Thursday, October 6, 2016

ކަރައިވަރު

ކަރައިވަރު
ކަރައިވަރު(electrolytes) އަކީ ހަށިގަނޑުގެ އެތެރޭގައި ދައުރުވާ ކަރަންޓްގެ އޮއިވަރު އެވެ. މިއޮއިވަރުގައި ވަނީ ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އެވެ. ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އަކީ ކަރަންޓް ދަތުރުކުރާ 3 މާއްދާ އެވެ. އެހެން ގޮތަކަށް ބުނާނަމަ ކަރައިވަރަކީ ލެޔާއި، ހަށިގަނޑުގެ އެހެން ދިޔަވަރުތަކުގެ ތެރޭގައި ކަރަންޓް ދަތުރުކުރުވާ މައުދަންތަކެކެވެ.

ކަރައިވަރު އުފެދެނީ ހަށިގަނޑުގައި ހުންނަ ޕޮޓޭސިއަމް އާއި ސޯޑިއަމް، ދިރު(cell) ތަކުގެ ތުނާލި(membrane)ން ނުވަތަ ބޭރުދުލިފަށުގެ ތެރެއިން ދެކޮޅަށް ފޭދެން ފެށުމުންނެވެ. ޕޮޓޭސިއަމް އާއި ސޯޑިއަމް ފެނަށް ގިރުމާއެކު، މިދެވައްތަރުގެ މޮލާރި(molecule) އިން ކެރެވި (ion) އެއް ދޫވެ(ބޭރުވެ) ޕޮޒިޓިވް ޗާރޖް ވެދެއެވެ. މީގެ އިތުރަށް ކްލޮރައިޑް ގިރުމާއިއެކު، އޭގެ މޮލާރި އާއި ކެރެވި އެއް ގުޅި ނެގެޓިވް ޗާރޖް ވެދެއެވެ. ޕޮޒިޓިވް ޗާރޖްވެފައިވާ ކެރެވި އަބަދުވެސް ދަތުރުކުރާނީ ނެގެޓިވް  ޗާރޖްވެފައިވާ ކެރެވި އާއި އެކުގައެވެ. އެހެންކަމުން މިމާއްދާތައް ވަނީ ލާމެހިފައެވެ.

ހަށިގަނޑުގެ އެތަންމިތާގައިވާ ދިޔަތަކުގައި ކަރައިވަރު ހިމެނެއެވެ. އޭގެތެރޭގައި ލޭ، ލިމްފް ގޮށް ތަކުގައިވާ ލޮނދިތަކުގަޔާއި، ދިރުތަކުގެ އެތެރޭގައި ދިޔަތައް(intracellular fluid)، އަދި ދިރުތަކުގެ ބޭރުގައިވާ ދިޔަ(extracellular fluid) ތައް ހިމެނެއެވެ. އަދި މިތަންތާގެ ތެތްކަމުގެ މިންވަރު ހިފަހައްޓައިދެނީ ވެސް ކަރައިވަރު އެވެ.

ކަރަވައިވަރު ގައި ހިމެނޭ މުހިއްމު މާއްދާ ތަކަކީ:-
·         ސޯޑިއަމް
·         ޕޮޓޭސިއަމް
·         ކްލޮރައިޑް
·         ކެލްސިއަމް
·         މެގްނީޒިއަމް
·         ބައިކާބޮނޭޓް
·         ފޮސްފަރަސް

