ކަރުތެރޭގައި އެއްޗެއް އިނުން
''ކަރުތެރޭގައި
އެއްޗެއް އިނުން''(Lump in throat) ނުވަތަ އެހެން ގޮތަކަށް ބުނާނަމަ
''ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުމު''(Lump in
throat sensation)ގެ ޝަކުވާ އަކީ ކޮންމެ އުމުރެއްގެ އަދި ކޮންމެ
ޖިންސެއްގެ މީހަކު ވެސް ކޮށްދާނެ ޝަކުވާ އެކެވެ. ކަރުތެރޭގައި އެއްޗެއް އިންނަހެން
ހީވާތީ އެއީ ކިހިނެއްވެގެން ވާކަމެއްތޯ ބެލުމަށް ވަރަށް ގިނަ މީހުން ޑޮކްޓަރަށް
ދައްކައި ހަދައެވެ. ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވާ ހީވުން ގިނަފަހަރު
ކުރިމަތިވަނީ އެހިސާބުގައި ތަދު ހުރުމަށްވުރެ ބޮޑަށް (ތަދުވުމުގެ ބަދަލުގައި
އުދަގޫވާ) ކަރުތެރެއަށްވާ އުދަނގުލެއްގެ ސިފައިގައެވެ. ނުވަތަ އެކަމުގެ ސަބަބުން
ވަރަށް ބޮޑަށް އުދަނގޫވުމާއި ހިތް ނުތަނަވަސްވުން ކުރިމަތިވާ ކަމެއްގެ ގޮތުގައެވެ.
މިހާލަތަށް ގްލޯބަސް ފެރިންޖިއަސް (globus pharyngeus) ނޫނީ ގްލޯބަސް ހިސްޓިރިކަސް(globus
hystericus) ވެސް ކިޔައި އުޅެއެވެ.
ބައެއް ހޯދުންތަކުން
ދައްކާގޮތުގައި އާބާދީގެ ގާތްގަނޑަކަށް %45 މީހުންނަށް މިމައްސަލަ ދިމާވެއެވެ. މިއީ
ދިގުމުއްދަތަކަށް ދެމިހުންނަ، ފަރުވާކުރަން އުދަނގޫ، އަދި ރަނގަޅުވިޔަސް އަލުން
އަނބުރާ އައުމުގެ ފުރުޞަތު އޮންނަ ހާލަތެކެވެ. ސަބަބުތައް އެންމެ ރަނގަޅު ގޮތުގައި
ހޯދިފައި ނުވާތީ، މިއި ހަދަންޖެހޭ ޓެސްޓުތައް އަދި ކުރަންޖެހޭ ފަރުވާތައް ވެސް
ވަކި އުސޫލަކުން ކަނޑައަޅަން ދަތި ހާލަތެއްކަން ފާހަގަ ކުރެވެއެވެ.
ކަރުގެ
ކުރިމަތި އުފެދިފައިވާގޮތް
ކަރުގައި އެއްޗެއް
އިންނަހެން ހީވުމުގެ ސަބަބުތަކަށް ދިއުމުގެ ކުރިން ކަރުގެ ކުރިމަތި ގުދުރަތީގޮތުން
އުފެދިފައިވާ ގޮތަށް ބަލާލަމާ ހިގާށެވެ. ކަރުގެ ބޭރުފުށުން މެދުން މަތިން ތިރިއަށް
ހިމެނޭ ބައިތައް ތަރުތީބުން ތިރީގައި މިވަނީ އެވެ.
-
ދަތްދޮޅި
-
ހައިއޮއިޑް ބޯން އޭ
ކިޔާ ކަށިގަނޑު (Hyoid bone)
-
ލަގޮނޑިވަޅު (Adam’s
Apple)
-
ތައިރޮއިޑް ކާޓިލޭޖް
(Thyroid cartilage)
-
ކްރިކޮއިޑް ކާޓިލޭޖް (Cricoid
cartilage): މިމައްސަލަ ދިމާވާ މީހުން އާންމުގޮތެއްގައި އެއްޗެއް
އިންނަކަމަށް ބުނަނީ ކްރިކޮއިޑް ކާޓިލޭޖް އާއި ދިމާލުން އެތެރޭގައެވެ.
