Friday, June 8, 2012

ޕެރަތައިރޮއިޑް ގްލޭންޑް


ޕެރަތައިރޮއިޑް ގްލޭންޑް
ޕެރަތައިރޮއިޑް ގްލޭންޑް(Parathyroid glands) ތަކަކީ ކަރުގައި ތައިރޮއިޑް ގްލޭންޑް ގެ ސަތަހައިގެ ތެރެއިން ފަހަތުގައި ތައިރޮއިޑް ގްލޭންޑްގެ ތެރެއަށް،ފެތިފައިވާ ކުދިކުދި ގްލޭންޑް ތަކެކެވެ. މިގްލޭންޑް އިން އުފައްދައި ދޫކުރާ މައިގަނޑު ހޯރމޯން އަކީ ޕެރަތައިރޮއިޑް ހޯރމޯން އެވެ.
ހަށިގަނޑުގައި ކެލްސިއަމް ހުންނަ މިންވަރު ކޮންޓްރޯލްކުރަނީ ޕެރަތައިރޮއިޑް ގްލޭންޑް އިންނެވެ. އެގޮތުން ލޭގައި ކެލްސިއަމް ހުންނަ މިންވަރު، އަދި ކަށިތަކުގައި ކެލްސިއަމް ހުންނަ މިންވަރު ޕެރަތައިރޮއިޑް ގްލޭންޑް އިން ކޮންޓްރޯލް ކުރެއެވެ. ކެލްސިއަމް އަކީ ހަށިގަނޑުގައި ވަރަށް ގިނަ މަސައްކަތްތައް ހިންގައި، ފުރިހަމަ ކުރުމުގައި ބައިވެރިވާ ވަރަށް މުހިއްމު މާއްދާ އެކެވެ. އެހެންކަމުން މިއީ ވަރަށް ރަގަޅަށް ކޮންޓްރޯލްކުރެވޭ ، އޭގެ މިންވަރު އެކަށޭނަ މިންގަނޑުގެ ތެރޭގައި ހިފެހެއްޓިފައިވާ މާއްދާ އަކަށް ވާންޖެހެއެވެ.
އިންނަ ތަން އަދި ސައިޒު
ކަރުގައިވާ ތައިރޮއިޑް ގްލޭންޑްގެ ފަހަތުގައި ކޮންމެ ފަރާތެއްގައި ޕެރަތައިރޮއިޑް ގްލޭންޑްގެ ޖޯޑެއް ވެއެވެ. އެހެންކަމުން އާއްމު ގޮތެއްގައި ކޮންމެ މީހެއްގެ ވެސް 4 ޕެރަތައިރޮއިޑް ގްލޭންޑް ހުރެއެވެ. ނަމަވެސް ބައެއް މީހުންގެ 6 ނުވަތަ 8 ޕެރަތައިރޮއިޑް ގްލޭންޑް ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ. ނަމަވެސް އެންމެ ޕެރަތައިރޮއިޑް ގްލޭންޑެއް ½) ) ވިޔަސް އެމީހަކަށް އެއްވެސް އުދަނގުލެއްނެތި އުޅެވިދާނެ އެވެ.
ޕެރަތައިރޮއިޑް ގްލޭންޑްގެ ބޮޑުމިނަކީ އާންމު ގޮތެއްގައި ހަނޑޫ ފުކެއްގެ މިންވަރެވެ. ބައެއް ފަހަރު އާންމު ހާލަތުގައި ވެސް ޕެރަތައިރޮއިޑް ގްލޭންޑް ތަންކޮޅެއް ބޮޑުކޮށް ފެހިއޮށެއްގެ ސައިޒަށް ވެސް ހުރެދާނެ އެވެ. އާންމު ގޮތެއްގައި ޕެރަތައިރޮއިޑް ގްލޭންޑް ހުންނަނީ ހަވާދުގެ ތެރޭގައި ބޭނުންކުރާ ރީނދޫ ރެވި ހުންނަ ކުލައަށެވެ. ޕެރަތައިރޮއިޑް ގްލޭންޑްގެ ބަރުދަން އުޅެނީ 40-25 މިލިގްރާމް އާއި ދެމެދުގެ މިންވަރެއްގައެވެ.