ކަރައިވަރުން ކޮށްދޭ މަސައްކަތްތައް
ކަރައިވަރު އަކީ ހަށިގަނޑުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭ އެއްޗެކެވެ.
·         ހަށިގަނޑުގެ ތެރޭގައި އުފެދޭ ފެނާއި، އެތެރެވާ ފެން ރަމަތަކޮށް ކޮންޓްރޯލްކުރުން
·         ގައިގެ މަސްފަށަލަތަކަށް ބޭނުންވާ ހިނދު ކުރުގަޅުވައިދިނުން
·         ހިތުގެ މަސްފަށަލަ ތަކަށް ފެންފޯރުވައިދީ، ހަށިގަނޑު ހަމައަކަށް އަޅުވާލުން
·         ހަށިގަނޑުގެ އެތަން މިތަނަށް އައިސް ގޮސްވާ ސިގުނަލް ދަތުރުކުރާ މަގު ގުޅުވައިދިނުން
·         ނާރުތަކާއި، މަސްތަކުގެ މަސައްކަތްތައް ތަންޒީމުކުރުމުގައި އެހީތެރިވެދިނުން
·         ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފެހެއްޓުމުގައި އެހީތެރިވެދިނުން
·         ހަލާކުވާ ސެލޯށިތައް އާކުރުމުގައި ބައިވެރިވުން
·         ނާރު ތަކުގެ ދިރުތަކުގެ ތެރެއަށް ސޯޑިއަމް ވަނުމާއި، ޕޮޓޭސިއަމް ނިކުތުމުގައި ކަރަންޓް ކޮޅެއް އުފެދި، ނާރު ދިރުތަކުން މިކަރަންޓް ކޮޅު ދަތުރުކުރެއެވެ. މެސެޖްތައް ކޮޅުކޮޅަށް ދަތުރުކުރަނީ މިކަރަންޓްކޮޅާއެކު ނާރު ދިރުތަކުގެ ތެރެއިންނެވެ.
·         ސޯޑިއަމް ބޭނުންވަނީ ހަށިގަނޑުގައި ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ.
·         ޕޮޓޭސިއަމް ބޭނުންވަނީ ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ.
·         ކްލޮރިން އަކީ ވެސް ކަރައިވަރު ގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ. ކްލޮރައިޑް ހައިޑްރިޖަން އާއި އެކުވުމުން ހައިޑްރޯކްލޮރިކް އެސިޑް އުފެދެއެވެ. ބަނޑުގައި އުފެދޭ ގޭހަކީ މިއީ އެވެ.
·         ޕްރޮޓީން، ބައިކާބޮނޭޓް، ފޮސްފޭޓް، ކްލޮރައިޑް، ކެލްސިއަމް، އަދި މެގްނީޒިއަމް ފަދަ މާއްދާ ތަކާއި، އެކުވެގެން ހަށިގަނޑުގައިވާ އެސިޑް އާއި އަލްކަލައި ހަމަހަމަކުރުމުގައި  ސޯޑިއަމް މުހިއްމު ރޯލެއް އަދާކުރެއެވެ.

އިންސާނާގެ ހަށިގަނޑުގައިވާ މަސްތަކާއި، ނާރު ތަކަކީ އޭގައި ކަރަންޓް ދައުރުވާ ޓިޝޫ ތަކެކެވެ. ނާރުތަކާއި، މަސްތަކުގެ މަސައްކަތްތައް ފެށިގެންދަނީ ނާރު ސެލްތަކާއި، މަސްތަކުގެ ސެލްތަކުގެ އެތެރެއާއި، ބޭރުގައިވާ ދިޔަވަރު ތަކުގެ ދެމެދުގައި، ނޫނީ ސެލްތަކުގެ ދެމެދުގައި ކަރައިވަރުގައި ހިމެނޭ މާއްދާތައް ކަރަންޓު އޮއިވަރުތަކެއްގެ ސިފައިގައި ފޭދި، ދަތުރުކުރަން ފެށުމުންނެވެ.
އިންސާނާގެ ހަށިގަނޑުގައިވާ މަސްގަނޑެއް ކުރުގެޅިލުމަށްޓަކައި، ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ސޯޑިއަމް، ޕޮޓޭސިއަމް، އަދި ކެލްސިއަމް ގެ ބޭނުން ހިފައެވެ. ނޫނީ މިމާއްދާތައް ހުންނަންޖެހޭނެ އެވެ. ހިތުގެ މަސްތަކުގެ ސެލްތަކާއި، ނާރު ސެލްތަކުގެ ތެރޭގައި ކަރަންޓްގެ އޮއިވަރު ދައުރުވަނީ ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ އެހީއާއި އެކީގައެވެ.

