Saturday, July 23, 2022

މާބަނޑު ދުވަސްވަރު : ރަހިމުން މަސްވަކިވުން

 

މާބަނޑު ދުވަސްވަރު : ރަހިމުން މަސްވަކިވުން

ރަހިމުން މަސްވަކިވުން(placental abruption)  މިއީ މާބަނޑު ދުވަސްވަރު ވަރަށް މަދުން ނަމަވެސް ދިމާވާ ނުރައްކާތެރި ޞިއްހީ މައްސަލައެކެވެ. ރަހިމުން މަސްވަކިވުމަކީ ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާ އާއި އޮކްސިޖަން ފޯރުކޮށްދިނުން މަދުކޮށްދީ، ނޫނީ ހުއްޓުވާ ކަމެކެވެ. ދަރިފުޅުބޮޑުވުން ލަސްވުން، ދުވަސްނުފުރާ ވިހެއުން އަދި މާބަނޑުއިރު ލޭފޭބުން ފަދަ ކަންތައްތައް ކުރިމަތިކުރުވާ ކަމެކެވެ. ކުރު ގޮތަކަށް ބުނާނަމަ މިއީ މައިމީހާއާއި ދަރިފުޅަށް ވެސް ނުރައްކާ ކުރިމަތިކުރުވާނެ ޙާލަތެކެވެ. އަދި ގިނަފަހަރަށް މިހެން ދިމާވަނީ ބަނޑަށް 6 މަހަށް ފަހުގައެވެ. ނަމަވެސް 20 ހަފުތާއަށްފަހު ކޮންމެ ވަގުތަކުވެސް މިހެން ދިމާވެދާނެއެވެ.

ވާމަސް(placenta) ނުވަތަ މަހަކީ މާބަނޑުވުމުން ރަހިމުގެ ތެރޭގައި އުފެދޭ ގުނަވަނެކެވެ. މިއީ ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން އާއި ކާނާ މައިމީހާގެ ހަށިގަނޑުން ގެންގޮސްދީ، އަދި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ބޭނުންނުވާ ބޭކާރު މާއްދާތައް ބޭރުކޮށްދޭ ގުނަވަނެވެ. ތުއްތު ދަރިފުޅާއި މަސް ގުޅުވައިދޭ ވަޞީލަތަކީ "ފޫޅުދަނޑި"(umbilical cord)  އެވެ. އާންމު ގޮތެއްގައި މަސް ރަހިމުގައި ތަބީޢީ ޣޮތުން ހަރުލާފައި އިންނަނީ ރަހިމުގެ އެތެރޭ ފާރުގެ މަތީބައި، ނުވަތަ އަރިމަތީގައެވެ. ނުވަތަ އެތެރޭގެ ބިއްދޮށު ފާރުގެ މަތީބައިގައެވެ. ނުވަތަ މަތީފާރުގެ ބިއްދޮށު ފަރާތުގައެވެ. ނޫނީ ރަހިމުގެ މަތީބައިގައެވެ. މަސް އުފެދިފައި ހުންނަނީ ދަރިފުޅުގެ ބަޔަކުންނާއި މަންމަގެ ބަޔަކުންނެވެ.

ރަހިމުން މަސްވަކިވުން ކަމުގައި ބެލެވެނީ ވިހެއުމުގެ ކުރިން މަހުން ބައެއް ނޫނީ މަސް އެއްކޮށް ރަހިމުގެ ފާރުން ވަކިވުމަށެވެ. މިކަމުގެ ސަބަބުން ތުއްތު ދަރިފުޅަށް ބޭނުންވާ ކާނާއާއި އޮކްސިޖަން މަދުކޮށްދީ، ނޫނީ ހުއްޓުވައި، މައިމީހާގެ ކުރިމަތި ފަރާތުން  ވަރަށް ބައިވަރު ލޭފައިބައިފާނެ އެވެ. ރަހިމުން މަސްވަކިވުން ގިނަ ފަހަރު ކުރިމަތިވަނީ ކުއްލިއަކަށް ހުރެފައެވެ. އެހެންކަމުން މިއީ މައިމީހާއާއި ކުޑަ ދަރިފުޅަށް ވެސް ނުރައްކާތައް މެދުވެރިކޮށްފާނެ ކަމެކެވެ.

