Saturday, July 23, 2022

މާބަނޑު ދުވަސްވަރު : ފެންދުލީގައި ފެންމަދުވުން

 

މާބަނޑު ދުވަސްވަރު : ފެންދުލީގައި ފެންމަދުވުން

ފެންދުލީގައި  ފެންމަދުވުން (oligohydramnios) މާނަކުރެވެނީ މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ވަށައިގެން ލެވިފައިވާ  ފެންދުލި(amniotic sac)  ނުވަތަ ފެންކޮތަޅުގައި ތުއްތު ދަރިފުޅުގެ އުމުރާ އަޅާބަލާއިރު ހުންނަށްޖެހޭ މިންވަރަށްވުރެ މަދުން ފެންހުރުމަށެވެ.  ފެންދުލީގައި ހުންނަ ފެނަށް ކިޔަނީ "އެމްނީއޯޓިކް ފުލުއިޑް"(amniotic fluid) ނުވަތަ "އެމްނީއޯޓިކް ފެން" އެވެ.

ފެންދުލީގައި ފެންމަދުވުމަކީ އެކަމުގެ ސަބަބުން ތުއްތ ދަރިފުޅަށް ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. މާބަނޑުވާ %4 މީހުންނަށް ފެންދުލީގައި ފެންމަދުވުމުގެ މައްސަލަ ދިމާވެއެވެ. މިމައްސަލަ އެންމެ ބޮޑަށް ދިމާވަނީ މާބަނޑުވުމަށްފަހު އަންނަ އެންމެ ފަހު 3 މަހުގެ ތެރޭގައެވެ. ބަނޑަށް 40 ހަފްތާ ފުރުމުން އޭގެ ޒާތުގައި ވެސް ފެންދުލީގައި ހުންނަ ފެން މަދުވަމުންދާނެ އެވެ.

 

ފެންދުލި އަދި އެމްނީއޯޓިކް ފެން

ފެންދުއްޔަކީ ތުއްތު ދަރިފުޅުގެ ރައްކާތެރިކަމަށް ބަނޑުގައި އޮންނަ ތުއްތު ދަރިފުޅު ގެ ވަށައިގެން ލެވިފައިވާ ދުއްޔެކެވެ. އެމްނީއޯޓިކް ފެނަކީ މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ރައްކާތެރިކަމަށް ތުއްތު ދަރިފުޅުގެ ވަށައިގެން އޮންނަ ފެންދުލީގެ ތެރޭގައި ހުންނަ ފެނެކެވެ. ނުވަތަ ދިޔަ އެކެވެ. ރަހިމުގެ ތެރޭގައި ތުއްތު ދަރިފުޅު، ފެންމަތީއޮވެ، އަރާމުކޮށް، ހެދިބޮޑުވަނީ ދުއްޔެއްގެ ތެރޭގައެވެ. މިދުއްޔަށް ކިޔަނީ ފެންދުލި އެވެ. ނުވަތަ އެމްނީއޯޓިކް ސެކް އެވެ. ފެންދުލީގެ ތެރޭގައި ހުންނަ ފެނަކީ ސާފު ދިޔައެކެވެ. މިއީ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށާއި، ކެއުންބުއިމަށް ނޫނީ ކާނާ ހޯދުމަށް މުހިއްމު ދިޔަ އެކެވެ.

 

