Friday, June 8, 2012

ތައިރޮއިޑް ގްލޭންޑް


ތައިރޮއިޑް ގްލޭންޑް
ތައިރޮއިޑް ގްލޭންޑް (Thyroid gland) އަކީ  އިންސާނާގެ ހަށިގަނޑުގައިވާ ހޯރމޯން އުފައްދައި ދޫކުރާ ގްލޭންޑް ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގްލޭންޑް އެވެ. މިއީ ވެސް ހަށިގަނޑުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދޭ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް ހުންނަނީ މައިބަދައިގައި ކަރުގެ ހިސާބުގައިވާ ކަށިތަކުގެ 5،6،7 ވަނަ ކަށިކޮޅާއި އަދި މޭމައްޗާއިވީ ދިމާލުގެ މައިބަދައިގެ ފުރަތަމަ ކަށިކޮޅާއި ދިމާ އެއްހަމައެއްގައެވެ.
ތައިރޮއިޑް ގްލޭންޑްގެ ބޮޑުމިން
ބޮޑުމީހެއްގެ ތައިރޮއިޑް ގްލޭންޑްގެ ބަރުދަނުގައި ގާތްގަނޑަކަށް 30-20 ގްރާމްގެ މިންވަރެއް ހުރެއެވެ. އެހެންކަމުން އެވްރެޖްކޮށް ހުންނަނީ ގާތްގަނޑަކަށް 25 ގްރާމެވެ. ތައިރޮއިޑް ގްލޭންޑްގެ ބޮޑުމިނުގައި 3-2 އިންޗި ހުރެއެވެ. އާންމު ގޮތެއްގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ތައިރޮއިޑް ގްލޭންޑް ބޮޑުކަން ފާހަގަ ކުރެވެއެވެ. މާބަނޑު ދުވަސްވަރު ހަށިގަނޑުގެ މެޓަބޮލިޒަމްގެ މަސައްކަތްތައް އިތުރުވާތީ، އެމަސައްކަތްތައް ފޫބައްދާލެވޭ ވަރަށް ތައިރޮއިޑް ގްލޭންޑް ސައިޒުވެސް މާބަނޑުވުމުން ބޮޑުވެގެން ދެއެވެ.
ތައިރޮއިޑް ގްލޭންޑްގެ މައްސަލައެއްނެތި އޭގެ އާދައިގެ ސައިޒުގައި ހުންނައިރު އަހަރެމެންނަށް ތައިރޮއިޑް ގްލޭންޑް (ކަރުގެ ކުރިމަތިން އަތްލުމުން) އިހްސާސެއް ނުކުރެވޭނެ އެވެ. މުށި-ރަތް ކުލައިގައިވާ ތައިރޮއިޑް ގްލޭންޑް އަކީ ލެއިން މުއްސަދިވެފައިވާ ގޮށެކެވެ. އަޑު އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރާ ނާރު، ގޮސްފައިވަނީ ތައިރޮއިޑް ގްލޭންޑްގެ ތެރެއިންނެވެ.
ތައިރޮއިޑް ގްލޭންޑް އުފެދިފައިވާގޮތް
ތައިރޮއިޑް ގްލޭންޑް އަކީ "ކޮކަލެއްގެ-ބައްޓަމަށް"(Butterfly-shaped) ކަރުގެ ކުރިމަތިން ތިރީގައި އިންނަ ގޮށެކެވެ. ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ ކުރިމަތިން މެދެއްހާ ހިސާބުން ހަމާއި މަސްފަށަލައިގެ ދަށުން އެޑަމްސް އެޕަލް ގެ ތިރިން ވައިނޮޅީގެ ކުރިމަތިން ގޮސްފައެވެ. ތައިރޮއިޑް ގްލޭންޑް ނިވާކުރެވި ފޮރުވިފައިވަނީ "ސްޓްރެޕް މަސްކޮޅު"(Strap muscles) އޭ ކިޔާ ފަތި މަސްކޮޅު ތަކަކުންނެވެ.