ސަބަބު

ރަހިމުން މަސްވަކިވާން މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ގަބޫލުކުރެވޭ ސަބަބުތަކުގެ ތެރޭގައި އެކްސިޑެންޓެއް، ނޫނީ ވެއްޓުން ފަދަ ކަމެއްގެ ސަބަބުން ބަނޑަށް އަނިޔާއެއްވުން، އަދި ކުއްލިއަކަށް ފެންދުލި ފަޅައިގެންގޮސް ވަރަށް ބައިވަރު ފެން ފޭބުން ފަދަ ކަންތައްތައް ހިމެނެއެވެ.

މަގުފަހިކުރާ ކަންތައްތައް

ރަހިމުން މަސްވަކިވުމުގެ ހިރާސް އިތުރުކުރުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަނޑަށް (ރަހިމަށް) އަނިޔާއެއް ލިބުމެއްނެތި، ކުރީ ފަހަރުގައި ބަލިވެއިންއިރު ވިހެއުމުގެ ކުރިން ރަހިމުން މަސްވަކިވެފައިވުން

·         ލޭމައްޗަށްދިއުން / ލޭމައްޗަށްދިއުން ބަލިވެއިނުމުގެކުރިން ވެސް ހުރުން

·         ލޭމައްޗަށްދިއުމާއި ގުޅުންހުރި މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަތައް ކުރިމަތިވުން މިސާލަކަށް:

o       ބަލިވެއިނުން ވިހެއުން

o       ބަލިވެއިނުން ވިހަވުން ކުރިމަތިވުމާއެކު ފިޓުޖެހުން،

o       ހެލްޕް ސިންޑްރޯމް(ލޭގެ ރަތްސެލްތައްހަލާކުވެ، ފުރަމޭގެ އެންޒައިމްތައް ގިނަވެ، ލޭގެ ޕްލޭޓްލިޓް މަދުވުން) ކުރިމަތިވުން

·         މާބަނޑު ދުވަސްވަރު ހަކުރުމަތިވުން

·         ވެއްޓުން ، މަގުމަތީގެ އެކްސިޑެންޓެއް ނޫނީ ބަނޑުމަތީގައި ޖެހުން، ނޫނީ އެހެން ވެސް ކަމަކުން ބަނޑަށް (ރަހިމަށް) އަނިޔާވުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

·         މާބަނޑު ދުވަސްވަރު މަސްތުވާތަކެތި (ކޮކެއިން) ބޭނުންކުރުން

·         ފެންދުލި މާއަވަހަށް ފަޅައިގެންދިއުން / ކުރިން ފަހަރަކު ދުވަސް ހަމަނުވަނީސް ފެންދުލި ފަޅައިގެންދިއުން

·         މާބަނޑު ދުވަސްވަރު ރަހިމުގެ ތެރޭގައި އިންފެކްޝަން ހެދުން

·         މައިމީހާގެ އުމުރު 35 އަހަރަށްވުރެ ދޮށިވުން / އުމުރުން ދުވަސްވުން

·         އެއްކުޖަކަށްވުރެ ގިނަކުދިންނަށް (އެއްމާބަނޑު ކުދިންނަށް) ބަލިވެއިނުން

·         ފޫޅުދަނޑި ކުރުވުން

·         ރަހިމުގައި ފައިބްރޮއިޑް އުފެދުން

·         ތްރޮމްބޮފިލިއާ ފަދަ ލޭގަނޑުވުމުގެ މައްސަލައެއް ހުރުން

·         ފެންދުލި މާއަވަހަށް ފަޅައިގެންދިއުން

·         ފެންދުލީގައި ހުންނަ ފެން ކުއްލިއަކަށް މާބޮޑަށް މަދުވުން

·         ފެންދުލީގައި ފެން އުފެދޭ މިންވަރު ނޫނީ ފެންހުރި މިންވަރު އާދަޔާ ޚިލާފަށް އިތުރުވުން

·         އައިވީއެފް ހެދުން ފަދަ ކަމެއްކޮށްގެން ބަލިވެއިނުން

·         ރަހިމުގައި ޢައިބެއްހުރުން

·         ވަރަށް ގިނަ ކުދިން ވިހެއުން

·         ބަނޑަށް ކުރީކޮޅު ލޭފޭބުން

ވައްތަރުތައް

ރަހިމުން މަސް ވަކިވުމުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) މަހުން ބައެއް ރަހިމާއި ވަކިވުން (partial placental abruption): މިއީ މަހުން ބައެއް ރަހިމުގެ ފާރާއި ނުވަތަ ރަހިމާއި ވަކިވުމެވެ.

