Wednesday, June 6, 2012

އޭޑްސް ބަލި

 
އޭޑްސް ބަލި
އޭޑްސް (AIDS) ބައްޔަކީ އެޗް އައި ވީ ވައިރަސް(Human Immunodeficiency Virus) ގެ ސަބަބުން ޖެހޭ އެކަކު ގައިން އަނެކަކުގެ ގަޔަށްއަރާ ނުރައްކާތެރި ބައްޔެކެވެ. އެޗްއައިވީ ވައިރަސް އަކީ ލޮލަށް ނުފެންނަވަރުގެ ކުޑަކުޑަ ވައިރަހެކެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ މައިގަނޑު ގޮތެއްގައި ޖިންސީ ގުޅުމުން އަރާ ވަރަށް ނުރައްކާތެރި މަރުފަދަ ބައްޔެކެވެ.

އެޗް އައި ވީ އަދި އޭޑްސް ގެ ތަފާތު
އޭޑްސް : އޭޑްސް އަކީ އެޗްއައިވީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީބާރު ނެތިކޮށް ހަލާކުކޮށްލައި، އަދި އެކަމުގެ ސަބަބުން އެހެން ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އޭޑްސް ބަލި ޖެހިއްޖެޔޭ ބުނެވެނީ އެޗްއައިވީ ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގެ ދިފާޢީބާރު ދަށްވެ، ނުރައްކާތެރި އެހެނިހެން ބަލިތަކަށް ހަށިގަނޑު ހުށަހެޅެން ފެށުމުންނެވެ. ނުވަތަ ނުރައްކާތެރި އެހެނިހެން ބަލިތައް ޖެހެން ފެށުމުންނެވެ. އެއިޑްސް  (AIDS) މިލަފުޒު ބިނާވެގެންވާ ގޮތް ތިރީގައި މިވަނީ އެވެ.
A
Aquired
އެކްއާރޑް
ލިބިގަންނަ (އަމިއްލައަށް)
I
Immune
އިމިއުން
ދިފާޢީ ބާރު
D
Deficiency
ޑެފިސެންސީ
ނެތިކޮށްލާ  (ދަށްކޮލާ)
S
Syndrome
ސިންޑްރޯމް
އެތައް ބައްޔެއް އެކުލެވިގެން
އަމިއްލައަށް ލިބިގަންނަ (ކުރެވޭ) ކަމަކުން ހަށިގަނޑުގެ ދިފާޢީ ބާރުދަށްކޮށް އެތައް ބަލިތަކެއް މެދުވެރިކުރުވާ ބައްޔެއް

އެޗްއައިވީ : އެޗްއައިވީ އަކީ އޭޑްސް ބަލި ޖައްސާ ޖަރާސީމަށް ކިޔާނަމެކެވެ. އެޗްއައިވީ (HIV)  މިލަފުޒު ބިނާވެގެންވާގޮތް ތިރީގައި މިވަނީ އެވެ. އެޗްއައިވީ އަކީ ގުދުރަތީ ގޮތުން އިންސާނާގެ ހަށިގަނޑުގައި އެކުލެވޭ ދިފާޢީ ބާރު ނެތިކޮށް ހަލާކުކޮށްލާ ޖަރާސީމެކެވެ. އެޗްއައިވީ ޖެހިފައިހުރި ނަމަވެސް، މާބޮޑު އަލާމާތްތަކެއް ހަށިގަނޑުން ނުފެނި ހުރެދާނެ އެވެ. އެޗްއައިވީ ގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ޢަލާމާތްތަކެއް ނުފެނި ދިޔަސް، އެވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، އެމީހެއްގެ ފުށުން (އެޗްއައިވީ ޖެހިފައިވާ މީހާގެ ފަރާތުން ) އެހެން މީހުންނަށް، އެބަލި ފަތުރަމުން ގެންދާނެ އެވެ.

އެޗް އައި ވީ  (HIV) މިލަފުޒު ބިނާވެގެންވާ ގޮތް ތިރީގައި މިވަނީ އެވެ.
H
Human
ހިއުމަން
އިންސާނުން
I
Immunodeficiency
އިމިއުނޯޑެފިސިއެންސީ
ދިފާޢީ ބާރު ނެތިކޮށްލާ  (ދަށްކޮލާ)
V
Virus
ވައިރަސް
ޖަރާސީމް
އިންސާނުންގެ ދިފާޢީބާރު ދަށްކޮށް ނެތިކޮށްލާ، ޖަރާސީމް

އެއިޑްސް ޖައްސާ ވައިރަސް އެޗްއައިވީ ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު 12-2 ހަފްތާއާއި ދޭތެރޭގައި ލޭޓެސްޓްކުރުމުން އެޗްއައިވީގެ ހަށިދަމަނަ ނުވަތަ އެންޓިބޮޑީޒް ހަށިގަނޑުގެ ތެރެއިން ފެނިއްޖެނަމަ އެއިން އަންގައިދެނީ އެމީހަކު އެހެރީ އެޗްއައިވީ ނުވަތަ އެއިޑްސް ޖައްސާ ވައިރަސް އާއި ތަޣައްޔަރުވެ އިންފެކްޓްވެފައި ކަމެވެ. ނުވަތަ އެޗްއައިވީ ޖެހިފައި ކަމެވެ.

1983 ވަނަ އަހަރު ޢިލްމުވެރިންގެ މަސައްކަތުން އޭޑްސް ބަލި ޖައްސާ ވައިރަސް ހޯދިއެވެ. މިހޯދުމުން އެގުނު ގޮތުގައި އޭޑްސް ބަލި ޖައްސަނީ ''ހިއުމަން އިމިއުނޯ ޑެފިޝެންސީ ވައިރަސް''(Human Immunodeficiency Virus)  ނުވަތަ ''އެޗް އައި ވީ''(H I V)  އެވެ. އަދި އޭގެ ފަހުން ލޭގެ ތަޙްލީލު ތަކުގެ އެހީގައި ބަލިޖެހިފައިވާ މީހުންގެ ލޭގައި ބައްޔާއި ގުޅިގެން އުފެދޭ ހަށި ދަމަނަ ، ނުވަތަ އެންޓިބޮޑީޒް ހުރިކަން އިލްމު ވެރިން ހޯދިއެވެ. އޭގެ ފަހުން އެޗްއައިވީ އޭޑްސް ބަލި ޖެހިފައި ތިބޭމީހުންގެ ލޭގައި ހުންނަކަން ވަނީ ހޯދިފައެވެ.

