Saturday, July 23, 2022

މާބަނޑު ދުވަސްވަރު : ބައިގެންދިއުން

މާބަނޑު ދުވަސްވަރު : ބައިގެންދިއުން

ބައިގެންދިއުން(miscarriage)  މާނަކުރެވެނީ ބަނޑަށް 20 ހަފްތާވުމުގެ ކުރިން އޭގެ ޒާތުގައި މާބަނޑު ފޭބުމަށެވެ. ވަރަށް ގިނަ ފަހަރު ބަލިވެއިންކަން ނޭނގެނީސް ވެސް ބައިގެންދާކަން ފާހަގަކުރެވެއެވެ. ގިނަ ފަހަރު ބައިގެންދަނީ ތުއްތު ދަރިފުޅު ބޮޑުވާންޖެހޭ މިންވަރަށް ބޮޑުނުވުމުގެ ސަބަބުންނެވެ. ބައެއް ރިފަރެންސް ތަކުގައި ބައިގެންދިއުން މާނަކޮށްފައިވަނީ ބަނޑަށް 23 ހަފްތާވުމުގެ ކުރިން މާބަނޑު ފޭބުމަށެވެ. ބައެއް ގައުމުތަކުގެ ތަފާތު ހިސާބުތަކުން ފާހަގަވާ ގޮތުގައި ބަލިވެއިންނަ ކޮންމެ 8 މީހުންގެ ތެރެއިން 1އަކަށް ބައިގެންދިއުން ކުރިމަތިވެއެވެ. އަދި ޖެހިޖެހިގެން 3 ފަހަރަށް ނުވަތަ އެއަށްވުރެ ގިނައިން ބައިގެންދިއުން ކޮންމެ 100 މީހުންގެ ތެރެއިން 1 އަކަށް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.

އާންމު ގޮތެއްގައި ކުރިން ވެސް ބަޔާންކުރެވުނު ފަދައިން ބައިގެންދިއުމަކީ ބަނޑަށް 20 ހަފްތާވުމުގެ ކުރިން މާބަނޑު ފޭބުމެވެ. ނަމަވެސް 20 ހަފްތާވުމަށްފަހު ތުއްތު ދަރިފުޅު ބަނޑުގައި އޮއްވައި ނިޔާވެއްޖެނަމަ އެއީ ބަނޑަށް މަރުވުން(stillbirth)  ކަމުގައި ބެލެވެއެވެ.


ބައިގެންދިއުން އަދި ދަރިވެއްޓުން

ބައިގެންދިއުން(miscarriage) މާނަކުރެވެނީ ބަނޑަށް 20 ހަފްތާގެ ކުރިން އޭގެ ޒާތުގައި ބައިގެންދިއުމެވެ. މިއަށް އަމިއްލަ ޒާތުގައި ދަރިވެއްޓުން(spontaneous abortion)  މިހެން ވެސް ކިޔައި އުޅެއެވެ. ދަރިވެއްޓުން(abortion)  މާނަ ކުރެވެނީ މާބަނޑުވުން ނިމުމަކަށް ގެނައުމަށެވެ. ދަރިވެއްޓުމަކީ ބޭހެއް (ބޭހެއް ދީގެން މާބަނޑު ދުއްވާލުން ނޫނީ ދަރިވައްޓާލުން(medical abortion)) ނޫނީ އޮޕަރޭޝަނެއް (އޮޕަރޭޝަނެއް ފަދަ ކަމެއްކޮށްގެން މާބަނޑު ދުއްވާލުން ނުވަތަ ދަރިވައްޓާލުން(surgical abortion))  ނޫނީ އޭގެ ޒާތުގައި (އޭގެ ޒާތުގައި ދަރިވެއްޓުން(spontaneous abortion)) ވެސް ހިނގައިދާނެ ކަމެކެވެ.

