Wednesday, June 6, 2012

ބެކްޓީރިއަލް ވެޖައިނޯސިސް


ބެކްޓީރިއަލް ވެޖައިނޯސިސް
ބެކްޓީރިއަލް ވެޖައިނޯސިސް(Bacterial Vaginosis) އަކީ ޖިންސީގުޅުން ހިންގުމުން ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ އަންހެނުންގެ މެދުގައި ފެތުރެމުންދާ ބައްޔެކެވެ. ނަމަވެސް މިގޮތަށް ޖިންސީގުޅުން ހިންގުމުން ފެތުރެނީ ވަރަށް މަދުންނެވެ. އެހެންކަމުން ފިރިހެނެއްގެ ފުށުން މިބައްޔެއް ނުފެތުރޭނެ އެވެ. އަދި އަންހެނެއްގެ ފުށުން ފިރިހެނަކަށް ވެސް މިބައްޔެއް ނުޖެހޭނެ އެވެ. މިއީ ހަމައެކަނި އަންހެނުންނަށް ޖެހޭ ބައްޔެކެވެ. މިއީ ދަރިމައިވާ އުމުރުގެ އަންހެނުންގެ ކުރިމަތި ފަރާތަށްޖެހޭ އެންމެ އާންމު އެއް އިންފެކްޝަނެވެ. ކޮންމެ އަންހެނަކަށް ވެސް މިބަލި ޖެހިދާނެ އެވެ. މިއީ ބެކްޓީރިޔާ އިން ޖެހޭ ބައްޔެކެވެ. ބެކްޓީރިއަލް ވެޖައިނޯސިސް އަކީ އޭގެ ޒާތުގައި އަމިއްލައަށް ވެސް ބައެއް ފަހަރު ފިލައި ހިގައިދާނެ އިންފެކްޝަން އެކެވެ.

ނޯޓް : ބައެއް ގައުމުތަކުގައި ބެކްޓީރިއަލް ވެޖައިނޯސިސް އަކީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ނުބަލައެވެ. ސަބަބަކީ މިބައްޔަކީ ފިރިހެނުންގެ ފުށުން އަންހެނުންނަށް ޖެހޭ ބައްޔަކަށް ނުވުމެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް ޖެހޭ ސަބަބު އަދި ޖެހޭގޮތް
އަންހެނާގެ ކުރިމަތި ފަރާތުގައި ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާ ތަކާއި، ގެއްލުންދެނިވި ބެކްޓީރިޔާތައް ހުރެއެވެ. އެގޮތުން އަންހެނާގެ ކުރިމަތި ފަރާތުގައި ގިނައިން ހުންނަނީ ހަށިގަނޑަށް ފައިދާކުރުވަނިވި، ރަގަޅު ބެކްޓީރިޔާ ތަކެވެ. އަދި ގެއްލުންދެނިވި ބެކްޓީރިޔާ ތައް ހުންނަނީ މަދުންނެވެ. މިހެންވުމުން ރަގަޅު ބެކްޓީރިޔާތައް ގެއްލުންދެނިވި ބެކްޓީރިޔާތައް ކޮންޓްރޯލް ކުރެއެވެ. ބެކްޓީރިއަލް ވެޖައިނޯސިސް ކުރިމަތިވަނީ އަންހެނާގެ ކުރިމަތި ފަރާތުގައި ހިމެނޭ ހަށިގަނޑަށް ފައިދާކުރުވަނިވި ބެކްޓީރިޔާތަކުގެ ހަމަހަމަކަން ގެއްލި،(އޭގެ އަދަދުން މަދުވެ) އޭގެ ބަދަލުގައި ކުރިމަތި ފަރާތުގައި ހަށިގަނޑަށް ގެއްލުންދެނިވި ތަފާތު އެހެން ބެކްޓީރިޔާ ތައް (ހަށިގަނޑަށް ގެއްލުންދެނިވި ބެކްޓީރިޔާތައް) ޖަމާވުމުންނެވެ. ނުވަތަ އަށަގަތުމުންނެވެ. މިކަންކަން މިހެން ހުރިކަމުގައި ވިޔަސް ސީދާ ބެކްޓީރިއަލް ވެޖައިނޯސިސް ކުރިމަތިވަނީ ކީއްވެގެންކަން އަދި އެހާ ބޮޑަށް ސާފުވެ އެނގިފައެއް ނެތެވެ.

