަ ދިޔަ އިންނެވެ. ކަށީގެ ބޭރުބަޔަށްވުރެ އެތެރޭ ބައިގެ ބަރުދަން ލުއިވާނެ އެވެ.

ކަށީގެ ސެލް ތައް
ކަށި އުފެއްދުމުގައި ޒިންމާވާ ކަށީގެ ސެލްތައް(bones cells) ގޮތުގައި ބެލެވޭ ކަށި އުފައްދާ ސެލް(osteoblasts) ތަކަށް ކިޔަނީ "އޮސްޓީއަބްލަސްޓް" އެވެ. ކަށި އުފައްދާ ސެލް ތައް އަދި މަޑުކަށި އުފައްދާ ސެލް(chondrocytes) ތައް "ކޮންޑްރަސައިޓް" އުފެދިގެން އަންނަނީ ފައިބަރަސް ޓިޝޫ ސެލް ތަކުންނެވެ. ބޭނުންޖެހިއްޖެ ހިނދެއްގައި ކަށި ހަލާކުކޮށްލާ ސެލް(osteoclast) ތަކެއް ހުރެއެވެ. މިފަދަ ސެލްތަކަށް ކިޔަނީ "އޮސްޓީއަކްލަސްޓް" އެވެ. ކަށީގެ މަސައްކަތް ރަގަޅަށް ފުރިހަމަށް ހިންގުމަށްޓަކައި، ކަށި އުފައްދާ ސެލްތަކާ، ކަށި ހަލާކުކޮށްލާ ސެލްތައް ހަމަހަމަ މިނެއްގައި ހިފެހެއްޓިފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ކަށި އުފައްދާ ސެލްތައް (osteoblasts): ކަށި އުފައްދާ ސެލް ތަކުން ކަށީގައި ހިމެނޭ މުހިއްމު މާއްދާތައް ދޫކުރެއެވެ. ކަށި އުފައްދާ ސެލްތައް އާންމު ގޮތެއްގައި ހުންނަނީ ކަށީގެ ބޭރުގައިވާ ފަށަލަ، ރަގަޅަށް އުފެދި ފުރިހަމަ ނުވާ ކަށިތަކުގައި ކަށި އުފެދެމުން އަންނަ މަރުކަޒު ތައް، ދިގު ކަށިތަކުގައި ކަށީގެ މައިގަނޑާ ކޮޅު ވަކިކުރާ ހިސާބުގައި ހުންނަ "އެޕިފީސިއަލް ކާޓިލޭޖް"(epiphyseal cartilage) ހިމެނޭ ސަރަހައްދު، އަދި ބިދި، ރެނދުއަޅާފައިވާ ތަން ފަދަ ހިސާބު ތަކުގައެވެ.

ކަށީގެ ސެލްތައް (osteocytes): ކަށި އުފެދި ވަކި ހިސާބަކަށް ދިއުމުން އަލަށް އުފެދުނު ކަށީގެ ތެރޭގައި ކަށި އުފައްދާ ސެލްތައް ހަރުލާފައި ހުރެއެވެ. އަދި މިސެލްތަކުން އިތުރަށް ކަށްޓެއް ނުއުފައްދާނެ އެވެ، މިފަދަ ސެލްތަކަށް ކިޔަނީ "އޮސްޓީއަސައިޓް" އެވެ. މިއީ ކަށީގެ މަސައްކަތް ހިންގާ ބަލަހައްޓާ، ކާންދީ ހަދާ، ހެދިބޮޑުވެފައިވާ ކަށީގެ ސެލްތަކެވެ.

ކަށި ހަލާކުކޮށްލާ ސެލްތައް (osteoclasts): ބޭނުންޖެހިއްޖެ ހިނދެއްގައި ކަށި ހަލާކުކޮށްލާ ސެލްތަކަށް ކިޔަނީ "އޮސްޓީއަކްލަސްޓް" އެވެ. މިވައްތަރުގެ ސެލްތައް މައިގަނޑު ގޮތެއްގައި ހުންނަނީ ކަށީގެ ބޭރުގައިވާ ފަށަލަ އިގެ ދަށުގައި، ކަށީގެ މެދުބައިގެ ވަށައިގެންވާ ހިސާބު ތަކުގައެވެ. މިސެލް ތަކުގެ މައިގަނޑު ބޭނުމަކީ ކަށީގެ ބައްޓަން އެއްގޮތެއްގައި ހިފަހައްޓައިދިނުމަށް އެހީތެރި ވެދިނުމެވެ.

