Monday, July 4, 2022

ބައިޕޯލަރ ޑިސްއޯޑަރ

ބައިޕޯލަރ ޑިސްއޯޑަރ

ބައިޕޯލަރ ޑިސްއޯޑަރ(Bipolar disorder) އަކީ ނަފްސާނީ ބަލިމަޑު ކަމެކެވެ. ބައިޕޯލަރ ޑިސްއޯޑަރ އަކީ މީހާގެ އުޅުމާއި، ހަރަކާތްތެރިކަމުގެ މިންވަރަށް ވަރަށް ބޮޑަށް ބަދަލު އަންނަ ބަލިމަޑު ކަމެކެވެ. ކުރިން މިބައްޔަށް "މޭނިކް ޑިޕްރެޝަން"(manic depression) އޭވެސް ކިޔައި އުޅުނެވެ. މިއީ އެކަމުގައި (އެބަދަލުތަކުގައި) އިންތިހާއަށް އުފާވުން(mania) ނޫނީ އިންތިހާއަށް ދެރަވުން(depression) ކުރިމަތިވާ ހާލަތެކެވެ. އެހެންކަމުން މިބައްޔަށް ކުރިން "މޭނިކް ޑިޕްރެޝަން| އޭ ވެސް ކިޔައި އުޅުނެވެ. މިބަލީގައި ދެހާލަތުގެ ދޭތެރޭގައި އާންމު ގޮތެއްގައި މީހާއަށް އުދަނގޫތަކެއް އިހުސާސެއް ނުވާނެއެވެ. ނޫނީ އެމީހަކު ހުންނާނީ އާދައިގެ އާންމު ހާލަތުގައެވެ. މިބައްޔަށް ބައިޕޯލަރ ކިޔަނީ މީހާގެ މިޒާޖާއި އުޅުން ނޫނީ އިހުސާސްތަކުގެ ދެކޮޅު "ޕޯލް" ގެ ގޮތުގައި ފާހަގަކުރެވޭތީ އެވެ. މާނައަކީ އެއް ހާލަތުގައި އިންތިހާއަށް އުފާވުން ކުރިމަތިވާއިރު އޭގެ އަނެއް ހާލަތުގައި އިންތިހާއަށް ދެރަވުން ކުރިމަތިވުމެވެ.

އާންމު ގޮތެއްގައި މީހާ އިންތިހާއަށް ދެރަވުމުން މީހާ މޮޅިވެރިވެ، މާޔޫސްވެ، ނާއުއްމީދުވެ، ޝައުގުވެރިކަން ގެއްލި، މަޑުންހުރެ، އެއްވެސް ކަމެއް ކުރާހިތް ނުވެ، ދިރިއުޅުމުގެ މަތިން ފޫހިވެއެވެ. ނަމަވެސް އިންތިހާއަށް އުފާވުމުން މާބޮޑަށް އުފާވެ، އަނގަތަޅައި، ހަކަތަ ގިނަވެ، މަޑުންނުހުރެވި، މާބޮޑަށް ހީވާގިވެގެން އުޅޭނެ އެވެ.


ބައިޕޯލަރ ޑިސްއޯޑަރ އާއި ގުޅިގެން އުޅުމަށް ނޫނީ މިޒާޖަށް އަންނަ ބަދަލުތަކުގެ ތެރެއިން އަސަރުކުރާ ކަންތައްތަކުގެ ތެރޭގައި ނިދުން، ހަކަތަ، ހަރަކާތްތެރިކަން، ޖަޖުކުރުން ނޫނީ ގޮތްނިންމުން، ވިސްނުންތެރިކަން އަދި ދިރިއުޅުމުގެ އާދަތައް ނޫނީ ގެންގުޅޭ އާދަތައް ހިމެނެއެވެ.

މިގޮތަށް މިޒާޖަށް ނޫނީ އުޅުމަށް އަންނަ ބަދަލުތައް އަހަރަކު ވަރަށް މަދުން ނޫނީ ވަރަށް ގިނައިން ވެސް ކުރިމަތިވެދާނެ އެވެ. މިގޮތަށް އަހަރެއްގެ ތެރޭގައި ތަފާތު ފަހަރު ބައިޕޯލަރ ޑިސްއޯޑަރ އުދަނގޫތައް ކުރިމަތިވާއިރު، އެއްފަހަރު ކުރިމަތިވުމާއި އަނެއްފަހަރު ކުރިމަތިވުމާއި ދޭތެރޭގައި ބައެއް މީހުންނަށް މާބޮޑު އުދަނގޫތަކެއް ނުވެދާނެ އެވެ. އަނެއްބައި މީހުންނަށް ކޮންމެވެސް ވަރަކަށް އުދަނގޫތަކެއް ތަހައްމަލު ކުރަން ޖެހިދާނެ އެވެ.

ސަބަބު

ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވުމުގައި ވަރަށް ގިނަ ކަންތައްތަކެއް ގުޅި ލާމެހޭކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) އުފެދުމުގައި ހުންނަ ބަޔޮލޮޖިކަލް ތަފާތުތައް : ބެލެވިފައިވާ ގޮތުގައި ބައިޕޯލަރ ޑިސްއޯޑަރ ހުންނަ މީހުންގެ ސިކުނޑީގައި ތަފާތު ކަމެއް އުފެދުމުގައި ހުރެއެވެ. މި ތަފާތުތަކުގެ ސަބަބުން ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވާ ސީދާ ސަބަބެއް އަދިވެސް ހޯދިފައެއް ނުވެއެވެ.

(ށ) ވާރުތަވުން : ބައިޕޯލަރ ޑިސްއޯޑަރ އާޢިލާގެ ތެރޭގައި ދައުރުވާނަމަ ޚާއްޞަކޮށް އެއްބަނޑު އެއްބަފާ މީހުން ނުވަތަ މައިންބަފައިންގެ ތެރެއިން މީހެއްގެ ކިބައިގައި ބައިޕޯލަރ ޑިސްއޯޑަރ ކުރިން ހުރިނަމަ އެމީހަކަށް ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވުމުގައި އެއްވެސް ކަހަލަ ވިރާސީ ބަހާއެއް ކަނޑައެޅިގެން އޮތްތޯ ބެލުމަށް މިހާރު ވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.