-
ވައިނޮޅީގެ
ވަށައިގެން ލެވިފައިވާ ވަށްބުރުތައް (Rings of trachea)
-
ތިނަކަށިގަނޑު ނުވަތަ
އުރަމަތީ ކަށިގަނޑު (Sternum)
ކްރިކޮއިޑް ކާޓިލޭޖްގެ ފަހަތުން މަސްގަނޑާއި ޖެހިފައި އިންނަ ގޮތަށް ''ކްރިކޯފެރިންޖިއަލް މަސްލް''(Cricopharyngeal muscle) އޭ ކިޔާ މަސްގަނޑެއް ވެއެވެ. މިމަސްގަނޑު އިންނަނީ ކާތަކެތި ހިނގާހޮޅި ވަށައިގެން ''ސްލިންގ'' އެއްގެ ސިފައިގައެވެ. މިއީ ސްފިންކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރާ މަސްގަނޑެކެވެ. ސްފިންކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މާނައަކީ ވަކި އުސޫލަކުން މަސްގަނޑު ހަނިވެ،ފިތި ކުރުގެޅި ހަމައެއުސޫލުން މަސްގަނޑު ފުޅާވެ ހަމައަކަށް އެޅުމެވެ. މިމަސްގަނޑުގެ ބޭނުމަކީ ކާތަކެތި ދިރުވުމަށްފަހު މައިދާއަށް ގޮސްފައިވާ ކާތަކެތި އަނބުރާ މައްޗަށް އެރިޔަނުދިނުމެވެ.
ސަބަބު
ކަރުގައި އެއްޗެއް
އިންނަހެން ހީވުން ކުރިމަތިވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ، ނަމަވެސް
ގަބޫލުކުރެވިފައިވާ ބައެއް ސަބަބުތައް ތިރީގައި މިވަނި އެވެ.
·
ކްރިކޯފެރިންޖިއަސް
މަސްގަނޑު ކުރުގެޅި، ފިތުން
·
ޓޮންސިލް ސައިޒުން
ބޮޑުވުން
·
މައިބަދައިގެ ކަރުގެ ކަށިތަކުގެ
ކޮޅުން ކަށިކޮޅެއް ހެދޭގޮތްވުން
·
ހިއެޓަސް ހާނިއާ
ހުރުން
·
ގެސްޓްރޯ
އީސަފޭޖިއަލް ރިފްލަކަސް ޑިޒީޒް ހުރުން / މަތިންއަރާ ބަލި
·
ސައިނަސް ދުޅަވުން
·
ގޮއިޓަރ
·
ކަރުގައި އެއްޗެއް
ތާށިވުން
·
ހައިޕޯފެރިންޖިއަލް
ކެންސަރު / ކަރުގެ ކެންސަރ
·
ހާސްވެ ކަންބޮޑުވުން
(ހ) ރިފްލަކްސް(Reflux) : ރިފްލަކްސް ގެ މާނައަކީ މައިދާގައި ހުރި ތަކެތި (މައިދާ އެސިޑްއާއެކު) ތިރިއަށް ކުޑަގޮހޮރަށް ދިއުމުގެ ބަދަލުގައި މައްޗަށް (ކަރާ،އަނގަޔާ ދިމާލަށް) އެރުމެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ ''މަތިން އެރުމެވެ''. މަތިން އެރުން ކުރިމަތިވާއިރު ކުރިން ބުނި މަސްގަނޑަށް ބާރުވެ، ކަރުގައި އެއްޗެއް އިންނަހެން ހީވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި މެއިން ދިލަނެގުން ކުރިމައްޗެއް ނުވެދާނެ އެވެ. ގިނަ ފަހަރު ރިފްލަކްސް އާއި ދެކޮޅަށް ދެވޭ ބޭސްތައް ބޭނުންކުރުމުން ލުއިވެ ރަގަޅުވެއެވެ.
ހޯދުންތަކުން އެނގޭ ގޮތުގައި ދެގޮތަކަށް މަތިންއަރާ ބައްޔާއި ގްލޯބަސް ފެރިންޖިއަސް ކުރިމަތިވުމާއި ގުޅުވެއެވެ. އެއްގޮތަކީ މައިދާގެ އެސިޑް އަދި ހަޖަމީ އެންޒައިމްތައް މަތިން އެރުމަކީ އަރުތެރޭގެ ލަގޮޑިއާވީ ހިސާބުގައި އިންފްލެމޭޝަން ދާއިމީކޮށް އުފެދޭނެ ކަމެކެވެ. މިއީ ލެރިންގޯފެރިންޖިއަލް ރިފްލަކްސް(laryngopharyngeal reflux) އެވެ. މިކަމުގެ ސަބަބުން ކަރުގައި އެއްޗެއް އިންނަ އިހުސާސް އުފައްދައެވެ (ފޯރޑް، 2005). ބައެއް ދިރާސާތައް ދައްކާގޮތުގައި ކަރުގައި އެއްޗެއް އިންނަހެން ހީވުން ކުރިމަތިވާ މީހުންގެ ތެރެއިން %68-23 މީހުންނަށް މިކަން ކުރިމަތިވަނީ މަތިންއަރާ ބަލީގެ ސަބަބުންނެވެ (ހިލް އެޓް އަލް، 1997، ޓޮކަސިކީ އެޓް އަލް، 2010). ދެވަނަ ގޮތަކީ ވޭގޯވޭގަލް ރިފްލެކްސް(vagovagal reflux) އާޢި ގުޅިގެން ކާތަކެތި ހިނގާހޮޅީގެ މަތިން އެހޮޅި ފެށޭ ހިސާބުގައިވާ މަސްކޮޅު ނުވަތަ ސްފިންކްޓަރ(upper esophageal sphincter) ގެ ޓޯން މަތިވެ، އެހިސާބަށް އެސިޑްގެ އަސަރު ފޯރައި ކާތަކެތި ހިނގާހޮޅީގެ ފެށޭ ހިސާބު ފުޅާޥުމެވެ (ޓޮކަސިކީ، 2010).