ތައިރޮއިޑް ގްލޭންޑް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ކަނާތު ލޯބު(Right lobe) އަދި ވާތު ލޯބު(Left lobe) އެވެ. މިއިން ކޮންމެ ލޯބެއްގެ ދިގުމިނުގައި 5 ސމ އަދި ފުޅާމިނުގައި 3 ސމ ހުރެއެވެ. މިދެލޯބު ނުވަތަ މިދެބައި އިންނަނީ މެދުން ތައިރޮއިޑް ޓިޝޫގެ ފާލަމަކުން(Isthmus) ގުޅިފައެވެ. އެހެންކަމުން މިދެލޯބު އިންނާނީ ވައިނޮޅީގެ ދެއަރިމައްޗަށްވާ ގޮތަށެވެ. މިއިން ކޮންމެ ލޯބެއް ދެބަޔަކަށް ބެހިފައި ވެއެވެ. އެއީ މަތީބައި(Upper pole) އަދި ތިރީބައި(Lower pole) އެވެ. ކޮންމެ ލޯބެއްގެ ދެފަރާތުން ސިކުނޑިއަށް ލޭފޮނުވައިދޭ ލޭހޮޅިއެއް ކަމުގައިވާ "ކެރޮޓިޑް އާޓަރީ"(Carotid artery) ގޮސްފައި ވެއެވެ. އަދި ކަނާތް ފަރާތުން ސިކުނޑިން ހިތަށް ފޮނުވައިދިނުމުގައި ޝާމިލްވާ ލޭހޮޅިއެއް ކަމުގައިވާ "ޖުގުޔުލާ ވެއިން"(Jugular vein) ގޮސްފައި ވެއެވެ. ބައެއް މީހުންގެ ހަށިގަނޑުގައި ތައިރޮއިޑް ގްލޭންޑްގެ ދެ ލޯބު ގުޅުވައިދޭ ފާލަމުން މައްޗަށް އުފުލުމެއް އުފެދިފައި އިނދެއެވެ. މިބަޔަށް ކިޔަނީ "ޕިރަމިޑަލް ލޯބު"(pyramidal lobe) އެވެ.
ތައިރޮއިޑް ގްލޭންޑް ފަހަތުން ހަރުލާފައި އިންނަނީ ލަގޮނޑީގެ މަޑުކަށި ތަކާއި، ވައިނޮޅީގެ މަތީގައިވާ މަޑުކަށީގެ ބަދަތަކުގައެވެ. މިބުނި ބައިތަކާއި ތައިރޮއިޑް ގްލޭންޑް ތަތްވެ، ހަރުލާފައިވަނީ "ބެރީސް ލިގަމެންޓް"(Berry’s ligament) ކިޔާ ލިގަމެންޓަކުންނެވެ. މިކަމުގެ ސަބަބުން ކާތަކެތި ދިރުވާއިރު، ލަގޮނޑި(Larynx) އާއެކު ތައިރޮއިޑް ގްލޭންޑް ވެސް މައްޗަށާއި، ތިރިއަށް ހަރަކާތްކުރާނެ އެވެ. ކަރުގައި އުފެދޭ ދުޅަތަކުގެ ތެރެއިން ތައިރޮއިޑް ގްލޭންޑް ދުޅަވުމާއި އެހެން ދުޅަތައް ވަކިކުރުމަށް މިކަމުގެ ސަބަބުން އެހީތެރިވެދެއެވެ. ތައިރޮއިޑް ގްލޭންޑް ދުޅަވިޔަސް ކުރިން ބުނި ފަދައިން ކާތަކެތި ދިރުވާއިރު މައްޗާއި ތިރިއަށް ހަރަކާތްކުރާނެ އެވެ. ނަމަވެސް ކަރުގައި އުފެދިފައިވާ އެހެން ދުޅައެއް ނަމަ، މިބީދައިން ހަރަކާތެއް ނުކުރާނެ އެވެ.
