Monday, July 22, 2013

ބައިލް ޕިގްމެންޓް

ބައިލް ޕިގްމެންޓް
ބައިލް ޕިގްމެންޓް(Bile pigment) ތަކަކީ ހިމަގްލޯބިން(Haemglobin) މެޓަބޮލިޒަމްގެ އެންމެ ފަހު މަރުޙަލާގައި އުފެދޭ އުފެދުންތަކެކެވެ. ލޭގެ ތެރޭގައި ގިނަދުވަސްވެފައިވާ ލޭގެ ރަތް ސެލްތައް ފަޅައިގެން ދިއުމުން އެއިން ބޭރުވާ ހިމަގްލޯބިން ރެޓިކިޔުލޯއިންޑޯތީލިއަލް ސެލް ތަކުން(މެކްރަފޭޖް) ދިރުވާލައެވެ. މެކްރަފޭޖްގެ ތެރޭގައި ހިމަގްލޯބިން ހީމް(Haem) އަދި ގްލޯބިން(Globin) އަށް ބައިވެގެން ދެއެވެ. އެއަށްފަހު ހީމް ގައި ހިމެނޭ ދަގަނޑުގެ ބައި ވަކިކޮށް މޭގަނޑު، އަދި ކަށީގެ މަދު ގެ ތެރޭގައި ރައްކާކުރެއެވެ. ދަގަނޑު ފިޔަވައި، ހީމް ގައި ދެންހިމެނޭ ބައި ބިލިވާޑިން(Biliverdin) ކިޔާ ފެހި ޕިގްމެންޓް އަކަށް ބަދަލުވެއެވެ.


ދެން ބިލިވާޑިން ބަދަލުވަނީ ބިލިރޫބިން(Bilirubin) ކިޔާ ރީނދޫ ޕިގްމެންޓް އަކަށެވެ. ބިލިރޫބިން ލޭގެ ތެރެއަށް ގޮސް އަލްބިޔޫމިން އާއި އެކުވެ، ހީމަބިލިރޫބިން(Haemabilirubin) އުފެދެއެވެ. ލޭގައި ހިމެނޭ މައި ބިލިރޫބިން އަކީ މިއީއެވެ. މިވައްތަރުގެ ބިލިރޫބިން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުން ފުރާނައެއް ނުދެއެވެ. އެހެންކަމުން މިވައްތަރުގެ ބިލިރޫބިން ކުޑަކަމުދާ ތަކެތީގެ ތެރޭގައެއް ނުހުންނާނެއެވެ.

މޭގަނޑުގެ ތެރޭގައި ހީމަބިލިރޫބިން އިން އަލްބިޔޫމިން ވަކިކޮށް، ބިލިރޫބިން އެހެން މާއްދާތަކަކާއި އެކުވެއެވެ. މިގޮތުން ބިލިރޫބިން ގެ 80 އިންސައްތަ އެކުވަނީ ގުލޫކިޔުރޮނިކް އެސިޑް(Glucuronic acid) އާއެެވެ. 10 އިންސައްތަ ސަލްފޭޓް އާއި އެކުވާއިރު ބާކީ އިންނަ 10 އިންސައްތަ އެކުވަނީ އެހެނިހެން މާއްދާތަކާއެވެ. އަދި މިގޮތަށް ބިލިރޫބިން މިބުނި މާއްދާތަކާ އެކުވެގެން އުފެދެނީ ކޮލެބިލިރޫބިން(Cholebilirubin) އެވެ. އަދި މިވައްތަރުގެ ބިލިރޫބިން ބައިލް ކެނަލިކިޔުލައި ތަކަށް ގޮސް ބައިލްގެ ތެރޭގައި ހިމެނިގެން ހިމަ ގޮހޮރަށް ވާޞިލް ވެއެވެ. ބައިލްއަށް އޭގެ އެކުލެވޭ ރީނދޫ ކަން ގެނެސްދެނީ މިވައްތަރުގެ ބިލިރޫބިން ގެ ސަބަބުންނެވެ. ނަމަވެސް ކޮލެބިލިރޫބިން ގެ ކުޑަ މިންވަރެއް ލޭގެ ތެރެއަށް ގޮސް، ކުޑަކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ.

ބޮޑު ގޮހޮރުގެ ތެރޭގައި ކޮލެބިލިރޫބިން ގެ މިންވަރެއް ބެކްޓީރިޔާގެ ސަބަބުން ޔޫރޯބިލިނަޖަން(Urobilinogen) ކިޔާ ކުލައެއް ނުހުންނަ މާއްދާއަކަށް ބަދަލުވެއެވެ. ޔޫރޯބިލިނަޖަންގެ ބޮޑުބައި ބޮޑު ކަމުދާ ތަކެއްޗާއެކު ސްޓާކޯބިލިނަޖަން(Stercobilinogen) ގެ ގޮތުގައި ބޭރުވެގެން ދެއެވެ. ސްޓާކޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ސްޓާކޯބިލިން(Stercobilin) އަށް ބަދަލުވެއެވެ. ބޮޑުކަމުދާ ތަކެތި ބޭރުވެ ގިނައިރުވުމުން އޭގައި ޖެހޭ މުށި ކުލައިގެ އަސްލަކީ ސްޓާކޯބިލިން އެވެ. ޔޫރޯބިލިނަޖަން 5 އިންސައްތަ ލޭގެ ތެރެއަށް ގޮސް ގުރުދާއަށް ވާޞިލްވެ، ކުޑަކަމުދާ ތަކެތިއާއެކު ބޭރުވެގެން ދެއެވެ. ޔޫރޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ޔޫރޯބިލިން(Urobilin) އަށް ބަދަލުވެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.


No comments:

Post a Comment