Monday, July 4, 2022

ސައިކޯސިސް

ސައިކޯސިސް

ސައިކޯސިސް(psychosis)  އަކީ ނަފްސާނީ ބަލިމަޑު ކަމެކެވެ. ސައިކޯސިސް ބޭނުންކުރަނީ ބުއްދިއަށް އަސަރުކުރާ ހާލަތްތައް ސިފަކުރުމަށެވެ. މިފަދަ ހާލަތެއް ކުރިމަތިވުމުން އެމީހަކާއި ހަގީގީ ދުނިޔެއާއި ކޮންމެވެސް ވަރަކަށް ގުޅުން ކެނޑެއެވެ. ސައިކޯސިސް ކުރިމަތިވުމުން އެމީހެއްގެ ވިސްނުމާއި، އެމީހެއް ދެކޭގޮތަށް ބަދަލު ގެނުވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހަކަށް ގޯހާއި، ނުބައި، ރަނގަޅާއި، ނުރަނގަޅު ވަކިކުރަށް އުދަނގޫވެއެވެ. އަސްލެއް ނުވާ ކުލަ ހުވަފެންތަކެއް ދައްކަން ފަށައެވެ.

ސައިކޯސިސް އަކީ ހަޔާތުގެ ކޮންމެ ހިސާބެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް އެންމެ އާންމުކޮށް ފުރަތަމަ ކުރިމަތިވަނީ ފުރާވަރުގެ ފަހު ކޮޅުން ފެށިގެން ގޮސް ޒުވާން އުމުރުގެ ކުރީކޮޅުގައެވެ. ޚާއްޞަކޮށް އުމުރުން 20 ގެ އަހަރުތަކުގެ މެދުތެރޭގައެވެ.


ސަބަބު

ސައިކޯސިސް ކުރިމަތިވުމަށް މެދުވެރިވާ ސީދާ ސަބަބުތައް ދެނެގަނެވިފައި ނުވިނަމަވެސް ސައިކޯސިސް އަށް މަގުފަހިކުރާ ކަންތައްތަކެއް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ވާރުތަވުން : މީގެ މާނައަކީ ސައިކޯސިސް ކުރިމަތިވާ ފަދަ ވިރާސީ ބަހާއެއް މައިންބަފައިންގެ ފުށުން ވާރުތަވުމެވެ. ނަމަވެސް މިފަދަ ވިރާސީ ބަހާއެއް ހުރުމުގެ މާނައަކީ އެފަދަ ކޮންމެ މީހަކަށް ސައިކޯސިސް ކުރިމަތިވާނެ އެކޭ ނޫނެވެ.

(ށ) މަސްތުވާތަކެތި ބޭނުންކުރުން : މަސްތުވާތަކެތީގެ ބައެއް ބާވަތްތައް ބޭނުންކުރުމަކީ ސައިކޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. އެފަދަ ބާވަތްތަކުގެ ތެރޭގައި މެރިޖުއާނާ، ކޮކެއިން، އެލްއެސްޑީ، އަދި އެމްފިޓަމައިން ހިމެނެއެވެ.

(ނ) ބަނގުރާބުއިން : ބަނގުރާ ބުއިމަކީ ވެސް ސައިކޯސިސް ކުރިމަތިވުމަށް މަގުފަހިކުރާ ކަމެކެވެ.

(ރ) އަނިޔާއެއް ނުވަތަ ނުތަނަވަސްކަމެއް މެދުވެރިވުން : މިސާލަކަށް ގާތްތިމާގެ މީހަކު ނިޔާވުން، ޖިންސީ ގޯނާއެއް ކުރިމަތިވުން، އަދި ތަފާތު ހަނގުރާމަ ތަކުގެ ސަބަބުން ވެސް މީހުންނަށް ސައިކޯސިސް ކުރިމަތިވުމަށް މެދުވެރި ވެއެވެ. ދިމާވާ މިފަދަ ކަމެއްގެ ވައްތަރާއި އެކަމެއް ދިމާވާއިރު އުމުރުން ވީ ދުވަހާއި ސައިކޯސިސް ކުރިމަތިވުމާއި ވެސް ކޮންމެވެސް ވަރަކަށް ގުޅުން އޮންނަކަން ފާހަގަ ކުރެވެއެވެ.