މަތިން އަރާ ބައްޔާއި މިހާލަތާއި ގުޅުންހުރިކަން ފުރަތަމަ ހޯދުނީ 1968 ގައެވެ. ބޭރިއަމް ސްވެލޯވް ބޭނުންކޮށްގެން ހެދި ޓެސްޓުތަކުން ފާހަގަވި ގޮތުގައި ގްލޯބަސް ފެރިންޖިއަސް ހުންނަ މީހުންގެ ތެރެއިން %60 މީހުންގެ ރިފްލަކްސް މައްސަލަ ހުންނަ ކަމަށެވެ (މެލްކޮމްސަން، 1968). އޭގެ ފަހުން 1991 ވަނަ އަހަރު ކޯފްމަން (1991) ހޯދާފައިވާގޮތުގައި ގްލޯބަސް ފެރިންޖިއަސް ހުންނަ މީހުންގެ ތެރެއިން %58 މީހުންގެ މައިދާގެ ޕީއެޗް ލެވެލް ހުރީ ހުންނަންޖެހޭ މިންގަނޑުގައެއް ނޫނެވެ. މީގެ އިތުރުން ވަރަށް ގިނަ ދިރާސާތަކުން ހޯދިފައިވާގޮތުގައި މަތިންއަރާ ބަލި ހުންނަނަމަ، ކަރުގައި އެއްޗެއް އިންނަހެން ހީވުމުގެ އިހުސާސް ވަރަށް ގިނަ މީހުންނަށް ކުރެވެއެވެ (ލޯކް އެޓް އަލް، 1997، ޗޯ އެޓް އަލް، 2005).
(ށ)
ސްޓްރެސް އިތުރުވުން(Increased Stress): ސްޓްރެސް ގެ މާނައަކީ ''ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް'' އެވެ.
ޖުމުލަގޮތަކަށް ބުނާނަމަ މިއީ ''ހާސްވެ، ކަންބޮޑުވެ، ވިސްނައި ފިކުރުކުރުން''(anxiety) ފަދަ
ކަންތައްތަކެވެ. ސްޓްރެސް އިތުރުވުމުން ކުރިން ބުނި މަސްގަނޑު ކުރުގެޅޭލެއް
ވަރުގަދަވެ، ކަރުތެރޭގައި އެއްޗެއް އިންނަހެން ( މަސްގަނޑު ކުރުގެޅޭލެން
ބޮޑުކަމުން އެއްޗެއްގެ ސިފަޔަށް ފުއްޕުމުން) ބަލިމީހާއަށް އިހްސާސް ކުރެވިދާނެ
އެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުމުގެ
މައްސަލަ ވަރަށް ގިނަ ފަހަރު ވަރިކޮށްފައިތިބޭ އަންހެނުންނާއި، އިމްތިހާނުތަކުން
ފޭލްވާ މީހުންނަށް، އަދި އާއިލާގެ މެންބަރަކު މަރުވުމުން އެއާއިލާގެ
މެންބަރުންނަށް އަދި މަސައްކަތުގެ މާހައުލުގައި އެކުގައި އުޅޭ މީހުންނާއި މައްސަލަ
ޖެހުމުން އެފަދަ މީހުންނަށް ދިމާވާލެއް އިތުރެވެ (ޑިއަރީ އެޓްއަލް، 1995). މިއިން
ކޮންމެ ހާލަތަކީ އެމީހެއްގެ ވިސްނުމާއި ފިކުރުކުރުން އިތުރުވާނެ ހާލަތްތަކެވެ.
ނަމަވެސް އެހެން ބައެއް ހޯދުންތަކުގައި ނަފްސާނީ ދުޅަހެޔޮކަމާއި ގްލޯބަސް
ފެރިންޖިއަސް ކުރިމަތިވުމާއި މާބޮޑު ގުޅުމެއް ނޫނީ ތަފާތެއް ނެތްކަމަށް
ފާހަގަކުރެވިފައި ވެއެވެ (މޯސަރ އެޓް އަލް، 1998).
ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުމުގެ އެންމެ އާންމު ދެސަބަބަކީ ރިފްލަކްސް އަދި ސްޓްރެސް އެވެ.