ބަލީގެ އަލާމާތްތައް ފެންނަށް ހޭދަވާ މުއްދަތު (Incubation period): ޢާންމު ގޮތެއްގައި އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، އެއްވެސް އަލާމާތެއް ނުފެނި، 2-7 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިމުއްދަތުގައި އެމީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެ އެވެ. މިމުއްދަތު 2- 10 އަހަރަށް ނުވަތަ 12 އަހަރު ދުވަހުގެ މުއްދަތަށް ދިއުމަކީ ވެސް ވެދާނެގޮތެކެވެ.

 އެއިޑްސް ބަލީގެ ތާރީޚް
 އެއިޑްސް ބަލީގެ ވާހަކަ ފުރަތަމަ ފެންމަތިވެގެން އައީ 1981 ވަނަ އަހަރު އެވެ. އެއީ އެމެރިކާގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ބަޔަކަށް މިބަލި ޖެހިފައިވާކަން އެގުމުންނެވެ. ފުރަތަމަ މިބަލި ހޯދިފައިވަނީ ރައްކާތެރި ނޫން ގޮތެއްގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގަމުން އައި ފިރިހެނެއްގެ ފަރާތުންނެވެ.

ފުރަތަމަ އޭޑްސް ބަލި ފާޅުވެފައިވަނީ އެފްރިކާގެ ގައުމެއް ކަމުގައިވާ ޒަޔަރ އިން ކަމަށް ވެސް ބުނެވެއެވެ. އެއަށްފަހު ހެއިޓީ އަށް މިބަލި ވާޞިލްވީ ހެއިޓީގައި ދިރިއުޅޭ ބައެއް ޒަޔަރ މީހުންގެ ފުށުންނެވެ. ހެއިޓީ އިން ދެން ބަލި ދަތުރުކުރީ އެމެރިކާ އަށެވެ. އެއީ ހެއިޓީ އަށް ދިޔަ އެއް ޖިންސުން ގުޅުން ހިންގާ އެމެރިކާ މީހުން ތަކެއްގެ ސަބަބުންނެވެ. ހެއިޓީ އަކީ އެދުވަސްވަރު ހުރިހާ ވައްތަރެއްގެ ޖިންސީ ގުޅުން ހުއްދަ ކުރެވިފައި އޮތް ގައުމެއް ކަމުން އެމެރިކާގެ ވަރަށް ގިނަބަޔަކު އެދުވަސްވަރު ހެއިޓީ އަށް ޗުއްޓީ ހަދަން ދިޔަ ކަމުގައި ބުނެވެއެވެ.

1983 ވަނަ އަހަރު ޢިލްމުވެރިންގެ މަސައްކަތުން އޭޑްސް ބަލި ޖައްސާ ވައިރަސް ހޯދިއެވެ. މިހޯދުމުން އެގުނު ގޮތުގައި އޭޑްސް ބަލި ޖައްސަނީ ''ހިއުމަން އިމިއުނޯ ޑެފިޝެންސީ ވައިރަސް''(Human Immunodeficiency Virus) ނުވަތަ ''އެޗް އައި ވީ''(H I V)  އެވެ. ލޭގެ ތަޙްލީލު ތަކުގެ އެހީގައި ބަލިޖެހިފައިވާ މީހުންގެ ލޭގައި ބައްޔާއި ގުޅިގެން އުފެދޭ ހަށި ދަމަނަ ، ނުވަތަ އެންޓިބޮޑީޒް ހުރިކަން އިލްމު ވެރިން ހޯދިއެވެ. އޭގެ ފަހުން ވައިރަސް އޭޑްސް ބަލި ޖެހިފައި ތިބޭމީހުންގެ ލޭގައި ހުންނަކަން ވަނީ ހޯދިފައެވެ. އޭޑްސް ބައްޔަށް އަދިއަދާ ހަމައަށް ވެސް އެކަށޭނަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެ ހުރުމަކީ ބަލިން މިންޖުވުމަށް އޮތް އެންމެ ރަގަޅު ގޮތް ކަމުގައި ބުނެވެއެވެ. ބަލިޖެހޭތާ 10-2 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މަރުވެދާކަން ވަނީ އެގިފައެވެ.

 އެއިޑްސް ބަލި ޖެހޭގޮތް
·        ބަލި ޖެހިފައި ހުރި މީހަކާ އެކު ރައްކާތެރި ނޫންގޮތެއްގައި (ހުރަސް ބޭނުންކުރުމަކާ ނުލައި ) ޖިންސީ ގުޅުން ހިންގުން: އެގޮތުން އެއިޑްސް ޖެހިފައިވާ މީހަކާއެކު ހުރަސް ބޭނުންނުކޮށް (ކޮންމެ ގޮތަކަށް އަނގަ، ފުރަގަސް ފަރާތް، ކުރިމަތި ފަރާތް ނުވަތަ ފަރުޖު  ބޭނުންކޮށްގެން) ޖިންސީ ގުޅުން ހިންގުން . އެގޮތުން އޭޑްސް ޖެހިފައިވާ މީހަކާއެކު، ހުރަސް ބޭނުންކުރުމަކާ ނުލައި، އަނގަ، ފުރަގަސް ފަރާތް، ނުވަތަ ކުރިމަތި ފަރާތް ބޭނުންކޮށްގެން ޖިންސީގުޅުން ހިންގައިފިނަމަ އޭޑްސް ޖެހިދާނެ އެވެ.

·         އޭޑްސް ބަލީގެ ޖަރާސީމްހުރި ލޭ އެހެންމީހަކަށް އެޅުން: އޭޑްސް ބަލީގެ ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ލޭ، ސަލާމަތުން ހުރި މީހާގެ ގަޔަށް އަޅައިފިނަމަ، އެމީހަކަށް އެޗްއައިވީ ޖެހުމުގެ ފުރުޞަތު އޮވެއެވެ.