މަގުފަހިކުރާ ކަންތައްތައް

ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އާއިލާގެ ތެރޭގައި ބައިޕޯލަރ ޑިސްޢޯޑަރ ދައުރުވަމުންއައުން

·         ގާތްތިމާގެ މީހަކު މަރުވުން ފަދަ ފިކުރުކުރަންޖެހޭ ފަދަ ކަމެއް މެދުވެރިވުން

·         މަސްތުވާތަކެތި ބޭނުންކުރުން

·         ބަނގުރާ ބުއިން

އަލާމާތްތައް އަދި ވައްތަރުތައް

ބައިޕޯލަރ ޑިސްއޯޑަރ އަދި ބައިޕޯލަރ ޑިސްއޯޑަރ އާއި ގުޅުންހުރި ވަރަށް ގިނަ ޑިސްއޯޑަރ ތައް ހުރެއެވެ. އޭގެ ތެރޭގައި އިންތިހާއަށް އުފާވުން(mania)، އާދައިގެ ވަރަކަށް އުފާވުން(hypomania) އަދި އިންތިހާއަށް ދެރަވުން(depression) ހިމެނެއެވެ. މިފަދަ ޑިސްއޯޑަރ ތަކުގެ ސަބަބުން އުޅުމާއި މިޒާޖަށް ހީނުކުރާވަރު ގެ ބަދަލުތައް އައިސް، އުދަނގޫތައް ކުރިމަތިވެ، އާންމު ދިރިއުޅުމުގެ ކަންކަމަށް ވެސް ބައެއް ފަހަރު ބުރޫއަރާގޮތް ވެއެވެ. ބައިޕޯލަރ ޑިސްއޯޑަރ ގައި  ފާހަގަކުރެވޭ މުހިއްމު ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) ބައިޕޯލަރI ޑިސްއޯޑަރ (bipolar  I disorder): މިވައްތަރުގައި އެންމެ މަދުވެގެން އެއްފަހަރު އިންތިހާއަށް އުފާވުން ކުރިމަތިވާނެއެވެ. އަދި މިގޮތަށް ދިމާވުމުގެ (އިންތިހާ އުފާވުން ކުރިމަތިވުމުގެ) ކުރިން ނޫނީ ފަހުން އާދައިގެ ވަރަކަށް އުފާވުން ނޫނީ އިންތިހާއަށް ދެރަވުން ކުރިމަތިވާނެއެވެ. ބައެއް ފަހަރު އިންތިހާއަށް އުފާވުން ކުރިމަތިވެ، ސައިކޯސިސްގެ ހާލަތަށް ބަދަލުވުން ވެސް އެކަށީގެން ވެއެވެ. ބައިޕޯލަރ  II ޑިސްއޯޑަރ އަކީ ބައިޕޯލަރ  I ޑިސްއޯޑަރގެ އާދައިގެ ހާލަތެއް ނޫނެވެ. އެހެނެއްކަމަކު މިއީ މުޅިން ތަފާތު ދެހާލަތެކެވެ. ބައިޕޯލަރ  I ޑިސްއޯޑަރ ގައި ކުރިމަތިވާ އިންތިހާއަށް އުފާވުން ވަރަށް ބޮޑަށް ނުރައްކާތެރި މިންވަރަކަށް ކުރިމަތިވާއިރު، ބައިޕޯލަރ  II ޑިސްއޯޑަރ ގައި ކުރިމަތިވާ އިންތިހާއަށް ދެރަވުން ދިގުމުއްދަތަކަށް ދެމިހުރެއެވެ. މިކަމުގެ ސަބަބުން ބަލިމީހާއަށް ތަފާތު ގޮށްޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ.

މިވައްތަރުގައި އިންތިހާއަށް އުފާވުން އެންމެ މަދުވެގެން 7 ދުވަހަށް ދެމިގެންދާނެއެވެ. އަދި އުފާވުން ކުރިމަތިވާލެން ބޮޑުކަމުން ފަހަރުގައި ހަސްފަތާލުގައި އެދުމަތިކޮށްގެން ވެސް ފަރުވާދޭން ޖެހިދާނެ އެވެ. މިވައްތަރުގައި އިންތިހާއަށް ދެރަވުން ވެސް ކުރިމަތިވާނެއެވެ. އަދި މިދެރަވުން މަދުވެގެން 2 ހަފްތާގެ މުއްދަތަށް ދެމިހުންނާނެ އެވެ. ބައެއް ފަހަރު މިދެގޮތް އެއްކޮށް ކަހަލަ ގޮތަކަށް ވެސް ކުރިމަތިވެދާނެ އެވެ.

(ށ) ބައިޕޯލަރ  II ޑިސްއޯޑަރ (bipolar  II disorder): މިވައްތަރުގައި އެންމެ މަދުވެގެން އެއްފަހަރު އިންތިހާއަށް ދެރަވުން އަދި އެންމެ މަދުވެގެން އެއްފަހަރު އާދައިގެ ވަރަކަށް އުފާވުން ކުރިމަތިވާނެއެވެ. އެކަމަކު އިންތިހާއަށް އުފާވުން ކުރިމައްޗެއް ނުވާނެ އެވެ. ބައިޕޯލަރ  II ޑިސްއޯޑަރ އަކީ ބައިޕޯލަރ  I ޑިސްއޯޑަރގެ އާދައިގެ ހާލަތެއް ނޫނެވެ. އެހެނެއްކަމަކު މިއީ މުޅިން ތަފާތު ދެހާލަތެކެވެ. ބައިޕޯލަރ  I ޑިސްއޯޑަރ ގައި ކުރިމަތިވާ އިންތިހާއަށް އުފާވުން ވަރަށް ބޮޑަށް ނުރައްކާތެރި މިންވަރަކަށް ކުރިމަތިވާއިރު، ބައިޕޯލަރ  II ޑިސްއޯޑަރ ގައި ކުރިމަތިވާ އިންތިހާއަށް ދެރަވުން ދިގުމުއްދަތަކަށް ދެމިހުރެއެވެ. މިކަމުގެ ސަބަބުން ބަލިމީހާއަށް ތަފާތު ގޮށްޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ.