ސަބަބު

ވިރާސީބަހާ ނުވަތަ ކްރޯމޯސޯމް އާއި ގުޅުންހުރި މައްސަލަތައް

ގިނަ ބައިގެންދިއުން ކުރިމަތިވަނީ ތުއްތު ދަރިފުޅު އެކަށޭނަވަރަށް ހެދިބޮޑުނުވާތީ އެވެ. ބައިގެންދިއުމުގެ %50 ހާލަތްތައް އިތުރު ކްރޯމޯސޯމް އެއް އިނުން ނޫނީ ކްރޯމޯސޯމް އެއް މަދުވުމާއި ގުޅުމެއްވާކަން ފާހަގަ ކުރެވިފައި ވެއެވެ. ބައެއް ރިފަރެންސްތަކުގައި ބައިގެންދިއުމުގެ %70 އަކީ ކްރޯމޯސޯމްގެ މައްސަލަތަކާ ގުޅުންހުރި ކަމެއްކަމަށް ބަޔާންކޮށްފައި ވެއެވެ. ކްރޯމޯސޯމްގެ މައްސަލަތައް އާންމު ގޮތެއްގައި ފެންމަތިވެގެން އަންނަނީ ހެދިބޮޑުވުމުގެ ތެރެއިން ތުއްތު ދަރިފުޅުގެ ސެލްތައް ހަށިގަނޑުގައި ބައިވެގެން އަންނައިރު އަރާ އޮޅުމަކުންނެވެ. އަދި މައިންބަފައިންގެ  ފުށުން ވާރުތަވާ ކަމަކުންނެއް ނޫނެވެ. ކްރޯމޯސޯމް ހުންނަށްޖެހޭ މިންގަނޑުގައި ހަމަހަމަކަމެއް ނެތްނަމަ (މާގިނަވުން ނޫނީ މާމަދުވުން) ތުއްތު ދަރިފުޅު ބޮޑުވަންޖެހޭ ގޮތަށް ރަނގަޅަށް ހެދިބޮޑެއް ނުވާނެއެވެ.

ކްރޯމޯސޯމްގެ މައްސަލަތަކުގެ ސަބަބުން އަންނަނިވި ކަންތައްތައް ކުރިމަތިވެދާނެ އެވެ.

·         މުޑުވައްވި ބިހުން ތުއްތު ދަރިފުޅު ނުއެފެދުން ނޫނީ އުފެދިފައި ނެތުން

·         ރަހިމުގައި ތުއްތު ދަރިފުޅު ނިޔާވުން : މިހާލަތުގައި ތުއްތު ދަރިފުޅު އުފެދި، އެކަމަކު ހެދިބޮޑުވުން ހުއްޓެއެވެ. އަދި ބައިގެން ދިއުމުގެ އަލާމާތްތައް ފެނުމުގެ ކުރިން ތުއްތު ދަރިފުޅު ރަހިމުގައި މަރުވެއެވެ.

·         މޯލަރ ޕްރެގްނަންސީ : މިހާލަތުގައި ދެ ކްރޯމޯސޯމް ވެސް ލިބެނީ ބައްޕަގެ ފުށުންނެވެ. އަދި މިހާލަތުގައި ބިސް މުޑުވައްވެފައި ވިޔަސް، ތުއްތު ދަރިފުޅު އަދި ވާމަސް ވެސް ނުއުފެދެނޭ އެވެ. ނޫނީ ވާމަސް އުފެދޭނީ ޣައިރު ތަބީޢީ ސިފައެއްގައެވެ. މަންމަގެ ކްރޯމޯސޯމް ހުރެފައި ބައްޕަގެ ފަރާތުން ދެ ސެޓް ކްރޯމޯސޯމް ލިބިފައިވާނަމަ ޕާޝަލް މޯލަރ ޕްރެގްނަންސީ ކުރިމަތި ވެއެވެ. މިހާލަތުގައި ތުއްތު ދަރިފުޅާއި، ވާމަހުގައި ވެސް ޢައިބުތައް ހުރެއެވެ.

މައިމީހާގެ ކިބައިގައި ހުންނަ ޞިއްޙީ މައްސަލަތައް

މަދު ފަހަރަކު މައިމީހާގެ ކިބައިގައި ހުންނަ ޞިއްޙީ މައްސަލަތަކުގެ ސަބަބުން ވެސް ބައިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހަކުރުބަލި ޖެހިފައިވުން

·         އިންފެކްޝަންތައް

·         ހޯރމޯންގެ މައްސަލަތައް

·         ރަހިމު ނޫނީ ރަހިމުގެ ދޮރުގެ މައްސަލަތައް

·         ތައިރޮއިޑް ގެ ބަލިތައް

·         ދިފާޢީ ނިޒާމުގެ މައްސަލަތައް

·         ލޭގަނޑުވުމާއި ގުޅުންހުރި މައްސަލަތައް

·         މައިމީހާގެ ކިބައިގައި (ރަހިމުގައި) އުފެދުމުގައި ހުރި މައްސަލަތައް

o       ރަހިމުގައި ފައިބްރޮއިޑް އުފެދުން

o       ރަހިމުގައި މަސްކޮޅު އުފެދުން

o       ރަހިމުގެ ދެބައެއް ތަތްވުން

o       ރަހިމުގެ މެދުން ފާރެއްލެވި ރަހިމު ދެބައިވެފައި އިނުން

·         ރަހިމަށް އަނިޔާއެއްވުން : ހާދިސާއެއްގައި އެއްޗެއް ކުރިމަތި ފަރާތަށްވަދެ ރަހިމަށް އަނިޔާވުން

އަންނަނިވި ހާލަތްތަކުގައި ބައިގެންދިއުމަކީ ނާދިރު ކަމެކެވެ.