އަންހެނުންގެ ކުރިމަތި ފަރާތުގައި ހުންނަ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާ ތަކުގެ 95 އިންސައްތަ އަކީ "ލެކްޓޯބެސިލަސް"(Lactobacillus) އެވެ. މިބެކްޓީރިޔާ ތަކަކީ ކުރިމަތި ފަރާތުގެ ޕީއެޗް ދަށްކޮށްދީ، އެހެން ބެކްޓީރިޔާ ތައް އަށަގަތުމުގެ ފުރުޞަތު ކުޑަކޮށްދޭ އެއްޗެކެވެ. ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމުން ލެކްޓޯބެސިލަސް ގެ މިންވަރު ދަށްވެ، އެހެން ބެކްޓީރިޔާތަކުގެ މިންވަރު އިތުރުވެއެވެ. ނަމަވެސް ސައިންސްވެރިންނަށް މިގޮތަށް ބެކްޓީރިޔާތަކުގެ ހަމަހަމަކަން ގެއްލުމަށް މެދުވެރިވާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް އަށް މަގުފަހިކުރާ ކަންތައްތައް
ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަށް މަގުފަހިކުރާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި:-
·        އާ ބައިވެރިޔަކާއެކު ޖިންސީ ގުޅުން ހިންގުން / ބައިވަރު ބައިވެރިންނާއެކު ޖިންސީ ގުޅުން ހިންގަމުން ދިއުން : ޖިންސީ ގުޅުމުން މިބަލި ފެތުރޭގޮތް އަދި މުޅިން އެނގި ސާފުވެފައެއް ނެތެވެ. ޖިންސީ ގުޅުމުން ބެކްޓީރިއަލް ވެޖައިނޯސިސް ޖެހެނީ އަންހެނުންގެ ތެރެއިން އެހެން އަންހެނުންނާއި އެކު ޖިންސީ ގުޅުން ހިންގާ މީހުންނަށެވެ.
·        ކުރިމަތި ފަރާތް ފެންޖަހައިގެން ދޮވުން : މިގޮތަށް ހެދުމުން ކުރިމަތިފަރާތުގައި "އެނީރަބިކް ބެކްޓީރިޔާ" ތައް ގިނަވެ ބޮޑުވުމަށް މަގުފަހި ވެއެވެ.
·        ދުންފަތުގެ އިސްތިޢުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުރިމަތި ފަރާތުގައި ހަށިގަނޑަށް ގެއްލުންދެނިވި ބެކްޓީރިޔާ ތައް އިތުރުވުމަށް މަގުފަހިކުރާ ކަމެކެވެ.
·        ދޭތެރެ ދުރުކުރުމަށް ރަހިމަށް ލައްވާ އެތިކޮޅު ބޭނުންކުރުން : މިފަދަ މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ.
·        ކަޅު ނަސްލަށް ނިސްބަތްވުން : ދޮން އަންހެނުންނަށްވުރެ ކަޅު ނަސްލުގެ އަންހެނުންނަށް މިބަލި ޖެހޭ ނިސްބަތް މަތިކަމަށް ދިރާސާތަކުން ދައްކައެވެ.
·        އުފެދުމުގައި ލެކްޓޯބެސިލަސް ބެކްޓީރިޔާ ކުރިމަތި ފަރާތުގައި ނުހުރުން : މިގޮތަށް ލެކްޓޯބެސިލަސް ބެކްޓީރިޔާ ނެތުމުން ކުރިމަތި ފަރާތުގެ ޕީއެޗް މަތިވެ، ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަށް މަގުފަހި ކުރުވައެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް ކުރިމަތި ކުރުވުމުގައި ޖިންސީ ގުޅުން ހިންގުމުގެ ދައުރަކީ ކޮބައިކަން ވެސް އަދި ރަގަޅަށް ހޯދިފައެއް ނެތެވެ. އެއްފާޚާނާ ބޭނުންކުރުމުންނާއި، ފަތާ ފެންގަނޑަށް އެރިއުޅުން، އެއް އެދެއްގައި ނިދުން ފަދަ ކަންތައްތަކުން ބެކްޓީރިއަލް ވެޖައިނޯސިސް އެއް ނުޖެހޭނެ އެވެ. ޖިންސީ ގުޅުން ނުހިންގާ މީހަކަށް ވެސް ބަލިޖެހިދާނެކަން ހަދާން ކުރަން ޖެހެއެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމުން ފެނިދާނެ އަލާމާތްތައް
ބެކްޓީރިއަލް ވެޖައިނޯސިސް ކުރިމަތިވުމުން ބައެއް އަންހެނުންގެ ފުށުން އެއްވެސް އުދަގުލެއް ފާހަގަ ނުކުރެވި ހިގައިދާނެ އެވެ. ޚާއްޞަކޮށް ބަލިޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ އަންހެނުންގެ ފުށުން ބަލީގެ އުދަނގޫތައް ފާހަގަނުވެ ހިގައިދާނެއެވެ.  ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·        ކުރިމަތި ފަރާތުން ހަޑިއެއްޗެތި (ދޮސް/ދިޔަ) އައުން : މިދޮސް ހުންނަނީ ހުދު އަޅި ނުވަތަ ރީނދޫ ކުލަޔަކަށެވެ. އަދި ދޮސް ބޮޑަށް ހުންނަނީ ދިޔާކޮށެވެ.
·        ކުރިމަތި ފަރާތުން ނުބައިވަސްދުވުން : ޚާއްޞަކޮށް ޖިންސީ ގުޅުން ހިންގައި ނިމުމުން މަސް-ވަސް ކަހަލަ ގަދަ ވަހެއް ހުންނަކަމަށް ބައެއް އަންހެނުން ބުނެއެވެ.
·        ޖިންސީ ގުޅުން ހިންގާއިރު ކުރިމަތި ފަރާތަށް ތަދުވެ ރިހުން
·        ކުރިމަތި ފަރާތް ހިރުވައި ކެހުން
·        ކުރިމަތި ފަރާތުގައި ދިލަނެގުން: ޚާއްޞަކޮށް ކުޑަކަމުގޮސް ނިމުމުން ދިލަނަގާނެއެވެ.
·        ކުރިމަތި ފަރާތުން ވަރަށް ކުޑަކޮށް ލޭއައުން