ޕެރަތައިރޮއިޑް ގްލޭންޑް ގެ ސެލްތައް
ޕެރަތައިރޮއިޑް ގްލޭންޑް ގައި ދެވައްތަރެއްގެ ސެލް ހުރެއެވެ. އެއީ  ޕެރަތައިރޮއިޑް ހޯރމޯން ދޫކުރާ ''ޕެރަތައިރޮއިޑް ޗީފް ސެލް''(Parathyroid chief cell) ތަކާއި، އަދި "އޮކްސީފިލް ސެލް"(Oxyphil cells) ތަކެވެ. ޕެރަތައިރޮއިޑް ޗީފް ސެލްތަކަކީ ސައިޒުން ބޮޑެތި ސެލްތަކެކެވެ. ނަމަވެސް އޮކްސީފިލް ސެލްތަކަކީ ސައިޒުން ކުދި ސެލް ތަކެކެވެ. އޮކްސީފިލް ސެލްތައް ހަށިގަނޑުގައި އަދާކުރާ ދައުރު އަދި ހޯދިފައެއް ނުވެއެވެ.
ތާރީޚް
ޕެރަތައިރޮއިޑް ގްލޭންޑް ފުރަތަމަ ފަހަރަށް ހޯދާފައިވަނީ 1880 ވަނަ އަހަރު ސްވިޑްންގެ ޑޮކްޓަރީކަން ކިޔަވާ ދަރިވަރެއް ކަމުގައިވާ އިވާރ ވިކްޓޯރު ސޭންޑްސްޓްރޯމް އެވެ. މިއީ އެންމެ ފަހުން ހޯދުނު މިފަދަ ގުނަވަން ވެސް މެއެވެ.
ހަށިގަނޑުގައި ކެލްސިއަމްގެ ދައުރު
ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ހިންގައި ފުރިހަމަކުރުމަށް ހަށިގަނޑަށް ތަފާތު މަޢުދަންތަކާއި، މާއްދާތައް ބޭނުންވެއެވެ. އެގޮތުން ކެލްސިއަމް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި މާއްދާ އެކެވެ. މައިގަނޑު ގޮތެއްގައި ކެލްސިއަމް ހަށިގަނޑަށް ބޭނުންވަނީ ތަފާތު 3 މަސައްކަތެއް ފުރިހަމަ ކުރުމަށެވެ.
·         ނާރުތަކުގެ ނިޒާމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން : ކެލްސިއަމް ކޮށްދޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ނާރުތަކުގެ ދެމެދުގައި ކަރަންޓް ދައުރުކުރުވުމާއިއެކު، މެސެޖުތައް ނާރުތަކުގެ ތެރޭގައި ފޮނުވައި ބަދަލުކުރުމެވެ. ކެލްސިއަމް ކީ ނާރުތަކުގެ ނިޒާމްގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބޭނުންވާ މާއްދާ އަކަށްވާތީ، ކެލްސިއަމްގެ މިންވަރު ހަށިގަނޑުގައި މަތިވެ، ޕެރަތައިރޮއިޑް ގްލޭންޑްގެ ބަލިތައް ފެންމަތިވުމުން ނާރުތަކުގެ ނިޒާމާއި ގުޅުންހުރި އުދަނގޫތައް އެމީހެއްގެ ފުށުން ފެންނަށް ފަށާނެ އެވެ.
·         މަސްތަކުގެ ނިޒާމްގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން : ނާރުތަކުގެ ނިޒާމެކޭ އެއްފަދައިން ހަށިގަނޑުގައިވާ މަސްތައް ފިތި، ވާންވެ، ކުރުގެޅުމަށް ބޭނުންވާ ހަކަތަ ކެލްސިއަމް އިން ފޯރުކޮށް ދެއެވެ. އެހެންކަމުން ކެލްސިއަމްގެ މިންވަރު ދަށްވެއްޖެނަމަ، ވަރުބަލިވެ، ވާޅުވެ، މަސްގުޅަކެއުން ފަދަ ކަންތައްތައް ކުރިމަތިވާނެ އެވެ.
·         ކަށިތަކަށް ބާރު ގެނެސްދިނުން : ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ކަށިތަކަކީ ކެލްސިއަމް ކޮށާރުކޮށްފައި ބަހައްޓައިދޭ ގުދަނެއް ވެސް މެއެވެ. ބޭންކަކަށް ފައިސާ ޖަމާކޮށްފައި، އެބޭންކުން ފަހުން ފައިސާ ނަގާ ބީދައިން، ކަށީގެ ތެރޭގައި ހުންނަ ކެލްސިއަމް ވެސް ބޭނުންވުމުން ބޭރަށްނެރެ، ބޭނުންވުމުން އަނބުރާ ކަށީގެ ތެރެއަށް ފޮނުވާލައެވެ. އެއީ ލޭގައި ކެލްސިއަމްގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް ޓަކައެވެ.