އިންސާނާގެ ހަށިގަނޑުގައި ކަރައިވަރުގެ މިންވަރު (ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ މިންވަރު) އެއް ހަމައެއްގައި ހިފަހައްޓައިދެނީ ގުރުދާއާއި، ތަފާތު ހޯރމޯންތަކުގެ އެހީގައެވެ. އެގޮތުން މިމަސައްކަތުގައި އެހީތެރިވެދޭ ހޯރމޯންތަކުގެ ތެރޭގައި ގުރުދާއިން އުފައްދާ "ރީނިން" ހޯރމޯން، ހިތް، ފުއްޕާމޭ، އަދި ސިކުނޑިން އުފައްދާ "އެންޖީއޯޓެންސިން" ހޯރމޯން، އެޑްރީނަލް ގްލޭންޑް އިން އުފައްދާ "އަލްޑޮސްޓެރޯން" ހޯރމޯން، އަދި ޕިޓޫއިޓަރީ ގްލޭންޑް އިން އުފައްދާ "އެންޓިޑަޔުރެޓިކް ހޯރމޯން" ހިމެނެއެވެ.

ހަށިގަނޑަށް އަންނަ އެކި ބަދަލުތަކާއި ގުޅިގެން ކަރައިވަރުގެ ބައެއް މާއްދާތައް ހަށިގަނޑުން ބީވެގެންދެއެވެ. މިސާލަކަށް ކަސްރަތުކުރުމުން ދާހިއްލައި، ކަރައިވަރުގައި ހިމެނޭ ސޯޑިއަމް އަދި ޕޮޓޭސިއަމް ހަށިގަނޑުން ބީވެއެވެ. ކަރައިވަރުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށްޓަކައި، ބީވެގެންދާ ބައި އަނބުރާ ހަށިގަނޑަށް ހޯދައިދޭންޖެހެއެވެ. ތަރުކާރީއާއި، މޭވާގެ ބާވަތްތަކުގައި ސޯޑިއަމް އާއި ޕޮޓޭސިއަމް އެކަށޭނަ ވަރަށް ހުންނާތީ، މިފަދަ ތަކެތި ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. ހަށިގަނޑުގައި ގިނަވާ ކަރައިވަރުގައި ހިމެނޭ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދެނީ ގުރުދާގެ އެހީގައެވެ.

ލޭގަޔާއި އެހެން ދިޔަތަކުގައި ސޯޑިއަމް ހުންނަންޖެހެނީ ވަރަށް ހަނި ރާޖީ ( މަތީމިނާއި ތިރީމިނާއި ދޭތެރެ ) އެއްގައެވެ. މިކަން ހިފަހައްޓަނީ އަލްޑޮސްޓެރޯން ކިޔާ ހޯރމޯން އަކުންނެވެ. ސޯޑިއަމް އެތެރެވުން ގިނަވެއްޖެނަމަ މި ހޯރމޯން މަދުވެއެވެ. މިހެންވެއްޖެނަމަ ގުރުދާ އިން ފަހަރުވާގެ ތެރެއަށް ސޯޑިއަމް ބޭރުކުރާ އަދަދު ގިނަކޮށްލައެވެ. ސޯޑިއަމް އެތެރެވުން މަދުވެއްޖެނަމަ، މިހޯރމޯން ގިނަވެއެވެ. އެހިނދު ގުރުދާއިން ސޯޑިއަމް ބޭރުވިޔަނުދީ ހިފަހައްޓާލަ އެވެ.

މައުލޫމާތު :
·         ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003

މައުދަން

މައުދަން
މައުދަން(mineral) ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް، ހަށިގަނޑަށް ވަރަށް މަދު މިންވަރަކަށް ބޭނުންވާ "އިންއޯގެނިކް" މާއްދާ ތަކެކެވެ. ބައެއް މައުދަންތައް ތަންކޮޅެއް ގިނައިން ހަށިގަނޑަށް ބޭނުންވާއިރު، އަނެއްބައި މައުދަންތައް ބޭނުންވަނީ އެއަށްވުރެ މާމަދުންނެވެ. ޓްރޭސް އެލިމެންޓް(trace elements) ތަކަކީ ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމަށްޓަކައި މަދުން ނަމަވެސް ބޭނުންވާ މުހިއްމު ބައިތަކެކެވެ. ޓްރޭސް އެލިމެންޓް ތައް ހަށިގަނޑަށް ބޭނުންވަނީ ވިޓަމިން ތަކަށްވުރެ ވެސް މަދުންނެވެ. މަޢުދަން ތައް އަދި ޓްރޭސް އެލިމެންޓް ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންތެރި މާއްދާ ތަކެކެވެ.