ބަލީގައި ދިގުލައި ދިއުމުން ދިމާވެދާނެ މައްސަލަތައް
ގިނަ ފަހަރު ބެކްޓީރިއަލް ވެޖައިނޯސިސް ގައި ދިގުލައި ދިޔަ ނަމަވެސް މާބޮޑު މައްސަލަތަކެއް ނުވަތަ ނުރައްކާ ތަކެއް ކުރިމައްޗެއް ނުވާނެ އެވެ. ނަމަވެސް މަދު ހާލަތެއްގައި ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
·        ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަކީ އޭޑްސް އަދި ޖިންސީ ގުޅުމުން ފެތުރޭ އެހެން ބަލިތައް ޖެހުމަށް މަގުފަހިކުރާ ކަމެކެވެ.
·        ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަކީ އޭޑްސް ޖެހިފައިވާ އަންހެނުންގެ ފުށުން އޭނާގެ ބައިވެރިޔާއަށް އޭޑްސް ބަލި ވާޞިލްވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
·        ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަކީ ވިހާ އޮޕަރޭޝަންކުރުން، ދަރިވައްޓާލުން، ބަނޑުދޮވުން އަދި ރަހިމުނެގުން ފަދަ އޮޕަރޭޝަންތަކަށްފަހު އިންފެކްޝަން އުފެދުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.
·        މާބަނޑު ދުވަސްވަރު ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަކީ ދުވަސްނުފުރާ ވިހެއުން، ލިބޭ ދަރިފުޅުގެ ބަރުދަން ލުއިވުން، އަދި ބައިގެންދިއުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެކެވެ. މީގެ އިތުރުން މާބަނޑު ވުމަށްފަހު ނަސްލު އުފައްދާ ނިޒާމުގެ ބައިތަކުގައި އިންފެކްޝަން އަށަގަތުމުގެ ފުރުޞަތު ވެސް އިތުރުވެގެން ދެއެވެ.
·        ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަކީ ޖިންސީ ގުޅުމުން ފެތުރޭ އެހެން ބަލިތަކަށް މަގުފަހިކުރުވާ ކަމެކެވެ. މިސާލަކަށް ހާރޕީޒް ސިމްޕްލެކްސް އިން ޖެހޭ ޖެނިޓަލް ހާރޕީޒް ޖެހުން، ކްލަމިޑީއާ އިންފެކްޝަން ޖެހުން، އަދި ކިހުނުވުން ފަދަ ބަލިތައް ޖެހުމަށް މަގުފަހިކުރާ ކަމެކެވެ.

