Monday, July 22, 2013

ބައިލް

ބައިލް
ބައިލް(Bile) އަކީ މޭގައި ނުވަތަ މޭގަނޑުގައި ހުންނަ ހެޕަޓަސައިޓް ތަކުން އުފައްދައި ބޭރުކުރާ އަލްކަލައިން ތަބީޢަތް އެކުލެވޭ ފެހި ނުވަތަ ރީނދޫ ނުވަތަ ރަން ރީނދޫ ކުލައިގައި ހުންނަ ހިތި ދިޔައެކެވެ. އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި، ދޭތެރޭގައި ބައިލް ހުންނަނީ ފިތުގައި ރައްކާކޮށް ގުދަން ކުރެވިފައެވެ. ކާވަގުތުގައި ނުވަތަ ކެއުމުން ބައިލް ހިމަގޮހޮރުގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ބިލިއަރީ ނިޒާމްގެ ތެރެއިން ވާޞިލްވެއެވެ. އެއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަށްޓަކައެވެ.


ބައިލް އުފެއްދުން
ބައިލް އުފައްދަނީ މޭގައި ހުންނަ ހެޕަޓަސައިޓް(Hepatocyte) ތަކުންނެވެ. އެއަށްފަހު ބިލިއަރީ ނިޒާމް ގެ އެހީގައި ބައިލް ހިމަ ގޮހޮރު ގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ވާޞިލް ވެއެވެ. މިމަސައްކަތުގެ ތެރޭގައި ހެޕަޓަސައިޓްގެ ފާރުގައި ހުންނަ އެޕިތީލީއަމް ސެލް ތަކުން ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ފެން ދިޔައެއް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. އަދި މިދިޔަ ބައިލްގެ ތެރެއަށް ގިރުމުން ބައިލްގެ އަލްކަލައިން ހުރި މިންވަރު މަތިވެގެން ދެއެވެ.

އެއަށްފަހު ދެން ބައިލް ވާޞިލްވަނީ ކޮމަން ހެޕަޓިކް ޑަކްޓް(Common Hepatic duct)  ގެ ތެރެއަށެވެ. ކޮމަން ހެޕަޓިކް ޑަކްޓް، ފިތުން  އައިސްފައިވާ ސިސްޓިކް ޑަކްޓް(Cystic duct)  އާއި ގުޅުމުން ކޮމަން ބައިލް ޑަކްޓް (Common bile duct)އުފެދެއެވެ. އަދި ކޮމަން ބައިލް ޑަކްޓް އާއި، ޕެންކްރިއެޓިކް ޑަކްޓް(Pancreatic duct) އާއި ގުޅޭ ތަނުގައި އެމްޕިޔުލާ އޮފް ވަޓަރ(Ampulla of vater) އުފެދެއެވެ. މިތަން ހުޅުވިފައި އިންނަނީ ހިމަ ގޮހޮރުގެ ފުރަތަމަބައި ގެ ޕެޕިލާ އަށެވެ. މިހުޅުވުން ކޮންޓްރޯލް ކުރަނީ ސްފިންކްޓަރ އޮފް އޯޑި(Sphincter of Odi) އެވެ. އެހެންކަމުން ބައިލް  ހިމަ ގޮހޮރު ގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ވާޞިލްވަނީ މިބުނި އުޞޫލުން، އެޑަކްޓްތައް ހުރަސްކޮށެވެ.

ބައިލް ހިމަ ގޮހޮރުގެ ފުރަތަމަ ބައި  (Duodenum) ގެ ތެރެއަށް ވަނުމުގެ ކުރިން އެތަނުގައިވާ ސްފިންކްޓަރ އޮފް އޯޑި ބަންދުވެފައި އިންނަމަ ހިމަ ގޮހޮރުގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ބައިލް ވަނުމުގެ ބަދަލުގައި އަނބުރާ ފިތުގެ ތެރެއަށް ބައިލް ދެއެވެ. އަދި ފިތުގެ ތެރޭގައި ބައިލް ރައްކާކޮށް ގުދަންކުރެވިފައި ވެއެވެ. އަދި އެތަނުގައި ބައިލް ކޮންސެންޓްރޭޓް ވެސް ވެއެވެ. 

ކައިމް(Chyme) ގެ ގޮތުގައި ކާނާ މައިދާ އިން ހިމަ ގޮހޮރުގެ ފުރަތަމަ ބަޔަށް(Duodenum) ފޮނުވާލުމުން ފިތުގެ ތެރޭގައި ރައްކާކޮށްފައި ހުންނަ ބައިލް ވެސް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ ތެރެއަށް ފޮނުވާލައެވެ. އެއީ ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ(Duodenum) ތެރޭގައި ހިނގާ ހަޖަމުކުރުމުގެ މަސައްކަތުގައި އެހީތެރިވެ، ބައިވެރިވުމަށްޓަކައެވެ.

އިންސާނާގެ މޭގައި ނުވަތަ މޭގަނޑުގައި ދުވާލަކު 1200-600 މިލިލީޓަރާއި ދެމެދުގެ މިންވަރަކަށް ބައިލް އުފައްދައެވެ. ބައިލް އުފައްދާ ގިނަ މަދުމިން ބަރޯސާވެފައި އޮންނަނީ އެމީހެއްގެ ހަށިގަނޑުގެ ސައިޒްގެ މައްޗަށެވެ. ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ.