(ބ) ސިކުނޑިއަށް ލިބޭ އަނިޔާ އަދި ސިކުނޑީގެ ބަލިތައް : ސިކުނޑިއަށް ލިބޭ އަނިޔާތައް، ސިކުނޑީގެ ޓިއުމަރުތައް، ސްޓްރޯކްޖެހުން، ތުރުތުރުއަޅާ ބަލި، އަލްޒައިމާ ބަލި، ހަދާންނެތޭ ބަލި ފަދަ ބަލިތަކުގެ ސަބަބުން ވެސް ސައިކޯސިސް ކުރިމަތިވާގޮތް ވެއެވެ.

(ޅ) އޭޑްސް ޖެހުން : އޭޑްސް ޖެހުމަކީ ވެސް ސައިކޯސިސް މެދުވެރިވުމަށް މަގުފަހިވާ ކަމެކެވެ. 

(ކ) ބައެއް ކަހަލަ ބޭސްތައް : ސައިކޯސިސް އަށް ފަރުވާކުރުމުގައި ބޭނުންކުރެވުނު އެންޓި ސައިކޮޓިކް ބޭހެއް ކަމުގައިވާ "އެރިޕިޕްރަޒޯލް"(aripiprazole) ގެ ސަބަބުން ސައިކޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރެއެވެ.

(އ) އެހެނިހެން ނަފްސާނީ ބަލިތައް : ސައިކޯސިސް އަކީ އެހެނިހެން ނަފްސާނީ ބަލިތަކުގެ އަލާމާތަކަށް ބައެއް ފަހަރު ވެއެވެ. މިސާލަކަށް ބައިޕޯލަރ ޑިސްއޯޑަރ، ސްކިޒޮފްރޭނިއާ ފަދަ ބަލިތަކާއި ގުޅިގެން ދިމާވާ ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއިން ބައްޔެއްނެތި ވެސް ނަފްސާނީ ބަލިމަޑުކަމެއްގެ ގޮތުގައި ސައިކޯސިސް ކުރިމަތިވެދާނެ އެވެ.

(ވ) އެހެނިހެން ހާލަތްތަކުގައި ކުރިމަތިވާ ސައިކޯސިސް : އެހެނިހެން ބައެއް ހާލަތްތަކުގައި ވެސް ސައިކޯސިސް ކުރިމަތިވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ހާލަތްތައް ތިރީގައި މިވަނީ އެވެ.

ޕޯސްޓިކްޓަލް ސައިކޯސިސް (postictal psychosis): މިއީ ވެއްޓޭބަލި ހުންނަ މީހުންނަށް ފުލުފުލުގައި ފިޓްޖެހުމުން ދިމާވެދާނެ ހާލަތެކެވެ. ވެއްޓޭބަލި ހުރެފައި ގިނައިރުތަކެއް ވަންދެން ފިޓްޖެހިފައި ހުރުން، ނޫނީ ކުރިން ނަފްސާނީ ބައްޔެއް ތަހައްމަލުކުރިނަމަ މިހިރާސް އިތުރުވެއެވެ. މިހާލަތުގައި ފަރުވާގެ ގޮތުގައި އެންޓި ސައިކޮޓިކް ބޭސްތަކުގެ ތެރެއިން އޮލަންޒެޕިން، އަދި ރިސްޕެރިޑޯން ބޭނުން ކުރެވެއެވެ.

