Wednesday, June 6, 2012

ގްރެނިއުލޯމާ އިންގްވެނޭލީ

ގްރެނިއުލޯމާ އިންގްވެނޭލީ
ގްރިނއުލޯމާ އިންގްވެނޭލީ(Granuloma Inguinale) އަކީ ޖިންސީ ގުޅުމުންޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ މިބަލި ޢާންމުކޮށް ޖެހޭ ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން 40-20 އަހަރާއި ދެމެދުގެ ޖިންސީ ގޮތުން ހަރަކާތްތެރިވެ އުޅޭ އުމުރުފުރާގެ މީހުންނަށެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ފުށުން ބަލި ފެނުމަކީ ނާދިރު ކަމެކެވެ. ދެޖިންސުގެ މީހުންނަށް ވެސް މިބަލި ޖެހެއެވެ. ނަމަވެސް ނިސްބަތުން ފިރިހެނުންނަށްޖެހޭ މިންވަރު އިތުރެވެ. މިބައްޔަށް ''ޑޮނޮވަނޯސިސް''(Donovanosis) އޭ ވެސް ކިޔައެވެ. އެމެރިކާގައި ދޮންމީހުންނަށްވުރެ ކަޅު މީހުންނަށް ބަލިޖެހޭ މިންވަރު އިތުރެވެ. އިންޑިޔާގައި މުސްލިމުންނަށްވުރެ ހިންދީންނަށް ބަލިޖެހޭ މިންވަރު އިތުރެވެ. މިބަލި ބޮޑަށް އާންމުވެފައިވަނީ ޖިއޮގްރަފިކަލް ގޮތުން ހޫނު ހިސާބުތަކުގައި ފާހަގަ ކުރެވެއެވެ.
 
ގްރެނިއުލޯމާ އިންގްވެނޭލީ ޖެހޭ ސަބަބު
ގްރެނިއުލޯމާ އިންގްވެނޭލީ ޖެހެނީ ކްލެބްޒިއެލާ ގްރެނިއުލޯމެޓިސް(Klebsiella granulomatis) އޭ ކިޔާ ޖަރާސީމެއްގެ ސަބަބުންނެވެ.މިބެކްޓީރިޔާއަށް ކުރިން "ކެލިމެޓޯބެކްޓީރިއަމް ގްރެނިއުލޯމެޓިސް"(Calymmatobacterium granulomatis) އޭ ކިޔައި އުޅުނެވެ.

ގްރެނިއުލޯމާ އިންގްވެނޭލީ ޖެހޭގޮތް
·        ބަލިޖެހިފައިވާ މީހަކާއެކު ކުރިމަތި ފަރާތް، ފުރަގަސް ފަރާތް ނުވަތަ އަނގަ ބޭނުންކޮށްގެން ޖިންސީ ގުޅުން
·        ބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރު ވެފައިވާ ފެނާއި، ކާނާ ބޭނުންކުރުން
·        ބަލިޖެހިފައިވާ މާބަނޑު މީހާގެ ފުށުން ވިހެއުމުގެ ތެރޭގައި ބަނޑުގައިވާ ދަރިފުޅަށް ބަލިޖެހުން

ގްރެނިއުލޯމާ އިންގްވެނޭލް ޖެހުމުން ފެނިދާނެ އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ގްރެނިއުލޯމާ އިންގްވެނޭލީ ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 12-1 ހަފްތާއާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ނަމަވެސް މިމުއްދަތު އެވްރެޖް ގޮތެއްގައި އުޅެނީ 50 ދުވަހުގައެވެ.