ތައިރޮއިޑް ގްލޭންޑް އުފެދިގެންއައުން
ތައިރޮއިޑް ގްލޭންޑް އުފެދެނީ ކުޑަކުއްޖާ މާބަނޑުގައި އަށަގަންނަން ފަށާތާ 6-5 ހަފްތާ އާއި ދެމެދުގައެވެ. މައިމީހާގެ ބަނޑުގައި ކުޑަދަރިފުޅުގެ ބައިތައް އުފެދެމުން އަންނައިރު، ތައިރޮއިޑް ގްލޭންޑް އުފެދިގެން އަންނަނީ ދުލުގެ ފެށޭ ހިސާބުގައި ހުންނަ ޓިޝޫތަކުންނެވެ. އެއަށްފަހު މަޑުމަޑުން ތިރިއަށްޖެހި، "ތައިރޯގްލޯސަލް ޑަކްޓް"(Thyroglossal duct) ގެ ގޮތުގައި ކަރުގައި ތައިރޮއިޑް ގްލޭންޑް އަސްލު ހުންނަ ހިސާބަށް ވާޞިލް ވެއެވެ. ތައިރޮއިޑް ގްލޭންޑްގެ ވަށައިގެން އެނިވާކުރުމަށްޓަކައި "ކެޕްސޫލް"(Capsule) އެއް ލެވިފައި ވެއެވެ. މިކެޕްސޫލްގައި ވަރަށް ބައިވަރު ލޭހޮޅިތައް ހުރެއެވެ.
ތައިރޮއިޑް ގްލޭންޑްގެ އަސާސީ ޔުނިޓް
ތައިރޮއިޑް ގްލޭންޑްގެ ތެރޭގައި "ދިޔާތަކެތިން-ފުރިފައިވާ ކޮތަޅު"(Fluid-filled sac) ތަކެއް ހުރެއެވެ. މިކޮތަޅުތަކަށް ކިޔަނީ "ފޮލިކަލް"(follicles) އެވެ. މިކޮތަޅުތަކުގެ ދޭތެރޭގައި ކުދިކުދި ހިމަ ލޭހޮޅިތަކާއި، ކަނެކްޓިވް ޓިޝޫތައް ހުރެއެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތައް ފުރިހަމަކޮށްދޭ އަސާސީ ޔުނިޓް ތަކަކީ މިދެންނެވި ފޮލިކަލް އޭ ކިޔާ ކޮތަޅުތަކެވެ.
ތައިރޮއިޑް ހޯރމޯންތަކުގެ ތެރެއިން ޓްރައި އައޯޑޯ ތައިރޮނީން އުފައްދައި ދޫކުރަނީ ތައިރޮއިޑް ގްލޭންޑް ތެރޭގައި ހުންނަ ''ތައިރޮއިޑް އެޕިތީލިއަލް ސެލް''(Thyroid epithelial cell) ތަކުންނެވެ. އަދި ތައިރޮކްސިން އުފައްދައި ދޫކުރަނީ ތައިރޮއިޑް ގްލޭންޑް ގައި ހުންނަ ''ފޮލިކިއުލާ ސެލް''(Follicular cell)  ތަކުންނެވެ. ތައިރޮއިޑް ގްލޭންޑް ގެ ފޮލިކަލް ތަކުގެ ދެމެދުގައިވާ ކަނެކްޓިވް ޓިޝޫތަކުގެ ތެރޭގައި "ސީ ސެލް"(C cells) ނުވަތަ ޕެރަފޮލިކިޔުލަރ ސެލް(parafollicular cells) ކިޔާ ވަރަށް ފަނޑު ކުލައިގެ ސެލްތަކެއް ހުރެއެވެ. މިސެލްތަކުން ކެލްސިއަމް މެޓަބޮލިޒަމްގައި ބައިވެރިވާ ކެލްސިޓޯނިން ދޫކުރެއެވެ.