ފެންދުލީގައި ފެން ހުންނަށްޖެހޭ މިންވަރު

ޠަބީއީ ހާލަތްތަކުގައި ބަނޑަށް ގާތްގަޑަކަށް 32-34 ހަފުތާވަންދެން ފެންދުލީގައި ހުންނަ ފެން ދާނީ މަޑުމަޑުން އިތުރުވަމުންނެވެ. މިހާހިސާބުގައި ބަނޑުގެ ހަތަރުބައިކުޅަ އެއްބަޔަކީ މިފެނެވެ. މާބަނޑުވެ ބަނޑަށް 34 ހަފްތާ ފުރޭއިރު ފެންދުލީގައި ގާތްގަނޑަކަށް 800 މިލިލިޓަރުގެ ފެން ނުވަތަ ދިޔަ ހުންނާނެ އެވެ. ބައެއް ރިފަރެންސް ތަކުގައި ބަނޑަށް 36 ހަފްތާ ފުރޭއިރު 1000-880 އެމްއެލް އާއި ދެމެދުގެ މިންވަރަކަށް ދިޔަ ހުންނަކަމަށް ބަޔާންކޮށްފައި ވެއެވެ. އެއަށްފަހު (36 ހަފްތާގެ ފަހުން ) ވިހަންދެން ދެންދާނީ މަޑުމަޑުން މަދުވަމުންނެވެ. ނޫނީ ބަނޑަށް 38 ހަފްތާ ހަމަވުމަށްފަހު ވިހަންދެން އެމްނީއޯޓިކް ފެނުގެ މިންވަރު ދާނީ މަޑުމަޑުން މަދުވަމުންނެވެ. އެހެންކަމުން ބަނޑަށް 40 ހަފްތާ ހަމަވާއިރު މިދިޔައިގެ މިންވަރު 600 މިލިލިޓަރަށް މަދުވާނެ އެވެ. ބައެއް ފަހަރު ފެން ދުލީގައި ފެން މާގިނަވެދާނެ އެވެ. މިހާލަތަށް ކިޔަނީ "ޕޮލީހައިޑްރަމްނީއޯސް"(polyhydramnios) އެވެ. އަނެއްބައި ފަހަރު ފެންދުލީގައި ފެން މާމަދުވެދާނެ އެވެ. މިހާލަތަށް ކިޔަނީ "އޮލިގޯހައިޑްރަމްނީއޯސް"(oligohydramnios) އެވެ. އެއްވެސް އިރެއްގައި ހިސާބަށް ވުރެ ފެން ގިނަވެއްޖެ ނަމަ ނުވަތަ މަދުވެއްޖެނަމަ ޑޮކުޓަރަކަށް ދައްކައިގެން ސްކޭންކޮށް ބަލަން ޖެހޭނެއެވެ.

ފެންދުލީގެ ވަޒީފާ

ފެންދުލީގެ ވަޒީފާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަނޑަށް ނޫނީ ރަހިމަށް ލިބޭ އަނިޔާތަކުން ތުއްތު ދަރިފުޅު ހިމާޔަތްކުރުން

·         ފޫޅުދަނޑި ފިތި ގޮށްޖެހުނަ ނުދިނުން

·         ރަހިމުގެ އެތެރޭގެ ފިނިހޫނުމިން އެއްހަމައެއްގައި ހިފެހެއްޓުން

·         ބަލިތަކުން ދަރިފުޅު ސަލާމަތްކުރުން

·         ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ މަސްތަކާއި ކަށިތައް ހެދިބޮޑުވެ، ވަރުގަދަވުމަށް ބޭނުންވާ ހަރަކާތްތަކަށް ފުރުޞަތު ހޯދައިދިނުން

·         ހަޖަމުކުރާ ނިޒާމް އަދި ނޭވާލާ ނިޒާމް ފުރިހަމަކުރުމަށް އެހީތެރިވެދިނުން

 

