މާބަނޑު
ދުވަސްވަރު : ހަކުރުމަތިވުން
އާންމު ގޮތެއްގައި ހަކުރުބަލި ކުރިމަތިވަނީ އިންސިއުލިން ބޭނުންކުރާގޮތް ނުވަތަ އުފައްދާގޮތަށް މައްސަލައެއް ދިމާވުމުންނެވެ. މިސާލަކަށް ޗިސްމޭ އިން ލޭގެތެރެއަށް އެކަށޭނަވަރަށް އިންސިއުލިން ފޯރުކޮށް ނުދިނުން، ނުވަތަ ޗިސްމޭ އިން އެކަށޭނަ ވަރަށް އިންސިއުލިން އުފައްދައި ނުދިނުން ފަދަ ކަންތައްތަކުގެ ސަބަބުންނެވެ. އިންސުލިން އަކީ ކާނާގެތެރޭގައި ހިމެނޭ ގުލުކޯޒު ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯރމޯން އެވެ. އެހެންގޮތަކަށް ބުނާނަމަ އެއީ ކާނާގައި ހިމެނޭ ހަކުރުގެ މާއްދާތައް ހަށިގަނޑަށް ބޭނުންކުރެވޭގޮތަށް ބަދަލުކޮށްދޭ މައިގަނޑު ހޯރމޯންއެވެ.ހަށިގަނޑަށް ފުދޭވަރަށް އިންސުލިން އުފައްދައި ނުދޭ ހާލަތުގައި، ނުވަތަ ހަށިގަނޑުގައި އިންސުލިންގެ ބޭނުން އެކަށޭނަ ވަރަށް ނުހިފާހާލަތުގައި ލޭގައި ހުންނަ ގުލުކޯޒުގެ މިންވަރު މަތިވެގެންދެއެވެ. މިއަށް ކިޔާ އިލްމީ ނަމަކީ ހައިޕަގްލައިސީމިއާ ނުވަތަ ހަކުރުމަތިވުމެވެ.
މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ
ހަކުރުބައްޔަށް ބަލިވެ އިންނަ ކޮންމެ އަންހެނަކުމެ ޓެސްޓްކުރުމަކީ ބޭނުންތެރި
ކަމެކެވެ. އެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެނުމަކާއި ނުލައި،
ނުވަތަ ހަކުރުބަލި މެދުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތި ނުވާ
ހާލުގައިވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަލަ ކުރިމަތިވެއެވެ. މާބަނޑުވުމާއި
ގުޅިގެން ކުރިމަތިވާ ހަކުރު ބަލީގެ އުނދަގޫ ވިހެއުމަށްފަހު ފިލައިދެއެވެ. މާބަނޑު
ދުވަސްވަރު މިކަމުގެ އުނދަގޫ ކުރިމަތިވާ ގިނަ އަންހެނުންނަށް އަހަރުތަކެއް ފަހުން
ހަކުރު ބަލީގެ އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ކުރިން ބަލިވެއިނދެ
ހަކުރުބަލީގެ އުނދަގުލާއި ކުރިމަތިލާފައިވާނަމަ އެކަން ޑޮކްޓަރަށް ނުވަތަ ސިއްހީ
މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ބަޔާންކޮށްދެން ވާނެއެވެ.
ހަކުރުބަލީގެ މާނައަކީ ލޭގައި ހަކުރުގެ
މިންވަރު ނުވަތަ ގުލްކޯޒުގެ މިންވަރު މަތިވުމެވެ. ގުލުކޯޒަކީ ހަށިގަނޑަށް ހަކަތަ
ފޯރުކޮށްދޭ މައިގަނޑު މަސްދަރެވެ. ގުލުކޯޒުގެ މިންވަރު ލޭގައި މަތިނަމަ ނުވަތަ
ކޮންޓްރޯލް ނުކުރެވޭނަމަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. ހަކުރު ބަލި
ހުރުމަކީ މާބަނޑު ދުވަސްވަރު އެކަމަށް ޚާއްޞަ އިނާޔަތް ބޭނުންވާ ކަމެކެވެ. މާބަނޑު
ދުވަސްވަރު ކުރިމަތިވާ ހަކުރުބައްޔަށް ''ޖެސްޓޭޝަނަލް ޑައެބެޓީސް"'(gestational diabetes) އޭ ކިޔައެވެ.