އެހެންކަމުން ކެލްސިއަމް އަކީ ހަށިގަނޑުގައި އެންމެ ރަގަޅަށް ތަންޒީމުކުރެވޭ އުންސުރު ނުވަތަ މަޢުދަނެވެ. އަދި  މިއީ އޭގެ އަމިއްލަ ތަންޒީމުކޮށްދޭ ނިޒާމެއް ލިބިފައިވާ ހަމައެކަނި އުންސުރު ނުވަތަ މަޢުދަން ވެސް މެއެވެ. އެއީ ޕެރަތައިރޮއިޑް ގްލޭންޑް އެވެ. ހަށިގަނޑުގައި އެހެން އެއްވެސް ގްލޭންޑް އަކުން ނުވަތަ ގޮށަކުން ހަށިގަނޑުގައި ހުންނަ މާއްދާއެއް ކޮންޓްރޯލްކޮށް ތަންޒީމުކޮށެއް ނުދެއެވެ.
ކެލްސިއަމް ކޮންޓްރޯލް ކުރުމުގައި ޕެރަތައިރޮއިޑް ގްލޭންޑްގެ ދައުރު
ޕެރަތައިރޮއިޑް ގްލޭންޑްގެ ހަމައެކަނި ބޭނުމަކީ ވަރަށް ހަނި  މިންގަނޑެއްގެ (އެއީ ކޮންމެ ޑެލިޓަރެއްގައި 10.1-9.0 އާއި) ތެރޭގައި ހަށިގަނޑުގައި ކެލްސިއަމް ކޮންޓްރޯލްކޮށްފައި ބެހެއްޓުމެވެ. އެއީ ނާރުތަކާއި މަސްތައް ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށްޓަކައެވެ. ލޭގައި ކެލްސިއަމް ހުންނަ މިންވަރު ޕެރަތައިރޮއިޑް ގްލޭންޑް އިން އަބަދު ވެސް ބަލަމުން ގެންދާނެ އެވެ. ލޭގައި ކެލްސިއަމް ގެ މިންވަރު ދަށްވާ ހާލަތުގައި ޕެރަތައިރޮއިޑް ގްލޭންޑް އިން އެކަން ދެނެގަނެ، ޕެރަތައިރޮއިޑް ހޯރމޯން ދޫކުރާނެއެވެ. އަދި މިބުނި ހޯރމޯން ކަށިތަކުގައި ރައްކާކޮށްފައި ހުރި ކެލްސިއަމް ބޭރަށްނެރެ، ލޭގެ ތެރެއަށް ދޫކުރާނެ އެވެ. އަދި ލޭގައި ކެލްސިއަމް މަތިވާ ޙާލަތުގައި ޕެރަތައިރޮއިޑް ގްލޭންޑް އިން ޕެރަތައިރޮއިޑް ހޯރމޯން އުފައްދައި ދޫކުރުން ހުއްޓާލާނެ އެވެ.
މީގެ އިތުރުން ކަށިތަކުގައި ހުންނަންޖެހޭ ކެލްސިއަމް ގެ މިންވަރު ވެސް ޕެރަތައިރޮއިޑް ގްލޭންޑް އިން ކޮންޓްރޯލް ކުރެއެވެ. ޕެރަތައިރޮއިޑް ގްލޭންޑް ހުންނަނީ ތައިރޮއިޑް ގްލޭންޑް އާއި ޖެހިގެން ކަމަށް ވިޔަސް އެކަތި އަނެކަތި ފުރިހަމަކުރާ މަސައްކަތުގައި އެއްވެސް ކަހަލަ ގުޅުމެއް ނުވެއެވެ. ތައިރޮއިޑް ގްލޭންޑްގެ ހަށިގަނޑުގެ މެޓަބޮލިޒަމްގެ މަސައްކަތްތައް ކޮންޓްރޯލްކުރާ ގްލޭންޑަކަށް ވާއިރު، ކެލްސިއަމްގެ މިންވަރު ކޮންޓްރޯލް ކުރުމުގައި ތައިރޮއިޑް ގްލޭންޑްގެ ދައުރެއް ނޯވެއެވެ. ހަމަ މިބީދައިން ޕެރަތައިރޮއިޑް ގްލޭންޑް އަކީ ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތްތައް ކޮންޓްރޯލް ކުރުމުގައި އެއްވެސް ދައުރެއް އަދާކުރާ ގްލޭންޑެއް ނޫނެވެ.
