Saturday, January 21, 2012

ޑެންގީ ހުން

ޑެންގީ ހުން


ތަޢާރަފް
ޑެންގީ ހުން(Dengue fever) އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއްފަހަރު އެވެ. އީޑީޒް އިޖިޕްޓައި(Aedes egypti)، އަދި އީޑީޒް އަލްބޯޕިކްޓަސް(Aedes albopictus) މަދިރިން އުފުލާ މިވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތު އެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

ޑެންގީ ހުމާއި ޑެންގީ ހުމުގެ ނުރައްކާތެރި ބާވަތް ކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން(Dengue haemorrhagic fever) އަކީ ދެކުނު އޭޝިޔާ، ލެޓިން އެމެރިކާ އަދި ހުޅަގު ޕެސިފިކް ގެ ގައުމުތަކުން ފެންނަ ބައްޔެކެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހޭ ރޯގާ އެކެވެ. ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޑެންގޫ ހުން ފެނިފައިވަނީ 1980 ގެ އަހަރުތަކުގައެވެ. މިހާތަނަށް ގިނަ އަދަދެއްގެ މީހުންނަށް މިހުން ޖެހިފައި ވެއެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އެއްއަހަރުން އަނެއްްް އަހަރަށް އިތުރުވަމުން ދެއެވެ. ނަމަވެސް ޒަމާނީ ފަރުވާގެ ސަބަބުން މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ މަދުކުރެވިފައެވެ.

ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ދެނެގަންނާނޭ ގޮތާއި، ދޭންވީ ފަރުވާ ފުރަތަމަ ތަޢާރަފްކުރީ ތައިލޭންޑްގައި ހުންނަ ޑަބްލިޔޫ އެޗްއޯގެ ކޮލެބޮރޭޓިންގ ސެންޓަރެއް ކަމަށްވާ ކްއީން ސިރިކިޓް ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޗައިލްޑް ހެލްތުގެ އިސް ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ ސްޗިތުރާ ނިމަނިޓްޔަ އެވެ.

ޑެންގީ ހުމަކީ ދުނިޔޭގެ ހޫނު ގައުމުތަކުގައި އުޅޭ ބައްޔެކެވެ. މިބަލި ފަތުރާ މަދިރިވެސް އުޅެނީ އެފަދަ ހޫނު ހިސާބުތަކުގައެވެ. ކޮންމެ އަހަރަކު އެތައް މިލިޔަން ބަޔަކަށް މިހުން ޖެހޭކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ބައެއް ފަހަރު އެތައް ހާސް ބަޔަކު މަރުވެދެއެވެ. ޑެންގީ ހުން މިހާރު ވެފައިވަނީ މަދިރީގެ ޒަރީޢާއިން ފެތުރޭ އެންމެ ނުރައްކާތެރި އެއްބަލި ކަމުގައެވެ.
ޑެންގީ ހުން ޖެހޭ މިންވަރު، މީހާގެ ޢާންމު ޞިއްޙަތު ހުންނަ މިންވަރާއި، އަދި އުމުރާ ގުޅެއެވެ. އަދި ބަލީގެ ޢަލާމާތްތައް ފެންނަ މިންވަރު ބިނާވެފައި އޮންނަނީ އެމީހެއްގެ ޞިއްޙަތާ ޢުމުރުގެ މައްޗަށެވެ. މިބަލީގެ ޢަލާމާތްތައް ފެންނަނީ މިދެކަންތަކާ ގުޅިގެންނެވެ.

ތުއްތު ކުދިންނާއި ކުޑަކުދިންނަށް މިހުން ޖެހުމާއެކު ހިމަބިހި ކަހަލަ ބިހިތަކެއް ގައިން ނަގާފާނެއެވެ. މިއީ ހިމަބިހި ނޫންކަމެއް، ރޯގާހުން ނޫންކަމެއް، ނުވަތަ މެލޭރިޔާ ނޫންކަމެއް ވެސް ޔަގީންކުރުން ދަތިވެއެވެ. އަދި މިއީ ގައިން ގަޔަށް އަރާ ޒާތުގެ ފުރަމޭ ދުޅަވުން ކަން ނުވަތަ ހުމާއެކު ޖެހޭ އެފަދަ އެހެން ބައްޔެއްކަން ދެނެގަތުން އުދަގޫވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހުމުން ދާދި އެއްވައްތަރުގެ ޢަލާމާތްތަކެއް ފެންނަށް ފަށައެވެ. މިގޮތުން އާދައިގެ އަލާމާތްތަކުން ފެށޭ މިބަލި ނުރައްކާތެރި ބައްޔަކަށް ވެސް ބަދަލުވެދާނެ އެވެ.

ޑެންގީ ގެ ދެވައްތަރެއް ވެއެވެ. އެއީ އާދައިގެ ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ލޭފާއްދާ ވައްތަރު އެވެ.

ޑެންގީ ހުން އަކީ ވަރުގަދަ ހުމެކެވެ. މިއީ ގައިގާ ރިއްސާފާ އަންނަ ހުމެކެވެ. މިހުން ކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހެއެވެ. މިވައްތަރުގެ ހުން ޖެހުމުން ފުރާނަ އަށް ނުރައްކާތެރިވަނީ ވަރަށް މަދު ފަހަަރަކު އެވެ.

ޑެންގީ ގެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރޭޖިކް ހުން ނުވަތަ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ. މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ.

ޑެންގީ ވައިރަސް
ޑެންގީ ވައިރަސް(Dengue virus) އަކީ ފްލެވިވިރިޑޭ(Flavviridae) ޢާއިލާ އަށް ނިސްބަތްވާ އާރް.އެން.އޭ ވައިރަހެކެވެ. ޖަޕަނީސް އެންކެފަލައިޓިސް، ހުޅަނގު ނީލަކޯރު ހުން، އަދި ރީނދޫ ހުން އަކީ ވެސް މިއާއިލާގެ ވައިރަސް ތަކުން ޖެހޭ ބަލިތަކެވެ.

ޑެންގީ ހުން ޖައްސާ ވައިރަސްގެ 4 ބާވަތެއް މިހާތަނަށް ވަނީ ފެނިފައެވެ. އެއީ ޑެން1،2،3،4 މިއެވެ. މިވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލިޖެހެނީ އެއް ފަހަރު އެވެ. ވައިރަހުގެ އެއްބާވަތުން ހުން ޖެހުނުކަމަށް ވިޔަސް ވައިރަހުގެ ދެވަނަ ބާވަތަކުން ރައްކާތެރިކޮށެއް ނުދެއެވެ. ފުރަތަމަ ފަހަރަށް ޑެންގީ ހުން ޖެހުމުން ކިޔަނީ ''ޕްރައިމަރީ ޑެންގީ އިންފެކްޝަން''(Primary dengue infection) އެވެ. އަދި ދެވަނަ ފަހަރަށް ޖެހުމުން ކިޔަނީ ''ސެކަންޑަރީ ޑެންގީ އިންފެކްޝަން''(Secondary dengue infection) އެވެ.

ޑެންގީ ޖައްސާ 4 ވައިރަހުންކުރެ ކޮންމެ ވައިރަހަކުންމެ، ހުމުގެ ނުރައްކާތެރި ބާވަތްކަމަށްވާ ޑެންގީ ހެމޮރޭޖިކް ހުން، އަދި ޑެންގީ ޝޮކް ސިންޑްރޯމް ޖެހިދާނެއެވެ. ދެވަނަ ފަހަރަށް ވައިރަސް ވާޞިލްވާ 16 އަހަރުން ދަށުގެ ކުދިންނަށް ގާތީ ޑެންގީ ހެމޮރޭޖިކް ހުން ޖެހުމެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޑެންގީ ޖެހޭ 1 އަހަރުން ދަށުގެ ކުދިންނާއި، ޑެންގީ ވައިރަސް 1 އަދި 3 ފުރަތަމަ ފަހަރަށް ޖެހޭ ކުދިންނަށް ޑެންގީ ހެމޮރޭޖިކް ހުން(Dengue Haemorrhagic fever) ، އަދި ޑެންގީ ޝޮކް ސިންޑްރޯމް(Dengue Shock syndrome)  ޖެހިދާނެއެވެ.

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން އެމީހަކަށް ޖެހޭނީ ޑެންގީގެ ކޮން ބާވަތެއް ކަމެއް އަދި ދެނެގަނެވޭނެ ގޮތެއް ހޯދިފައެއް ނެތެވެ. އާދައިގެ ޑެންގީ ހުން ޑެންގީ ހިމޮރޭޖިކް ހުން އަށް ބަދަލުވެގެން ނުދާނެކަމަށް ޑެންގީގެ ބައެއް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޑެންގީ ހިމޮރޭޖިކް ހުމަށް ބޭނުންވާ ފަރުވާ ނުލިބިއްޖެނަމަ ޑެންގީ ޝޮކް ސިންޑްރޯމް އަށް ބަދަލުވެގެން ހިގައިދާނެ ކަމަށް ބުނެއެވެ.

ޑެންގީ ފެތުރޭގޮތް
ޑެންގީ ހުން ފެތުރެން ދިމާވަނީ މިބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ އަންހެން މަދިރިއެއް ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ގައިގައި ހެފުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ.

މަދިރިއަށް ބަލާލާފައި އެމަދިރިއަކީ ޑެންގީ ހުމުގެ ވައިރަސް ހުރި މަދިރިއެއްކަން އެނގޭގޮތެއް ނޯވެއެވެ. ވުމާއެކު ވީހާވެސް ބޮޑަކަށް ބަލަންވީ މަދިރިން ރައްކާތެރި ވެގެން އުޅެވޭތޯ އެވެ. މިހެން ހެދުމުން އެސަލާމަތް ވެވެނީ ހަމައެކަނި ޑެންގީ ބައްޔަކުންނޫނެވެ. މެލޭރިޔާ، ފައިފަލަ ބަލި، ރީނދޫ ހުން، އަދި ރިފްޓް ވެލީ ހުން ފަދަ މަދިރިން ފެތުރޭ ބަލިތަކުން ވެސް ރައްކާތެރި ވެވޭނެއެވެ.

ޑެންގީ ހުން ފަތުރާ މަދިރި
ޑެންގީ ހުން ޖައްސާ މަދިރިއަށް ކިޔަނީ އީޑީސް އިޖިޕްޓައި(Aedes egypti) އެވެ. މިއީ ވަރަށް ކުޑަކުޑަ ކަޅުކުލައިގެ މަދިރިއެކެވެ. މީގެ ފައިތަކާއި ބުރަކަށި މަތީގައި ހުދުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ޑެންގީ ހުމުގެ ފަނި ނުވަތަ ވައިރަސް ހުރި މަދިރިއެއް މީހެއްގެ ގައިގައި ހަފައިފިނަމަ ޑެންގީ ހުން ޖެހުނީ އެވެ. މިމަދިރީގެ ސައިޒަކީ ގާތްގަނޑަކަށް 5 މިލިމީޓަރު އެވެ.

ޑެންގީ މަދިރި ހެފުން : ޑެންގީ ހުން ޖައްސާ މަދިރި އާންމުކޮށް ގައިގައި ހަފަނީ ފަތިހާއި މެންދުރު ފަހެވެ.

ޑެންގީ މަދިރި އުޅޭތަން : ޑެންގީ ހުން ޖައްސާ މަދިރި ޖައްސާލައި މަޑުކޮށްލައިގެން ތިބެނީ ގޭގޭގެ ތެރޭގައާއި، ހިޔާވަހި ކަމުގެ ދަށުގަޔާއި، އަލަމާރި ފަދަ އަދިރި ތަންތާގައެވެ. މިފަދަ ތަންތަން ނޫން ތަންތަނުގައި މަޑުކޮށްލައިގެން ތިބެނީ އެތަންތަނަކީ ހިޔާލިބޭ ފިނިތަންތަން ކަމަށްވާނަމަ އެވެ. އަންހެން މަދިރި ބިސްއަޅާނީ ފެނުގެ ތެރެއަށެވެ. ގޭގެ އެކި ތަންތަނުގައި ހުންނަ ފެންފޮދަށާއި، ފެން ތާނގީ ތަކަށް ބިސް އަޅައެވެ. އަދި މީހުން ދިރިއުޅޭ ހިސާބުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ އެއްޗެތީގައި ހުންނަ ފެންފޮދަށް ވެސް ބިސް އަޅައެވެ. މަދިރިފަނި ވިހަނީ މަދިރި ބިހުންނެވެ. މިފަނިތައް ފެނުގައި އުޅޭނީ ހަފްތާއެއް ހާ ދުވަހުއެވެ. އޭގެ ފަހުން ވަށްކޮށް އޮންނަ ކޮމާއެއްގެ ސިފަޔަށް ބަދަލުވެއެވެ. އޭގެ ފަހުން ދެދުވަހެއްގެ ތެރޭގައި މަދިރިއަކަށްވެ އުދުހިދެއެވެ. އެއިރު ހުންނާނީ މީހުންގެ ގައިގައި  ހަފާވަރަށް މަދިރި ބޮޑުވެފައެވެ.

ޑެންގީ މަދިރި އާލާވުން : ފެން ހަރުލާފައި ހުންނަ ކޮންމެ އެއްޗެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ޑެންގީ މަދިރި އާލާވާނެއެވެ. ހިޔަލުގައި ހުއްޓަސް، އަވީގައި ހުއްޓަސް ފެންއެޅި ހަރުލާފައި ހުންނަ އެއްޗިއްސަކީ މަދިރި އާލާވާނެ އެއްޗިއްސެވެ. ޑެންގީ މަދިރި އާލާވާން އެންމެ އެކަށީގެންވާ ތަންތަނަކީ ، ފެންއެޅިފައި ހުންނަ ފީފާ، ދަޅު، ފުޅި، ތެލި، އަދި ހަރުލާފައި ހުންނަ ނާށި، އުނބު، އަދި ފެންއަޅާފައި ހުންނަ ތާނގީއާއި، ފެން ހަރުލާފައި ހުންނަ ދިޔަ ދޮތްވާއި، ގަސްގަހާއި، ގަސްމުށްޓާއި، ވަޅުބުރިއާއި، ފެން ނުހިނގާ ނަރުދަމާ ތަކާއި، ފެން ހަރުލާފައި ހުންނަ ފަތްފަތާއި، ގަސްގަހާއި، ފެން ހަރުލާފައި ހުންނަ ތަންތަނުގައާއި، މިނޫންވެސް މިފަދަ ކޮންމެ ތަނެއްގައެވެ. ބޭނުންނުކޮށް ދޫކޮށްފައި ހުންނަ ވަޅުވަޅަކީ ވެސް ޑެންގީ މަދިރި އާލާވާނެ ތަންތަނެވެ.

ޑެންގީ ބަލި އިތުރުވަމުން ދިއުން
ފަހަކަށް އައިސް ޑެންގީގެ ބަލި އިތުރުވަމުން ގޮސްފައިވަނީ:-
·         މަދިރި އާލާވުމަށް ދެވޭ އަންނަނިވި ފުރުޞަތުތަކުގެ ސަބަބުން:-
-          ރަގަޅަށް ފެން ނުހިނގާ ގޮތަށް ފެންހޮޅި ހުރުން
-          ޒަމާނުއްސުރެ ގެންގުޅޭ ފެން ނަގާ ތާނގީ ތައްޔާރުކޮށްފައި ހުންނަ ގޮތް
-          ކުނިބުނި ނައްތާލުމުގެ ކަންތައް އެކަށީގެންވާ ގޮތަކަށް ނުހުރުން ( ކުނި ޖަމާކޮށްފައި ހުންނަ ގިނަ ތަންތަނަކީ ފެން ހަރުލާފަދަ އެއްޗެތި ގިނަ ތަންތަނެވެ. )
-          ދިރިއުޅުމުގެ ގޮތްތައް ބަދަލުވުން
·         ދަތުރުފަތުރު އަވަސްވުން :-
-          ބަލިޖެހިފައިވާ މީހުން އެއްތަނުން އަނެއްތަނަށް ދެވޭލެއް އަވަސްވުމާއި، ޑެންގީ މަދިރި އަށް ވެސް އެއްތަނުން އަނެއް ތަނަށް ދަތުރުކޮށްފައި ދިއުމުގެ ފުރުޞަތު ލިބިފައިވުން
-          ދެން ހުރި ސަބަބުތަކުގެ ތެރޭގައި ޞިއްޙީ މައުލޫމާތު ފުދޭވަރަށް ދެވިފައިނެތުން، ހަލަބޮލި ހަރަކާތްތަކާއި، މީހުން އެކަށީގެންވާ ވަރަށްވުރެ ގިނައިން އެއްތަނެއްގައި އުޅެން ޖެހިފައިވުން، އަދި ބޭނުންކުރާ ތަފާތު ބޭސްތަކަށް މަދިރި ހޭނުން ހިމެނެއެވެ.

