Friday, January 13, 2012

ބޭރަށްހިންގުން

ބޭރަށްހިންގުން
ތަޢާރަފް
ބޭރަށްހިންގުން (Diarrhea) ނިސްބަތްކުރެވެނީ ބޮޑުކަމުދެވޭ މިންވަރު އިތުރުވެ، ބޭރުވާ ނަޖިސް ދިޔާކޮށް ހުރުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ބޭރަށް ހިންގުމަކީ ވަރަށް ދިޔާކޮށް އަދި އަވަސް އަވަހަށް ބޮޑުކަމުދާންޖެހުމެވެ. ބޭރަށްހިންގުމަށް '''ބަނޑުދިޔާވުން''' މިހެން ވެސް ކިޔައި އުޅެއެވެ. ބައެއް މެޑިކަލް ރިފަރެންސް ތަކުގައި ބަނޑުދިޔާވުން ސިފަކޮށްފައިވަނީ '''24 ގަޑިއިރުގެ ތެރޭގައި 300މލ އަށްވުރެ ގިނައިން ދިޔާ ނަޖިސް ބޭރުވުން''' މިހެންނެވެ.
ބޭރަށްހިންގުން ޖެހުމުން ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 3 ފަހަރު ބޮޑުކަމުދެވޭނެ އެވެ. ކުއްލިގޮތަކަށް ބަނޑުދިޔާވާގޮތްވެ ބޭރަށްހިންގުން ޖެހުމުން އެއްދުވަސް ނުވަތަ ދެދުވަހެއްގެ ތެރޭގައި އެއްވެސް ފަރުވާއަކާއި ނުލާ ރަގަޅު ވާނެއެވެ. ދެދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ ނަމަ ހޮސްޕިޓަލަށް ގޮސް ފަރުވާ ލިބިގަތުން މުހިއްމެވެ. އެއީ މާލަސްކޮށްފިނަމަ ފެންމަދުވުން ފަދަ ކަމެއް ދިމާވެދާނެތީ އެވެ.
ދާއިމީކޮށް ބަނޑުދިޔާވާ ބަނޑުދިޔާވާ މައްސަލަ ހުރުމަކީ ދިގުމުއްދަތަކަށް ބޭސް ކުރަންޖެހޭފަދަ ބައްޔެއްގެ އަލާމާތަކަށް ގިނަ ފަހަރު އޮންނަނީ ވެފައެވެ. މިސާލަކަށް ގޮހޮރުގެ ބައެއް ބަލިތަކުގެ ސަބަބުން ދިގުމުއްދަތަކަށް ނުވަތަ ދާއިމީކޮށް ބޭރަށްހިންގުން ކުރިމަތިވެ، ފަރުވާކުރަން ޖެހިދާނެއެވެ.
ވައްތަރު
ފަރުވާދިނުމުގައި ފަސޭހައަކަށް ބޭރަށްހިންގުން ބަހާލެވިފައިވަނީ ދެ ބަޔަކަށެވެ. އެއީ ކުއްލިގޮތަކަށް ކުރު މުއްދަތަކަށް ކުރިމަތިވާ ބޭރަށްހިންގުން(Acute diarrhea)އާއި  ދިގު މުއްދަތަކަށް ދާއިމީކޮށް ކުރިމަތިވާ ބޭރަށްހިންގުން (Chronic diarrhea)އެވެ.
ކުއްލިގޮތަކަށް ކުރިމަތިވާ ބޭރަށްހިންގުން ޖެހުމުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހަށިގަނޑުން ފެންމަދުކޮށްލާނެއެވެ. ބައެއްފަހަރު ފެންމަދުވުމުގެ ސަބަބުން އެތެރެހަށީގައިވާ އެހެންނިޒާމުތަކުގެ މަސައްކަތަށް ބުރޫއަރާ ބަލިމީހާގެ ފުރާނައަށް ގެންލުންލިބޭ ހިސާބަށްދެއެވެ. މި ގޮތުން ނުރައްކާތެރިހާލަތެއް މެދުވެރިވުމުގެ ފުރުސަތު ބޮޑީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭރަން ހިންގުން ޖެހުމުންނެވެ.

އުމުރުފުރާ އަދި ތަފާސް ހިސާބު
ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބޭރަށް ހިންގުންޖެހިދާނެއެވެ. ނަމަވެސް ކުޑަކުދިންނަށް ބޭރަށްހިންގުން ޖެހޭލެން އަވަސްވެފައި އިތުރުކަން ފާހަގަކުރެވެއެވެ. ބޮޑުމީހަކަށް އަހަރެއްގެ ތެރޭގައި މަދުވެގެން ހަތަރު ފަހަރު ބޭރަށް ހިންގާ ބަލި ޖެހުމުގެ ފުރުސްތު އޮވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ކުޑަކުއްޖެއްވެސް އުމުރުން ފުރަތަމަ 5 އަހަރު ދުވަހުގެ ތެރޭގައި 15-7 ފަހަރާއި ދެމެދުގެ އަދަދަކަށް ބޭރަށްހިންގުން ޖެހެއެވެ. އަހަރަކު 4 ބިލިޔަން މީހުންނަށް ބޭރަށްހިންގުން ޖެހޭކަމަށް ރިކޯޑްތަކުން ދައްކައެވެ. އަދި 5 އަހަރުން ދަށުގެ 2 މިލިޔަން ކުޑަކުދިން ކޮންމެ އަހަރަކު ބޭރަށްހިންގުން ޖެހިގެން ދުނިޔެދޫކޮށްދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދިރާސާތައް ބުނެއެވެ.
ބޭރަށްހިންގުން ޖެހިގެން އެންމެ ގިނަ ކުދިން މަރުވަނީ ކުރިއަރަމުން އަންނަ ނުވަތަ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައެވެ. އޭގެ ސަބަބަކީ ސާފުބޯފެނާއި، ރަގަޅުކާނާ ނުލިބުން، ސާފުތާހިރުކަން ކުޑަވުމާއި، އެކަށޭނަ ޞިއްޙީ މަޢުލޫމާތު ލިބިފައިނެތުން ކަމަށް ދިރާސާތަކުގައި ބުނެފައި ވެއެވެ.
މަދު ފަހަރެއްގައި ނަމަވެސް ބޭރަށް ހިންގުން "ރޯގާ"(Epidemics) އެއްގެ ގޮތުގައި ވަރަށް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މުޅި ރަށުތެރެއަށް ފެތުރިގެންދިއުމަކީ އޭޝިޔާ އަދި އެފްރިކާގެ ގައުމު ތަކުގައި ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ.