(ނ) ސައިކްލޯތައިމިކް ޑިސްއޯޑަރ (cyclothymic disorder):މިވައްތަރުގައި އެންމެ މަދުވެގެން 2 އަހަރު ހޭދަވާނެއެވެ. އާންމުކޮށް ދިމާވަނީ ކުޑައިރު ނޫނީ ފުރާވަރުގެ ދުވަސްވަރު އެވެ. މި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ދޭތެރެ ދޭތެރެއިން އާދައިގެ ވަރަކަށް އުފާވުން އަދި އިންތިހާއަށް ދެރަވުން ކުރިމަތި ވެއެވެ.  މިވައްތަރުގައި ފުރަތަމަ އާދައިގެ ވަރަކަށް އުފާވުން ކުރިމަތިވުމަށްފަހު، ދެން އިންތިހާއަށް ދެރަވުން ނޫނީ ޑިޕްރެޝަން ކުރިމަތިވާނެ އެވެ.

(ރ) އެހެނިހެން ވައްތަރުތައް : މީގެ ތެރޭގައި ބޭނުންކުރެވޭ ބޭހެއް، ބަނގުރާ، ކުޝިންގ ސިންޑްރޯމް، މަލްޓިޕަލް ސްކެލިރޯސޮސް އަދި ސްޓްރޯކް ޖެހުން ފަދަ ކަންކަމުން ކުރިމަތިވާ ބައިޕޯލަރ އާއި ގުޅުންހުރި ޑިސްއޯޑަރ ތައް ހިމެނެއެވެ. ބައެއް ފަހަރު މާބަނޑު ދުވަސްތަކުގެ ތެރޭގައި ނޫނީ ވިހެއުމަށްފަހު ވެސް ބައެއް މީހުންގެ ފުށުން ބައިޕޯލަރ ޑިސްއޯޑަރ ގެ އުދަނގޫތައް ފެންނަކަށް ފާހަގަ ކުރެވެއެވެ.  

ބައިޕޯލަރ ޑިސްއޯޑަރ އަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް އާންމު ގޮތެއްގައި ބައިޕޯލަރ ޑިސްއޯޑަރ ހުރިކަން ދެނެގަނެވެނީ ފުރާވަރުގެ ތެރޭގައި ނޫނީ އުމުރުން 20 ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެކިމީހުންނަށް ދިމާވާ އުދަނގޫތައް ތަފާތުވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި ގިނަ ދުވަސްވާވަރަކަށް އުދަނގޫތައް ކުރިމަތިވާ މިންވަރަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އިންތިހާއަށް އުފާވުން އަދި އާދައިގެ ވަރަކަށް އުފާވުން

އިންތިހާއަށް އުފާވުން އަދި އާދައިގެ ވަރަކަށް އުފާވުން މިއީ ތަފާތު ދެވައްތަރެއްގެ އެޕިސޯޑެކެވެ. އެކަމަކު ދެ އެޕިސޯޑްގައި ވެސް ހުންނަނީ ހަމަ އެއް އަލާމާތްތަކެކެވެ. އިންތިހާއަށް އުފާވުމަކީ އާދައިގެ ވަރަށް އުފާވުމަށްވުރެ މާބޮޑަށް ކުރިމަތިވާ ކަމަކަށްވުމުން އާންމު ގޮތެއްގައި އިޖުތިމާޢީ ހަރަކާތްތަކާއި، ސުކޫލް އަދި މަސައްކަތު މާހައުލުގައި މާބޮޑަށް މައްސަލަތައް ކުރިމަތިވެ، ފާހަގަވާނެ އެވެ. އިންތިހާއަށް އުފާވުން ކުރިމަތިވުމުން ފަހަރުގައި ސައިކޯސިސް ގެ ހާލަތަށް ގޮސް ހަސްފަތާލުގައި އެދުމަތިވެގެން ފަރުވާ ދޭންވެސް ޖެހިދާނެ އެވެ.

އިންތިހާއަށް އުފާވުން އަދި އާދައިގެ ވަރަކަށް އުފާވުން މި ދެވައްތަރުގައި ވެސް އަންނަނިވި އަލާމާތްތަކުގެ ތެރެއިން އެންމެ މަދުވެގެން 3 އަލާމާތް ނުވަތަ އެއަށްވުރެ ގިނަ އަލާމާތްތައް ފާހަގަވާނެ އެވެ.

·         އާދަޔާޚިލާފަށްއުފާވުން

·         ހަރަކާތްތެރިކަން އިތުރުވުން

·         މާބޮޑަށްހަކަތައިތުރުހެންހީވުން

·         ހުއްޓާނުލާއަނގަތެޅުން / އަވަސްއަވަހަށް ހުއްޓާނުލާ އަނގަތެޅުން

·         ހިމޭނުންނުހުރެވުން

·         ނިދިނައުން

·         ވިސްނުމެއް،ޚިޔާލެއް،ފިކުރެއްނެތިއުޅުން

·         ކަމެއްގެ ތެރޭގައި ވަރަށް ފަސޭހައިން އެހެންކަމަކަށް ވިސްނުން އެނބުރުން

·         އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުވުން

·         ގިނަ ވަގުތު އެއްކަމެއްގައި ހޭދަކުރުން

·         އާދަޔާ ޚިލާފަށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވުން

·         ވިސްނުމެއް ފިކުރެއްނެތި ކަންކަމުގައި ގޮތް ނިންމުން

އިންތިހާއަށް ދެރަވުން ކުރިމަތިވުން

އިންތިހާއަށް ދެރަވުން ކުރިމަތިވުން މިއީ ވެސް ބައިޕޯލަރ ޑިސްއޯޑަރ ގައި ކުރިމަތިވާ އެޕިސޯޑެކެވެ. އިންތިހާއަށް ދެރަވުން ކުރިމަތިވުމުން ދިމާވާ އުދަނގޫތަކުގެ ސަބަބުން ސުކޫލް، މަސައްކަތް، އިޖުތިމާޢީ ހަރަކާތްތައް ފަދަ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރާ ކަންތައްތައް ފުރިހަމަކުރުމުގައި ހުރަސްތަކާ ދިމާވެއެވެ. ނޫނީ ދޭދޭ ގުޅުންތަކަށް ބުރޫއަރައެވެ. އިންތިހާއަށް ދެރަވުން ކުރިމަތިވާ އެޕިސޯޑެއްގައި އަންނަނިވި އަލާމާތްތަކުގެ ތެރެއިން 5 އަލާމާތް ނުވަތަ އެއަށްވުރެ ގިނަ އަލާމާތްތައް ފާހަގަވާނެ އެވެ.