·         ކަސްރަތުކުރުން

·         ޖިންސީގުޅުން ހިންގުން

·         މަސައްކަތްކުރުން

މަގުފަހިކުރާ ކަންތައްތައް

ބައިގެންދިއުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) އުމުރު : އުމުރުން ހަނގު މީހުންނަށްވުރެ އުމުރުން 35 އަހަރަށްވުރެ ދޮށީ މީހުން ބަލިވެއިނުމުން ބައިގެންދިއުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. އެގޮތުން 35 އަހަރުގައި ބަލިވެއިނުމުން %20 ބައިގެންދިއުމުގެ ހިރާސް އޮވެއެވެ. 40 އަހަރުގައި ބަލިވެއިނުމުން %40 ބައިގެންދިއުމުގެ ހިރާސް އޮވެއެވެ. އަދި 45 އަހަރުގައި ބަލިވެއިނުމުން %80 ބައިގެންދިއުމުގެ ހިރާސް އޮވެއެވެ.

(ށ) ކުރިން ބައިގެންދިއުން : ކުރިން ޖެހިޖެހިގެން ދެފަހަރު ބައިގެން ގޮސްފައިވާނަމަ ބައިގެންދިއުމުގެ ހިރާސް އިތުރުވެއެވެ.

(ނ) ދާއިމީ ބައްޔެއްހުރުން : ހަކުރުބަލި ފަދަ ދާއިމީކޮށް ބޭސްކާންޖެހޭ ބައްޔެއް ހުރުމަކީ ބައިގެންދިއުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(ރ) ރަހިމު ނޫނީ ރަހިމުގެ ދޮރުގެ މައްސަލަތައް : މިސާލަކަށް ރަހިމުގައި ހުންނަ މައްސަލަތަކާއި، ރަހިމުގެ ދޮރު މާއަވަހަށް ހުޅުވުން ފަދަ މައްސަލަތަކުގެ ސަބަބުން ބައިގެންދިއުމުގެ ހިރާސް އިތުރުވެގެންދެއެވެ.

(ބ) ދުންފަތުގެ އިސްތިއުމާލުކުރުން : މާބަނޑު ދުވަސްވަރު މައިމީހާ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބައިގެންދިއުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(ޅ) ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުން : ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ބައިގެންދިއުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(ކ) ބަރުދަން : ބަރުދަން މާބޮޑަށް ލުއިވުން ނޫނީ ބަރުދަން މާބޮޑަށް ބަރުވުމަކީ ބައިގެންދިއުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(އ) މާބަނޑު ދުވަސްވަރު ހެދޭ ބައެއް ޓެސްޓުތައް : މާބަނޑު ދުވަސްވަރު ހެދޭ ބައެއް ޓެސްޓުތައް މިސާލަކަށް ކޮރިއޮނިކް ވިލަސް ސާމްޕްލިންގ އަދި އެމްނީއޯސިންޓީސިސް ފަދަ ޓެސްޓުތަކުގެ ސަބަބުން ބައިގެންދިއުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(ވ) މާގިނައިން ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުންކުރުން : މިސާލަކަށް ކޮފީ، އެނާޖީ ޑްރިންކްސް ފަދަ ބާވަތްތައް ބޭނުންކުރުން

(މ) ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް ބުރޫފަން، ނޫނީ ޑައިކްލޯފިނެކް ފަދަ ބާރުގަދަ ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން

(ފ) ވެށިން ހުށަހެޅޭ މާއްދާތައް : މިސާލަކަށް ރޭޑިއޭޝަނަށް ހުށަހެޅުން، ކާރުޚާނާތަކުގައި ނޫނީ މަސައްކަތުގެ މާހައުލުން ތިމަރަ އަދި ވިހާރަކައަށް ހުށަހެޅުން، އަދި ވައިނުސާފުވުން ފަދަ ކަންތައްތައް

