ބައިލް ސޯލްޓް
ބައިލް
ސޯލްޓް(Bile salt) އަކީ ބައިލް އެސިޑް ތަކުގައި ހިމެނޭ ލޮނު ގެ ބައެވެ. އޭގެ
ތެރޭގައި ހިމެނެނީ ސޯޑިއަމް އަދި ޕޮޓޭސިއަމް އެވެ. ސޯޑިއަމް އަދި ޕޮޓޭސިއަމް،
ގްލައިސީން(Glycine) އަދި ޓޯރީން(Taurine) އާއި އެއްވެއެވެ.
ބައިލް ސޯލްޓް އުފެދިގެން އައުން
އިންސާނާގެ
ހަށިގަނޑުގައި ބައިލް އެސިޑް ގެ 4 ވައްތަރު ހުރެއެވެ. އޭގެ ތެރެއިން 2 ވައްތަރު
އުފެދެނީ މޭގަނޑުގެ ތެރޭގައި ކޮލެސްޓިރޯލް އިންނެވެ. އެއީ ކޯލިކް އެސިޑް(Cholic acid) އަދި ކީނަޑިއޮކްސީކޯލިކް އެސިޑް(Cheno dexoy
cholic acid) އެވެ. މިއެސިޑްތައް މޭގަނޑުގެ ތެރޭގައި އުފެދޭތީ މިއެސިޑް ތަކަށް
ޕްރައިމަރީ ބައިލް އެސިޑް(Primary bile acid) އޭ ކިޔައެވެ.
އަނެއް
ދެވައްތަރުގެ ބައިލް އެސިޑް އުފެދެނީ ބޮޑު ގޮހޮރު ގެ ތެރޭގައެވެ. ބޮޑު ގޮހޮރުގެ
ތެރޭގައި މި ދެވައްތަރުގެ އެސިޑް އުފެދެނީ ބެކްޓީރިޔަލް އެކްޝަންގެ ސަބަބުން
ޕްރައިމަރީ ބައިލް އެސިޑް އިންނެވެ. އެހެން ކަމުން ބޮޑު ގޮހޮރުގެ ތެރޭގައި އުފެދޭ
ބައިލް އެސިޑް ތަކަށް ސެކަންޑަރީ ބައިލް އެސިޑް(Secondary bile acid) އޭ ކިޔައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި
އުފެދޭ ދެއެސިޑަކީ ޑިއޮކްސީކޯލިކް އެސިޑް(Dexoycholic acid) އަދި ލިތޯކޯލިކް އެސިޑް(Lithocholic
acid) އެވެ. ޕްރައިމަރީ ބައިލް އެސިޑް ތައް ގްލައިސީން އަދި ޓޯރީން އާއި
އެކުވަނީ މޭގަނޑު ގެ ތެރޭގައެވެ. މިއެއްވުމުގެ ސަބަބުން އުފެދެނީ ގްލައިކަކޯލިކް
އެސިޑް(Glycocholic acid) އަދި ޓޯރަކޯލިކް އެސިޑް(Taurocholic acid) އެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް
ތައް ކަމުގައި ވާ ސޯޑިއަމް ގްލައިކަކޮލޭޓް(Na Glycocholate) އަދި ޕޮޓޭސިއަމް ޓޯރަކޮލޭޓް(K
Taurocholate) އުފެދިގެންދެއެވެ.
ފުރަމޭ އާއި ކުޑަ ގޮހޮރު އާއި ދެމެދު ބައިލް ސޯލްޓް
ދައުރުވުން
ބައިލްގެ
ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން
އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް
ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ
ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން
ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް
ފޮނުވާލައެވެ. ބާކީ 10-5 އިންސައްތަ ބޮޑު ގޮހޮރަށް ވާޞިލްވެ، ޑިއޮކްސީކޯލިކް
އެސިޑް އަދި ލިތޯކޯލިކް އެސިޑް އުފެއްދުމުގައި ބޭނުން ކުރެވިގެން ދެއެވެ.