·         އިންތިހާއަށް ދެރަވުން : ދެރަވުން، މޮޅިވެރިވުން، ނާއުއްމީދުވުން، ހުސްކަން އިހުސާސްވުން، ފެންކަޅިވުން

·         ދިރިއުޅުންމަތިން ފޫހިވެ، ޝައުގުވެރިކަން ގެއްލުން

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން ، ކާހިތްނުވުން ނޫނީ ކާހިތްވުން

·         ނިދިނައުން ނޫނީ މާގިނައިން ނިދުން

·         މަޑުން ނުހުރެވުން ، ހިފިހިމޭނުން ނުހުރެވުން

·         ވަރުބަލިވެ، ވާޅުވުން، ގައިގައި ހަކަތަ ނޫނީ ބާރު ނުހުރުން

·         ބޭކާރު މީހެއްކަމަށް ދެކުން

·         ކަންކަމަށް ވިސްނައި ސަމާލުކަން ދޭން ދަތިވުން

·         އަމިއްލައަށް މަރުވުމުގެ ފިކުރުތައް ކުރެވުން

ކުޑަކުދިންނާއި، ފުރާވަރު ކުދިންގެ ފުށުން ފެންނާނެ އަލާމާތްތައް

ކުޑަކުދިންނާއި، ފުރާވަރު ކުދިންގެ ކިބައިން ބައިޕޯލަރ ޑިސްއޯޑަރ ގެ އަލާމާތްތައް ފާހަގަކުރުމަކީ ނޫނީ ދެނެގަތުމަކީ އުދަނގޫ ކަމަކަށް ވެދާނެ އެވެ. މިއަލާމާތްތަކަކީ ފުރާވަރުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން ނޫނީ އެހެނިހެން ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއްތޯ ބުނަން އުދަނގޫވެއެވެ.

ބައިޕޯލަރ ޑިސްއޯޑަރ ގައި ކުރިމަތިވާ އިންތިހާއަށް އުފާވުން، އާދައިގެ ވަރަކަށް އުފާވުން އަދި އިންތިހާއަށް ދެރަވުން ފަދަ ހާލަތްތައް ކުޑަކުދިންނާއި ފުރާވަރުކުދިންނަށް ، ބޮޑެތި މީހުންނާއި ކުރިމަތިވާ ގޮތާއި ޚިލާފަށް ކޮންމެވެސް ވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއިން އެޕިސޯޑެއް ކުރިމަތިވެގެން އުޅޭއިރު ވެސް ކުއްލިއަކަށް ކުދިންގެ މިޒާޖާއި އުޅުން އަވަސް އަވަހަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

ބައިޕޯލަރ ޑިސްއޯޑަރ ގެ ސަބަބުން ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ފުށުން ފާހަގަކުރެވޭނެ އެންމެ މުހިއްމު ކަމަކީ އާންމުކޮށް ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ފާހަގަވާ މިޒާޖާއި އުޅުމަށް އަންނަ ބަދަލުތަކާއި ޚިލާފަށް ކުއްލިއަކަށް ވަރަށް ބޮޑަށް މިޒާޖާއި އުޅުމަށް ބަދަލު އައުމެވެ.

ދިމާވެދާނެ ނުރައްކާތައް

ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވުމަށްފަހު އެކަށޭނަ ގޮތުގައި ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ވަރަށް ގިނަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅުންހުރި މައްސަލަތައް

·         އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވުން

·         މާލީ އަދި ގާނޫނީ މައްސަލަތައް ކުރިމަތިވުން

·         ދޭދޭ ގުޅުންތަކަށް ބުރޫއެރުން

·         މަސައްކަތާއި ސުކޫލް މާހައުލުގައި އެކަށޭނަ ވަރަށް މަސައްކަތްނުކުރެވުން

އެކުގައި ދިމާވެދާނެ ހާލަތްތައް

ބައިޕޯލަރ ޑިސްއޯޑަރ ހުރިނަމަ ވަރަށް ގިނަ ފަހަރު އެއާއި އެކުއެކީގައި އެހެން ނަފްސާނީ ބަލިމަޑުކަމެއް ހުރުމަކީ ގާތްކަމެކެވެ. މިގޮތަށް ހުންނަ އެހެން ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން ބައިޕޯލަރ ޑިސްއޯޑަރ އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުޞަތު ވެސް އޮވެއެވެ. ނޫނީ ބައިޕޯލަރ ޑިސްއޯޑަރ އަށް ދެވޭ ފަރުވާ އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރުމުގެ ފުރުޞަތު އޮވެއެވެ. މިގޮތުން ބައިޕޯލަރ ޑިސްއޯޑަރ އާއި އެކުއެކީގައި ދިމާވެދާނެ އެހެން ނަފްސާނީ ބަލިމަޑުކަމުގެ ތެރޭގައި އަންނަނިވި ހާލަތްތައް ހިމެނެއެވެ.

·         ހާސްވެކަންބޮޑުވުން – އެންޒައިޓީ ޑިސްއޯޑަރ

·         ކެއުމުގައި ދިމާވާ މައްސަލަތައް / ކެއުމާއި ގުޅުންހުރި މައްސަލަތައް – އީޓިންގ ޑިސްއޯޑަރ

·         އޭޑީއެޗްޑީ – އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑަރ

·         ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުން

·         ޖިސްމާނީ ޞިއްޙީ މައްސަލަތައް – މިސާލަކަށް ހިތުގެ ބަލި، ތައިރޮއިޑް ގެ މައްސަލަތައް ، އާދަޔާ ޚިލާފަށް ބުރަހެލިވެ ފަލަވުން، ބޮލުގައި ރިހުން ފަދަ މައްސަލަތައް

ދެނެގަތުން

ބައިޕޯލަރ ޑިސްއޯޑަރ ހުރިކަން ދެނެގަތުމަށްޓަކައި އަންނަނިވި ކަންކަން ޑޮކްޓަރުން ފުރިހަމަކޮށްފާނެ އެވެ.

(ހ) ޖިސްމާނީ ގޮތުން ބަލައިޗެކުކުރުން : ބަލިމީހާއަށް ދިމާވެފައިވާ އުދަނގޫތަކުގެ ސަބަބު ދެނެގަތުމަށްޓަކައި ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރުމުގެ އިތުރުން ، ލެބޯޓަރީ ޓެސްޓުތައް ވެސް ހަދަން ދީފާނެއެވެ.