އެމްނީއޯޓިކް ފެން އުފެއްދުން ނޫނީ އުފެދުން

އެމްނީއޯޓިކް ފެން އުފެއްދުމުގެ ދައުރުގައި މައިމީހާއާއި ކުޑަދަރިފުޅުވެސް ބައިވެރިވެއެވެ. ބަލިވެއިނދެ ފުރަތަމަ 14 ހަފުތާގައި މިފެން އުފައްދަނީ މައިމީހާގެ ލެއިންނެވެ. އެއަށްފަހު މައިމީހާގެ ލޭގެ އިތުރުން ކުޑަދަރިފުޅުގެ ކުޑަކަމުދާ އެއްޗެތިންނެވެ. އަދި މިފެނުގެ ބޮޑުބަޔަކީވެސް ދަރިފުޅުގެ ކުޑަކަމުދާ އެއްޗިއްސެވެ. މިފެން އަބަދުވެސް ހުންނަނީ ދައުރުވެ ދައުރުވެއެވެ. އަދި ދުވާލަކު އެތައްފަހަރަކު ހުންނަނީ އާވެއާވެއެވެ. މިކަމުގައި ދަރިފުޅު ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. އެއީ ހަތަރުފަސްމަހުގައި ދަރިފުޅު މިފެން ބުއިމަށްފަހު ކުޑަކަމުދާ އެއްޗެތީގެ ގޮތުގައި ދެވަނަފަހަރަށް އެމްނީއޯޓިކް ފެނުގެތެރެއަށް ބޭރުކޮށްލައެވެ. އަދި މައިމީހާގެ ލޭގެތެރެއަށްވެސް މިފެނުން ބައެއް ފޭދިގެން ދެއެވެ. ވުމާއެކު އަބަދުވެސް މިފެން ހުންނަނީ އާވެއާވެއެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު). އެހެންކަމުން މިފެން އެކަށީގެންވާ ހެޔޮވަރު ވަރެއްގައި ބެހެއްޓުމަށް ދެމައިންގެ ދައުރުވެސް ވަރަށް ބޮޑެވެ. ނަމަވެސް ބައެއްފަހަރު މިނިޒާމަށް އުނިކަން އާދެއެވެ. އާއްމުގޮތެއްގައި ދަރިފުޅުގެ ސަބަބުންނެވެ.އަދި ބައެއްފަހަރު މައިމީހާގެ ސަބަބުންނެވެ. ނަތީޖާއަކަށްވަނީ ފެން ހުންނަން ޖެހޭވަރަށް ވުރެ ގިނަވުމެވެ. ނުވަތަ މަދުވުމެވެ (ޑރ މުޙައްމަދު ފައިޞަލް އަހުމަދު).

 

ސަބަބު

ކޮންމެ ފަހަރަކު ފެންދުލީގައި ފެންމަދުވާ ސަބަބު ނުހޯދިދާނެ އެވެ. ނޫނީ ނޭނގިދާނެ އެވެ. އަދި ގިނަ ފަހަރު ސީދާ ސަބަބު ވެސް ހޯދުން އޮންނަނީ އުދަނގޫކަމަށްވެފައެވެ. ހޯދިފައިވާ ގޮތުން ފެންދުލީގައި ފެންމަދުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އުފެދުމުގައި ޢައިބެއްހުރުން : ޅާއްޞަކޮށް ކުޑަކަމުދާ ނިޒާމަށް އަސަރުކުރުވާ އައިބެއްހުރިނަމަ މި ހިރާސް އިތުރުވެއެވެ. މިސާލަކަށް އުފެދުމުގައި ކިޑްނީގެ މައްސަލައެއް ހުރުމުގެ ސަބަބުން އެކަށޭނެ ގޮތެއްގައި ކުޑަކަމު ނަޖިސް ނުއުފެދޭނަމަ، ފެންދުލީގައި ފެންމަދުވުމަކީ އެކަށީގެންވާ ކަމެކެވެ.  

·         ދުވަސްފުރި ނުވިހާ 2 ހަފްތާއަށްވުރެ ގިނަ ދުވަސްވުން : ދުވަސްފުރި ދިއުމުން ދިމާވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ފެންދުލިން ފެންމަދުވުމެވެ. އެއީ އާންމު ގޮތެއްގައި ވެސް ބަނޑަށް 40 ހަފްތާ ހަމަވުމުން ތަބީއީ ގޮތެއްގައި ވެސް ފެންދުލިން ފެންމަދުވާން ފަށާތީ އެވެ.