ކަށީގެ ވައްތަރުތައް
އިންސާނާގެ ހަށިގަނޑުގައިވާ ކަށިތައް ވަނީ ތަފާތު ވައްތަރުތަކަށް (ހުންނަގޮތަށް ބަލައިގެން) ބަހާލެވިފަ އެވެ. އެގޮތުން ހިމެނޭ ވައްތަރުތަކަކީ:-

(ހ) – ދިގުކަށި ތައް (long bones): ދިގުކަށިތަކަކީ ފެންނަ ފެނުމަށް ދިގުކޮށް، އޭގައި މައިގަނޑަކާ(diaphysis) ދެކޮޅު(epiphysis) ހުންނަ ކަށިތަކެވެ. އާންމު ގޮތެއްގައި މިފަދަ ދިގު ކަށިތައް ހަށިގަނޑުގައި ހުންނަނީ އަތާ، ފައި ގައެވެ. މިސާލަކަށް ފައިގެ މާކަޅުވާ ކަށިގަނޑު، ކަށިމަތީގެ ކަށިގަނޑު އަދި ކުޑަކަޅުވާ ކަށިގަނޑު، އަތުގެ މުލައްދަނޑި ކަށިގަނޑު، އަތްދަނޑި ކަށިގަނޑު، އުޅަބޮށި ކަށިގަނޑު، ފަދަ ކަށިތަކަކީ ދިގުކަށިތަކުގެ ތެރޭގައި ގުނާލެވޭނެ ކަށިތަކެވެ. އާންމު ގޮތެއްގައި ކަށީގެ މަދު މިފަދަ ދިގުކަށިތަކުގެ ތެރޭގައި ހުންނަކަން ފާހަގަކޮށްލެވެއެވެ. ދިގު ކަށިތަކަކީ ދިގަށް ހުރި ނަމަވެސް މުޅިން ސީދާކޮށް ހުންނަ ކަށިތަކެކޭ ނުބުނެވޭނެ އެވެ. އަދި މިއީ ނިސްބަތުން ވަރުގަދަ ކަށިތަކެކެވެ.

(ށ) – ކުރު ކަށިތައް (short bones): މިފަދަ ކަށިތައް އެކި ގޮތްގޮތަށް ހުރެދާނެ އެވެ. ދިގުކައްޓާ ޚިލާފަށް އޭގައި މައިގަނޑެއް ދެކޮޅެއް ވަކިން ފާހަކަ ކުރެވޭކަން ނުހުންނާނެ އެވެ. މިސާލަކަށް އަތުކުރީގައި ހުންނަ ކަށިކޮޅުތަކަކީ ކުރު ކަށިކޮޅު ތަކެކެވެ. ފައިތިލައިގެ ހުންނަ ބައެއް ކަށިކޮޅު ތަކަކީ ވެސް މިފަދަ ކުރުކަށިކޮޅު ތަކެކެވެ.

(ނ) – ވަކި އިންތިޒާމެއްނެތި ހުންނަ ކަށިތައް (irregular bones): މިސާލަކަށް މައިބަދައިގެ ކަށިތަކާ، ބޮލުގެ ނާށިގަނޑުގައި ހުންނަ ބައެއް ކަށިތަކަކީ މިފަދަ ގޮތަކަށް ވަކި އިންތިޒާމެއްނެތި، ވަކި ބައްޓަމަކަށް ނުވާގޮތަށް ހުންނަ ކަށިތަކެކެވެ.

(ރ) – ފަތި ކަށި ތައް (flat bones): ފަތި ކަށިތަކަކީ ފެންނަ ފެނުމަށް ފަތިކޮށް ހުންނަ ކަށިތަކެކެވެ. މިސާލަކަށް ތިނަ ކަށިގަނޑު، އަދި ބޮލުގެ ނާށިގަނޑު ގައި ހިމެނޭ ގިނަ ކަށިތަކަކީ ފެންނަ ފެނުމަށް ފަތިކޮށް ހުންނަ ކަށިތަކެކެވެ. ބުރަކަށީގައިވާ ބޮބިފަޅި ކަށިގަނޑަކީ ވެސް މިފަދަ ފަތި ކަށިގަނޑެކެވެ. ހަށިގަނޑުގައިވާ ފަތިކޮށް ހުންނަ ކަށިތަކުގެ މައިގަނޑު ބޭނުމަކީ ވަކި ހިސާބަކަށް ޚާއްޞަ ރައްކާތެރިކަމެއް ފޯރުކޮށްދިނުން (މިސާލަކަށް ބޮލުގެ ނާށިގަނޑުން ސިކުނޑިއަށް ރައްކާތެރިކަން ހޯދައިދިނުން)، ނުވަތަ ތަފާތު ގިނަ މަސްކޮޅު ތައް ތަތްވެ ހަރުލުމަށްޓަކައި ފުޅާ ސަތަހައެއް ފޯރުކޮށްދިނުމެވެ.

(ބ) – ސެސަމޮއިޑް ކަށިކޮޅު ތައް (sesamoid bones): ސެސަމޮއިޑް ކަށިކޮޅު ތަކަކީ ޓެންޑަން އެއްގެ ތެރޭގައި ހިފެހެއްޓިފައި ހުންނަ ކަށިކޮޅު ތަކެކެވެ. މިސާލަކަށް ކަކޫ މަތީގައި އޮންނަ ފިޔަން ކަށިގަނޑަ ކީ ސެސަމޮއިޑް ކަށިކޮޅެކެވެ.


No comments:

Post a Comment