(ށ) މަސް އެއްކޮށް ރަހިމާއި ވަކިވުން (complete placental abruption): މިއީ މަސް އެއްކޮށް ރަހިމާއި ވަކިވުމެވެ. މިހާލަތުގައި އާދަޔާ ޚިލާފަށް ގިނައިން ކުރިމަތި ފަރާތުން ލޭފައިބާނެ އެވެ.

(ނ) ރިވީލްޑް ޕްލަސެންޓަލް އެބްރަޕްޝަން (revealed placental abruptions): މި ވައްތަރުގައި މެދުމިނުން ފެށިގެން ގޮސް ވަރަށް ބޮޑަށް ކުރިމަތި ފަރާތުން ލޭފައިބާނެ އެވެ. އަދި މިގޮތަށް ފައިބާ ލޭ ފެންނަން ހުންނާނެ އެވެ.

(ރ) ކޮންސީލްޑް ޕްލަސެންޓަލް އެބްރަޕްޝަން (concealed placental abruptions): މިވައްތަރުގައި ބޭރުވާ ލޭ ހުންނާނީ މަހާއި، ރަހިމުގެ ފާރާއި ދެމެދުގައި ހިފެހެއްޓި ހައްޔަރު ވެފައެވެ. އެހެން ކަމުން ބޭރަށް ކުޑަ މިންވަރަކަށް ލޭ ބޭރުވެދާނެއެވެ. ނޫނީ އެއްވެސް ވަރަކަށް ލެޔެއް ނުފައިބާނެއެވެ.

އަލާމާތްތައް

ރަހިމުން މަސްވަކިވުން އާންމުކޮށް ކުރިމަތިވަނީ މާބަނޑު ދުވަސްވަރުގެ ފަހު 3 މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް  ވިހެއުމުގެ ކުރިން އަންނަ ދެތިން ހަފްތާގެ މުއްދަތުގެ ތެރޭގައެވެ. ރަހިމުން މަސްވަކިވުމުން ފެނިދާނެ އަލާމާތްތަކާއި، ފާހަގަވެދާނެ ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކުރިމަތި ފަރާތުން ލޭ ފޭބުން : ލޭފައިބާ މިންވަރު ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ކުޑަ ލޭކޮޅެއް ނޫނީ ވަރަށް ބައިވަރު ލޭވެސް ފައިބައިފާނެ އެވެ. އެއްފަހަރާ ރާސްލާފައި ވަރަށް ބައިވަރު ލޭފޭބުމަކީ ވެސް ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ރަހިމުން ފައިބާ ލޭ ރަހިމާއި، މަހާއި ދޭތެރޭގައި ހަރުލާފައި ވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު އެއްވެސް ލެޔެއް މިފަދަ ހާލަތުގައި ކުރިމަތި ފަރާތުން ނުފޭބުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. ހޯދިފައިވާ ގޮތުގައި ރަހިމުން މަސްވަކިވުން ކުރިމަތިވާ މީހުންގެ ތެރެއިން %80 މީހުންނަށް ކުރިމަތި ފަރާތުން ލޭފޭބުން މެދުވެރިކުރުވައެވެ.

·         ދަށްބަނޑުގައި ރިހުން

·         އުނގަނޑުގައި ނޫނީ ބުރަކަށީގައި ރިހުން

·         އިރުއިރުކޮޅާ ރަހިމު ހަރަކާތްކުރުން ނުވަތަ މެދުނުކެނޑި ރަހިމު ހަރަކާތްކުރުން