·        ބަލިޖެހިފައިވާ މީހަކު ބޭނުންކުރި އިންޖެކްޝަންކަށި، ސިރިންޖް، ކުރަފަތް، ރޭޒަރުތިލަ ފަދަ ތަކެތި އެހެންމީހަކަށް ބޭނުންކުރުން : މިގޮތުން އޭޑްސް ޖެހޭނީ އޭޑްސް ގެ ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކަށި، ތިލަ، ކުރަފަތް ފަދަ ތަކެތި ޖަރާސީމް ނައްތާލުމަކާއި ނުލައި، ދެވަނަ ފަރާތެއް ބޭނުންކޮށްފިނަމަ އެވެ. އާންމު ގޮތެއްގައި ކަށީގެ ޒަރީޢާއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ އެކަކު ބޭނުންކުރާ ކަށިން އަނެކަކު ވެސް މަސްތުވާތަކެތި ނަގައިއުޅޭ މީހުންނެވެ. ވީމާ މިފަދަ މީހުންނަށް މިއުޞޫލުގެ މަތީން އޭޑްސް ޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ.

·        އޭޑްސް ބަލިޖެހިފައިވާ މީހަކު ގާތުން ކިރުދިނުން: އެގޮތުން އޭޑްސް ބަލިޖެހިފައިވާ ކިރުމަޔަކު ތުއްތު ދަރިފުޅަށް ކިރުދިނުމުގެ ތެރޭގައި ކިރުގެ ތެރެއިން ތުއްތު ދަރިފުޅަށް ބަލީގެ ޖަރާސީމް ދިއުމުގެ ފުރުޞަތު އޮވެއެވެ. ސަބަބަކީ މިވައިރަސް އަކީ ކިރާއެކު ހަށިގަނޑުން ބޭރުވާ ޖަރާސީމަކަށް ވާތީއެވެ.

·        ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް ބަލި ވާޞިލްވުން ( ވިހެއުމުގެ ތެރޭގައި )
·        ބަލިޖެހިފައިވާ މައިމީހާ ތުއްތު ދަރިފުޅަށް ބުއްދިނުމުން
·         ކަނޑައިގެން ގޮސްފައިވާ ތަނެއްގައި ބަލިޖެހިފައިވާ މީހާގެ ގައިން ލޭ، ނުވަތަ ތެތްދިޔައެއް ޖެހުންނުވަތަ އުގުޅުން
·        ދެމީހުންގެ އަނގައިގެ ފާރުކޮޅެއް ނުވަތަ ކެނޑުމެއް ހުއްޓައި ބޮސްދީ ކިސްކުރުން
·        ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއް ހުރުން

އޭޑްސް ބަލިޖެހެނީ މައިގަނޑު 3 ގޮތަކުންނެވެ. އެއީ:-
·        ޖިންސީ ގުޅުން ހިންގުން
·        ލޭގެ ޒަރީޢާއިން
·        މައިމީހާގެ ފުށުން ދަރިފުޅަށް
(ހ)- ޖިންސީ ގުޅުންހިންގުން : އޭޑްސް ބަލި އެންމެ އާންމު ގޮތަކީ ބަލިޖެހިފައިވާ މީހަކާއެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުމެވެ. މިސާލަކަށް، އަނގަ ބޭނުންކޮށްގެން، ފުރަގަސްފަރާތް ނުވަތަ ކުރިމަތި ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުމެވެ.
(ށ) - ލޭގެ ޒަރީޢާއިން : ލޭގެ ޒަރީޢާއިން އޭޑްސް ފެތުރޭގޮތްތައް ތިރީގައި މިވަނީ އެވެ.
·        ކަށި، ސިރިންޖް ރޭޒަރު ފަދަ ތަކެތި ހިއްސާކުރުން
·        ބަލީގެ ޖަރާސީމްހުރި ލޭއެޅުން
·        ބަލީގެ ޖަރާސީމް ހުރި އާލަތެއް ބޭނުންކުރުން: ސިރިންޖް، ކަށި، ރޭޒަރުތިލަ، ކުރަފަތް
·        ބަލީގެ ޖަރާސީމްހުރި އާލާތަކުން ޖެހި ތަނެއް ކަނޑައިގެންދިއުން
·        ބަލީގެ ޖަރާސީމްހުރި ލޭ، ނުވަތަ އެހެންވެސް ދިޔައެއް ހަށިގަނޑުގައިވާ ތެތްދުލިފަށަލައަށް އޮހޮރުން ނުވަތަ ބުރައިގެންގޮސް ޖެހުން މިސާލަކަށް ލޮލަށް އެޅުން
(ނ) - މައިމީހާގެ ފުށުން ދަރިފުޅަށް: މިގޮތުން އޭޑްސް ޖެހެނީ:-
·        މާބަނޑު ދުވަސްވަރު
·        ވިހެއުމުގެ ތެރޭގައި
·        ވިހެއުމަށްފަހު ހިނދުކޮޅެއްގެ ތެރޭގައި: ގާތުންދިނުން