ނާރުތަކުގައި ކަރަންޓްގެ އޮއިވަރު ހިނގުމަށް އެހީތެރިވެދޭ މާއްދާ އަކީ ކެލްސިއަމް އެވެ. އެއް ނާރުން އަނެއް ނާރަށް މެސެޖު ފޮނުވައި، މުވާޞަލާތު ކުރަނީ މިއުސޫލުންނެވެ. ސިކުނޑީގެ މަސައްކަތްތައް ފުރިހަމަ ހިނގާއިރު، ނާރު ސެލްތަކުގެ ދެމެދުގައި ކެލްްސިއަމް ބަދަލުވެ، ބަދަލުވެ ހުރެއެވެ. މާނައަކީ ބޭނުންޖެހުމުން، ނާރު ސެލްގެ އެތެރެއަށް ކެލްސިއަމް ދަމާލުމާއެކު، ބޭނުން ޖެހުމުން ކެލްސިއަމް ނާރުގެ ސެލް އިން ބޭރުކޮށް ލައެވެ. މީގެ އިތުރުން މަސްތައް ކުރުގެޅި، ފިތި ވާންވުމަށް ވެސް ކެލްސިއަމްގެ ބޭނުން ހިފަންޖެހެއެވެ.
ޕެރަތައިރޮއިޑް ހޯރމޯން ލޭގައި ހުންނަ ކެލްސިއަމް އިތުރުކުރުމަށް ކަށީގެ ތެރޭގައި ހުންނަ އޮސްޓިއޯކްލާސްޓް(Osteoclast) ތަކަށް ކަށީގެ ތެރޭގައި ހުންނަ  ކެލްސިއަމް ބޭރުކުރުމަށް ބާރުއަޅައެވެ. މީގެ އިތުރުން ވިޓަމިން ޑީ ހީވާގިކުރުވައިގެން، ހަޖަމުކުރާ ނިޒާމުގެ ތެރެއަށް ކާނާއިން ވާޞިލްވާ ކެލްސިއަމް ހަށިގަނޑަށް ދެމުން ނުވަތަ ނެގުން މަތިކޮށް އިތުރުކުރުވައެވެ. އަދި ގުރުދާ އަށް ވާޞިލްވާ ކެލްސިއަމް އަނބުރާ ހަށިގަނޑަށް ނެގުން ތަރައްގީކޮށް ކުރިއަރުވައެވެ.
އުފައްދައި ދޫކުރާ ހޯރމޯންތައް
ޕެރަތައިރޮއިޑް ހޯރމޯން (Parathyroid hormone): ޕެރަތައިރޮއިޑް ހޯރމޯން  އަކީ 84 އެމިނޯ އެސިޑް އެކުލެވޭ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ ޕެރަތައިރޮއިޑް ގްލޭންޑްގައި ހުންނަ ''ޕެރަތައިރޮއިޑް ޗީފް ސެލް''(Parathyroid chief cell) ތަކުންނެވެ. ކެލްސިޓޯނިން ހޯރމޯން އާ ޚިލާފަށް ޕެރަތައިރޮއިޑް ހޯރމޯން ލޭގައި ކެލްސިއަމް އެކުލެވޭ މިންވަރު މަތިކުރުމަށް ބާރުއަޅައެވެ. މިއީ ލޭގައި ކެލްސިއަމްގެ މިންވަރު ތަންޒީމުކޮށްދީ، ކަށީގެ މެޓަބޮލިޒަމްގެ މަސައްކަތްތަކުގައި ވެސް ބައިވެރިވާ ހޯރމޯން އެކެވެ.

އެނގޭ ހެއްޔެވެ؟
·         ކޮންމެ މީހެއްގެ ވެސް އާންމު ގޮތެއްގައި 4 ޕެރަތައިރޮއިޑް ގްލޭންޑް ހުރެއެވެ.