·         ރަހިމުގައި ބީހިލުމުން ރިހުން

·         ތުއްތު ދަރިފުޅުގެ ތޮޅުން މަދުވުން

ދަށްބަނޑުގައި ރިހުމާއި، އުނަގަނޑުގައި ރިހުން އާންމުކޮށް ކުރިމަތިވަނީ ކުއްލިއަކަށެވެ. ބައެއް ފަހަރު ރަހިމުން މަސްވަކިވުން ވަރަށް ލަސްލަހުން ވެސް ކުރިމަތިވެދާނެ އެވެ. މިހެންވުމުން ވަރަށް ލަސްލަހުން ދޭތެރެ ދޭތެރެއިން ވަރަށް ކުލަފަޑުކޮށް ހުންނަ ލޭފައިބައިފާނެ އެވެ. ތުއްތު ދަރިފުޅު އެންމެ އެކަށޭނަ ވަރަށް ބޮޑުވެސް ނުވެދާނެ އެވެ. ފެންދުލީގައި ފެންމަދުވުން އަދި އެހެނިހެން ޞިއްޙީ ނުރައްކާތައް ވެސް ވެސް ފަހަރުގައި ކުރިމަތިވެދާނެ އެވެ. އަދި ރަހިމުން މަސް ވަކިވާ މީހންގެ ތެރެއިން %25 މީހުން މިކަމުގެ ތެރޭގައި ދުވަސް ނުފުރައި ވިހައެވެ.

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް

ރަހިމުން މަސްވަކިވުމުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތް ހޯދުމަކީ މުހިއްމު ކަމެކެވެ. އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

·         ކުރިމަތިފަރާތުން ލޭ ފެއިބުން ނުވަތަ ފެންފައިބާއިރު ލޭ ކުލަ ހުރުން (ގިނައިން ލޭފެއިބުމާއިއެކު ގައިގެ ވަރުދެރަވެ ހިތް ހިގުން އަވަސްވެ އަދި ދާހިއްލައި ގައިގެ ކުލަ ފަޑުވެ ނުވަތަ އަބުރައިގެންފި ނަމަ ވަގުތުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ދާށެވެ.

·         ރަހިމު، ދަށްބަނޑު، އުނަގަނޑު ނޫނީ ބުރަކަށީގައި ރިހުން

·         އިރުއިރުކޮޅާ ރަހިމު ހަރަކާތްކުރުން ނުވަތަ މެދު ނުކެނޑި ރަހިމު ހަރަކާތްކުރުން

·         ކުރިން ބަނޑުގައިވާ ތުއްތު ދަރިފުޅު ތޮޅޭވަރަށް ނުތޮޅުން

ދިމާވެދާނެ ނުރައްކާތައް

ރަހިމުން މަސްވަކިވުމަކީ އެކަމުގެ ސަބަބުން މައިމީހާއާއި، ތުއްތު ދަރިފުޅުގެ ފުރާނައަށް ވެސް ނުރައްކަލާ ކުރިމަތިކުރުވާނެ ކަމެކެވެ.

މައިމީހާއަށް ކުރިމަތިވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ލޭފޭބުމުގެ ސަބަބުން ޝޮކްޖެހުން

·         ލޭމަނާވުމުގައި މައްސަލަތައް ދިމާވުން

·         ލޭއަޅަންޖެހުން

·         ލޭފޭބުމުގެ ސަބަބުން ގުރުދާ ނޫނީ އެހެނިހެން ގުނަވަންތައް ފޭލްވުން

·         ރަހިމު ނެގުން (ލޭފޭބުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ)

ބަނޑުގައިވާ ތުއްތު ދަރިފުޅަށް ކުރިމަތިވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ހެދިބޮޑުވުން ލަސްވުން

·         އޮކްސިޖަން ލިބުން މަދުވުން ނޫނީ ހުއްޓުން : އެކަމުގެ ސަބަބުން ސިކުނޑިއަށް ގެއްލުންވުން

·         ދުވަސްނުފުރާ ވިހެއުން ނޫނީ އުފަންވުން

·         އުފަންވާއިރު ބަރުދަން ލުއިވުން

·         ތުއްތު ދަރިފުޅު ބަނޑަށް މަރުވުން

ދެނެގަތުން

ރަހިމުން މަސްވަކިވެފައިވާކަމަށް ހީވާނަމަ ޑޮކްޓަރުން ކުރިމަތި ފަރާތް ބަލައި، ރަހިމުގައި ބީހިލުމުން ބަލިމީހާއަށް ރިހުން އިހުސާސްވޭތޯ ބަލައި ޗެކުކުރާނެ އެވެ. ލޭފައިބާ މަޞްދަރު ހޯދުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހަދަންޖެހިދާނެ އެވެ.