ބައިގެންދިއުމުގެ ވައްތަރުތައް

(ހ) ބައިގެންދިއުމުގެ ބިރުއޮތުން / ބިރުއޮތް ބައިގެންދިއުން (threatened abortion): މީގެ މާނައަކީ ކުރިމަތި ފަރާތުން ލޭފޭބިޔަސް ، ރަހިމުގެ ދޮރު ހުޅުވެން ފަށާފައިނުވާނަމަ، ބައިގެންދިއުމުގެ ބިރު އޮތުމެވެ. ނޫނީ ފުރުޞަތު އޮތުމެވެ. ބައިގެންދިއުމުގެ އަލާމާތްތައް ފާހަގަވާނަމަ އޭގެ މާނައަކީ ބައިގެންދިއުމުގެ ބިރުއޮތުމެވެ. ނޫނީ ފުރުޞަތު އޮތުމެވެ. އެގޮތުން ކުރިމަތި ފަރާތުން ފަނޑު ލޭފޭބުން، ދަށްބަނޑުގައި ރިހުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. މިއަލާމާތްތައް ދުވަސްތަކުން ފެށިގެން ގޮސް ހަފްތާތަކަށް ދެމިގެން ހިނގައިދާނެ އެވެ. ނަމަވެސް ރަހިމުގެ ދޮރު ހުންނާނީ ބަންދުވެފައެވެ. މިފަދަ ހާލަތުގައި ރިހުމާއި، ލޭފޭބުން ރަނގަޅުވެ، ގިނަފަހަރު އިތުރު މައްސަލައަކާއި ކުރިމަތިނުވެ، ވިހެއުމާއި ހަމައަށް މާބަނޑު ދުވަސްތައް ހޭދަކުރެވެއެވެ. ނޫނީ ގެންދެވެއެވެ. އަދި މިހާލަތު ރަނގަޅުނުވި ނަމަ ބައިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ނުހިފެހެއްޓެނިވި ބައިގެންދިއުން (inevitable abortion): މީގެ މާނައަކީ ކުރިމަތި ފަރާތުން ބައިވަރު ލޭފައިބައި، ދަށްބަނޑުގައި ގަދަޔަށް ރިއްސައި، އަދި ރަހިމުގެ ދޮރު ހުޅުވިފައި ވުމުން ބައިގެންދިއުމުން ދުރުނުވެވުމެވެ. ނޫނީ ބައިގެންދިޔަދިނުން ނުހިފެހެއްޓުމެވެ. ނޫނީ ބައިގެންދިއުން ނުހުއޓުވުން ނުވަތަ ސަލާމާތް ނުކުރެވުމެވެ. ކުރިމަތި ފަރާތުން ފައިބާ ލެޔާއެކު، ހެދިބޮޑުވަމުން އަންނަ ދަރިފުޅު ރަހިމުން ބޭރުވެގެން އަންނާނެ ނޫނީ ބައިގެންދާނެ އެވެ.

(ނ) ފުރިހަމަނުވާ ބައިގެންދިއުން (incomplete abortion): މީގެ މާނައަކީ ތުއްތު ދަރިފުޅުގެ ނޫނީ މަހުގެ އެތިކޮޅުތައް ކުރިމަތި ފަރާތުން އަޔަސް، އެއިން ބައެއް ނައިސް ރަހިމުގެ ތެރޭގައި ހަރުލާފައި ހުރުމެވެ. މިހާލަތުގައި ރަހިމު ކުރުގެޅި ރަހިމު ހުސްކުރުމަށް މަސައްކަތްކުރަމުން ގެންދާނެތީ، ފަހަރުގައި ބަނޑުގައި ރިހުމާއި، ކުރިމަތި ފަރާތުން ލޭފޭބުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގެ ފަރުވާގެ ގޮތުގައި ބަނޑުދޮވެލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(ބ) ބީވެގެންދިޔަ ބައިގެންދިއުން (missed abortion): މީގެ މާނައަކީ ތުއްތު ދަރިފުޅުގެ އަދި ވާމަހުގެ ސެލޯށި ރަހިމުގެ ތެރޭގައި ހުރެފައި، ތުއްތު ދަރިފުޅު މަރުވެފައިވުން ނުވަތަ އުފެދިފައި ނުވުމެވެ. ނޫނީ އުފެދެމުންދިޔަ ތުއްތު ދަރިފުޅު މަރުވެ، ރަހިމުގައި ހަރުލާފައި އޮތުމެވެ. މިހާލަތުގައި ކުރިމަތި ފަރާތުން މުށިކުލައިގެ ހަޑިއެއްޗެހި އަތުވެދާނެ އެވެ. އާންމުކޮށް މާބަނޑުވުމުން ފެންނަ މޭނުބައިކުރުމާއި ހޮޑުލެވުން ފަދަ ކަންތައްތަކަށް ލުއިކަން ލިބިދާނެއެވެ. ސްކޭންކުރާއިރު ކުއްލިއަކަށް ސްކޭން އިން ދަރިފުޅު މަރުވެފައިވާކަން ފާހަގަ ކުރެވިދާނެ އެވެ.