މިކްސިޑިމިޓަސް ސައިކޯސިސް (myxedematous psychosis):މިއީ ތައިރޮއިޑް ދަށްވުން ކުރިމަތިވެފައިވާ މީހުންނަށް ދިމާވެދާނެ ހާލަތެކެވެ. މިހެން ދިމާވަނީ ތައިރޮއިޑް ހޯރމޯން އިން ސިކުނޑިއަށް އަސަރު ފޯރުވާގޮތުން ތައިރޮއިޑް ހޯރމޯން ހަށިގަނޑުގައި މަދުވެއްޖެނަމަ، ބަލިމީހާއަށް ހުވަފެންތައް ދެއްކުން (ނެތްތަކެތި ފެނުން، ނުއިވޭ އަޑުތައް އިވޭކަމަށް ބުނުން )، ކުށްހީތައް، ވަހުމުތައް ކުރެވުން، ރަހައާއި ވަހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މިކްސިޑިމިޓަސް ސައިކޯސިސް ކަން ޔަގީންކުރުމަށް ޑޮކްޓަރުން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން މިންވަރު ބަލާނެއެވެ. މިހާލަތުގައި ފަރުވާގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ދީ، ތައިރޮއިޑްގެ މަސައްކަތް އެކަށޭނަ ގޮތެއްގައި ހިނގަން ފެށުމުން ސައިކޯސިސް ރަނގަޅުވެ، ނިމުމަކަށް އާދެއެވެ.

މެންސްޓްރޫއަލް ސައިކޯސިސް (menstrual psychosis): މިއީ މައްސަރާއި ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ހާލަތެކެވެ. އާންމުކޮށް މިކަން ދިމާވަނީ މައްސަރާއި ގުޅުންހުރި ހޯރމޯންތަކުގެ ހަމަހަމަކަމަށް ބަދަލު އައުމުންނެވެ. މިގޮތަށް ހޯރމޯން ތަކުގެ ހަމަހަމަކަމަށް ބަދަލު އައުމުން މީހާގެ ވިސްނުމާއި، މިޒާޖަށް ނޫނީ އުޅުމަށް ބަދަލުތަކެއް ގެނުވައެވެ. މިވައްތަރުގެ ސައިކޯސިސް މައްސަރު ފެށޭތާ ކުރީކޮޅު، ބިސްދޫކުރާ ދުވަސްވަރު، މައްސަރު ކަންތައް ޖެހުމުގެ ކުރިން އޮންނަ ދުވަސްކޮޅުގެ ތެރޭގައި ވެސް ކުރިމަތިވެދާނެ އެވެ.

މެންސްޓްރޫއަލް ސައިކޯސިސް އަކީ ކުއްލިއަކަށް ފެނި، އެހާމެ އަވަހަށް ނިމިގޮސްދާނެ ހާލަތެކެވެ. މިހާލަތުގައި އަސްލު ނޫނީ ހަގީގަތް އޮޅި ހަގީގަތް ވަކިކުރަން ނޭނގުން، ހުވަފެންތައް ދެއްކުން ( ނެތްތަކެތި ފެނުން، ނުއިވޭ އަޑު އިވޭކަމަށް ބުނުން)، ހަގީގަތެއް ނެތް ކަންތައްތައް ގަބޫލުކުރުން ފަދަ އަލާމާތްތައް ފާހަގަ ކުރެވިދާނެ އެވެ. މިހާލަތުގައި ފަރުވާގެ ގޮތުގައި އެންޓި ސައިކޮޓިކް ބޭސް ތަކުގެ އިތުރުން ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ ދީއުޅެއެވެ.

އަލާމާތްތައް

ސައިކޯސިސް ގެ އަލާމާތްތައް ކުއްލިއަކަށް ފެންނާކަށް ނުފަށާނެ އެވެ. އާންމު ގޮތެއްގައި އަލާމާތްތައް ފެންނަށް ފަށަނީ އަންނަނިވި ގޮތަށެވެ.