·         ލޭގެ ޓެސްޓުތައް

·         ކުޑަކަމުދާތަކެތި ޓެސްޓުކުރުން

·         ސްކޭންކުރުން

ރަހިމުން މަސް ވަކިވުމުން ފެންނަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހޭނެއެވެ. އަދި ދަރިފުޅާއި މައިމީހާ ފުރިހަމައަށް ބަލައި ޗެކު ކުރަން ޖެހޭނެއެވެ. މިގޮތުން ސްކޭން ކުރުމާއިއެކު ދަރިފުޅުގެ ހިތުގެ ހިގުން ރަނގަޅުތޯ ބަލަން ޖެހޭނެއެވެ. ރަހިމުންކުޑަކުޑަކޮށް މަސް ވަކިވެފައި ވާނަމަ ހަމައެކަނި ސްކޭން ކޮށްގެން ދެނެގަންނާކަށް ނޭގޭނެއެވެ. ވުމާއެކު ލޭއަންނަ ސަބަބު ބެލުމަށް ފުރިހަމައަށް މައިމީހަ ޗެކު ކުރަން ޖެހޭނެއެވެ.

ރަހިމުން މަސްވަކިވުން ދެނެގަތުމަށް ކުރެވޭ ކަންތައްތަކުގެ ތެރެއިން އަންނިވި ކަންކަން އަހައި އޮޅުން ފިލުވައި، ނޫނީ ކުރުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ.

·         ލޭފޭބި މިންވަރު

·         ތަދު އިހުސާސްވާ ތަންތަނާއި، އޭގެ މިންވަރު

·         އަލާމާތްތައް ފެންނަށް ފެށީ ކޮންއިރަކުކަން

·         ލޭގެ ޕްރެޝަރު މޮނިޓަރކުރުން

·         ތުއްތު ދަރިފުޅުގެ ހިތުގެ ވިންދާއި ތޮޅުން މޮނިޓަރކުރުން

·         ރަހިމުގެ ހަރަކާތްތައް މޮނިޓަރކުރުން

·         ސްކޭން ކުރުން : ލޭއަންނަތަން / ދަރިފުޅުގެ ހާލަތު ދެނެގަތުމަށް

·         ލޭގެ އަދި ކުޑަކަމުދާތަކެތީގެ ޓެސްޓުކުރުން

ބެހިފައިވާ ދަރަޖަތައް

ރަހިމުން މަސްވަކިވުން ދެނެގަތުމުގައި 3 ދަރަޖައަކަށް ރަހިމުން މަސްވަކިވުން ބަހާލެވިފައިވެއެވެ. އެއީ:-

·         ގްރޭޑް 1 : ވަރަށް ކުޑަ މިންވަރަކަށް ލޭފޭބުން، ކޮންމެވެސް މިންވަރަކަށް ރަހިމުގެ ހަރަކާތްތައް ހުރުން، މައިމީހާއާއި ދަރިފުޅަށް ފިއްތުމެއް އޮތްކަމުގެ ނިޝާނެއް ފާހަގަނުވުން

·         ގްރޭޑް 2 : މަދުން ނޫނީ މެދު މިންވަރަކަށް ލޭފޭބުން، ކޮންމެވެސް މިންވަރަކަށް ރަހިމުގެ ހަރަކާތްތައް ހުރުން، ދަރިފުޅަށް ފިއްތުމެއް އޮތްކަމުގެ ނިޝާނެއް ފާހަގަވުން

·          

·         ގްރޭޑް 3 : މެދުމިންވަރަކުން ފެށިގެން ގިނަ މިންވަރަކަށް ލޭފޭބުން، ނޫނީ ލޭތައް ރަހިމާއި، މަހާއި ދޭތެރޭ ހިފެހެއްޓި ލޭ ނުފޭބުން، ހުއްޓި ނެތި ރަހިމުގެ ހަރަކާތްތައް ހުރުން، ދަށްބަނޑުގައި ރިހުން، މައިމީހާގެ ލޭގެ ޕްރެޝަރު ދަށްވުން ، ދަރިފުޅު ބަނޑަށް މަރުވުން

ފަރުވާ

ރަހިމުން ވަކިވެފައިވާ މަސް އަނބުރާ ރަހިމާއި ތަތްކުރުވުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން ދެވޭނެ ފަރުވާ ބަރޯސާވަނީ މައިމީހާއާއި ދަރިފުޅުގެ ހާލަތަށެވެ. އެގޮތުން ފަރުވާގައި ބެލޭނެ ކަންތައްތަކާއި ކުރިޔަށް ގެންދާނެ ގޮތް ތިރީގައި މިވަނީ އެވެ.