މާބަނޑު ވުމަށްފަހު ކޮންމެ
ދުވަސްވަރެއްގައި ވެސް ހަކުރުމަތިވުން ކުރިމަތިވެދާނެ އެވެ. ނަމަވެސް އެންމެ
އާންމުކޮށް މިމައްސަލަ ކުރިމަތިވަނީ 2 ވަނަ ނޫނީ 3ވަނަ ފަހު 3 މަހުގެ ތެރޭގައެވެ.
ހަކުރުބަލި މެދުވެރިވާ
ސަބަބުތައް
·
ހަކުރު ބަލީގެ އުދަގޫ ކުރިން ބަލިވެއިން ފަހަރެއްގައި
ތަހައްމަލުކުރަން ޖެހުން
·
ކުރިން ވިހޭއިރު 4 ކިލޯ އަށްވުރެ ބަރުކުއްޖެއް ކުރިން
ވިހައިފައިވުން
·
އުފަންވިއިރު މަރުވެފައިވާ ކުއްޖެއް ކުރިން ވިހައިފައިވުން
·
ލޭގައި ހަކުރުގެ މިންވަރު ބެލުމަށް ހަދާ ޓެސްޓްގައި
ހަކުރުގެ މިންވަރު މަތިވެފައިވުން
·
އެމެރިކާ އަދި ކަޅު ނަސްލުގެ މީހަކަށްވުން
މާބަނޑު ދުވަސްވަރު ހަކުރުބަލި ނޫނީ
ހަކުރުމަތިވަނީ މާބަނޑުވުމުން ޗިސްމޭ އިން އެކަށޭނަ ވަރަށް އިންސިއުލިން
އުފައްދައި ނުދިނުމުންނެވެ. އާންމު ގޮތެއްގައި ހަކުރުބަލި ކުރިމަތިވަނީ
އިންސިއުލިން ބޭނުންކުރާގޮތް ނުވަތަ އުފައްދާގޮތަށް މައްސަލައެއް ދިމާވުމުންނެވެ.
މިސާލަކަށް ޗިސްމޭ އިން ލޭގެތެރެއަށް އެކަށޭނަވަރަށް އިންސިއުލިން ފޯރުކޮށް
ނުދިނުން، ނުވަތަ ޗިސްމޭ އިން އެކަށޭނަ ވަރަށް އިންސިއުލިން އުފައްދައި ނުދިނުން
ފަދަ ކަންތައްތަކުގެ ސަބަބުންނެވެ. އިންސުލިން އަކީ ކާނާގެތެރޭގައި ހިމެނޭ
ގުލުކޯޒު ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯރމޯން އެވެ. އެހެންގޮތަކަށް
ބުނާނަމަ އެއީ ކާނާގައި ހިމެނޭ ހަކުރުގެ މާއްދާތައް ހަށިގަނޑަށް
ބޭނުންކުރެވޭގޮތަށް ބަދަލުކޮށްދޭ މައިގަނޑު ހޯރމޯންއެވެ.ހަށިގަނޑަށް ފުދޭވަރަށް
އިންސުލިން އުފައްދައި ނުދޭ ހާލަތުގައި، ނުވަތަ ހަށިގަނޑުގައި އިންސުލިންގެ ބޭނުން
އެކަށޭނަ ވަރަށް ނުހިފާހާލަތުގައި ލޭގައި ހުންނަ ގުލުކޯޒުގެ މިންވަރު
މަތިވެގެންދެއެވެ.