(ށ) ސައިކިއެޓްރިކް އެސެސްމަންޓް ހެދުން : ދިމާވެފައިވާ އުދަނގޫތަކާއި ގުޅިގެން ބައިޕޯލަރ ޑިސްއޯޑަރ ހުރިކަން ދެނެގަތުމަށާޢި، ބަލިމީހާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ސައިކޮލޮޖިކަލް އެސެސްމަންޓް އެއް ހަދައިފާނެއެވެ. މީގެ އިތުރުން ބަލިމީހާގެ ހުއްދަ އާއި އެކު އާއިލާގެ މެންބަރުންނާއި، ރަހުމަތްތެރިންގެ ފުށުން ވެސް ބަލިމީހާއަށް ދިމާވެފައިވާ ނޫނީ ދިމާވާ އުދަނގޫތަކާއި ބެހޭގޮތުން އަހައި އޮޅުން ފިލުވައިފާނެ އެވެ. ބަލިމީހާގެ އިހުސާސްތަކާއި، ފިކުރުތަކާއި ވިސްނުންތަކާއި އަދި އުޅުމާއި ގުޅުމާއި ބެހޭގޮތުން ވެސް ޑޮކްޓަރުން އަހައި އޮޅުންފިލުވުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) މޫޑު ޗާރޓިންގ ހެދުން : މިއީ ކޮންމެ ދުވަހަކު އެމީހެއްގެ މޫޑު ހުރިނެތްގޮތް ބެލުމަށް އެކަން ރިކޯޑްކުރަމުން ނޫނީ ނޯޓުކުރަމުން ގެންދިއުމެވެ. މީގެ އިތުރުން ނިދުން ހުރިނެތްގޮތް އަދި އެހެނިހެން ކަންތައްތައް ހުރިނެތްގޮތް ވެސް ބަލައި އަހައި އޮޅުން ފިލުވައިފާނެ އެވެ.

(ރ) ބައިޕޯލަރ ޑިސްއޯޑަރ ޑައިގްނޯސްކުރުމަށް ބޭނުންކުރާ ކްރައިޓީރިއާ : ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރ (DSM-5)އަކީ ނަފްސާނީ ބަލިތައް ދެނެގަތުމަށް އެމެރިކާގެ ސައިކިއެޓްރިކް އެސޯސިއޭޝަން އިން ތައްޔާރުކޮށް ބައިނަލް އަގްވާމީ ފެންވަރެއްގައި ބޭނުންކުރަމުންގެންދާ ޓޫލް އެކެވެ.

ފަރުވާ

ބައިޕޯލަރ ޑިސްއޯޑަރ ހުރިނަމަ އެކަމަށް އެންމެ އެކަށޭނަ ފަރުވާދެވޭނެ ޑޮކްޓަރުންނަކީ ނަފްސާނީ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުން ނުވަތަ ސައިކިއެޓްރިސްޓުންނެވެ. ނަފްސާނީ ބަލިތަކަށް ފަރުވާކުރުމުގައި ސައިކިއެޓްރިސްޓުންގެ އިތުރުން ސައިކޮލޮޖިސްޓުން، ސޯޝަލް ވޯކަރ، އަދި ސައިކިއެޓްރިކް ނަރުހުންގެ ބައިވެރިވުން އޮވެއެވެ.

ބައިޕޯލަރ ޑިސްއޯޑަރ ދިގުމުއްދަތަކަށް ނޫނީ އުމުރަށް ދެމިހުންނަ ހާލަތެކެވެ، އެހެންކަމުން ފަރުވާ ބޮޑަށް އަމާޒުކުރަނީ ދިމާވެފައިވާ އުދަނގޫތަކަށް ލުއިކަން ހޯދައިދިނުމަށެވެ. ބައިޕޯލަރ ޑިސްއޯޑަރ އަށް ދެވޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ބޭސް ބޭނުންކުރުން : އާންމު ގޮތެއްގައި ބައިޕޯލަރ ޑިސްއޯޑަރ އާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް ކުޑަކޮށް ލުއިކުރުމަށްޓަކައި ބޭހުގެ ފަރުވާ ބޭނުންކުރަންޖެހެއެވެ.

(ށ) މެދުނުކެނޑި ބޭސް ކުރިޔަށް ގެންދިއުން : ބައިޕޯލަރ ޑިސްއޯޑަރ އަކީ އުމުރަށް ދެމިހުންނަ ހާލަތަކަށް ވުމުން ދޭތެރެ ދޭތެރެއިން ބަލީގެ އުދަނގޫތައް ލުއިވެ، ރަނގަޅުވިކަމަށް ފާހަގަވިޔަސް، މެދުނުކަނޑާ ފަރުވާ ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތަށް ފަރުޥާދޭއިރު ބަލީގެ އުދަނގޫތައް ލުއިވުމުން ފަރުވާ މެދުކަނޑާލާ މީހުންނަށް އަނެއްކާވެސް ބަލީގެ އުދަނގޫތައް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. ނޫނީ އާދައިގެ ވަރަކަށް އުޅުމާއި މިޒާޖަށް އަންނަ ބަދަލުތައް، ބައިޕޯލަރ ޑިސްއޯޑަރ ގައި ދިމާވާ އިންތިހާއަށް އުފާވުން ނޫނީ އިންތިހާއަށް ދެރަވުން ފަދަ ހާލަތަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) ދުވަހު ފަރުވާގެ ޕްރޮގްރާމް : މިއީ ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތައް ކުޑަކޮށްދިނުމަށް ބަލިމީހާއަށް ބޭނުންވާ އެއްބާރުލުމާއި، ކައުންސެލިންގ ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކު ވެސް ކުރިޔަށް ގެންދިއުމަށް ޑޮކްޓަރުން އިރުޝާދު ދޭ ޕްރޮގްރާމް އެކެވެ.