(ޅ) ފުރިހަމަ ބައިގެންދިއުން (complete abortion): މީގެ މާނައަކީ ބައިގެންދިޔައިރު ރަހިމުގައި ހުރި މާބަނޑުވުމުން އުފެދުނު ހުރިހާ ސެލޯށި ( ތުއްތު ދަރިފުޅުގެ އަދި މަހުގެ ސެލޯށި) އެއް އެއްކޮށް ރަހިމުން ބޭރުވުމެވެ. އާންމު ގޮތެއްގައި ބަނޑަށް 12 ހަފްތާގެ ކުރިން ބައިގެންދިޔަނަމަ މިއީ ވަރަށް އާންމު ގޮތެކެވެ. މިވައްތަރުގައި ކުރިމަތި ފަރާތުން ހުއްޓިނެތި ލޭފޭބުން ދުވަސްތަކެއް ވަންދެން ފަހަރުގައި ހުރެދާނެއެވެ. ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާނެއެވެ. ހީވާނީ މައްސަރުގެ ތަދުހެންނެވެ. މިއީ ރަހިމު ހުސްކޮށްލުމަށް ރަހިމު ކުރުގެޅި ފިތޭތީ ކުރިމަތިވާ ތަދެކެވެ.

(ކ) ސެޕްޓިކް ބައިގެންދިއުން (septic miscarriage): މީގެ މާނައަކީ ރަހިމުގެ ތެރޭގައި އިންފެކްޝަން ހެދުމެވެ. މިހާލަތުގައި ނުރައްކާތެރި ދަރަޖައަކަށް އިންފެކްޝަން އުފެދިފައި ހުރިނަމަ ވަގުތުން ފަރުވާ ދޭންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އަލާމާތްތައް

ގިނަ ފަހަރު ބައިގެންދަނީ ބަނޑަށް 12 ހަފްތާވުމުގެ ކުރިންނެވެ. ބައިގެންދިއުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކުރިމަތި ފަރާތުން ލޭފޭބުން : ކުޑަ މިންވަރަކަށް ނޫނީ ބައިވަރު ވެސް ފައިބައިފާނެ އެވެ.

·         ދަށްބަނޑުގައި ރިހުން

·         އުނަގަނޑުގައި ރިހުން

·         ކުރިމަތި ފަރާތުން ދިޔަ / ހަޑިއެއްޗެހި އައުން ނުވަތަ މާބަނޑުވެގެން ރަހިމުގައި އުފެދުނު ސެލޯށިތައް ބޭރުވުން

·         މާބަނޑުގެ އަލާމާތްތައް ކުއްލިއަކަށް ކުޑަވުން : މިސާލަކަށް އުރަމައްޗަށް ވާންވުން، މޭނުބައިކުރުން ، ހޮޑުލެވުން

·         ބަރުދަން ލުއިވުން

·         ރަހިމު ކުރުގެޅި، ހަރަކާތްތައް އިތުރުވުން : ބަނޑުގައި ރިހުމާއެކު މިގޮތަށް ކޮންމެ 20-5 މިނިޓަކުން ކުރިމަތިވުން

ކުރިމަތި ފަރާތުން ކޮންމެ ވެސް މިންވަރަކަށް ފަޑުކުލައިގެ ލޭހުރުމަކީ މާބަނޑުވުމަށްފަހު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. މިގޮތަށް ވަރަށް ފަނޑުކޮށް ލޭކުލަ ފެނުމަކީ އަދި ބައިގެން ދިއުމެއް ނޫނެވެ.

ކުރިމަތި ފަރާތުން އަންނަ ހަޑިއެއްޗެހީގައި ތުއްތު ދަރިފުޅުގެ ސެލޯށި ހުރިހެން ހީވާނަމަ ސާފު ދަޅެއް ފަދަ އެއްޗަކަށް ލައިގެން ޑޮކްޓަރަށް ނޫނީ ހޮސްޕިޓަލަށް ދާއިރު ގެންދެވިދާނެއެވެ. އެއަށްފަހު ހޮސްޕިޓަލުގައި އެސެލޯށި ތަހުލީލު ކުރެވިދާނެ އެވެ. ފުރަތަމަ 3 މަހުގެ ތެރޭގައި ކުރިމަތި ފަރާތުން ލޭފައިބާ ގިނަ މީހުންނަށް ވެސް ކާމިޔާބުކަމާއެކު ވަރަށް ގިނަ ފަހަރު މާބަނޑު ދުވަސްތައް ވިހެއުމާއި ހަމައަށް ބައިގެންދިއުމަކާ ނުލައި ދެމެހެއްޓެއެވެ.