މާބަނޑު ދުވަސްވަރު ހަށިގަނޑުން އުފައްދާ
ހޯރމޯންތަކުގެ ސަބަބުން ތަފާތު ބަދަލުތައް އަންނަމުން ދެއެވެ. މިގޮތުން އަންނަ
ބަދަލުތަކުގެ ސަބަބުން ބަރުދަން އިތުރުވުން ފަދަ ކަންތައްތައް ކުރިމަތި ވެއެވެ.
މިބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކުން އިންސިއުލިންގެ ބޭނުން އެކަށޭނަ
ގޮތުގައި ހިފުމަށް ހުރަސްއަޅައެވެ. ނޫނީ އެކަށޭނަ ގޮތުގައި އިންސިއުލިންގެ ބޭނުން
ސެލްތަކަށް ނުހިފެއެވެ. ނަތީޖާއެއްގެ ގޮތުން "'އިންސިއުލިން
ރެސިސްޓަންސް"' ކުރިމަތިވެއެވެ. މިހާލަތު ކުރިމަތިވުމުން ހަށިގަނޑު
އިންސިއުލިން އަށް ބޭނުންވުން އިތުރުވެގެން ދެއެވެ.
މާބަނޑުވުމަށްފަހު ފަހުކޮޅުގައި ކޮންމެ
މާބަނޑު އަންހެނަކަށް ވެސް ކޮންމެވެސް ވަރަކަށް އިންސިއުލިން ރެސިސްޓަންސް
ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް އަންހެނުންނަށް ބަލިވެ
އިނުމުގެ ކުރިން ވެސް އިންސިއުލިން ރެސިސްޓަންސް ކުރިމަތިވުމަކީ އެކަށީގެންވާ
ކަމެކެވެ. މިފަދަ މީހުން ބަލިވެ އިންނައިރު ވެސް އެމީހުންގެ ހަށިގަނޑު
އިންސިއުލިން އަށް އިތުރަށް ބޭނުންވާނެ އެވެ. އަދި މިފަދަ މީހުންނަށް މާބަނޑު
ދުވަސްވަރު ހަކުރުބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
މާބަނޑު ދުވަސްވަރު
ހަކުރުބަލީގެ އުދަނގޫތައް މެދުވެރިވުމަށް މަގުފަހިކުރާ ކަންތައްތައް
·
ބަލިވެއިނުމުގެ ކުރިން މާބޮޑަށް ފަލަކޮށް ތިބޭމީހުން
·
ހެލފެލިވެއުޅުން މަދުވުން
·
ކުރިން ޕްރިން ޑައެބެޓީސް ހުރުން
·
ކުޑަކަމުދާ ތަކެތީގައި ހަކުރުހުރުން
·
ފެންދުލި ނުވަތަ ފެންކޮތަޅު ގައި ފެންގިނަވުން
·
އާއިލާގައި ހަކުރުބަލީގެ މެންބަރުން ތިބުން
·
އޯވަރީ ގައި ސިސްޓް އުފެދޭ ބަލި ކުރިން ކުރިމަތިވުން
·
އަލާމާތްތައް
މާބަނޑު ދުވަސްވަރު ހަކުރު މަތިވުމަކީ
އާންމު ގޮތެއްގައި އެކަމުގެ ސަބަބުން އަލާމާތްތަކެއް ފެންނާނެ ކަމެއް ނޫނެވެ. އާންމު
ގޮތެއްގައި ގިނަ ފަހަރު މިކަން ފާހަގަވަނީ މާބަނޑު ދުވަސްވަރު ހަދާ ލޭގެ
ޓެސްޓުތަކުގެ ތެރެއިން ހަކުރު މަތިކަމަށް ދެއްކުމުންނެވެ. ބައެއް މީހުންނަށް
މާބަނޑު ދުވަސްވަރު ހަކުރުމަތިވެއްޖެނަމަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ
ކަމެކެވެ. އެގޮތުން ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
މާގިނަން ކަރުހިއްކުން
·
މާގިނައިން ކުޑަކަމުދާން ބޭނުންވުން
·
އަނގަތެރެ ހިކުން
·
ވަރުބަލިވުން
ނަމަވެސް މިއަލާމާތްތަކަކީ ފަހަރުގައި