ކޮންމެ ފޮލިކަލް އެއްގެ ފާރުގައި "ކިޔުބޮއިޑަލް އެޕިތީލިއަލް ސެލް"(Cuboidal epithelial cell) ތައް ހުރެއެވެ. މިސެލްތަކުން "ކޮލޮއިޑް"(Colloid) ކިޔާ ދިޔައެއް ދޫކުރެއެވެ. ފޮލިކަލް ތައް ފުރިފައި ހުންނަނީ މިދިޔައިންނެވެ. ކޮލޮއިޑް ގެ ތެރޭގައި "ތައިރޯގްލޯބިޔުލިން"(Thyroglobulin) ކިޔާ ގްލައިކޯޕްރޮޓީން އެއް ހުރެއެވެ. ތައިރޯގްލޯބިޔުލިން އަކީ ތައިރޮއިޑް ހޯރމޯންތަކުގެ ޕްރިކޯސަރ(Precursor) އެކެވެ. ތައިރޮއިޑް ހޯރމޯން ތައް ދޫކުރަން ވަންދެން ރައްކާކުރެވިފައި ހުންނަނީ "ކޮލޮއިޑް" ތަކުގެ ތެރޭގައެވެ. ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ކޮންމެހެން ބޭނުންވާ އަޔޮޑިން ލޭގެ ތެރެއިން ތައިރޮއިޑް ގްލޭންޑް ގެތެރެއަށް ނެގުމުގެ ބާރު ތައިރޮއިޑް ސެލް ތަކަށް ލިބިގެން ވެއެވެ.
ތައިރޮއިޑް ގްލޭންޑްގެ ވަޒީފާ
ތައިރޮއިޑް ގްލޭންޑް މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ އަހަރެމެންގެ ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތްތައް ތަންޒީމުކޮށް، ރާވައި، ކޮންޓްރޯލް ކުރުމުގައެވެ. މިދެންނެވި މެޓަބޮލިޒަމްގެ މަސައްކަތްތައް ތަންޒީމުކޮށް ކޮންޓްރޯލްކުރަނީ ތައިރޮއިޑް ގްލޭންޑުން އުފައްދާ ހޯރމޯންތައް ކަމުގައިވާ ތައިރޮކްސިން(T4) ، ޓްރައި އައޯޑޯ ތައިރޮނީން(T3) ، އަދި ކެލްސިޓޯނިން(Calcitonin) ގެ އެހީގައެވެ. މިހޯރމޯންތައް އުފެދުމަށް އަޔޯޑިން ބޭނުންވެއެވެ. އެހެންކަމުން ކާނާއާއި، ފެނާއެކު ހަށިގަނޑަށް ވަންނަ އަޔޯޑިން ގެ ބޭނުން ތައިރޮއިޑް ގްލޭންޑް ހިފައެވެ. ހަށިގަނޑަށް އަޔޯޑިން ނަގާ ހަމައެކަނި ސެލްތަކަކީ ތައިރޮއިޑް ގްލޭންޑް ގައި ހިމެނޭ ސެލް ތަކެވެ.