މާބަނޑު ދުވަސްވަރު : އެޗްއައިވީ ޖެހިފައި ތިބޭ ގިނަ މާބަނޑު މީހުންގެ ހަށިގަނޑުން ރަހިމުގައިވާ މަސް ހުރަސްކޮށް އެޗްއައިވީ ދަރިފުޅަށް ވާޞިލްކޮށެއް ނުދެއެވެ. އެކަމަކު އޭގެ ބަދަލުގައި މަސްވެފައިވަނީ އެފަދަ ބަލިތަކުން ދިފާޢުކޮށްދޭ އައްޑަނަ އަކަށެވެ. ނަމަވެސް މިގޮތަށް މަސް ބަލިތަކުން ދިފާޢުކޮށް ރައްކާތެރިކޮށްދިނުމަށް ހުރަސް އަޅާ ޙާލަތްތަކެއް ވެއެވެ. އެއީ:- މައިމީހާއަށް:
-          މާބަނޑު ދުވަސްވަރު ޕެރަސައިޓް، ނުވަތަ ބެކްޓީރިޔާ އިން ޖެހޭ ބައްޔެއް ޖެހި އޭގެ އަސަރު ރަހިމުގައިވާ މަހަށްކުރުން
-          މާބަނޑު ދުވަސްވަރު އެޗްއައިވީ ޖެހި، މަތީ މިންގަނޑަކަށް ވައިރަސް ހަށިގަނޑުގައި އުފެދި އިތުރުވުން
-          އޭޑްސް އާއި ގުޅިގެން މާބޮޑަށް ދިފާޢީބާރުދަށްވެ ޙާލު ގޯސްވުން
-          މާބަނޑު ދުވަސްވަރު ކާނާ ގޯސްވުން ކުރިމަތިވެ، ދިފާޢީބާރު ދަށްވުން
ވިހެއުމުގެ ތެރޭގައި : އޭޑްސް ޖެހިފައިވާ މައިންނަށް ލިބޭ ތުއްތު ދަރިފުޅަށް ވިހެއުމުގެ ތެރޭގައި އޭޑްސް ޖެހުމުގެ ފުރުޞަތު ނުވަތަ ނުރައްކާ ވަރަށް ބޮޑަށް އޮވެއެވެ. އެގޮތުން އެފަދަ ކުދިންނަށް އޭޑްސް ޖެހެނީ ވިހެއުމުގެ ތެރޭގައި މައިމީހާގެ ރަހިމުން ބޭރުވާ ދިޔަ، ނުވަތަ މައިމީހާގެ ލޭ، ބޮވިގެން، ނުވަތަ ތުއްތުދަރިފުޅުގެ އަރުތެރެއަށް ގޮސްގެންނެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅަށް އޭޑްސް ޖެހުމަށް މެދުވެރިދާނެ ކަންތައްތަކުގެ ތެރޭގައި:-
-          ނުވިހައި ދިގުލައި ގޮސް އެންމެ ފަހުން ފެންދުލި ފަޅައިގެންދިއުން
-          ފެންދުލީގައި ޖަރާސީމް އަށަގެންފައިވުން
-          ވިއްސުމުގެ ތެރޭގައި ކުރެވޭ ކަންތައްތަކުގެ ތެރެއިން މައިމީހާގެ ލެޔާއި ތުއްތު ދަރިފުޅު ބީހެން ޖެހޭފަދަ ޙާލަތްތައް. މިސާލު: އަރިމަތިން ކަފާލުން
-          އެއްފަހަރާ ބައިވަރު ކުދިން ވިހާއިރު ފުރަތަމަ ވިހާ ދަރިފުޅު

ގާތުން ކިރުދިނުމުގެ ތެރޭގައި އޭޑްސް ޖެހުން : އެޗްއައިވީ ކިރުގައި ހުރެއެވެ. ނަމަވެސް ލޭގައި ހުންނަ މިންވަރަށްވުރެ މާމަދުންނެވެ. ކިރުދިނުމުގެ ތެރެއިން އޭޑްސް ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި:-
-          ގާތުންދޭގޮތް: ހަމައެކަނި ގާތުންކިރުދޭ ކުދިންނަށް އޭޑްސް ޖެހުމުގެ ފުރުޞަތު ކުޑަކަމަށް ފާހަގަކުރެވެއެވެ. މިކްސްޑް ފީޑިންގ އަށް މިފުރުޞަތު ބޮޑެވެ.
-          އުރަމަތީގެ ބަލިތައް : ވަށްގަނޑު ފާރުވުން، ވަށްގަނޑުން ލޭއައުން، އުރަމަތި ދުޅަވެ ދޮސްގަތުން
-          ގާތުންދޭ މުއްދަތު: ގިނަ ވަގުތު ގާތުން ދިނުމުގައި ހޭދަވާ ވަރަކަށް އޭޑްސް ޖެހުމުގެ ފުރުޞަތު ބޮޑެވެ.
-          މައިމީހާގެ ގައިގައި ވައިރަސް ހުރި މިންވަރު: ގާތުންދެމުންދަނިކޮށް އޭޑްސް ޖެހިއްޖެނަމަ، ދަރިފުޅަށް އޭޑްސް ޖެހުމުގެ ފުރުޞަތު 30 ގުނަ އިތުރެވެ.
-          މައިމީހާައަށް ރަގަޅު ކާނާ ނުލިބުން
-          މައިމީހާގެ ދިފާޢީބާރު ދަށްވުން

 އެއިޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަގޮތް
އޭޑްސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަންގަނޑާއި، ތެތް ދުލިފަށް އަދި މާބަނޑު މީހާގެ ބަނޑުގައިވާ މަސް ހުރަސް ކޮށެވެ.އެކަކު ގައިން އަނެކަކު ގަޔަށް އާންމު ގޮތެއްގައި އެޗްއައިވީ އަރަނީ ހަށިގަނޑުގެ ދިޔައިންނެވެ. ބަލި ޖައްސާ ވައިރަސް އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ، މަނި، ކުޅު، ލޭ، ކަރުނަ، ކުޑަކަމުދާ ތަކެތި، ކިރު އަދި ހަށިގަނޑުން ބޭރުވާ އެހެން ދިޔައިގެ ތެރޭގައި ވެސް ހުރެއެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ނުވަތަ ތެތްކަން،މައިމީހާގެ ގާތުންދޭ ކިރު، މަނި، އަދި ލޭގެ ޒަރީޢާ އިންނެވެ. މިއީ އެއިޑްސް ޖެހުމަށް މެދުވެރިވާ ސަބަބުތަކެވެ.


އޭޑްސް ބަލި ނުޖެހޭނެ ގޮތްތައް
ގައިގައި އަތްލައި،އުރާ، ބީހި، ބައްދައިހެދުން
ފޯނުން ވާހަކަދެއްކުން
އެއްފާޚާނާ ބޭނުންކުރުން
މެހި، މަދިރި ފަދަ ސޫފާ ސޫފީން (ހެފުން/ދަތްއެޅުން)
ބަލިޖެހިފައިވާ މީހަކާ އެއްތާކު ނިދުން
ކާބޯތަކެތި ބޭނުންކުރުން
އެއްތަށިން ކެއުން
ތަށި ސަމުސާ ފަދަ ތަކެތި ބޭނުންކުރުން
ކުޅު، ސޮނި، ދާ، ކަރުނައިން
އާދައިގެ ދޮންދިނުން
ސަލާމްކުރުން
އެއްހެދުމެއްލުން
ކެއްސާ ކިނބިހިއެޅުން
އެއް ތުވާލި ބޭނުންކުރުން
އެކުގައި ކުޅެހެދުން
އަމިއްލައަށް ޖިންސީއެދުން ފުއްދުން
އޭޑްސް ޖެހިފައިވާ މީހަކާ އެއްގޭގައި އުޅުން
ލޭހަދިޔާކުރުން
އަތް ބޭނުންކޮށްގެން ޖިންސީގޮތުން ބާރުފޯރުވުން: މިފަދަ ހާލަތުގައި ކަނޑައިގެން ގޮސްފައިވާ ތަނަކަށް މަނި، ކުރިމަތިފަރާތުން ބޭރުވާ ދިޔަ ބީހިއްޖެނަމަ އޭޑްސް ޖެހުމުގެ ފުރުޞަތު އޮވެއެވެ.