ޑެންގީ ހެމޮރޭޖިކް ހުން
ޑެންގީ ހެމޮރޭޖިކް ހުން(Dengue haemorrhagic fever) އަކީ ޑެންގީ ހުމުގެ ނުރައްކާތެރި ވައްތަރެވެ. މިއީ ޑެންގީ ހުން ޖެހުމުން ލޭނާރު ފަޅައިގެންދާ ވައްތަރު ނުވަތަ ޑެންގީ ހުން ޖެހުމުން ލޭފާއްދާ ވައްތަރު އެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ޑެންގީ ހުން ޖެހުމުން ލޭނާރުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ބައިތަކުން ލޭއަންނަ ވައްތަރެވެ.

މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ. ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ޞިއްޙީ ޚިދުމަތްތެރިއަކަށް ދައްކައިގެން ފަރުވާ ހޯދިއްޖެނަމަ ފުރާނައަށް ގެއްލުން ނުލިބި ސަލާމަތްވުން ކައިރިއެވެ. ވަގުތުން އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ޚަބަރު ހުސްވެ، ފުރާނަ އަށް ނުރައްކާތެރި ވެއެވެ.

ލޭނާރު ފަޅައިގެން ގޮސް ލޭއަންނަ ވައްތަރުގެ ޑެންގީ ހުމުގެ އަލާމާތްތައް އަދި ޝޮކް
·         ޑެންގީ ހުމުގެ ޢަލާމާތްތަކާއި އެއްވައްތަރުގެ ޢަލާމާތްތައް ފެނުން
·         މެދު ނުކެނޑި ބޮޑަށް ބަނޑުގައި ރިއްސުން
·         ހަމުގެ ކުލަ ފަނޑުވެ ދޮން ފޫޑު ކުލައެއް ޖެހުން
·         ނޭފަތުން ލޭއައުން، އަނގައިން ލޭއައުން، ހިރުގަނޑުން ލޭއައުން، ނޫފައިގެންފައި ހުންނަ ފާޑުގެ ތަންތަން ހަންގަނޑުން ފެންނަށް ފެށުން
·         ލެޔާއި އެކު ނުވަތަ ލެޔާއި ނުލައި ގިނައިން ހޮނޑުލެވުން
·         ގައިގެ ވަރުދެރަވެ، ނިދި އަޔަސް ނުނިދޭގޮތްވުން
·         އަބަދު ރޮވުން
·         ބޮޑަށް ފެންބޮވުން ( އަނގަ ހުންނާނީ ހިކިފައެވެ )
·         ވަރަށް ބަލިބަލިކޮށް ނަމަވެސް އަވަހަށް ވިންދު ޖެހުން
·         ނޭވާލާން ދަތިވުން
·         ހޭނެތުން

ޑެންގީ ވައިރަސް ހަށިގަނޑަށް ވާޞިލްވުމުން ވެދާނެ ގޮތްތައް
(ހ) - އެއްވެސް ޢަލާމާތެއް ފެންނަން ނެތި ހުރުން
(ށ) - އެހެން ވައިރަލް ހުމާއި ތަފާތު ނުކުރެވުން ނުވަތަ ތަފާތު ނުކުރެވޭ ހުން
(ނ) - އާދައިގެ ޑެންގީ ހުން
(ރ) - ޑެންގީ ހެމޮރޭޖިކް ހުން
(ބ) - ޑެންގީ ޝޮކް ސިންޑްރޯމް

ތަފާތު ނުކުރެވޭ ހުން
ޑެންގީ ވައިރަސް ހަށިގަނޑު ތެރޭގައި އުޅޭކަމުގެ އެއްވެސް އަލާމާތެއް ނުފެނިވެސް ހިގައިދާނެއެވެ. ފުރަތަމަ ފަހަރަށް މިވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަ އަލާމާތްތަކަކީ އެހެން އާދައިގެ ވައިރަލް ހުން ހުމުގައި ވެސް ފެންނަ އަލާމާތް ކަމަށްވާތީ، އާދައިގެ ވައިރަލް ހުމަކާ ތަފާތު ކުރަން އުދަނގޫވެއެވެ. މިހެން ދިމާވަނީ ވަކި ޚާއްޞަ އަލާމާތްތަކެއް ނުފެންނާތީ އެވެ. ބައެއް ފަހަރު ރާޅުކޮށް ހުންނަ ރަތްކުލައިގެ ބިހިތަކެއް ނަގާފާނެއެވެ. މިބިހިތައް ފާހަގަ ކުރެވޭނީ ހުމުގެ މެދުތެރޭގައި ނޫނީ ހުން މަޑުވެލީމައެވެ. ހުމުގެ ބާވަތް މިގޮތަށް ފާހަގަ ނުކުރެވިއްޖެނަމަ ކިޔަނީ ތަފާތު ނުކުރެވޭ ހުން(Undifferentiated fever) ނުވަތަ އަންޑިފަރެންޝިއޭޓެޑް ފީވަރ އެވެ.

ޑެންގީ ހުން އެހެން ހުންހުމާ ތަފާތުކުރެވޭ އަލާމާތްތައް
ޑެންގީ ހުން ޖެހިފައި އިތުރު މައްސަލަތަކާ ދިމާނުވެ ފަސޭހަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ހިނގާބިނގާވެ ނޫޅެވޭ ވަރަށް ހުޅުތަކުގަޔާ ގައިގައި ރިއްސައެވެ. މިހާލަތް މެދުވެރިވުމަށް ކިޔަނީ "ކަށި ބިންދާ ބަލި"(Breakbone fever) އެވެ. ޑެންގީ ހުން އެހެން ހުންހުމާ ތަފާތު ކުރެވެނީ ތިރީގައިވާ އަލާމާތްތައް ފެނުމުންނެވެ.

(ހ) – ހުން : ހީކެރުވުމާއެކު ވަރަށް ގަދަޔަށް ހުން އަންނާނެއެވެ. ހުން ވިހެލާފައި ދެދުވަހެއްގެ ތެރޭގައި އަނެއް ފަހަރު ހުން އައިސްދާނެއެވެ. 39-40 ޑިގްރީ ސެލްސިއަސް އާއި ދެމެދު، 5 ވަރަކަށް ދުވަސް ވަންދެން ހުން ދިގުލާފާނެއެވެ. އަދި އަންނަނިވި އަލާމާތްތައް ފެންނާނެއެވެ.
·         ވަރުދެރަވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، އަދި ހުޅުހުޅުގައި ރިހުން
·         މޫނު ރަތްވުން، އަދި، ނިއްކުރީގައި ރިހުން
·         ލޮލުގެ ގޮބޮޅީގައި ރިހުން، ނުވަތަ ލޮލުގައި ރިހުން، އަދި ލޯ ހަރަކާތްކުރުމުން ރިހުން ބޮޑުވުން
·         ކާއެއްޗެތީގައި ރަހަނުލުމާއި ކާހިތްނުވުން އަދި އަނގައިގެ ރަހަ ނުބައިވުން، ކަރުގައި ރިއްސުން
·         ބަނޑުގައި ރިއްސުން ، މޭނުބައިކުރުން، އަދި ހޮނޑުލުން

(ށ) – ބިހިނެގުން : މޫނުގައި، ކަރުގައި އަދި މޭމަތީގައި އާދަޔާ ޚިލާފު ރަތްކަމެއް، ނޫނީ ކުދި ތިކިތަކެއް ހުންނަކަން ފާހަގަ ކުރެވިދާނެއެވެ. ހުމުގެ ފަހުކޮޅުގައި ރާޅުކޮށް ހުންނަ ބިހިތަކެއް ފެނިދާނެއެވެ. ހުން މަޑުވާން ފައްޓާއިރު، މިބިހިތައް އޮބި، އަތްފަޔާއި، ފައިތިލަ މަތީގައި ކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް(Petachiae) ޖަހާނެއެވެ. ގައިކަހާ ހިރުވާނެއެވެ. ހިތުގެ ވިންދު ލަސްވުން، ނޭފަތުންނާއި އަނގައިން ލޭއައުން، ބޮޑު ކަމުދާ ތަކެތި ނޫނީ ކުޑަކަމު ނަޖިހުން ލޭފެނިދާނެއެވެ. ހުން މަޑުވެ ރަގަޅުވުމަށް ފަހުވެސް ވަރުބަލިކަން ފިލައި ނުގޮސް ދެތިން ހަފްތާވަންދެން ހުރެދާނެއެވެ.

(ނ) - ޓޯނިކޭ ޓެސްޓު : ޓޯނިކޭ ޓެސްޓު(Tourniquet test) އަކީ ޑެންގީ ހިމޮރޭޖިކް ހުން ހުރިތޯ ބެލުމަށް ކުރެވޭ ޚާއްޞަ ޓެސްޓެކެވެ. މިޓެސްޓް ހެދުމުގެ ކުރިން ބަލިމީހާ އަށް އެކަށޭނަ ސައިޒެއްްގެ ލޭބަލާ ކަފްއަކުން ބަލިމީހާގެ ލޭގެ ޕްރެޝަރު ބަލާނީ އެވެ. ކުޑަކުދިންގެ ލޭ ބެލުމަށް ބޭނުންކުރާނީ އުމުރުފުރައާއި ގުޅޭ ސައިޒެއްގެ ކަފެކެވެ.

ދެން ލޭގެ ސިސްޓޯލިކް ޕްރެޝަރު(Systolic pressure) އާއި ، ޑަޔަސްޓޯލިކް ޕްރެޝަރު(Diastolic pressure) އާއި ދެމެދުގައި ލޭބަލާ ކަފްގެ ޕްރެޝަރު ބަރާބަރު 5 މިނިޓް ވަންދެން ހިފަހައްޓާލާނީ އެވެ. އަދި 5 މިނިޓް ފަހުން ކަފްގެ ޕްރެޝަރު ދޫކޮށްލާނީ އެވެ. އެއަށްފަހު ކަފްގެ ތިރިއަށް ހުރި ހިސާބުގައި ކުދިކުދިކޮށް ހުންނަ ރަތް ނޫނީ ދަނބުކުލައިގެ ތިކިތަކެއް ހުރިތޯ ބަލާނީ އެވެ. މިތިތަކަށް ކިޔަނީ ''ޕެޓީކިޔޭ''(Petachiae) އެވެ.

ހަމުގެ އެއް އަކައިންޗިގެ ތެރޭގައި މަދުވެގެން 10 ތިކި ފެންނަން ހުރެއްޖެނަމަ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވީއެވެ. މިގޮތަށް ގުނަން ފައްޓާނީ ކަފްގެ ޕްރެޝަރު ދޫކޮށްލާތާ 1 މިނިޓް ފަހުންނެވެ.

ޑެންގީ ހިމޮރޭޖިކް ހުން ހުރިނަމަވެސް ބައެއް ފަހަރު ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެ ހިގައިދާނެއެވެ. މިގޮތުން ބަލީގެ ކުރީކޮޅުގަޔާއި، ހަށިގަނޑު ފަލަކޮށް ހުންނަ ކުދިންނާއި، މީހުން، އަދި ރިކޯޑް ނުކުރެވޭ ވަރަށް ލޭގެ ޕްރެޝަރު ދަށްވެގެން ޝޮކް ޖެހިފައި ތިބޭ މީހުންނާއި، ކުދިންގެ ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ނުވެދާނެއެވެ. ޓޯނިކޭ ޓެސްޓް ނެގެޓިވް ވެއްޖެނަމަ 24 ގަޑިއިރު ފަހުން އަލުން ޓޯނިކޭ ޓެސްޓް ހަދަންވާނެއެވެ.

ޑެންގީ ހުމުގެ ރޯގާ ފެތުރޭ ދުވަސްވަރެއްގައި ޓޯނިކޭ ޓެސްޓް ޕޮޒިޓިވް ވުމާއެކު ލޭގެ ހުދު ސެލް ގެ މިންވަރު ކޮންމެ ކިއުބިކް މިލިމީޓަރަކަށް 5000 ސެލް އަށްވުރެ ދަށްކޮށް ހުރެއްޖެނަމަ އެމީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ބެލިދާނެއެވެ.

(ރ) - ޕަލްސް ޕްރެޝަރު : ޕަލްސް ޕްރެޝަރު(Pulse pressure) އަކީ ލޭގެ ސިސްޓޯލިކް ޕްރެޝަރު(Systolic pressure) އާއި ، ޑަޔަސްޓޯލިކް ޕްރެޝަރު(Diastolic pressure) އާއި ދެމެދުގައި ހުންނަ ތަފާތެވެ. އާންމުކޮށް ބަލާ އުޞޫލުން ލޭގެ ޕްރެޝަރު ބަލާލުމަށްފަހު ފަސޭހަކަމާއެކު ޕަލްސް ޕްރެޝަރ ދެނެގަނެވިދާނެއެވެ.

ޕަލްސް ޕްރެޝަރ 20 މިލިމީޓަރ މާކަރީ އަށްވުރެ ދަށްވުމަކީ ވެސް ކުދި ލޭހޮޅިތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވާން ފެއްޓުމުން ފެންނަ އަލާމާ ތެކެވެ.

ޑެންގީ ހެމޮރެޖިކް ހުން އަދި ޑެންގީ ޝޮކް ސިންޑްރޯމް
ޚާއްޞަ އަލާމާތްތައް
ގަދައަށް ހުންއައުން، ލޭފޭއްދުން، ފުރަމޭ ދުޅަވުން، ލޭ އޮލަވުމާއެކު ޕްލޭޓްލެޓް ކައުންޓް ދަށަށްދިއުން، ލޭގެ ޕްރެޝަރު ދަށްވުން
 
ޑެންގީ ހުން އާއި އެއްގޮތަށް ޑެންގީ ހެމޮރޭޖިކް ހުން ގައި ވެސް ވަރަށް ގަދަޔަށް ހުން އާދެއެވެ. 2 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަކަށް ގަދަޔަށް ހުން އައުމަށްފަހު ހުން މަޑުވެއެވެ. ހުންމަޑުކުރަމުން ގޮސް ބައެއް ފަހަރު ހަށިގަނޑު އާދަޔާ ޚިލާފަށް ފިނިވެގެން ވެސް ހިނގައިދާނެއެވެ. ހުމުގެ ދަރަޖަ 40 ޑިގްރީ ސެލްސިއަސް އަށް އާންމުކޮށް އަރައެވެ. އަދި މިގޮތަށް ހުން ގަދަވެގެން އަންނައިރު ފިޓްޖެހުން ވެސް އެކަށީގެން ވެއެވެ. ހުމުގެ އިތުރުން އާދައިގެ ޑެންގީ ހުމުގައި ވެސް ފެންނަ އެހެން އަލާމާތްތައް ފެނެއެވެ. މިސާލަކަށް  މޫނު ރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން އަދި ހުޅުތަކުގައި ރިހުން، ފަދަ އަލާމާތްތައް ފެނެއެވެ. ނަމަވެސް އާދަޔާ ޚިލާފަށް ކަރުހިއްކުން، ބަނޑުގެ ކަނާތް ފަރާތުގައި ރިއްސުން، ފަދަ އަލާމާތްތަކަކީ ޑެންގީ ހެމޮރޭޖިކް ހުން ގައި ފެންނަ އަލާމާތް ތަކެވެ.