ސަބަބުތައް
ބޭރަށްހިންގުން ޖެހެން މެދުވެރިވާ  އެތަކެއް ސަބަބުތަކެއް ވެއެވެ.
(ހ) - ތަފާތު ބެކްޓީރިޔާ ތަކުގެ ސަބަބުން ކުރިމަތިވާ ބަލިތައް ޖެހުން : މިގޮތުން ބޭރަށްހިންގުން އެންމެ އާންމުކޮށް ކުރިމަތިކުރުވާ ބެކްޓީރިޔާ ތަކުގެ ތެރޭގައި، ސަލްމަނެއްލާ(Salmonella)ގެ ވައްތަރުތަކާއި، ޝިގެއްލާ(Shigella)ބެކްޓީރިޔާއާއި، ކެމްޕިލޮބެކްޓަރ ޕައިލޯރީ(Compylobacter pylori) ވައިބްރިއޯ ކޮލެރާއީ(Vibrio cholerae)،ކްލޮސްޓްރައިޑިއަމް(Clostridium) ، އަދި އީ.ކޮލައި (Ecoli) ގެ ވައްތަރުތައް ފަދަ ބެކްޓީރިޔާ ތައް ހިމެނެއެވެ. މިފަދަ ބެކްޓީރިޔާ ތައް ހަށިގަނޑަށް ވަންނަނީ ފެން، ނުވަތަ ކާނާގެ ކޮންމެވެސް ބާވަތަކާއި ތަޣައްޔަރުވެގެންނެވެ.

(ށ) - ތަފާތު ވައިރަސް ތަކުގެ ސަބަބުން ކުރިމަތިވާ ބަލިތައް ޖެހުން: މިގޮތުން ބޭރަށްހިންގުން އެންމެ އާންމުކޮށް ކުރިމަތިކުރުވާ ވައިރަސް ތަކުގެ ތެރޭގައި، ރޮޓާ ވައިރަސް(Rota virus)، ނޯވޯރކް ވައިރަސް(Norwork virus)،އެޑީނޯ ވައިރަސް(Adenovirus)،އެސްޓްރޯ ވައިރަސް(Estrovirus)، ސައިޓޮމެގަލަ ވައިރަސް(Cytomegalovirus)، ހާރޕީޒް ސިމްޕްލެކްސް ވައިރަސް(Herpes simplex virus)، އަދި ހެޕަޓައިޓިސް ވައިރަސް (Hepatitis virus)ފަދަ ބާވަތްތައް ހިމެނެއެވެ.

(ނ) - ތަފާތު ޕެރަސައިޓް ތަކުގެ ސަބަބުން ކުރިމަތިވާ ބަލިތައް ޖެހުން: މިގޮތުން ބޭރަށްހިންގުން އެންމެ އާންމުކޮށް ކުރިމަތިކުރުވާ ޕެރަސައިޓް ތަކުގެ ތެރޭގައި، ގިއާރޑިއާ ލެމްބްލިއާ(Giardia lamblia)، އެންޓަމީބާ ހިސްޓޮލިޓިކާ(Entomoeba histolyca)، އަދި ކްރިޕްޓޮސްޕޮރޮއިޑިއަމް(Cryptosproidium) ފަދަ ޕެރަސައިޓްތައް ހިމެނެއެވެ. ކާނާ ނުވަތަ ފެނުގެ ޒަރީޢާއިން ހަށިގަނޑަށް ވާޞިލް ވުމަށްފަހު، މިފަދަ ޕެރަސައިޓްތައް ހަޖަމުކުރާ ނިޒާމްގައި ހިޔާވަހިކަން ހޯދައެވެ.
ގިއާރޑިއާ ލެމްބްލިއާ ފެތުރެނީ ޕެރަސައިޓް އާއި ތަޣައްޔަރުވެފައި ފެންބުއިމުންނެވެ. އާންމު ގޮތެއްގައި މިބަލީގެ ސަބަބުން ބޭރަށްހިންގުން ޖެހުމުން ބޮޑުކަމުދާ ތަކެތީގައި ދޮސް، ނުވަތަ ލެއެއް ނުހުންނާނެއެވެ. އަދި ހުންވެސް އަންނާނީ ވަރަށް ކުޑަކޮށެވެ. އެންޓަމީބާ ހިސްޓޮލިޓިކާ ވެސް ހަށިގަނޑަށް ވާޞިލްވަނީ ތަޣައްޔަރުވެފައި ހުރި ފެންބުއިމުންނެވެ. މީގެ ސަބަބުން ބޭރަށްހިންގުން ޖެހޭއިރު ބޮޑުކަމުދާ ތަކެތީގައި ދޮސް އަދި ލޭހުންނާނެއެވެ. އަދި ގަދަޔަށް ހުންއައުން އެކަށީގެންވެއެވެ. ކްރިޕްޓޮސްޕޮރޮއިޑަމް އަކީ ކްލޮރިން އަށް ނުގުޑާ ޕެރަސައިޓެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

(ރ) - ކާނާއަށް ތަޙައްމަލުނުކުރެވުން: ބައެއް މީހުންނަށް ކިރުގައި ހުންނަ ލެކްޓޯޒް ފަދަ މާއްދާތައް ހަޖަމުކުރަން އުދަގޫވެއެވެ. މިއީ އެފަދަ މީހުންގެ ހަށިގަނޑުގައި ހަކުރު ރަގަޅަށް ހަށިގަނޑަށް ނަގައިނުދޭތީ (Carbohydrate malabsorption) ކުރިމަތިވާ ކަމެކެވެ. ހަކުރު ނަގައި ނުދެނީ ލެކްޓޯސް ބައިބައިކުރުމަށް ބޭނުންވާ ކުޑަ ގޮހޮރުން ދޫކުރާ އެންޒައިމް ''ލެކްޓޭޒް''(Lactase) އެފަދަ މީހުންގެ ހަށިގަނޑުގައި ނުހުންނާތީ އެވެ. ލެކްޓޯސް ބައިބައި ނުކުރެވޭނަމަ ހަށިގަނޑަށް ނަގައެއް ނުދޭނެއެވެ. ނަތީޖާ އަކީ ހަށިގަނޑަށް ނަގައިނުދޭ ލެކްޓޯޒް ތައް ބޮޑު ގޮހޮރަށް ވާޞިލްވެ، އެންމެ ފަހުން ބޭރަށް ހިންގުން ކުރިމަތި ކުރުވުމެވެ.

(ބ) - ބޭސްތައް: ބޭރަށްހިންގުން ކުރިމަތިކުރުވާ ބޭހުގެ ބާވަތްތަކުގެ ތެރޭގައި ، ބައެއް ވައްތަރުގެ  އެންޓިބަޔޮޓިކް، ލޭމައްޗަށްދާ މީހުން ބޭނުންކުރާ ބޭސްތައް، ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ ބޭސްތައް،ތަދު ކަނޑުވަން ބޭނުންކުރާ ބައެއް ބޭސްތައް، އަދި މެގްނީޒިއަމް އެކުލެވޭ އެންޓަސިޑް ފަދަ ބޭސްތައް ހިމެނެއެވެ.