ހަށިގަނޑުގައި މެޓަބޮލިޒަމްގެ ބައެއް މަސައްކަތްތައް ތަންޒީމު ކުރުމުގައިވާ ޝާމިލްވާ ތައިރޮއިޑް ހޯރމޯން ތައް މިގްލޭންޑުން އުފައްދައި ދޫކުރެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަށިގަނޑުގައި ކަށިތައް ހެދިބޮޑުވުމަށާއި، ސިކުނޑިއާއި އެއާއި ގުޅިފައިވާ ނާރުތަކުގެ ނިޒާމްގެ ހެދިބޮޑުވުމުގައި ވެސް މިގޮށް މުހިއްމު ދައުރެއް އަދާކުރެއެވެ. ތައިރޮއިޑް ހޯރމޯން ތައް ދޫކުރުން ކޮންޓްރޯލް ކުރަނީ ސިކުނޑީގެ ތެރޭގައިވާ ޕިޓޫއިޓަރީ ގްލޭންޑް އިންނެވެ. ތައިރޮއިޑް ހޯރމޯން ތަކަކީ ލޭގެ ޕްރެޝަރު، ހިތުގެ ވިންދު، ހަޖަމުކުރުމުގެ މަސައްކަތް، މަސްތަކުގެ ހަރަކާތްތައް، އަދި ނަސްލު އުފެއްދުމުގެ މަސައްކަތްތައް ފުރިހަމަކޮށް ހިންގުމުގައި އެހީތެރިވެދޭ ހޯރމޯން ތަކެކެވެ. އެހެންކަމުން ސިކުނޑި ހެދިބޮޑުވުމަށް ކުއްޖާގެ ތުއްތު ދުވަސްވަރު ނުވަތަ ޅައުމުރުގައި އެކަށޭނަ ވަރަށް ތައިރޮއިޑް ހޯރމޯން ތައިރޮއިޑް ގްލޭންޑުން އުފައްދަން ޖެހެއެވެ.
ތައިރޮއިޑް ހޯރމޯން ތައް އުފެއްދުން ކޮންޓްރޯލްކުރަނީ ސިކުނޑީގެ ތެރޭގައިވާ ޕިޓޫއިޓަރީ ގްލޭންޑް(Pituitary gland) އިން ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) އިންނެވެ. ތައިރޮއިޑް ހޯރމޯން އުފައްދައި ދޫކުރަން ފަށާނީ ޕިޓޫއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރުމުންނެވެ. އެހެންކަމުން ހަށިގަނޑުގައި ތައިރޮއިޑް ހޯރމޯން މަދުވެއްޖެނަމަ، ޕިޓޫއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރާނެއެވެ. އަދި އެއާއި ވިދިގެން ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން ތައް އުފައްދައި ދޫކުރަން ފަށާނެ އެވެ. އަދި އުފެދުނު ތައިރޮއިޑް ހޯރމޯންތައް ލޭގެ އާރަށް ވާޞިލްވެ، ހަށިގަނޑުގައި މެޓަބޮލިޒަމްގެ މަސައްކަތްތައް ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ގެންދާނެ އެވެ.
ޕިޓޫއިޓަރީ ގްލޭންޑްގެ މަސައްކަތްތައް ކޮންޓްރޯލްކުރަނީ ސިކުނޑީގެ ތެރޭގައިވާ ހައިޕޯތަލަމަސް(Hypothalamus) އިންނެވެ. ހައިޕޯތަލަމަސް އިން ތައިރޯޓްރޮޕިން ރިލީސިންގ ހޯރމޯން(TRH) ދޫކުރެއެވެ. މިއީ ޕިޓޫއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ.