·         މައިމީހާއަށް ދިމާވާ މައްސަލަތައް : މިސާލަކަށް މައިމީހާ ލޭމައްޗަށްދިއުން، ހަކުރުބަލިހުރުން، ބަލިވެއިނުން ވިހަވުން، މައިމީހާގެ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން އަދި ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސިސް ފަދަ މައްސަލަތަކުގެ ސަބަބުން ފެންދުލިން ފެންމަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

·         މާއަވަހަށް ފެންދުލި ފަޅައިގެންދިއުން : ފެންދުލިން ތަންކޮޅެއް ފަޅައިގެން ދިއުމަކީ ފެން ލީކުވާނެ ކަމެކެވެ. މާބަނޑުވުމަށްފަހު ކޮންމެ ދުވަސްވަރަކު ވެސް މިކަން ކުރިމަތިވެދާނެ އެވެ. ނަމަވެސް ބޮޑަށް މިކަން ކުރިމަތިވަނީ ވިހަން ކައިރިވުމުންނެވެ. ޖަނގިޔާ ތެމިފައިހުރުން ނޫނީ ކުރިމަތި ފަރާތުން ދިޔާ އެއްޗެއް އަންނަހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

·         ނިބޫކުދިންނަށް ނޫނީ އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން: މިހާލަތުގައި އެއްކުއްޖެއްގެ ފެންދުލީގައި މާގިނައިން އެމްނީއޯޓިކް ފެން ހުރެފައި އަނެއްކުއްޖެއްގެ ފެންދުލީގައި މާމަދުން އެމްނީއޯޓިކް ފެން ހުރެދާނެ އެވެ.

·         ރަހިމުން މަސްވަކިވުން : ރަހިމުން މަސްވަކިވުމަކީ ނޫނީ މަހުން ބައެއް ރަހިމުން ވަކިވުމަކީ އެކަމުގެ ސަބަބުން ފެންދުލީގައި ފެން މަދުވެދާނެ ކަމެކެވެ. މަހުން ތުއްތު ދަރިފުޅަށް ބޭނުންވާ އޮކްސިޖަން އާއި ކާނާ އެކަށޭނަ ވަރަށް ފޯރުކޮށްނުދޭނަމަ ތުއްތު ދަރިފުޅުގެ ހަށިގަނޑުން ކުޑަކަމުނަޖިސް އުފެއްދުން މަދުވެ، ފެންދުލީގައި ފެންމަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ބައެއް ކަހަލަ ބޭސްތައް  ބޭނުންކުރުން: މިސާލަކަށް ލޭމައްޗަށްދާ މީހުންނަށް ފަރުވާގައި ދީއުޅޭ އެންޖިއޯޓެންސިން ކޮންވާރޓިންގ އެންޒައިމް އިންހިބިޓަރސް ތެރޭގައި ހިމެނޭ ބޭސްތައް : އެނަލަޕްރިލް، ރެމިޕްރިލް ފަދަ ބޭސްތައް ބޭނުންކުރުން

·         ކުރިން ފަހަރަކު ބަލިވެއިން އިރު ފެންދުލީގައި ފެންމަދުވުން ކުރިމަތިވުން

·         ތުއްތު ދަރިފުޅު އުމުރާ އަޅާބަލާއިރު ކުޑަވުން : ތުއްތު ދަރިފުޅު ކުޑަނަމަ ފެންދުލީގައި ފެން އުފެދޭ މިންވަރު ވެސް ދަށްވާނެ އެވެ.

އަލާމާތްތައް

ފެންދުލީގައި ފެންމަދުވެފައި ހުއްޓަސް ފަހަރުގައި ނޭނގި ވެސް ހިނގައިދާނެ އެވެ. ނަމަވެސް އަންނަނިވި ކަންތައްތައް ކުރިމަތިވެއްޖެނަމަ ފެންދުލީގައި ފެންމަދުކަމަށް ތުހުމަތު ކުރެވިދާނެ ނޫނީ ބެލެވިދާނެ އެވެ.