ބޭހުގެ ގޮތުގައި ހަށިގަނޑަށް ބޭނުންވާ މައުދަން ނެގުމަށްވުރެ، ކާން ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން މައުދަންތައް ހަށިގަނޑަށް މާރަނގަޅަށް ނަގައެވެ. އެކި މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތައް ހަށިގަނޑަށް ބޭނުންވަނީ އެކި ވަރަށެވެ. އެއީ އެކި މާއްދާތައް ހަށިގަނޑުގެ އެކިއެކި މަސައްކަތްތަކަށް އެހީތެރިވެދޭތީ އެވެ. މީހެއްގެ އުމުރާއި، ޖިންސާއި، ތަބީޢީ ހާލަތު، އަދި ޞިއްހީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް، އެކި މީހުންނަށް ބޭނުންވާ މިންވަރު ތަފާތު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތަކުން ހަށިގަނޑުގައި ފުރިހަމަކޮށްދޭ ބައެއް މަސައްކަތްތައް
ތަފާތު މަޢުދަންތަކާއި ޓްރޭސް އެލިމެންޓް ތައް އަދާކުރާ ބައެއް ވަޒީފާތައް ތިރީގައި މިވަނީ އެވެ.
·         ހަށިގަނޑުގެއޮނިގަނޑުއުފެއްދުމާއިބައްޓަންގެނައުން
·         ހަށިގަނޑުގެ ގުނަވަންތަކުގެ ވަޒީފާ އަދާކުރުމުގައި ވާގިދިނުން
·         ހަށިގަނޑު ބިނާކޮށް ހެފެހެއްޓުން
·         އެންޒައިމް ތަކުގެ މަސައްކަތް ހަރުދަނާކުރުން
·         ހޯރމޯންތައް އުފެދުމުގައި ބައިވެރިވުން
·         ދަތްތަކާއި، ކަށިތައް ވަރުގަދަކުރުން
·         ހަށިގަނޑުގެ ސެލްތަކުގެ އެތެރެއާއި، ބޭރުގައި ހުންނަ ޖިސްމީ ދިޔަތައް ކޮންޓްރޯލްކުރުން
·         ކާތަކެތި ހަށިގަނޑުގައި ހަކަތަ އަށް ބަދަލުކުރުވުން

މައުދަންތަކާއި، ޓްރޭސް އެލިމެންޓްތައް ލިއްބައިދޭ ކާނާގެ ބާވަތްތައް
ތަފާތު މައުދަންތައް އަދި ޓްރޭސް އެލިމެންޓްތައް ލިއްބައިދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، ޕާން، ސީރިއަލް، ކިރާއި، ކިރުގެ އުފެއްދުންތައް، ތަރުކާރީ އާއި، މޭވާގެ ބާވަތްތައް (ޚާއްޞަކޮށް ހިއްކާފައި ހުންނަ މޭވާގެ ބާވަތްތައް) އަދި މަދުގެ ބާވަތްތައް ހިމެނެއެވެ.
މުހިއްމު މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތައް
މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތަކުގެ ގޮތުގައި ބެލެވޭ މުހިއްމު މާއްދާތައް ތިރީގައި މިވަނީ އެވެ.
·         ނިކެލް
·         ބޯރޯން
·         ކެލްސިއަމް
·         ކްރޯމިއަމް
·         ކޮބާލްޓް
·         ކޮޕަރ
·         އަޔަޑިން
·         ވެނޭޑިއަމް
·         މެގްނީޒިއަމް
·         މެންގަނީޒް
·         މޮލިބްޑިނަމް
·         ފޮސްފަރަސް
·         ފްލޮރައިޑް
·         ދަގަނޑު
·         ސެލެނިއަމް
·         ސިލިކަން
·         ސަލްފަރ
·         ޒިންކް

މައުލޫމާތު :
·         ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003