(ޅ) - ގޮހޮރުގެ ބަލިތައް: ގޮހޮރުގައި އިންފްލެމޭޝަން އުފެދޭ ބަލި، އިރިޓަބަލް ބަވަލް ސިންޑްރޯމް، ސިލިއެކް ބަލި ފަދަ ބަލިތަކަކީ އޭގެ ސަބަބުން ދާއިމީ ގޮތެއްގައި ބޭރަށްހިންގުން މެދުވެރިކުރުވާ ބަލިތަކެކެވެ.

(ކ) - ކާނާއަށް ވިހަވުން: ބައެއް ބާވަތުގެ ކާނާއަށް ވިހަވުމަކީ ވެސް ބޭރަށްހިންގުން ޖެހޭ ކަމެކެވެ. މިސާލަކަށް ޕާޓީ ތަކަށް ގޮސް ކެވޭ އެއްޗެއްގެ ސަބަބުންވެސް ވަރަށް ބޮޑަށް ބޭރަށް ހިންގަފާނެއެވެ. ގިނަފަހަރު އެއީ ބޯން ހުންނަ ފެނެއްގެ ސަބަބުން ނުވަތަ ރޯ ބިސް އަޅައިގެން ތައްޔާރުކުރެވިފައިވާ ކާނާއެއް ކެއުމުގެ ސަބަބުންނެވެ.

(އ) - އެހެނިހެން ސަބަބުތައް: ބޭރަށްހިންގުން މެދުވެރިވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި ބަނޑުގެ އޮޕަރޭޝަނަކަށްފަހު ބޭރަށް ހިންގުން ނުވަތަ އޮޕަރޭޝަން ކޮށްގެން ފިތް ނެގުމުން ބޮޑުކަމު އަވަސް އަވަހަށް ދާން ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދަތުރުވެރިންނާއި ބޭރަށްހިންގުން ( ދަތުރުވެރިންގެ ބޭރަށްހިންގުން )
އީ.ކޮލައި ބެކްޓީރިޔާ ގެ ވަރަށް ގިނަ ސްޓްރެއިން ތައް ތަބީޢީ ގޮތެއްގައި ކުޑަ ގޮހޮރުގެ ހިޔާވަހި ކަމުގައި ދިރިއުޅެއެވެ. މިފަދަ ސްޓްރެއިން ތަކަކީ ބަލި ޖައްސާ ސްޓްރެއިން ތަކެއް ނޫނެވެ. އެކަމަކު ބަލިނުޖައްސާ މިސްޓްރެއިންތައް ކުޑަ ގޮހޮރުން ބޭރުވެ، ކުޑަކަމުދާ ނިޒާމް ނުވަތަ ލޭގެ ތެރެއަށް ގޮސްފިނަމަ އޭގެ ސަބަބުން ބައްޔެއް ކުރިމަތިކޮށްފާނެއެވެ.
ނަމަވެސް އީ.ކޮލައި ގެ ބައެއް ސްޓްރެއިން ތަކުން ކުޑަ ގޮހޮރުގައި ބަލީގެ ޙާލަތު މެދުވެރި ކުރުވައި ބޭރަންހިންގުން ފެންމަތި ކުރުވައެވެ. އެގޮތުން އީކޮލައި ބެކްޓީރިޔާގެ ސަބަބުން ބޭރަށްހިންގުން ޖެހެނީ އެބެކްޓީރިޔާ އިން ދޫކުރާ ބާރުގަދަ ވިހައިގެ ސަބަބުން ނުވަތަ އެބެކްޓީރިޔާ ކުޑަ ގޮހޮރުގެ ބަތާނަ ފަށުގެ ތެރެއަށްވަދެ، އިންފްލެމޭޝަން ނުވަތަ ދުޅައެއް އުފެއްދުމުންނެވެ. ދަތުރުވެރިންނަށް އާންމުކޮށް ބޭރަށްހިންގުން ޖެހެނީ މިއުޞޫލުގެ މަތިންކަން ފާހަގަ ކުރެވެއެވެ. އީކޮލައި ގެ މިފަދަ ސްޓްރެއިންތައް ހަށިގަނޑަށް ވާޞިލްވަނީ ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައި ފެން، ނުވަތަ ކޮންމެވެސް ކާއެއްޗެއް ކައިހެދުމުގެ ތެރޭގައެވެ.

ކާނާވިހަވުން
ކާނާ ވިހަވުން(Food poisoning) އަކީ ކާނާ އާއި ނުގުޅުމެވެ. ކާނާ ވިހަވަނީ ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ބޭނުން ކުރުމުންނެވެ. ތަޣައްޔަރު ވެފައި ހުންނަ ކާބޯތަކެތި ކެއުމުން ހަށިގަނޑުގެ ތެރެއަށް ދާއިރު  އޭގައިވާ ޖަރާސީމް ގެ ސަބަބުން ބޭރަށް ހިންގުން، ހޮނޑުލުންފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ
ކާނާ ވިހަވުންގެ މައިގަނޑު 3 ވައްތަރެއް ވެއެވެ. އެއީ:-
(ހ) – ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުން (Salmonellosis): ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުމަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސެލްމަނެލާ ޓައިފިމިޔުރިއަމް(Salmonella typhimurium) އެވެ.ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ މަސް، ކިރު، ބިސް، އަދި އެހެނިހެން ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ހުންއައުން، އަދި އެންމެ ފަހުން ޝޮކުޖެހުން ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.

(ށ) – ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން (Staphylococcal food poisoning): ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުމަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސްޓެފައިލޮކޮކަސް އޫރިއަސް(Staphylococcus eureus) އެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.