މާބަނޑު ވުމުން ކުރިމަތިވާ އުދަނގޫތަކުގެ ތެރެއިން ދިމާވެދާނެ ކަންކަމަށް ވުމަކީ
އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ އަލާމާތްތަކެއް ކުރިމަތި ވެއްޖެނަމަ
ޑޮކްޓަރާ މަޝްވަރާކޮށް، ޑޮކްޓަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިޔަށް
ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
ހަކުރުބަލި ހުރިމީހަކު
ބަލިވެއިނުމުން ހަށިގަނޑަށް ކުރާ އަސަރު
ހަކުރު ބަލި ކޮންޓްރޯލް ނުކުރެވޭނަމަ
މާބަނޑު ދުވަސްވަރު އެކަމުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ. މިފަދަ
ބައެއް އުދަނގޫތައް ނުވަތަ މައްސަލަތަކުގެ ސަބަބުން ސިޒޭރިއަން ހަދަން ޖެހުމަކީ
ވެސް އެކަށީގެންވާ ކަމެކެވެ. މާބަނޑު ދުވަސްވަރު ލޭގައި ހަކުރު އެކުލެވޭ ނިސްބަތް
އެކަށޭނަގޮތެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހެނީ މިބުނި ސަބަބާއި ހުރެއެވެ.
ބަލިވެއިނުމުގެ ކުރިން ހަކުރުބަލި ކޮންޓްރޯލް ކުރެވިފައިވާނަމަ މިފަދަ
މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑައެވެ.
މާބަނޑުވުމާއި ގުޅިގެން ހަކުރުބަލީގެ
މައްސަލަ މެދުވެރިވެދާނެކަމަށް ލަފާކުރެވޭނަމަ ނޫނީ ހަކުރުބަލި ހުއްޓައި ބަލިވެ
އިނދެއްޖެނަމަ، ކުރިމަތިވެދާނެ މައްސަލަތަކެއް ހުރެދާނެކަން ދަންނަށް ޖެހޭނެއެވެ.
މިގޮތުން އަންނަނިވި ކަންތައްތަކުން ކުރެ ކަމެއް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.
(ހ) އުފެދުމުގައި އައިބުހުރުން ނުވަތަ އުނިސިފަ
ހުރުން : ބަލިވެއިނުމުގެ ކުރިން
ހަކުރުބައްޔަށް އެކަށޭނަފަރުވާ ލިިބިގެންފައި ނުވާނަމަ ހިތާއި،ގުރުދާއާއި،
ސްޕައިނަލް ކޯޑްގައި އުނިސިފަ ނުވަތަ އައިބު ހުރުމަކީ ވެދާނެކަމެކެވެ.
(ށ) ކުޑަދަރިފުޅު އާދަޔާޚިލާފަށް ބޮޑުވުން : މިކަން ކުރިމަތިވަނީ މައިމީހާގެ ލޭގައި ހަކުރުގެ މިންވަރު
މަތިނަމައެވެ. މިއާއިގުޅިގެން ކުއްޖާގެ ހަށިގަނޑަށް ހަކުރު ވާސިލްވުން އިތުރުވެ،
އާދަޔާޚިލާފަށް ކުއްޖާ ބޮޑުވެއެވެ. އާދަޔާޚިލާފަށް ކުއްޖާ ބޮޑުވުމަކީ ވިހަން އުނދަގޫ
ކަމެކެވެ. އެކަމުގެ ސަބަބުން ސިޒޭރިއަން ހަދަންޖެހިދާނެ ކަމެކެވެ.
(ނ) ބަލިވެ އިނުން ވިހަވުން : މީގެ މާނައަކީ ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ
މައްޗަށް ދިއުމެވެ. މިކަމުގެ ސަބަބުން އަވަހަށް ވިހަން ޖެހުން ފަދަކަމެއް
ކުރިމަތިވުމަކީ ގާތްކަމެކެވެ. މިމައްސަލަ ކުރިމަތިވެއްޖެނަމަ ހޮސްޕިޓަލުގައި
ބާއްވައިގެން މައިމީހާއާއި ކުޑަދަރިފުޅުގެ ހާލަތު ''މޮނީޓަރ'' ކުރުމަކީ
ބޭނުންތެރިކަމެކެވެ.