(ހ) ތުއްތު ދަރިފުޅު ދުވަސްފުރެން ކައިރިވެފައިނުވުން : ރަހިމުން މަސްވަކިވެފައި އަދި އެކަން ކުރިމަތިވެފައިވަނީ އާދައިގެ މިންވަރަކަށް ކަމަށްވެފައި، ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ރަނގަޅުވެފައި، އުފަންވާން އަދި މާއަވަސްނަމަ، ހަސްފަތާލުގައި އެދުމަތިކޮށްގެން ބަލަމުން ގެންދާނެއެވެ. ލޭއައުން ހުއްޓި، ތުއްތު ދަރިފުޅުގެ ހާލަތު ވެސް ރަނގަޅުނަމަ އަރާމުކުރުމަށް (ބެޑް ރެސްޓުކުރުމަށް) ގެޔަށް ފޮނުވާނެއެވެ. ފަހަރުގައި ތުއްތު ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަކުރުމަށާއި، ސިކުނޑި ރައްކާތެރިކުރުމަށް ބޭނުންވާ ބޭސް ދީފާނެ އެވެ. އަދި ދުވަސްނުފުރެނީސް އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަންވެސް ޖެހިދާނެ އެވެ.

(ށ) ތުއްތު ދަރިފުޅު ދުވަސްފުރެން ކައިރިވެފައިވުން : އާންމު ގޮތެއްގައި ބަނޑަށް 34 ހަފްތާ ފުރުމަށްފަހު، ރަހިމުން މަސްވަކިވުން އާދައިގެ ވަރަކަށް ނޫނީ ވަރަށް ކުޑަކޮށް ހުރިނަމަ، ފަހަރުގައި ފަރުވާތެރިކަމާއެކު މައިމީހާ ވިއްސުމަށް މަސައްކަތްކޮށްފާނެ އެވެ. ނަމަވެސް ރަހިމުން މަސްވަކިވުން ވަރަށް ބޮޑަށް ކުރިމަތިވެފައިވާނަމަ، ދަރިފުޅާއި މައިމީހާއަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ވަގުތުން އޮޕަރޭޝަންކޮށްގެން (ސިޒޭރިއަން ހަދައިގެން) ދަރިފުޅު ނަގަންޖެހިދާނެ އެވެ.