(ނ) ކްރިކޯފެރިންޖިއަސް މަސްގަނޑުގައި ނޫނީ ކާތަކެތި ހިނގާހޮޅި ފެށޭ ހިސާބުގައިވާ ސްފިންކްޓަރގައި ހުންނަ މައްސަލަތައް : ވަރަށް މަދު ފަހަރަކު ކްރިކޯފެރިންޖިއަލް މަސްގަނޑު ނުވަތަ ކާތަކެތި ހިނގާހޮޅީގައި ހުންނަ ކަމެއްގެ ސަބަބުން މިމައްސަލަ ކުރިމަތިވެދާނެ އެވެ (ކްވިއެޓެކް އެޓް އަލް، 2009). އެގޮތުން އެމަސްގަނޑުގައި ލަކުނުލުން، މަސްގަނޑުގެ ސައިޒުން ބޮޑުވުން، މަސްގަނޑު ދާއިމީ ގޮތެއްގައި ހަރުއެރުން ނުވަތަ ހަރުވުން، ނުވަތަ މަސްގަނޑު ގުޅަކެއުން ފަދަ ކަންކަމުގެ ސަބަބުން މިމައްސަލަ ދިމާވާގޮތް ވެއެވެ. ގްލޯބަސް ފެރިންޖިއަސް ހުންނަ މީހުންގެ ކިބައިގައި މި ސްފިންކްޓަރ ޕްރެޝަރު އިތުރުކަން ފާހަގަ ކުރެވެއެވެ (ކޯރސޯ، 1998).
(ރ) ކާތަކެތި ހިނގާހޮޅީގެ ހަރަކާތާއި ގުޅޭ މައްސަލަތައް (esophageal motor disorder): ކާތަކެތި ހިނގާ ހޮޅީގެ އެތެރޭ ފަށަލައިގައި މައްސަލައެއް ހުރުން، ނުވަތަ ކާތަކެތި ހިނގާހޮޅި ހަނިވުން ފަދަ ކަމަކުން ވެސް މިމައްސަލަ ދިމާވެދާނެ އެވެ. ވަރަށް ނާދިރު ފަހަރަކު ނޫނީ ވަރަށް މަދު ފަހަރަކު ނަމަވެސް ''ޒެންކާރސް ޑައިވާޓިކިޔުލަމް''(Zenker’s diverticulum)އަދި''އީސިނޮފިލިކް އީސަފޭޖައިޓިސް''(eosinophilic esophagitis) އޭ ކިޔޭ ''ކާތަކެތިހިނގާހޮޅި ދުޅަވުން'' ގެ ވައްތަރެއް ކުރިމަތިވުމުން ވެސް މިމައްސަލަ ދިމާވެދާނެ އެވެ. ކާތަކެތިހިނގާ ހޮޅީގެ އެތެރޭގެ ތެތް ދުލިފަށަށް(mucous membrane) ލިބޭ އަނިޔާއެއްގެ ސަބަބުން ވެސް ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވެދާނެ އެވެ. މިސާލަކަށް ކަރުތެރޭގައި ކައްޓެއް ތާށިވުން ނުވަތަ ކައްޓެއް ހެރުން، އަދި ކަރުތެރެ ހަލާކުވެ ކަރުތެރެ ފާރުވުން ފަދަ ކަމެއްގެ ސަބަބުން މިގޮތަށް ދިމާވެދާނެ އެވެ. ކާތަކެތި ހިނގާ ހޮޅީގައި ހުންނަ މިފަދަ މައްސަލަތަކުގެ ސަބަބުން ގްލޯބަސް ފެރިންޖިއަސް ކުރިމަތިވާކަމަށް ވަރަށް ގިނަ ދިރާސާތަކުން ހޯދިފައި ވެއެވެ (ނައިޓް، 2000، ފާރކިލާ، 1994).
(ބ) އެކިކަހަލަ ދުޅަތަކާއި ގަނޑުތައް : ތަފާތު ވައްތަރުގެ ގަނޑު ގެ ސަބަބުން ވެސް މިހެން ދިމާވެދާނެ އެވެ. އެގޮތުން ކެންސަރު، ސިސްޓް، އަދި އެހެނިހެން ވައްތަރުގެ ގަނޑުތަކުގެ ސަބަބުން ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވެދާނެއެވެ. ދުލުގެ ބުޑު ނޫނީ ފެށޭ ހިސާބުން ސައިޒުން ބޮޑުވުމަކީ ވެސް މިކަން ކުރިމަތިވެދާނެ ކަމެކެވެ. ކެންސަރުގެ ތެރެއިން އަރުގެ މަޑު މަސްފަށަލައިގައި އުފެދޭ ކެންސަރު، ޕޯސްޓް ކްރިކޮއިޑް ލިމްފްއެންޖިއޯމާ އަދި މާރކެލް ސެލް ޓިއުމަރު އަނގަޔާއި އަރުތެރެ އަށް ފޯރުމަކީ ގްލޯބަސް ފެރިންޖިއަސް ކުރިމަތިވެދާނެ ކަމެކެވެ.
