Monday, July 22, 2013

ޓޮންސިލް



ޓޮންސިލް
ޓޮންސިލް(tonsil) އަކީ ކަރުތެރެއިން ދެފަރާތުގައި ހުންނަ ލިމްފޮއިޑް ޓިޝޫތަކެކެވެ. އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.

ޓޮންސިލް ގެ ވަޒީފާ
ޓޮންސިލް އަކީ ލިމްފް ދައުރުވާ ނިޒާމްގެ އެހެން ބައިތަކޭ އެއްގޮތަށް ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވެ، ބައިވެރިވާ ޓިޝޫ އެކެވެ. އެގޮތުން ތަފާތު އިންފެކްޝަން ތަކުން ހަށިގަނޑު ރައްކާތެރި ކޮށްދިނުމުގައި ބައިވެރި ވެއެވެ. ޚާއްޞަކޮށް، އަރުތެރެ، އަދި ނޭވާލާ ނިޒާމްގެ އިންފެކްޝަން ތަކުން ރައްކާކޮށް ހިމާޔަތް ކުރުމުގައި ޓޮންސިލް ބައިވެރިވެއެވެ.
 
ޓޮންސިލްގެ ވައްތަރުތައް

އަރުގެ ޓޮންސިލް : އަރުގެ ޓޮންސިލް(Pharyngeal tonsil) އަކީ ނޭފަތުގެ ފަހަތުން ނޭފަތާގުޅޭ އަރުތެރޭގެ ފުރާޅުގައި އިންނަ ލިމްފޮއިޑް ޓިޝޫ ބޮޑިއެކެވެ. އަރުގެ ޓޮންސިލް އަކީ ވެސް ދިފާޢީ ނިޒާމްގައި ބައިވެރިވާ ޓިޝޫ އެކެވެ. ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ، ވައިރަސް ފަދަ ތަކެތި އަތުލައިގަތުމުގެ އިތުރުން އަރުގެ ޓޮންސިލް އިން ހަށިދަމަނަ ވެސް އުފައްދައެވެ. އަރުގެ ޓޮންސިލް އިންނަނީ ނޭފަތުގެ ފަހަތުން ކަމަށްވާތީ ނޭވަޔާއެކު ހަށިގަނޑަށް ވަންނަ ނުރައްކާތެރި މާއްދާތަކުން އަރުގެ ޓޮންސިލް ހަށިގަނޑު ރައްކާތެރި ކޮށްދެއެވެ. އުމުރުން ދުވަސްވާރަކަށް އަރުގެ ޓޮންސިލް އިން މިމަސައްކަތް ކުރާލެއް މަދުވެއެވެ. ސަބަބަކީ ބާލިޣުވާ ތަނާހެން ކަހަލަ ގޮތަކަށް އާންމު ގޮތެއްގައި އަރުގެ ޓޮންސިލް ހިދޭތީއެވެ. އެހެންކަމުން އަރުގެ ޓޮންސިލް ދުޅަވެ ބޮޑުވުން އުމުރުން ދުވަސްވީ ނުވަތަ ފުރާފުރިހަމަވެފައިވާ މީހުންނަށް ކުރިމައްޗެއް ނުވާނެއެވެ.
އަރުގެ ޓޮންސިލް ދުޅަވެއްޖެނަމަ ޕިންޕިން ބޯޅައެއް ވަރަށް ބޮޑުވެގެންދެއެވެ. އަދި ވައި ދައުރުކުރާމަގު އެއްކޮށް ބެދިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލުމުގައި ހުރަސްތަކާއި ކުރިމަތި ލާންޖެހެއެވެ. އަރުގެ ޓޮންސިލްގެ ބަތާނަ ފަށުގައި ގައި ހުންނަނީ ސޫޑޯސްޓްރެޓިފައިޑް ކޮލަމްނާރ އެޕިތީލިއަމް(pseudostratified columnar epithelium) އެވެ. މީގެ އިތުރުން ޓޮންސިލްގެ އެހެން ވައްތަރުތަކާއި ޚިލާފަށް އަރުގެ ޓޮންސިލް ގައި ކްރިޕްޓް(crypt) އެއް ނުހުންނާނެ އެވެ.
 ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.

