Friday, June 8, 2012

ތައިމަސް ގްލޭންޑް


ތައިމަސް ގްލޭންޑް
ތައިމަސް ގްލޭންޑް(Thymus gland) އަކީ ތިނަކަށިގަނޑު(sternum) ގެ ދަށުގައި ތިރިން މައްޗަށް ކަރާ ދިމާލަށް އިންނަ ގްލޭންޑް އެކެވެ. އުފަންވާއިރު ތައިމަސް ގްލޭންޑްގެ ބަރުދަނުގައި ހުންނާނީ 15-10 ގްރާމް ވަރެވެ. އަދި ބާލިޣުވަންދެން މިގްލޭންޑް ބޮޑުވަމުން އަންނާނެ އެވެ. ބާލިޣުވުމުން މިގްލޭންޑް ވަޅޯވެ ހިނދެން ފަށާނެ އެވެ. ބާލިޣުވާ އުމުރުގައި މިގްރާމު ބަރުދަނުގައި 40-30 ގުރާމުވަރު ހުރެފައި މެދު އުމުރު ފުރާ އަށް އަޅާއިރު އުފަންވިއިރު ހުރި ބަރުދަނަށް އަނބުރާ ދާނެއެވެ. މިއީ އަޅި-ފިޔާތޮށި ކުލައަކަށް އިންނަ ގްލޭންޑެކެވެ.

ތައިމަސް ގްލޭންޑާއި ގުޅުންހުރި ހަށިގަނޑުގެ ބައިތައް
·         ކުރިމަތިން : ތައިމަސް ގްލޭންޑްގެ ކުރިމަތިން އިންނަނީ ތިނަކަށިގަނޑު، އަދި މައްޗަށް އިންނަ 4 ކޯސްޓަލް ކާޓިލޭޖް އެވެ.
·         ފަހަތުން : ތައިމަސް ގްލޭންޑްގެ ފަހަތުގައި އިންނަނީ އެއޯޓިކް އާޗް އަދި އޭގެ ގޮފިތަކެވެ. މީގެ އިތުރުން ވައިނޮޅި އަދި ބްރެކިއޯސެފަލިކް ވެއިން ވެސް ހުންނަނީ މިގްލޭންޑްގެ ފަހަތުގައެވެ.
·         މަތިން : ތައިމަސް ގްލޭންޑްގެ މަތިން ހުންނަނީ ކަރުގެ ތިރީގައި ހުންނަ ޓިޝޫތަކެވެ.
·         ދަށުން : ތައިމަސް ގްލޭންޑްގެ ދަށުގައި އޮންނަނީ ހިތެވެ.

އެކުލެވިގެންވާގޮތް
ތައިމަސް ގްލޭންޑްގައި ދެލޯބު(Lobes) ހުރެއެވެ. މިއިން ކޮންމެ ލޯބެއްގެ ވަށައިގެން ފައިބަރުން ކެޕުސޫލް އެއް ލެވިފައި ވެއެވެ. މިކެޕުސޫލްގެ އެތެރޭގައި އެޕިތީލިއަލް ސެލް ތަކާއި، ލިމްފަސައިޓް ތައް އެތުރިފައި ހުރެއެވެ. ތައިމަސް ގްލޭންޑްގައި ވެސް އެތެރޭގައި މަދެއް ހުރެފައި އޭގެ ބޭރުން ތޮށިފަށެއް ލެވިފައި ވެއެވެ. ތޮށީގައި އާންމުކޮށް ހުންނަނީ ލިމްފޮއިޑް ސެލް ތަކެވެ.

ތައިމަސް ގްލޭންޑްގެ މަސައްކަތް
ލިމްފަސައިޓް(Lymphocyte) ތައް އުފެދިގެން އަންނަނީ ރަތްކުލައިގެ ކަށީގެ މަދުގެ ތެރޭގައި ހުންނަ ސްޓެމް ސެލް ތަކުންނެވެ. އެއަށްފަހު ތައިމަސް އަށް ވާޞިލްވެ، އެތަނުގައި ފުރިހަމަވެގެން ދެއެވެ. ތައިމަސް ގްލޭންޑްގެ ތެރޭގައި ބޮޑުވެ ފުރިހަމަވަނީ ޓީ-ލިމްފަސައިޓް(T-lymphocyte) އެވެ.

ތައިމަސް ގްލޭންޑްގެ ތެރޭގައި ފުރިހަމަވާ ޓީ-ލިމްފަސައިޓް ތަކަށް ހަށިގަނޑުގައިވާ ޓިޝޫތަކާއި، ހަށިގަނޑުން ބޭރުން ހަށިގަނޑަށް ވަންނަ ޓިޝޫތައް ވަކިކުރަން އެނގެއެވެ. އަދި ހަށިގަނޑަށް ވަންނަ އެތައް ހާސް މާއްދާއަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ޓީ-ލިމްފަސައިޓް އަށް ލިއްބައިދެއެވެ. އެހެންކަމުން ޓީ-ލިމްފަސައިޓްއަކީ އިންސާނާގެ ހަށިގަނޑު ބަލިތަކުން ދިފާޢު ކުރުމުގައި ދިފާޢީ ނިޒާމުގައި މުހިއްމު ރޯލެއް ކުޅޭ އެއްޗެކެވެ.
ޓީ-ލިމްފަސައިޓް ތައިމަސް ގްލޭންޑްގެ ތެރޭގައި ހުރެ ބޮޑުވެ ފުރިހަމަވުމުން ތައިމަސް ގްލޭންޑް ދޫކޮށް ލޭގެ ތެރެއަށް ވާޞިލްވެއެވެ. މީގެ ތެރެއިން ބައެއް ޓީ-ލިމްފަސައިޓް ތައް ލިމްފޮއިޑް ޓިޝޫތަކަށް ވަންނައިރު އަނެއްބައި ޓީ-ލިމްފަސައިޓް ތައް ލޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުރެއެވެ. ޓީ-ލިމްފަސައިޓް އުފެއްދުން އެންމެ ގިނަވާނީ ޒުވާން ދުވަސްވަރުގައެވެ.

ތައިމަސް ގްލޭންޑް އިން އުފައްދާ ދޫކުރާ ހޯރމޯން
ތައިމަސް ގްލޭންޑާއި، އެހެނިހެން ލިމްފޮއިޑް ޓިޝޫތައް ބޮޑުވެ ފުރިހަމަވުމަށް ބާރުއަޅައިދޭ މާއްދާ އަކީ ތައިމަސް ގްލޭންޑް އިން އުފައްދައި ދޫކުރާ "ތައިމޯސިން"(Thymosin) ކިޔާ ހޯރމޯން އެކެވެ. ބާލިޣުވުމަށްފަހު ތައިމަސް ގްލޭންޑު ހިނދެން ފަށައެވެ. އަދި ހަށިގަނޑަށް ވަންނަ މާއްދާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގައި ޓީ-ލިމްފަސައިޓް އަށް ލިބިފައިވާ ގާބިލިއްޔަތާއި ބާރު، އުމުރުން ދުވަސްވާވަރަކަށް ދަށްވަމުން ދެއެވެ.


No comments:

Post a Comment