ނުރައްކާތައް

ބައިގެންދާ ބައެއް މީހުންނަށް ރަހިމުގައި އިންފެކްޝަން އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތަށް ކިޔަނީ "ސެޕްޓިކް މިސްކެރިއޭޖް" އެވެ. މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހުންއައުން

·         ހީކެރުވުން

·         ދަށްބަނޑުގައި ބީހިލުމުން ރިހުން

·         ކުރިމަތި ފަރާތުން ނުބައިވަސްދުވާ ހަޑިއެއްޗެހި އައުން

ދެނެގަތުން

ބައިގެންގޮސްފައިވޭތޯ ޔަގީންކުރުމަށްޓަކައި ތަފާތު ޓެސްޓުތައް ހެދިދާނެ އެވެ. ނޫނީ ތަފާތު ކަންތައްތައް ކުރެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކާއި ހަދައިފާނެ ޓެސްޓުތައް ތިރީގައި މިވަނީ އެވެ.

(ހ) ޕެލްވިކް އެގްޒާމް ހެދުން : ޕެލްވިކް އެގްޒާމް ހެދުމުގެ ތެރޭގައި މައިމީހާގެ ރަހިމުގެ ދޮރު ހުޅުވިފައި ހުރިތޯ ނޫނީ ހުޅުވެން ފަށާފައިވޭތޯ ބަލައި ޔަގީންކުރާނެ އެވެ.

(ށ) ސްކޭންކުރުން : ސްކޭންގެ އެހީގައި ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ލިބޭތޯ އާއި، އަދި ތުއްތު ދަރިފުޅު ހެދިބޮޑުވެގެން އަންނަންޖެހޭގޮތަށް އާދޭތޯ ބަލައި ކަށަވަރުކުރެވޭނެ އެވެ. ފުރަތަމަ ސްކޭން އިން ޔަގީން ނުކުރެވޭނަމަ ހަފްތާއެއް ހާ ދުވަސްފަހުން އަނެއްކާ ވެސް ސްކޭންކޮށްގެން ބެލޭނެ އެވެ.

(ނ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުގެ އެހީގައި މާބަނޑު ހޯރމޯން "ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރޮޕިން ހޯރމޯން"(HCG) ލޭގައި ހުރި މިންވަރު ބެލޭނެ އެވެ. އަދި ކުރީގެ މިންވަރާއި އަޅާ ކިޔޭނެ އެވެ. މާބަނޑު ހޯރމޯންގެ މިންގަނޑަށް ބަދަލުއައިސްފައިވާކަން ފާހަގަކުރެވޭނަމަ ފަހަރުގައި ގޯހެއް އުޅެނީކަމަށް ވެދާނެ އެވެ. ލޭގެ ޓެސްޓުގެ އެހީގައި ލޭމަދުވެފައިވޭތޯ އަދި ލޭގެ ގުރޫޕް ވެސް ބެލޭނެ އެވެ.

(ރ) ޓިޝޫ ޓެސްޓުކުރުން : ކުރިމަތި ފަރާތުން އައި ހަޑިއެއްޗެހީގައި އެއްވެސް ކަހަލަ ޓިޝޫއެއްގެ އަސަރު ހުރިނަމަ ނޫނީ ޓިޝޫއެއްގެ އެތިކޮޅެއް އޮތްނަމަ ޓެސްޓުކުރުމަށް ލެބޯޓްރީއަށް ފޮނުވާނެ އެވެ. މިއީ ބައިގެންދިއުން ކަން ޔަގީންކުރަން ކުރެވިދާނެ ކަމެކެވެ.

(ބ) ކްރޯމޯސޯމަލް ޓެސްޓުތައް : ކުރިން ދެފަހަރު ނޫނީ އެއައަށްވުރެ ގިނައިން ބައިގެން ގޮސްފައިވާނަމަ، އެއީ ކްރޯމޯސޯމްގެ ސަބަބުން ދިމާވާ ކަމެއްތޯ ޔަގީންކުރުމަށް ދެމަފިރިންގެ ވެސް ލޭ ޓެސްޓުކޮށް ބެލޭނެ އެވެ.