(ޅ) ތައިރޮއިޑް ގްލޭންޑް ގެ މައްސަލަތައް : މިސާލަކަށް ތައިރޮއިޑް ބޮޑުވެ ގޮއިޓަރ އުފެދުން ފަދަ ކަންކަމުގެ ސަބަބުން މިހާލަތު ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބާރންސް އެޓް އަލް (2007) ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިރޮއިޑް ގްލޭންޑްގައި މާސް އުފެދިފައި ހުންނަ 1/3 މީހުން ގްލޯބަސް ފެރިންޖިއަސް ހުންނަކަމުގެ ޝަކުވާ ކުރެއެވެ. ތައިރޮއިޑް މައްސަލަތަކާއި ކަރުގައި އެއްޗެއް އިންނަހެން ހީވުމާއި އޮންނަ ގުޅުން ސީދާ ކަށަވަރު ނުވިޔަސް، ބައެއް ރިޕޯޓްތައް ބުނާގޮތުގައި ތައިރޮއިޑް ގްލޭންޑް އޮޕަރޭޝަންކޮށްގެން ނެގުމުން ގްލޯބަސް ފެރިންޖިއަސް ހުންނަ މީހުންނަށް ލުއިކަން ލިބެއެވެ (ހުޝާމަލްދިން، 2004، ރެއިޗެލް، 2003).
(ކ) އަރާއި ކަރުތެރެއާއި ވީ ހިސާބުގައި ދުޅަވެ އިންފެކްޝަން ހެދުން : މިސާލަކަށް ސައިނަސް ދުޅަވުން، ޓޮންސިލް ދުޅަވުން އަދި އަރުތެރެ ދުޅަވުން ފަދަ މައްސަލަތަކުގެ ސަބަބުން މިހާލަތު ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ އިންފްލެމޭޝަންގެ ސަބަބުން ގްލޯބަސް ފެރިންޖިއަސް ކުރިމަތިވާކަމަށް ދިރާސާތަކުން ހޯދިފައި ވެއެވެ (ލީ އެޓް އަލް، 2000، ބެޗް، 1988).
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާ ބުއިން ފަދަ އާދަތަކުގެ ސަބަބުން މިމައްސަލަ އިތުރަށް ގޯސްވުމުގެ ފުރުޞަތު އޮންނަކަން ފާހަގަ ކުރެވެއެވެ.
އަލާމާތްތައް
ކަރުތެރޭގައި
އެއްޗެއް އިންނަހެން ހީވާތީ ވާއުދަނގޫ އެއްޗެއް ދިރުވާން އުޅޭއިރު (ކައިބޮއި
ހަދާއިރު) އިތުރުވެދާނެ އެވެ. އަދި ބައެއް ފަހަރު ކާތަކެތި ދިރުވަން އުދަނގޫވެދާނެ
އެވެ. މާނައަކީ ކާތަކެތި ދިރުވާއިރު ( އޮއްޓަރު ހުރި ތަކެތި ނުވަތަ ދިޔާތަކެތި
ވިޔަސް) ތަދުވުމަކީ މިކަމުގެ ސަބަބުން މެދުވެރިވެދާނެ ގޮތެކެވެ. ކާއެއްޗެއް ކަމުން
ނުވަތަ ބޮމުން ގެންދަނިކޮށް މިފަދަ އިހްސާސެއް ކުރެވުމުން ދެވަނަ ފަހަރަށް
އެއެއްޗެއް ބޮއި ނުވަތަ ކައިލައިގެން ކަރުގައިވާ ތަކެތި ތިރިއަށް ފޮނުވާލެވޭތޯ
ބައެއް މީހުން މަސައްކަތް ކުރެއެވެ. އާންމު ގޮތެއްގައި މިގޮތަށް އުދަނގޫވާނީ
އެއްޗެއް އެމީހަކު އަމިއްލައަށް ކުޅު ދިރުވާއިރު، ނޫނީ އެއްޗެއް ކާއިރު ނުވަތަ
ބޯއިރު ގައެވެ.
ކަރުގައި އެއްޗެއް އިންނަހެން ހީވުން ކުރިމަތިވުމުން ކަރުގައި އިންނަ އެތީގެ ސައިޒަށް ބަލާއިރު ބައެއް ފަހަރު ބޮޑުވެގެން ގޯލްފް ބޯޅައެއްގެ ސައިޒުގެ އެއްޗެއް އިންނަހެން ހީވެދާނެ އެވެ. އަދި ކުޑަވެގެން ގޮސް ވިޓަމިން ގުޅައެއްގެ ސައިޒުގެ އެއްޗެއް އިންނަހެން ހީވެދާނެ އެވެ. އާންމު ގޮތެއްގައި އެއްޗެއް އިންނަހެން ހީވާނީ ކަރުގެ މެދާއި ދިމާލުން ތިނަކަށިގަނޑަށްވުރެ މަތިންނެވެ.