(ނ) – ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވުން (Botulism): ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވުން އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ކްލޮސްޓްރިޑިއަމް ބޯޓޫލިނަމް(Clostridium botulinum) އެވެ.ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. މިފަދަ ކާތަކެތި ގިނަ ދުވަސްވެ، ހަލާކުވެ އޭގައި މިބަލި ޖައްސާ ބެކްޓީރިޔާ އުފެދި، އެއިން ދޫކުރާ '''ނިއުރޯޓޮކްސިން'''(Neurotoxin) ގެ ސަބަބުން އުދަގޫތައް ކުރިމަތި ކުރުވަނީ އެވެ.  ބޯޓޫލިޒަމްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ މަސްތަކުގެ ބާރުނެތި ލޮލުގެ ފެނުމަށް ބަދަލުއައުން، އަވަރުވުން، އަނގަހިކުން، ކާތަކެތި ދިރުވަން އުދަގޫވުން، ލަގޮނޑި ބެދުން، ޝޮކުޖެހުން އަދި ހިތްހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދާއިމީކޮށް ބޭރަށްހިންގުން ޖެހުން ކުރިމަތިކުރުވާ ސަބަބުތައް (ބޭރަށްހިންގުން ޖެހޭ އެހެން ބައެއް ސަބަބުތައް)
1-      އިރިޓަބަލް ބަވަލް ސިންޑްރޯމް : މިއީ ގޮހޮރަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ބައެއް ފަހަރު ބަނޑުދިޔާވެފައި އަނެއް ބައި ފަހަރު ބަނޑުހަރުވެފައި ހުންނަކަން ފާހަގަ ކުރެވެއެވެ.
2-      ބައެއް ކަހަލަ އިންފެކްޝަންތައް : މިސާލަކަށް އެއިޑްސް ބަލި، ގިއާރޑިއާ ލެމްބްލިއާ ގެ ސަބަބުން ޕެރަސިޓިކް އިންފެސްޓޭޝަން ފަދަ ބަލިތަކުގެ ސަބަބުން ދާއިމީ ސިފައެއްގައި ބޭރަށްހިންގުން މެދުވެރި ކުރުވައެވެ.
3-      ކުޑަ ގޮހޮރުގައި މާގިނައިން ބެކްޓީރިޔާ އަށަގަތުން : ބައެއް ފަހަރު ބޮޑު ގޮހޮރުގައި ހުންނަ ތަބީޢީ ބެކްޓީރިޔާ ތައް ކުޑަ ގޮހޮރަށް ވާޞިލްވެ، ބައެއް ކަހަލަ ކާނާ އެބެކްޓީރިޔާ ތަކުގެ ހަށިގަނޑަށް ދަމައިގަނެ ކުޑަ ގޮހޮރުން ހިޔާވަހިކަން ހޯދައެވެ. ނަތީޖާ އަކީ ބޭރަށްހިންގުން ކުރިމަތި ކުރުވުމެވެ.
4-      ގޮހޮރުގައި އިންފްލެމޭޝަން އުފައްދާ ބަލިތައް : އެގޮތުން އެބަލިތަކުގެ ތެރޭގައި ހިމެނޭ ކްރޯންސް ބަލި، އަދި އަލްސެރޭޓިވް ކޮލައިޓިސް ފަދަ ބަލިތަކުގެ ސަބަބުން ވެސް ދާއިމީ ސިފައެއްގައި ބޭރަށްހިންގުން ޖެހެއެވެ.
5-      ބައެއް ކަހަލަ ކެންސަރުގެ ވައްތަރު ތައް : އެގޮތުން ބޮޑުގޮހޮރުގެ ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ވެސް ބޭރަށްހިންގުން މެދުވެރި ކުރުވައެވެ.
6-      ކާނާއަށް ތަޙައްމަލުނުކުރެވުން: ބައެއް މީހުންނަށް ކިރުގައި ހުންނަ ލެކްޓޯޒް ފަދަ މާއްދާތައް ހަޖަމުކުރަން އުދަގޫވެއެވެ. މިއީ އެފަދަ މީހުންގެ ހަށިގަނޑުގައި ހަކުރު ރަގަޅަށް ހަށިގަނޑަށް ނަގައިނުދޭތީ (Carbohydrate malabsorption) ކުރިމަތިވާ ކަމެކެވެ. ހަކުރު ނަގައި ނުދެނީ ލެކްޓޯސް ބައިބައިކުރުމަށް ބޭނުންވާ ކުޑަ ގޮހޮރުން ދޫކުރާ އެންޒައިމް ''ލެކްޓޭޒް''(Lactase) އެފަދަ މީހުންގެ ހަށިގަނޑުގައި ނުހުންނާތީ އެވެ. ލެކްޓޯސް ބައިބައި ނުކުރެވޭނަމަ ހަށިގަނޑަށް ނަގައެއް ނުދޭނެއެވެ. ނަތީޖާ އަކީ ހަށިގަނޑަށް ނަގައިނުދޭ ލެކްޓޯޒް ތައް ބޮޑު ގޮހޮރަށް ވާޞިލްވެ، އެންމެ ފަހުން ބޭރަށް ހިންގުން ކުރިމަތި ކުރުވުމެވެ.
7-      ހޯރމޯން އުފައްދައި ދޫކުރާ ނިޒާމާއި ގުޅުންހުރި ބައެއް ކަހަލަ ބަލިތައް: މިސާލަކަށް ތައިރޮއިޑްގެ މަސައްކަތް އިތުރުވުމުން ކުރިމަތިވާ ''ހައިޕަތައިރޮއިޑިޒަމް''(Hyperthyroidism) އަދި އެޑްރީނަލް ގްލޭންޑްގެ މަސައްކަތް ދަށްވުމުން ކުރިމަތިވާ ''އެޑިސަން ބަލި''(Addison’s Disease)ގެ ސަބަބުންވެސް ބޭރަށްހިންގުން ދާއިމީ ސިފައެއްގައި ޖެހެއެވެ. މީގެ އިތުރުން ޒޮލިންގަރ އެލިސަން ސިންޑްރޯމް އަދި ހަކުރު ބަލި ފަދަ ބަލިތަކުގެ ސަބަބުން ވެސް ބައެއް ފަހަރު ބޭރަށްހިންގުން މެދުވެރިވެދާނެ އެވެ.
8-      އެހެނިހެން : ބައެއް ކަހަލަ ބެކްޓީރިޔާ، ވައިރަސް، އަދި ޕެރަސައިޓްގެ ސަބަބުން ޖެހޭ ބަލިތައް ޖެހުމަށްފަހު ދާއިމީކޮށް ބޭރަށްހިންގުން ބައެއް މީހުންނަށް ކުރިމަތިކުރުވާ ގޮތް ވެއެވެ.

ބޭރަށްހިންގުން ފެތުރޭގޮތް
ބޭރަށްހިންގުން ފެތުރެނީ މައިގަނޑު 2 ގޮތެއްގެ މަތީންނެވެ. އެއީ ކާބޯތަކެތީގެ ޒަރީޢާއިންނާއި، ފެނުގެ ޒަރީޢާއިންނެވެ. އާންމު ގޮތެއްގައި ބޭރަށް ހިންގުން ޖެހެނީ ފެން، ނުވަތަ ތަފާތު ކާނާގެ ބާވަތްތަކާއި، ތަޣައްޔަރުވެގެން ބޭރަށްހިންގުން ޖައްސާ ޖަރާސީމެއް ހަށިގަނޑަށް ވާޞިލްވެގެންނެވެ. އެގޮތުން ބޭރަށް ހިންގުން ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިން، ކާތަކެތި ކެއުން، އަދި ޖަރާސީމާއި ތަޣައްޔަރުވެފައިވާ އަތް އަނގަޔަށް ލުން ފަދަ ކަމެއްގެ ތެރެއިން ވެސް ބޭރަށް ހިންގުން ޖެހިދާނެ އެވެ.
 