މިބަލި ޖެހުމުން ޖިންސީ ގުނަވަން އެކުލެވޭ ހިސާބުގައި ފެންފޮޅު ހެން ހުންނަ ބިހި ނުވަަތަ ފޮޅުތަކެއް ނަގައެވެ. އެއަށްފަހު މަޑުމަޑުން އެފޮޅުތައް ފެޅި ފާރުގަނޑަކަށް ބަދަލުވެއެވެ. ސިފިލިސް، ޝެންކްރޮއިޑް، އަދި ޖެނިޓަލް ހާރޕީޒް އާއި ގުޅިގެން އުފެދޭ ފާރުކޮޅާއި މިބައްޔާއި ގުޅިގެން އުފެދޭ ފާރުކޮޅު ވަރަށް އެއްގޮތް ވާނެއެވެ. މިފާރުކޮޅުތައް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ތެތް ދުލިފަށްތައް އަދި ހަންގަނޑުގައި ވެސް ހުރެދާނެއެވެ. އެއަށްފަހު އުކުޅުވަޅާއި ފުރަގަސް ފަރާތަށް ފެތުރިގެން ދެއެވެ.

ފާރުކޮޅުތަކުގެ ބައްޓަން
ބައްޔާއި ގުޅިގެން ހަމުގައި އުފެދޭ ފާރުކޮޅުތައް އޭގެ ބައްޓަމަށް ބަލައިގެން ތަފާތު 4 ގޮތަކަށް ނުވަތަ ވައްތަރަކަށް ހުރެއެވެ.
(1)- ނޮޑިޔުލަރ (Nodular): ބައްޔާއި ގުޅިގެން ފުރަތަމަ ނަގާނީ ބިއްސެއް ނުވަތަ ގޮށެކެވެ. މިގޮށް ނުވަތަ ބިހި ނަގާނީ ޖަރާސީމު ހަމަށް ވާޞިލްވި ހިސާބުގައެވެ. މިގޮށް މަޑުވެފައި، ރަތްކަމެއް ހުރެފައި، ހިރުވުމެއް ހުންނާނެ އެވެ. އަދި މަޑުމަޑުން ފާރުކޮޅަކަށް ބަދަލުވާނެ އެވެ. މިގޮށް ފަހަރުގައި ގޮށްލުން ކަހަލަ ކަމެއްކަމަށް ހީކޮށް އޮޅުން އަރައިފާނެ އެވެ.
(2)- އަލްސެރޯވެޖިޓޭޓިވް (Ulcerovegetative): މިވައްތަރު ފެށިގެން އަންނަނީ ކުރިން ބުނި ގޮށް އުފެދޭ ވައްތަރުންނެވެ. އެގޮތުން ބޮޑު، ތަދު ނުހުންނަ، ފުޅާކޮށް ހުންނަ، ދިޔަ އަންނަ ފާރުގަނޑެއް އުފެދޭނެ އެވެ. ފާރުގަނޑު ސާފުވެފައި، ވަށައިގެންވާ ދާރަ ފަށް އުފުލި، ވަކިވެފައި ހުންނާނެ އެވެ. އަދި ވަރަށް ފަސޭހައިން މިފާރުގަނޑުން ލޭހިލޭގޮތްވާނެ އެވެ. ފާރުގަނޑުގައި ގެރިމަހުގައި ހުންނަ ކަހަލަ ރަތްކަމެއް ހުންނާނެ އެވެ. މިފާރުކޮޅު ބޮޑަށް އުފެދެނީ އޮމާމަސް ނިވައިކުރާ އޮޅިފައިވާ ހަމުގެ ބައިގައެވެ. މިފާރުގަނޑުގައި ޖަރާސީމު އަށަގަނެ ވަރަށް ނުބައިވަސް ދުވުމަކީ ވެދާނެ ގޮތެކެވެ.
(3)- ސްކެޓްރިޝަލް Cicatricial): މިއީ ފާރުގަނޑު ހިކި، ލަކުނުލާގޮތް ވުމެވެ. މިހާލަތުގައި ބައެއް ފަހަރު ލިމްފް ހޮޅިތަކާއި ގޮށްތައް ދުޅަވެ، ބެދޭގޮތް ވެއެވެ.
(4)- ހައިޕަޓްރަފިކް (Hypertrophic): ނިސްބަތުން މަދު މިވައްތަރުގައި ޖެނިޓަލް ވޯރޓްސް ގޮތަށް ބޮޑު "ވެޖިޓޭޓިވް މާސް"(Vegetative mass) އެއް އުފެދެއެވެ.