މާބަނޑު ދުވަސްވަރު ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުން
މާބަނޑު ދުވަސްވަރު މައިމީހާއަށް ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަކީ އޭގެ ނުރަގަޅު އަސަރު ބަނޑުގައިވާ ތުއްތު ދަރިފުޅަށް ކުރާނެ ކަމެކެވެ. އެގޮތުން ބައިގެންދިއުން، ދުވަސްނުފުރާ ވިހެއުން، އަދި ލިބޭ ތުއްތު ދަރިފުލުގެ ބަރުދަން ލުއިވުމަކީ ވެދާނެ ގޮތެކެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަށް މެދުވެރިވާ ބެކްޓީރިޔާ ތަކުގެ ސަބަބުން ބައެއް ފަހަރު ރަހިމު، އަދި ބިސްދަތުރުކުރާ ހޮޅީގައި ޖަރާސީމު އަށަގަންނަގޮތް ވެއެވެ. މިގޮތަށް މެދުވެރިވުމަށް ކިޔަނީ "ޕެލްވިކް އިންފްލެމޭޓަރީ ޑިޒީސް"(PID) އެވެ. ޕެލްވިކް އިންފްލެމޭޓަރީ ޑިޒީސް ގެ ސަބަބުން ދަރިމައިނުވުމާއި، ރަހިމުން ބޭރުގައި ގަރުބަގަތުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރެއެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް ޖެހިފައިވާކަން ދެނެގަތުން
ބެކްޓީރިއަލް ވެޖައިނޯސިސް ޖެހިފައިވޭތޯ ބެލުމަށް ޑޮކްޓަރުން ކުރިމަތި ފަރާތް ރަގަޅަށް ޗެކުކޮށް ބަލާނެއެވެ. އަދި ކުރިމަތި ފަރާތުން ދިޔަ ނަގައިގެން އޭގައި އެއްވެސް ބެކްޓީރިޔާ އެއް ހުރިތޯ ބެލުމަށް ލެބޯޓްރީ ޓެސްޓު ހަދާނެއެވެ. ބެކްޓީރިއަލް ވެޖައިނޯސިސްގެ އަސަރު ހުރިތޯ ބެލުމަށް ހެދޭ ލެބޯޓްރީ ޓެސްޓުތަކުގެ ތެރޭގައި:-
·        ވެޓް މައުންޓް (Wet mount): މިޓެސްޓު ހެދުމަށް ކުރިމަތި ފަރާތުން ބޭރުވާ ދިޔައިގެ ސާމްޕަލް މައިކްރޮސްކޯޕް ސްލައިޑެއްގެ މަތީގައި ބޭއްވުމަށްފަހު، އައިވީ ފެން ނޯމަލް ސަލައިން އާއި އެއްކުރާނީ އެވެ. ތައްޔާރުކުރެވުނު ސްލައިޑްގައި ޖަރާސީމު ހުރިތޯ އާއި، ލޭގެ ހުދު ސެލް ހުރިތޯ ބަލާނީ އެވެ. ލޭގެ ހުދު ސެލް ހުރުމަކީ އިންފެކްޝަން ހުރިކަމުގެ ނިޝާނެކެވެ. މީގެ އިތުރުން "ކުލޫ ސެލް"(Clue cells) ކިޔާ އާދަޔާ ޚިލާފު ސެލްތަކެއް ހުރިތޯ ވެސް ބަލައެވެ. ކުލޫ ސެލް ތައް ހުރުމަކީ ބެކްޓީރިއަލް ވެޖައިނޯސިސް ހުރިކަން އަންގައިދޭ އެންމެ އިތުބާރު ހުރި ގޮތެވެ.
·        ވިފް ޓެސްޓް (Whiff test): މިޓެސްޓު ހެދުމަށް ކުރިމަތި ފަރާތުން ބޭރުވި ދިޔައިގެ ސާމްޕަލް އަށް ޕޮޓޭޝިއަމް ހައިޑްރޯކްލޮރައިޑް ސޮލިޔުޝަންގެ ދެތިންތިކި އެއްކުރާނީ އެވެ. މިގޮތަށް ހެދުމުން ވަރަށް ގަދަޔަށް މަސް ވަސް ދުވާނަމަ އޭގެ މާނައަކީ ބެކްޓީރިއަލް ވެޖައިނޯސިސް ޖެހިފައި ހުރުމެވެ.
·        ކުރިމަތި ފަރާތުގެ ޕީއެޗް ބެލުން (Vaginal pH): އާންމު ގޮތެއްގައި އަންހެނާގެ ކުރިމަތި ފަރާތުގެ ޕީއެޗް(pH) ހުންނަނީ 4.5-3.8 އާއި ދެމެދުގައެވެ. ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމުން ކުރިމަތި ފަރާތުގެ ޕީއެޗް ހުންނާނީ 4.5 އަށްވުރެ މަތީގައެވެ.
·        ގްރާމް ސްޓެއިން (Gram stain): ކުރިމަތި ފަރާތުން ބޭރުވި ދިޔައިގެ ސާމްޕަލް އެއް މައިކްރޮސްކޯޕިކު ސްލައިޑެއްގެ މަތީގައި ބާއްވާނީ އެވެ. އެއަށްފަހު ސްލައިޑްގެ މައްޗަށް ޚާއްޞަ "ޑައި"(Dye) އެއް އަޅާނީ އެވެ. މިގޮތަށް ހެދުމުން "ގްރާމް ޕޮޒިޓިވް ބެކްޓީރިޔާ"(G+ve bacteria)  ތަކުގައި ދަނބުކުލަ ޖެހި ، އަދި "ގްރާމް ނެގެޓިވް ބެކްޓީރިޔާ"(G-ve bacteria) ތަކުގައި ފިޔާތޮށި ކުލަ ޖެހޭނެ އެވެ. ބެކްޓީރިއަލް ވެޖައިނޯސިސް ޖައްސާ ގްރާމް ނެގެޓިވް ބެކްޓީރިޔާގެ ތެރެއިން "ގާރޑްނެރެލާ ވެޖައިނާލިސް"(Gardnerella vaginalis) އަކީ ކުރިމަތި ފަރާތުގައި އެންމެ ގިނައިން ހުންނަ ބެކްޓީރިޔާގެ އެއް ވައްތަރެވެ.
·        އޮލިގޯނިއުކްލިއޮޓައިޑް ޕްރޯބް (Oligonucleotide probe): މިއީ ބެކްޓީރިއަލް ވެޖައިނޯސިސް ޖައްސާ ބެކްޓީރިޔާ ގެ ވިރާސީ މާއްދާތައް ނުވަތަ ޑީއެންއޭ ދެނެގަންނަ ޓެސްޓެވެ.