(ރ) މަސްތުވާތަކެތިން ދުރުހެލިވުމަށް ފަރުވާކުރުން : ބައިޕޯލަރ ޑިސްއޯޑަރ ހުންނަ މީހަކު ބަނގުރާ ނޫނީ މަސްތުވާތަކެތި ބޭނުންކުރާނަމަ ބައިޕޯލަރ ޑިސްއޯޑަރ އަށް ފަރުވާކުރުމަކީ އުދަނގޫ ކަމެކެވެ. އެހެންކަމުން ބައިޕޯލަރ ޑިސްއޯޑަރ ގެ ފަރުވާ ކުރިޔަށް ގެންދާއިރު ބަނގުރަލާއި މަސްތުވާތަކެތިން ދުރުހެލިވުމަށް ފަރުވާ ކުރިޔަށް ގެންދިއުމަކީ ވެސް މުހިއްމު ކަމެކެވެ.

(ބ) ހަސްފަތާލުގައި އެދުމަތިކުރުން : ބަލިމީހާ އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކޮށް، ނޫނީ ސައިކޯސިސްގެ ހާލަތަށް ގޮސްފިނަމަ ބަލިމީހާ ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ކުރިޔަށް ގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާކުރުމުން ބަލިމީހާއަށް އަވަހަށް ހަމައަކަށް އެޅި، މިޒާޖު ރަނގަޅުވެ، ބަލީގެ އުދަނގޫތައް ލުއިވެގެންދިއުމުގެ މަގުފަހި ވެއެވެ.

ބޭސް ބޭނުންކުރުން

ބައިޕޯލަރ ޑިސްއޯޑަރ އަށް ފަރުވާކުރުމަށް ވަރަށް ގިނަ ބޭސްތައް ބޭނުންކުރެވެއެވެ. ދެވޭ ބޭހުގެ ވައްތަރާއި ދެވޭނެ މިންވަރު ބަރޯސާވަނީ ދިމާވެފައިވާ އުދަނގޫތަކުގެ މިންވަރެއްގެ މައްޗަށެވެ. ނޫނީ ބަލިމީހާގެ ހާލަތަށެވެ. އާންމުކޮށް ބައިޕޯލަރ ޑިސްއޯޑަރ ގެ ފަރުވާގައި ބޭނުންކުރެވޭ ބޭސްތައް ތިރީގައި މިވަނީ އެވެ.

(ހ) މޫޑް ސްޓެބިލައިޒަރ (mood stabilizers): މިއީ އާންމު ގޮތެއްގައި ބައިޕޯލަރ ޑިސްއޯޑަރ ގައި ކުރިމަތިވާ އިންތިހާއަށް އުފާވުން ނޫނީ އާދައިގެ ވަރަކަށް އުފާވުން ފަދަ ހާލަތްތަކުގައި ކުރިމަތިވާ އުދަނގޫތައް ކޮންޓްރޯލްކޮށް ކުޑަކުރުމަށް ދީ އުޅޭ ބޭސް ތަކެކެވެ. މޫޑް ސްޓެބިލައިޒަރ ގެ ތެރޭގައި "ލިތިއަމް"، "ވެލްޕޮރިކް އެސިޑް"، " ޑައިވެލްޕޮރެސް ސޯޑިއަމް"، " ކާރބަމަޑީޕިން"، އަދި "ލެމޯޓްރިޖައިން" ފަދަ ބޭސްތައް ހިމެނެއެވެ.

(ށ) އެންޓި ސައިކޮޓިކްސް (antipsychotics): ބައިޕޯލަރ ޑިސްއޯޑަރ އާއި ގުޅިގެން ކުރިމަތިވާ އިންތިހާއަށް އުފާވުން އަދި އިންތިހާއަށް ދެރަވުން ފަދަ ހާލަތްތަކާ ގުޅިގެން ކުރިމަތިވާ އުދަނގޫތައް އެހެން ބޭސްތައް ދީގެން ލުއިނުވިނަމަ އެންޓި ސައިކޮޓިކް ގެ ގޮތުގައި ބޭނުންކުރެވޭ ބޭސްތައް ފަރުވާއަށް އިތުރުކުރެވެއެވެ. އާންމުކޮށް ދޭ އެންޓި ސައިކޮޓިކް ބޭސްތަކުގެ ތެރޭގައި "އޮލަންޒެޕިން"، "ރިސްޕެރިޑޯން"، "ކްއެޓިއެޕައިން"، "އެރިޕިޕްރަޒޯލް"، "ޒިޕްރަސިޑޯން"، "ލުރަސިޑޯން" އަދި "އެސިނެޕައިން" ފަދަ ބޭސްތައް ހިމެނެއެވެ. މިފަދަ ބައެއް ބޭސްތައް މޫޑް ސްޓެބިލައިޒަރ ގެ ގޮތުގައި ބޭނުންކުރާ ބޭސްތަކާ އެކުގައި ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) އެންޓި ޑީޕްރެސަންޓްސް (antidepressants): ބައިޕޯލަރ ޑިސްއޯޑަރ ގައި ކުރިމަތިވާ އިންތިހާއަށް ދެރަވުން ނުވަތަ ޑިޕްރެޝަން އަށް ފަރުވާކުރުމަށް ފަހަރުގައި ޑޮކްޓަރުން އެންޓި ޑިޕްރެސަންޓް އެއް ފަރުވާގެ ތެރެއަށް އިތުރުކޮށްފާނެ އެވެ. އެންޓި ޑިޕްރެސަންޓް ދިނުމުން ބައެއް ފަހަރު އިންތިހާއަށް އުފާވުމުގެ ހާލަތު ކުރިމަތިކޮށްފާނެތީ، އާންމު ގޮތެއްގައި އެންޓި ޑިޕްރެސަންޓް ދެނީ މޫޑް ސްޓެބިލައިޒަރ ނޫނީ އެންޓި ސައިކޮޓިކް ބޭހަކާއި އެކުއެކީގައެވެ.

(ރ) އެންޓި ޑިޕްރެސަންޓް – އެންޓި ސައިކޮޓިކްސް (anti depressant-antipsychotics): މިއީ އެންޓި ޑިޕްރެސަންޓް އަދި އެންޓި ސައިކޮޓިކް އެއްކޮށްގެން ނޫނީ ދެވައްތަރުގެ ބޭސް ހިމެނޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ބޭހެކެވެ. އެގޮތުން އެންޓި ސައިކޮޓިކް "އޮލަންޒެޕިން"، އަދި އެންޓި ޑިޕްރެސަންޓް "ފްލޫއޮކްސީޓިން" ހިމަނައިގެން ތައްޔާރުކުރެވިފައިވާ "ސިމްބެކްސް" ކިޔާ ބޭހެއް ހުރެއެވެ.