ތައިރޮއިޑް ގްލޭންޑް އިން އުފައްދައި ދޫކުރާ ހޯރމޯންތައް
(1) - ޓްރައި އައޯޑޯ ތައިރޮނީން  (Tri-iodothyronine/T3): ޓްރައި އައޯޑޯ ތައިރޮނީން  އަކީ ތައިރޮއިޑް ހޯރމޯން އެކެވެ. ތައިރޮއިޑް ހޯރމޯންތަކުގެ ތެރެއިން މިހޯރމޯން އުފައްދައި ދޫކުރަނީ ތައިރޮއިޑް ގްލޭންޑް ތެރޭގައި ހުންނަ ''ތައިރޮއިޑް އެޕިތީލިއަލް ސެލް''(Thyroid epithelial cell) ތަކުންނެވެ. މިއީ ތައިރޮކްސިން އާ އެއްގޮތް ކަމެއް ހުންނަ ނަމަވެސް މާހަރަކާތްތެރި ހޯރމޯން އެކެވެ. މިހޯރމޯން އާއި ތައިރޮކްސިން އާއި ހުރި ތަފާތަކީ  މިހޯރމޯންގައި ތައިރޮކްސިން އަށްވުރެ ކޮންމެ މޮލިކިއުލް އެއްގައި އެއް އަޔޮޑިން އެޓަމް މަދުވާނެއެވެ. އަދި ނިސްބަތުން މިހޯރމޯން އުފައްދާ މިންވަރު ވެސް މަދުވާނެއެވެ. ތައިރޮއިޑް ހޯރމޯންތަކުގެ ތެރެއިން އެންމެ ބާރުގަދަ ހޯރމޯން އަކީ މިއީއެވެ. ހަށިގަނޑުގެ ފިނިހޫނުމިން، ހިތުގެ ވިންދުޖެހުން، އަދި ހަށިގަނޑު ބޮޑުވުން ފަދަ ކަންތައްތަކަށް މިހޯރމޯން ބާރު ފޯރުވައެވެ.
(2) – ތައިރޮކްސިން (Thyroxine / T4): ތައިރޮކްސިން އަކީ ތައިރޮއިޑް ގްލޭންޑް ގައި ހުންނަ ''ފޮލިކިއުލާ ސެލް''(Follicular cell)  ތަކުން އުފައްދައި ދޫކުރާ މައިގަނޑު ހޯރމޯން އެވެ. ލޭގެ ތެރެއަށް ވާޞިލްވާ 99 އިންސައްތަ ތައިރޮކްސިން ހުންނަނީ ''ތައިރޮކްސިން ބައިންޑިންގ ގްލޯބިއުލިން''(TBG)  ކިޔާ ޕްރޮޓީން އަކާ ތަތްވެފައެވެ. މީގެ އިތުރުން ''އަލްބިޔުމިން''(Albumin)  އަދި ''ޓްރާންސްތައިރެޓިން''(Transthyretin) ކިޔާ ޕްރޮޓީން ތަކާ ބާކީ ހުރިބައި ތަތްވެއެވެ.
ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތް ކޮންޓްރޯލް ކުރުމުގަޔާއި ޖިސްމާނީ ގޮތުން ހަށިގަނޑު ބޮޑުވުމުގެ މަސައްކަތުގައި ތައިރޮކްސިން ބައިވެރި ވެއެވެ. ކުޑަކުދިންގެ ހަށިގަނޑުގައި ކަށިތަކާއި، ސިކުނޑިއާއި ނާރުތަކުގެ ނިޒާމްގެ ބައިތައް އުފެދި ބޮޑުވުމުގައި ވެސް މިގްލޭންޑުން ދޫކުރާ ހޯރމޯންތަކުގެ ދައުރެއް ވެއެވެ. ތައިރޮއިޑް ހޯރމޯން ދޫކުރުން ކޮންޓްރޯލްކުރަނީ ޕިޓޫއިޓަރީ ގްލޭންޑް އެވެ. މީގެ އިތުރުން ތައިރޮއިޑް ހޯރމޯން އަކީ ހިތުގެ ވިންދު، ލޭގެ ޕްރެޝަރު، ހަޖަމުކުރުން، މަސްތަކުގެ ހަރަކާތްތައް، އަދި ނަސްލު އުފެއްދުމުގެ މަސައްކަތްތައް ހަމަހަމަކަންމަތީ ސާބިތުކަމާއެކު ބެހެއްޓުމަށް އެހީތެރިވެދޭ ހޯރމޯން ތަކެކެވެ.