ސައިކޯސިސް ގެ ކުރިން ފެންނަ އިންޒާރުގެ ނިޝާންތައް

ސައިކޯސިސް ފެށިގެން އަންނަނީ އެމިހާކު ވިސްނާ ގޮތާއި ދެކޭގޮތް މަޑުމަޑުން ބަދަލުވާން ފަށާ ހިސާބުންނެވެ. އެގޮތުން އެމީހަކަށް ނޫނީ އެމީހެއްގެ އާއިލާގެ މެންބަރުންނަށް ސައިކޯސިސް ކުރިމަތިވާން އުޅޭ މީހެއްގެ ފުށުން ފާހަގަ ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކުއްލިއަކަށް ކިޔެވުމުން ލިބޭ މާކްސް ދަށްވުން / ވަޒީފާގައި މަސައްކަތްތައް ކުރާ މިންވަރު ދަށްވުން

·         ކަންކަމާމެދު ވިސްނައި، ސަމާލުކަން ދޭން ދަތިވުން

·         އެހެން މީހުންނަށް ތުހުމަތުކުރުން، ޝައްކުކުރުން، އެހެން މީހުންނާއި އެކު އުޅެން އުދަނގޫވުން

·         އެހެންމީހުންނާއި އެކަހެރިވެ، އެކަނިވެރިކަން ޚިޔާރުކުރުން ، ނޫނީ ގިނަ ވަގުތު އެކަނިއުޅުން

·         އަމިއްލަ ނަފުސަށް ފަރުވާކުޑަކުރުން ނޫނީ ގައިންތާހިރުނުވުން

·         އަސްލާއި ހަގީގަތް ބުނެދޭން ނޭނގުން

·         އެހެންމީހުންނާއި މުއާމަލާތްކުރަން ނޭނގުން، ވާނުވާނޭނގުން

·         ޖަޒުބާތީ ޝުޢޫރުތައް މާބޮޑަށް ހުރުން : މާބޮޑަށް އުފާވުން / މާބޮޑަށް ދެރަވުން

·         އެއްވެސް ވަރަކަށް ޖަޒުބާތީ ޝުޢޫރުތައް އެމީހެއްގެ ކިބައިން ފާޅުނުވުން : އެއްވެސް ވަރަށް އުފާނުވުން ނޫނީ ދެރަނުވުން

ސައިކޯސިސްގެ ކުރީކޮޅު ފެނިދާނެ އަލާމާތްތައް

·         ހުވަފެން ދެއްކުން : މިސާލަކަށް އެހެން މީހުންނަށް ނުއިވޭ އަޑުތައް އިވުން، ނެތްތަކެތި ފެނުން، އެހެން މީހުންނަށް ނުލާ ރަހަ ކާއެއްޗެހިން ލުން

·         ވަކި ކަހަލަ ގަބޫލުކުރުންތަކެއް، ވިސްނުންތަކެއް، ނޫނީ ހީތަކެއް ގެންގުޅުން

·         އެކަނިވެރިކަން އިޚްތިޔާރުކުރުން / އަބަދު އެކަނިއުޅުން

·         އަމިއްލަ ނަފުސަށް ފަރުވާކުޑަކުރުން : މިސާލަކަށް ގައިންތާހިރުނުވުން . އުޅޭ ތަންތަން ސާފުނުކުރުން

·         ކަންކަމާމެދު ރަނގަޅަށް ވިސްނަން އުދަނގޫވުން / ސަމާލުކަން ދޭން ދަތިވުން

ސައިކޯސިސް އެޕިސޯޑްގެ ތެރޭގައި ފެނިދާނެ އަލާމާތްތައް

މަތީގައި ބަޔާންކުރުވުނު ހުރިހާ އަލާމާތެއް ހުންނާނެ އެވެ. އެގޮތުން ފާހަގަކުރެވޭ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ހުވަފެން ދެއްކުން : މިސާލަކަށް

o       ނުއިވޭ އަޑުތައް އިވޭކަމަށް ބުނުން

o       ނެތްތަކެތި ފެންނަކަމަށް ބުނުން

o       ގައިގައި މީހަކު އަތްލާހެން ހީވުން

·         ވަހުމާއި ކުށްހީތައް ކުރެވުން : ދިރިއުޅޭ މުޖުތަމައުގެ ޘަގާފަތާއި ގުޅުމެއްނެތް، މާނައެއް ދޭހަނުވާ ކަންކަން ގަބޫލުކޮށްގެން އުޅުން : މިސާލަކަށް