ޑެންގީ ހެމޮރޭޖިކް ހުން ގައި ލޭހޮޅިތަކުގެ ތެރޭގައި ފެން އަދި ލޭގެ މާއްދާތައް ހިފަހައްޓައި، ލޭހޮޅިތަކުގެ ތެރޭގައި ލޭ ބެހެއްޓުމުގެ ބާރު ދަށްވެއެވެ. މިގޮތުން ކުދި ލޭހޮޅި ތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވެ، ލޭއޮލަވުން އެއީ ޑެންގީ ހެމޮރޭޖިކް ހުމުގެ  ޚާއްޞަ އަލާމާތެކެވެ. ލޭއޮލަވުން އަދި ޕްލޭޓްލެޓް ކައުންޓް ދަށަށް ދިއުން މިއީ އާދައިގެ ޑެންގީ ހުން ގައި ފެންނަ އަލާމާތްތަކެއް ނޫނެވެ. މިހެން ކަމުން މިދެވައްތަރުގެ ހުން ފަސޭހައިން ތަފާތު ކުރެވޭނެއެވެ.

ލޭފާއްދާކަން އެންމެ ފަސޭހައިން ދެނެގަނެވޭނީ ޓޯނިކޭ ޓެސްޓު ހަަދައިގެންނެވެ. ޑެންގީ ހެމޮރޭޖިކް ހުން ގައި ޓޯނިކޭ ޓެސްޓު ޕޮޒިޓިވް ވާނެއެވެ. އަދި ގައިގެ އެކިތަންތަން ފަސޭހައިން ނޫފައިގަތުމާއެކު، އެތެރެހަށިން ލޭފޭއްދުން މިއީ ވަރަށް ގިނައިން ފެންނަ އަލާމާތް ތަކެކެވެ. ހުމުގެ ކުރީކޮޅުގައި ދަނބުނޫކުލައަކަށް ހުން ''ޕެޓީކިޔޭ'' ކިޔާ ތިކިތަކެއް އަތް ފައި ގަޔާއި، ކިހިލި ފަތުގައި އަދި މަތީ ތަލީގައި ހުރެދާނެއެވެ. ހުންމަޑުވެގެން އަންނައިރު ޕެޓީކިޔޭ ތަން ބޮޑިވެ، އެތަންތަނުގެ ދެމެދު ސާފުވެއެވެ.

ހުމުގެ ކުރީކޮޅުގައި މޭގަނޑު ދުޅަވާން ފަށައެވެ. ދެތިން ސެންޓިމީޓަރު ބޮޑުމިނަށް މޭގަނޑު ދުޅަވެ، އަތުން އިހްސާސް ވަޒަންކޮށްލެވޭ ވަރަށް ފުރަމޭ ތިރިއަށް ޖެހެއެވެ. ކަނާތް ފަރާތުން ބަނޑުގައި މެޔާއި ދިމާގައި އަތްލުމުން ތަދުވާނެއެވެ. މޭގަނޑު ދުޅަވުން ކުރިމަތިކުރުވާ އެހެން ބަލިތަކާއި ޚިލާފަށް ޑެންގީ ހެމޮރޭޖިކް ހުން ގައި ހަށިގަނޑު، އަތްފައި، އަދި ލޯ ރީނދުލެއް ނުވާނެއެވެ.

ޑެންގީ ހެމޮރޭޖިކް ހުން އަދި ޑެންގީ ޝޮކް ސިންޑްރޯމް ދެނެގަންނާނޭގޮތް
* ޑެންގީ ހެމޮރޭޖިކް ހުން އަކީ ކުއްލިއަކަށް ގަަދަޔަށް އަންނަ ހުމެއް. 2 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތަށް ހުން މަޑުނުވެ، ގަދަޔަށް ހުންނާނެ.
* ލޭފޭއްދުމުގެ ނިޝާނެއް ހުރުން: މިސާލަކަށް ޓޯނިކޭ ޓެސްޓު ޕޮޒިޓިވްވުން، ޕެޓީކިޔޭ ހުރުން، ނޫފައިގަތުން، ހިރުގަނޑުން ލޭއައުން ނުވަތަ ނޭފަތުން ލޭއައުން، ހޮނޑުގައި ލޭހުރުން، ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭހުރުން.
* ފުރަމޭ ދުޅަވުން ނުވަތަ މޭގަނޑު ދުޅަވުން
* ޝޮކުގެ އަލާމާތްތައް ފެނުން: ވިންދު އަވަސްވުން އަދި ވިންދުގެ ބާރު ދަށްވުން، ޕަލްސް ޕްރެޝަރު 20 މިލިމީޓަރ މާކަރީއަށްވުރެ ދަށްވުން، ނޫނީ ލޭގެ ޕްރެޝަރު ދަށްވުމާއެކު އަތްފައި ފިނިވެފައި ހުރުން، އަދި ބަލިމީހާ ހިމޭނުން ނުއޮތުން

ނޯޓް: ހުމާއެކު ލޭފޭއްދުމުގެ ނިޝާން ތަކުގެ އިތުރުން ޕްލޭޓްލެޓް ކައުންޓް ދަށްވެ، ލޭއޮލަވެފައިވާނަމަ، ޑެންގީ ހެމޮރޭޖިކް ހުން ޖެހިފައިވާކަން ޔަގީން ކުރެވުނީ އެވެ.

ލޭގެ ޓެސްޓުތައް
ޕްލޭޓްލެޓް ކައުންޓް 100،000 ސެލް/ކިއުބިކް މިލިލީޓަރަށްވުރެ ދަށަށް ގޮސްފައިހުރުން.
ލޭގެ އޮލަމިން އާންމުކޮށް ހުންނަވަރަށްވުރެ 20 އިންސައްތަ މައްޗަށް ގޮސްފައި ހުރުން، ނޫނީ ލޭހޮޅިތަކުން ފެން ފާއްދާކަމުގެ އަލާމާތްތައް ފެނުން.

ލޭހޮޅިތަކުން ފެން ނުވަތަ ޕްލާޒްމާ ފާއްދާކަމުގެ ނުސީދާ ނިޝާންތަކަކީ:-
-          ގޮހޮރުގެ ވަށައިގެން އޮންނަ ދުލިފަށް ގެ ބޭރަށް ފެން ނުވަތަ ޕްލާޒްމާ ނުކުތުން(peritoneal effusion)، ފުއްޕާމޭގެ ވަށައިގެން އޮންނަ ދުލިފަށް ގެ ބޭރަށް ފެން ނުވަތަ ޕްލާޒްމާ ނުކުތުން(Pleural effusion).
-          ހަށިގަނޑު ދުޅަހެޔޮކޮށް ތިބޭކުދިންގެ ސީރަމް ޕްރޮޓީން 3.5 އިންސައްތަ ގްރާމަށްވުރެ ދަށްވުން އަދި ކޮލެސްޓްރޯލް 100 އިންސައްތަ މިލިގްރާމް އަށްވުރެ ދަށްވުން

ޑެންގީ ހެމޮރޭޖިކް ހުން ގޯސްވަމުންދާ މިންވަރު ބަހާލެވޭ ދަރަޖަތައް
ޑެންގީ ހެމޮރޭޖިކް ހުން އިތުރަށް ގޯސްވާނީ ލޭހޮޅިތަކުން ލޭފާއްދާ މިންވަރު އަދި ލޭހޮޅިތަކުން ފެން ފާއްދާ ނިސްބަތުންނެވެ. ޑެންގީ ހެމޮރޭޖިކް ހުން ދަރަޖަތަކަށް ބަހާލުމުން، ޚާއްޞަކޮށް ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ބަހާލެވެއެވެ.

(ހ) – ގްރޭޑް-1 : ހުމާއެކު އެހެނިހެން އާދައިގެ އަލާމާތްތައް ފެނުން. މީގެ އިތުރުން ޓޯނިކޭ ޓެސްޓު ޕޮޒިޓިވްވުން ފިޔަވާ ލޭފޭއްދުމުގެ އެހެން އަލާމާތެއް ނުފެންނާނެ އެވެ.

(ށ) - ގްރޭޑް -2 : ގްރޭޑް-1 ގައި ފެންނަ އަލާމާތްތަކުގެ އިތުރުން، ލޭފޭއްދުމުގެ އަލާމާތްތައް، ޚާއްޞަކޮށް ދެހަން ދޭތެރެއަށް ލޭފޭއްދުމުގެ އަލާމާތްތައް، އަދި ލޭއޮލަވުމުގެ އަލާމާތްތައް ފެންނާނެއެވެ. ޕްލޭޓްލެޓްގެ އަދަދު މަދުވުމާއެކު، ލޭއޮލަވެފައިވުން، އެއީ ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުން ގްރޭޑް 1 އާއި ގްރޭޑް 2 ވަކިކުރަން އެންމެ ފަސޭހަ ގޮތެވެ.

(ނ) - ގްރޭޑް -3 : ލޭދައުރު ނުކުރާކަމުގެ (ޝޮކު ޖެހުމުގެ) އަލާމާތްތައް ފެނުން: ވިންދު އަވަސްވުން އަދި ވިންދުގެ ބާރު ދަށްވުން، ޕަލްސް ޕްރެޝަރ 20 މިލިމީޓަރ މާކަރީއަށްވުރެ ދަށްވުން، ނޫނީ ލޭގެ ޕްރެޝަރ ދަށްވުމާއެކު އަތްފައި ފިނިވެފައި ހުރުން، އަދި ބަލިމީހާ ހިމޭނުން ނުއޮތުން

(ރ) - ގްރޭޑް -4 : ޝޮކު ފުރިހަމައަށް އަށަގަތުމުން ފެންނަ ޢަލާމާތްތައް : ވިންދު ނުލިބުން، ލޭގެ ޕްރެޝަރު ރެކޯޑް ނުކުރެވުން.

ޑެންގީ ހެމޮރޭޖިކް ހުމުގައި ފެންނަ ޢަލާމާތްތައް ފެންނަ އެހެން ބަލިތައް
ޑެންގީ ހެމޮރޭޖިކް ހުމުގައި ފެންނަ ޢަލާމާތްތައް ފެންނަ އެހެން ބަލިތަކެއް ވެސް ހުރެއެވެ. މިގޮތުން ފާހަގަކުރެވޭ ބަލިތަކުގެ ތެރޭގައި ޗިކުންގުންޔާ، ލެޕްޓޯސްޕައިރޯސިސް، މެލޭރިޔާ، ފުރަމޭ ދުޅަވުން، މެނިންގޮކޮކްސީމިޔާ، ޖަރުމަނު ހިމަބިހި އަދި އިންފުލުއެންޒާ ހިމެނެއެވެ.

ޑެންގީ ހުން އަދި ޑެންގީ ހެމޮރޭޖިކް ހުމާއެކު ފެންނަ އާދަޔާ ޚިލާފު ކަންތައްތައް
-          ސިކުނޑިއަށް ބަދަލުއައުން: ފިޓްޖެހުން، ހޭނެތުން (Encephalopathy)
-          މޭގަނޑު ފޭލްވުން (Liver failure)
-          ގުރުދާ ފޭލްވުން(Kidney failure)
-          އެހެން ބައްޔަކާއެކު ޑެންގީ ހުން ޖެހުން


ފަރުވާ
ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ބަލިމީހާގެ ލޭހޮޅިތަކުގެ ތެރޭގައި ހުންނަންވާ ފެން(ޕްލާޒްމާ) އަދި ލޭގެ އެކި މާއްދާތައް ހުންނަންޖެހޭ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ ބާރުދަށްވެގެން ދެއެވެ. އާދައިގެ ޑެންގީ ހުން އާއި ޑެންގީ ހެމޮރޭޖިކް ހުން ތަފާތު ކުރެވޭ ގޮތަކީ މިއީ އެވެ. ޑެންގީ ހެމޮރޭޖިކް ހުން އަކީ ހަށިގަނޑުގެ އެތެރޭގެ އެކި ހިސާބުތަކަށާއި، ދެހަން ދޭތެރެއަށް ލޭފާއްދަން ފަށާ، އަދި ބަލި މީހާގެ ޙާލު ވަރަށް ބޮޑަށް ދެރަކޮށްލާ ބައްޔެކެވެ. އަދި ފުރިހަމަ ފަރުވާ ނުލިބި ލަސްވެއްޖެނަމަ ފުރާނަ އަށް ގެއްލުންވާ ބައްޔެކެވެ.

ޑެންގީ ހެމޮރޭޖިކް ހުން އަށް ފަރުވާ ދެމުންދާއިރު، ހޮސްޕިޓަލުން ކުރިމަތިލާންޖެހޭ މައްސަލަ ތަކުން ފެށުން ބިނާވެފައި އޮންނަނީ ބަލީގެ ކުރީކޮޅުގައި އެބަލި މީހަކަށް ފޯރުކޮށްދެވިފައިވާ ޞިއްޙީ އެހީއާއި ފަރުވާ ގެ މައްޗަށެވެ.

ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކީ ވެސް ޑެންގީ ހުން ޖެހިފައިވާ މީހަކު ދެނެގަތުމުގެ ގާބިލްކަން ލިބިފައި ހުންނަން ޖެހޭނެ މީހެކެވެ. ހަމަ އެހެންމެ މިބައްޔާއި ބެހޭ މަޢުލޫމާތު ބެލެނެވެރިންނަށް ވެސް ވީހާވެސް ބޮޑަކަށް ލިބިފައިވުން މުހިއްމެވެ. ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އާދައިގެ ޑެންގީ ހުމުގެ އަލާމާތްތައް ދެނެގަތުމުގެ އިތުރުން، ބެލެނެވެރިންނާއި ގުޅިގެން އެފަދަ ކަންތައްތަކަށް ފަރުވާ ދޭންޖެހެއެވެ. ހަމައެއާއެކު ޑެންގީ ހެމޮރޭޖިކް ހުން ގެ ނުރައްކާތެރި އަލާމާތްތައް ހުރިތޯ ބަލަމުން ގެންދަން ޖެހެއެވެ. އަދި އެޑްމިޓްކޮށްގެން ނޫނީ ފަރުވާ ނުދެވޭ ފަދަ ދަރަޖައަކަށް ބަލީގެ އަލާމާތްތައް ބޮޑުވަމުން އާދޭތޯވެސް ބަލަމުން ގެންދަން ޖެހެއެވެ.

ބަލި ދެނެގަތުން
ޑެންގީ ހުން އާންމުކޮށް ފެންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންގެ ކިބައިން ތިރީގައިމިވާ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއް ނުވަތަ ޢަލާމާތްތަކެއް ފެނިއްޖެނަމަ އެއީ ޑެންގީ ހުން ކަމަށް ވެދާނެ ކަމަށް ބެލެވިދާނެއެވެ.

ހުންއައުން
ކުއްލިއަކަށް ގަދަ ހުމެއް އައުން، ބައެއް ފަހަރު ހުން ވިހެލާފައި އަނެއްފަހަރު ހުންއައުން، ޕެރަސިޓަމޯލް ނޫނީ ޕެނަޑޯލް ދިނުމުން ވެސް ހުން މުޅިން ފިލައި ނުދިއުން
އެހެން ޢަލާމާތްތައް
ބޮލުގައި ރިއްސުން: ނިއްކުރި މައްޗާއެކު ވަރަށް ބޮޑަށް ބޮލުގައި ރިއްސާނެއެވެ.
ލޮލުގައި ރިހުން: ލޯ ހަރަކާތް ކުރުމުން ރިހުން ބޮޑުވެއެވެ.
ގައިގައި ރިހުން އަދި ހުޅުތަކުގައި ރިހުން : ތެދުވެ އުޅެން ނުކެރޭވަރަށް އުނަގަނޑުގައި  އަދި އަތްފައި ގައި ރިއްސަފާނެއެވެ.
ތުއްތުކުދިންގެ ކިބައިން ފެންނަ އަލާމާތްތައް: އާދަޔާ ޚިލާފަށް ވަރުދެރަވެފައި އޮތުން، އުޅޭއުޅުމަށް ބަދަލުއައުން: މިސާލަކަށް ފަސޭހައިން ރޯންފެށުން، އަދި މާބޮޑަށް ރުޅިގަދަވުން، އަދި ހޮނޑުލުން ފަދަ އަލާމާތްތައް ހިމެނެއެވެ.
ގައިގެ ހަމުން ފެންނަ އަލާމާތްތައް: މޫނު ރަތްވުން، ނޫނީ ގަޔާއި ބޮލުގެ ހަން ރަތްވެ، ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ.