ފާރުކޮޅުތައް އުފެދޭތަން
ފިރިހެނުންގެ ހަށިގަނޑުގައި ގްރެނިއުލޯމާ އިންގްވެނޭލީ އެންމެ ގިނައިން އުފެދެނީ އޮމާމަސް ނިވައިކުރާ އޮޅިފައިވާ ހަންކޮޅާއި، ހީސްބޭރުވާ ހޮއި، ނުވަތަ ޚިތާނުކުރީމާ ޒަކަރުން ފާޅުވާ ހިސާބު،ޒަކަރުގެ ދަނޑި، އަދި ފުރަގަސްފަރާތު ދޮރުގައެވެ. އަންހެނުންގެ ހަށިގަނޑުގައި އެންމެ ގިނައިން ބަލީގެ އަސަރު ފެންނަނި ފަރުޖުގެ ކުޑަ ދެތުންފަތާއި، އިސްމަތި، ޖިންސީ ގުނަވަން، އަދި ރަހިމުގެ ދޮރުގައެވެ. ބަލިޖެހޭ އަންހެނުންގެ ތެރެއިން 10 އިންސައްތަ މީހުންގެ ރަހިމުގެ ދޮރަށް ބަލީގެ އަސަރު ފޯރައެވެ.

ޖިންސީ ގުނަވަން ނޫން ހިސާބުތަކުގައި ބަލީގެ އަސަރު ފާޅުވުން
ގްރެނިއުލޯމާ އިންގްވެނޭލީ ޖެހޭ މީހުންގެ ތެރެއިން 6 އިންސައްތަ މީހުންގެ ހަށިގަނޑުގައި ޖިންސީ ގުނަވަން ނޫން ހިސާބުތަކުން ބަލީގެ އަސަރު ފާޅުވެއެވެ. އެގޮތުން ތުންފަތް، އަނގަ، ހަޖަމުކުރާ ނިޒާމުގެ ތެތްދުލިފަށަލަ، ބޮލުގެ ހަންގަނޑު، ބަނޑު، އަތްފައި، އަދި ކަށިތަކުން ވެސް ބަލީގެ އަސަރު ފެނިދާނެ އެވެ.

ގްރެނިއުލޯމާ އިންގްވެނޭލީ އާއި ގުޅިގެން ފުރަތަމަ ފެންނަ ކަމެއްގެ ގޮތުގައި ގޮށްލުން ކުރިމައްޗެއް ނުވާނެއެވެ. ގޮށްލަނީ ބަލިޖެހުމަށްފަހު މެދުވެރިވާ ސާނަވީ އިންފެކްޝަންގެ ސަބަބުންނެވެ. ބައެއް ފަހަރު ލޭގެ ތެރެއަށް ޖަރާސީމު ދިއުމުން، މޭގަނޑު، ހުންކޮށި، ފުއްޕާމޭ، ކަށި، އަދި އެހެނިހެން ޓިޝޫތަކަށް ވާޞިލްވުމަކި ވެދާނެ ގޮތެކެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ފުރާނަޔަށް ނުރައްކާވުމުގެ ފުރުޞަތު ވެސް އޮވެއެވެ.

ބަލި ދިގުލައިދިއުމުން ދިމާވެދާނެ މައްސަލަތައް
ގްރެނިއުލޯމާ އިންގްވެނޭލީ ޖެހުމުން ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ކެންސަރު ޖެހުމެވެ. އެގޮތުން ބަލިޖެހޭ މީހުންގެ ތެރެއިން 0.25 އިންސައްތަ މީހުންނަށް ކެންސަރު ޖެހޭކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެގޮތުން ޖެހެނީ ހަމުގެ ކެންސަރުގެ ވައްތަރުތައް ކަމުގައިވާ "ސްކޭމަސް ސެލް ކާރސިނޯމާ"(Squamous cell carcinoma) އަދި "ބޭސަލް ސެލް ކާރސިނޯމާ"(Basal cell carcinoma) އެވެ.