o       ކަންކަން ހިނގަނީ ތިމާގެ ބާރުދަށުންކަން އިހުސާސްކުރެވުން

o       ވަރަށް ކުޑަކަމުން ވެސް ފުން މާނައެއް ނެގުން ނޫނީ ދޭހަވުން ނޫނީ ބޮޑުކަމެއްގެ ގޮތުގައި ދެކުން

o       ވަކި ޚާއްޞަ ބާރުތަކެއް ތިމާއަށް ލިބިފައިވާކަމަށް ގަބޫލުކުރުން

އާންމުކޮށް ސައިކޯސިސް ކުރިމަތިވުމުން ފެނިދާނެ އާންމު އަލާމާތްތައް

·         އާދަޔާ ޚިލާފަށް ބޮޑަށް އުޅުމަށް ބަދަލުއައުން : ގޭތެރެ، ސުކޫލް، މަދަރުސާ، މަސައްކަތުގެ މާހައުލު، އަދި އިޖުތިމާޢީ ކަންކަމުގައި އާންމުކޮށް ކޮށްއުޅޭ ކަންކަމުގައި ފަރުވާކުޑަކުރުން

·         ނުތަވަސްވުން، ހިތްހަމަނުޖެހުން، އަދާވަތްތެރި ކަމެއް ނޫނީ ދެކޮޅުވެރިކަން ހުރުން، މާހަލަނިވުން ނޫނީ މާ މަޑުމައިތިރިވުން

·         ވަހުމުތައް ކުރެވުން (ކުށްހީއާއި، ޝައްކާއި ވަހުމުތައް އިތުރުވުން)

·         ހުވަފެންތައް ދެއްކުން ( ނެތް ތަކެތި ފެނުމާއި، ނުއިވޭ އަޑުތައް އިވުން)

·         ނަފްސާނީ މައްސަލައެއް ހުރިކަން އަމިއްލައަށް ފާހަގަނުކުރެވުން ނޫނީ ގަބޫލުނުކުރެވުން

(ނޯޓް : މަތީގައި އެވަނީ އާންމު އަލާމާތްތަކުގެ ގޮތުގައި މެންޓަލްހެލްތު ގެޕް ފޮތުގައިވާ އަލާމާތްތަކެވެ)

އިތުރަށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :

·         އުޅޭ އުޅުމުގައި ތަބީޢަތާ ޚިލާފުވުން / އުޅޭ އުޅުމުގައި ރޭވުންތެރިކަމެއް ނެތުން : މިސާލަކަށް ދައްކާވާހަކަ ދޭހަނުވުން (ދައްކާ ވާހަކަ ނުގުޅުން، ފެންނަންހުންނަގޮތް އާދަޔާ ޚިލާފުވުން (ގައިން ތާހިރުނުވުން)، އަމިއްލަ ނަފުސަށް ފަރުވާކުޑަކުރުން، ފެންނަ ފެނުމަށް ތަހުޒީބީ ގޮތެއް ނުހުރުން ނުވަތަ ނާތަހުޒީބީ ގޮތެއް ހުރުން

·         މުޖުތަމަޢުން އެކަހެރިވުން، ނޫނީ އެހެން މީހުންނާ ވަކިން އެކަހެރިކޮށް، އެކަނި އުޅެން ބޭނުންވުން

·         ކުއްލިއަކަށް ކިޔެވުމުން ލިބޭ މާކްސް ދަށްވުން / ވަޒީފާގައި މަސައްކަތްތައް ކުރާ މިންވަރު ދަށްވުން

·         ކަންކަމާމެދު ވިސްނައި، ސަމާލުކަން ދޭން ދަތިވުން

·         އެހެން މީހުންނަށް ތުހުމަތުކުރުން، ޝައްކުކުރުން، އެހެން މީހުންނާއި އެކު އުޅެން އުދަނގޫވުން

·         އެހެންމީހުންނާއި އެކަހެރިވެ، އެކަނިވެރިކަން ޚިޔާރުކުރުން ، ނޫނީ ގިނަ ވަގުތު އެކަނިއުޅުން