އެއިޑްސް ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހުން
·        އިސްލާމީ ހަމަތަކާ އުސޫލްތަކާ ޚިލާފަށް ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާމީހުން
·         ލޭގެ ތެރެއަށް މަސްތުވާ ތަކެތި ފޮނުވައިގެން ބޭނުންކުރާ މީހުން
·         ލޭގަނޑުވުން ކުރިމަތިކުރުވާ ބައްޔެއް ޖެހިފައިވާ މީހުން
·         ގުނަވަން ބަދަލުކުރަން ޖެހިފައިވާ މީހުން
·         ބަލީގެ ވައިރަސް އާ އެކުވެފައިވާ ލޭ ހަށިގަނޑަށް އަޅާފައިވާ މީހުން
·         ބަލިޖެހިފައިވާ މާބަނޑު މީހާގެ ބަނޑުގައިވާ ކުޑަ ދަރިފުޅަށް

އެއިޑްސް ބަލި ދިފާޢީ ނިޒާމްގެ ބާރު ދަށްކޮށްލުން
އެޗްއައިވީ ވައިރަސް ހަމަލާދެނީ ލޭގެ ހުދު ސެލް(WBCs) ގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް (T-lymphocyte)، ގެ ވަކިވައްތަރު ތަކުގެ ތެރެއިން ހެލްޕަރ ޓީ ސެލް(helper T Cells)، އަށެވެ. މިބުނި ސެލްއާއި މެދު ބެލެވިފައިވަނީ ދިފާޢީ ނިޒާމްގެ ގިނަ ސެލްތަކެއްގެ ވަޒީފާ ކޮންޓްރޯލްކުރާ މޭސްތިރި ކަމުގައެވެ. އެޗްއައިވީ ވައިރަސް ތަތްވަނީ މިބުނި ސެލްގެ ސަތަޙައިގައިވާ ''ސީޑީ4''(CD4) އޭ ކިޔޭ މޮލިކިއުލް ތަކާއެވެ. މިމޮލިކިއުލް ތަކަކީ ވައިރަސްގައި އެކުލެވޭ ގްލައިކޯ ޕްރޮޓީން ތަކަށް ހުންނަ ރިސެޕްޓަރ ތަކެކެވެ. މިބުނި ސެލް ވައިރަސް އާއި ތަޣައްޔަރުވުމުން އެތައް ގްލައިކޯ ޕްރޮޓީން ތަކެއް ސެލްއާއި ތަތްވެ، އެސެލްގެ ވަށައިގެންވާ ސެލްތައް ވައިރަސް އާއި ތަޣައްޔަރު ކުރުވައި، ސެލްތައް އެއްވެގެން ދެއެވެ. އެއަށްފަހު އެއްވެގެންދިޔަ ސެލްތައް ބައިބައިވެ ފުނޑުފުނޑުވެގެން ދެއެވެ. އެއާއި ގުޅިގެން ހެލްޕަރ ޓީ ސެލް ތަކުގެ މިންވަރު މަދުވެ، ދިފާޢީ ބާރު ވެސް ކުޑަކޮށްލައެވެ. މިގޮތަށް ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެގެންދާ ހިނދު ބައެއް ކަހަލަ ބަލިތަކާއި، އިންފެކްޝަންތަކަށް، އަދި ކެންސަރުގެ ބާވަތްތަކަށް ހަށިގަނޑު ހުށަހެޅި އާޚިރު ނަތީޖާއެއްގެ ގޮތުން މަރުވެދެއެވެ

އެޗްއައިވީ ވައިރަސް އަށް ހިމޭންކަމާއެކު ދެމިހުރުމުގެ ކުޅަދާނަކަން ލިބިގެން ވެއެވެ. މިގޮތުން މިވައިރަސް ހިމޭންކަންމަތީ ލޭގެ ހުދު ސެލްގެ ވައްތަރު ތަކުގެ ތެރެއިން ލިމްފަސައިޓް އަދި މޮނަސައިޓް ތަކުގެ ތެރޭގައި ދެމިހުރެއެވެ. ބަލީގެ ނުރައްކާތެރި ޢަލާމާތްތައް ފެންނަނީ ފުރަތަމަ ވައިރަސް ހަށިގަނޑަށް ވަންނަތާ 7 އަހަރު ވަރު ފަހުންނެވެ. އެއީ ކުރިން ބަޔާންކުރެވުނު ހިމޭންކަންމަތީ ހުރި ވައިރަސްތައް މުރާލިވެ، ހަރަކާތްތެރިވާން ފެށުމުންނެވެ. މިބުނިގޮތަށް ވައިރަސް މުރާލިވެ ހަރަކާތްތެރިވާން ފަށަނީ ބައެއް ކަހަލަ އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ. މިސާލަކަށް ''އެޕްސްޓޭންބަރ ވައިރަސް''، ''ހެޕަޓައިޓިސްބީ ވައިރަސް''، ''ހާރޕީޒް ސިމްޕްލެކްސް ވައިރަސް''، ''ސައިޓޯމެގާލޯ ވައިރަސް''، ސިފިލިސް، ކިހުނުވުން އަދި މިނޫނަސް ތަފާތު އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅޭ ހިނދުގައެވެ

އެއިޑްސް ބަލި ޖެހުމުން ފެންނާނެ ޢަލާމާތްތައް
މިބަލީގައި ފެންނަ އަލާމާތްތައް 3 މަރުޙަލާ އަކަށް ބަހާލެވިދާނެ އެވެ
ފުރަތަމަ މަރުހަލާ: ހުންއައުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، ކަރުތެރެ ފާރުވުން، އަދި ގޮށްލުމާއި ބިހިނެގުން ފަދަ ކަންތައް ފެންމަތިވާނެއެވެ