(ބ) އެންޓި އެންޒައިޓީ ބޭސްތައް (antianxiety medication): އެންޓި އެންޒައިޓީ ބޭހެއްގެ ގޮތުގައި އާންމުކޮށް "ބެންޒޯޑައެޒީޕިން" ދިނުމުން އެންޒައެޓީ ކުޑަކޮށްދީ، ނިދުން ރަނގަޅުކޮށްދެއެވެ.

ސައިކޯތެރަޕީ

ސައިކޯތެރަޕީ އަކީ ބައިޕޯލަރ ޑިސްއޯޑަރ ގެ ފަރުވާގެ އަސާސީ ބައެކެވެ. މިއީ ބަލިމީހާއަށް ވަކިންނާއި، އާއިލާގެ މެންބަރުންނަށް، އަދި ގުރޫޕުކޮށް ވެސް ކުރިޔަށް ގެންދެވޭ ފަރުވާ އެކެވެ. ސައިކޯތެރަޕީގެ ތެރެއިން ފޯރުކޮށްދެވޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އިންޓަޕާސަނަލް ސޯޝަލް ރިދަމް ތެރަޕީ (interpersonal social rhythm therapy) : މިއީ އާންމު ދިރިއުޅުމުގެ ކަންކަން މިސާލަކަށް ނިދުން، ހޭލުން، ކެއުން، ކަސްރަތުކުރުން ފަދަ ކަންތައްތައް ހަމައަކަށް އަޅުވައި ވަކި އުސޫލަކުން ގަވާއިދަކުން ކުރިޔަށް ގެންދިއުމަށް އެހީތެރިވެދޭ ފަރުވާ އެކެވެ. ދިރިއުޅުމުގެ ކަންކަން ކަނޑައެޅޭ އުސޫލެއް ނޫނީ ހަމަތަކެއްގެ މަތިން ގެންދިއުމަކީ ބަލިމީހާގެ މިޒާޖާއި އުޅުން ރަނގަޅުވުމަށް މަގުފަހިވާނެ ކަމެކެވެ.

(ށ) ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (cognitive behavioral therapy): މިއީ ކުށްހީތަކާއި ބޭކާރު ޚިޔާލުތަކާއި ނޭދެވޭ އާދަތައް ދެނެގަނެ، އޭގެ ބަދަލުގައި ރަނގަޅު ދުޅަހެޔޮ، އީޖާބީ ވިސްނުންތައް ކުރުމަށް ބަލިމީހާއަށް އެހީތެރިވެދޭ ފަރުވާ އެކެވެ. މިފަރުވާގެ އެހީގައި ބައިޕޯލަރ ޑިސްއޯޑަރ އިތުރަށް ގޯސްވެދާނެ ކަންތައްތައް ދެނެގަންނަށް ވެސް އެހީތެރިވެދެއެވެ. އަދި ކުރިމަތިވާ ނުތަވަސްކަމާއި، އުދަނގޫތައް އަރައިގަންނާނެ ރަނގަޅު ގޮތްތައް ވެސް މިފަރުވާގެ ތެރެއިން ބަލިމީހާއަށް އޮޅުން ފިލުވައިދެވެއެވެ.

(ނ) ސައިކޯ އެޑިޔުކޭޝަން (psychoeducation): ބައިޕޯލަރ ޑިސްއޯޑަރ އާއި ބެހޭގޮތުން ބަލިމީހާއާއި އޭނާގެ އާއިލާއަށް މައުލޫމާތު ފޯރުކޮށްދީ، އޮޅުންފިލުވައިދީ ކިޔައިދީ ހެދުމަކީ ބަލިމީހާއާއި އާއިލާއަށް ބަލިމީހާގެ ހާލަތު ދެނެގަންނަށް އެހީތެރިވެދޭނެ ކަމެކެވެ. ބަލިމީހާއަށް ވާގޮތް އެގުމަކީ އާއިލާއަށް ބަލިމީހާއަށް ބޭނުންވާ އެހީއާއި އެއްބާރުލުން ފޯރުކޮށްދޭން ފަސޭހަވާނެ ކަމެކެވެ.

(ރ) ފެމިލީ ފޯކަސްޑް ތެރަޕީ (family-focused therapy): ބަލިމީހާގެ އާޢިލާގެ އެއްބާރުލުމާއި މުއާމަލާތަކީ ބަލިމީހާގެ ފަރުވާ މެދުނުކެނޑި ކުރިޔަށް ގެންދިއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިފަރުވާގެ އެހީގައި ބަލިމީހާއަށް އަންނަ ބަދަލުތައް ދެނެގަންނަށް އާއިލާގެ މެންބަރުންނަށް ފަސޭހަވެގެން ދެއެވެ.

އެހެނިހެން ފަރުވާތައް

ބައިޕޯލަރ ޑިސްއޯޑަރ އަށް ފަރުވާކުރުމަށް ބައެއް ފަހަރު އެހެން ބައެއް ފަރުވާތައް ވެސް ބޭނުންކުރެވެއެވެ.

(ހ) އިލެކްޓްރޯކޮންވަލްޝިވް ތެރަޕީ (electroconvulsive therapy / ECT): މިއީ ބްރެއިން ސްޓިމިއުލޭޝަން ޕްރޮސީޖަރ އެކެވެ. މިފަރުވާގެ އެހީގައި ބައިޕޯލަރ ޑިސްއޯޑަރ ގައި ބޮޑުވަރު ވުމުން ކުރިމަތިވާ އުދަނގޫތަކަށް ލުއިކަން ލިބެއެވެ. މިފަރުވާ ދެވެނީ އައްސިކޮށްގެންނެވެ. ދެތިން ހަފްތާގެ މުއްދަތަށް ސެޝަންތަކެއްގެ ގޮތަށް ފަރުވާކުރިޔަށް ގެންދަންޖެހެއެވެ. މިފަރުވާގައި ސިކުނޑިއަށް ގަސްދުގައި އިލެކްޓްރިކް ކަރަންޓް ފޯރުވެއެވެ. މިގޮތަށް ހެދުމުން ފިޓްޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. މިފަރުވާ ދިނުމުން ސިކުނޑީގެ ކެމިސްޓްރީ އަށް ބަދަލު އައިސް ވަރަށް ގިނަ ނަފްސާނީ ބަލިތަކުގެ އަލާމާތްތަކަށް ލުއިކަން ގެނެސްދޭކަމަށް ވެއެވެ.  ބޭހުން ރަނގަޅުނުވާ މީހުންނަށް މިއީ ދެވިދާނެ ފަރުވާ އެއްގެ ގޮތުގައި ބެލެވިފައި ވެއެވެ. ވަރަށް އަވަހަށް މިސާލަކަށް އަމިއްލައަށް މަރުވެދާނެ ކަމުގެ ޚިޔާލު ގެންގުޅޭ މީހުން ފަދަ ބަލި މީހުންނަށް ފަރުވާގެ ގޮތުގައި ވެސް މިގޮތް ޚިޔާރުކުރާކަށް ފާހަގަ ކުރެވެއެވެ.