·         އަމިއްލަ ނަފުސަށް ފަރުވާކުޑަކުރުން ނޫނީ ގައިންތާހިރުނުވުން

·         އަސްލާއި ހަގީގަތް ބުނެދޭން ނޭނގުން

·         އެހެންމީހުންނާއި މުއާމަލާތްކުރަން ނޭނގުން، ވާނުވާނޭނގުން

·         ކުށްހީތައް، ވަހުމުތައް ކުރެވުން

·         ހުވަފެންދެއްކުން ( ނުއިވޭ އަޑުތައް އިވުން، ނެތްތަކެތި ފެނުން)

·         ބޭކާރު ވާހަކަ ދެއްކުން ނޫނީ ހާލަތާ ނުގުޅޭ ވާހަކަތައް ދެއްކުން

މީގެ އިތުރުން ސައިކޯސިސް ހުންނަ މީހެއްގެ ފުށުން ފެނިދާނެ އެހެން އަލާމާތްތަކުގެ ތެރޭގައި

·         މާޔޫސްވެ މޮޅިވެރިވެ ދެރަވުން

·         ހާސްވެކަންބޮޑުވުން

·         ނިދަން އުދަނގޫވުން

·         އެހެންމީހުންގެ ތެރެއަށް ނުކުމެ ނޫޅުން

·         ހިތްވަރުނުހުރުން ، ޝައުގުވެރިކަން ނެތުން

·         ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރަން ބޭނުންނުވުން ނޫނީ ފުރިހަމަކުރަން އުދަނގޫވުން

ދެނެގަތުން

ސައިކޯސިސް ދެނެގަތުމަށް ހެދޭ ވަކި ޚާއްޞަ ބަޔޮލޮޖިކަލް ޓެސްޓް ތަކެއް ނުހުރެއެވެ. ނަމަވެސް ލެބޯޓަރީ ޓެސްޓުތަކުގެ އެހީގައި ސައިކޯސިސް އާއި އެއްގޮތް އަލާމާތްތައް ހުންނަ، އެހެން ބައެއް ހާލަތްތައް ދެނެގަތުމަށް އެހީތެރިކަން ލިބެއެވެ. ސައިކޯސިސް ދެނެގަތުމަށްޓަކައި ކްލިނިކަލް އެގްޒަމިނޭޝަން ހެދުމުގެ އިތުރުން ބައެއް ސުވާލުތައް ވެސް ޑޮކްޓަރުން ކޮށްފާނެ އެވެ.

އަންނަނިވި ކަންތައްތައް ހުރިނެތްގޮތް އަހައި އޮޅުން ފިލުވައިފާނެ އެވެ.

·         މީހާގެ ދިރިއުޅުމުގެ ކަންކަމާ، ވިސްނުން، އަދި ކޮށްފައިވާ ތަޖުރިބާތައް

·         އާއިލާގެ ތެރޭގައި ނަފްސާނި ބައްޔެއްހުރުން

·         އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރުން

·         ސައިކޯސިސް ގެ އުދަނގޫތަކުގެ އިތުރުން ދިމާވާ އެހެން އުދަނގޫތައް

·         މަސްތުވާތަކެތި ބޭނުންކުރުން

·         ބޮލަށް އަނިޔާއެއް ލިބިފައިވުން

·         އެހެނިހެން ބައްޔެއްހުރުން : މިސާލަކަށް ސިކުނޑީގެ ޓިއުމަރު / މަލްޓިޕަލް ސްކެލިރޯސިސް

ހަދަންދީފާނެ ޓެސްޓުތަކުގެ ތެރޭގައި :

·         ލޭގެ ޓެސްޓުތައް

·         ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން

·         އިލެކްޓްރޯއެންކެފަލޯގްރާމް ހެދުން

 

 

ފަރުވާ

އެކަށޭނަ ފަރުވާ ދެވިއްޖެނަމަ ސައިކޯސިސް އަކީ ވެސް ރަނގަޅުކުރެވިދާނެ ބައްޔެކެވެ. ކުރީކޮޅުގައި ފަރުވާ ކުރެވޭ ވަރަށް ގިނަ މީހުންނަށް އިތުރު އެޕިސޯޑެއް ކުރިމަތިވިޔަ ނުދީ ސަލާމަތް ކުރެވެއެވެ. ބައެއް މީހުންނަށް ފަރުވާއާއެކު ދޭތެރެ ދޭތެރެއިން ސައިކޯސިސް ގެ އުނދަގޫތައް ފެންމަތި ވިޔަސް ދިރިއުޅުން އާންމު ހާލަތުގައި ކުރިޔަށް ގެންދިއުމުގެ މަގުފަހި ވެއެވެ.