ތަލީގެ ޓޮންސިލް : ތަލީގެ ޓޮންސިލް(palatine tonsil) އަކީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އެވެ.އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ ތަލީގެ ޓޮންސިލް އަށް ނިސްބަތްކޮށެވެ. އަނގައިގެ ފަހަތުން ދެފަރާތުގައި (ދެއަރިމަތީގައި) ވެސް ތަލީގެ ޓޮންސިލް ހުންނާނެއެވެ. ތަލީގެ ޓޮންސިލް އެންމެ ބޮޑުވަނީ ބާލިޣުވާ އުމުރަށް އެޅުމުންނެވެ. އެއަށްފަހު މަޑުމަޑުން ޓޮންސިލް ހިދެން ފަށައެވެ. ޓޮންސިލް ދުޅަވެ، އުދަގޫތަކާއި ކުރިމަތިވުން ތަކުރާރުވާނަމަ ޓޮންސިލް އޮޕަރޭޝަން ކޮށްގެން ނެގުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.
ތަލީގެ ޓޮންސިލް ގައި ހިމެނޭ ބީ ސެލް ތަކުން ތަފާތު ވައްތަރުގެ އިމިއުނޯގްލޯބިއުލިން(immunoglobulins) ތައް އުފައްދައެވެ. އަދި ތަފާތު ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރާނޭ ހަށިދަމަނަ ތައް ވެސް އުފައްދައެވެ. މީގެ އިތުރުން ސައިޓަކީން ގެ މަސައްކަތް ޓޮންސިލް އިން ފުރިހަމަކުރާކަމަށް މިހާރުވަނީ ހޯދިފައެވެ. ސައިޓަކީން އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތުގައި ބައިވެރިވާ ގްލައިކަޕްރޮޓީން އެކެވެ.
ތަލީގެ ޓޮންސިލް ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައި ކަމަށްވުމުން، މިތަނަކީ ނޭވާލާ ނިޒާމް އަދި ހަޖަމުކުރާ ނިޒާމްގެ ފެށޭ ހިސާބަށް ވުމުން، ތަފާތު ވައްތަރުގެ ޖަރާސީމްތައް މިބުނި ދެނިޒާމަށް ދިއުމަށް ތަލީގެ ޓޮންސިލްގެ ސަބަބުން ހުރަސް އަޅައެވެ. އަދި މިއީ އަނގަޔާ ގުޅޭ އަރުތެރޭގައި އިންނަ ދިފާޢުކުރުމުގެ ބާރު އެންމެ ގަދަ އެއް ޓިޝޫ އެވެ.
ތަލީގެ ޓޮންސިލް ގައި ގިނައަދަދަކަށް ކްރިޕްޓް ހުރެއެވެ. އަދި މިޓޮންސިލްގެ އެޕިތީލިއަމް ގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(Non-keratinized Stratified squamous epithelium) އެވެ. ތަލީގެ ޓޮންސިލް ގައި 30-10 އާއި ދެމެދުގެ އަދަދަކަށް ކްރިޕްޓް ހުރެއެވެ. މެކްރަފޭޖް ތަކާއި ލޭގެ ހުދު ސެލްތައް މިކްރިޕްޓް ތަކުގައި ހުރެއެވެ.

ދުލުގެ ޓޮންސިލް : ދުލުގެ ޓޮންސިލް (Lingual tonsil)އަކީ ދުލުގެ ފަހަތުބައިން މަތީގައި ވަށްކޮށް އެތުރިފައި ހުންނަ ލިމްފެޓިކް ޓިޝޫ ބޮޑިއެކެވެ.އެހެންކަމުން ދުލުގެ ޓޮންސިލް ހުންނާނީ ދުލުގެ ފެށޭތަނުން ނުވަތަ ދުލުގެ ފަހަތުބައިގައެވެ. ދުލުގެ ޓޮންސިލް ހުންނަނީ ދުލުގެ އަނގަ ތެރޭގައިވާ ބައި އާއި، ދުލުގެ އަރުތެރޭގައިވާ ބައި ވަކިކޮށްދޭ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑިކޮޅު(sulcus terminalis) ގެ ފަހަތުންނެވެ. ދުލުގެ ޓޮންސިލް ގައި ވެސް ކްރިޕްޓް ހުރެއެވެ.  މި ޓޮންސިލްގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(Non-keratinized Stratified squamous epithelium) އެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

No comments:

Post a Comment