ކަރުގައި އެއްޗެއް
އިނުން ކުރިމަތިވުމުން ދިމާވެދާނެ އާންމު އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
ކަރުގައި އެއްޗެއް
މިސާލަކަށް އުފުލުމެއް ނޫނީ ބޯޅައެއް ފަދަ އެއްޗެއް އިންނަހެން ހީވުން
·
ކަރުތެރެ ދުޅަވުން
·
ކަރުތެރެ ކަހައި
ހިރުވުން ނޫނީ ކަރުތެރެއަށް އުދަނގުލެއްވުން
·
ކެއްސުން / ދޭތެރެ
ދޭތެރެއިން ކެއްސުން
·
އަޑުކުރަކިވުން
·
ކަރުކެހި، ކަރުތެރެ
ސާފުކުރުން
·
ވިންދު އަވަސްވުން
·
ނިދިމަދުވުން
·
ބިރުގަތުން
·
ކާތަކެތި ހަފާއިރު
ތަދުވުން
·
ކާތެކެތި ދިރުވާއިރު
އުދަނގޫވުން
·
ކެއްސާއިރު ލޭއައުން
·
ބަރުދަން ލުއިވުން
ދެނެގަތުން
ކަރުގައި އެއްޗެއް
އިންނަހެން ހީވުން ދެނެގަތުމަށް އަންނަނިވި ކަންތައްތައް ކުރެވެއެވެ.
(ހ) ޖިސްމާނީ ގޮތުން ބެލުން : ކަރުގައި އެއްޗެއް އިންނަހެން ހީވާނަމަ އާންމު ގޮތެއްގައި ކަރު ބޭރުފުށުން ބަލައިހަދާނެ އެވެ. ކަރުގެ އެތެރެ ވެސް ބަލައި ހަދާނެއެވެ. ހަމަ އެހެންމެ ނޭފަތުގެ ހިނދުރި ވެސް ބަލައި ހަދާނެއެވެ. މިގޮތަން ބެލުމުން ބޭރުފުށުންނާއި، ކަރުތެރެ ހުރިނެތްގޮތް އެނގި، ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވަނީ ކީއްވެގެންކަން ދެނެގަތުމަށް ބާރުލިބޭނެ އެވެ.
(ށ) ފްލެކްސިބަލް އީސަފޭޖޯގެސްޓްރަސްކަޕީ ހެދުން : މިއީ ވެސް ކަރުގައި އެއްޗެއް އިންނަހެން ހީވާނަމަ ހަދަން ޖެހިދާނެ ޓެސްޓެކެވެ. މިޓެސްޓުގެ އެހީގައި މުޅި ކާތަކެތި ހިނގާހޮޅި ހުރިނެތްގޮތް ބަލާލެވެއެވެ. އާންމު ގޮތެއްގައި ގްލޯބަސް ފެރިންޖިއަސް ކުރިމަތިވީ ކާތަކެތި ހިނގާހޮޅީގެ މަތީބައިގައި ނޫނީ ފެށޭ ހިސާބު އުފެދޭ ކެންސަރެއްގެ ސަބަބުން ނޫނީ މަތިންއަރާބަލީގެ ސަބަބުން ކަމަށް ޝައްކުވާނަމަ މިޓެސްޓުގެ ބޭނުން ހިފެއެވެ.
(ނ)
މެނޯމެޓްރީ ހެދުން : މެނޯމެޓްރީ އަކީ ކާތަކެތި ހިނގާހޮޅި
މަސައްކަތްކުރަނީ ރަނގަޅަށްތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި
މިޓެސްޓުގައި ކާތަކެތި ދިރުވާލުމަށްފަހު ތިރިއަށް މައިދާއާއި ދިމާލަށް
ފޮނުވާލުމަށްޓަކައި ކާތަކެތި ހިނގާހޮޅި އަށް އަންނަ ކުރުގެޅުން(contraction)
މިންކުރާނެ އެވެ. މީގެ
އިތުރުން ކާތަކެތި ހިނގާހޮޅި އާއި، މައިދާއި ދެމެދުގައިވާ ސްފިންކްޓަރ ގެ ޕްރެޝަރު
ވެސް މިޓެސްޓުގައި ބެލޭނެ އެވެ. އާންމު ގޮތެއްގައި މިޓެސްޓު ހަދާނީ ގްލޯބަސް
ފެރިންޖިއަސް ކުރިމަތިވީ ކާތަކެތި ހިނގާ ހޮޅި އާއި ގުޅުންހުރި މައްސަލައެއްގެ
ސަބަބުން ކަމުގައި ވަނީ ނަމަ އެވެ.