·         ވަރަށް މަދު ހާލަތެއްގައި މެނުވީ ޕެރަތައިރޮއިޑް ގްލޭންޑް ހުންނަނީ ކަރުގައި ތައިރޮއިޑް ގްލޭންޑްގެ ފަހަތުގައެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑް އާއި ތައިރޮއިޑް ގްލޭންޑް އާއި ދެމެދުގެ މަސައްކަތުގެ ގޮތުން އެއްވެސް ގުޅުމެއް ނެތެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑްގެ މަސައްކަތަކީ ހަށިގަނޑުގައި ކެލްސިއަމް ކޮންޓްރޯލް ކުރުމެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑް އިން އުފައްދާ ހޯރމޯން އަށް ކިޔަނީ "ޕެރަތައިރޮއިޑް ހޯރމޯން" އެވެ.
·         ލެބޯޓްރީ ތަކުގައި ޕެރަތައިރޮއިޑް ހޯރމޯން ކުރުކޮށްފައި ކިޔަނީ " PTH" އެވެ.
·         ކެލްސިއަމް އެކޭ އެއްފަދައިން ޕެރަތައިރޮއިޑް ހޯރމޯން ވެސް ލޭގައި ހުންނަނީ ވަކި މިންގަނޑެއްގެ ތެރޭގައެވެ.
·         ހަށިގަނޑުގައިވާ 4 ޕެރަތައިރޮއިޑް ގްލޭންޑް އިން ވެސް ކުރަނީ ހަމަ އެއް މަސައްކަތެކެވެ.
·         ލޭގައި ހުންނަ ކެލްސިއަމްގެ މިންވަރު ކޮންޓްރޯލްކުރަނީ ޕެރަތައިރޮއިޑް ގްލޭންޑް އިންނެވެ.
·         ކަށީގައި ހުންނަ ކެލްސިއަމްގެ މިންވަރު ކޮންޓްރޯލްކުރަނީ ޕެރަތައިރޮއިޑް ގްލޭންޑް އިންނެވެ.
·         އެންމެ ޕެރަތައިރޮއިޑް ނުވަތަ އެންމެ ½ ޕެރަތައިރޮއިޑް ގްލޭންޑާ އެކު ވެސް ދިރިއުޅެވިދާނެ އެވެ.
·         މީހެއްގެ ހަށިގަނޑުގައި އިންނަ 4 ޕެރަތައިރޮއިޑް ގްލޭންޑް ނަގައިފިނަމަ، ހަށިގަނޑުގައި ކެލްސިއަމްގެ މިންވަރު ދަށްވެ "ހައިޕޯތައިރޮއިޑިޒަމް" ކިޔާ ބައްޔެއް ޖެހެއެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑްގެ މައްސަލަ ޖެހޭއިރު، ގިނަ ފަހަރު (%91) މައްސަލަ ޖެހެނީ އެންމެ ޕެރަތައިރޮއިޑް ގްލޭންޑެއް ގެއެވެ. އެގޮތުން މައްސަލަ ޖެހޭ ގްލޭންޑް ދުޅަވެ، ބޮޑުވެ، އާދަޔާ ޚިލާފަށް ގިނައިން ހޯރމޯން އުފައްދައެވެ. %8 ހާލަތުގައި ދެ ޕެރަތައިރޮއިޑް ގްލޭންޑް މައްސަލަ ޖެހުމަކީ ވެދާނެ ގޮތެކެވެ. 3 ނުވަތަ 4 ޕެރަތައިރޮއިޑް ގްލޭންޑްގެ މައްސަލަ ޖެހެނީ ވަރަށް ނާދިރު ހާލަތެއްގައެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑްގެ މައްސަލަ ޖެހި، މާގިނައިން ހޯރމޯން އުފެއްދުމުން، އިތުރުވާ ހޯރމޯންތައް ދަނީ ކަށީގެ ތެރެއަށެވެ. އަދި ކަށީގެ ތެރެއިން ކެލްސިއަމް ނެރެ ހުސްކޮށްލައި، ލޭގެތެރެއަށް އެކެލްސިއަމް ފޮނުވާލައެވެ. ލޭގައި ކެލްސިއަމް ގިނަވުމަކީ އެކަމުގެ އުދަނގޫ އިހްސާސް ކުރެވޭނެ ކަމެކެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑްގެ މައްސަލަ ޖެހުމުން ލޭގައި އިތުރުވާ ކެލްސިއަމްގެ މިންވަރު މަދު ނުކުރެވުމަކީ ކަށިފީވުން ފަދަ މައްސަލަތައް މެދުވެރިކުރުވާ ކަމެކެވެ.