(ރ) ފެންކޮތަޅުގައި ފެން ގިނަވުން : މިކަމުގެ ސަބަބުން ބައެއް އަންހެނުންނަށް އުދަނގޫތަކާއި
ކުރިމަތިވެއެވެ. ގިނަފަހަރު މިކަން ކުރިމަތިވަނީ 37ވަނަ ހަފްތާގެ ކުރިން
ވިހާނަމައެވެ. މިއީ ދުވަސްނުފުރާ ވިހެއުން އަދި ވިހެއުމުގެ ތެރޭގައި ވެސް ތަފާތު
މައްސަލަތައް ދިމާވުމަށް މަގުފަހިވެދާނެ ކަމެކެވެ.
(ބ) ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން : އަލާމާތެއް
ފެނުމަކާއި ނުލައި ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުމަކީ
ވެދާނެކަމެކެވެ. ފަރުވާ ނުކުރެވިއްޖެ ނަމަ އިންފެކްޝަން މަސާނާއާއި، ގުރުދާއަށް
ފެތުރި މައިމީހާއާއި، ކުޑަދަރިފުޅުގެ ހަށިގަނޑަށް ނުރައްކާވާ ހާލަތަކަށް ދިއުމަކީ
އެކަށީގެންވާ ކަމެކެވެ.
(ޅ) ރެސްޕައިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް : މިކަމުގެ
ސަބަބުން ކުއްޖާއަށް ނޭވާލުމަށް އުދަގޫވެއެވެ. ހަކުރު ބަލި ހުންނަ އަންހެނުންނަށް
ލިބޭ ކުއްޖާއަށް ''ރެސްޕައިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް'' ކުރިމަތިވުމުގެ
ފުރުސަތު ބޮޑެވެ.
(ކ) ސިޒޭރިއަން ހަދަންޖެހުން : މާބަނޑު ދުވަސްވަރު ހަކުރު މަތިވުމަކީ ދިމާވެދާނެ ތަފާތު
މައްސަލަތަކުގެ ސަބަބުން ވިހެއުމަށް ސިޒޭރިއަން ސެކްޝަން ހަދަންޖެހިދާނެ ކަމެކެވެ.
(އ) ހަކުރުބަލި ކުރިމަތިވުން : މާބަނޑު ދުވަސްވަރު ހަކުރުމަތިވުމަކީ ވިހެއުމަށްފަހު
ހަކުރު ކޮންޓްރޯލް ވިޔަސް، އުމުރުގެ ފަހުކޮޅުގައި ނޫނީ ފަހުގެ ދުވަސްވަރެއްގައި
ޓައިޕް 2 ހަކުރުބަލި ކުރިމަތިވުމަށް މަގުފަހިވާނެ ކަމެކެވެ.
(ވ) ކުޑަ ދަރިފުޅަށް
ދިމާވެދާނެ މައްސަލަތައް : މާބަނޑު
ދުވަސްވަރު ހަކުރު މަތިނަމަ ލިބޭ ދަރިފުޅަށް އަންނަނިވި މައްސަލަތައް
ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.