ޑެންގީ ހުން ހުރިކަމަށް ޝައްކު ކުރެވިއްޖެނަމަ ދެން ކުރަން ޖެހޭ ކަމަކީ ބަލިބޮޑުވާން ދިމާވެދާނެ ފަދަ އެހެން ކަންތައްތަކެއް ހުރިތޯ ބެލުމާއި، ޑެންގީ ހެމޮރޭޖިކް ހުން ގެ ޢަލާމާތްތައް ހުރިތޯ ހޯދާބެލުމެވެ.

ފުރަމޭ ދުޅަވުން ކުރިމަތިވެ، މޭގަނޑާއި އާއި ދިމާލުން ބަނޑުގެ ކަނާއަތްފަރާތުގައި އަތްލުމުން ތަދުވާނަމަ އެއީ ޑެންގީ ހެމޮރޭޖިކް ހުން ގެ ޢަލާމާތެއް ކަމުގައި ބެލެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތަކުގައި މޭ ނުވަތަ މޭގަނޑު ދުޅަވާއިރު ހުންނާނީ ލޮލުގައި ރީނދޫކުލަ ހިފާފައެވެ.

ޑެންގީ ހުމުގައި ފެންނަ ޢަލާމާތްތަކާއި، އެހެނިހެން ޢާންމު ބަލިތަކުގައި ފެންނަ ޢަލާމާތްތަކާއި ދެމެދު ހުންނަ ތަފާތު ދެނެގަންނަން ވާނެއެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހިފައިވާ މީހެއްގެ ލޭގެ ޓެސްޓްތަކުން ފެންނާނީ:-
ލޭގެ ހުދު ސެލް ގެ މިންވަރު(WBC count) އަދި ލޭހޮޅިތަކުން ލޭބޭރުވިޔަނުދީ ހިފަހައްޓައިދޭ މާއްދާއެއް ކަމަށްވާ ޕްލޭޓްލެޓް ގެ އަދަދު(Platelet count) ދަށްވެފައިވާ ތަނާއި، އަދި ލޭގެ އޮލަމިން (packed cell volume) މަތިވެފައިވާ ތަނެވެ. އަދި ލޭގައި އާދަޔާ ޚިލާފު ލިމްފޮސައިޓް ސެލްތަކެއް ހުރިކަމަށްވެސް  ޓެސްޓުތަކުން ދައްކައިފާނެއެވެ.

ޑެންގީ ހުން އަވަހަށް ދެނެގަތުން
ޑެންގީ ރޯގާ އުޅޭ ސަރަހައްދެއްގައި އަންނަ ކޮންމެ ގަދަ ހުމަކީ ޑެންގީ ހުން ކަމުގައި ވެދާނެ ކަމަށް ބަލަންވާނެއެވެ. ހުން އަންނަތާ ދެތިން ދުވަސްވުމުން ޓޯނިކޭ ޓެސްޓު ހަދަންވާނެއެވެ. ތިންވަނަ ދުވަހު ލޭގެ ޓެސްޓެއް ހަދަންވާނެއެވެ. ޝައްކެއްވާނަމަ ޖެހިގެން އަންނަ ދުވަހު ޓެސްޓު ގޯސްވޭތޯ ބަލަން އަލުން ހައްދަންވާނެއެވެ.

ކުރަންވީ ކަންތައްތައް
ހުން ތިރިކުރުމަށް މަސައްކަތް ކުރާށެވެ. ހުން ގަދަކޮށް ގިނައިރު ހުރުން އެއީ ރައްކާތެރި ކަމެއް ނޫނެވެ. ގަދައަށް ހުން އަންނަނަމަ ފިޓް ޖެހުން މެދުވެރިވެދާނެއެވެ. ތިކި ނުޖެހޭ ވަރަށް ފެލާލާފައި އޮންނަ ފެން ފޮތިކޮޅަކުން ގައިގައި ފެން އުގުޅައިގެން 39 ޑިގްރީ ސެންޓިގްރޭޑް އަށްވުރެ، ތިރީގައި ހުން ބެހެއްޓުމަށް މަސައްކަތް ކުރާށެވެ.

ޕެނަޑޯލް ނޫނީ ޕެރަސިޓަމޯލް ދޭށެވެ. ޕެނަޑޯލް މާގިނައިން ދީފިނަމަ ފުރަމޭ އަށް ގެއްލުން ލިބޭނެއެވެ. އެހެން ކަމުން ބޭސް ދޭންވާނީ އެކަށީގެންވާ ޑޯޒެއްގައި ކަނޑައެޅިފައިވާ ދުރުމިނުގައެވެ.

ހުން ގަދަވެފައި އޮންނައިރު ހަމަހިމޭން ތަނެއްގައި ބަލިމީހާ ބާއްވާށެވެ.

ކާންބޭނުންވެގެން ބުނާނަމަ ފަސޭހައިން ހަޖަމުވާ ފަދަ ސާދާ ތަކެތި ދެމުން ކުރިއަށް ދާށެވެ. ކަޅުކުލަ ނޫނީ ރަތްކުލަ ނޫނީ ޗޮކްލެޓް ކުލައިގައި ހުންނަ ކާތަކެއްޗާއި، ގޮހޮރުގައި ގިނައިރުވެފައި ހޮނޑަށްލެވޭ ލެޔާއި، އޮޅުން އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގަދަ ކުލަކުލައިގައި ހުންނަ ތަކެތި ނުދޭށެވެ.

އެއްޗެއް ނުކެވޭނަމަ، ނޫނީ މާގިނައިން ހޮނޑުލެވޭނަމަ ދިޔާތަކެތި ދީގެން ފެން އަދި ލޮނުގެ މިންވަރު ހަށިގަނޑުގައި މަދުވިޔަނުދީ ހިފަހައްޓާށެވެ. ކަރުހިއްކުން އެއީ އާންމު ކަމެކެވެ.

ބޮޑެތި މީހުންނަށް ސާދާ  ފެން ދީގެން ނުވާނެއެވެ. އެތިފޮދު އެތިފޮދުން ލޮނު ޕެކެޓް، ޖޫސް، ސުރުވާ ފަދަ ތަކެތި ޖައްސާށެވެ. ބޮވޭވަރަކުން އެތިފޮދުން ދެމުން ގެންދާށެވެ.

ތުއްތު ކުދީންނަށް ކައިރިން ދިނުން ހުއްޓާނުލާ ކުރިޔަށް ގެންދާށެވެ.

ޑެންގީ ހުން ޖެހިފައިވާ ބޮޑެތި މީހުންނަށް ލޮނު ޕެކެޓް ތައްޔާރުކުރާނީ 4 ތަށި ނުވަތަ 1 ލީޓަރުގެ ފެނުގައެވެ. އަދި  ދެއަހަރުން ދަށުގެ ކުދީންނަށް ލޮނު ޕެކެޓް ތައްޔާރު ކުރާނީ 8 ތަށި ނުވަތަ 2 ލީޓަރު ގެ ފެނުގައެވެ. ބޮވޭ ވަރަކުން ދިޔާތަކެތި ޖައްސާށެވެ.

އެއްޗެތި ކައިބޮއި ހެދޭވަރު އަދި ކުޑަކަމުދާ ވަރު ނޫނީ ބޮޑުކަމުދާ ވަރު އަދި ކުލަ، އޮޅުން ފިލުވަން ވާނެއެވެ. އަންހެނުންނާއި ބޮޑެތި އަންހެން ކުދިން ޙައިޟުވެފައިތޯ ހުރީވެސް އަހާ އޮޅުން ފިލުވަން ވާނެއެވެ.

ހޮނޑުލެވޭނަމަ ދެވޭ ފަރުވާ : ކުޑަކުދިންނަށް ޑޮންޕެރިޑޯން ސިރަޕް، ބޮޑެތި މީހުންނަށް ޑޮންޕެރިޑޯން ގުޅަ ބޭސް ދެވިދާނެއެވެ. ހޮނޑުލެވޭ ވަރު އަދި ހޮނޑަށް ލެވޭ ތަކެތި ހުންނަ ކުލަ ބެލެނެވެރިން ކައިރިން އަހައި ސާފު ކުރަންވާނެ އެވެ.

ގޮހޮރުން ލޭއަންނަކަން ފާހަގަ ކުރެވިއްޖެނަމަ :ރެންޓެކް އަދި ވިޓަމިން-ކޭ ދޭންވާނެއެވެ. އެއްވެސް ތާކުން ގިނައިން ލޭއަންނަނީނަމަ ލޭއަޅަން ވާނެއެވެ. ލޭދޭނޭ މީހަކު ހޯދާ ކްރޮސްމެޗް ކޮށްފައި ބެހެއްޓުން މުހިއްމެވެ.

އެހެނިހެން ބޭސްތައް : އެންޓިބަޔޮޓިކް، ސްޓީރޮއިޑް، ފަދަ ބޭހުން އިތުރު ފައިދާއެއް ލިބޭ ކަމަކަށް ދިރާސާތަކުން ފެނިފައެއް ނުވެއެވެ. އެހެންކަމުން މިކަހަލަ ބޭސްތައް ބޭނުން ނުކުރާށެވެ. ބޭނުމެއް ނެތް ގިނަ ބޭސްތައް ދިނުމުން ފުރަމޭ އަށް ގެއްލުން ލިބެއެވެ.

ބަލިމީހާ އާއި ހަމައަށް މަދިރިއަށް ވާޞިލް ނުވެވޭގޮތަށް އަބަދުވެސް މަދިރިގެ، މަދިރި ދުންދަނޑި، ނޫނީ މެޓް ޖަހާފައި ބަހައްޓާށެވެ. މިހެން ހެދުމުން ޑެންގީ ފެތުރުނަނުދީ ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ އެވެ. ޑެންގީ ހުން ޖައްސާ މަދިރި އާންމުކޮށް ހަފާނީ ދުވާލުގައެވެ.

އެއްކޮށް ހުންފިލާ ޕްލޭޓްލެޓް ކައުންޓް އަދި ލޭގެ އޮލަމިން ރަގަޅުވާން ފަށަންދެން ބަލިމީހާ ރަގަޅަށް ބަލަހައްޓަން ވާނެއެވެ.

ޑެންގީ ހެމޮރޭޖިކް ހުން ގައި (ހަމައެކަނި ގްރޭޑް 1 އަދި ގްރޭޑް 2 ގެ އަލާމާތްތައް ހުރިކަމުގައި ވިޔަސް) ފަހަރުގައި އައިވީ ފުލުުއިޑް ދިނުމަށް އެޑްމިޓް ކުރަން ޖެހިދާނެއެވެ. ޚާއްޞަކޮށް ހަށިގަނޑުގައި ފެން މަދުވެފައިވާނަމަ، ނޫނީ ޕްލޭޓްލެޓް 50 ހާހަށްވުރެ ދަށްވުމާއެކު، ލޭގެ އޮލަމިން މައްޗަށް އަރަމުންދާނަމަ، ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދިނުން މުހިއްމެވެ.

ބަލި ގޯސްވާކަން ދެނެގަންނާނޭގޮތް
·         ހުން މަޑުވުމަށްފަހު ވެސް ބަލިމީހާގެ ޙާލަތު ރަގަޅުނުވުން
·         ލޮޑުހެލިވެ، ނިދިބުރަކައިފައި ހުރުން
·         ވިންދު އަވަސްވުން އަދި ޕަލްސް ޕްރެޝަރު 20 މިލިމީޓަރު މާކަރީއަށްވުރެ ދަށްވުން
·         ލޭގެ ޕްރެޝަރު ދަށްވުން
·         ލޭގެ ޓެސްޓުން ޕެކްޑް ސެލް ވޮލިއުމް މައްޗަށް ގޮސްފައި ހުރުމާއެކު، ޕްލޭޓްލެޓް ކައުންޓް 100،000 އަށްވުރެ ދަށްވެފައި ހުރުން

ކޮށްގެން ނުވާނޭ ކަންތައްތައް
ހުން ކޮންޓްރޯލް ކުރުމަށް ހަމައެކަނި ޕެނަޑޯލް ނޫނީ ޕެރަސިޓަމޯލް ބޭނުން ކުރާށެވެ. އެހެނިހެން ބޭސް ބޭނުން ނުކުރާށެވެ. އެސްޕިރިން ނޫނީ ބުރޫފަން ފަދަ ބޭސް ދިނުމުން ލޭފޭއްދުމަށް މަގުފަހިވެ، ފުރާނައަށް ނުރައްކާވާ މިންވަރަށް ޙާލަތު ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދިޔާތަކެތި ބޮވޭކަމުގައިވަނީ ނަމަ އެންމެ ރަގަޅީ ގިނަގިނައިން ދިޔާތަކެތި ދީގެން ފަރުވާ ކުރިއަށް ގެންދިއުމެވެ. ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ އައިވީ ނުގުޅާށެވެ.

ބޭނުން ވާވަރަށްވުރެ އިތުރަށް ނޫނީ މާ އަވަސް ރޭޓެއްގައި އައިވީ ފެން ދެވިއްޖެނަމަ  ހަށިގަނޑުގައި ފެން ގިނަވެ ބަލިމީހާ ފޮއްސިވާނެއެވެ. މިއީ ޑެންގީ ހެމޮރޭޖިކް ހުން ގައި ލޭގައި ހިމެނޭ ފެނުގެ ބައި ކަމުގައިވާ ޕްލާޒްމާ ލޭހޮޅިތަކުގެ ތެރޭގައި ހަރުލުމުގެ ބާރުދެރަވެފައި ހުންނާތީ ވާގޮތެކެވެ. މިގޮތަށް ލޭހޮޅިތަކުން ފެންބޭރުވެ، ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ފެން ހަރުލަން ފެށުމުން، ލޯކައިރި ފޮއްސިވެ، ބަނޑު ފުއްޕާނެއެވެ. އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަކީ ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރާ މިންވަރަށް ފުއްޕާމޭގެ ވަށައިގެން އޮންނަ ދުލިފަށުގެ ތެރެއަށް ފަސޭހަ ކަމާއެކު ފެން ނުކުމެ ހަރުލަފާނެތީ އެވެ.

ލޮނު ނުހުންނަ ފެނެއް އައިވީކޮށް ދިނުން އެއީ ކޮށްގެންވާނޭ ކަމެއްނޫނެވެ. މިގޮތުން އެކަށީގެންނުވާ ފެނެއް އައިވީކޮށް ދެވިއްޖެނަމަ ސިކުނޑީގައި ފެން ހަރުލާ ސިކުނޑި ދުޅަވެ، ފިޓުޖެހޭގޮތް ވެއެވެ.

ބަލިވެ ބޮޑުވެ ނުރައްކާތެރިވަމުން އާދޭތޯ ބަލާނެގޮތާއި އެފަދަ ނިޝާންތައް
ތިރީގައި ބަޔާންކުރެވިފައިވާ ފަދަ ޢަލާމާތްތަކަކީ ޞިއްޙީ ޚިދުމަތްދޭ ކޮންމެ ފަރާތަކަށް ވެސް އަދި ކޮންމެ ބެލެނެވެރިއަކަށް ވެސް އެނގެންޖެހޭނެ ކަންތައްތަކެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ބަލިމީހާ ހޮސްޕިޓަލްގައި ނުވަތަ ޞިއްޙީ މަރުކަޒުގައި އެޑްމިޓް ކުރަންޖެހޭނެއެވެ.

ހަދާން ބަހައްޓަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެންމެ ބޮޑަށް ބަލި ނުރައްކާވެދާނެ މަރުހަލާ އަކީ ހުން މަޑުވުމަށްފަހު ދެން އޮންނަ 48 ގަޑިއިރު ތެރެކަމެވެ. މިވަގުތު ކޮޅަށް ކިޔަނީ '''ކްރިޓިކަލް ޕީރިއަޑް'''(Critical period) އެވެ.