·         ޕެރަތައިރޮއޑް ގްލޭންޑަށް ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑް ގެ ކެންސަރު ޖެހި، ޓިއުމަރު ނުނަގައި ބެހެއްޓުމުގެ ސަބަބުން ލޭގައި ކެލްސިއަމް ގެ މިންވަރު ދިގުމުއްދަތަކަށް މަތިވެފައި ހުރުމަކީ އެހެނިހެން ކެންސަރުތަކަށް މަގުފަހިކުރާނެ ކަމެކެވެ. އެގޮތުން އުރަމަތީގެ ކެންސަރު، ގޮހޮރުގެ ކެންސަރު، ގުރުދާގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.
·         ޕެރަތައިރޮއިޑް އަށް ޖެހޭ މައްސަލަ ހައްލުކުރުމަށް އޮންނަ ފަރުވާ އަކީ އޮޕަރޭޝަން ކުރުމެވެ.
·         ޕެރަތައިރޮއިޑް ގްލޭންޑުން ލޭގައި ކެލްސިއަމް އެކުލެވޭ މިންވަރު އަބަދުވެސް ބަލަމުން ގެންދާނެ އެވެ.
·         ލޭގައި ކެލްސިއަމް ހުންނަ މިންވަރަކަށް ބަލައި، ޕެރަތައިރޮއިޑް ގްލޭންޑުން ޕެރަތައިރޮއިޑް ހޯރމޯން އުފެއްދުން އިތުރުކޮށް، މަދުކުރަމުން ގެންދާނެ އެވެ.
·         ލޭގައި ކެލްސިއަމްގެ މިންވަރު މާދަށްވުމުން ޕެރަތައިރޮއިޑް ގްލޭންޑުން ޕެރަތައިރޮއިޑް ހޯރމޯން އުފެއްދުން އިތުރުކުރެއެވެ.
o  ޕެރަތައިރޮއިޑް ހޯރމޯން ގިނަވުމަކީ ލޭގައި ކެލްސިއަމް އިތުރުކުރާނެ ކަމެކެވެ.
o  ޕެރަތައިރޮއިޑް ހޯރމޯން އިތުރުވުމަކީ ކަށީގައި ހުންނަ ކެލްސިއަމް ލޭގެތެރެއަށް ދޫކުރުމަށް ބާރުއަޅާ ކަމެކެވެ.
·         ލޭގައި ކެލްސިއަމްގެ މިންވަރު މާމަތިވުމުން، ޕެރަތައިރޮއިޑް ގްލޭންޑުން ޕެރަތައިރޮއިޑް ހޯރމޯން އުފެއްދުން ހުއްޓާލައެވެ.
·         ކެލްސިއަމް އަކީ ނާރުތަކުގެ ނިޒާމް، ކަށިތަކުގެ ނިޒާމް، އަދި މަސްތަކުގެ ނިޒާމް ގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް މައުދަނެވެ.
o  ކެލްސިއަމް އަކީ ނާރާއި މަސްތަކަށް ކަރަންޓްގެ ހަރަކާތް ގެނައުމަށް އެހީތެރިވެދޭ މާއްދާ އެވެ.
o  މި 3 ނިޒާމަށް ކެލްސިއަމް ބާރުފޯރުވާތީ، ސިކުނޑިއާއި، ކައްޓާއި މަހާއި، ގުޅުންހުރި އުދަނގޫތައް ދިމާވެއެވެ
·         ހައިޕަރޕެރަތައިރޮއިޑިޒަމް ގައި މައްސަލަ ޖެހެނީ އެންމެ ގްލޭންޑެއްގެއެވެ. އަދި އެކަމުގެ ސަބަބުން ލޭގައި ކެލްސިއަމްގެ މިންވަރު މަތިކުރުވައެވެ.
·         ހަށިގަނޑުގައި ކެލްސިއަމް ގިނަވުމަކީ ރަގަޅު ކަމެއް ނޫނެވެ.
·         އުމުރުން 30 އަހަރުން މަތީ މީހުންގެ ލޭގައި ކެލްސިއަމް ހުންނަ މިންވަރު 10.1 ނުވަތަ އެއަށްވުރެ ދަށްވާން ޖެހޭނެއެވެ.