ހިމޭން މަރުހަލާ: ދިގު މުއްދަތަކަށް ދެމިގެންދާ ގާތްގަނޑަށް 2 މަހުން ފެށިގެން 7 އަހަރު ދުވަހުގެ މުއްދަތާއި ދެމެދުގެ މިންވަރަކަށް ދެމިގެން ގޮސްދާނެ މިމަރުހަލާގައި އެއްވެސް ޢަލާމާތެއް ނުފެންނާނެ އެވެ. އެއީ ހަށިގަނޑުގައި އިންފެކްޝަން އާއި، ދިފާޢީ ނިޒާމް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނާތީ އެވެ

މުޅިހަށިގަނޑުގައި ގޮށްލުން: މިއީ ދިފާޢީ ނިޒާމަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތުން އުކުޅުވަޅާއި، ކިހިލިފަތްދޮށް ފަދަ ހިސާބުތަކުގައި ގޮށްލުން ކުރިމަތި ކުރުވައެވެ

ފަހު މަރުހަލާ: މިމަރުހަލާގައި ދިފާޢީ ނިޒާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް މަގުފަހިވެ، ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިގޮތުން ކުރިމަތިވެދާނެ އުދަގޫތަކުގެ ތެރޭގައި، ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުން ކުރިމަތިވެދާނެ ބަލިތަކުގެ ތެރޭގައި، އެކި ވައްތަރުގެ ބޭރަށް ހިންގުން، ކެއްސުން ބަލި، ހޯއްގޮއްވާ ކެއްސުން، އަރިދަފުސް ރޯގާ، ޝިގެއްލާޖެހުން، ފުރަމޭ ދުޅަވުން، އަދި ގޮހޮރު ހަލާކުވުން، އަދި ހަމުގެ ބަލިތަކާއި މިނޫނަސް އެތައް ބަލިތަކެއް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ތަޙައްމަލު ކުރަން އުދަގޫ އެތައް ކަމެއް ފެންމަތިވެގެން ދެއެވެ

ނޯޓް : ތިރީގައި މިވަނީ އޭޑްސް އާއި ގުޅިގެން ކުރިމަތިވާ އަލާމާތްތަކަށް އިތުރު ގޮތަކަށް ބަލާލެވިފައެވެ.
އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމަށްފަހު ކުރީކޮޅުގައި މާގިނަ އުދަގޫތަކެއް ނުވެއެވެ. އަދި ޚާއްޞަ އަލާމާތްތަކެއް ވެސް ނުފެނެއެވެ. މީހާގެ ޞިއްޙަތަށް ވެސް މާބޮޑު ބަދަލެއް ނާދެއެވެ. ނަމަވެސް ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމާއެކު، ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފެދިފައިވާ ދިފާޢީ ބާރު މަޑުމަޑުން ހަލާކު ކޮށްލަން ފަށައެވެ. މިދުވަސްވަރު ވެސް އެމީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފަތުރާދެއެވެ.
·        އޭޑްސް ވައިރަސް ހަށިގަނޑުގައި ވަރަށް އަވަހަށް އިތުރުވެއެވެ. އަދި މިގޮތަށް ދިމާވުމުން ބަލިމީހާގެ ކަރާއި ކިހިލިފަތްދޮށް، އަދި އުކުޅުވަޅުގައި ގޮށްލާން ފަށާނެއެވެ.
·        އޭޑްސް ވައިރަސް ހަށިގަނޑަށް ވަނުމުން ދިފާޢީ ބާރު ނެތިގޮސް، އެކަމުގެ ސަބަބުން އެހެން ބަލިތަކަށް ހަށިގަނޑު ހުށަހެޅުމުގެ މަގުފަހި ވެއެވެ.
·        އެންމެ ފަހުން ބަލިމީހާގެ ހަށިގަނޑު ހިކި އަނަރޫފަވެ، ބޭރަށްހިންގުމާއި، ކެއްސުން ބަލި ފަދަ ބަލިތަކަށް ހަށިގަނޑު ހުށަހެޅިގެން ދެއެވެ.

ބަލީގެ ކުރީކޮޅު: ހުންއައުން، ގައިގައި ރިހުން، ގޮށްލުން، ބިހިނެގުން

ބަލީގައި ގިނަ ދުވަސްވުމުން:
·        1 މަހަށްވުރެ ދިގުމުއްދަތަކަށް ބޭރަށްހިންގުން
·        1 މަހަށްވުރެ ދިގުމުއްދަތަކަށް ހުންއައުން
·        1 މަހަށްވުރެ ދިގުމުއްދަތަކަށް ކެއްސުން
·        ހަމުގެ ބަލިތައްޖެހި ގިނަދުވަސްވުމާއި، ގައިގެ ހަންގަނޑު ފާރުވެ ރަގަޅުނުވުން

އެއިޑްސް ބައްޔާއި ގުޅިގެން ދިމާވާ މައްސަލަތައް
(ހ) - ނޭވާލާ ނިޒާމަށް ކުރިމަތިވާ ބަލިތައް
Ø      ނިއުމޯސިސްޓިސް ނިއުމޯނިޔާ: އެއިޑްސް ބަލީގެ އަހުލުވެރިންގެ ތެރޭގައި ޢާންމު މިބައްޔަކީ ''ނިއުމޯސިސްޓިސް ޖިރަވެސި'' ކިޔާ ޕެރަސައިޓެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ކުރިއަރަމުން އަންނަ ގައުމުތަކުގައި އެއިޑްސް އަށް ކުރިން ޓެސްޓް ނުކޮށްތިބޭ މީހުންނަށް އެއިޑްސް ޖެހިފައިކަން އަންގައިދޭ ފުރަތަމަ ނިޝާނަކަށް މިބައްޔަށް އެމީހާ ހުށަހެޅިފައިވާކަން އެގުން ހިމެނެއެވެ
Ø      ކެއްސުން ބަލި: އެއިޑްސް ބަލީގެ އަހުލުވެރިންނަށް ކެއްސުން ބަލި ޖެހެނީ އެއިޑްސް ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ ކުރީކޮޅު އެވެ. މިބައްޔަކީ ބޭހުގެ އެހީގައި ފަރުވާހޯދި މުޅިން މިންޖުވެވޭނެ ބައްޔެކެވެ. ކެއްސުން ބައްޔަކީ ނޭވާލާ ނިޒާމްއަށް ޖެހޭ މައިގަނޑު ބައްޔެއް ކަމަށް ބެލިފައިވިޔަސް ހަށިގަނޑު އެހެން ބައިތަކަށް ވެސް ކެއްސުން ބަލި ޖެހެއެވެ. އެގޮތުން ކެއްސުން ބަލި ނުވަތަ ޓީބީ ކަށީގެ މަދު، ކަށި، ފުރަމޭ، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކާއި މިނޫން ހަށިގަނޑުގެ ޓިޝޫ ތަކަށް ވެސް ޖެހެއެވެ