އެހެންކަމުން ބެކްޓީރިއަލް ވެޖައިނޯސިސްކަން މިޓެސްޓުތަކުން އަންގައިދޭ ހެކިތަކަކީ:-
·        ކުލޫ ސެލްތައް ހުރުން
·        ކުރިމަތި ފަރާތުގެ ޕީއެޗް މަތިވުން
·        ވިފް ޓެސްޓު ހެދުމުން މަސް ވަސްދުވުން ނުވަތަ ވިފް ޓެސްޓު ޕޮޒިޓިވްވުން

ބެކްޓީރިއަލް ވެޖައިނޯސިސްގެ ފަރުވާ
ބައެއް ފަހަރު ބެކްޓީރިއަލް ވެޖައިނޯސިސްގެ އަސަރު ފަރުވާއެއްނެތި ފިލައި ދިޔަ ނަމަވެސް ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމުން ބޮޑަށް އެދެވިގެންވަނީ ބައްޔަށް ފަރުވާކުރުމެވެ. ބަލިޖެހިފައިވާ މީހާގެ ފިރިމީހާ އަށް ފަރުވާ ކުރުމަކީ މުހިއްމު ކަމެއް ނޫނެވެ. އެއްޖިންސުން ގުޅުން ހިންގާ އަންހެނުންގެ މެދުގައި ބަލި ފެތުރޭތީ، އެފަދަ މީހަކީ ބައިވެރިޔާ ކަމުގައިވާނަމަ އެމީހަކަށް ވެސް ފަރުވާކުރަން ޖެހޭނެ އެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް ޖެހޭ މާބަނޑު އަންހެނުންނަށް ފަރުވާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މާބަނޑު ވުމުން ކުރިން ދުވަސްނުފުރާ ވިހައިފައިވާނަމަ، އަދި ބަރުދަން ލުއިކުއްޖެއް ލިބިފައިވާނަމަ، ބަލީގެ އުދަނގޫތައް ކުރިމަތި ނުވި ނަމަވެސް، ބެކްޓީރިއަލް ވެޖައިނޯސިސް އަށް ކުރިމަތި ފަރާތް ބަލައި ޗެކުކުރުމަކީ ރަގަޅު ކަމެކެވެ.