ބޭރަށްހިންގުން ކުރިމަތިވާގޮތް
އާންމު ގޮތެއްގައި ބޭރަށްހިންގުން ކުރިމަތިވަނީ ކުޑަގޮހޮރުގެ ހަރަކާތް ހިނގުން އަވަސްވުމުންނެވެ. މިގޮތަށް ކުޑަ ގޮހޮރުގެ ހަރަކާތް ހިނގުން(Intestinal motility) އަވަސްވަނީ އިންފްލެމޭޝަން އެއް ނުވަތަ އިންފެކްޝަން އެއްގެ ސަބަބުން ނުވަތަ ވިހަ މާއްދާއެއްގެ ސަބަބުން ކުޑަ ގޮހޮރުގެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށް ހިލިގަތުމުންނެވެ. މިއާއި ގުޅިގެން ކުޑަ ގޮހޮރުގެ ބަތާނަ ފަށް ހިލިގަތުމަށް މެދުވެރިވި މާއްދާ، ހަށިގަނޑުން ބޭރުކޮށް ހުސްކޮށްލުމަށްޓަކައި، ގޮހޮރުން ބޭރުކުރާ ދިޔަތައް ބޭރުވުން އިތުރުވެ، ކުޑަ ގޮހޮރުގެ ހަރަކާތް ހިނގުން އަވަސްވެގެން ދެއެވެ. ކުޑަ ގޮހޮރުގެ ހަރަކާތް ހިނގުން އަވަސްވުން ފެނިގެން އަންނަނީ ބޭރަށްހިންގުމުގެ ސިފައިގައެވެ.
ގޮހޮރުގެ ހަރަކާތް ކޮންޓްރޯލް ކުރުމުގައި ގުޅިފައިވާ ސެކްރަލް ނާރު(Sacral nerve) މާބޮޑަށް ހީވާގިވުމަކީ ވެސް ބަނޑުދިޔާވުން ކުރިމަތިކުރުވާ ކަމެކެވެ. މިބުނި ނާރު ހީވާގިވަނީ މާބޮޑަށް ހާސްވެ ފިކުރުބޮޑުވުން ކުރިމަތިވާ ޙާލަތްތަކުގައެވެ. މިސާލަކަށް އިމްތިހާން އޮންނަ ދުވަހު އިމްތިހާނަށް ވަނުމުގެ ކުރިން އޮންނަ ވަގުތުކޮޅު ގެ ތެރޭގައި މިބުނި ބީދައިން ބަނޑުދިޔާވެ، ބޮޑުކަމުދާން ޖެހުމަކީ ވެދާނެގޮތެކެވެ.


އަލާމާތްތައް
ބޭރަށްހިންގުން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ދިޔާކޮށް އަވަސްއަވަހަށް ބޮޑުކަމުދާން ޖެހުން، މޭނުބައިކުރުން، ހޮނޑުލުން، ބަނޑުފުއްޕުން، ބަނޑުގައި ރިހުން،އަދި އަކުނިވަޔަށް ދެމުން ފަދަ ކަންތައްތައް ހިމެނެއެވެ. ބޮޑުކަމު ދިއުމުގެ އިހްސާސް އައުމަށްފަހު، ހިފެހެއްޓުމަށް ދަތިވުމަކީ ވަރަށް ގާތްކަމެކެވެ.

ބޭރަށް ހިންގުމުގެ އުދަގޫތައް ބޮޑުވަމުން ގޮސް ބައެއް ފަހަރު ބޮޑުކަމުދާ ނަޖިހުގައި ދަވަހުރުން، ބޮޑުކަމުދާނަޖިހުގައި ލޭހުރުމާއި އަދި ހުން އައުން ފަދަ އަލާމާތްތައް ފެންނާނެއެވެ.

ބޭރަށްހިންގުން ޖެހުމުން ކުރިމަތިވާ ނުރައްކާތެރި ޙާލަތުގައި ހަށިގަނޑުން ފެންމަދުވުން ނުވަތަ ފެން ހުސްވުން، ޝޮކްޖެހުން، ލޭގައި ޕޮޓޭސިއަމް އެކުލެވޭ މިންވަރު މަދުވުން، އަދި މައިދާގައި އެސިޑް އެކުލެވޭ މިންވަރު މަތިވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ބޭރަށްހިންގުން ޖެހުމުން ދުނިޔެދޫކޮށް ދިއުމުގެ އެންމެ އާންމު ސަބަބަކީ ހަށިގަނޑުން ފެން ހުސްވުމެވެ.

ފެންމަދުވުން
ބޭރަށްހިންގުން ޖެހި އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ ހަށިގަނޑުން ފެން މަދުވުމަކީ ވަރަށް ގާތް ކަމެކެވެ.
ހަށިގަނޑުން ފެންމަދު ވުމުން (ބޮޑެތިމީހުންގެ ފުށުން) ފެންނާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ވަރަށް ބޮޑަށް ކަރުހިއްކުން
·         ކުޑަކަމު ފާހާނާކުރަންޖެހޭލެއް މަދުވުން،ނުވަތަ ކުޑަކަމުދެވޭލެން މަދުވުން،
·         ހަންގަނޑު ހިކި،ދޫވެ، ނިކަމެތިވުން،
·         އަނގަޔާއި ދޫ ހިކިފައި ހުރުން
·         ލޯވަޅުވަނުން
·         ވަރުބަލިކަން އިހްސާސްވުން،
·         ބޯއެނބުރުން،
·         ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުން
·         އަވަސް އަވަހަށް ފުންކޮށް ނޭވާލުން
·         ވިންދު ބަލިވުން / ލަސްލަހުން ވިންދު ޖެހުން
·         ލޭދަށްވުން / ލޭގެ ޕްރެޝަރު ދަށްވުން
·         ވާނުވާ ނޭގުން
ފެންމަދުވުމުން ކުޑަކުއްޖެއްނަމަ:-
·         ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން،
·         ރޯވަގުތުގައި ކަރުނަ ނެތުން،
·         ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން،
·         ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން،
·         ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން
·         ހުން ވަރަށް ގަދަކޮށް ހުރުން،
·         އުނދަގޫތަކެއްވާތީ އުޅުން،
·         ހަންގަނޑު ހިކިވެ،ދޫވެ، ނިކަމެތިވުން
·         ބަރުދަން ލުއިވުން