މެނޯމެޓްރީގެ
ގޮތުގައި އާންމު ކޮށް ހެދެނީ އަޕަރ އީސަފޭޖިއަލް މެނޯމެޓްރީ އެވެ. މީގެ އިތުރުން
ރިފްލަކްސް އާއި ދެކޮޅަށްދޭ ބޭސް އެކަށޭނަ މުއްދަތަކަށް ބޭނުންކުރުމަށްފަހު، އަދި
ސްޓްރެސްގެ މައްސަލަ ހައްލުވުމުން ވެސް މިކަން ކުރިމަތިވެފައިވާނަމަ މެނޯމެޓްރީ
ޓެސްޓް ހެދުމަށް ލަފާ ދެއެވެ. މިއީ ކްރިކޯފެރިންޖިއަލް މަސްގަނޑުގައި އާދަޔާ
ޚިލާފު ކަމެއްހުރިތޯ (ލަކުނުހުރުން، ސައިޒުން ބޮޑުވުން ފަދަ ކަމެއް) ބެލުމަށް
ކުރެވޭ ޓެސްޓެކެވެ
(ރ) ބޭރިއަމް ސްވެލޯވ ޓެސްޓު ހެދުން : ބޭރިއަމް ސްވެލޯވް ޓެސްޓް އަކީ ބޭރިއަމް (ހުދުކުލައަށް ހުންނަ މާއްދާއެއް) ބޯން ދިނުމަށްފަހު އެކްސްރޭ ނަގައިގެން ހަދާ ޓެސްޓެކެވެ. ބޭރިއަމް ބޯން ދިނުމަށްފަހު އެކްސްރޭގެ އެހީގައި ބަލަނީ ހަޖަމުކުރާ ނިޒާމުގެ މަތީބައިގައި ހިމެނޭ ބައި ތަކެވެ. މިސާލަކަށް އަނގަ، އަރު އަދި ކާތަކެތި ހިނގާހޮޅި ފަދަ ބައިތަކެވެ. ބޭރިއަމް ބޯންދެނީ ފެނާއި އެއްކޮށް، އޮލަކޮށް ހުއްޓައެވެ. ފެނާއި އެއްކުރުމުން ވައްތަރުވާނީ މިލްކް ޝޭކް ބުއިމަކާ އެވެ. ބޭރިއަމް ދިނުމުން އޭގެ އަސަރު ހުންނަ ހިސާބުތައް ސާފުކޮށް ފެންނާނެ އެވެ. ބޭރިއަމް ދިނުމުން ހަޖަމުކުރާ ނިޒާމުގެ މަތީބައިތަކުގައި ތުނި ފަށަލައެއް ނޫނީ ބޭރިއަމްގެ ކޯޓެއް ލެވޭނެ އެވެ. ބޭރިއަމް ސްވެލޯވް ޓެސްޓު ހަދައިގެން ދެނެގަނެވިދާނެ ކަންތައްތަކުގެ ތެރޭގައި ހިއެޓަސް ހާނިއާ، މަތިންއަރާބަލި، ކަރުގެ މައިބަދައިގެ ކަށިތަކުން ކޮޅުން ކަށިކޮޅެއް އުފެދުން، އަދި ކްރިކޯފެރިންޖިއަލް މަސްގަނޑު ކުރުގެޅުން ފަދަ ހާލަތްތައް ހިމެނެއެވެ. މިޓެސްޓުގެ އެހީގައި އަރު، އަދި ކާތަކެތިހިނގާހޮޅީގެ ބައްޓަމާއި، ސައިޒު ދެނެގަނެވޭނެ އެވެ. އާންމު ގޮތެއްގައި މިޓެސްޓާއެކު ވީޑިޔޯ ފްލޫރޮސްކަޕީ ވެސް ހަދާނެއެވެ.
(ބ) އެހެނިހެން
ޓެސްޓުތައް
·
ފައިބަރއޮޕްޓިކް
އެންޑޮސްކަޕީ ހެދުން : މިއީ ރިފްލެކްސްގެ ސަބަބުން ދިމާވާ ކަމެއްތޯ ބެލުމަށް ހެދޭ
އެންޑޮސްކަޕީ އެކެވެ.