މީގެ އިތުރުން ވިހާ އޮޕަރޭޝަންކުރުން، ބަނޑު ދޮވުމާއި، ރަހިމުނެގުން ފަދަ އޮޕަރޭޝަންތައް ކުރުމުގެ ކުރިން ބެކްޓީރިއަލް ވެޖައިނޯސިސް ޖެހިފައިވޭތޯ ބެލުމަށް ބައެއް ޑޮކްޓަރުން ލަފާދެއެވެ. މީގެ ބޭނުމަކީ އޮޕަރޭޝަނަށްފަހު އިންފެކްޝަން އަށަގަތުމުގެ ފުރުޞަތު ކުޑަ ކުރުމެވެ.

ބެކްޓީރިއަލް ވެޖައިނޯސިސް އަށް ފަރުވާކުރެވެނީ އެންޓިބަޔޮޓިކް ބޭނުން ކޮށްގެންނެވެ. އެގޮތުން ތަފާތު ދެ އެންޓިބަޔޮޓިކެއް ދީއުޅެއެވެ. އެގޮތުން ބޭނުންކުރެވެނީ މެޓްރޮނިޑަޒޯލް އަދި ކްލިންޑަމައިސިން އެވެ. ކޮންމެ ބޭހެއް ވެސް މާބަނޑު މީހުންނާއި ނޫން މީހުންނަށް ވެސް ބޭނުންކުރެވިދާނެ އެވެ. އެކަމަކު މިބޭސް ބޭނުންކުރަންޖެހޭ މިންވަރު މާބަނޑު މީހުންނާއި މާބަނޑު ނޫން މީހުންނަށް ތަފާތެވެ. ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަށްފަހު، އޭޑްސް އަށް ޕޮޒިޓިވްވި ނަމަވެސް، ނުވަތަ ނެގެޓިވްވި ނަމަވެސް ބެކްޓީރިއަލް ވެޖައިނޯސިސް ގެ ފަރުވާއަށް ބަދަލެއް ނާދެއެވެ. ފަރުވާއަށްފަހު ވެސް ބެކްޓީރިއަލް ވެޖައިނޯސިސް ޖެހުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު މިބައްޔަށް ފަރުވާކުރުމަށް ޓިނިޑަޒޯލް ވެސް ދީއުޅެއެވެ.

ބޭސްތައް ބޭނުންކުރާގޮތް
·        މެޓްރޯނިޑަޒޯލް : ގުޅަ ބޭސް – ދުވާލަކު 2 ފަހަރު – 7 ދުވަހަށް
·        ޓިނިޑަޒޯލް : ގުޅަ ބޭސް – ދުވާލަކު 1 ފަހަަރު – 5-2 ދުވަހަށް
·        ކްލިންޑަމައިސިން : ކްރީމް – ކުރިމަތި ފަރާތުގައި އުގުޅަން – 7 ދުވަހަށް

ބެކްޓީރިއަލް ވެޖައިނޯސިސް އިން ރައްކާތެރިވުން
ބެކްޓީރިއަލް ވެޖައިނޯސިސް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·        ބަލިޖެހިފައި ހުންނަ ދުވަސްވަރު ޖިންސީ ގުޅުންހިންގުމާއި ދުރުހެލިވުން
·        ހަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު ޚިޔާކުރުން
·        ކުރިމަތި ފަރާތަށް ފެންޖަހައިގެން ދޮވެނުހެދުން
·        ދީފައި ހުންނަ ބޭސްތައް ގަވާޢިދުން ބޭނުންކުރުން
މަޢުލޫމާތު:
·        އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް



No comments:

Post a Comment