ބަލިޖެހި ރަގަޅުވާއިރު ކުރިމަތި ފަރާތުގަޔާއި ކުޑަކަމުދާ ހޮޅީގައި ލަކުނުލައި، ހޮޅި ހިމަވެ، ބެދުން ފަދަ ކަންތައް ކުރިމަތިވުމަކީ އެކަމުގެ ސަބަބުން ޖިސްމާނީ ޢައިބެއް(ފިރިހެނުންގެ) ޖިންސީ ގުނަވަނުގައި އުފެދިދާނެ ކަމެކެވެ. ލިމްފް ދައުރުވުމަށް ހުރަސްއެޅި، ލިމްފް ދައުރުވާ ލޭހޮޅިތައް ހަލާކުވެ، ބެދުމުން އުރަވަޅި ބޮޑުވާގޮތް ވެއެވެ.

ގްރެނިއުލޯމާ އިންގްވެނޭލީ އަކީ އޭޑްސް ޖެހުމުގެ ފުރުޞަތު ވެސް އިތުރުކުރާ ކަމެކެވެ. އޭޑްސް އާއި އެކު ދިގުމުއްދަތަކަށް ގްރެނިއުލޯމާ އިންގްވެނޭލީ ޖެހޭ މީހުންގެ ކުރިމަތި ފަރާތް ބުރިކޮށްލަން(Autoamputation) ވެސް ބައެއް ފަހަރު ޖެހެއެވެ.

ގްރެނިއުލޯމާ އިންގްވެނޭލީ ޖެހިފައިވާކަން ދެނެގަތުން
·        ފާރުގަނޑެއް އެތިކޮޅެއް ނަގައިގެން ސްމިއަރ ހެދުން (Smear): އެގޮތުން ފުރަތަމަ ފާރުގަނޑުގައި ކަފަ ސޯބެއް ހާކާނީ އެވެ. އެއަށްފަހު އެސޯބު ބިއްލޫރި ސްލައިޑެއްގެ މަތީގައި ހާކާނީ އެވެ. ދެން ވައިގެ ތެރޭގައި ސްލައިޑް ހިއްކާނީ އެވެ. ދެން "ގީމްސާ ސްޓެއިން" ގެ އެހީގައި "ޑޮނޯވެން ބޮޑީޒް" ހުރިތޯ ސްޓެއިން ކުރާނީ އެވެ.
·        ކްރަޝް ޕްރެޕަރޭޝަން ހެދުން (Crush preparation): ފާރުގަނޑުގެ ދާރަ ފަށުން ކުޑަ ޓިޝޫކޮޅެއް ނަގާނީ އެވެ. ދެން އެޓިޝޫކޮޅު ބިއްލޫރި ދެ ސްލައިޑް ދޭތެރެއަށް ލާފައި މުގުރައި ކުދިކޮށްލާނީ އެވެ. އެއަށްފަހު ދެ ސްލައިޑް ވައިގެ ތެރޭގައި ބާއްވައިގެން ހިއްކާނީ އެވެ. އެއަށްފަހު "ލީޝްމަން ސްޓެއިން" ގެ އެހީގައި "ޑޮނޯވެން ބޮޑީޒް" ހުރިތޯ ސްޓެއިން ކުރާނީ އެވެ.
·        ޓިޝޫ ބަޔޮޕްސީ ހެދުން (Tissue biopsy): ބަޔޮޕްސީ ހެދި ނަމަވެސް ބަލީގެ ކުރީކޮޅުގައި އުފެދޭ ފާރުކޮޅުން ފަހަރުގައި ޖަރާސީމު ނުފެނުމަކީ ވެދާނެ ގޮތެކެވެ.
·        ޕޮލިމެރޭޒް ޗެއިން ރިއެކްޝަން
·        ބޮޑުކަމު ނަޖިސް ނަގައިގެން ޖަރާސީމު ކަލްޗަރކުރުން
·        އެކްސްރޭ ނެގުން : އެކްސްރޭ ނަގާނީ ކަށްޓަށް އަސަރުކޮށްފައިވާނަމަ އެވެ.