ސައިކޯސިސް އަށް ކުރީކޮޅުގައި (ފުރަތަމަ އެޕިސޯޑްއަށްފަހު) ފަރުވާކުރުމަކީ މުހިއްމު ކަމެކެވެ. ކުރީކޮޅު ފަރުވާ ކުރެވިއްޖެނަމަ، ތިމާގެ މަސައްކަތުގެ މާހައުލާއި، ސުކޫލާއި، އެހެން މީހުންނާއި އޮންނަ ގުޅުންތަކަށް ބުރޫނާރާނެހެން ދިރިއުޅުން ކުރިޔަށް ގެންދިއުމަށް މަގުފަހިވާނެ އެވެ. އަދި ސައިކޯސިސް އާއި ގުޅިގެން ކުރިމަތިވެދާނެ އެހެން މައްސަލަތަކުން ދުރުކޮށްދޭނެ އެވެ. ޑޮކްޓަރުން ސައިކޯސިސް އަށް ދޭ ފަރުވާ ބިނާވަނީ ސައިކޯސިސް ކުރިމަތިވި ސަބަބަކަށެވެ.

ބަލިމީހާގެ ފުށުން އޭނާގެ އަމިއްލަ ނަފުސަށް ނުވަތަ އެހެން މީހުންނަށް އަނިޔާވުމުގެ ފުރުޞަތު އޮތްކަމަށް ބެލެވޭނަމަ އެމީހަކު ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހިދާނެ އެވެ. ބަލިމީހާގެ އުޅުން ހުންނަގޮތް ކޮންޓްރޯލް ނުކުރެވޭނަމަ، ނޫނީ ބަލިމީހާއަށް އޭނާގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ނުކުރެވޭނަމަ އެފަދަ ހާލަތުގައި ވެސް ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހިދާނެ އެވެ. ބަލިމީހާގެ އަލާމާތްތަކާއި، ސައިކޯސިސް ކުރިމަތިވި ސަބަބަށް ރިޢާޔަތްކޮށް އެންމެ އެކަށޭނަ ފަރުވާ ޑޮކްޓަރުން ކަނޑައަޅުއްވާނެ އެވެ.

ބޭހުގެ ފަރުވާ

ސައިކޯސިސް ކުރިމަތިވުމުން އޭގެ ފަރުވާގައި ނަފްސާނީ ބަލީގެ ޑޮކްޓަރުން ބަލިމީހުންނަށް އެންޓި ސައިކޮޓިކް ބޭސްތައް ލިޔެދެއްވާނެ އެވެ. އެގޮތުން ލިޔެދޭ ބޭސްތަކުގެ ސަބަބުން ސައިކޯސިސްގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް ކުޑަކޮށްދީ، ލުއިކޮށްދޭނެ އެވެ. ބޭސްތައް ބޭނުންކުރުމާޢެކު ސައިކޯތެރަޕީ ކުރިޔަށް ގެންދިއުމުން ސައިކޯސިސް ގެ އުދަނގޫތަކުން އަރައިގަތުމަށް ބަލިމީހާއަށް އެހީތެރިކަން ލިބިގެން ދެއެވެ.

ސައިކޯތެރަޕީ

ބޭހާއި އެކު ކައުންސިލިންގ ނޫނީ ސައިކޯތެރަޕީގައި ހިމެނޭ އެކި ކަހަލަ ފަރުވާތައް ކުރިޔަށް ގެންދިއުމަކީ ސައިކޯސިސް މެނޭޖުކުރުމަށް ފަސޭހަވާނެ ކަމެކެވެ. އެގޮތުން ސައިކޯތެރަޕީގެ ތެރެއިން ދެވިދާނެ ބައެއް ފަރުވާތައް ތިރީގައި މިވަނީ އެވެ.