·
ލިބޭ ދަރިފުޅު އާދަޔާ ޚިލާފަށް ބަރުވެ ބޮޑުވުން
·
ދުވަސްނުފުރާ އުފަންވުން / މައިމީހާ ދުވަސްނުފުރާ ވިހެއުން
·
ތުއްތު ދަރިފުޅުގެ ހަކުރު ދަށްވުން
·
ތުއްތު ދަރިފުޅުގެ އުމުރުގެ ފަހުކޮޅު ޓައިޕް 2 ހަކުރުބަލި
ޖެހުން
·
ތުއްތު ދަރިފުޅަށް ރީނދޫވުން ކުރިމަތިވުން
·
ތުއްތު ދަރިފުޅު ބަނޑަށް މަރުވުން
އާންމު ގޮތެއްގައި މާބަނޑު ދުވަސްވަރު
ހަކުރު މަތިވި ކަމުގައި ވިޔަސް ގިނަ މީހުންގެ ހަކުރުގެ މިންވަރު ވިހެއުމަށްފަހު
އާންމު ހާލަތަކަށް އެޅެއެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހަކުރުމަތިވާ މީހުންގެ
ތެރެއިން %50 މީހުންނަށް ފަހުން ޓައިޕް 2 ހަކުރުބަލި ޖެހޭކަން ފާހަގަ ކުރެވެއެވެ. ނަމަވެސް
މިހިރާސްތައް ވިހެއުމަށްފަހު ކަސްރަތުކުރުން ފަދަ ދުޅަހެޔޮ އާދަތައް
ފަރިތަކޮށްގެން ކުޑަކުރެވިދާނެ އެވެ.
ދެނެގަތުން
ހަކުރު ބަލި ހުރިތޯބެލުމަށް ކުރެވޭ
ޓެސްޓަކީ ވަރަށް އާދައިގެ ރައްކާތެރި ޓެސްޓެކެވެ. ހަކުރު އެކުލެވޭ ދިޔާއެއްޗެއް
ބުއިމަށްފަހު ލޭގެ ސާމްޕަލްއެއް ނަގައި ގުލުކޯޒު ހުރި މިންވަރު ޗެކްކުރެވެއެވެ.
ލޭގައި ގުލުކޯޒުގެ މިންވަރު މަތިނަމަ އޭގެ މާނައަކީ ގުލުކޯޒުގެ މިންވަރު
ކޮންޓްރޯލްކުރުމުގައި މައްސަލައެއް ހުރުމެވެ. ގުލުކޯޒުގެ މިންވަރު މަތިނަމަ
''ޑައިގްނޯސްޓިކް ޓެސްޓް''އެއް ހަދަންޖެހެއެވެ. މިއީ ހަކުރުބަލި ހުރިތޯ
ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ.
އޯރަލް ގުލްކޯޒް ޓޮލެރަންސް
ޓެސްޓް
އާންމު ގޮތެއްގައި މާބަނޑު ދުވަސްވަރު
ހަކުރުމަތިވުން ހުރިތޯ ބެލުމަށް ހެދޭ ސްކްރީން ޓެސްޓަކީ އޯރަލް ގުލްކޯޒް
ޓޮލެރަންސް ޓެސްޓް (oral glucose
tolerance test /OGTT)އެވެ. މިއީ
ގާތްގަނޑަކަށް ޓެސްޓު ހެދުމަށް 2 ގަޑި އެއްހާއިރު ހޭދަވެދާނެ ޓެސްޓެކެވެ.
މިޓެސްޓު ހެދުމަށްޓަކައި ފުރަތަމަ ކުރެވޭ
ކަމަކީ 10-8 ގަޑިއިރު ހައިބަނޑާހުރުމަށްފަހު ހެދުނު ލޭގެ ޓެސްޓެއް ހެދުމެވެ.
އެއަށްފަހު ގުލްކޯޒް އެކުލެވޭ ބުއިމެއް ބޯންދެވެއެވެ. އޭގެ 2 ގަޑިއިރު ފަހުން
އަނެއްކާވެސް ލޭގެ ސާމްޕަލް އެއް ނަގައި ޓެސްޓު ކުރެވެއެވެ. އާންމު ގޮތެއްގައި
މިޓެސްޓު ހެދެނީ މާބަނޑު ދުވަސްވަރު 28- 24 ވަނަ ހަފްތާ އާއި ދެމެދުގެ
މުއްދަތެއްގެ ތެރޭގައެވެ. މާބަނޑުވިއިރު ކުރިން ހަކުރުމަތިވުން ކުރިމަތި
ވެފައިވާނަމަ ބަޔާންކުރެވުނު މުއްދަތަށްވުރެ ކުރިން ވެސް އޯރަލް ގުލްކޯޒް
ޓޮލެރަންސް ޓެސްޓު ހަދަންޖެހިދާނެ އެވެ. ބަޔާންކުރެވުނު މުއްދަތުގެ ކުރިން ހެދި
އޯރަލް ގުލްކޯޒް ޓޮލެރަންސް ޓެސްޓު ހުރީ ރަނގަޅަށްނަމަ، އަނެއްކާ ވެސް 28-24 ވަނަ
ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި މިޓެސްޓު ހަދަން ޖެހިދާނެއވެ.