·         ކުރިމަތި ފަރާތުން އެއްޗެހި (ދިޔަ) ނޫނީ ފެން ފޭބުން

·         ރަހިމު ސައިޒުން (ބަނޑަށްވީ ދުވަހާ އަޅާބަލާއިރު) ކުޑަވުން / ދަރިފުޅު ކުޑަހެން ހީވުން

·         ތުއްތު ދަރިފުޅު އެކަށޭނަވަރަށް ތޮޅޭހެން ހީނުވުން

·         އެކަށޭނަވަރަށް ބަރުދަން އިތުރުވާހެން ހީނުވުން

·         ސްކޭން އިން ފެންދުލީގައި އެކަށޭނަ ވަރަށް ފެންހުރިކަމަށް ނުދެއްކުން  

ނުރައްކާތައް

މާބަނޑުވުމަށްފަހު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ފެންދުލީގައި ފެންމަދުވުމަކީ ވަކިން ނުރައްކާތެރި ކަމެކެވެ. އެގޮތުން ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ފެންދުލީގައި ފެންމަދުވުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުން

·         ދުވަސްނުފުރާ އުފަންވުން

·         ތުއްތު ދަރިފުޅު ބަނޑަށް މަރުވުން

·         ބައިގެންދިއުން

·         އިންފެކްޝަން ހެދުން

މާބަނޑު ވުމަށްފަހު ފަހު 3 މަސް ދުވަހުގެ ތެރޭގައި ( ބަނޑަށް 40-28 ހަފްތާއާއި ދެމެދުގައި) ފެންދުލީގައި ފެންމަދުވުން ކުރިމަތިވެއްޖެނަމަ އަންނަނިވި ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ފޫޅުދަނޑި ފިތިގޮށްޖެހުން

·         ތުއްތު ދަރިފުޅު ހެދިބޮޑުވުން ލަސްވުން

·         ނޭވާލާ ނިޒާމުގެ މައްސަލަތައް ނުވަތަ ފުއްޕާމޭ ރަނގަޅަށް ފުރިހަމަނުވުން

·         ސިޒޭރިއަން ހަދަންޖެހުން

·         ދުވަސްނުފުރެނީސް ވިހަން/ވިއްސަން ޖެހުން ނޫނީ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގުން

·         އިންފެކްޝަން ހެދުމުގެ ހިރާސް އިތުރުވުން

·         ތުއްތު ދަރިފުޅު އުފަންވާއިރު ބަލާ އަޕްގަރ ސްކޯރ ދަށްވުން

·         ތުއްތު ދަރިފުޅު އައިސީޔޫގައި އެދުމަތިކުރަންޖެހުން

·         ތުއްތު ދަރިފުޅަށް އޭނާގެ އަމިއްލަ ބޮޑުކަމު ނަޖިސް ކެވުން

ދެނެގަތުން

ފެންދުލީގައި ފެންމަދުކަމަށް ޝައްކުކުރެވޭނަމަ ސްކޭން ކޮށްގެން ފެންދުލީގައި ފެންހުރި މިންވަރު ބެލެއެވެ. ތުއްތު ދަރިފުޅުގެ އުމުރާ އަޅާބަލާއިރު ފެންދުލީގައި ފެން ހުންނަށް ޖެހޭ މިންވަރު މަދުނަމަ، ފަހަރުގައި އެއީ ފެންދުލީގައި ފެންމަދުވުން ކަމުގައި ބެލެވިދާނެ އެވެ. މީގެ އިތުރުން އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ބެލޭނެ އެވެ. ތުއްތު ދަރިފުޅުގެ ގުރުދާއާއި، ކުޑަކަމުދާ ނިޒާމް އަދި މަސާނާގައި ކުޑަކަމު ނަޖިސް ހުރި މިންވަރު ވެސް ބެލޭނެ އެވެ. ޑޮޕްލަރ ސްކޭންގެ އެހީގައި ތުއްތު ދަރިފުޅުގެ ގުރުދާ އަދި މަހުގައި ލޭދައުރުވާގޮތް ބަލާލެވޭނެ އެވެ.