ފަރުވާ

ބައިގެންދިއުމުގެ ބިރުއޮތުން

ބައިގެންދިއުމުގެ ބިރުއޮންނަ ހާލަތްތަކުގައި ކުރިމަތި ފަރާތުން ލޭފޭބުން ހުއްޓެންދެން ނޫނީ ރިހުން ކެނޑެންދެން އަރާމުކުރުމަށް ލަފާދީފާނެ އެވެ. ބެޑް ރެސްޓް ކުރުމަކީ ބައިގެންދިއުމުގެ ފުރުޞަތު ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިއީ މުޅިން ޔަގީންކަމާއެކު ބައިގެންދިއުމުން ރައްކާތެރިކޮށްދޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން ކަސްރަތުކުރުމާއި، ޖިންސީ ގުޅުން ހިންގުމުން ދުރުހެލިވުމަށް ވެސް ލަފާދީފާނެ އެވެ.

ބައެއް ފަހަރު ތަނަކަށް ފުރަން އުޅޭނަމަ، ނުފުރައި ނޫނީ ދަތުރުނުކޮށް މަޑުކޮށްލަން ވެސް ލަފާދީފާނެ އެވެ. ޚާއްޞަކޮށް ދަތުރުކުރެވޭ ހިސާބަކީ އެކަށޭނަ ޞިއްޙީ ޚިދުމަތް ލިބެން ނެތްތަނެއްނަމަ މިގޮތަށް ލަފާދީފާނެ އެވެ.

ބައިގެންދިއުން

ތުއްތު ދަރިފުޅު އޮތީ ބަނޑުގައި މަރުވެފައިވޭތޯ ނޫނީ ތުއްތު ދަރިފުޅު އުފެދިފައިވޭތޯ ސްކޭންކޮށްގެން ބަލާލެވޭނެ އެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް (ތުއްތު ދަރިފުޅު ބަނޑުގައި ނިޔާވުން / ތުއްތު ދަރިފުޅު އުފެދިފައިނުވުން) ބައިގެންދާނެ އެވެ. އެހެންކަމުން މިހާލަތުގައި ތަފާތު ޚިޔާރުތައް ފަރުވާގެ ގޮތުގައި ހުރެދާނެއެވެ.

(ހ) އެކްސްޕެކްޓެންޓް މެނޭޖްމަންޓް : މީގެ މާނައަކީ މަޑުކޮށް، ބަލަމުންގެންދިއުމެވެ. މާނައަކީ އަމިއްލައަށް އޭގެ ޒާތުގައި ބައިގެންދޭތޯ މަޑުކުރުމެވެ. އިންފެކްޝަންގެ އަސަރެއް ފެންނަށް ނެތްނަމަ، އޭގެ ޒާތުގައި ތަބީޢީގޮތުން ބައިގެންދިއުމަށް ދޫކޮށްލެވިދާނެއެވެ. އާންމު ގޮތެއްގައި މިކަން ހިނގާނީ ތުއްތު ދަރިފުޅު ބަނޑުގައި މަރުވެފައިވާތާ ދެތިން ހަފްތާ ފަހުންނެވެ. ބައެއް ފަހަރު 4-3 ހަފްތާ ވެސް މިގޮތަށް އޭގެ ޒާތުގައި ބައިގެންދިއުމަށް ނަގައިފާނެ އެވެ. މިއީ އަންހެނާއަށް ވަރަށް ތަހައްމަލްކުރަން ދަތި، ޖަޒުބާތީ ވަގުތަކަށް ވެދާނެ އެވެ. އޭގެ ޒާތުގައި ބައިގެން ގޮސް، ރަހިމުގައި ހުރި ބައިތައް ބޭރުނުވިނަމަ، ފަހަރުގައި ބޭހުގެ ފަރުވާ ނޫނީ އޮޕަރޭޝަށްކޮށްގެން ރަހިމު ސާފުކޮށްލަން ޖެހިދާނެ އެވެ.

(ށ) ބޭހުގެ ފަރުވާ : މާބަނޑު ގޮސްފައިވާކަން ޔަގީންވުމުން ބަނޑުގައި ހުރި މާބަނޑުވެގެން އުފެދުނު ސެލޯށި (ތުއްތު ދަރިފުޅު އަދި ވާމަސް) ތައް އަވަހަށް ބޭރުކުރުމަށްޓަކައި ބޭސް ބޭނުންކުރަން ލަފާދީފާނެ އެވެ. އެގޮތުން ގުޅަ ބޭސް ނޫނީ ކުރިމަތި ފަރާތަށް ލައްވާ ބޭހުގެ ގޮތުގައި ވެސް ދީފާނެ އެވެ. ދިމާވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރަހިމު ސާފުކޮށްލުމަށްޓަކައި ކުރިމަތި ފަރާތަށް ބޭސް ގުޅަ ލައްވަން ޑޮކްޓަރުން ލަފާދީފާނެ އެވެ. %90-70 އަންހެނުންނަށް މިފަރުވާގެ އަސަރު 24 ގަޑިއިރުގެ ތެރޭގައި ފެންނަކަން ފާހަގަ ކުރެވެއެވެ.