ބައިލް ދައުރުވުމަށް ބާރުފޯރުވާ ކަންތައްތައް
·         މޭގަނޑު ތެރޭގައި ލޭދައުރުވުން : މޭގަނޑުގެ ލޭދައުރުވުން އިތުރުވާ ވަރަކަށް ބައިލް އުފައްދައި ދޫކުރުން އިތުރުވެގެން ދާނެއެވެ. އެކަމަކު މިއިތުރުވުން ހުންނަނީ ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ.
·         ވޭގަސް ނާރު ހީވާގިކުރުން : ވޭގަސް ނާރު ހީވާގި ކުރުމުން ބައިލް އުފައްދައި ދޫކުރުން އިތުރުކުރުވައެވެ. މިކަން ކުރިމަތިވަނީ ވޭގަސް ނާރު ހީވާގިކުރުމުން އެސީޓައިލްކޯލީން މިނިވަންވެގެންދާތީ އެވެ. މިބުނިގޮތަށް ދިމާވަނީ ދެކަމެއްގެ ސަބަބުންނެވެ.
o       ފުރަތަމަ ކަމަކީ އެސީޓައިލްކޯލީން އިން ވިޓަމިން ޑީ އުފައްދާތީ އެވެ. ވިޓަމިން ޑީ އަކީ މޭގަނޑުގެ ގެ ލޭދައުރުވުން އިތުރުކުރާ މާއްދާއެކެވެ.
o       ދެވަނަ ކަމަކީ ވޭގަސް ނާރު އަކީ ފިތް ހުސްކުރުމުގައި (ފިތުގައި ހުރިތަކެތި) ހިއްސާވާ ނާރަކަށްވުމެވެ.
·         ބައިލް ސޯލްޓް : ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ.
·         ހޯރމޯންތައް : ސިކްރީޓީން ބިލިއަރީ ޑަކްޓްތަކުގެ ސެލްތަކުން ފެން އަދި ބައިކާބޮނޭޓް ބޭރުކުރުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން ބައިލް އުފައްދައި ބޭރުކުރުން އިތުރުވެގެން ދެއެވެ.
·         ފިތުގައި ހުރި ތަކެތި ހުސްކުރުން : ފިތުގައި ހުރި ތަކެތި ހިމަ ގޮހޮރުގެ ފުރަތަމަ ބައި ގެ ތެރެއަށް ފޮނުވައި ހުސްކޮށްލުމަކީ ބައިލް އުފައްދައި ދޫކުރުން އިތުރުވެގެންދާ ކަމެކެވެ. މިކަން ކޮންޓްރޯލް ކުރަނީ ތަފާތު ނާރު ތަކާއި، ހޯރމޯންތަކުގެ އެހީގައެވެ.

ބައިލްގެ ވަޒީފާ
·         ބައިލް ގައި ހިމެނޭ އަލްކަލައިން ބައި ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ހިމެނޭ ހައިޑްރޯކްލޮރައިޑް  ނިއުޓްރަލައިޒް ކުރުމުގައި ބައިވެރިވެއެވެ. ހައިޑްރޯކްލޮރައިޑް ނިއުޓްރަލައިޒް ކުރުމުގައި ހިމަ ގޮހޮރުން އުފައްދާ ދިޔަ ނުވަތަ ޖޫސް އަދި ޗިސްމޭ އިން އުފައްދާ ދިޔަ ނުވަތަ ޖޫސް ވެސް ބައިލް އާއެކު ބައިވެރިވެއެވެ.
·         ހުދު ބައިލް ލުބްރިކެންޓް އެއްގެ ގޮތުގައި އަދި ހިމަ ގޮހޮރުގެ ތެރޭގައި ބަފަރ އެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވެއެވެ.
·         ބައިލް އަކީ އަންނަނިވި މާއްދާތަކަށް ބޭރުކޮށްދޭ މަގެކެވެ. 
o       ބައިލް ޕިގްމެންޓް
o       އަލްކަލައިން ފޮސްފަޓޭސް
o       ތަފާތު ވިހަތަކާއި ބެކްޓީރިޔާ ތައް
o       ކޮލެސްޓިރޯލް އަދި ލެސިތިން

ބައިލް އެކުލިވެގެންވާ ބައިތައް
·         ކޮލެސްޓްރޯލް
·         ލެސިތިން: މިއީ ފޮސްފަލިޕިޑް އެކެވެ.
·         ބައިލް ޕިގްމެންޓް ތައް
·         ބައިލް ސޯލްޓް ތައް
·         ބައިކާބޮނޭޓް

ބައިލްގެ ތަބީޢަތަކީ އަލްކަލައިން އެވެ. ބައިލްގެ ޕީއެޗް ހުންނަނީ 8.6-7.8 އާއި ދެމެދުގައެވެ. ބައިލްގެ 97 އިންސައްތަ އަކީ ފެނެވެ. ބައިލްގައި ހިމެނޭ އޯގެނިކް މާއްދާތަކުގެ ތެރޭގައި ބައިލް ސޯލްޓް، ބައިލް ޕިގްމެންޓް، ކޮލެސްޓިރޯލް، ފެޓީ އެސިޑް، ލެސިތިން، އަދި ފެޓް ހިމެނެއެވެ. މީގެ އިތުރުން އަލްކަލައިން ފޮސްފަޓޭސް ވެސް ހުރެއެވެ. މީގެ އިތުރުން ތަފާތު މަޢުދަންތައް ވެސް ހުރެއެވެ. އޭގެތެރޭގައި ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ކްލޮރައިޑް، އަދި ބައިކާބޮނޭޓް ހިމެނެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.


No comments:

Post a Comment