 

ފެންދުލީގައި ފެންހުރި މިންވަރު ބެލުމަށް ދެގޮތުންކުރެ ގޮތެއް ޚިޔާރު ކުރެވިދާނެ އެވެ.

(ހ) އެމްނީއޯޓިކް ފުލުއިޑް ވޮލިއުމް ބެލުން (amniotic fluid volume) ނުވަތަ މެކްސިމަމް ވާޓިކަލް ޕޮކެޓް ބެލުން(MPV): މިވޮލިއުމް ނުވަތަ މިން މިންކުރަނީ ސްކޭންގެ އެހީގައި ތުއްތު ދަރިފުޅުގެ ވަށައިގެން އިންނަ އެންމެ ބޮޑު، އެންމެ ފުން ފުލުއިޑް ޕޮކެޓްގެ (ޕޮކެޓްގައި ފޫޅުދަނޑި ނޫނީ ތުއްތު ދަރިފުޅުގެ ބައެއް ނުހިމެނޭގޮތަށް އިން ޕޮކެޓެއް) މިން ވާޓިކަލްކޮށް ބަލައިގެންނެވެ. އެމްނީއޯޓިކް ފުލުއިޑް ވޮލިއުމް ނޫނީ މެކްސިމަމް ވާޓިކަލް ޕޮކެޓްގެ މިން 2 ސމ ނުވަތަ އެއަށްވުރެ ދަށްނަމަ އެއިން ދައްކައިދެނީ ފެންދުލީގައި ފެން މަދު ކަމެވެ.

 

(ށ) އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް ބެލުން (amniotic fluid index): މިއިންޑެކްސް ހޯދާނެ ގޮތަކީ ރަހިމު އެއްވަރަކަށް 4 ބަޔަށް ބަހާލުމަށްފަހު ކޮންމެ ހިސާބެއްގައި އިންނަ އެންމެ ބޮޑު  ފުލުއިޑް ޕޮކެޓްގެ މިން ވާޓިކަލްކޮށް ބެލުމެވެ. މިހުރިހާ ޕޮކެޓެއްގެ ވޮލިއުމް އެއްކޮށްލުމުން އަންނަ މިންވަރަކީ އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް އެވެ. މާބަނޑު ދުވަސްވަރުގެ ފަހު 3 މަހުގެ ތެރޭގައި އެމްނީއޯޓިކް ފުލުއިޑް ހުންނަޖެހޭ މިންގަނޑަކީ 25-5 ސމ އާއި ދެމެދުގައެވެ. އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް 5 ސމ ނުވަތަ އެއަށްވުރެ ދަށްނަމަ އެއިން އަންގައިދެނީ ފެންދުލީގައި ފެންމަދު ކަމެވެ.

 

މީގެ އިތުރުން ފެންދުލީގައި ފެންމަދުކަން ފާހަގަވާ ހިސާބުން މޮނިޓަރ ކުރުމުގެ ގޮތުން އަންނަނިވި ކަންތައްތައް ކުރާނެއެވެ.

(ހ) ނަން ސްޓްރެސް ޓެސްޓު(nonstress test) : މިއީ ތުއްތު ދަރިފުޅު ހަރަކާތަށް ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު އިޖާބަދޭގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ. ނޫނީ ހަރަކާތް ކުރާއިރު ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ހުރި މިންވަރު ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށް މައިމީހާގެ ބަނޑުގައި ޚާއްޞަ ޑިވައިސް އެއް ހަރުކުރާނެއެވެ. އެއަށްފަހަ ތުއްތު ދަރިފުޅު ހަރަކާތްތެރި ކުރުވުމަށްޓަކައި އެއްޗެއް ކެއުމަށް ނުވަތަ ބުއިމަށް ލަފާދޭނެ އެވެ. މީގެ އިތުރުން މި ޑިވައިސް އެހީގައި ބަނޑުގައިވާ ތުއްތު ދަރިފުޅު ހޭލައްވައި ހަރަކާތްތެރިވުމަށް ވެސް ހިތްވަރުދޭނެ އެވެ. 