·
ޓްވެންޓީ ފޯރ އަވަރސް
ޕީއެޗްޕްރޯބް މަލްޓިޗެނަލް އިންޓްރަލުމިނަލް އިމްޕީޑެންސް މޮނިޓަރިންގ ޓެސްޓު
ހެދުން
·
ޓްވެންޓީ ފޯރ އަވަރސް
ޑުއަލް ޕްރޯބް އެމްބިޔުލޭޓަރީ ޕީއެޗް މޮނިޓަރިންގ
·
ވީޑިޔޯފްލޫރޯސްކަޕީ
ހެދުން
ފަރުވާ
މިކަމަށް ފަރުވާ ފެށުމުގެ ކުރިން އޭގެ ސަބަބު ހޯދައި ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން ފަރުވާ ގިނަ ފަހަރު ބަރޯސާވަނީ މިމައްސަލަ ދިމާވާ ސަބަބެއްގެ މައްޗަށެވެ. މިސާލަކަށް މިއީ ރިފްލަކްސްގެ ސަބަބުން (މަތިންއަރާބަލީގެ ސަބަބުން) ދިމާވާ ކަމެއްކަމުގައިވާނަމަ އެކަމަށް ހުންނަ ބޭސް މިސާލަކަށް ޕްރޮޓޯން ޕަންޕް އިންހިބިޓަރ (މައިދާގައި އެސިޑް އުފެއްދުން މަދުކޮށްދޭ ބޭސްތައް) ގުރޫޕްގެ ބޭސްތައް (ޕެންޓޯޕްރަޒޯލް، ރެބިފްރަޒޯލް، ލެންސޯޕްރަޒޯލް، އަދި އޮމެޕްރަޒޯލް ފަދަ ބޭސްތައް) ޑޮކްޓަރުން އިރުޝާދު ދެއްވާ މުއްދަތަކަށް ބޭނުންކުރަން ޖެހެއެވެ. އަދި ބައެއް މީހުންނަށް މިގޮތަށް ޑޮކްޓަރުން ދެއްވާ ބޭސްތައް 6-3 މަހާއި ދެމެދުގެ މުއްދަތަކަށް ބޭނުންކުރުމުން އެކަމަށް އެކަށޭނަ ހައްލެއް ލިބެއެވެ.
ސްޓްރެސްގެ ސަބަބުން ދިމާވާ ކަމެއްނަމަ އެކަން ދިމާވަނީ ސްޓްރެސްގެ ސަބަބުންކަން ކިޔައިދީ އޮޅުން ފިލުވައިދިނުމުން ފުދެއެވެ. އާންމު ގޮތެއްގައި ބަލިމީހާއަށް ކިޔައިދީ ވާގޮތް އޮޅުން ފިލުވައިދީ ހެދުމުން ބައެއް ހާލަތްތަކުގައި އިތުރު ބޭހެއް ބޭނުންނުކޮށް ފަރުޖެހެއެވެ.
ކްރިކޯފެރިންޖިއަލް މަސްގަނޑުގައި ލަކުނުލުން، ސައިޒުން ބޮޑުވުން، އަދި ހަރުވުން ނުވަތަ ގުޅަކެއުން ފަދަ ކަމެއް ހުރެއްޖެނަމަ އެކަން ރަގަޅުކުރަން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކާތަކެތި ހިނގާހޮޅި ފުޅާކޮށްލުން(Esophageal dilatation)، އަދި ކްރިކޯފެރިންޖިއަލް މަޔޯޓޮމީ (Cricopharyngeal myotomy)ފަދަ ކަންތައްތައް ހިމެނެއެވެ. މަޔޯޓޮމީ ހެދުމާއެކު އެމަސްގަނޑަށް ބޮޓޮކްސް އިންޖެކްޝަން(Botox Injection) ޖެހުމަކީ ކްރިކޯފެރިންޖިއަލް މަސްގަނޑު ގުޅަކެއުން ފަދަ ކަންތައް ކުޑަކޮށްދީފާނެ ކަމެކެވެ. މަޔޯޓޮމީގެ މާނައަކީ މަސްގަނޑުން ބައެއް ވަކިކުރުން ނުވަތަ ބައިކުރުން އެވެ. އެއްވެސް ކަހަލަ ގަނޑެއް ނުވަތަ ޓިއުމަރެއް އުފެދިފައިވާނަމަ ޖެހޭނީ އޮޕަރޭޝަންކޮށްގެން ނަގާށެވެ.
ގްލޯބަސް
ފެރިންޖިއަސް ހުންނަ މީހުންނަށް ބައެއް ފަހަރު ފަރުވާގެ ތެރެއިން ސްޕީޗްތެރަޕީ
އަދި ރިލެކްސޭޝަން އުކުޅުތައް ދަސްކޮށްދޭން
ޖެހެއެވެ. އެގޮތުން ކޮނޑާއި، ކަދުރާގެ ކަސްރަތުތައް، ރިލެކްސޭޝަން
ކަސްރަތުތައް، އަޑުގެ ކަސްރަތުތައް، އަދި އަޑުގެ ދުޅަހެޔޮކަމަށް ކުރެވޭނެ
ކަންތައްތައް ކުރުން ހިމެނެއެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://bjgp.org/content/65/639/554
·
https://www.ncbi.nlm.nih.gov/pmc/articles/PMC3360444
No comments:
Post a Comment