(ނ) ސަޖިކަލް ފަރުވާ : ބައިގެންދިއުމުން ދެންކުރެވޭ ކަމަކީ ބަނޑު ދޮވެލުމެވެ. ނުވަތަ ރަހިމު ދޮވެލުމެވެ. މިއަށް ކިޔަނީ "ސަކްޝަން ޑައިލެޓޭޝަން އެންޑް ކިއުރެޓޭޖް"(suction dilation and curettage)  ނުވަތަ ޑީއެންސީ(D & C)  ހެދުމެވެ. މިއިޖުރާއާތުގައި ރަހިމުގެ ދޮރު ފުޅާކޮށް ހުޅުވުމަށްފަހު، ރަހިމުގެ އެތެރޭގައި ހުރި ސެލޯށިތައް ބޭރަށް ނެރެ ރަހިމުގެ ތެރެ ދޮވެ ސާފުކޮށްލައެވެ. މިއިޖުރާއާތުގެ ތެރޭގައި މަދުފަހަރަކު ރަހިމުގެ ފާރަށް ނޫނީ ރަހިމުގެ ދޮރުގެ ގުޅުވައިދެނިވި ސެލޯށިތަކަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. ސަޖިކަލް ފަރުވާ ދެވެނީ ބައިގެންދިއުމާއެކު އާދަޔާ ޚިލާފަށް ގިނައިން ލޭބޭރުވުން ނޫނީ ރަހިމުގައި އިންފެކްޝަން ހެދިފައިވާނަމަ އެވެ.

ފަސޭހަވުން

އާންމު ގޮތެއްގައި ބައިގެންދިއުމަށްފަހު ފަސޭހަވެ ރަނގަޅުވުމަށް ދެތިން ގަޑިއިރުން ފެށިގެން ދެތިން ދުވަސް ނަގައިފާނެއެވެ. މި ދުވަސްކޮޅުގެ ތެރޭގައި ހުންއައިސް، ބަނޑުގައި ރިއްސައި، ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ގިނައިން ލޭއައުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ބައިގެންދިއުމަށްފަހު ގާތްގަނޑަކަށް ދެހަފްތާއެއް ހާ ދުވަހުގެ މުއްދަތަކަށްފަހު އަނެއްކާވެސް ބިސްދޫކުރާނެއެވެ. ގާތްގަނޑަކަށް 6-4 ހަފްތާއާޢި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މައްސަރުކަންތައް ވެސް އަލުން ޖެހެން ފަށާނެ އެވެ. ބައިގެންދިއުމަށްފަހު ދޭތެރެ ދުރާ ބޭސް ވެސް ބޭނުންކުރަން ފެށިދާނެއެވެ. ނަމަވެސް ބައިގެންދިއުމަށްފަހު 2 ހަފްތާވަރު ފާއިތުވެ ދަންދެން ޖިންސީގުޅުން ހިންގުން ފަދަ ކަންކަމާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.

ރައްކާތެރިވުން

ބައިގެންދިއުމަކީ އޭގެ ޒާތުގައި އެއިން ރައްކާތެރިވެވޭނެ ކަމެއް ނޫނެވެ. ނޫނީ ގިނަފަހަރު ކުރިމަތިވާ ބައިގެންދިއުމުން ރައްކާތެރިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބައިގެން ދިއުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވުން

·         ބަނގުރާ ބޭނުންކުރުމުން ދުރުހެލިވުން

·         މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން

·         އެކަށޭނަ ބަރުދަނެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުން

·         ފައިދާހުރި ކާނާ ބޭނުންކުރުން

·         އިންފެކްޝަންތަކުން ރައްކާތެރިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/pregnancy-loss-miscarriage/symptoms-causes/syc-20354298

·         https://www.nhs.uk/conditions/miscarriage/

·         https://www.pregnancybirthbaby.org.au/miscarriage

·         https://www.emedicinehealth.com/what_are_abortion_and_miscarriage/article_em.htm 

No comments:

Post a Comment