(ށ) - ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ ބަލިތައް
Ø      ކާތަކެތި ހިގާ ހޮޅި ދުޅަވުން: ކާތަކެތި ހިގާ ހޮޅި ދުޅަވުމޭ ބުނެވެނީ ކާތަކެތި ހިގާ ހޮޅީގެ ތިރީބައި ގައި އިންފްލެމޭޝަން އުފެދި ފުއްޕުމަށް ނިސްބަތް ކޮށެވެ. އެއިޑްސް ބަލީގެ އަހުލުވެރިންނަށް މިމައްސަލަ ކުރިމަތިވަނީ ފަންގަސް، ނުވަތަ ވައިރަސް އެއްގެ ސަބަބުންކަން ފާހަގަ ކުރެވިފައި ވެއެވެ
Ø      އާދަޔާ ޚިލާފަށް ބޭރަށް ހިންގުން: މިއީ އެއިޑްސް ބަލީގެ އަހުލުވެރިންގެ މެދުގައި ވަރަށް ޢާންމު ކަމެކެވެ. ބޭރަށް ހިންގުން ކުރިމަތިވަނީ ތަފާތު ޖަރާސީމް ތަކުގެ ސަބަބުންނެވެ. މިގޮތުން ބޭރަށް ހިންގުން ކުރިމަތިކުރުވާ ބެކްޓީރިޔާ ތަކުގެ ތެރޭގައި ''ސަލްމޮނެއްލާ''، ''ލިސްޓީރިއާ''، ''ޝިގެއްލާ''، ''ކަމްޕައިލޯ ބެކްޓަރ''، އަދި ''އީކޮލައި'' ފަދަ ބެކްޓީރިޔާ ތައް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ވައިރަސް ތަކާއި، ޕަރަސައިޓްގެ ސަބަބުން ވެސް ބޭރަށް ހިންގުން ކުރިމަތި ކުރުވައެވެ

(ނ) - ނާރުތަކުގެ ނިޒާމްއަށް ކުރިމަތިވާ ބަލިތައް
Ø      ޓޮކްސަޕްލާޒްމޯސިސް: މިއީ ''ޓޮކްސަޕްލާޒްމާ ގަންޑީ'' ކިޔާ ޕެރަސައިޓެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑިއަށް އަަސަރުކޮށް ސިކުނޑި ދުޅަވުން މެދުވެރި ކުރުވައެވެ. މީގެ އިތުރުން މިބަލީގެ އަސަރު ފުއްޕާމޭ އަދި ލޮލަށް ވެސް ކުރެއެވެ
Ø      ޕްރޮގްރެސިވް މަލްޓިފޯކަލް ލޫކައެންކެފަލަޕަތީ: މިބަލި ޖެހުމުން ނާރު ސެލްގެ ވަށައިގެން ހުންނަ ''މައެލިން'' ފަށަލަ މަޑުމަޑުން ހަލާކުވަމުން ދެއެވެ. ''ޖޭސީ ވައިރަސް''ގެ ސަބަބުން ޖެހޭ މިބަލި އެއިޑްސް ބަލި ޖެހިފައި ތިބޭ 70 އިންސައްތަ މީހުންނަށް ކުރިމަތިވާ ކަމަށްވެއެވެ. މިބަލި ޖެހެނީ އާދަޔާ ޚިލާފަށް ދިފާޢީ ނިޒާމްގެ ބާރު ދަށްވުމުންނެވެ
Ø      ކްރިޕްޓަކޯކަލް މެނިންޖައިޓިސް: މިއީ ''ކްރިޕްޓަކޯކަސް ނިއުފޯމަންސް'' ކިޔޭ ފަންގަސް އެއްގެ ސަބަބުން ސިކުނޑި އަދި ސްޕައިނަލް ކޯޑް ވަށައިގެންވާ ދުލި ފަށަލަތައް ދުޅަވުމެވެ. މިބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ވަރުބަލިވުން، މޭނުބައިކުރުން، އަދި ހޮނޑުލުން ފަދަ ކަންތައްތައް ހިމެނެއެވެ

(ރ) - ޢާންމު ކެންސަރުގެ ވައްތަރުތައް
Ø      ކަޕޯސިސް ސާކޯމާ: މިއީ އެއިޑްސް ބަލީގެ އަހުލުވެރިންނަށް ޖެހޭ އެންމެ އާންމު ކެންސަރުގެ ވައްތަރެވެ. މި ކެންސަރު ޖެހުމުން ހަންގަނޑުގައި ދަނބުކުލައިގެ ފިތްގަނޑު ނުވަތަ ލައްތަކެއް ފާނޑުގެ އެއްޗެއް ނަގައެވެ
Ø      ރަހިމުގެ ދޮރުގެ ކެންސަރު: އެއިޑްސް ބަލި ޖެހިފައިތިބޭ އަންހެނުންނަށް މިއީ ވަރަށް ގިނައިން ޖެހޭ ކެންސަރުގެ ވައްތަރެއްކަމަށް ފާހަގަ ކުރެވެއެވެ. މިކެންސަރު ޖެހެނީ ''ހިއުމަން ޕެޕިލޯމާ ވައިރަސް'' ގެ ސަބަބުންނެވެ