ގްރެނިއުލޯމާ އިންގްވެނޭލީ ގެ ފަރުވާ
ގްރެނިއުލޯމާ އިންގްވެނޭލީ އަށް އާންމުކޮށް ފަރުވާ ކުރެވެނީ ޓްރައިމީތަޕްރިމް/ސަލްފަމިތޮކްސަޒޯލް ނޫނީ ޑޮކްސީސައިކްލިން ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ސިޕްރޯފްލޮކްސަސިން، އެޒިތްރޯމައިސިން، އެރިތްރޯމައިސިން ފަދަ ބޭސްތައް ވެސް ބޭނުންކޮށް އުޅެއެވެ. މިބޭސްތައް 3 ހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދަން ވާނެއެވެ. ދެތިން ދުވަހުގެ ތެރޭގައި ރަގަޅުވާން ނުފަށަނާމަ އިންޖެކްޝަން ޖެންޓަމައިސިން ކޮންމެ 8 ގަޑިއިރަކުން ދެވިދާނެއެވެ. ފަރުވާކުރާތާ 18 މަހުން އަނެއްކާ ވެސް ބަލި ފެނުމަކީ ވެދާނެ ގޮތެކެވެ. ކުރިން ޓެޓްރަސައިކްލިން މިބަލީގެ ފަރުވާގައި ބައެއް ގައުމުތަކުގައި ބޭނުންކޮށް އުޅުނެވެ. މާބަނޑު މީހުންނަށް އެރިތްރޯމައިސިން އެއް ނުދެވޭނެ އެވެ. ބަލިމީހާގެ ހަށިގަނޑުން ބަލީގެ އުދަނގޫތައް ފެނުމުން ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި އޭނާ ޖިންސީ ގުޅުން ހިންގާފައިވާ ފަރާތްތަކަށް އެކަން އަންގައި، ޑޮކްޓަރަށް ދައްކައިގެން ފަރުވާ ބޭނުންވާނަމަ އެކަން ކުރިޔަށް ގެންދަން ޖެހޭނެ އެވެ.

ބައެއް ފަހަރު ގްރެނިއުލޯމާ އިންގްވެނޭލީ ޖެހި ރަގަޅުވުމަށް ފަހު ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ޢައިބެއް ހުރުމަކީ ވެދާނެ ކަމެކެވެ. އެގޮތުން އުފެދޭ ޢައިބު ރަގަޅުކުރަންޖެހޭނީ އޮޕަރޭޝަން ކޮށްގެންނެވެ.

ގްރެނިއުލޯމާ އިންގްވެނޭލީ އިން ރައްކާތެރިވުން
ގްރެނިއުލޯމާ އިންގްވެނޭލީ އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·        އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o       އެއްޖިންސުން ގުޅުން ނުހިންގުން
o       ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o       ވަފާތެރި އެކަކު ޚިޔާރުކުރުން
o       ހަށިނުވިއްކުން
·        ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·        ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން 
·        އަހަރަކު އެއްފަހަރު ލިމްފޯގްރެނިއުލޯމާ އިންގްއައިނޭލް އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރުން
·        ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
·        ޖިންސީ ގުޅުމުން ޖެހޭ ބަލިތަކާމެދު ޢާންމުން ހޭލުންތެރިކުރުވުން
މަޢުލޫމާތު:
·        ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·        ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·        ކަވާސާ.ކޮމް
·        އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


No comments:

Post a Comment