ހަށިގަނޑުގައި
އާއްމު ގޮތެއްގައި 3.5 ގްރާމްގެ ބައިލް ސޯލްޓް ހުރެއެވެ. މިމިންވަރު މޭގަނޑާއި،
ހިމަ ގޮހޮރާއި، ދެމެދު ދުވާލަކު 8-6 ފަހަރު ދައުރުވެ ދައުރުވެ ހުރެއެވެ.
ބޮޑުކަމުދާ ތަކެތީގެ ތެރެއިން ހަށިގަނޑަށް ބޭރުވަނީ ދުވާލަކު 0.4-0.2 ގްރާމާއި
ދެމެދުގެ މިންވަރެކެވެ. އަދި ގެއްލިގެންދާ ބައި މޭގަނޑުގެ ތެރޭގައި އަލުން
އުފައްދައެވެ.
މޭގަނޑާއި،
ހިމަގޮހޮރާއި، ދެމެދު ބައިލް ސޯލްޓް ދައުރުވާ ދައުރުވުމަށް ބުރުލެއް އަރައިފިނަމަ
ބައިލް ސޯލްޓް ގެ ބޮޑު މިންވަރެއް ބޮޑުކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެން
ދެއެވެ. އަދި މިހާލަތުގައި ގެއްލިގެން ދިޔަބައި ފޫބެއްދޭނެ ވަރަށް ބައިލް ސޯލްޓް
މޭގަނޑަކުން އުފައްދައެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް މަދުވުމުން
ފެންނަ އަލާމާތްތައް ފެންނަށް ފަށައެވެ.
ބައިލް ސޯލްޓްގެ ވަޒީފާ
ސަރުބީ ހަޖަމުކުރުމުގައި އެހީތެރިވުން : މިގޮތުން ސަރުބީ ނުވަތަ ފެޓްގެ
ސާރފޭސް ޓެންޝަން ކުޑަކޮށް، ފޮސްޕަލިޕިޑް އަދި މޮނަގްލިސެރައިޑް އާއި ގުޅިގެން
ފެޓް އިމަލްސިފިކޭޝަން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ހިމަ ގޮހޮރުގެ ތެރޭގައި
ލައިޕޭސް ހީވާގިކޮށް މުރާލި ކުރުވައެވެ.
ސަރުބީ ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން : ބައިލް ސޯލްޓް އަކީ ފެޓް
ނުވަތަ ސަރުބީ ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. އެގޮތުން ބައިލް
ސޯލްޓް ފެޓް އާއި ތަތްވެ ފެނަށް ގިރޭ އެކުވެންޏެއް އުފައްދައެވެ. މިއެކުވެނި އަށް
ކިޔަނީ މައިސެލް(Micelle) އެވެ. މައިސެލް އިން ފެޓް ހަށިގަނޑަށް ފަސޭހަ ކަމާއެކު ނަގައެވެ.
ވިޓަމިން ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން : ބައިލް ސޯލްޓް އަކީ ސަރުބީއަށް
ގިރޭ ވިޓަމިން ތައް ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. މިވިޓަމިން
ތަކުގެ ތެރޭގައި ހިމެނެނީ ވިޓަމިން އޭ، ވިޓަމިން ޑީ، ވިޓަމިން އީ، އަދި ވިޓަމިން
ކޭ އެވެ.
ބައިލް ދައުރުވުން އިތުރުކުރުން : ބައިލް ސޯލްޓް އަކީ ބައިލް ދައުރުވުން އިތުރުކޮށްދޭ
ވަރުގަދަ މާއްދާއެކެވެ.
ކޮލެސްޓިރޯލް ބައިލްގެ ތެރޭގައި ހިފެހެއްޓުން : ބައިލް ސޯލްޓް އަކީ
ކޮލެސްޓިރޯލް ބައިލް ގެތެރޭގައި ހިފަހައްޓައި ބެހެއްޓުމަށް ބޭނުންތެރި
މާއްދާއެކެވެ. މިގޮތަށް ވުމުން ކޮލެސްޓިރޯލް ޖަމާވުން ކުޑަކޮށްދީ، ކޮލެސްޓިރޯލް
ހިލަ އުފެދުން ހިމާޔަތްކޮށްދެއެވެ.
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
No comments:
Post a Comment