(3) – ކެލްސިޓޯނިން (Calcitonin): ކެލްސިޓޯނިން އަކީ 32 އެމިނޯ އެސިޑް އެކުލެވޭ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ ތައިރޮއިޑް ގްލޭންޑް ގައި ހުންނަ ''ޕެރަފޮލިކިޔުލަރ ސެލް''(Parafollicular cell) ތަކުންނެވެ. މިހޯރމޯން އަކީ ހަށިގަނޑުގައި ހިންގާ ކެލްސިއަމް އަދި ފޮސްފަރަސް ގެ މެޓަބޮލިޒަމްގެ ހަރަކާތުގައި ބައިވެރިވާ ހޯރމޯން އެކެވެ. ލޭގައި  ކެލްސިއަމް އެކުލެވޭ މިންވަރު ދަށްކުރުމަށް މިހޯރމޯން ބާރުއަޅައެވެ. 
ތައިރޮއިޑް ގްލޭންޑްގެ ބައެއް ބަލިތައް
ހައިޕަރތައިރޮއިޑިޒމް (Hyperthyroidism): ހައިޕަރތައިރޮއިޑިޒަމް އަކީ ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް ހަލުވިވެ، އާދަޔާ ޚިލާފަށް ތައިރޮކްސިން، އަދި ޓްރައި އަޔޯޑޯ ތައިރޮނީން، އުފައްދައި، ލޭގެ ތެރެއަށް ދޫކުރަން ފެށުމުން ކުރިމަތިވާ ހާލަތެކެވެ. ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން (ތައިރޮކްސިން، އަދި ޓްރައި އަޔޯޑޯ ތައިރޮނީން،) އުފެއްދުން އިތުރުކުރުވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި ގްރޭވްސް ބަލި، ތައިރޮއިޑް ގްލޭންޑް ދުޅަވުން، ތައިރޮއިޑް ގްލޭންޑްގައި ގަނޑުއުފެދުން، ވިހެއުމަށްފަހު ތައިރޮއިޑް ގްލޭންޑް ދުޅަވުން، އަންހެނުންގެ ބިސް އުފައްދާ ތަނުގައި ޓިއުމަރުގެ ވައްތަރެއް އުފެދުން، އަދި ބައެއް ކަހަލަ ބޭސް ތައް ބޭނުންކުރުން ހިމެނެއެވެ.
ހައިޕަރތައިރޮއިޑިޒަމް ހުންނަމީހަކު އަވަހަށް ހިތްހަމަނުޖެހި ރުޅިއައުން، ކަންތައް ކުރުމުގައި ގޮތެއް ނިންމަން ނޭގުން، ދާހިއްލުން، ހޫނަށް ކެތްކުރަން އުދަގޫވުން، އަވަހަށް ވަރުބަލިވުން، ނިދަން އުދަގޫވުން، ހިތުގެ ވިންދު އަވަސްވުން، އަންހެންކުދިންނަށް ޕީރިއަޑް އިންތިޒާމު ނުވުމާއި މާއަވަސް އަވަހަށް ޕީރިއަޑްވުން، މަސަލްތަކުގައި ވާގިނެތުން ހިމެނެއެވެ. މިމައްސަލަ ހުންނަމީހުން އެކަށީގެންވާ މިންވަރަށް ކާނާބޭނުންކުރިއަސް ބަރުދަން ލުއިވެގެން ދާތަން ފެންނާނެއެވެ. ހަމައެއާއެކު ލޯހިރުވުމާއެކު ލޮލަށްބަލާލީމާ ހީވާނީ ކަޅިއަޅައިގެން ހުންނަހެންނެވެ. ބައެއްފަހަރު ލޮލުގެ ކައިރިފަށުގައި ހުންނަ ޓިޝޫތައް ހުންނާނީ ހަލާކުވެ ދުޅަވާގޮތް ވެފައެވެ.