ފެންމަދުވުން ދެނެގަތުން
1-      އަހައި ސުވާލުކޮށް ދެނެގަތުން
·         ބޭރަށްހިންގުން
·         ހޮނޑުލުން
·         ކަރުހިއްކުން
·         ކުޑަކަމުދާތަކެތި
ބޭރަށްހިންގައި، ހޮނޑުލައި ހެދީ ކިތައް ފަހަރުތޯ އަހާށެވެ. ކިތައް ފަހަރު ބޭރަށްހިންގިތޯ އަދި ކިތައް ފަހަރު ހޮނޑުލިތޯ ވެސް ބަލާށެވެ. ކަރުހިއްކައިތޯ އަހާށެވެ. ފެންބޯ ބޭނުންތޯ ވެސް އަހާށެވެ. އަދި ކުޑަކަމުދިއުން ހުރިނެތް ގޮތް އަހައި ސާފު ކުރާށެވެ.
2-      ބަލައި ދެނެގަތުން
·         ހަށިގަނޑު ބޭރުފުށުން ފެންނަގޮތް
·         ލޯ
·         އަނގަ އަދި ދޫ
·         ނޭވާލުން
ހަށިގަނޑު ބޭރުފުށުން ފެންނަގޮތް ބަލައި ދެނެގަންނާށެވެ. ވަރުދެރަވެފައިތޯ ބަލާށެވެ. ލޯ ހިނދި ވަޅުވަދެފައިވޭތޯ ބަލާށެވެ.ރޯވަގުތު ކަރުނަ އާދޭތޯ ބަލާށެވެ. އަނގަޔާއި ދޫ ހުރި ހިކިފައިތޯ ބަލާށެވެ. އަދި ނޭވާލުން ހުރިނެތްގޮތް ވެސް ބަލާށެވެ.
3-      އިހްސާސްކޮށް ދެނެގަތުން
·         ހަންގަނޑު
·         ވިންދު
·         ސިކުނޑި ވަޅު
ހަންގަނޑުގައި ހިފާ ދަމާލައިގެން ހަންގަނޑު ހުރިނެތްގޮތް އިހްސާސްކޮށް ދެނެގަންނާށެވެ. ހަންގަނޑު ހިކި، ދޫވެ، ރޫޖެހިފައިވޭތޯ ބަލާށެވެ. ދެއިނގިލިން ހަންގަނޑަށް ދަމާފައި ދޫކޮށްލުމުން ހަންގަނޑު ތަބީޢަތުގައި ހުންނަ ޙާލަތަށް ތިރިނުވެ، ދޫވެ ރޫޖެހިފައި ހުންނަގޮތަކަށް ހުންނަނަމަ އެއީ ފެންމަދުވެފައިވާކަން އަންގައިދޭ ނިޝާނެކެވެ. ވިންދު ޖަހާމިންވަރު ބަލާށެވެ. ލަސްލަހުން ވިންދު ޖަހާނަމަ އެއީ ފެންމަދުވުމުގެ ނިޝާނެކެވެ. އަދި ކުޑަކުއްޖެއްނަމަ ސިކުނޑިވަޅުގައި އަތްލައި ދެނެގަންނާށެވެ. ސިކުނޑިވަޅު ހުންނާނީ ފެންމަދުވުމުގެ ހާލަތުގައި ހިނދި އަޑިއަށް ގޮސްފައެވެ.

ޑޮކްޓަރަށް ކޮންމެހެން ދައްކަންޖެހޭ ޙާލަތްތައް
·         ބޭރަށްހިންގުން 3 ދުވަހަށްވުރެ ދިގުމުއްދަތަށް ދެމިގެންދިއުން
·         ވަރަށް ބޮޑަށް ބަނޑުގައި ރިހުން
·         ފެން ހުސްވުން ނުވަތަ މަދުވާކަމުގެ ނިޝާނެއް ފެނުން
·         ގަދަޔަށް ހުންއައުން ( 38 ޑިގްރީއަށްވުރެ މަތީގައި )
·         ބޮޑުކަމުދާ ތަކެތީގައި ލޭހުރުން
·         އެއްޗެއް ކާއިރަށްވެސް ހޮނޑުލެވި ކާތަކެތި ބޭނުންކުރަން ނުކުޅެދުން
·         ދިގުމުއްދަތަކަށް ބޭރަށްހިންގުން ކުރިމަތިވެފައިވުން

ދެނެގަތުން
ބޭރަށް ހިންގަންމެދުވެރިވި ސަބަބު ހޯދުމަށްޓަކައި ނުވަތަ ފަރުވާދިނުމަށް ފަސޭހައަކަށްޓަކައި ބަލިމީހާއި ބެހޭ މައުލޫމާތު އޮޅުންފިލުވުމަށްފަހު ލޭގެ ބައެއްޓެސްޓްތަކާއި ބޮޑުކަމުނަޖިހުގެ ޓެސްޓަކާއި ކުޑަކަމުނަޖިހުގެ ޓެސްޓް ހަދާނެއެވެ. އަދި ބައެއް ފަހަރު ބަނޑުގެ އެކްސްރޭ ނެގުމާއި ސްކޭން ކުރުމުގެ އިތުރުން ސިގްމޮއިޑަސްކަޕީ ނުވަތަ ކޮލޮނޮސްކަޕީ ފަދަ ޓެސްޓްތައް ހަދާފާނެއެވެ. މިކަންކަން ބަރޯސާވެފައިވަނީ ބޭރަށްހިންގާތާ ހޭދަވި މުއްދަތާއި، ޝައްކުކުރެވޭ ސަބަބުގެ މައްޗަށެވެ. އާންމުކޮށްޖެހޭ ބޭރަށްހިންގުން ޖެހިގެން ސްކޭންކޮށް، ސިގްމޮއިޑޯސްކަޕީ ފަދަ ޓެސްޓް ތައް ހަދާކަން ނުޖެހޭނެ އެވެ.


ފަރުވާ
ބޭރަށްހިންގުން ޖެހުމުން ދިޔާތަކެތި ބޭނުންކުރުން އިތުރުކުރާށެވެ. ޚާއްޞަކޮށް ލޮނު ޕެކެޓް ނުވަތަ ލޮނު ފެން ބޭނުންކުރާށެވެ. ލޮނު ޕެކެޓް ނުވަތަ ލޮނު ފެނަކީ ބޭރަށްހިންގުން ޖެހުމުން ދޭ އެންމެ އާންމު ފަރުވާ އެވެ. ބޭރަށްހިންގުން ޖެހުމުން ގިނައިން ދިޔާތަކެތި ބޯންޖެހޭ ސަބަބަކީ ބޭރަށްހިންގުން ޖެހުމުން ކުރިމަތިވާ ދިޔާކޮށް ބޮޑުކަމު ދެވުމާއި، ހޮނޑުލުމުގެ ސަބަބުން ހަށިގަނޑުން އުނިވެގެންދާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދައި ދިނުމަށްޓަކައެވެ. އެއީ ހަށިގަނޑުން ފެން ހުސްވުން މެދުވެރިވެދާނެތީއެވެ.
ބޭރަށްހިންގުން ރަގަޅުވާން ފެށުމުން ދޮންކެޔޮ،،ކްރީމް ކޭކަރު ބިސްކޯދު، ފެނުކައްކައިގެން އަލުވި ނުވަތަ ކެރޮޓް ކެއުމުގެ އިތުރުން ހަންނެގުމަށްފަހު ފިހެފައިވާ ކުކުޅު މަސްފަދަ ކާނާތައް ކާން ފެށިދާނެއެވެ. ބޭރަށްހިންގުން  ޖެހުމުން ދިޔާތަކެތީގެ ގޮތުގައި، ކުރުނބާފެން، ބަތްޕެން، ކެރެޓް ސުރުވާ، ތާޒާ މޭވާ ޖޫސް، މަދުމިންވަރަކަށް ސައިފަތް އަޅައިގެން ހަދާފައި ހުރި ސައި، ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ.