ބަލީގެ ނުރައްކާ މަރުޙަލާއަށް ވާޞިލްވާ ނިޝާންތަކަކީ:-
ދިޔާތަކެތި ބޯން ބޭނުންނުވުން، ނުވަތަ އެއްޗެއް ނުބޮވޭވަރަށް މޭނުބައިކޮށްފައި ހޮނޑުލެވުން: މިގޮތަށް ދިމާވުމުން ހަށިގަނޑުން ފެންމަދުވާނެކަން ވިސްނަން ވާނެއެވެ.

ނިދިފައި ނޫނީ ވަރުދެރަވެފައި އޮތުން: ނޫނީ މާބޮޑަށް ރުޅިގަދަވުން، ކުޑަކުދިން ހުއްޓުމެއްނެތި ރޮއިހަދައިފާނެއެވެ.

ލޭއައުން
ޚާއްޞަކޮށް ގޮހޮރުގެ ތެރެއަށް ލޭފޭބުން: މިހެން ދިމާވުމުން ތާޒާލޭ ނުވަތަ ގިނައިރު ވެފައިވާ ލޭ ހޮނޑުލެވޭއިރު ނުވަތަ ބޮޑުކަމުދެވޭއިރު ހުރެދާނެއެވެ. ގޮހޮރުގެ ތެރޭގައި ގިނައިރުވެފައިވާ ލޭ ހޮނޑަށްލާއިރު ހުންނާނީ ކަޅު ކޮފީ ކުލައަކަށެވެ. އަދި ބޮޑު ކަމުދެވޭއިރު ހުންނާނީ ދިޔާ ކަޅު ތާރުހެން އޮލަކޮށް ކަޅުކުލައިގައެވެ.

ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އުޅުން

ހަމުގެ ކުލައަށް ބަދަލުއައުން، ދާހިއްލާ ގައިފިނިވެފައި އޮތުން، ނޫނީ އަތްތިލައާއި، ފައިތިލަ ތެތްކޮށް ފިނިވެފައި ހުރުން

މިދެންނެވި ކަންތައްތަކުގެ އިތުރުން ނަރުހުންނާއި ޑޮކްޓަރުން ތިރީގައިމިވާ ކަންތައްތައް ބަލަންވާނެއެވެ.

ކެޕިލަރީ ރިފިލް ޓައިމް: ކެޕިލަރީ ރިފިލް ޓައިމް(Capillary refill time) އަކީ ހަމުގައި ހުންނަ ކުދި ލޭހޮޅިތަކުގައި ލޭދައުރު ކުރާ މިންވަރު ދެނެގަތުމަށް ކުރެވޭ ޓެސްޓެކެވެ. ނުވަތަ ބެލޭ ބެލުމެކެވެ. ކެޕިލަރީ ރިފިލް ޓައިމް 2 ސިކުންތަށްވުރެ، ދިގުވޭތޯ ބެލުން.

ވިންދު ހުރި މިންވަރު: ވިންދު އަވަސްވުން ، އަދި ވިންދުގެ ބާރު ދަށްވޭތޯ ބެލުން
ނޭވާލާ މިންވަރު: ކޮންމެ މިނިޓަކު ނޭވާލާ ވަރާއި، ނޭވާލާގޮތް ބެލުން
ލޭގެ ޕްރެޝަރު: ލޭގެ ޕްރެޝަރު ދަށްވުން، އަދި ޕަލްސް ޕްރެޝަރު 20 އަށްވުރެ ދަށްވޭތޯ ބެލުން

ޝޮކުޖެހުމުގެ ޢަލާމާތްތައް
ކެޕިލަރީ ރިފިލް ޓައިމް 2 މިނިޓްއަށްވުރެ ދިގުވެ، ވިންދު އަވަސްވުމާއެކު، ވިންދުގެ ބާރުމިން ދަށްވެ، ނޭވާ އަވަސްވެ، އަދި ޕަލްސް ޕްރެޝަރު 20 އަށްވުރެ ދަށްވުން ފަދަ ޢަލާމާތްތަކަކީ ޝޮކުޖެހުމުގެ މަގުމަތީގައި ވާކަން އަންގައިދޭ ޢަލާމާތްތަކެވެ.

ކެޕިލަރީ ރިފިލް ޓައިމް ބަލާނޭގޮތް
އަތް ނޫނީ ފައިގެ ތަންކޮޅަކަށް ފިތާލާފައި ހުދު ހަމުން ލޭހޮސްކޮށްލުމުން 2 ސިކުންތުގެ ތެރޭގައި އެފިއްތާލި ހިސާބަށް އަނބުރާ ލޭއަރާތޯ ފަސޭހަ ކަމާއެކު ބަލާލެވިދާނެއެވެ. މިއީ ކެޕިލަރީ ރިފިލް ޓައިމް ބަލާނޭގޮތެވެ. އާންމު ގޮތެއްގައި 2 ސިކުންތުގެ ތެރޭގައި އެފިތާލި ހިސާބަށް ލޭއަރާނެއެވެ. އެހެންކަމުން ކެޕިލަރީ ރިފިލް ޓައިމްގެ ނޯމަލް އަކީ 2 ސިކުންތު އެވެ.

ޕަލްސް ޕްރެޝަރު
ޕަލްސް ޕްރެޝަރު އަކީ ލޭގެ ސިސްޓޯލިކް ޕްރެޝަރު އާއި ، ޑަޔަސްޓޯލިކް ޕްރެޝަރު އާއި ދެމެދުގައި ހުންނަ ތަފާތެވެ. އާންމުކޮށް ބަލާ އުޞޫލުން ލޭގެ ޕްރެޝަރު ބަލާލުމަށްފަހު ފަސޭހަކަމާއެކު ޕަލްސް ޕްރެޝަރު ދެނެގަނެވިދާނެއެވެ.

ޕަލްސް ޕްރެޝަރު 20 މިލިމީޓަރ މާކަރީ އަށްވުރެ ދަށްވުމަކީ ވެސް ކުދި ލޭހޮޅިތަކުގައި ހުންނަ ލެއިން ފެނުގެ ބައި ނުވަތަ ޕްލާޒްމާ ބޭރުވާން ފެއްޓުމުން ފެންނަ އަލާމާ ތެކެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހިފައިވާ މީހެއްގެ ލޭގެ ޓެސްޓުން : ލޭގެ ހުދު ސެލް ކައުންޓް 5000/ކިއުބިކް މިލިމީޓަރަށް ދަށްވުން، ނިސްބަތުން ލިމްފޮސައިޓް ގިނަވުން، އޭޓިޕިކަލް ލިމްފޮސައިޓް ގިނަވެފައިހުރުން މިކަންތައްތަކަކީ އަންނަންއޮތް 24 ގަޑިއިރުގެ ތެރޭގައި ހުން ވީއްލާލުމާއެކު ކްރިޓިކަލް ޕީރިއަޑް ފެއްޓޭނެކަން ދައްކުވައިދޭ ހެކިތަކެކެވެ.      

މިއިން އެއްވެސް އަލާމާތެއް ފެންނަން ނެތްނަމަ:- މިއިން އެއްވެސް އަލާމާތެއް ފެންނަން ނެތްނަމަ ކުރަންވީ ކަންތައްތައް، ކޮށްގެން ނުވާނޭ ކަންތައްތައް، އަަދި ބަލި ބޮޑުވެ ނުރައްކާތެރިވަމުން އާދޭތޯ ބަލާނޭގޮތް، ބެލެނެވެރިޔާ އަށް ކިޔާ ދިނުމަށްފަހު ބަލި ކުއްޖާ ނުވަތަ މީހާ ގެޔަށް ފޮނުވާލެވިދާނެ އެވެ.

ކުރަންވީ ކަންތައްތައް
·         ހުން ތިރިކުރުމަށް މަސައްކަތް ކުރާށެވެ. ތެތް ފޮތިކޮޅަކުން ގައިގައި ފެން އުގުޅައިގެން 39 ޑިގްރީ ސެންޓިގްރޭޑް އަށްވުރެ، ތިރީގައި ހުން ބެހެއްޓުމަށް މަސައްކަތް ކުރާށެވެ.
·         ޕެނަޑޯލް ނޫނީ ޕެރަސިޓަމޯލް ދޭށެވެ.
·         އެއްޗެއް ނުކެވޭނަމަ، ނޫނީ މާގިނައިން ހޮނޑުލެވޭނަމަ ދިޔާތަކެތި ދީގެން ފެން އަދި ލޮނުގެ މިންވަރު ހަށިގަނޑުގައި މަދުވިޔަނުދީ ހިފަހައްޓާށެވެ. އެތިފޮދު އެތިފޮދުން ލޮނު ޕެކެޓް، ޖޫސް، ސުރުވާ ފަދަ ތަކެތި ޖައްސާށެވެ. ބޮވޭވަރަކުން އެތިފޮދުން ދެމުން ގެންދާށެވެ.

ކޮށްގެން ނުވާނޭ ކަންތައްތައް
·         ހުން ކޮންޓްރޯލް ކުރުމަށް އެސްޕިރިން، ބުރޫފަން، އަދި ވޯލްޓަރާން ފަދަ ބޭސް ދީގެންނުވާނެއެވެ.
·         ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ އައިވީ ނުގުޅާށެވެ.
·         ލޮނު ނުހުންނަ ފެނެއް އައިވީކޮށް ނޫނީ ބުއިމަށްދިނުން އެއީ ކޮށްގެންވާނޭ ކަމެއްނޫނެވެ.

ބަލިބޮޑުވެ ނުރައްކާތެރި ވަމުން އަންނަ ކަމުގެ ނިޝާންތައް:-
·         ދިޔާތަކެތި ބޯން ބޭނުންނުވުން
·         ނިދިފައި ނޫނީ ވަރުދެރަވެފައި އޮތުން: ނޫނީ މާބޮޑަށް ރުޅިގަދަވުން، ކުޑަކުދިން ހުއްޓުމެއްނެތި ރޮއިހަދައިފާނެއެވެ.
·         އެއްވެސް ތަނަކުން ލޭއައުން
·         ބަނޑުގައި ރިއްސާތީ އުޅުން
·         ހަމުގެ ކުލައަށް ބަދަލުއައުން، ދާހިއްލާ ގައިފިނިވެފައި އޮތުން، ނޫނީ އަތްތިލައާއި، ފައިތިލަ ތެތްކޮށް ފިނިވެފައި ހުރުން
·         ކުޑަކަމު ނުދެވި 6 ގަޑިއިރަށްވުރެ ގިނައިރުވުން

ނަމަވެސް ގެޔަށް ފޮނުވާލާއިރު، ކުއްޖާގެ ޙާލަތާ މެދު ހިތްހަމަ ނުޖެހޭނަމަ ނޫނީ މިކިޔާދެވުނު ކަންތައްތައް ބެލެނެވެރިންނަށް ފުރިހަމައަށް ނުކުރެވޭކަމަށް ފެންނަ ނަމަ އެކުއްޖަކު އެޑްމިޓް ކުރާށެވެ.

ހެލްތު ޕޯސްޓް ނޫނީ ޞިއްޙީ މަރުކަޒު ފަދަ ތަނެއްގައި ބާއްވައިގެން ފަރުވާދެމުން ގެންދާ ބަލި ކުއްޖެއްގެ ލޭގެ ޕްރެޝަރު ދާން ފަށައިފިނަމަ ނޫނީ އެކުއްޖެއްގެ ގައިން ޝޮކުގެ ނިޝާންތައް ފެންނަން ފައްޓައިފިނަމަ، ނޫނީ އެއްވެސް ތަނަކުން ލޭއަންނަކަން ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް އެކުއްޖަކު ހޮސްޕިޓަލަކަށް ރިފަރ ކުރާށެވެ.

ޑެންގީ ހެމޮރޭޖިކް ހުން ޖެހިގެން ޝޮކަށްދާކުދިންނަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނައިރު ވެއްޖެނަމަ ލޭއައުން އިތުރުވެ، ގުރުދާ ފޭލްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް އެފަދަކުދިންގެ ހާލަތު ބަދަލުވެއެވެ.
މިބުނެވުނުފަދަ ނުރައްކާތެރި އަލާމާތެއް ހުރިތޯ ކޮންމެ 4 ގަޑިން ބެލުމާއި، އެފަދަ އަލާމާތްތައް ދެނެގަތުމާއި، ފަރުވާ ދިނުމުގެ ގާބިލްކަން ކުޑަކުދިންނަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ނަރުހުންނާއި، ޑޮކްޓަރުންގެ ކިބައިގައި ހުންނަން ވާނެއެވެ.

ލޭގެ އޮލަމިން ބެލުން
ލޭގެ އޮލަމިން ބެލުމަށް ބޭނުންވާނީ ސެންޓްރިފިއުޖް މެޝިނަކާއި، ބިއްލޫރި ކެޕިލަރީ ޓިއުބެކެވެ. ފަސޭހައިން ހަދާލެވޭ މިޓެސްޓްގެ ނަތީޖާ ވަގުތުން ބަލާލެވެއެވެ.

ސެންޓްރިފިއުޖް ނެތްނަމަ ނުސީދާގެ ލޭގެ އޮލަމިން ހޯދާނީ ހީމްގޮލޮބިން ހުރިވަރުންނެވެ. ހީމްގޮލޮބިންގެ ޢަދަދު 3.2 އިން ގުނަކުރުމުން އަންނަ ވަރަކީ ލޭގެ އޮލަމިން އެވަގުތު ހުރިވަރެވެ. ނަމަވެސް ލޭގެ އޮލަމިން ހޯދަން އެންމެ ރަގަޅު ގޮތަކީ މިއީއެއް ނޫނެވެ.

ލޭގެ އޮލަމިނަށް ބަދަލު އައުމުން ވާގޮތް:-
ލޭގައި ހުންނަ ފެނުގެ ބައި ނުވަތަ ޕްލާޒްމާ(Plasma) ލޭހޮޅިތަކުން ބޭރުވާނަމަ ލޭގެ ސެލްތައް ނިސްބަތުން ގިނަވާނެ އެވެ. އަދި ލޭ އޮލަވާނެއެވެ.

އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ބޭނުންވާ ވަރަށްވުރެ އިތުރަށް އައިވީ ފެން ނުދިނުމެވެ. ކުރިން ކިޔާދެވުނު ފަދައިން ބޭނުންވާ ވަރަށްވުރެ އިތުރަށް ނޫނީ އަވަހަށް އައިވީ ފެން ދެވޭނަމަ ލޭހޮޅި ތަކުން ޕްލާޒްމާ ބޭރުވާލެން ގިނަވެފައި އަވަސްވާނެއެވެ. މިގޮތަށް ލޭހޮޅިތަކުން ބޭރުގައި ފެން ހަރުލާން ފެށުމުން ލޯކައިރި ފޮއްސިވާނެ އެވެ. އަދި ބަނޑު ފުއްޕާނެއެވެ. ފަސޭހަ ކަމާއެކު ފުއްޕާމޭގެ ވަށައިގެންވާ ދުލިފަށް ގެ ތެރޭގައި ފެން ހަރުލާނެއެވެ. އަދި ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރާނެއެވެ.

މިގޮތަށް ލޭހޮޅިތަކުން ފެންބޭރުވަމުންދާ ވަގުތު އައިވީ ފެން ދޭންވާނީ ލޭގެ ޕްރެޝަރު ދަށްވިޔަނުދީ ކިރިޔާ ހިފެހެއްޓޭ މިންވަރަށެވެ. މިގޮތަށް އައިވީ ފެން ދޭންވީ މިންވަރު ބެލުމަށްޓަކައި ބޭނުންކުރާ ތާވަލްތަކެއް ކުޑަކުދިންނަށް ފަރުވާ ދެއްވާ ޑޮކްޓަރުން ބޭނުން ކުރެއްވުމަށް ތައްޔާރު ކުރެވި ޝާއިޢުކުރެވިފައި ހުންނާނެ އެވެ.