އެއިޑްސް ބައްޔަށްދެވޭ ފަރުވާ
 އެއިޑްސް ބަލިން ރައްކާތެރިވުމަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަދި ރައްކާތެރިވެ ހުރުމަށް ދެވޭނެ ވެކްސިނެއް ވެސް އުފެއްދިފައެއް ނުވެއެވެ. އެހެންކަމުން މިބައްޔާމެދު ރައްކާތެރިވެ، އެކަމުން ދުރުވެ ހުރުމަށް އޮތް ހުރިހާ ފިޔަވަޅެއް އެޅުމަކީ އެންމެ ރަގަޅު ގޮތް ކަމުގައި ބެލެވެއެވެ. ބަލިޖެހުމުން ފަރުވާގެ ގޮތުގައި މިހާރު ބޭނުންކުރެވެނީ ''ހައިލީ އެކްޓިވް އެންޓިރެޓްރޯވައިރަލް ތެރަޕީ'' (HAART)ގެ ނަމުގައި ދެވޭ ފަރުވާ އެކެވެ. މިފަރުވާގެ ސަބަބުން އެއިޑް ބަލީގެ އަލާމާތްތަކާއި އޭގެ އުދަގޫތައް ކޮންމެވެސް ވަރަކަށް ކުޑަކޮށްދޭ ކަމަށް ބުނެވެއެވެ. ނަމަވެސް ފަރުވާ ކުރަމުން ގޮސް ހުއްޓާލައިފިނަމަ ހަމަ އާދައިގެ ގޮތަށް އުދަގޫތައް އިތުރުވެގެން ދެއެވެ. މިބުނި ފަރުވާ ތަޢާރަފްކުރެވުނީ 1996 ވަނަ އަހަރު އެވެ. އެއިޑްސް ބައްޔަށް ފަރުވާ ހޯދުމަށްޓަކައި މިހާރުވެސް ދުނިޔޭގެ އެކިއެކި ޖަމާޢަތްތަކާއި، ޔުނިވަސިޓީތަކާއި، މެޑިކަލްކޮލެޖްތަކުގެ ސައިންސްވެރިންނާއި، ޑޮކްޓަރުން ދަނީ ހޭބޯ ނާޅައި މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ބޭނުންކުރެވޭ ތަފާތު ބޭސްތަކުގެ ބަދަލުގައި އާބޭސްތަކެއް އުފެއްދުމަށްވެސް ދަނީ މަސައްކަތް ކުރެވެމުންނެވެ

އެއިޑްސް ބަލިން ރައްކާތެރިވުން
·        ޙަޔާތުގެ ބައިވެރި އަކަށް ވަފާތެރި އެކަކު ޚިޔާރުކުރުން ނުވަތަ ތެދުވެރި ވަފާތެރި އެއްބައިވެރިޔަކާއެކު ނޫނި ޖިންސީ ގުޅުން ނުހިންގުން
·        ތިމާގެ ޢަމަލުތައް އިސްލާމް ދީނުގެ އުސޫލްތަކާއި އެއްގޮތަށް ބެހެއްޓުން ނުވަތަ އިސްލާމީ ހަމަތަކާއި އެއްގޮތަށް ޖިންސީ ގުޅުން ހިންގުން
o       އެއްޖިންސުން ގުޅުން ނުހިންގުން
o       ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o       ވަފާތެރި އެކަކު ޚިޔާރުކުރުން
o       ހަށިނުވިއްކުން
·         ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން، ނުވަތަ ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
·        އޭޑްސް ބައްޔާއި ބެހޭ މަޢުލޫމާތު ހޯދައި އޮޅުން ފިލުވައި ދެނެގަތުން
·         ލޭއެޅުމުގެ ކުރިން އެއީ ރައްކާތެރިލޭތޯ ބަލައި ޗެކްކުރުން : މާނައަކީ ލޭއެޅުމުގެ ކުރިން އެލެޔަކީ އެޗްއައިވީ އަށް ޓެސްޓްކޮށްފައިވާ ލޭތޯބެލުން
·        އެކަކު ބޭނުންކޮށްފައި ހުންނަ ރޭޒަރު، ސިރިންޖް ފަދަ ތަކެތި ބޭނުން ނުކުރުން : އެފަދަ ތަކެތި ބޭނުންކުރާނަމަ، ރަގަޅަށް ކައްކާފައި، ނުވަތަ ލައްފިލުވާ ބޭސް، ނުވަތަ ކްލޮރިން އަޅާފައި ހުރި ފެނުގައި 15 މިނިޓް އިރު ވަންދެން ބަހައްޓާފައި ނޫނީ، އެކަކަށް ބޭނުންކުރި ރޭޒަރު ތިލަ، ކުރަފަތް ފަދަ ތޫނު އެއްޗެތި ބޭނުން ނުކުރުން.
·         ޑިސްޕޯސަބަލް ސިރިންޖް އަންގި ބޭނުންކުރުން
·        އިންޖެކްޝަން ކަށި، ސިރިންޖް ފަދަ ތަކެތި ބޭނުން ކުރުމުގެ ކުރިން ސްޓެރިލައިޒްކުރުން ނުވަތަ ރަގަޅަށް ސްޓެރިލައިޒްކޮށްފައިވާ އަދަވާތްތައް ބޭނުންކުރުން
·        ޓެޓޫ ޖެހުމާއި ކަންފަތް ތޮރުފުން ފަދަ ޢަމަލްތަކާއި ދުރުހެލިވުން: އެއީ މިކަންކަމުގައި ބޭނުންކުރެވޭ ތޫނު އާލަތަކީ ބައެއް ފަހަރު އޭޑްސް ބަލީގެ ވައިރަހާއި ތަޣައްޔަރު ވެފައިވާ އެއްޗަކަށް ވެދާނެތީއެވެ
·         ޞިއްޙީ ދާއިރާގައި މަސައްކަތްކުރާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
·         ބަލިޖެހިފައިވާ މީހުން އެހެންމީހުންނަށް ބަލި ނާރާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުން
·        ބަލިޖެހިފައިވާ މީހެއްނަމަ :- ގާތުން ކިރު ނުދިނުން
·         ވިހެއުމުގެ ތެރޭގައި ދަރިފުޅަށް ބަލިޖެހިދާނެތީ ޑޮކްޓަރަކާއި ވާހަކަ ދައްކައިގެން ދަރިފުޅަށް ރައްކާތެރިގޮތެއް ހޯދުން

މަޢުލޫމާތު:-
·        ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·        ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·        އެޗްއައިވީ އަށް ޓެސްޓުކޮށްލަންވަން ބޭނުންފުޅުތޯ؟ - އޭޑްސް – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2005
·        އޭޑްސް – މައުލޫމާތު ޝީޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު
·        ކަވާސާ.ކޮމް
·        އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް





No comments:

Post a Comment