·         އުމުރުން 40 އަހަރުން މަތީގެ މީހުންގެ ހަށިގަނޑުގައި ކެލްސިއަމް 10.1 އަށްވުރެ މަތީގައި ދާއިމީކޮށް ހުންނަނަމަ، ޕެރަތައިރޮއިޑް ގްލޭންޑްގެ މައްސަލަ ޖެހުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
·         ލޭގައި ކެލްސިއަމްގެ މިންވަރު މަތިވުމަކީ އެކަކު ވެސް ބޭނުންވާނެ ގޮތެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ގުރުދާ ހަލާކުވެ، ފުރަމޭ ފޭލްވެ، ލޭހޮޅިތަކުގެ މަސައްކަތަށް ލޮޅުންއަރައި، ސްޓްރޯކުޖެހި ވާގިނެތި، ހިތުގެ ވިންދުޖެހުމުގެ ތަރުތީބު ގެއްލުވާލާތީ އެވެ.
·         ހައިޕަރޕެރަތައިރޮއިޑިޒަމް ގެ މައްސަލަ ދިމާވެފައިވާނަމަ އެކަމުގެ ހައްލަކީ ޕެރަތައިރޮއިޑް ގްލޭންޑް އޮޕަރޭޝަންކޮށްގެން ނެގުމެވެ.
ޕެރަތައިރޮއިޑް ގްލޭންޑްގެ ބައެއް ބަލިތައް
ހައިޕަރޕެރަތައިރޮއިޑިޒަމް (Hyperparathyroidism): މިއީ ޕެރަތައިރޮއިޑް ގްލޭންޑްތަކުގެ ތެރެއިން ގްލޭންޑެއް މާބޮޑަށް ހަރަކާތްތެރިވެ ހީވާގިވުމުން އެގްލޭންޑް ދުޅަވެ، އެއިން އާދަޔާ ޚިލާފަށް ގިނައިން ޕެރަތައިރޮއިޑް ހޯރމޯން އުފެއްދުމުން ދިމާވާ މައްސަލަ އެކެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމްގެ ހަމަހަމަކަން ގެއްލިގެން ދެއެވެ. މާނައަކީ ލޭގައި ކެލްސިއަމްގެ މިންވަރު މަތިވުމެވެ. ލޭގައި ކެލްސިއަމްގެ މިންވަރު މަތިވުމުން ކުރިމަތިވެދާނެ މައްސަލަތަކުގެ ތެރޭގައި، ކަށިފީވުން، އަދި ގުރުދާގައި ހިލައުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ. މިބަލީގެ ފަރުވާ އަކީ އޮޕަރޭޝަންކޮށްގެން ޕެރަތައިރޮއިޑް ގްލޭންޑް ކަފައި ނެގުމެވެ.
ހައިޕޯޕެރަތައިރޮއިޑިޒަމް (Hyperparathyroidism): މިއީ ޕެރަތައިރޮއިޑް ގްލޭންޑް މަސައްކަތް ދަށްވެ، އެއިން ޕެރަތައިރޮއިޑް ހޯރމޯން އުފެއްދުން މަދުވުމުން ދިމާވާ މައްސަލަ އެކެވެ. ނަތީޖާއެއްގެ ގޮތުން ލޭގައި ކެލްސިއަމްގެ މިންވަރު ދަށްވެގެން ދެއެވެ. މިކަމުގެ ސަބަބުން އަކުނިވަޔަށްދެމުން، ވާޅުވުން ފަދަ މައްސަލަތައް ދިމާވެއެވެ. ބައެއް ފަހަރު ތައިރޮއިޑް ނުވަތަ ޕެރަތައިރޮއިޑް ގްލޭންޑްގެ އޮޕަރޭޝަނަކަށްފަހު، ނުވަތަ ބައެއް ފަހަރު ވާރުތަވެގެން ވެސް މި ހާލަތު މެދުވެރިވެދާނެ އެވެ.
ޕެރަތައިރޮއިޑް ކެންސަރު (Parathyroid cancer): މިއީ ވަރަށް ވަރަށް މަދުން ނޫނީ މެދުވެރިނުވާ ޙާލަތެކެވެ. މިއީ ގާތްގަނޑަކަށް ކޮންމެ 5000 މީހުންގެ ތެރެއިން އެކަކަށް މެދުވެރިވެދާނެ ޙާލަތެކެވެ.

No comments:

Post a Comment