ލޭގެ އޮލަމިން ދަށަށް ދާނަމަ، އެއީ އެތެރެހައްޓަށް ލޭ ބޭރުވަމުންދާކަން އަންގުވައިދޭ ނިޝާނެކެވެ. މިސާލަކަށް ގޮހޮރުގެ ތެރެއަށް ލޭބޭރުވާއިރު ބޭރަކަށް ނުފެންނާނެއެވެ. މިގޮތަށް ބޭރުވާ ލޭފެންނާނީ ހޮނޑުލެވޭއިރު އެވެ. ނޫނީ ބޮޑުކަމުދެވޭއިރު އެވެ. މިގޮތަށް ގޮހޮރުގެ ތެރެއަށް ލޭބޭރުވާން ފެށުމުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އުޅޭނެ އެވެ.

ބަލި ރަގަޅުވާން ފެށުމުން ލޭހޮޅިތަކުން ބޭރުވެފައި ހުރި ފެން އަނބުރާ ލޭހޮޅިތަކަށް ވަންނަށް ފަށައެވެ. މިމަރުހަލާގައި ލޭގެ އޮލަމިން ދާނީ ދަށަށެވެ. ބަލި ރަގަޅުވަމުން އައި ނަމަވެސް ބަލިމީހާގެ ކިބައިން އެއްވެސް
ނުރައްކާތެރި އަލާމާތެއް ފެނޭތޯ ނަރުހުންނާއި ޞިއްޙީ އެހީތެރިން ބަލަމުން ގެންދަން ވާނެއެވެ.

ބަލިވެ ބޮޑުވެ ނުރައްކާތެރިވަމުން އާދޭތޯ ބަލާނެގޮތާއި އެފަދަ ނިޝާންތައް
މާބޮޑަށް ކަރުހިއްކުން، ނުވަތަ ދިޔާތަކެތި ބޯން ބޭނުންނުވުން، ނުވަތަ އެއްޗެއް ނުބޮވޭވަރަށް މޭނުބައިކޮށްފައި ހޮނޑުލެވުން:މިގޮތަށް ދިމާވުމުން ހަށިގަނޑުން ފެންމަދުވާނެކަން ވިސްނަން ވާނެއެވެ.

ނިދިފައި ނޫނީ ވަރުދެރަވެފައި އޮތުން: ނޫނީ މާބޮޑަށް ރުޅިގަދަވުން، ކުޑަކުދިން ހުއްޓުމެއްނެތި ރުއިން.

ބަނޑުގައި ރިއްސާތީ އުޅުން

ހަމުގެ ކުލައަށް ބަދަލުއައުން، ދާހިއްލާ ގައިފިނިވެފައި އޮތުން، ނޫނީ އަތްތިލައާއި، ފައިތިލަ ތެތްކޮށް ފިނިވެފައި ހުރުން

ކުޑަކަމުދެވޭ ވަރު މަދުވުން، އެންމެ ފަހުން ކުޑަކަމުދިޔަތާ 6 ގަޑިއިރު ފާއިތުވެފައިވުން
މިއަލާމާތްތައް ހުރެއްޖެނަމަ އައިވީ ފެންދޭ މިންވަރު އިތުރުކުރަން ޖެހޭނެއެވެ. އެހެނީ މިއަލާމާތްތަކަކީ ބަލިމީހާގެ ލޭގެ ޕްރެޝަރު ދަށަށް ގޮސްފައި ހުރުމުގެ ސަބަބުން ނޫނީ އައިވީ ދެވޭވަރު މަދުވުމުން ފެންނަ ޝޮކުގެ އަލާމާތްތަކެވެ.

ލޭއައުން
އެތެރެހައްޓަށް ނޫނީ ބޭރުފުށުން ފެންނަ ގޮތަށް މާބޮޑަށް ލޭބޭރުވަމުންދާނަމަ ވީ އެންމެ އަވަހަކަށް ލޭއަޅަން ޖެހޭނެއެވެ.

ނޭވާކުރުވެ، ނޭވާލާން އުދަގޫވުން : ނޭވާކުރުވެ، ނޭވާލާން އުދަގޫވެގެން އުޅޭނަމަ އޮކްސިޖަން ދޭންޖެހޭނެއެވެ. ޕަލްސް ޕްރެޝަރު ރަގަޅު ނަމަ އައިވީ ފެން ދޭމިންވަރު މަދުކުރަން ޖެހޭނެއެވެ.

މިދެންނެވި ކަންތައްތަކުގެ އިތުރުން ނަރުހުންނާއި ޑޮކްޓަރުން ތިރީގައިމިވާ ކަންތައްތައް ބަލަންވާނެއެވެ.

ކެޕިލަރީ ރިފިލް ޓައިމް: ކެޕިލަރީ ރިފިލް ޓައިމް އަކީ ހަމުގައި ހުންނަ ކުދި ލޭހޮޅިތަކުގައި ލޭދައުރު ކުރާ މިންވަރު ދެނެގަތުމަށް ކުރެވޭ ޓެސްޓެކެވެ. ނުވަތަ ބެލޭ ބެލުމެކެވެ. ކެޕިލަރީ ރިފިލް ޓައިމް 2 ސިކުންތަށްވުރެ، ދިގުވޭތޯ ބެލުން.

ވިންދު ހުރި މިންވަރު: ވިންދު އަވަސްވުން ، އަދި ވިންދުގެ ބާރު ދަށްވޭތޯ ބެލުން
ނޭވާލާ މިންވަރު: ކޮންމެ މިނިޓަކު ނޭވާލާ ވަރާއި، ނޭވާލާގޮތް ބެލުން
ލޭގެ ޕްރެޝަރު: ލޭގެ ޕްރެޝަރު ދަށްވުން، އަދި ޕަލްސް ޕްރެޝަރު 20 އަށްވުރެ ދަށްވޭތޯ ބެލުން

ބަލި ހާލު ވަރަށް ބޮޑުނަމަ މިދެންނެވި ކަންތައްތައް ކޮންމެ 15 މިނިޓަކުން 1 ފަހަރު ނުވަތަ 30 މިނިޓަކުން 1 ފަހަރު ބަލަމުން ގެންދަންވާނެއެވެ.

ޑެންގީ ހުން ޖެހިފައިވާ މީހުންގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދޭންވީ މީހުން
·         އެއްއަހަރުން ދަށުގެ ކުޑަކުދިން
·         ޝޮކުޖެހި ޝޮކުގައި ގިނައިރުތަކެއް ހޭދަކޮށްފައިވާ މީހުން (ގްރޭޑް4)
·         ވަރަށް ފަލަމީހުން
·         ގިނައިން ލޭއޮހޮރޭނަމަ
·         ހޭވެރިކަމަށް ބަދަލު އައިސްފައިވާ މީހުން
·         އިތުރު ބައްޔެއް ހުންނަ މީހުން، މިސާލަކަށް ހިތުގެ ބަލި، ލޭއަޅާ ބަލި، ޖީސިކްސްޕީޑީ މަދު މީހުން

ޑެންގީ ހެމޮރޭޖިކް ހުންޖެހިފައިވާ ބަލިމީހާ މޮނީޓަރ ކުރާނޭގޮތް:-
·         ހުން : ކޮންމެ 4 ގަޑިން
·         ލޭގެ ޕްރެޝަރު: ކޮންމެ 4 ގަޑިން
·         ލޭގެ އޮލަމިން: ކޮންމެ 6 ގަޑިން
·         ޕްލޭޓްލެޓް ކައުންޓް: ކޮންމެ ދުވާލަކު 1 ފަހަރު
·         އައިވީ ފެން ދެވޭވަރު: ކޮންމެ 4 ގަޑިން
·         އައުޓް ޕުޓް ޗާޓް

ޑެންގީ ހެމޮރޭޖިކް ޝޮކް ޖެހިފައިވާ ބަލިމީހާ މޮނީޓަރ ކުރާނޭގޮތް:-
·         ހުން، ވިިންދު، ނޭވާލާވަރު އަދި ލޭގެ ޕްރެޝަރު: ކޮންމެ 15 މިނިޓުން ނޫނީ 30 މިނިޓުން
·         ލޭގެ އޮލަމިން: ފުރަތަމަ 6 ގަޑިއިރުތެރޭ 2 ގަޑިން، އެއަށްފަހު ރަގަޅުވަންދެން 4 ގަޑިން
·         އައިވީ ފެންދެވޭ ވަރު، ދެވޭ ވައްތަރު ކޮންމެ 4  ގަޑިން ރިކޯޑްކުރުން
·         ކުޑަކަމުދެވޭ ވަރު އެމްއެލް އިން ރިކޯޑްކުރުން ( ކެތީޓާ ލައްވައިގެން)
·         މީގެ އިތުރުން
-          ލޭގެ ގުރޫޕް ބެލުމާއި ކްރޮސްމެޗް ކޮށްފައި ލޭދޭނޭ މީހަކު ތައްޔާރުކޮށްފައި ބެހެއްޓުން
-          ބްލަޑް ޝުގަރ
-          ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، ސީއޯ2 ލެވެލް
-          ލިވަރ ފަންކްޝަން ޓެސްޓް
-          ރީނަލް ފަންކްޝަން ޓެސްޓް (ބީޔޫއެން، ކްރިއޭޓިނީން، ޔޫރިކް އެސިޑް)
-          ބްލަޑް ގޭސް
-          ޓީޓީ، އޭޕީޓީޓީ، ޕީޓީ

ޑެންގީ އިން ސަލާމަތްވުން ނުވަތަ ރައްކާތެރިވުން
ޑެންގީއަށް ދޭނެ ފަރުވާއެއް ނުވަތަ ޑެންގީ އިން ދިފާޢުވުމަށް ދޭނެ ވެކްސިނެއް އަދި ނެތުމާއެކު، އެބަލިން ސަލާމަތްވުމަށް އަދި އެބަލި ފެތުރިގެން ދިޔަ ނުދިނުމަށް އެޅިދާނެ މުހިއްމު ދެފިޔަވަޅެއް ވެއެވެ.
1-   މަދިރި އުފެދޭ ތަންތަން ނައްތާލުން
·         ފެންއަޅާފައި ހުންނަ ތަކެތީގެ ރަގަޅަށް މަތިޖަހާފައި ބަހައްޓާށެވެ. ފެން ނަގާ ތާނގީތަކަށް މަދިރި ނުވަދެވޭގޮތަށް މަތިޖަހާ ވައި ހިނގަށް ހުންނަ ހޮޅިހޮޅީގައި މަދިރިއަށް ނުވަދެވޭ ގޮތަށް ދާކޮޅެއް ޖަހާށެވެ.
·         ފެން ހިންދާ ވަޅުގަނޑާއި، ނަޖިސް ވަޅުގަނޑަށް މަދިރިއަށް ނުވަދެވޭގޮތަށް ބަންދު ކުރާށެވެ. ވަސް ހޮޅީގައި ވެސް މަދިރިއަށް ނުވަދެވޭ ގޮތަށް ދާ ޖަހާށެވެ. އެހެން ނޫނީ އެފަދަ ތަންތަނަކީ މަދިރި އާލާވާ ތަންތަން ކަމުގައި ވެދާނެއެވެ.
·         މަދިރި އުފެދޭގޮތަށް ހުންނަ ކުނި ބުނި ނައްތާލުން މުހިއްމު އެވެ. އުކާލާފައި ހުންނަ ދަޅު، ފުޅި، ތަށި އަދި ނާއްޓަކީ ފެން އެޅިގެން ފެން ހަރުލައި، އެފެނުގައި މަދިރި އުފެދޭނެ އެއްޗެއްސަށްވާނެ އެއްޗެއްސެވެ. މިފަދަ އެއްޗެތި އެއްކޮށް އުކާލާށެވެ. ނޫނީ ވަޅުލާށެވެ. ނޫނީ އަންދާލާށެވެ.
·         ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވިދާނެއެވެ. މަދިރި ފަނިއަޅާ ވަޅުވަޅަށް މަސްލައިގެން މަދިރި ގިނަވިޔަނުދީ ކޮންޓްރޯލް ކުރެވިދާނެއެވެ. މީގެ އެއްވައްތަރަކީ ގައްޕީޒް އެވެ. ފަނި މަރަން ޖަހާ ކަހަލަ ބޭސް ބޭނުންކުރުމުން މަދިރި ފަނި މަރުވާނެއެވެ.
·         މަދިރި މަރަން ބޭނުންކުރާ ބޭސް ބޭނުންކޮށްގެން މަދިރި ކޮންޓްރޯލް ކުރެވިދާނެއެވެ.

2-   މަދިރި ނުހަފާނެ ގޮތަކަށް ރައްކާތެރިވުން
ގައިގައި މަދިރި ނުހަފާނެ ގޮތް ހެދުމަށްޓަކައި ތިރީގައި މިވާ ކަންތައް ކުރެވިދާނެއެވެ.
·         މަދިރި ދުންދަނޑި ޖެހުން ނުވަތަ ކަރަންޓްގައި ޖަހައިގެން މަދިރި ދުރުކުރާ ދުންދަނޑި ބޭނުންކުރުން
·         ވިއްސާރަ މޫސުމްގައި މަދިރި ދުންދަނޑި ބޭނުން ކުރިޔަސް ކަރަންޓުން ބޭނުންކުރާ މަދިރި ދުރުކުރާ ގުޅަބޭސް ބޭނުންކުރިޔަސް ރަގަޅުވާނެ އެވެ. މެންދުރުން އެބުރުނީއްސުރެ އިރުއޮއްސުމާއި ދޭތެރޭ ގައްޔާއި، އިރު އަރާ ވަގުތު އެންމެ ހެދުނާ މިތަކެތީގެ ބޭނުންކުރުން ރަގަޅެވެ. ސަބަބަކީ އެވަގުތު ތަކީ ޑެންގީ ހުން ޖައްސާ މަދިރި އެންމެ ބޮޑަށް ހަފާނެ ވަގުތުތައް ކަމަށްވާތީ އެވެ.
·         މަދިރި ދުރުކުރާ ބޭސް: މަދިރި ދުރުކުރުމަށްޓަކައި ގައިގައި އުގުޅަން ހުންނަ ބޭސް ހާމަކޮށް ހުންނަ ހަންގަނޑުގައި އުގުޅުމުން ވެސް މަދިރި ނުހަފާނެ އެވެ. ގައިގާ އުގުޅަން ހުންނަ މިފަދަ އެއްޗެތި ކުޑަކުދިންނާއި މުސްކުޅިންގެ ގައިގާ އުގުޅުމުގައި ސަމާލުވާން ޖެހޭނެއެވެ.
·         މަދިރި ދައުޖެހުން: ކުޑަ ދޮރުތަކާއި މަދިރި ވަންނަން ހުންނަ އާނގަތަކުގައި މަދިރި ދާ ޖެހުމަކީ ގޭތެރެއަށް މަދިރި ނުވަންނާނެ ކަމެކެވެ.
·         ޑެންގީ ޖެހިފައި ތިބޭ ބަލިމީހުން ރައްކާތެރިކުރުން: ޑެންގީ ހުން ޖެހެނީ ޑެންގީ ގެ ޖަރާސީމް ހުންނަ އަންހެން މަދިރި ޑެންގީ ޖެހިފައިވާ މީހެއްގެ ގައިން ލޭބުއިމުންނެވެ. އެހެންވީމާ ޑެންގީ ހުން ޖެހިފައި ތިބޭ މީހުންގެ ކައިރީގައި މަދިރި ދުންދަނޑި ފަދަ އެއްޗެތި ޖެހުމާއި މަދިރިގެ ޖަހައިގެން އެމީހުން ރައްކާތެރިވެ ތިބުމަކީ ބަލި ފެތުރުން ހުއްޓުވޭނެ ގޮތެކެވެ.