(ށ) ޓްރާންސްކްރެނިއަލް މެގްނެޓިކް ސްޓިމިއުލޭޝަން (transcranial magnetic stimulation / TMS): މިއީ ދަގައްފާނީ ރާޅުބާނި ތަކުގެ އެހީގައި ކުރިޔަށް ގެންދެވޭ ބްރެއިން ސްޓިމިއުލޭޝަން ޕްރޮސީޖަރ އެކެވެ. ބައިޕޯލަރ ޑިސްއޯޑަރ ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ނުނިދައި އުޅޭ ނޫނީ ނިދިމަދު މީހުންނަށް މިފަރުވާ ފޯރުކޮށް ދެވެއެވެ. މިއީ އާ ފަރުވާއެއް ކަމުން އަދި މިފަރުވާގެ ކަންތައް އުޅެނީ ބޮޑަށް ދިރާސީ މަރުހަލާ ގައެވެ.

ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ފަރުވާކުރުން

ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ބައިޕޯލަރ ޑިސްއޯޑަރ ކުރިމަތިވުމުން އާންމުކޮށް ދޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބޭސް ބޭނުންކުރުން

·         ސައިކޯތެރަޕީ

·         ސައިކޯއެޑިޔުކޭޝަން

·         ބޭނުންވާ އެހީތެރިކަން އެކިގޮތްގޮތުން ފޯރުކޮށްދިނުން

ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކާއި އަމިއްލައަށް ގޭގައި ކުރެވިދާނެ ކަންތައްތައް

·         ބަނގުރަލާއި މަސްތުވާ ތަކެއްޗާއި ދުރުހެލިވުން

·         ދޭދޭ ގުޅުންތައް ރަނގަޅުކުރުން

·         ދިރިއުޅުމުގެ ކަންކަން ރާވައިލައިގެން ވަކި އުސޫލަކުން ގެންދިއުން

·         ބަލީގެ އަލާމާތްތައް ފެންނަނަމަ ނޫނީ އަލާމާތްތައް ލުއިވުމަށްފަހު ފެންނަށް ފަށައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

·         މޫޑް ޗާރޓެއް ހަދައިގެން ބޭނުންކުރުން

·         ނިދި ފުރިހަމަކުރުން

·         ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް އިސްކަންދިނުން

·         ގަވާޢިދުން ކަސްރަތުކުރުން

ރައްކާތެރިވުން

ބައިޕޯލަރ ޑިސްއޯޑަރ އިން ރައްކާތެރިވެވޭނެ ވަކި ގޮތްތަކެއް ކަނޑައެޅިގެން ބުނާކަން ނޭނގެއެވެ. ނަމަވެސް ބަލި ފާހަގަކުރެވުމާއެކު ކުރީކޮޅުގައި ފަރުވާ ފެށުމަކީ ބައިޕޯލަރ ޑިސްއޯޑަރ އާއި، ދެން ވެސް ހުންނަ ނަފްސާނީ ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓޭނެ ކަމެކެވެ.

ބައިޕޯލަރ ޑިސްއޯޑަރ ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ އަންނަނިވި ކަންތައްތައް ކުރުމަކީ އިތުރަށް ބަލި ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

·         ބައިޕޯލަރ ޑިސްއޯޑަރ ގެ އަލާމާތްތަކާއި ނިޝާންތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުން : ބަލީގެ އަލާމަތްތައް ދެނެގަނެ، ކުރީކޮޅު ބައްޔަށް ފަރުވާ ފެށުމަކީ ބަލި އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓޭނެ ކަމެކެވެ. އަދި ބަލީގައި ކުރިމަތިވާ ތަފާތު އެޕިސޯޑުތަކުގައި ދިމާވާ އުދަނގޫތައް ކުރިމަތިވާ މިންވަރު ލުއިކޮށް ކުޑަކޮށްދޭނެ ކަމެކެވެ. ބަލީގެ އަލާމާތްތައް ދެނެގަނެ، ބައްޔަށް ފަރުވާކުރުމުގައި އާއިލާގެ މެންބަރުންގެ އެހީތެރިކަން ވެސް ހޯދުމަކީ މުހިއްމު ކަމެކެވެ.

·         ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން : ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ބައިޕޯލަރ ޑިސްއޯޑަރ ގެ އުދަނގޫތައް އިތުރަށް ގޯސްވެގެން ދިއުމަށް ބާރުއަޅާ ކަމެކެވެ.

·         ގަވާއިދުން ބޭސް ބޭނުންކުރުން : ބައިޕޯލަރ ޑިސްއޯޑަރ ހުރިކަން ދެނެގަނެވި، ފަރުވާ ފަށާ ހިސާބުން ޑޮކްޓަރުން ލިޔެދެއްވާ ބޭސްތައް ގަވާއިދުން ކުރިޔަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ. އަދި ޑޮކްޓަރުން ކުރިޔަށް ގެންދިއުމަށް ލަފާދޭ އެހެން ފަރުވާތައް ވެސް ހުއްޓިނެތި ކުރިޔަށް ގެންދިއުމަކީ ބުއްދިވެރި ކަމެކެވެ.

ނޯޓް : މިއީ މައުލޫމަތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

·         https://www.mayoclinic.org/diseases-conditions/bipolar-disorder/symptoms-causes/syc-20355955

·         https://www.nimh.nih.gov/health/topics/bipolar-disorder


No comments:

Post a Comment