ފަރުވާ
މާބަނޑު ދުވަސްވަރު ހަކުރުމަތިވުމުގެ
ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 3 ކަމެކެވެ. އެއީ:-
·
ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުން
·
ލޭގައި ހަކުރުގެ މިންވަރު ބަލަމުންގެންދިއުން
·
ބޭސްބޭނުންކުރުން
މާބަނޑު ދުވަސްވަރު ހަކުރު
ހުރިނަމަ ސަމާލުކަންދޭންޖެހޭ ބައެއްކަންތައްތައް
ހަމަހަމަ ކެއުމެއް
އިޚްތިޔާރުކުރުން
މާބަނޑު ދުވަސްވަރު ހަމަހަމަ ކެއުމެއް(Balanced
diet)
އިޚްތިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ކުޑަދަރިފުޅުގެ ބޮޑުވުން ބިނާވެފައި
އޮންނަނީ މައިމީހާ ބޭނުންކުރާ ކާނާގެ މައްޗަށެވެ. ހަކުރު ބަލި ހުންނަނަމަ ކެއުމަށް
ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ބަރާބަރަށް ނުކެއުމަކީ ގުލުކޯޒުގެ މިންވަރަށް
ބަދަލުގެނުވައިދޭ ކަމެކެވެ.
ކާނާއިން ލިބިދޭ ހަކަތައިގެ މިންވަރު
ބުރަވެފައި އޮންނަނީ މައިމީހާގެ ބަރުދަނާއި،އުމުރާއި، ހަރަކާތްތެރިވެ އުޅޭ
މިންވަރާއި، ވިހެއުމުގެ މަރުހަލާއެއްގެ މައްޗަށެވެ. ގުލުކޯޒުގެ މިންވަރު
ކޮންޓްރޯލްކުރުމަށްޓަކައި ކާނާ ބޭނުންކޮށް އުޅޭނެ ގޮތް ޑޮކްޓަރުން ބުނެދޭނެއެވެ.
ކާނާބޭނުންކުރުމުގައި ރަގަޅި ކޮންމެ ދުވަހަކުވެސް ލުއިކޮށް ގިނަގިނައިން ކެއުމެވެ.
ނިދުމުގެ ކުރިން ލުއިކެއުމެއް ބޭނުންކުރުމަކީ ނިދާފައި އޮންނަވަގުތުގައި
ގުލުކޯޒުގެ މިންވަރު ސާބިތުކަންމަތީ ބެހެއްޓުމަށް މުހިއްމު ކަމެކެވެ.
ކަސްރަތުކުރުން
އަބަދުވެސް މެދުމިންވަރަކަށް
ކަސްރަތުކޮށް އުޅުމަކީ ރަގަޅުކަމެކެވެ. ޚާއްޞަކޮށް ހަކުރުބަލި ހުންނަ
އަންހެނުންނަށް މިއީ ވަރަށް މުހިއްމުކަމެކެވެ. އާދައިގެ ވަރަކަށް ކަސްރަތުކޮށް
އުޅުމަކީ ލޭގެ ގުލުކޯޒުގެ މިންވަރު އާދައިގެ ވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ
އިންސުލިންގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އެކި މީހުންނަށް ކަސްރަތު ކުރަންޖެހޭ
މިންވަރު ތަފާތެވެ. ޑޮކްޓަރަކާއި މަޝްވަރާ ކުރުމުން ތިމާއާއި ގުޅޭ ކަސްރަތަކާއި،
ކުރަންވީ މިންވަރު ބުނެދޭނެއެވެ.