ޑެންގީ ރޯގާ ފެތުރުނަނުދީ ކޮންޓްރޯލްކުރުން
ޑެންގީ ރޯގާއެއް ފެށިއްޖެނަމަ އެހިސާބުގަނޑަކަށް ނުވަތަ އެރަށަކަށް ބޭސް ޖަހައިގެން ކޮންޓްރޯލް ކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. ސްޕްރޭ ކުރުމާއި ބޭސް ދުން ޖަހައިގެން މިކަން ކުރެވިދާނެއެވެ. މިހެން ހެދުމުން ބޮޑެތި ވެފައި ތިބި ޑެންގީ ޖައްސާ މަދިރިތައް މަރުވެދާނެ އެވެ. އެހެންވީމާ ބަލިމީހުންގެ ގައިން އެހެން މީހުންގެ ގައިގާ އެފަދަ މަދިރި ހެފުން މަދުވާނެއެވެ. ނަތީޖާއަކަށް ވާނީ ބަލި ކޮންޓްރޯލް ވުމެވެ. އެތަނެއްގައި އުޅޭ މީހުންގެ އެއްބާރުލުން މިކަމުގައި ބޭނުންވާނެއެވެ. ސްޕްރޭ ކުރާއިރު ކުޑަ ދޮރުތަކާއި ބޮޑު ދޮރުތައް ޖެހޭނީ ހުޅުވާފައި ބަހައްޓާށެވެ. އެއީ ބޭސް ޖަހާއިރު އެބޭހުގެ އަސަރު ގޭތެރެއަށް ވަދެ ގޭތެރޭގައި ތިބޭ މަދިރި މަރުވާނޭގޮތް ހެދުމަށްޓަކައެވެ.

ޑެންގީ އަށް ވެކްސިން އެއް ތައްޔާރުކުރުން
·         ޑެންގީ ހުމުން ރައްކާތެރިވުމަށް ވެކްސިނެއް އަދި ތައްޔާރު ކުރެވިފައެއް ނެތެވެ. ނަމަވެސް އެފަދަ ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
·         ތައިލެންޑް ގައި މިހާރު ދަނީ ޑެންގީ ހުމުން ރައްކާތެރިވުމަށް ވެކްސިނެއް އުފައްދާ އެޓެސްޓް ކުރެވެމުންނެވެ. މިވެކްސިން ބޭނުންކުރުމުން ޑެންގީ ގެ 4 ވައްތަރުން ވެސް ސަލާމަތް ކުރެވޭނެ ކަމަށް ބެލެވިފައި ވެއެވެ.
·         ޖެނެޓިކް އިންޖިނިއަރިންގ ގެ ގޮތްތައް ބޭނުންކޮށްގެން އަދި ބަޔޯޓެކްނޮލޮޖީގެ ހަމަތަކުގެ އުޞޫލްތައް ވެސް ބޭނުންކޮށްގެން ޑެންގީ އަށް ދޭނެ ވެކްސިނެއް ތައްޔާރު ކުރުމުގެ ތަހުލީލުތައް ވެސް ކުރެވެމުން އެބަދެއެވެ.
·         މިޒަމާނުގެ ހުނަރުތަކާއި ތަޖުރިބާކާރުންގެ މަޝްވަރާއާއި އެކު އެފަދަ ވެކްސިނެއް އުފެއްދުމުގައި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ވެސް މަސައްކަތް ކުރެވެއެވެ.

ރަގަޅުގޮތަކަށް ކުނިބުނި ނައްތާލުން
ގަވާޢިދުން ކުނިބުނި އެއްކޮށް ނައްތާލުމަކީ މަދިރި އުފެދޭނެ ތަންތަން މަދުވާނެ ކަމެކެވެ.
ގޭގެއަށް ޒިޔާރަތްކޮށް މަދިރިއުފެދޭ ފަދަ ތަންތަން ހުރިތޯ ބެލުން
ގޭގެއަށް ޒިޔާރަތްކޮށް މަދިރިއުފެދޭ ފަދަ ތަންތަން ހުރިތޯ ބަލާ އެފަދަ ތަންތަން ނައްތާލާ ނުވަތަ ރަގަޅު ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ގޭގެއަށް މިކުރާ ޒިޔާރަތުގައި ފެން ތާނގީ މަދިރިން ރައްކާތެރި ކުރާނޭ ގޮތް ކިޔާދީ އެފަދަ ކަންތައްތައް ރަގަޅު ކުރެވިދާނެ އެވެ.

ޞިއްޙީ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރުން
ޑެންގީ ހުމުން އާންމުން ސަލާމަތްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޑެންގީ އަކީ ކޮބާ ކަމާއި އެބަލި ޖެހޭ ގޮތާއި އެބަލިން ސަލާމަތްވާނޭގޮތުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ.

ވިސްނާލުން ރަގަޅު ބައެއް ނުކުތާތައް
·         ޑެންގީ އާއި ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި ރަށްރަށުގެ ކޮމިޓީ ތަކާއި އަވަށު ކޮމިޓީ ތަކުގެ ބައްދަލުވުންތައް ބާއްވާށެވެ. އޭރުން އެފަދަ ބައްދަލުވުން ތަކުގައި ބައިވެރިވާ މީހުން އަމިއްލައަށް ވެސް ޑެންގީ އަކީ ބޮޑު މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނެ އެވެ.
·         މިފަދަ ކޮމިޓީ ތަކުން އަޅަން ކަނޑައަޅާ ފިޔަވަޅުތަކަށް އަމަލީ ސިފަ ގެނައުމަށް ކުރެވޭ މަސައްކަތުގައި އެރަށެއްގައި ތިބި ޞިއްޙީ ދާއިރާގެ މީހުން ބައިވެރިކުރާށެވެ.
·         ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން ކުރިމަތިލާ މީހުންނަށް ކުރަންޖެހޭ ކަންތަކުގެ ތަމްރީނު ދެވޭނޭ ގޮތްތައް ހަމަޖައްސަދޭށެވެ. މިގޮތުން ފިލްމު ދެއްކިދާނެއެވެ. ވާހަކަ ދައްކައިގެން މައުލޫމާތު ދީ ކުރާ ސުވާލުތަކަށް ޖަވާބު ދެވިދާނެއެވެ. މިކަމުގައި ޞިއްޙީ ދާއިރާގެ މީހުން ބޭނުންކުރުން ރަގަޅެވެ.
·         އިޞްލާޙު ކުރަންވީ ކަންތައްތައް އިސްލާހު ކުރެވޭތޯ ބެލުމަށް ސުކޫލް ތަކުގެ ބޮޑެތި ކުދިންގެ އެހީތެރިކަން ހޯދިދާނެއެވެ. ޑެންގީ ފަތުރާ މަދިރި އުފެދޭ ގޮތާއި އުފެދޭ ތަންތަނާއި މަދިރި ހަފާ ގަޑިއާއި، ބެހޭ މައުލޫމާތު އެކުދިން މެދުވެރިކޮށް ފެތުރިދާނެއެވެ.

ކުއްލި ޙާލަތަކަށް ތައްޔާރުވެތިބުން
ޑެންގީ ހުން އުޅޭ ހިސާބުތަކުގައި ރޯގާއެއްގެ ސިފައިގައި އެބަލި ފެތުރިގެން ހިގައިދާނެ ކަމަށްޓަކައި، ކުއްލި ހާދިސާއަކަށް ތައްޔާރުވެގެން ތިބެން ޖެހެއެވެ. އަޅަންޖެހޭ ފިޔަވަޅުތަކާއި ކަންތައްތައް ކުރަންޖެހޭނެ ގޮތް ކުރިއަށް ރާވާފައި ބާއްވަން ޖެހޭނެ އެވެ. މިގޮތަށް ކަންތައްތައް ރާވާފައި ބަހައްޓަން ޖެހޭނީ ޞިއްޙީ ދާއިރާގެ ލަފާ ހޯދައިގެން ސަރުކާރުން ގެންގުޅުއްވާ މިފަދަ ކަންކަމާއި ބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިފަދަ ރޭވުންތަކުގައި މަދިރިއަށް ޖަހާނެ ބޭސް ހޯދުމާއި، އެބޭސް ޖަހާނެ ސާމާނު ހޯދުމަށް ހަދާނެ ގޮތެއް ރާވާފައި އޮންނަން ޖެހޭނެ އެވެ. ބޮޑެތި ރަށްރަށުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރާނެ ދުއްވާ އެއްޗެތީގެ މައްސަލަ ހަމަޖައްސަން ވާނެއެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޞިއްޙީ އެހީތެރިން ކަންތައް ކުރަންވީ ގޮތާއި، ރަށުގެ މީހުން ކަންތައް ކުރަންވީ ގޮތް ވެސް ކަނޑައެޅިފައި އޮންނަން ވާނެއެވެ.

ބައެއް ހުށަހެޅުންތައް
ކޮންމެ ފަރާތަކުން މަސައްކަތް ކުރިނަމަވެސް އެންމެންގެ އެހީއާއި ބޭނުންކުރާނެ ތަކެތި ހޯދާށެވެ. ސުކޫލް ތަކުގެ ދަރިވަރުން އެމަސައްކަތުގައި ބައިވެރިވުމަށް ތަރުހީބު ދޭށެވެ. ކްލަބް ޖަމްޢިއްޔާތައް ވެސް މިކަމުގައި ބައިވެރި ކުރާށެވެ.

ދަރިވަރުން ހޭލުންތެރި ކުރުވުން
މަދަރުސާ ތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައިގެން ޢާންމުކޮށް ޢާންމު ޞިއްޙަތުގެ މައްޗަށް ޚާއްޞަކޮށް ޑެންގީ އަދި ޗިކުންގުންޔާ ފަދަ މަދިރިން ފެތުރޭ އެކި ފާޑުގެ ހުމުގެ ވައްތަރުތަކުގެ މައްޗަށް ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ސާފު ތާހިރު ކުރުމުގެ މަސައްކަތުގައި އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ފެތުރުމުގެ މަސައްކަތުގައި ދަރިވަރުންގެ އެހީތެރިކަން ހޯދިދާނެއެވެ. މަދަރުސާއިން އެކުދިންނަށް ލިބޭ މަޢުލޫމާތު އެކުދިންގެ މައިންބަފައިންނަށާއި، އަވަށްޓެރިންނަށް ފޯރުވާދޭށެވެ. ސާފު ތާހިރު ކުރުމުގެ މަސައްކަތް ދަރިވަރުން ފަށާ ފުރަތަމަ ތަނަކީ ސުކޫލް ކަމުގައި ހެދިދާނެ އެވެ. ދެން އެކުދިން އުޅޭ ގެދޮރާއި ހިސާބު ގަނޑު ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެއެވެ.

މަދިރިން ސަލާމަތްވުން
މަދިރިން ސަލާމަތްވެ ތިބުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ޑެންގީ ހުން ފަދަ ބަލިތަކުން ރައްކާތެރިވެ، މިފަދަ ބަލިތަކުން ގެއްލިގެންދާ ފުރާނަތައް ސަލާމަތްކުރުމަށާއި، މިކަމުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތެވެ. ޚާއްޞަކޮށް މިކަން މުހިއްމުވާ އެންމެ މައިގަނޑު ސަބަބަކީ މިފަދަ ބަލިތަކުން ރައްކާތެރިވާނެ ވެކްސިނެއް ނެތުމާއި، މިފަދަ ބަލިތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ފަރުވާއެއް ނެތުމެވެ. މަދިރިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތިމާގެ ގައިގައި މަދިރިހެފުމުން ރައްކާތެރިވުމާއި، މަދިރި އާލާވިޔަ ނުދިނުމެވެ.

މަދިރިހެފުމުން ރައްކާތެރިވުން
ޖަރާސީމް އަށަގެންފައިވާ މަދިރިއެއް ހެފުމުގެ ސަބަބުން ބަލިޖެހުމުން ސަލާމަތްވުމަށްޓަކައި ތިރީގައިވާ ކަންތައްތައް ކުރުން އެދެވިގެންވެއެވެ.
(ހ) - ނިވާވުން : މަދިރި ހެފުމުން ސަލާމަތްވުމަށްޓަކައި ވީހާ ބޮޑަކަށް ހަށިގަނޑު ނިވާވާ، ގަޔަށްދޫ ހެދުމެއް ބޭނުންކުރުން ބުއްދިވެރި އެވެ.
(ށ) - މަދިރި ލޯޝަން : ބޭރަށް ނުކުމެއުޅޭއިރު ހަށިގަނޑުގެ ހާމަޔަށް ފެންނަން ހުންނަ ހިސާބުގައި މަދިރި ލޯޝަން ނުވަތަ ކްރީމެއް އުގުޅާށެވެ. ދުވާލު ގަޑީގައި މިކަމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ޑެންގީ ޖައްސާ މަދިރި ކަމަށްވާ އީޑީޒް އިޖިޕްޓައި (ޗިކުންގުންޔާ ޖެއްސުމުގައި ވެސް މިމަދިރި މުހިއްމު ދައުރެއް ކުޅެއެވެ) މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށްވާތީ އެވެ. އެންމެ އިތުބާރުހުރި އަދި އެންމެ ގިނައިރުވަންދެން އަސަރު ހުންނަ މަދިރި ލޯޝަން ނުވަތަ ކްރީމަކީ ޑީޓް އެވެ. މިގޮތުން ޑީޓް އެކުލެވިފައިވާ މިންވަރު 30 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދު ހުންނަ ބާވަތްތައް ބެލެވިފައިވަނީ އެންމެ އިތުބާރު ހުރި އަދި ގިނައިރު އޭގެ އަސަރު ހުންނަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު މަދުވާވަރަކަށް އޭގެ އަސަރު ދެމިހުންނަ ވަގުތު ކުޑަވާނެއެވެ. މާނައަކީ މަދިރިން ސަލާމަތްވުމަށް ޓަކައި ލޯޝަން/ ކްރީމް އަވަސް އަވަހަށް އުގުޅަން ޖެހޭނެ އެވެ. ޑީޓް އެކުނުލެވޭ ލޯޝަނާއި ކްރީމް، ފަދަ ތަކެތި ބެލެވިފައިވަނީ އިތުބާރު ކުޑަ އޭގެ އަސަރު ދެމިހުންނަ ވަގުތު ކޮޅުވެސް ނިސްބަތުން ކުޑަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު 50 އިންސައްތަ އާއި ހަމައަށް ހުންނަ ތަކެތި، ބޮޑެތި މީހުންނަށާއި، މާބަނޑު މީހުންނަށާއި، ދެމަހަށްވުރެ ދޮށީ ކުދިންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެއެވެ.

ދެމަހަށްވުރެ ކުޑަކުދިންގެ ގައިގައި މިތަކެތި އުގުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މިފަދަ ކުދިން މަދިރިން ސަލާމަތްކުރުމަށްޓަކައި މަދިރިގެ ނުވަތަ ގޮށި ބޭނުންކުރުން އެދެވިގެން ވެއެވެ. މަދިރިން ސަލާމަތްވުމަށް ގައިގައި އުގުޅާ ލޯޝަން /ކްރީމް ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ދޮންނަންވާނެ އެވެ.

(ނ) - ސްޕްރޭ : ބައެއް ފަހަރަށް ލައިގެން ހުންނަ ހެދުމުގެ މަތިންވެސް މަދިރި ހަފައެވެ. ޚާއްޞަކޮށް އެއީ ގަޔަށް ބާރުކޮށްހުރި އެއްޗެއްނަމަ މަދިރީގެ އުދަގޫ ވަކިން ބޮޑުވާނެއެވެ. މިފަދަ ހާލަތްތަކުގައި މަދިރި ހެފުމުން ސަލާމަތްވުމަށް ގަޔަށް ޖެހުމަށް ތައްޔާރުކޮށްފައި ހުންނަ ސްޕްރޭ ލައިގެން ހުންނަ ހެދުމަށް ޖެހިދާނެއެވެ. މިގޮތުން ފައިދާހުރި އަދި އެންމެ ރައްކާތެރި ސްޕްރޭ އަކީ ޕާރމެތްރިން އެކުލެވޭ ސްޕްރޭ އެވެ. ހެދުން އެންމެ ފަހަރަކު ދޮވެލުމުން ގިނަ ސްޕްރޭ ތަކުގެ އަސަރު ފިލާ ދިޔައެއް ކަމަކު ޕާރމެތްރިން އެކުލެވޭ ރަގަޅު  ސްޕްރޭއެއް ނަމަ ގާތްގަނޑަކަށް 5 ފަހަރު ދޮންނަށްދެން އޭގެ އަސަރު ދެމިހުރެއެވެ.