ރަހިމުން މަސްވަކިވެއްޖެ ނަމަ އަމަލުކުރަން އެންމެ ރަނގަޅުގޮތް

ދުވަސް ފުރެން ގާތް ވެފައިވާނަމަ ރަނގަޅުގޮތަކީ އަވަހަށް އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގުމެވެ. އެއީ ކިތައްމެ ކުޑަކޮށް ރަހިމުން މަސް ވިޔަސްވެހެވެ. އެއީ ކިތައްމެ ކުޑަކޮށް ވަކިވިޔަސް ވަގުތާއިއެކު ވަކިވަމުންދާވަރު ދާނީ ބޮޑުވަމުންނެވެ. ރަހިމުން ކުޑަކުޑަކޮށް މަސް ވަކިވުމާއި އެކު ލޭވެސް ގިނައިން ނުފައިބާނަމަ އަދި ދެމައިންގެ ހާލު ރަނގަޅުނަމަ އޮޕަރޭޝަން ނުކޮށް ވިއްސުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ވިއްސަންވާނީ ހޮސްޕިޓަލުގައެވެ. އެއީ ކޮންމެ ވަގޮތެއްގައިވެސް ކޮންޓުރޯލު ކުރަން ދަތިވާވަރަށް ލޭ ފެއިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތުގެއި ލަސްނުކޮށް އޮޕަރޭޝަން ކުރަން ޖެހިދާނެއެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ރަހިމުން މަސް ވަކިވެފައިވަނީ ވަރަށް ކޮޑަކޮށް ކަމަށް ވެފައި ދުވަސް ފުރެން ވަރަށް ގިނަ ދުވަސް އޮތް ނަމަ މައިމީހައާއި ދަރިފުޅުގެ ސިއްހަތު ތަންދޭ މިންވަރަކުން ވިހެއުން ލަސް ކުރެވިދާނެއެވެ. އަދި ނުރައްކާވާނަމަ ދުވަސް ނުފުރުނަސް ވިއްސަން ޖެހިދާނެއެވެ. މިފަދަ ހާލަތުގައި ބަލާނީ ނުރައްކާ ބޮޑީ ކުރިން ވިއްސުމުންތޯ ނުވަތަ ރަހިމުން މަސް ވަކިވުމުންތޯއެވެ. އަދި ކަންތައް ކުރާނީ ދެގޮތުން ކުރެ ނުރައްކާ ކުޑަ ގޮތަކަށެވެ. އަދި މިފަދަ ހާލަތުގައި މައިމީހާއަށް ކޯޓިކޯ ސްޓިރޮއިޑް ދޭން ޖެހޭނެއެވެ. އެއީ ވިހެއުމުގެ ކުރިން ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ވިހެއުން ލަސް ކުރާނަމަވެސް ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭނެއެވެ. އަދި މެދުނުކެޑި މައިމީހާގެ ހާލާއި ދަރިފުޅުގެ ހިތުގެ ހިގުމާއި ހާލަތު ބަލަމުން ގެންދާން ޖެހޭނެއެވެ. އަދި ނުރައްކަލުގެ ފުރަތަމަ އިޝާރާތާއި އެކު ނުވަތަ ދަރިފުޅައި މައިމީހާގެ ހާލަތު ދަށަށް ދަމުން ދާނަމަ އަވަހަށް އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ(ޑރ މުހައްމަދު ފައިޞަލް އަހުމަދު).

ކޮންމެ ފަދަ ސަބަބަކާއި ހުރެ ވިޔަސް 6 ވަނަ މަހަށް ފަހު ލޭއައިނަމަ އަދި މައިމީހާގެ ލެޔަކީ އާރްއެޗް ނެގެޓިވް ލޭނަމަ މައިމީހާއަށް އާރްއެޗް އިމިއުން ގުލޮބިއުލިން ދޭން ޖެހޭނެއެވެ.

ރައްކާތެރިވުން

ރަހިމުން މަސްވަކިވުމަކީ ދުރާލާ އެއިން ރައްކާތެރިވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބައެއް ހިރާސްތައް ކުޑަކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތަކާ ދުރުހެލިވެވިދާނެ އެވެ. ލޭމައްޗަށްދާނަމަ ޑޮކްޓަރަށް ދައްކައި، ލޭޗެކުކޮށް، ގަވާޢިދުން ބޭސް ބޭނުންކުރުމާއެކު ޑޮކްޓަރުން ދެއްވާ ލަފާތަކަށް އަމަލުކުރެވިދާނެ އެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމާއެކު، ލޭގައި ހަކުރުގެ މިންވަރު ވެސް ކޮންޓްރޯލްގައި ބެހެއްޓުމަށް މަސައްކަތްކުރުން މުހިއްމެވެ. މަގުމަތީގެ އުޅަނދު ފަހަރު ދުއްވާއިރު ސަމާލުވުމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމެވެ. އެއްވެސް ކަހަލަ އަނިޔާއެއް ނޫނީ ހާދިސާއެއް ކުރިމަތިވެ ބަނޑަށް އަނިޔާވެއްޖެނަމަ ލަސްނުކޮށް ޑޮކްތަރެއްގެ އެހީތެރިކަން ހޯދުން މުހިއްމެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/placental-abruption/symptoms-causes/syc-20376458

·         ޑރ މުހައްމަދު ފައިޞަލް އަހުމަދު - ނުބައިތަނެއްގައި މަސްއުފެދުން – ކަވާސާ.ކޮމް

·         https://my.clevelandclinic.org/health/diseases/9435-placental-abruption

·         https://www.babycentre.co.uk/a1024974/placental-abruption

 

 

No comments:

Post a Comment