(ށ) ބަޔޯފިޒިކަލް ޕްރޮފައިލް (biophysical profile): ބަޔޯފިޒިކަލް ޕްރޮފައިލްގައި އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތުއްތު ކުއްޖާ ނޭވާލާ މިންވަރު، ހަރަކާތް، މަސްތަކުގެ ޓޯން ހުރި މިންވަރު އަދި ފެންދުލީގައި ފެން ހުރި މިންވަރު ބެލޭނެއެވެ. ބައެއް ފަހަރު ނަން ސްޓްރެސް ޓެސްޓާ އެކު ވެސް މިޓެސްޓު ހަދައިފާނެ އެވެ.

ފަރުވާ

ފަރުވާގެ މައިގަނޑު އަމާޒަކީ ދުވަސްފުރެންދެން ވެސް މާބަނޑު ދުވަސްވަރު ރައްކާތެރިކަމާ ދުޅަހެޔޮކަންމަތީ ކުރިޔަށް ގެންދިއުމެވެ. ފަރުވާ ބަރޯސާވަނީ މާބަނޑުވުމަށްފަހު ބަނޑަށްވީ ދުވަހަކާއި، ފެންދުލީގައި ފެންމަދުވުމުގެ އިތުރުން ދިމާވެފައިވާ މާބަނޑުވުމާއި ގުޅުހުންހުރި އެހެނިހެން ޞިއްހީ މައްސަލަތަކާއި، ކުރިމަތިވެފައިވާ އަލާމާތްތަކާއި، އަދި މައިމީހާގެ އާންމު ދުޅަހެޔޮކަމުގެ މައްޗަށެވެ. ދުވަސްފުރެން ކައިރިވެފައިވާނަމަ، ވިއްސުން ނޫނީ ސިޒޭރިއަން ހަދަންޖެހިދާނެ އެވެ. ދުވަސްފުރެން ކައިރިވެފައިވާނަމަ މައިމީހާއާއި ދަރިފުޅުގެ ހާލަތު މޮނިޓަރކުރުމަށް ތަންކޮލެއް ކައިރި ކައިރިން ޑޮކްޓަރަށް ދައްކައި، ސްކޭންކޮށް، މޮނިޓަރ ކުރުމުގެ ގޮތުން އިތުރު ޓެސްޓުތައް (ނަން ސްޓްރެސް ޓެސްޓު. ބަޔޯފިޒިކަލް ޕްރޮފައިލް) ހަދަން ބުނެފާނެ އެވެ.

 