(ހ) ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (cognitive behavioral therapy / CBT): މިފަރުވާގެ އެހީގައި ސައިކޯސިސް ހުރި ބަލިމީހާއަށް ފެންނަ ތަކެއްޗާއި އިވޭ އަޑުތަކަކީ ހަގީގަތްކަން ނޫނީ ހީތަކެއް ކަން ކަނޑައެޅުމަށް ނޫނީ ފާޙަގަކުރުމަށް އެހީތެރިވެދޭނެ އެވެ. މީގެ އިތުރުން މިފަދަ ފަރުވާގެ ސަބަބުން ބަލިމީހާއަށް ފަރުވާ ކުރިޔަށް ގެންދިއުމުގެ މުހިއްމުކަން ވެސް އަންގައިދީ އިހުސާސް ކޮށްދޭނެ އެވެ.

(ށ) ސަޕޯޓިވް ސައިކޯތެރަޕީ (supportive therapy): މިފަރުވާގައި ސައިކޯސިސް އާއެކު ދިރިއުޅުން ކުރިޔަށް ގެންދާނެ ގޮތް ދަސްކޮށް ދެވެއެވެ. ކަންކަމާމެދު ރަނގަޅަށް ވިސްނާނެ ގޮތް މިފަރުވާގެ ތެރެއިން ދަސްކޮށް ދެވެއެވެ.

(ނ) ކޮގްނިޓިވް އެންހެންސްމަންޓް ތެރަޕީ (cognitive enhancement therapy /CET): މިފަރުވާގައި ބަލިމީހާގެ ވިސްނުމާއި، ދޭހަވުން ރަނގަޅުކުރުމަށްޓަކައި ގުރޫޕް މަސައްކަތް އަދި ކޮމްޕިއުޓަރ އެކްސަސައިޒްގެ ބޭނުން ހިފައެވެ.

(ރ) އާއިލާގެ އެއްބާރުލުން އަދި އާއިލާގެ މެންބަރުންނަށް ސައިކޯއެޑިޔުކޭޝަން ދިނުން : މިފަރުވާގައި ސައިކޯސިސް ކުރިމަތިވެފައިވާ ބަލިމީހާއާއި މުއާމަލާތްކުރާނެ ގޮތް އަދި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނޭގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ދަސްކޮށް ދެވެއެވެ.

(ބ) ކޯޑިނޭޓަޑް ސްޕެޝަލިޓީ ކެއަރ (coordinated specialty care / CSC): މިއީ ސްކިޒޮފްރެނިއާގެ އަލާމާތްތައް އެންމެ ފުރަތަމަ ނޫނީ އަލަށް ފާހަގަވުމުން ފަރުވާކުރުމަށް ބޭނުންކުރެވޭ ޓީމް އެޕްރޯޗެކެވެ. މީގައި އިޖުތިމާޢީ ޚިދުމަތާއި، މަސައްކަތާއި ތައުލީމަށް ބާރުއެޅުމާއެކު ބޭހާއި ފަރުވާ ކުރިޔަށް ގެންދެވެއެވެ. މިފަރުވާގައި ވީ އެންމެ ބޮޑަކަށް އާއިލާ ބައިވެރި ކުރެއެވެ.

ނޯޓް : މިއީ މައުލޫމަތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

·         https://www.nhs.uk/mental-health/conditions/psychosis/overview

·         https://www.nimh.nih.gov/health/topics/schizophrenia/raise/raise-questions-and-answers

·         https://www.nimh.nih.gov/health/publications/understanding-psychosis

·         https://www.webmd.com/schizophrenia/guide/what-is-psychosis#

·         https://www.medicalnewstoday.com/articles/248159#diagnosis

·         Mhgap version 2


No comments:

Post a Comment