(ރ) - މަދިރިގެ ޖެހުން : މަދިރިން ސަލާމަތް ވުމަށްޓަކައި ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ މަދިރިގެ ބޭނުންކުރަން ފެށުމެވެ. ޚާއްޞަކޮށް ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަދި މިނޫންވެސް ދުވާލު ގަޑީގައި ނިދާފައި ތިބޭމީހުންނަށް މަދިރިގެ ބޭނުން ކުރުމުގެ މުހިއްމުކަން ބޮޑެވެ. ޑެންގީ ހުން ޖެހިފައިވާ ބަލިމީހަކު ގޭގައި އުޅޭނަމަ މަދިރިގެއެއްގެ ތެރޭގައި އެމީހަކު ބޭއްވުމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ބަލިވެ އުޅޭއިރު އޭނާގެ ހަށިގަނޑުގައި ޑެންގީ ގެ ޖަރާސީމް ހުންނާނެތީ އެވެ. އަދި އޭނާގެ ގައިގައި މަދިރި ހެފުމުގެ ސަބަބުން ޖަރާސީމް މަދިރިއަށް ވާޞިލްވެ، އެހެން މީހުންގެ ގަޔަށް ފެތުރޭނެ އެވެ. އެހެން ކަމުން ބަލިމީހެއްގެ ގައިގައި ހެފުމުގެ ފުރުޞަތު މަދިރިއަކަށް ނުދިނުމީ ބަލި ކޮންޓްރޯލްކޮށް، އެހެން މީހުންނަށް ބަލިޖެހުމުން ސަލާމަތްވުމަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅެވެ.

މަދިރި ލޯޝަން/ކްރީމް އަދި ސްޕްރޭ ބޭނުންކުރާއިރު ސަމާލުވާން ޖެހޭ ކަންތައްތައް
މަދިރި ލޯޝަން/ ކްރީމް އަދި ސްޕްރޭ ތަކަކީ އެތައް ތަޙްލީލު ތަކެއް ކުރެވި، އެތަކެތީގެ ރައްކާތެރިކަން ޔަގީން ކުރެވިފައިވާ ތަކެއްޗެވެ. އެހެނަސް ބޭނުންކުރާ ފަރާތުގެ ރައްކާތެރި ކަމަށްޓަކައި، ތިރީގައިވާ ކަންތައްތަކަށް ސަމާލުވުން ބުއްދިވެރި އެވެ.

ގައިގައި އުގުޅުމަށް ފުދޭވަރަށް ވުރެ އިތުރަށް ލޯޝަން/ކްރީމް ބޭނުން ނުކުރާށެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް އުގުޅުމަކުން އިތުރު ފައިދާތަކެއް ނުކުރާނެއެވެ. ހެދުމުން ނިވާވެފައިވާ ހިސާބުގައި ނުއުގުޅާށެވެ. ކަނޑައިގެން ދިއުން، މަށައިގެން ދިއުން އަދި ރަތްވުން ފަދަ ހަމަށް ގެއްލުން ލިބިފައިވާ ތަންތާގައި ނުއުގުޅާށެވެ. ބަންދުވެފައިވާ ތަނެއްގައި ސްޕްރޭ ބޭނުން ނުކުރާށެވެ. އަދި ނޭވަޔާއެކު ފުއްޕާމޭގެ ތެރެއަށް ދިޔަ ނުދޭށެވެ. ސްޕްރޭ ބޭނުން ކުރާނަމަ ސީދާ މޫނަށް ނުޖަހާށެވެ. މީގެ ބަދަލުގައި އަތަށް ސްޕްރޭ ޖެހުމަށްފަހު މޫނުގައި ހާކާށެވެ. ލޮލާއި އަނގަ މަތީގައި ނުހާކާށެވެ.

މަދިރި ކޮންޓްރޯލް ކުރުން
(ހ) - މަދިރި ފަނި އާލާވިޔަ ނުދިނުން : މަދިރި އާލާވެފައި ގިނަވަނީ މަދިރިއަށް ބިސްއަޅާނެ ތަކެއްޗާއި ތަންތަން ލިބެން ހުންނާތީ އެވެ. މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި، ދިގު މުއްދަތަކަށް އަމާޒުކުރެވިގެން ކުރެވޭ  އެންމެ މުހިއްމު އެއް މަސައްކަތަކީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. މިކަމަކީ ސަރުކާރުގެ ދާއިރާތަކާއި އެއްވަރަށް އަމިއްލަ ވަކިފަރުދުންގެ ޒިންމާވެސް އޮންނަ، އަދި މިދެފަރާތުންކުރެ އެއްވެސް ފަރާތަކުން އެކަށީގެންވާ ސަމާލުކަން ނުދެވިއްޖެނަމަ ނާކާމިޔާބު ވާނެ މަސައްކަތެކެވެ. ނަތީޖާއަކަށް ވާނީ ދޭތެރެ ދޭތެރެއިން މަދިރީގެ އާބާދީ ގިނަވެ ޑެންގީ ހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިކަން  އިތުރުވާން ފެށުމެވެ. އަދި އެކަމުގެ ސަބަބުން މީހުން މަރުވެގެން ދިއުމެވެ. މަދިރި ހެފުމުގައި އަދި ޑެންގީ ފަދަ ބަލިތައް ޖެހުމުގައި ވަކި މީހަކަށް ނުވަތަ ވަކި ތަނަކަށް ނުބަލައެވެ. އެހެން ކަމުން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ ތިމާގެ އެއްވެސް ދައުރެއް އެކަމުގައި ނުވާ އަނެކާގެ ނުވަތަ އެހެން ބައެއްގެ މަސައްކަތެއް ކަމަށް ހީކޮށްގެން ތިބުމަކީ މޮޔަކަމެކެވެ. އެއީ މިކަމަށް ސަމާލުކަން ނުދީ އަޅާނުލާ ދޫކޮށްލުމުން ބަލިޖެހި މަރުވެގެންދަނީ ޚުދު ތިމާ ނުވަތަ ތިމާގެ ޢާއިލާގެ މީހެއް ނޫންކަން އެކަކަށްވެސް ކަށަވަރު ނުވާނެތީ އެވެ.

(ށ) - މަދިރި ބިސް އަދި ފަނި ނައްތާލުން : މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ ފައިދާހުރި މަސައްކަތަކީ މަދިރިއަށް ބިސް އެޅުމުގެ ފުރުޞަތު ނުދިނުމާއި، މަދިރި ފަނި ނައްތާލުމެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަ ކޮށްލާނަމެވެ.
·         ދަޅު، ފުޅި، ނާށި، އުނބުގަނޑު، ޓަޔަރު ފަދަ ފެންހަރުލާ ތަކެތި ނައްތާލާށެވެ. ކިތައްމެ ކުޑަ އެއްޗެއް ކަމުގައިވިޔަސް ފެންހަރުލާފައި ހުންނަނަމަ މަދިރި ބިސްއަޅާ އާލާވާނެއެވެ. މިސާލަކަށް ފުޅީގެ މައްޗާއި، މެޓާކާފައި އެއްލާލާ ޕްލާސްޓިކް ކަރުދާސް ކޮޅުގައި ވެސް ފެންހަރުލައި މަދިރި ބިސްއަޅައި އާލާވެފައި އެބަހުއްޓެވެ.
·         ގަސްމުށި ގަނޑުގެ އަޑީގައި ހުންނަ ތައްޓާއި، ފެނުގައި ގަސް ހައްދާފައިވާ ފުޅި ފަދަ ތަކެތި މަދުވެގެން 5 ދުވަހުން އެއްފަހަރު ރަގަޅަށް ސާފުކުރާށެވެ.
·         ދިޔަ ދޮވީގައި ކުންޏާއި ފަތްފަދަ ތަކެތި ޖަމާވިޔަ ނުދޭށެވެ. އަދި ދިޔަ ދޮވީގައި ބަނޑިލާފައި ހުންނަ ނަމަ އެކަން ރަނގަޅުކުރާށެވެ.
·         ފެންތާންގީ، ބާލިދީ އަދި ހަން ފަދަ ފެންނަގާ ރައްކާކުރަން ބޭނުންކުރާ ތަކެތި މަދިރިއަށް ނުވަދެވޭގޮތަށް ރަނގަޅަށް ބަންދުކޮށްފައި ބަހައްޓާށެވެ.
·         އެއަރކޮންޑިޝަން ހޮޅި ފަދަ ފެންތިކިޖަހާ ތަންތަނުން، ފައިބާ ފެންޖަމާވެ، އަބަދު ތެތްކޮށް ހުރިޔަ ނުދޭށެވެ. މިފަދަ ތަންތަނަށް ވެސް މަދިރި ބިސްއަޅާނެއެވެ. އަދި އެތައް މަސްތަކެއް ވަންދެން ވެސް މަދިރީގެ ބިސް ހަލާކުނުވެ ދެމިހުރެއެވެ.
·         ވަޅު އަދި ހާމަކޮށް ހުންނަ ފެންގަނޑުތަކަށް ޖަޕާނުމަސް ކަށްޓަފުޅި، ފަދަ މަދިރި ފަނިކާ ބާވަތުގެ މަސްލާފައި ބަހައްޓާށެވެ.
·         ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ތަންތަނަކީ ތަފާތު ސަބަބުތަކާހުރެ ފެންހަރުލާފައި ހުންނަ އަދި ބައެއް ފަހަރު ބަހައްޓަން ޖެހޭ ތަންތަނެވެ. މިއީ ދިވެހިރާއްޖޭގައި މަދިރި އާލާވާ ތަންތަނުގެ ތެރެއިން ޚާއްޞަކޮށް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ތަންތަނުގައި މަދިރި އާލާވިޔަ ނުދިނުމަކީ މަސައްކަތް ކުރާ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތުގެ ވެސް ޒިންމާއަކަށް ވާންޖެހޭނެއެވެ. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ ކަމެއްކަން ހަދާން ބަހައްޓަން ވާނެއެވެ.

(ނ) - އުދުހޭ މަދިރިން ސަލާމަތްވުން : މިއީ މަދިރި ކޮންޓްރޯލްކޮށް މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމުގެ މަސައްކަތުގެ ތެރެއިން އެންމެ އުނދަގޫ އަދި ނަތީޖާ އެންމެ ކުޑަ މަސައްކަތެވެ. އެހެނަސް މިއީ ފާޅުކަން ބޮޑު މަސައްކަތެއްގެ ގޮތުގައި ފެނިގެންދާ ކަމަކަށްވާތީ ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އަދި ހަމަ މިސަބަބާހުރެ މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޢާންމު ފަރުދުންނަށް އެންގުމަށްޓަކައި ނުވަތަ ދެއްކުމަށްޓަކައި މިފަދަ މަސައްކަތް ކުރާ އިދާރާތަކުން ކުރާ މައިގަނޑު މަސައްކަތަކީ ވެސް މިއީ އެވެ. މިހަގީގަތަކީ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވާން ޖެހޭ ކަމެކެވެ. އެހެންކަމުން މިބަލާލަނީ އުދުހޭ މަދިރިން ސަލާމަތްވުމަށް ގޭގައި ނުވަތަ ފަރުދުންގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކަށެވެ.

ގެއާއި ދިރިއުޅޭ މާހައުލުގެ ތެރެއަށް މަދިރި ވަނަ ނުދިނުމަށްޓަކައި ކުޑަ ދޮރާއި ފެން ލައިޓް ފަދަ ތަންތަނުގައި ދާޖަހާފައި ބެހެއްޓިދާނެއެވެ. މިގޮތުން ޖަހާ ދަލަކީ އެކަށީގެންވާ ސައިޒެއްގެ ގޮޅި ހުންނަ އެއްޗަކަށް ވާންޖެހޭނެއެވެ.

ސިޓިންގރޫމް ކޮޓަރީގައި ހަރުކޮށްފައި ހުންނަ ދޮރުފޮތި، ޕައިރެތްރޮއިޑް އެކުލެވޭ ކެމިކަލް އަކުން ދޮވެފައި ބެހެއްޓުމަކީ ވެސް އެފަދަ ތަންތަނުން މަދިރިވަނުން ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް މީހުންގެ ގައިން ލޭބުއިމަށްފަހު އަދި އެނޫން ވެސް ވަގުތުތަކުގައި އަރާމް ކުރުމަށްޓަކައި ދޮރުފޮތީގައި އަދި ދޮރުފޮއްޗާއި ފާރާއި ދޭތެރޭގައި މަދިރި ތިބޭ ތިބުން މަދުކުރެވޭނެއެވެ.

އެލެތްރިން، ރެސެމެތްރިން، ފަދަ ޕައިރެތްރޮއިޑްސް އެކުލެވޭ ސޫފާސޫފި މެރުމަށް ޖަހާ ސްޕްރޭ އެއް ގޭތެރޭގައި  ވެސް ބޭނުން ކުރެވިދާނެއެވެ. އެހެނަސް މަދިރިއަށް ވަދެވޭގޮތަށް ހުޅުވާފައި ހުންނަ ތަނެއްނަމަ އިސާހިތަކު މީގެ އަސަރު ފިލައިދާނެއެވެ. މިގޮތުން ބޭނުންކުރަންވާނީ ހަމައެކަނި އުދުހޭ ސޫފި މެރުމަށް ބޭނުންކުރެވޭނެ ކަމަށް ލިޔެފައިވާ ތަކެއްޗެވެ. މިކަމުގެ އެންމެ ރަގަޅު ނަތީޖާ ލިބޭނީ ސްޕްރޭކުރާއިރު އަދި އެއަށްފަހު 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަގުތަކަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމުންނެވެ. މިގޮތަށް ބަންދުކޮށްފައި ހުންނަ ވަގުތު އެތާގެ ތެރޭގައި މީހުން ތިބުން ރައްކާތެރިއެއް ނުވާނެއެވެ.

ކަރަންޓަށް ޖަހާ ފޮތި(މެޓް) އަދި ދިޔާ ބޭސް(ވެޕަރ) ފަދަ ތަކެއްޗާއި، މަދިރި ދުންދަނޑި އަކީވެސް ގޭތެރޭގައި ބޭނުންކުރެވިދާނެ ތަކެއްޗެވެ. ނަމަވެސް މިފަދަ ތަކެތި ބޭނުންކުރާ ތަނެއްގެ ބޮޑުމިނާއި، އެކަށީގެންވާ މިންވަރަށް އެތަކެތި ބޭނުން ނުކުރެވޭނަމަ އޭގެ މާބޮޑު ފައިދާއެއް ނުކޮށްފާނެއެވެ.

ނޯޓް : މިލިޔުމުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވަނީ ޑެންގޫ ހުމާއި ބެހޭގޮތުން ލިޔެފައިވާ ލުއިފޮތެއްގައި ހިމެނިފައިވާ މަޢުލޫމާތެވެ. އަދި ބައެއް މަޢުލޫމާތުތައް އިތުރުކޮށް، އުނި އިތުރު ގެނެވިފައިވާނެއެވެ. އަދި ބައެއް މަޢުލޫމާތު ތައް ތަކުރާރު ކުރެވިފައިވާނެ ވާހަކަ ވެސް ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މައުލޫމާތު :-
·         ޑެންގޫ ހުން – ލުއިފޮތް – ޑރ އިސްމާޢީލް ޝަފީޢު / ޑރ އަހުމަދު ޖަމްޝީދު މުޙައްމަދު – ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތު – ދިވެހިރާއްޖެ
·         ޑެންގޫ ހުން – ލީފްލެޓް
·         ޑެންގޫ ހުން – ދިވެހިވިކިޕީޑިޔާ
·         ޑެންގޫ ހުން – ކަވާސާ.ކޮމް
·         މަދިރިން ފެތުރޭ ބަލިތައް – ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް
 

3 comments:

  1. Salhi information..gud works

    ReplyDelete
  2. Thanks for giving information about dengue fever

    ReplyDelete
  3. thanx for this helpful informaiton.

    ReplyDelete