އާންމުގޮތެއްގައި ފެންދުލީގައި ފެންމަދުވުން ކުރިމަތިވީ ދުވަސްފުރެން ކައިރިވެފައި ވަނިކޮށް ނަމަ، އިތުރު އެހެން ކަމެއް ނުކޮށް ހަމައެކަނި ގާތުން މޮނިޓަރކުރަމުން ގެންގޮސްދާނެ އެވެ. ފެންދުލީގައި ފެންމަދުވެއްޖެނަމަ،ފަރުވާކުރުމުގެ ގޮތުން އަންނަނިވި ކަންތައްތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) އާންމުކޮށް ކުރާވަރަށްވުރެ ބޮޑަށް މޮނިޓަރކުރަމުން ގެންދިއުން : އެގޮތުން ވަރަށް ގާތް ގާތުގައި އަލްޓްރާ ސައުންޑް ސްކޭން ހަދައިފާނެ އެވެ. އެއީ ތުއްތު ދަރިފުޅަށް އަންނަ ބަދަލުތައް ބަލަމުން ގެންދިއުމަށެވެ. އަދި އެމްނީއޯޓިކް ފުލުއިޑް ގެ މިންވަރު ބަލަމުން ގެންދިއުމެވެ. މީގެ އިތުރުން ނަން ސްޓްރެސް ޓެސްޓް، ބަޔޯފިޒިކަލް ޕްރޮފައިލް، އަދި ޑޮޕްލަރ ސްކޭން ނުވަތަ ސްޓަޑީޒް ހަދައިފާނެ އެވެ. ގިނައިން ދިޔާތަކެތި ބުއިމަށް ބާރުއެޅުމާއެކު، ބަނޑުގައިވާ ދަރިފުޅު ތޮޅޭ މިންވަރު ގުނަމުން ގެންދިއުމާއި، ތުއްތު ދަރިފުޅުގެ ތޮޅުން މަދުހެން ހީވާނަމަ ލަސްނުކޮށް ހަސްފަތާލަށް ދިއުމަށް ލަފާދޭނެ އެވެ.

(ށ) ވިއްސުވުން : ފެންދުލީގައި ފެންމަދުވެ، ދުވަސް ފުރެން ކައިރިވެފައިވާނަމަ، ވިއްސުވާނެ އެވެ. ބައެއް ހާލަތްތަކުގައި މިސާލަކަށް ބަލިވެއިނުން ވިހަވުން ފަދަ ހާލަތްތަކުގައި ދުވަސް ނުފުރެނީސް ވިއްސަން ނޫނީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަންޖެހިދާނެ އެވެ. 

(ނ) ގިނައިން ދިޔާތަކެތި ބޭނުންކުރުން : ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ދުވާލަކު މަދުވެގެން 3-2 ލިޓަރުގެ ފެންބުއިމަކީ ފަހަރުގައި ވަގުތީ ގޮތުން ފެންދުލީގައި ފެން ކޮންމެވެސް މިންވަރަކަށް އިތުރުވެދާނެ ކަމެކެވެ. ޚާއްޞަކޮށް މައިމީހާގެ ހަށިގަނޑުގައި ފެނާއި ލޮނުގެބައި މަދުނަމަ މިއީ ވަރަށް މުހިއްމު ކަމެކެވެ.

(ރ) ސިޒޭރިއަން ހެދުން : ފެންދުލީގައި ފެންމަދުވެ، ތުއްތު ދަރިފުޅާއި މައިމީހާއަށް މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮތްނަމަ ފަހަރުގައި ދުވަސް ނުފުރެނީސް ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(ބ) އެމްނީއޯއިންފިއުޝަން (amnioinfusion): މިއީ ޚާއްޞަ ދިޔައެއް ނޫނީ ފެނެއް ފެންދުއްޔަށް ފޮނުވުމެވެ. މިކަން ކުރެވެނީ ފެންދުލީގައި ފެން އިތުރުކުރުމަށެވެ. މިކަންކުރެވެނީ ވިހެއުމުގެ ތެރޭގައި އަދި ފެންދުލި މާއަވަހަށް ފަޅައިގެން ގޮސްފައިވާނަމަ އެވެ.  

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

 

ހަވާލާ

·         https://www.mayoclinic.org/healthy-lifestyle/pregnancy-week-by-week/expert-answers/low-amniotic-fluid/faq-20057964

·         https://my.clevelandclinic.org/health/diseases/22179-oligohydramnios

·         https://www.babycenter.com/pregnancy/health-and-safety/low-amniotic-fluid-oligohydramnios_1199460  

·         https://www.glowm.com/pdf/ultrasound_in_obstetrics_and_gynecology-chapter9.pdf

·         https://www.cedars-sinai.org/health-library/diseases-and-conditions/o/oligohydramnios.html

 

 

 

No comments:

Post a Comment