ލޭގައި ހަކުރުހުރިވަރު ބެލުން
ލޭގައި ހަކުރު ހުރި މިންވަރު ދުވާލަކު 4
ފަހަރު ބަލާށެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތި ޓެސްޓްކޮށް ހެދުމަކީ ބޭނުންތެރި
ކަމެކެވެ. ހަމަމިހެން ހަށިގަނޑުގެ ބަރުދަން އިތުރުވަމުން އަންނަ މިންވަރު ބެލުމަކީ
ވެސް ބޭނުންތެރި ކަމެކެވެ.
ތުއްތު ދަރިފުޅުގެ ހާލަތު
ބަލަމުން ގެންދިއުން
ބަނޑުގައިވާ ތުއްތު ދަރިފުޅުގެ
ހެދިބޮޑުވުން ހުރިނެތްގޮތް ބަލަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. އެގޮތުން
ތުއްތު ދަރިފުޅުގެ ހެދިބޮޑުވުން ދެނެގަތުމަށްޓަކައި ސްކޭން ކުރުން، އަދި
ގުޅުންހުރި ޓެސްޓުތައް ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ހަދަމުން
ގެންދިއުމަކީ ބުއްދިވެރި ކަމެކެވެ.
ބޭސް ބޭނުންކުރުން
މާބަނޑު ދުވަސްވަރު ހަކުރުމަތިވެ،
ކަސްރަތު ކުރުމާއި، ރަނގަޅުކާނާ ބޭނުންކުރުން ފަދަ ކަންކަމުން ހަކުރު ކޮންޓްރޯލް
ނުކުރެވޭނަމަ ފަހަރުގައި ހަކުރު ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުންކުރުމަކީ
ކުރަންޖެހިދާނެ ކަމެކެވެ. ކޮންމެހެން ނަގަންޖެހިއްޖެނަމަ އިންސިއުލިން
ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ.
ރައްކާތެރިވުން
މާބަނޑު ވުމުގެ ކުރިން ވެސް ފަހަރުގައި
މާބަނޑު ދުވަސްވަރު ކުރިމަތިވާ ހަކުރުމަތިވުން މެދުވެރިވުމުގެ ހިރާސް
ކުޑަކުރެވިދާނެއެވެ. އެގޮތުން ބަރުދަން ލުއިކުރުން، ރަނގަޅުކާނާ ކެއުން،
ގަވާއިދުން ކަސްރަތުކުރުމާއި ހެލިފެލިވެއުޅުން އިތުރުކުރުމަކީ ކުރެވޭނެ އެންމެ މުހިއްމު
އެއް ކަންތަކެވެ.
މާބަނޑުވާ ފަހުން ބަރުދަން ލުއިކުރަން
މަސައްކަތްކޮށްގެން ވާނެއެވެ. އޭގެ ބަދަލުގައި ބަރުދަން ކޮންމެވެސް ވަރަކަށް
އިތުރުކޮށްލަންޖެހޭނެ އެވެ. ނަމަވެސް މާބަނޑުއިރު ކުއްލިއަކަށް ބަރުދަން
އިތުރުކޮށްލަން ވެސް މަސައްކަތްކޮށްގެން ނުވާނެއެވެ. މާބަނޑުއިރު އެކަށޭނަ
ބަރުދަނެއް ހުރުމަކީ ދުޅަހެޔޮ ކުއްޖަކު ލިބުމަށް މަގުފަހިވާނެ ކަމެކެވެ. ބަރުދަން
އިތުރުކުރާނީ ކިހާވަރަކަށް ޑޮކްޓަރާއި މަޝްވަރާކޮށްގެން ހޯދުން މުހިއްމެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި
ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·
https://www.cdc.gov/diabetes/basics/gestational.html
·
https://www.mayoclinic.org/diseases-conditions/gestational-diabetes/symptoms-causes/syc-20355339
·
No comments:
Post a Comment