ކުޑަކުއްޖެއްނަމަ އެންމެ ރަގަޅީ ގާތުން ދިނުމެވެ. މީގެ އިތުރުން ތަފާތު ބާވަތުގެ ސުރުވާ ފަދަ ތަކެތި ދެވިދާނެއެވެ.
ބޭރަށް ހިންގުން ރަގަޅު ވަންދެން އަންނަނިވި ކަންތައްތަކާއި ދުރުހެލިވާށެވެ.
·         ކެފެއިން ހުންނަ ކާނާ ނުވަތަ ބުއިންތައް (ކޮކާކޯލާ ފަދަ ތަކެތި) ބޭނުންކުރުން
·         ކިރުގެ ބާވަތްތައް ނުވަތަ ކިރުބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ކާނާ ބޭނުންކުރުން
·         ތެޔޮކާނާއާއި ހަވާދު އެކުލެވޭ ކުޅިކާތަކެތި ބޭނުންކުރުން
·         ފައިބަރ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުން
·         ފޮނިގަދަކާނާ ބޭނުން ކުރުން
ޑޮކްޓަރަކާއި ނުވަތަ ސިއްހީއެހީތެރިއަކާއި ބައްދަލުވުމުން ބޭރަށް ހިންގަން މެދުވެރި ސަބަބު ހޯދުމަށްފަހު ޚާއްޞަ ފަރުވާއެއް ދޭންފަށާފާނެއެވެ. ބޭރަށް ހިންގަންފަށާތާކައިރީގައި ރަގަޅު ފަރުވާއެއް ނުލިބިއްޖެ ނަމަ ،(މިސާލަކަށް:- ޖަރާސީމު ނައްތާނުލެވި ހުރުމުން) ބޭރަށް ހިންގުން ދާއިމީކަމަކަށް، ބަދަލުވެ ބަލި ދިގުލާގޮތްވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އަދި ބޭރަށް ހިންގުމުގެ ސަބަބުން އެހެންނިޒާމުތަކަށް ނުވަތަ ގުނަވަންތަކަށް އަސަރުކޮށް ދާއިމީކޮށް ހުޅުތަކުގައި ރިއްސުންފަދަ މައްސަލަތައް ދިމާވުމަކީވެސް ވަރަށް ގާތްކަމެކެވެ.

ތައްޔާރީ ލޮނު ޕެކެޓް
ތައްޔާރުކޮށްފައި ހުންނަ ލޮނު ޕެކެޓް ފިރާތަކުން ލިބެން ހުރެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފުން ތައްޔާރުކޮށްފައި ހުންނަ ލޮނު ޕެކެޓް ގައި ހިމެނޭ މާއްދާތަކާއި އޭގެ މިންވަރު ތިރީގައި މިވަނީ އެވެ.
މާއްދާ
ލިޓަރެއްގައި ހިމެނޭ މިންވަރު
ސޯޑިއަމް ކްލޮރައިޑް
3.5 ގްރާމް (75 މިއްލިއީކްއަލަންޓް ސޯޑިއަމް)
ސޯޑިއަމް ބައިކާބޮނޭޓް
2.5 ގްރާމް (30 މިއްލިއީކްއަލަންޓް ބައިކާބޮނޭޓް)
ޕޮޓޭސިއަމް ކްލޮރައިޑް
1.5 ގްރާމް (20 މިއްލިއީކްއަލަންޓް ޕޮޓޭސިއަމް)
ގުލްކޯޒް
20 ގްރާމް (%2 ކާބޯހައިޑްރޭޓް)

ގޭގައި ލޮނު ޕެކެޓް ހެދުން
ގޭގައި އަމިއްލައަށް ވެސް ލޮނު ޕެކެޓް ތައްޔާރު ކުރެވިދާނެއެވެ.
1 ލިޓަރުގެ ކެއްކިފެނަށް، 8 ސައިސަމުސާ ހަކުރު، އަދި 1 މޭޒުމަތީ ސަމުސާ ލޮނު އެއްކުރައްވާށެވެ. އެއަށްފަހު ރަގަޅަށް އެއްވަންދެން ގިރާލާށެވެ. ރަހަ ރަގަޅުކޮށްލުމާއި، ޕޮޓޭސިއަމް އިތުރުކޮށްލުމަށް، ބައިތަށި އޮރެންޖް ޖޫސް، ނުވަތަ ޗިސްކޮށްފައިހުރި ދޮންކެޔޮ އެއްކޮށްލެވިދާނެ އެވެ.

ލޮނު ޕެކެޓް ތައްޔާރުކޮށް ދިނުމުގައި ސަމާލުވާންޖެހޭ 10ކަމެއް
·         ލޮނު ޕެކެޓް ތައްޔާރުކުރަން ފެށުމުގެ ކުރިން ސާބޯނިލައިގެން އަތްދޮވުން
  • ރަގަޅަށް ދޮވެ ސާފުކޮށްފައި ހުރިއެއްޗެއްގައި ލޮނު ޕެކެޓް ތައްޔާރުކުރުން
  • ލޮނު ޕެކެޓް ދޭންފެށުމުގެ ކުރިން ކުޑަ ދަރިފުޅާއި، ލޮނު ޕެކެޓް ދޭމީހާގެ އަތް ސާބޯނިލައިގެން ދޮވުން
  • މަދު މިންވަރަކަށް އިރުއިރުކޮޅާ ލޮނު ޕެކެޓުން ފޮދުވަރެއް ބޯންދިނުން
  • ލޮނު ޕެކެޓް ދެމުންދާއިރު ދޭތެރެއަކުން އެހެން ދިޔާތަކެތި ވެސް ދިނުން
  • 6 މަހަށްވުރެ ދޮށީ ކުއްޖެއްނަމަ އެހެން ބައެއް ކާތަކެތި ދިނުން
  • 24ގަޑިއިރު ވުމަށްފަހު އަދިވެސް ލޮނު ޕެކެޓް ދޭންޖެހޭހެން ހީވާނަމަ އާ ލޮނު ޕެކެޓެއް ތައްޔާރުކުރުން
  • ލޮނު ޕެކެޓްގެ ބޭނުމަކީ ހަށިގަނޑުން ފެން ހުސްވިޔަނުދީ ހިފެހެއްޓުންކަން ހަދާންކުރުން
  • ހޮނޑުލުމުން 10 ވަރަކަށް މިނިޓް މަޑުކޮށްލާފައި އަނެއްކާވެސް ލޮނު ޕެކެޓުން ފޮދުވަރެއް ދިނުން
  • ހޮނޑުލެވުން އިތުރުވެ، ބޭރަށް ހިންގުން ދެމިހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން

ރައްކާތެރިވުން
1-      ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުން
ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
1-      ކައްކައިގެން ބޯފެން ބޭނުންކުރުން: ބޯފެން ކައްކައިގެން ބޭނުންކުރުމަކީ ފެނުގައި ހުރެދާނެ ބެކްޓީރިޔާ ވައިރަސް ފަދަ ޖަރާސީމްތައް މަރާ ނައްތާލާނެ ކަމެކެވެ.
2-      ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން އަދި ގަނޑުފެންވެސް ކެއްކިފެނުގައި ތައްޔާރުކޮށްގެން ބޭނުންކުރާށެވެ.
3-      ސާފު ބޯފެން ލިބޭނޭ ވަޞީލަތެއް ހަމަޖެހިފައި ހުރުން
4-      ފެންވަރާށާއި، އެހެނިހެން ކަންކަމުގައި ބޭނުންކުރެވޭ ފެންވަޅުތަކަށް ކްލޮރިން އެޅުން: މިގޮތަށް ކްލޮރިން އެޅުމުން ފެނުގައި އެކުލެވޭ ޖަރާސީމްތަކުގެ ދިރުން ނައްތާލައެވެ.

2-      ރައްކާތެރި ގޮތުގައި ކާނާ ބޭނުންކުރުން
ރައްކާތެރި ގޮތުގައި ކާނާ ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) - ބަދިގެ، ކާގެ، ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކާތަކެތި ހާމައަށް ނުބެހެއްޓުން: ކާތަކެތި ހާމައަށް ބެހެއްޓުމުން މެހި، ފަދަ ތަކެތި އޭގައި ޖައްސައި ހެދުމުން އެކާތަކެއްޗަށް ތަފާތު ޖަރާސީމް ތައް ނަގުލުވުމުގެ މަގުފަހިވެއެވެ. އަދި ހަމަ މިހެން މީދާ، ކުރަފި، ހޯނު ފަދަ ތަކެތީގައި ދޫލައި ހަދައިފިނަމަ، އެކާތަކެއްޗަށް ތަފާތު ޖަރާސީމް ނަގުލުވުމުގެ މަގުފަހި ވެއެވެ. މާނަ އަކީ ފަސޭހަ ކަމާއެކު ކާތަކެތި ތަފާތު ވައްތަރުގެ ޖަރާސީމް ތަކާއި ތަޣައްޔަރުވުމުގެ މަގުފަހިވުމެވެ.
(ށ) - ކާތަކެތި ރަގަޅަށް ދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން: މިގޮތަށް ދޮވުމުން އެފަދަ ކާތަކެތީގެ ބޭރުގައި ހަރުލާފައި ހުންނަ ޖަރާސީމް ނެތިދިއުމަށް އެހީތެރި ވެދެއެވެ. ހަމަމިހެން ކައްކަންޖެހޭ ކާތަކެތި ރަގަޅަށް ކައްކައިގެން ކެއުމުން މިސާލަކަށް މަހުގެ ކުރަޑި، އެއްގަމު މަސް، ސޮސެޖް ފަދަ ތަކެތި ރަގަޅަށް ކައްކައިފިނަމަ އެފަދަ ތަކެތީގައި ހިމެނޭ ޖަރާސީމްތައް މަރުވެދެއެވެ.
ބައެއް ތަރުކާރީ އާއި މޭވާފަދަ ކާނާ ބޭނުން ކުރާއިރު ރަގަޅަށް ދޮވެގެން ނުވަތަ ހޫނު ފެނުން ދޮވެގެން ބޭނުން ކުރާށެވެ. އަނެއްބައި ތަރުކާރީ ފެނުކައްކައިގެން ވަރަށް ރަގަޅަށް ރޯ ފިލުވައިގެން ކާށެވެ. ގެރިމަސް ނުވަތަ ކަނޑުމަސް ވެސް ގިނައިރު ކެއްކުމަށްފަހު ތާޒާކަންމަތީ ހުއްޓާ ކާށެވެ.
(ނ) - ތާޒާ ކާތަކެތި ބޭނުންކުރުން: ކާތަކެތި ގިނައިރު ރައްކާތެރިކަމެއްނެތި ބެހެއްޓުމަކީ އޭގައި ޖަރާސީމް އަށަގަތުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން އެފަދަ ދަރަޖައެއްގައި ހުރި އެއްޗެއް ކައިފިނަމަ ވަރަށް ފަސޭހައިން ޖަރާސީމްގެ ސަބަބުން ޖެހޭ އިންފެކްޝަން އަށް ހުށަހެޅި، ބޭރަށްހިންގުން ކަންތައް ފަދަ ކުރިމަތި ކުރުވައެވެ.
3- ގިނަގިނައިން އަތްދޮވުން  : ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
އަތްދޮވުމުގައި މުހިއްމުކަން ދޭންޖެހޭ އެއްކަމަކީ ކާން ފެށުމުގެ ކުރިން ސާބޯނިލައިގެން ރަގަޅަށް އަތްދޮވުމާއި، ފާޚާނާކޮށް ނިމިގެން ވެސް ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުމެވެ. މީގެ އިތުރުން ތުއްތު ދަރިފުޅަކު ގެންގުޅޭ މައިމީހާ އެތުއްތު ދަރިފުޅަށް ތަފާތު ކަންތައްތައް ކޮށްދޭން ފެށުމުގެ ކުރިން ރަގަޅަށް ސާބޯނި ލައިގެން އަތްދޮވުމަކީ މުހިއްމު ކަމެކެވެ.

4 - ޢާންމު ސާފުތާހިރު ކަމަށް ރައްކާތެރިވުން : އާންމު ސާފު ތާހިރުކަމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކުނިބުނި އެކަށޭނަ ގޮތެއްގައި ނައްތާލުން ، އަދި ނަޖިސް އެކަށޭނަ ގޮތެއްގައި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މިސާލަކަށް އަތިރިމައްޗަށް ބޮޑުކަމު ނުދިއުން، ގޯތިތެރެއަށް ވެސް ކުޑަކުދިން ބޮޑުކަމުދިޔަ ނުދިނުން ފަދަ ކަންތައް ކުރެވިދާނެ އެވެ. އެއީ މިފަދަ ކަންކަމަކީ ތަފާތު ބަލިތައް ފެތުރުމަށް އެހީތެރިވެދޭ ކަންކަމަށްވާތީ އެވެ. 
5 - ޞިއްޙީ ރަގަޅު އާދަތައް ހިފެހެއްޓުން އަދި އެއާދަތަކާއި މެދު މުޖުތަމަޢު ހޭލުންތެރިކުރުވުން : މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.
އެގޮތުން ފާޚާނާކޮށް ނިމިގެންނާއި، ކެއުމުގެ ކުރިން އަތް ދޮވުމުގެ މުހިއްމުކަމާއި، ކާތަކެއްޗާއި ބޯފެނުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުން ވަރަށް މުހިއްމެވެ.  

No comments:

Post a Comment