ހައިޕޯތައިރޮއިޑިޒަމް (Hypothyroidism): ހައިޕޯތައިރޮއިޑިޒަމް އަކީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށަށްދިއުން ނުވަތަ ދަށްވުމެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުމުގެ މާނައަކީ އެގްލޭންޑް އިން އުފައްދާ ހޯރމޯން އުފެއްދުން ދަށްވުމާއި، ނުވަތަ އެއިން އުފައްދާ ހޯރމޯންގެ ބޭނުން ހަށިގަނޑަށް އެކަށޭނަ ގޮތުގައި ނުކުރެވުމެވެ.
ހައިޕޯތައިރޮއިޑިޒަމްގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ވަރުބަލިވުން، ގައިގެ ހަކަތަ ދަށްވުން، ތެދުވެ އުޅެން އުދަނގޫވުން، އަބަދު ނިދިއައިސްފައި ހުންނަހެން ހީވުން، ކާމިންވަރާއި އަޅާ ބަލާއިރު ހަށިގަނޑުގެ ބަރުދަން އިތުރުވެގެން ދިއުން، ހަމުގައިވާ ފެނުގެ ބައި މަދުވެ، ހަންގަނޑު ހިކިވެ، ކުރަކިވުން، ބޮލުން އިސްތަށި ފޭބުން، މުޅި ގައިގައި ރިހުން، ހުޅުތަކުގައި ރިހުން، ހަތަރެސްފައިގެ ބާރުދަށްވަމުން ދިއުން، މިޒާޖު ގޯސްވެ އަވަހަށް މާޔޫސްވުން، ބަނޑުހަރުވުން، މައްސަރު ކަންތައް ތަރުތީބުން ކޮންމެ މަހަކު ނުޖެހުން، ދަރިމައިނުވުން، ލޮލުގެ ފެނުމާއި، ކަންފަތުގެ އަޑުއިވުމުގައި މައްސަލަތައް ދިމާވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ގްރޭވްސް ބަލި (Graves disease): ގްރޭވްސް ބައްޔަކީ ހައިޕަތައިރޮއިޑިޒަމް މެދުވެރިވާ އެންމެ އާންމު އެއް ސަބަބެވެ. މިއީ ދިފާޢީ ނިޒާމަށް ދިމާވާ ބައްޔެކެވެ، ގްރޭވްސް ބަލި ޖެހުމުން ދިފާޢީ ނިޒާމުން އާދަޔާ ޚިލާފު ހަށިދަމަނަ ތަކެއް އުފެއްދުމުން، ތައިރޮއިޑް ގްލޭންޑުން ހޯރމޯންތައް އުފައްދައި ދޫކުރާ މިންވަރު އިތުރުވެ، ތައިރޮއިޑް ގްލޭންޑް ދުޅަވެ ބޮޑުވެއެވެ. ނަތީޖާއެއްގެ ގޮތުން "ގޮއިޓަރ" އުފެދެއެވެ. ސީދާ ބަލި ޖެހޭ ވަކި ސަބަބެއް ޔަގީންކަމާއި އެކު އަދި ހޯދިފައި ނުވާ ދިފާޢީ ނިޒާމަށްޖެހޭ މިބަލި އަންހެނުންނަށް ކުރިމަތިވާ ނިސްބަތް އިތުރުވެފައި ގިނައެވެ. އަދި ޒުވާނުންނާއި ދެބައި އުމުރުގެ މީހުންނަވެސް ޖެހޭ ނިސްބަތް މައްޗެވެ.
ގްރޭވްސް ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އެއްލޯ ނުވަތަ ދެލޯ މާބޮޑަށް ބޭރަށް ނިކުމެފައި ހުރުން، ފައިދުޅަވެ، ފޮއްސިވެ، ފެންޖަމާވުން، ވަރުބަލިވުން، ބަރުދަން ލުއިވުން، މާގިނައިން ކާހިތްވުން، ހިތުގެ ވިންދު ޖެހުން އަވަސްވުން، ހަށިގަނޑުގެ މަސްތަކުގެ ބާރުދެރަަވުން ފަދަ ކަންތައްތައް ހިމެނެއެވެ.






1 comment: