Monday, July 22, 2013

ލިމްފް ގޮށް


ލިމްފް ގޮށް ތައް
ލިމްފް ގޮށް(lymph node) ތަކަކީ ހަށިގަނޑުގެ އެކި ހިސާބުގައިވާ ލިމްފް ހޮޅި ތަކުގެ ވަށައިގެން ގުރޫޕު ގުރޫޕަށް އެތުރިފައި ހުންނަ ގޮށް ތަކެކެވެ. ލިމްފް ގޮށްތައް ހުންނަނީ ކުކުޅުބިސް ބުރުގެ ނުވަތަ ތޮޅި އޮށެއްގެ ބައްޓަމަށެވެ. ލޭގެ ތެރެއަށް ލިމްފް ވާޞިލްވުމުގެ ކުރިން ގާތްގަނޑަކަށް 10-8 ލިމްފް ގޮށުގެ ތެރެއަށް ވަދެ ނިކުންނާނެ އެވެ. ލިމްފް ގޮށްތަކުގެ ސައިޒު ހުންނަނީ އެކި ވަރަށެވެ. ބައެއް ގޮށްތައް އަފުނޯސް ކަށްޓެއްގެ ބޮލާ އެއްވަރަށް ހުންނައިރު އަނެއްބައިގޮތަށް ބަދަން ފުކެއްގެ މިންވަރަށް ވެސް ހުރެދާނެ އެވެ.


ހަށިގަނޑުގެ އެކި ހިސާބުގައި އެތުރިފައި ހުންނަ ލިމްފް ގޮށްތައް
ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ގުރޫޕު ގުރޫޕަށް ވާގޮތަށް ލިމްފް ގޮށް ތައް އެތުރިފައި ހުރެއެވެ. އެގޮތުން :-
·         ކަރާއި ބޮލުން ލިމްފް ތައް ކަރުގައި ހިމެނޭ ލިމްފް ގޮށް(cervical lymph nodes) ތަކަށް ލިމްފް ގެންގޮސް ދެއެވެ.
·         އަތުގެ ތިރިން ލިމްފް ތައް އުޅަބޮށި ކައިރީގައި ހުންނަ ގޮށްތަކާ، އަދި ކިހިލިފަތް ދޮށުގައި ހުންނަ ލިމްފް ގޮށް(axillary lymph nodes) ތަކަށް ވާޞިލް ވެއެވެ.
·         މޭހިމެނޭ ހިސާބުގެ ގުނަވަންތަކުން ލިމްފް އެހިސާބުގައި ހިމެނޭ ލިމްފް ގޮށް ތަކަށް ގެންގޮސް ދެއެވެ. އުރަމަތިން ލިމްފް ގިނަ ފަހަރު ދަނީ ކިހިލިފަތް ދޮށުގައި ހުންނަ ލިމްފް ގޮށް ތަކަށެވެ.
·         ބަނޑާ ޅިނދު ހިމެނޭ ހިސާބުން ލިމްފް ތައް ސިސްޓާރނަ ކައިލި އަށް ދިއުމުގެ ކުރިން ތަފާތު ލިމްފް ގޮށްތަކުގެ ތެރެއިން ދައުރު ކުރެއެވެ.
·         ފައިގެ ތިރިން ލިމްފް ތައް ދޯނގި ދަށުގައި ހުންނަ ލިމްފް ގޮށް ތަކާ، އަދި އުކުޅުވަޅުގައި ހުންނަ ލިމްފް ގޮށް(inguinal lymph nodes) ތަކަށް ވާޞިލް ވެއެވެ.

ލިމްފް ގޮށްތަކުގެ މަސައްކަތް

(ހ) – ފުރޭނުމާ ހަލާކުކޮށް ދިރުވާލުން : ލިމްފް ދައުރުވުމުގެ ތެރޭގައި ލިމްފް ގޮށުގެ ތެރެއަށް އައުމުން ފުރާނައި ސާފު ކޮށްލައެވެ. އެގޮތުން ލިމްފް ގެ ތެރޭގައި ހުންނަ ޖަރާސީމު، މަރުވެފައިވާ ސެލްތައް، ކެންސަރު ސެލްތައް، އެހެނިހެން ކުނިބުނިތައް ލިމްފް ގޮށުގެ ތެރޭގައި ހަލާކުކޮށް ދިރުވާލައެވެ. ނުވަތަ ނައްތާލަ އެވެ. ބައެއް މާއްދާތައް ލިމްފް ގޮށުގެ ތެރޭގައި ހަލާކުކޮށް ނެތިކޮށްލަނީ ހަށިދަމަނަ(antibodies) ތަކާ، "މެކްރަފޭޖް"(macrophage) ތަކުގެ އެހީގައެވެ. ނަމަވެސް ހަލާކުކޮށް ނައްތައި ނުލެވޭ ބައެއް މާއްދާ ތައް މެކްރަފޭޖް ތަކުގެ ތެރޭގައި ހުރެދާނެ އެވެ. ލިމްފް ދައުރުވުމުގެ ތެރޭގައި އެއް ލިމްފް ގޮށުގެ ތެރޭގައި ފުރޭނި ސާފުނުކުރެވި ހުންނަ ތަކެތި ޖެހިގެން އިންނަ ލިމްފް ގޮށަށް ލިމްފް ވާޞިލްވުމުން ފުރާނާ ސާފުކޮށްލާނެއެވެ. އެގޮތުން ލިމްފް ދައުރުވަމުން ގޮސް އާޚިރުގައި ލޭގެތެރެއަށް ފޯރުމުގެ ކުރިން އޭގައި ހުރި ކުނިބުނިތަކާ، ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތައް އެއްކޮށް ނައްތާލައި ސާފުކޮށްލާނެ އެވެ. ބައެއް ފަހަރު ލިމްފް ގޮށުގެ ތެރޭގައި ޖަރާސީމުތައް ރަގަޅަށް ނައްތާނުލެވިއްޖެނަމަ ލިމްފްގޮށް ދުޅަވެބޮޑުވާގޮތް(lymphadenitis) ވާނެއެވެ. 

(ށ) – ލޭގެ ހުދެ ސެލްތަކުގެ ތެރޭގައި ހިމެނޭ ލިމްފަސައިޓް ތައް ގިނަކޮށް އިތުރުކުރުން : ލޭގެ ހުދު ސެލް ތަކުގެ ތެރޭގައި ހިމެނޭ "ޓީ ލިމްފަސައިޓް"(T-lymphocyte) އަދި "ބީ ލިމްފަސައިޓް"(B-lymphocyte) ތައް ލިމްފް ގޮށް ތަކުގެ ތެރޭގައި އިތުރުވެ ގިނަވެއެވެ. ބީ ލިމްފަސައިޓް އިން އުފައްދާ ހަށިދަމަނަ ތައް ލިމްފް އަދި ލޭގެ ތެރެއަށް ދަނީ ލިމްފް ގޮށްތަކުގެ ތެރޭގައި ދައުރުވުމަށްފަހު ގައެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :
Ann Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and Illness. Galasgow: CHURCHILL LIVING STONE.

No comments:

Post a Comment